މެންދަމުގެ ވަގުތެވެ. ނީލަމްގެ ލޮލަކަށް ނިންޖެއް ނާދެއެވެ. ވިސްނެނީއެވެ. ދެން ވާނެ ގޮތަކާއި މެދުގައެވެ. ކައިވެނީގެ ޙަޔާތުގައި ކުރިމަތިވާނީ ކޮންކަމެއް ބާވައެވެ. ރާކިންއަކީ ހަމަ ރަނގަޅު ފިރިއަކަށް ވާނެތޯއެވެ. ޚިޔާލާ ފިކުރުގައި އޮއްވާ ނީލަމްގެ ފޯނު ރިންގުވިއެވެ. ގުޅީ ރާކިންއެވެ.
” ނުނިދަންތަ؟ ބުނީމެއްނު ނިދަނީއޭ..” ރާކިންގެ ނިދި އަޑު ނުހަނު ހިތްގައިމެވެ.
“ރާކިންވެސް ހޭލައޭނު ތި އުޅެނީ..” ނީލަމް ބުނެލިއެވެ.
“ހޭލެވުނީ ދެންމެ.. ފޯނު ބަލާލިއިރު އޮންލައިންގަ އިނީމަ މި ގުޅީ… ކީއްތަތި ކުރަނީ ނުނިދާ ބޭބީ؟” ރާކިން ވަރަށް ލޯބިން ވާހަކަދެއްކިއެވެ.
“ނުނިދުނީމަ އޮތީ ހަމަ” އެގޮތުގައި ދެމީހުން ކޯލުގައި ވީއިރެއް ނޭނގެއެވެ. ދެމީހުންނަށްވެސް ނިދުނީ އެހެން ތިއްބައެވެ.
ލޯބިވެތި ދުވަސްތަކަކުން ޙަޔާތް ވޭތުވަމުން ދިޔައެވެ. ނީލަމްގެ ހިތް ފުރޭހާ ލޯތްބާއި އޯގާތެރިކަމުން ރާކިން ނީލަމްގެ ހިތް އަތުލީ ފުރިހަމަ ޔަޤީންކަމަކާއި އެކުގައެވެ. އިތުރަށް ވިސްނާނެ ހަނި ޖާގައެއްވެސް ނުދީއެވެ. ކެތްމަދުވެ ދެހިތުންވެސް ގުނަމުން ދިޔައީ ދުވަސްތަކެވެ. ކައިވެނި ވެވޭނެ ދުވަހުގެ އިންތިޒާރުގައެވެ.
“ދިރިއުޅުމެއް ފެށުމުގެ ކުރިން އެ ދިރިއުޅުމެއް ކުރިއަށްދާނެ ގޮތެއް ނޫނީ، ދިރިއުޅުން ފަށާ މީހެއްގެ ގޮތެއް ނޭނގޭނެ… އެކަމަކު ހީވަނީ ރާކިން ވަރަށް ރަނގަޅު ފިރިޔަކަށް ވާނެހެން” ނީޝް އަކީ މާލޭގައި ތިބި ނީލަމްގެ މަދު އެކުވެރިންގެ ތެރެއިން އެކަކެވެ. ނީލަމް ވަރަށް އިތުބާރުކުރާ ހެޔޮ އެކުވެރިއެއްވެސް މެއެވެ. ނީޝް ކައިވެންޏެއްކޮށް 11 އަހަރުވެފައިވާއިރު ހިތާމައަކީ ދަރިއަކު ލިބިފައި ނެތުމެވެ. އެކަމުގެ ސަބަބުން ދިރިއުޅުން ނީޝްއަށް ދެއްކީ ހިތާމައިން ފުރިގެންވީ އުނދަގޫ އިމްތިހާނުތަކެކެވެ. ނީޝްގެ ފިރިމީހާ އެހެންމީހަކާ ކައިވެނިކޮށް ދަރިޔަކު ހުރިނަމަވެސް މިހާރުވަނީ ވަރިވެފައެވެ. ކައިވެނީގެ ޙަޔާތާއިމެދު ނީޝްދެނީ ވަރަށް މުހިއްމު ނަޞޭޙަތްތަކެވެ. ނީލަމް ޤަބޫލުވެސް ކުރެއެވެ.
ނީލަމްގެ ހުރިހާ އެކުވެރިންނާއި އާއިލާވެސް ބުނަމުން ދިޔައީ ރާކިންއަކީ ވަރަށް ރަނގަޅު ހޮވުމެއް ކަމެވެ. އެހެނަސް ރާކިންގެ އާއިލާ ވަރަށް ތަފާތެވެ. އެމީހުން ނީލަމްގެ ރަށުގެ އެކި މީސްމީހުންނަށް ގުޅައިގެން ނީލަމްގެ ޚަބަރުތައް އެހިއެވެ. ކުށެއް ފެނޭތޯ ބެލިއެވެ. ކަންދިމާކުރި ގޮތުން ނީލަމްގެ އަޙުލާޤުގެ ސަބަބުން ގޯސް ވާހަކައެއް ދައްކާނެ މީހަކު ނުވިއެވެ.
ރާކިންގެ އާއިލާގެ އެ ޢަމަލުންވެސް ނީލަމް ވަރަށް ހިތުގައި ޖެހުނެވެ. ކައިވެނި ކުރަން ފޫހިވީ އެކަހަލަ އާއިލާއަކަށް ގޮސްގެން ހިތާމަތަކާ ކުރިމަތިވެދާނެތީއެވެ. އެހެނަސް ރާކިން ތަކުރާރުކޮށް ކައިވެންޏަކީ ދެމީހުންގެ އެއްޗެއްކަން ވިސްނާދިނެވެ. އުޅޭނީ އާއިލާއާ ވަކިން އަމިއްލަ ދިރިއުޅުމެއް ކަމުގައި ބުނެ ޔަޤީންކަން ދިނެވެ. އެތަށް ވަޢުދަކާއި އަހުދަކުން ނީލަމްގެ ހިތް ރުއްސިއެވެ.
ކައިވެނީގެ ކުރިން އެކޮށްލާ ވަޢުދުތަކަކީ، ރިޔާސަތަކަށް އިންތިޚާބުވާ ވެރިއެއްގެ ދޮގު ހުވާތައްފަދަ އެއްޗެއްކަން އޭރުގައި ނީލަމްއަށް އެނގޭނީ ކިހިނެއް ހެއްޔެވެ. ހުދުމުހުތާރު ވެރިކަމެއް ކަހަލަ ޙަޔާތެއް ކައިވެނީގެ ފަހުން އެދިހުރީވެސް ވަކި ކާކުތޯއެވެ. އެހެނަސް މިއީ ދުނިޔެ ދައްކާ ހިތި ހަޤީޤަތެވެ.
“ނީލަމް….” ރާކިންގެ ކަރުނުން ފުރިގެންވީ ދެލޯ ފެނިފައި ނީލަމްގެ ހިތުގައި ރިއްސާލިއެވެ. ކަރުނަތައް ފުހެލާދެމުން ތަކުރާރުކޮށް ވީގޮތް އަހާލެވުނެވެ.
ނީލަމްއާއި އެކުގައި ރަސްފަންނުގައި ހުރެފައި ރާކިން ދިޔައީ ފެންފުޅިއެއް ގަންނާށެވެ. އެނބުރި އާއިރު ހުރީ ރޮވިފައެވެ. ނީލަމް ހާސްވިއެވެ.
“މާމަ…ނިޔާވެއްޖެ. މަންމަ އެގުޅީ… ހަވީރު ފުލައިޓުން ޖާގައެއް ހޯދާގެން ދެވޭތޯ މި ބަލަނީ..” ރޮމުން ނަމަވެސް ރާކިން ހިތްވަރުކުރެވޭތޯ ބެލިއެވެ. ނީލަމްއަށް ވެސް ރޮވުނެވެ. ރާކިން މާމަދެކެ ލޯބިވާވަރު ނީލަމްއަށް އެނގެއެވެ. އެންމެ ދެރަވީ ކައިވެނީގެކުރިން މާމަ ނިޔާވުމުންނެވެ. އެދުވަހަށް ރާކިން ވަރަށް އިންތިޒާރުކޮށް މާމަ ގެންނަން ތައްޔާރުވިއެވެ.
ރާކިންއަށް ފުރޭގޮތްވީ ރޭގަނޑުއެވެ. ހުރިހާ ވަގުތެއްގައިވެސް ހިތްވަރުދީ އެހީތެރިވާން ނީލަމް ހުރެދިނީ ރާކިންއާއި އެކުގައެވެ.
ރަށުގައި ރާކިން ހުރި އިރުވެސް ވަރަށް ގިނައިން ޙާލުބަލާހެދިއެވެ. މަންމައަށް ހިތްވަރުދިނުމަށާ މަންމަ އެކަނި ނުކޮށްލުމަށްވެސް ބުނެ ނީލަމް ނަޞޭޙަތްދިނެވެ. ރާކިންއަށްޓަކައި ނީލަމްގެ ހިތުގައިވަނީ ތެދުވެރި ސާފު ލޯތްބެއްކަން އެދުވަސްވަރު އެކަނިވެސް ސާބިތުވިއެވެ.
ރާކިން ނީލަމްގެ ގާތުގައި މާމަގެ ވަކިވުމިގެ ވާހަކަ ދެއްކީ ނުހަނު އަސަރާއި އެކުގައެވެ. މާލެ އައިސް ނީލަމްއާ ބައްދަލުކޮށް ކިޔާދިނެވެ.
“މާމަ..ފެނުނީމަ ވަރަށް ރޮވުނު…މެރީ ކުރި ފަހުން މާމަ ދިޔަނަމައޭ ވަރަށް ހިތަށްއެރި. އެދުވަހަށް މާމަ ހާދަ އިންތިޒާރެއް ކުރިއޭ …އެކަމު” ރާކިންގެ އަޑު ބެދުނެވެ.
“ހިތްވަރުކުރޭ ރާކިން. މާމައަށްޓަކައި ދުޢާކުރޭ.. މާމަވެސް ރާކިންދެކެ ހަމަ ތިހާ ލޯބިވާކަން ހަނދާންކުރޭ” ނީލަމްގެ ފޮނި ބަސްތަކާއި އަދާތަކުން ރާކިންގެ ހިތަށް ހަމަޖެހުން ލިބެއެވެ. އެހިތާމަވެރި ދުވަސްތަކުގައިވެސް ނީލަމްގެ ސަބަބުން އުފާވެރިކަން ލިބުނެވެ.
ދުވަސްތައް ވޭތުވީ ނުހަނު އަވަހަށެވެ. ދިގު އިންތިޒާރުގެ ނިމުން ފޮނިވާނެކަމުގެ އުންމީދުގައި ނީލަމް ހުރީ އުފަލުންނެވެ. ދަތި އުނދަގޫ ދުވަސްތަކަށްފަހު ޙަޔާތަށް އަންނާނެ ބަހާރަކީ އަލަތު ކައިވެނިކަމުގައި ހީކުރެވުނެވެ. ޚަރީފުގެ ދުވަސްތައް ބަދަލުވާކަން ހަނދާނުގައި އޭރު ނެތަތީއެވެ.
ކައިވެނި ކުރަން ދެން ބާކީ އޮތީ އެއްމަހާއި ފަސްދުވަހެވެ. މިހާރު ކުރަން އޮތް އެންމެ ބޮޑުކަމަކީ ދިރިއުޅޭނެ ތަނެއް ހޯދުމެވެ. ވަރަށް ގިނަ ތަންތަން ބެލިއެވެ. އެހެނަސް އަދި ދެމީހުންނަށް އެހާ ކަމުދާ އެޕާޓްމަންޓެއް ނުފެނެއެވެ. ކަންދިމާކުރި ގޮތުން އޮފީސް ދަތުރެއްގައި ރާކިން ރާއްޖެއިން ބޭރަށް ފުރަންޖެހުނީ ހަމަ އެދުވަސްވަރެވެ. އެހެންކަމުން ރަނގަޅުތަނެއް ހޯދާދިނުމަށް އެދުނީ ރާކިންގެ ބައްޕަގާތުގައެވެ. ނީލަމްއަށް އެބުރަ ނުޖެއްސުމަށެވެ. ރާކިން ކައިވެންޏަށް އެއްކުރާ ފައިސާ ބަހަށްޓަނީ މަންމަގެ ސޭވިން އެކައުންޓުގައެވެ. ނީލަމް ވަރަށް ގިނާން ދެން އެ ފައިސާ ރާކިންގެ އެކައުންޓަށް ޖަމާކުރުމަށް ލަފާދިނެވެ. ރާކިން ހުރީ އެޕާޓުމަންޓު ހޯދުމަށްފަހުގައި އެ ފައިސާ ނަގަން ނިންމާގެންނެވެ. ދެން ބާކީ އެ ފައިސާއިން ކުރަންއޮތް ޚަރަދަކީ އެޕާޓްމަންޓް ހިފުމާއި، ތަނަށް ބޭނުންވާނެ އެއްޗެހި ގަތުމެވެ.
އެޕާޓުމަންޓު ހިފުމަށްފަހުގައި ނީލަމް ބަދަލުވާނީ އެތަނަށްކަމުން އެކަމުގެ ހުރިހާކަމެއް ހަމަޖަށްސާ މިހާރު އުޅޭތަނުން ނިކުންނާނެ މުއްދަތުވެސް ކަނޑައެޅިއެވެ. ނީލަމްގެ އަތުގައި ބާކީހުރި ފައިސާއިންވެސް ކައިވެނީގެ ބައެއް ޚަރަދުތައްކޮށް ހުސްވީއެވެ. އެހެންކަމުން އެޕާޓުމަންޓު ހިފުމުން އަވަހަށް އެތަނަށް ބަދަލުވާން ޖެހޭނެއެވެ. އިތުރު ގެޔަކަށް ދާން ދެން ވަރަށް ދަތިވާނެތީއެވެ.
ރާކިން ރާއްޖެ އަންނަން އެއް ދުވަހަށް ވެފައި ވަނިކޮށް ރާކިންގެ ބައްޕައަށް ކަމުދާ ރަނގަޅު އެޕާޓްމަންޓެއް ލިބުނު ކަމުގައި ބުންޏެވެ. ރާކިން މާލެ އައުމުން އެތަން ބަލާލަން ދާން ދެމީހުންވެސް ތިބީ ކެތްމަދުވެފައެވެ.
2 Comments!
Comments are closed.



Masha Allah vrh reethi after a long time ago finally 🙌🏻 this vhk feels so real alhe Neelam ah raakin dhera gotheh nuhadhahcheyy she’ll feel so saddd anyways vhk hama habeys curiously waiting for the next part 🥰❤️ Lysm Tc ❤️
Thankooo soo much 🥰🥰🥰😘😘😘 lots of love ❤️