ހިތް އެދޭ މަންޒިލަކީ… 20
ދޮރު ހުޅުވައިލާފައި ވަން މީހާއަށް ރައިހާންގެ ނަޒަރު ދަތުރު ކުރި ވަގުތު އެ ދެލޯ ބޮޑުވެގެން ދިޔައީ ކުއްލިއަކަށެވެ. އެއީ ހަމަ އެ ސޫރައެވެ. އެ ދޮން މޫނުން ފެށިގެން، ހާމައަށްވީ ދޮން ކަނދުރާއާއާއި، ލާފައިވީ ބާރު ހެދުމުން ކަޝްފުވެފައިވީ ފުރިހަމަ ވަނާތަކުން ފެށިގެން، ހާމައަށްވީ އޮމާން ދެފަޔަށް ރައިހާންއަށް އަވަސް ނަޒަރެއް ދެވުނީ އެއީ ހަމަ އޭނަކަން ޔަގީން ކުރުމަށެވެ. ކުރުކޮށް އޮންނަ ފަން އިސްތަށިގަނޑު މިހާރު އުނަގަނޑާ ހަމައަށް އަރާ ވަރަށް ދިގުވެފައިވީ އިރު، އެ މޫނުމަތީގައިވީ ހިނިތުންވުމުން ކުރިން އަބަދުމެ ތަސައްލީ ލިބޜ ރައިހާންގެ ހިތަށް މިފަހަރު ލިބުނީ އިތުރު ނުތަނަވަސްކަމެކެވެ. އިށީނދެގެން އިން ގޮނޑިން ތެދުވެފައި ރައިހާންއަށް އަނެއްކާ ވެސް އެ މޫނަށް ބަލައިލެވުނީ ލޯމައްޗަށް ފެންނަމުން އެ ދަނީ ހަމަ ހަގީގަތެއްތޯ ޔަގީން ކުރުމަށެވެ.
“ނިމްޝާ..؟” ރައިހާންގެ ދުލުން އެ ނަން ބޭރުވީ ސުވާލެއް ފަދައިންނެވެ. ހަމަ އެވަގުތު ނިމްޝާ އެ ތުންފަތުގައިވީ ހިނިތުންވުން އިތުރަށް ފުޅާކޮށްލަމުން ރައިހާންއާ ގާތަށް ފިޔަވަޅެއް އަޅައިލިއެވެ.
“ރެން..” މިފަހަރު ނިމްޝާގެ ދުލުން އޭނާގެ ނަން ރައިހާންއަށް އިވުނީ ކުރިން އިވޭހެން މިޔުޒިކެއް ފަދައަކުން ނޫނެވެ. އެހެނަސް މުޅި މީހާ ނުތަނަވަސްކަމުން ވަށައިލާ ވަރުގެ ހޮނު ގުގުރިއެއް ފަދައިންނެވެ.
“ރެން.. އައި.. އައި މިސްޑް ޔޫ ސޯ މަޗް..” ނިމްޝާ އެހެން ބުނުމާއި އެކު ރައިހާންއަށް އަތް މުއްކުވައިލެވުނީ އިނގިލިތަކުގެ ހުޅުތަކަށް ހުދުކުލަ އަރާހައި ބާރަށެވެ.
“ނިމްޝާ.. ކީއްވެ.. ކީއްވެ…؟” ހިތުތެރޭގައި އުފެދެމުން ދިޔަ ހައިޖާނުގަނޑުގެ ސަބަބުން ރައިހާންއަށް އޭނާ ކުރަން ބޭނުންވީ ސުވާލު ވެސް ފުރިިހަމަ ނުކުރެވުނެވެ. އޭނާ ނިމްޝާއަށް އެންމެ ބޭނުންވީ ދުވަހު އޭނާގެ އަމިއްލަ ހާލައިގެން އޭނާ ދޫކޮށްލާފައި ގޮސް، ފަސް އަހަރު ފަހުން ނިމްޝާ އެނބުރި އޭނާ ކައިރިއަށް އަންނަން ޖެހުނު ސަބަބެއް ރައިހާންއަކަށް ނުވިސްނުނެވެ.
*** ** ***
އައިސާމަނިކެއާ ވާހަކަ ދައްކަން އިން ލިވްޔާއަށް ކުއްލިއަކަށް ފަހަތް ބަލައިލެވުނީ މީހަކު އޭނާގެ ނަމުން ގޮވައިލި އަޑަށެވެ. އެވަގުތު ފުޅާ ހިނިތުންވުމަކާ އެކީ ދޮރުމަތީގައި ތިބި ލައިނީ އާއި ޔާނިއު ފެނިފައި ލިވްޔާއަށް ވީ ގޮތް ވެސް ނޭނގުނެވެ. އަވަސްއަވަހަށް އެނދުން ތެދުވެފައި ދުވެފައި ކަހަލަ ގޮތަކަށް ގޮސް ލައިނީގެ ގައިގައި އޮޅުލައިގަތް އިރު ލިވްޔާގެ ތުންފަތުގައި ވެސް ފުޅާ ހިނިތުންވުމެއް ވިއެވެ.
“ކުޑާ! އަޅެ ބަލާބަ ގޯސްކަން! ނުވެސް ބުނޭ!” ލައިނީއާ ދުރުވެލާފައި ލިވްޔާ ފުރަތަމަ ވެސް ޝަކުވާ ކުރީ ލައިނީ ރޭގައި ގުޅި އިރު ވެސް މިއަދު އަންނަ ވާހަކަ ނުބުނީތީއެވެ.
“ކުޑާމެން ބޭނުންވީ ލިވީއަށް ސަޕްރައިޒެއް ދޭށޭ..” ލިވްޔާގެ ނޭފަތުގައި ހިފައިލަމުން ލައިނީ ބުނެލީ ލިވްޔާ ރުއްސައިލުމަށެވެ.
“އޭޒް އެން އެޕޮލޮޖީ.. ލިވީއަށް ބައިވަރު ހަދިޔާ ވެސް ގެނައިން..” ޔާނިއު ހަމަ އެހެެން ބުނުމާ އެކީ ލިވްޔާ ދެލޯ ބޮޑުކޮށްލާފައި އަސްލުހޭ އަހައިލިއެވެ. ލިވްޔާއަށް ވީ ވަރު ފެނިފައި ޔާނިއު ލުއި ހުނުމަކާ އެކީ ހީލިއެވެ.
“އަޅޭ ތެންކްޔޫ ޔާންބޭ! ތީ ހަމަ ބެސްޓް!” ޔާނިއުގެ ގައިގައި ވެސް ބައްދައިލަމުން ލިވްޔާ ބުނެލުމާ އެކީ ޔާނިއު ވެސް ހިނިތުންވެފައި ލިވްޔާގެ ގައިގައި ދެއަތް ވަށައިލިއެވެ.
“ކޮބާތަ ބައްޕަ..؟ ބައްޕަ އޯކޭތަ..؟” ޔާނިއުއާ ދުރުވެލަމުން ލިވްޔާ އަހައިލީ ކުއްލިއަކަށް ކަމެއް ހަނދާންވީ ފަދައަކުންނެވެ.
“އަލްޙަމްދުލިﷲ މިހާރު މާ ބޮޑަށް ވެސް ރަނގަޅު.. ލިވީ ސަޕްރައިޒް ވެސް ވާނެ.. މިހާރު އެކަނި ކޮޅަށް ވެސް ތެދުވެވޭ.. އިންތާ އިނދެގެން ހަށިގަނޑު މޫވް ވެސް ކުރެވޭ..” ލައިނީ ބުނުމާއި އެކު ލިވްޔާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ނީރައިލީ އެހައި ދުވަސް ވާން ދެން އެ ޙާލުގައި ބައްޕަ ވުމަށް ފަހު، މިއަދު އެ ބައްޕައަށް ޝިފާއެއް މިންވަރު ކުރެއްވީތީ ހެއްދެވި ފަރާތަށް ޝުކުރު އަދާކުރާ ޙާލުގައެވެ.
“ދެން އެކޮޅުން ރިކޮމެންޑް ކުރި ވަރަށް ރަނގަޅު ފިޒިއޮތެރަޕިސްޓަކާ ސްޕީޗް ތެރަޕިސްޓެއް.. އަދި ޖެހޭނެ ދުވަސްކޮޅެއް ވަންދެން ސެޝަންތައް ނަގަން.. އޭރުން އަދި ބައްޕައަށް ވާހަކަ ވެސް ދެއްކޭނެ.. އިންޝާﷲ އަމިއްލަ ހިނގާ ވެސް އުޅެވޭނެ..” ޔާނިއު ދެން ދިން ޚަބަރުން ލިވްޔާގެ އުފާވެރިކަން ދެގުނަވީ ފަދައެވެ.
“ކޮބާތަ ބައްޕަ..؟ އަހަރެން ބޭނުން ދެކިލަން..” ލިވްޔާ އެދުމާއި އެކު ލައިނީ ފެންޑާގައޭ ބުނުމުން ލިވްޔާ ދުއްވައިގަތީ ފެންޑާއަށް ދިޔުމަށެވެ.
ފުރޮޅުލީ ގޮނޑީގައި އިން އަނީސަށް ލިވްޔާ ފެނުމުން ފުޅާ ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލީ ދުވަސްކޮޅެއް ކޮށްފައި ލޯބިވާ ހަގު ދަރިފުޅު ފެނުމުންނެވެ. ކުޑަ އުނދަގޫކަމަކާ އެކީ ވެސް ލަސްލަހުން ދެއަތް އުފުލައިލާފައި އަނީސް ބޯޖަހައިލީ އަންނާށޭ ބުނާ ފަދައަކުންނެވެ.
އަނީސް ހިނިތުންވެލުމާ އެކީ ލިވްޔާގެ ދެލޮލަށް ބޮނޑިވެފައިވީ އުފާވެރިކަމުގެ ކަރުނަތައް ކޯތާފަތް މައްޗަށް ފައިބައިގަތީ ކުއްލިއަކަށެވެ. އެ ބައްޕަ އެއްވެސް އުނދަގުލަކައި ނުލައި އެހައި ފުރިހަމަ ހިނިތުންވުމެއް އޭނާއަށް އެ ހަދިޔާ ކޮށްލީ ހާދަ ދުވަހެއް ފަހުންނެވެ. ލޯބިން އެ އަތުތެރެއަށް އަންނަން އެ ދަޢުވަތު ދިނީ ހާދަހައި ދިގު އިންތިޒާރަކަށް ފަހުއެވެ. އޭނާ ދެކެ އިންތިހާއަށް ލޯބިވޭމެ، އެ ލޯބި ފާޅުކޮށްލާނޭ ކުޅެދުންތެރިކަމުގެ ކުޑަ މިންވަރެއް ނަމަވެސް އެ ބައްޕައަށް މިންވަރު ކުރެއްވީ ހާދަހައި ގިނަ އަހަރުތަކަކަށް ފަހުއެވެ. އިތުރަށް އެންމެ ސިކުންތެއް ވެސް ލަސްކުރުމެއް ނެތި ލިވްޔާ ދުވެލާފައި ގޮސް އަނީސްގެ ގޮނޑި ކައިރީ ދެކަކޫ މަތީގައި އިށީނދެ، އެ އުނގުގައި ބޯއަޅައިގެން އޮވެ ރޯން ފެށީ ކުޑަ ކުއްޖަކު ފަދައިންނެވެ.
ލިވްޔާއަށް ވީ ވަރު ފެނިފައި ޚުދު އަނީސްގެ ލޮލުން ވެސް ކަރުނަ ހިލެން ފެށީ ދަރިފުޅު ދެކެ ވާ ލޯބި އެހައި ދުވަސް ފަހުން ނަމަވެސް، ދައްކައިލާނޭ ފުރުސަތު މިންވަރު ކުރެއްވީތީ އުފަލުން ހުރެއެވެ. ލަސްލަހުން ލިވްޔާގެ ބޮލުގައި ފިރުމަމުން ދިޔަ އިރު، އޭނާގެ ކޮންމެ ފިރުމުމަކުން ލިވްޔާއަށް ކުރަމުން ދިޔަ އަސަރު އަނީސަށް ފެންނަމުން ދިޔައެވެ.
ދުރުގައި ފެންކަޅިވެފައި މަންޒަރު ބަލަން ހުރި ލައިނީގެ ގާތުގައި ހުރި ޔާނިއު ލައިނީ ގެނެސް އެ މޭގައި ޖައްސައިލީ ދެން ހުރިހައި ކަމެއް ވެސް ރަނގަޅުވާނޭ ބުނަމުންނެވެ. ލިވްޔާ އާއި އަނީސްގެ ހަރަކާތްތަކުން ޚުދު ޔާނިއުގެ ހިތަށް ވެސް އަސަރު ކުރަމުން ދިޔައީ އިންތިހާއަށެވެ.
ދުރުގައި ފެންކަޅިވެފައި ހުރި ލައިނީއަށް ހިނިތުންވުމެއް ރައްދުކޮށްލަމުން އަނީސް ލައިނީއަށް ވެސް އައުމަށް އިޝާރަތް ކޮށްލިއެވެ. އެއާއެކު އެންމެ ސިކުންތެއް ވެސް ބޭކާރު ކުރުމެއް ނެތި ލައިނީ ހަލުވި ފިޔަވަޅުތަކއްގައި ގޮސް ގުދުވެލާފައި އަނީސްގެ ކޮނޑުގައި މޫނު ފޮރުވައިލިއެވެ. އެތައް އަހަރެއް ފަހުން ލޯބިވާ ދެ އަންހެން ދަރީން އެކުގައި ގަޔާ ކައިރިކޮށްލަން ލިބުމުން ޚުދު އަނީސްގެ ދެލޮލުން ވެސް ދިޔައީ ހުއްޓުމެއް ނެތި އުފާވެރިކަމުގެ ކަރުނަ ފައިބަމުންނެވެ.
އެއްވެސް ބަހެއް ބުނުމެއް ނެތި ހޭދަވީ އުފާވެރި ޢާއިލީ ވަގުތުކޮޅަށް ފަހު ލިވްޔާ އާއި ލައިނީ ދުރުވެލުމުން އަނީސް ދެން އިޝާރާތް ކޮށްލީ ޔާނިއުއަށެވެ. އޭނާގެ ފިރިހެން ދަރިއަކު ނެތް އިރު އެ މަޤާމު ފުރައިލަދިނީ ޔާނިއުއެވެ. އޭނާގެ ލޯބިވާ ދޮށީ ދަރިފުޅަށް ނިމުމެއް ނެތް ލޯތްބާއި އަޅައިލުން ދޭން އެއްބަސްވީ ޔާނިއުއެވެ. ސިންގަޕޫރުގައި ހޭދަވީ ދެމަހެއްހައި ދުވަސް ތެރޭގައި ޔާނިއުގެ ފަރާތުން އޭނާއަށް ފެނުނީ ލައިނީ ދެކެ ޔާނިއު ވާ މަތިވެރި ލޯތްބެވެ. އެ ހިތުން ލައިނީއަށް ދެވިފައިވާ މާތް މަޤާމެވެ.
ޔާނިއު އައިސް އަނީސްގެ ކުރިމަތީގައި އެއްކަކޫ ޖައްސައި އިށީނުމުން އަނީސް ކުޑަކޮށް ކުރިއަށް ޖެހިލާފައި ޔާނިއުގެ ގައިގައި ބައްދައިލީ ދުލުން ބުނެ ނުދެވުނު ކޮންމެ ވާހަކައެއް ޢަމަލުން ބުނެދެމުންނެވެ. އޭނާގެ ފަރުވާގެ ހުރިހައި ޒިންމާއަކާއި ޚަރަދެއް ބޮލުގައި އަޅައިގެން ޔާނިއު އެ ވީ ޤުުރުބާނީއަށް ޓަކައި އޭނާ މުޅި ޢުމުރު ދުވަހު ވެސް ޔާނިއުއަށް ޝުކުރުވެރި ވާނެއެވެ.
“ބައްޕަ ނުޖެހޭނެ ޝުކުރު އަދާކުރާކަށް.. ތީ އަޅުގަނޑުގެ ވެސް ބައްޕަ.. މައިންބަފައިން ބަލިވާ ދުވަހު އަޅައިލުމަކީ ދަރިންގެ މައްޗަށް އޮތް ވާޖިބެއް.. އަޅުގަނޑު ވެސް މި އަދާކުރަނީ އެ ޒިންމާ.. އެހެންވީމަ ބައްޕަ ދެން އެހެން ހިތަށް ނާރުވައްޗޭ.. އޭރުން އަޅުގަނޑު ވަރަށް ދެރަވާނެ..” އަނީސްގެ ހިތުގައި އޮތް އެއްޗެއް އެނގިމެ ޔާނިއު ބުނެލީ އަނީސްގެ ގައިގައި ބައްދައިލަމުންނެވެ.
އެ މަންޒަރު ބަލަން ހުރި ލައިނީގެ ހިތް ދިޔައީ އަނެއްކައި ވެސް ޔާނިއުއަށް ޓަކައި ލޯބިން ފުރެމުންނެވެ. ވެއަތުވަމުންދާ ކޮންމެ ދުވަހަކާ އެކީ އެ ހިތުގައި ޔާނިއުއަށް ދެވިފައިވާ މަޤާމު އިތުރުވަނީ ޔާނިއުގެ އެފަދަ ސިފަތަކުގެ ސަބަަބުންނެވެ. ޙަޔާތުގެ ބައިވެރިއަކަށް ޔާނިއު އިޚްތިޔާރު ކުރެވުމަކީ މުޅި ޢުމުރުގައި ވެސް އޭނާއަށް ނިންމުނު އެންމެ ރަނގަޅު ނިންމުން ކަމުގައި ލައިނީއަށް އެވަގުތު ވެސް ޤަބޫލު ކުރެވުނެވެ.
*** ** ***
ލައިނީ އާއި ޔާނިއުގެ ކޮޓަރީގައި އިނދެގެން ލިވްޔާ ދިޔައީ އޭނާއަށްވީ ހަދިޔާތައް ކަނޑަމުންނެވެ. ލައިނީ ފޮށީގައި ހުރި އަންނައުނުތައް ނަގައި، ތަރުތީބު ކުރުމުގައި އުޅުނު އިރު ޔާނިއު ވެސް އަތްގާތް ކޮށްދެމުން ދިޔައެވެ.
“މީ ރައިހާންއަށް ވީ އެއްޗެހިތަ..؟” ފޮށީގައި ހުރި ގަމީސްތަކެއް ނަގަމުން ލިވްޔާ އަހައިލުމާއެކު ޔާނިއު ބޯޖަހައިލިއެވެ. އެއަށްފަހު ޔާނިއުއަށް ލައިނީއަށް ބަލައިލެވުނީ މިއީ ލިވްޔާގެ ދުލުން ރައިހާންގެ ނަން ނުގޮތަކަށް ކިޔައިލި ފުރަތަމަ ފަހަރު ކަމަށް ވީތީއެވެ.
“މި ގަމީސް ރައިހާންއާ ވަރަށް ގުޅޭނެ..” ކަނޑުނޫކުލައިގެ ގަމީހެއް ނަގާފައި އެއަށް ނަޒަރެއް ދެމުން ލިވްޔާ ބުނެލި އިރު އެ ތުންފަތް މަތީގައިވީ ފުރިހަމަ ހިނިތުންވުން ލައިނީއަށާއި ޔާނިއުއަށް ސިއްރު ނުވެ ނުދިޔައެވެ. އެއާއެކު އަނެއްކާ ވެސް ދެމަފިރިންގެ މެދުގައި ސިއްރު ނަޒަރެއް ބަދަލުވެގެން ދިޔައެވެ.
“ލިވީ.. ލިވީއާ ރެންއާ މިހާރު.. ބަޑީބަޑީ ވީތަ..؟” އެއްބުމަ އަރުވައިލަމުން ލައިނީ އަހައިލުމާއެކު ލިވްޔާގެ ދެލޯ ހިސާބަކަށް ބޮޑުވިއެވެ. ވެއަތުވެގެން ދިޔަ ދެމަސް ތެރޭގައި ބަދަލުވެގެން ދިޔަ އެއްވެސް ކަމެއް ލައިނީއަށާ ޔާނިއުއަށް ނޭނގޭކަން ހަނދާންވުމުން ލިވްޔާއަށް ތުންފަތުގައި ދަތް އަޅައިލެވުނީ އެ ވާހަކަ ފަށަންވީ ހިސާބެއް ނޭނގިފައެވެ.
“ލިވީ ނުބުނިއްޔާ ދެން ޔާންބެ އަހާނީ ރެން ގާތު.. ބުނެބަލަ.. އެހެންޏާ ތިހައި ލޯބިން ރެންގެ ނަން ކިޔައިލާ އަޑެއް ނާހަން..” ލާނެތް ހިނިތުންވުމަކާ އެކީ ޔާނިއު އަހައިލުމުން ލިވްޔާއަށް އަނެއްކައި ވެސް ލަދުން އިސްޖަހައިލެވުނީ ރޭގައިވީ ކަންތައް ހަނދާންވުމުންނެވެ.
“ޔަގީނޭ ދެމީހުން ކޮންމެވެސް ގަނޑެއް ގަނެގެންކަން އުޅެނީ.. ލިވީއެއް ނުބުނާނެ! ޔާން.. ހިނގާ ހަމަ މިހާރު ރެން ގާތަށް ދާން..” ލައިނީ ހަމަ އެހެން ބުނުމާއި އެކީ ލިވްޔާ ވަގުތުން ދެލޯ ބޮޑުކޮށްލާފައި ދެފަރާތަށް ބޯހޫރުވައިލިއެވެ.
“ނޫން! ދެން.. ރައިހާން މިގަޑީ އުޅޭނީ ވެސް ކޮމްޕެނީގަ.. މިދުވަސްކޮޅު ޔާންބެ ނެތީމަ އޭނަ އުޅެނީ ވެސް ވަރަށް ބިޒީކޮށް.. ދެން އަނެއްކަ އޭނައަށް އުނދަގޫ ކުރަން ދާނެ ކަމެއް ނެތް..” ލިވްޔާ އަވަސްއަވަހަށް ބުނެލިއެވެ.
“މިހާރު ރެންގެ މުޅި ޝެޑިއުލް ވެސް އެނގޭހައި ލިވީ ރެންއާ ކްލޯޒްވީތަ..؟ ރެންއަށް އުނދަގޫ ވެދާނެތީ އެހައި ކަންބޮޑު ވެސް ވޭ ދޯ؟” ލާނެތް ހިނތުންވުމަކާ އެކީ ލައިނީ ރައްދު ދިނެވެ.
“ހާސްނުވޭ.. އަހަރެމެން ގޮސްގެން ރެންއަށް އުނދަގުލެއް ނުވާނެ.. ހިނގާ ދާން ލައި..” ލައިނީގެ އަތުގައި ހުރި އަންނައުނުތައް ނަގާފައި އެނދުމަތީގައި ބަހައްޓަމުން ޔާނިއު ބުނެލިއެވެ.
“ލިވީ ވެސް ޖެހޭނީ އަންނަން.. ތެދުވޭ ހަމަ މިހާރު! އެހެން ނޫނީ ރައިހާން ގާތު ގޮއްސަ ބުނާނަން ލިވީ އެބަ އުޅޭ ރައިހާން ގެއަށް ނައިސްގެން ކެތް ނުވެގެން..” ލައިނީ ހަމަ އެހެން ބުނުމާއި އެކު ލިވްޔާ ކުއްލިއަކަށް ކޮޅަށް ތެދުވެފައި ދެފަރާތަށް ބޯހޫރުވައިލީ ތިމަންނަ ދާނަމޭ ބުނާ ފަދައަކުންނެވެ.
ލިވްޔާއަށް ވީ ގޮތުން ހިނި އައިސްފައި ތިބެ ޔާނިއު އާއި ލައިނީ ކޮޓަރިން ނުކުތުމާއި އެކު ލިވްޔާ ވެސް ތުންދަމައިގެން ހުރެ އެދެމީހުން ފަހަތުން ނުކުތެވެ. އެންމެން އެކުގައި ގެއިން ނުކުމެގެން ގޮސް ޔާނިއުގެ ކާރަށް އެރި އިރު ވެސް ލިވްޔާ އެ އިން ގޮތަށް ފުއްވައިލާފައި އިނެވެ. އެހެނަސް އެ ހިތުގެ ކަނަކުން ރައިހާންގެ އެ ހިތްގައިމު ސޫރަ ދެކިލުމުގެ ނަސީބު ލިބޭނެތީ އުފާ ވެސް ވިއެވެ.
*** ** ***
“ރެން އުފަލެއް ނުވޭތަ އަހަރެން ފެނުނީމަ..؟ އަހަރެން ހީކުރީ ރެން އަދިވެސް ހުންނާނީ އަހަރެންގެ އިންތިޒާރުގަ ކަމަށް..” އިތުރު ފިޔަވަޅެއް ރައިހާންއާ ގާތަށް އަޅައިލަމުން ނިމްޝާ އަނެއްކައި ވެސް ބުނެލިއެވެ.
“ނި.. ނިމްޝާ..” ރައިހާންއަށް އަދިވެސް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ހުރި ފިޔަވަޅު މަތީގައި ގުޑިލަން ވެސް ނުކެރިފައި ރައިހާން ހުރި އިރު، އެ ހިތް ދިޔައީ ނޭނގޭ ނުތަނަވަސްކަމަކުން ފުރެމުންނެވެ.
“ރެން ތި ހިތަށް އަރަނީ އެހައި ދުވަސް ފަހުން އަހަރެން އައީ ކީއްވެބާވައޭ ދޯ..؟ ރެން.. އަހަރެން.. އަހަންނަށް އެނގޭ އޭރު އަހަންނަށް ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން..” ރައިހާންގެ ހަށިގަނޑާ ޖެހޭ ނުޖެހޭ ހިސާބުގައި މަޑުކޮށްލަމުން ނިމްޝާ ވާހަކަ ދެއްކިއެވެ.
“އޭރު އަހަންނަށް ހެދުނީ ގޯހެއް.. އެކަހަލަ ގޯހެއް ދެވަނަ ފަހަރަށް ތަކުރާރުވާކަށް އަހަރެން ނޭދެން.. ރެން.. އަހަންނަށް އެނގޭ ރެން އަދިވެސް ލޯބިވަނީ އަހަރެން ދެކެކަން.. ދޯ..؟” ހިނިތުންވުމަކާ އެކީ ރައިހާންގެ މޭމަތީ އަތް ބާއްވައިލަމުން ނިމްޝާ އހަައިލުމާއެކު ރައިހާންއަށް ތެޅިގަނެފައި ދުރަށް ޖެހިލެވުނީ އެގޮތަށް ނިމްޝާ އޭނާގެ ގައިގައި އަތްލަން ނުރުހެވުނު ވަރުންނެވެ.
ރައިހާން ދުރަށް ޖެހިލުމާއި އެކު ދެލޯ ހަނިކޮށްލަމުން ނިމްޝާ އަނެއްކާ ވެސް ރައިހާންގެ ކައިރިއަށް ޖެހިލިއެވެ. އާދޭހުގެ ލޮލަކުން ރައިހާންއަށް ބަލައިލުމަށް ފަހު ނިމްޝާ އަނެއްކައި ވެސް ވާހަކަ ދެއްކިއެވެ.
“ރެން.. ތިހެން ނުހަދާ.. އަހަންނަށް އޭރު ކުރެވުނީ ކުށެއްކަން ގަބޫލު ކުރަމޭ.. އެކަމަކު ރެން ބުނީމެއްނު އަހަރެން ނޫން އަންހެން ކުއްޖަކު ރެންގެ ހަޔާތަކަށް ނުގެންނާނަމޭ.. ރެން ޕްލީޒް.. އަހަންނަށް އަދި އެންމެ ފުރުސަތެއް ދީ.. މިފަހަރު ރެން ބޭނުންވާ ގޮތަކަށް އަހަރެން ބަދަލު ވެސް ވާނަން..” ނިމްޝާ އެހެން ބުނުމާއި އެކީ ރައިހާންއަށް ދެން ވެސް ބުނާން އެއްޗެއް ނޭނގިފައި ހުރެވުނީއެވެ.
އާއެކެވެ. ނިމްޝާ އޭނާ ދޫކޮށްލި ދުވަހު ދުވަހު އޭނާއަށް އެހެން ބުނެވުނެވެ. ނިމްޝާ ނޫން ކުއްޖަކު ދުވަހަކު ވެސް ހަޔާތަށް ނުގެންނާނަމޭ ކިޔައި ވަޢުދު ވެވުނެވެ. ނިމްޝާ ނުދޭތޯއެވެ. އޭނާގެ އާދޭސްތައް އަޑުއަހާތޯއެވެ. ނިމްޝާއަށް ޓަކައި ވިންދު ޖަހަމުން ދިޔަ އޭނާގެ ނިކަމެތި ހިތަށް ރަޙުމު ކުރޭތޯއެވެ. އެހެންނަމަވެސް ފަސް އަހަރު ފަހުން ދިމާވި ލިވްޔާ އެކަން އެކުގައި ބަދަލު ކޮށްލައިފިއެވެ. ޚުދު އޭނާއަށް ވެސް ނޭނގި ހުއްޓައި އެ ހިތުން މަޤާމެއް ހޯދައިފިއެވެ. ނިމްޝާއަށް އެ ހިތުގައި ދެވިފައިވީ މަޤާމު އެކުގައި އެއްވެސް މަސައްކަތަކައި ނުލައި މިލްކު ކޮށްފިއެވެ.
ކިތަންމެ ދުވަހަކު މި ދުވަސް ދުށުމުގެ ހުވަފެން އޭނާ ދެކުނެވެ. ނިމްޝާ އެނބުރި އޭނާގެ ގާތަށް އަންނާނޭ ދުވަހަކަށް އިންތިޒާރު ކުރެވުނެވެ. އެހެނަސް މިއަދު އޭނާ އެގޮތެއް ބޭނުމެއް ނުވެއެވެ. މިއަދު ރައިހާން ބޭނުންވަނީ ލިވްޔާ އެކަންޏެވެ. އޭނާގެ ލިވްޔާ އެކަނި އޭނާއަށް ފުދެއެވެ.
“ރެން އަދިވެސް ލޯބިވަނީ އަހަރެން ދެކެ.. އަހަންނަށް އެނގޭ..” ކުއްލިއަކަށް ނިމްޝާ ރައިހާންގެ ގައިގައި ބައްދައިލުމުން ރައިހާން އެއްލިގެން ނުދިޔައީ ކިރިޔާއެވެ. އަވަސްއަވަހަށް ނިމްޝާ އޭނާގެ ގަޔާ ދުރުކޮށްލަން ނިމްޝާގެ ކޮނޑުގައި ހިފަހައްޓައިލި ވަގުތު ރައިހާންގެ މުޅި ހަށިގަނޑު ފިނިވެ ހަރުދަަނޑިވެގެން ދިޔައީ އެވަގުތު ކެބިންގެ ދޮރު ހުޅުވައިލާފައި ވަން ތިން މީހުން ފެނިފައެވެ.
ރައިހާންގެ ކެބިންގެ ދޮރުމަތީގައި ތިބި ޔާނިއު އާއި ލައިނީގެ އިތުރުން ލިވްޔާގެ މޫނުމަތީގައިވީ ހިނިތުންވުން ވަގުތުން ފޭދިގެން ދިޔައީ އެ ކެބިންތެރޭގައި ރައިހާން އާއި ނިމްޝާ ތިބި ގޮތް ފެނުމުންނެވެ.
ނިމްޝާ ރައިހާންގެ ގައިގައި އޮޅުލައިގަނެގެން ހުރި އިރު، ރައިހާންގެ އަތް ނިމްޝާގެ ކޮނޑުގައި ޖައްސައިލެވިފައިވީ މަންޒަރު ފެނިފައި އެންމެ އަސަރު ކުރީ ލިވްޔާގެ ހިތަށެވެ. ފުރަތަމަ ލޮލަށް ފެންނަމުން ދިޔަ މަންޒަރު ޤަބޫލު ނުކުރެވިފައި ހުރެ ލިވްޔާ ފަހަތަށް ފިޔަވަޅެއް އަޅައިލިއެވެ. ދެފަހަރަކު އެސްފިޔަ ޖަހައިލީ ފެންނަމުން ދިޔަ މަންޒަރު ބަދަލުވާނެ ކަމަށް އުއްމީދު ކުރެވުމުންނެވެ. އެހެނަސް ލޯމައްޗަށް ފެންނަމުން ދިޔަ ޙަޤީގަތް އޭނާ ދޮގު ކުރާނީ ވަކި ކޮން ދުލަކުން ހެއްޔެވެ؟
ދެލޮލަށް ޖަމާވި ކަރުނަތަކާ އެކީ ލިވްޔާ ފަހަތަށް އެޅި ތިންވަނަ ފިޔަވަޅާ އެކުގައި މަތަވީ ޔާނިއުގެ މޭމަތީ ޖެހިފައެވެ. ޔާނިއު ވަގުތުން ލިވްޔާގެ ދެކޮނޑުގައި ހިފަހައްޓައިލުމާއެކު ލިވްޔާގެ ހަށިގަނޑުން ވާގި ދޫވި ފަދައެވެ. ޔާނިއު އަވަސްއަވަހަށް ލިވްޔާގެ ކޮނޑުގައި އިހުނަށް ވުރެ ބާރަށް ހިފަހައްޓައިލަމުން ތަކުރާރުކޮށް ރަނގަޅުތޯ އަހަމުން ދިޔައެވެ. ހާސްވެފައި ހުރި ލައިނީ ވެސް އައިސް ލިވްޔާގެ ކޮލުގައި އަތް ޖައްސައިލާފައި ހަމަ އެ ސުވާލު ތަކުރާރުކުރި ނަމަވެސް، ލިވްޔާއަށް ވީ ގޮތް އެ ދެމީހުންނަށް ވެސް އެނގެއެވެ. ނިމްޝާގެ ކޮނޑުގައި އަތްޖައްސާލައިގެން ހުރި ރައިހާންއަށް ނުރުހުމުގެ ނަޒަރެއް ޔާނިއުއަށާއި ލައިނީއަށް ދެވުނީ އެހެންވެއެވެ.
ލިވްޔާއަށް ވީ ވަރު ފެނިފައި ރައިހާންގެ ހަށިގަނޑުގައިވީ ކޮންމެ ނާރެއް ވަކިވަކިން ބުރިބުރިވާހެން ހީވިއެވެ. ފެނުނު މަންޒަރުން ލިވްޔާއަށް އަސަރު ކުރާނެކަން ވިސްނުނު އިރު ޚުދު އޭނާގެ ހިތް ވެސް ޒަޚަމްވެއްޖެއެވެ. އެހައި މަސައްކަތުން ލިވްޔާގެ އިތުބާރު އަލުން ހޯދުމަށް ފަހު އަލުން އެ އިތުބާރު ވެއްޔާ މޮޑެލެވިއްޖެއެވެ. ދެން ދުވަހަކު ވެސް ލިވްޔާ ދެރަ ނުކުރާނެ ކަމަށް ވަޢުދުވެފައި، އެހައި އަވަހަށް އެ ވަޢުދު މުގުރައިލެވިއްޖެއެވެ. ލިވްޔާ ކާމިޔާބު ކުރުމަށް ކުރިހައި މަސައްކަތެއް ފެނަށް ވެގެން ހިނގައްޖެއެވެ.
އިތުރު ވިސްނުމަކަށް ނުގޮސް ރައިހާން ދެއަތަށް ލެވުނުހައި ބާރެއް ލާފައި ނިމްޝާ އޭނާގެ ގަޔާ ދުރުކޮށްލިއެވެ. ރައިހާންގެ އެ ކުއްލި ޢަމަލުން ސިހިފައި ހުރި ނިމްޝާއަށް ރައިހާންގެ ނުރުހުންވެފައިވީ ނަޒަރު އަމާޒުވާކަށް އިރުތަކެއް ނުނެގިއެވެ. އިތުރު އެންމެ ސިކުންތެއް ވެސް ބޭކާރު ނުކޮށް ރައިހާން ހަލުވި ފިޔަވަޅުތަކެއްގައި މިސްރާބު ޖެހީ ލިވްޔާ ގާތަށް ދިޔުމަށެވެ.
“ރެން! ރެން ނުބުނަންތަ އަހަރެން އަންނާނެ ދުވަހަކަށް އިންތިޒާރެއް ނުކުރާނަމެކޭ؟ ރެން އަދިވެސް ލޯބިވަނީ އަހަރެން ދެކެއެއްނު؟” އަނެއްކައި ވެސް ރައިހާންގެ އަތުގައި ހިފައި ރައިހާން ހުއްޓުވަމުން ނިމްޝާ ވާހަކަ ދެއްކިއެވެ.
އިތުރަށް އެ މަންޒަރު ބަލާނެ ހިތްވަރު ނެތިފައި ލިވްޔާ ރޮވިފައި ހުރެ ޔާނިއުއާއި ލައިނީގެ އަތް ފޮޅުވައިލާފައި އެ ކެބިންއިން ނުކުތީ ދުވެފައެވެ. ރައިހާންގެ ހިއްސުތައް ކޮޅުންލައިގެން ދާން ފެށީ އެހިސާބުންނެވެ.
“ރެން އަހަރެން-”
“ކިހައި ދެރަ ކަމެއްތަ ނިމްޝާ!” ނިމްޝާ އުޅެމުން ދިޔަ ގޮތުން އިތުރަށް ކެތް ނުވެގެން ރައިހާންއަށް ހަޅޭލަވައިގަނެވުނެވެ.
“އެއް ފަހަރު އަހަރެން ދުރުކޮށްލީމަ ދެވަނަ ފަހަރަށް އައިސް ގަޔަށް އަރައިގަންނަން ޖެހޭތަ؟ އަހަންނެއް ނޫޅެމޭ މިހާރު ނިމްޝާއާ ހަދައި މޮޔަވެގެންނެއް! ނިމްޝާ ހީކުރީ އަހަރެން ނިމްޝާއަށް އެންމެ ބޭނުންވި ދުވަހު ނިމްޝާ އަހަރެން ދޫކޮށްލާފަ ދިޔައީމަ އަހަރެން ނިމްޝާ އެނބުރި އަންނާނެ ދުވަހަކަށް އިންތިޒާރު ކުރާނެ ކަމަށްތަ؟ ތި އުޅެނީ މޮޔަވެގެން! އަހަރެން މިހާރު ނިމްޝާ ދެކެ ލޯތްބެއް ނުވޭ! އަހަރެން ލޯބިވަނީ އެހެން މީހަކު ދެކެ!” ރައިހާން އޭނާގެ ވާހަކަތައް ނިންމައިލުމަށް ފަހު ނިމްޝާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި ކެބިންއިން ނުކުމެގެން ދިޔައީ އެހެން ހުރިހައި ކަމަކަށް ވުރެ ލިވްޔާ ހޯދުން މުހިއްމު ވީމައެވެ.
ރައިހާންގެ ވާހަކަތަކުން ހިނދުކޮޅަކަށް ހުއްޓުން އަރާފައި ހުރި ނަމަވެސް، ނިމްޝާ ނިކަން އަވަހަށް އޭނާގެ އިހުސާސްތައް ކޮންޓްރޯލް ކޮށްފިއެވެ. އާއެކެވެ. ރައިހާން އަދި ރުޅި އައިސްފައި ހުންނަ ވަގުތު އެހެން ބުންޏަސް އެއީ ތެދެއް ނޫނެވެ. ރައިހާން އަދިވެސް ލޯބިވަނީ އޭނާ ދެކެއެވެ. ރައިހާން ނުލިބެނީސް އޭނާ ހުއްޓައެއްނުލާނެއެވެ. އެހެނަސް އޭނާއަށް ނޭނގޭ ކަމަކީ، އޭނާ ޤަބޫލު ކުރަން ކިތަންމެ ބޭނުން ނުވިޔަސް ރައިހާންގެ ދުލުން ދެންމެ އެ ބޭރުވި ކޮންމެ ލަފްޒަކީ ވެސް ހަގީގަތެއް ކަމެވެ.
ނިމްޝާގެ ނަޒަރު ދެން ދަތުރުކުރީ ކެބިންގެ ދޮރުމަތީގައި ތިބި ޔާނިއު އާއި ލައިނީއަށެވެ. ވަގުތުން އެ މޫނުމަތީގައިވީ ހާސްކަން ފޮރުވައިލުމަށް ފަހު ހިނިތުންވުމަކުން އެ ތުންފަތް ފަޅުފިލުވައިލަމުން ނިމްޝާ އެދިމާއަށް ދިޔައެވެ.
“ޔާން.. ވަރަށް ދުވަސް ވެއްޖެ ދޯ ދިމާނުވާތާ.. ކިހިނެއްތަ..؟” ނިމްޝާ އެ ސުވާލު ކުރި ނަމަވެސް ޔާނިއު އެއްވެސް ޖަވާބެއް ނުދީ ހުރި އިރު އެ މޫނުމަތީގައިވީ ހިތްހަމަނުޖެހުމުގެ ކުލަވަރުން އޭނާ ނިމްޝާއާ އެއްވެސް ވަރަކަށް ގަޔާނުވާކަން ދޭހަވަމުން ދިޔައެވެ.
ޔާނިއުގެ މޫނުމަތިން ފެނުނު ނަފްރަތަށް މަލާމާތުގެ ހިނިތުންވުމެއް ރައްދުކޮށްލަމުން ނިމްޝާ ދެން ބަލައިލީ ޔާނިއުގެ ގާތުގައި ހުރި ލައިނީއަށެވެ. އޭނާއާ ރައިހާން ރުޅިވި ދުވަސްކޮޅަކީ ޔާނިއު އާއި ލައިނީ ފުރަތަމަ ރައްޓެހިވީ ދުވަސްވަރުކަމުން ނިމްޝާއަށް ކޮންމެވެސް ވަރަކަށް ލައިނީ އެނގެއެވެ.
“ލައި.. ދެމީހުން މިހާރު މެރީ ކުރީ ދޯ..؟” ދެމީހުންގެ ވައަތު ކަށި އިނގިލީގައި އަޅާފައިވީ އަނގޮޓިއަށް ނަޒަރެއް ދެމުން ނިމްޝާ އަހައިލި ނަމަވެސް އެ އަޑުގައި އެދެމީހުންނަށް ޓަކައި އުފާކުރާ ކަމުގެ އެއްވެސް އަސަރެއް ނެތެވެ.
“ކޮންގްރޭޓްސް ޔާން.. ބޭނުންވި މީހާއާ މެރީ ކުރެވިއްޖެ ދޯ..؟” ޔާނިއުއާ ސަލާމް ކޮށްލަން ނިމްޝާ އަތްދިއްކޮށްލުމާއި އެކީ ޔާނިއު އެއް ޖީބަށް އެއް ޖަހައިލާފައި އަނެއް އަތުން ލައިނީގެ އަތުގައި ހިފައި ބާރުކޮށްލީ ނިމްޝާ ދިއްކޮށްލާ އަތެއްގައި ވެސް ހިފަން ބޭނުން ނުވާތީއެވެ.
“އަހަރެން ދެކެ ހަމަ އެހައި ރުޅި އާދޭތަ..؟” އަތް ތިރިކޮށްލަމުން ނިމްޝާ އަހައިލި އިރު އެ އަޑުގައި ވަނީ މަލާމާތުގެ އަސަރެވެ. އޭނާ ރައިހާންއާ އެކުގައި އުޅުނު އިރު ވެސް ޔާނިއު އަދި އެ އާއިލާގެ އެއްވެސް މެމްބަރަކު ވެސް އޭނާއާ މާ ގަޔާނުވާކަން ނިމްޝާއަށް އެނގެއެވެ. ލިބޭހައި ފުރުސަތެއްގައި އިތުރަށް ޔާނިއުއަށް އުނދަގޫ ކޮށްލަން އޭނާ މަސައްކަތް ކުރަނީ އެހެންވެއެވެ.
“އެކަމަކު ކީއް ދޯ ކުރާނީ.. ޔާން ކިތަންމެ ވަރަކަށް އަހަރެން ދެކެ ރުޅި އަޔަސް ރެން ލޯބިވަނީ އަހަރެން ދެކެ ނޫން ކަމަކަށް ނުވާނެ.. އެހެންވީމަ ޖެހޭނީ-”
“ތި އުޅެނީ ވަރަށް ބޮޑަށް އޮޅިގެންހެން އަހަންނަށް ހީވަނީ.. ރެން އަމިއްލައަށް ބުނެފި ރެން ލޯބިވަނީ އެހެން މީހަކު ދެކެއޭ.. އެހެންވީމަ ރީތިކޮށް ރެންގެ ދިރިއުޅުމާ ދުރުގަ ހުރޭ.. ވާ ވަރަށް މިހާރު ރެންއަށް ދެރަ ދެވިއްޖެއެއްނު.. ދެން ނިންްމައިލާ! ރެންއާ ލިވީގެ ދިރިއުޅުމަށް ނިމްޝާގެ ފަރާތުން އެއްވެސް އުދަގުލެއް ވެއްޖެ ނަމަ އަހަންނެއް މަޑަކުން ނުހުންނާނަން! އަޑު އިވިއްޖެ؟” ކިތަންމެ މަޑުން ޔާނިއު ވާހަކަ ދެއްކި ކަމުގައިވީ ނަމަވެސް އެ އަޑުގައިވީ ހަރުކަށިކަމާއި ނަފްރަތު ދޭހަވާހައިވެއެވެ.
ފަހުގެ އިންޒާރު ނިމްޝާއަށް ދިނުމަށް ފަހު ނިމްޝާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި ލައިނީގެ އަތުގައި ހިފައިގެން ހުރެ ޔާނިއު އެ ކެބިންއިން ނުކުތެވެ. ޔާނިއު ހަމަ ނުކުތުމާއި އެކު ނިމްޝާގެ މޫނުމަތީގައިވީ މަލާމާތުގެ ހިނިތުންވުން ފޭދި، އެ ދޮން މޫނުމަތީގައި ވެރިކަން ކުރަން ފެށީ ނަފްރަތުގެ އަނގުރު އަލިފާނެވެ.
“ތީ ޔާނިއުއަށް ހީވާ ގޮތް.. ރައިހާން އެއީ އަހަރެންގެ މީހެއް.. އަހަރެން އޭނަ ކާމިޔާބު ކުރާނަން! އަހަރެންގެ މަގުސަދު އަހަރެން ހާސިލް ކުރާނަން! އެދުވަހުން ޔާނިއު ވެސް ޖެހޭނީ ބަލަބަލައި ހުންނަން!” ހަރު ޢަޒުމެއްގައި ހުރެ ނިމްޝާ އަމިއްލަ ނަފްސަށް އިވޭ ވަރަށް ބުނެލި އިރު، ތަޤުދީރުގައި މާ ކުރިން އެކުގައި ލިޔެވިފައިވާ ދެ ނަމެއް ވަކި ނުކުރެވޭނެކަން އޭނާއަށް ނުވިސްނެނީއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.







Masha allah
Mibaives vvv reeethi
Curiously waiting for the next
Mi part vx varah Reethi Masha Allah…
Yaan and Lai is backkk, Sooo happy Livy and Lai ge bappa rangalhu veema ☺️
What the hell is wrong with you Nimshaaa??? Ren ah ufaaverikameh libuneema keh nuvegen dhw thi ulheny🙄 Nimsha ah Ren emme beynun v dhuvahu gosfa Mihaaru keekkuran tha Thi aeee🤬 Livya kuda vaguthu kolhaku vx madu kollinama dhw, iveyny Ren buni echehi,😩 Livy and Ren dhuru nukurachey, plsss 🙏🥺😭 mi Nimsha eh dheke haadha rulhieh eba araeyy 🤬🙄 If I was Ren, I’ll rip her head off 🤬
When Next??? Curiously waiting for the next part.. Appreciate your hard work 🥰💗
Lysm Nayu 💗
Bodu nimshaaa gandu.mi insaanakaa hedhi Ren ge dhiriulhun halaakuvyves
Adhi ladheh ves nuganey annaakah dhevana faharah.kathuru fani gandu
Haadhahaa foohseh vey…
Livy fakeeru dhwww 😢😭
Nayuu please Ren aa Livy dhuru nukurahchey ,I’m gonna get a heart attack ehnvejjeyaa😭😭
This part ATE hama 🔥
Luv you always❤️
Dhn alhe … Nimisha vx dhw… next part avahah laidhehcvhey….vrh reethi mi Bai ves mashallah ♥️
Mashallah mi aprt vx vrh reethi
Alhe mi nimsha miulheyn kihineh vgen tha
Livy aa ren aa maagulhey
Cant wait for next part when is next
Lyssssmmm sis
Alheyy haadha curious kohlaafa😭😭
Alhe pls livy n ren dhuru nukurahche🥺
Nimsha dheke vrh foohi vehje hama aslah
Btw vrh reethi mi part ves
When is next
I cant wait for it
Love you naayoo🥰❤️
Tc🥹
Hello Naya drl.! 🥹
Finally got time to comment this story.
So happy to see your story after long time. After such a long wait, reading your words again feels like coming home. I didn’t realize how much I missed your writing until I read this. This story proves that true writers never fade. Thank you for coming back and reminding us why your stories live in our hearts and returning the same magic we missed deeply.
As usual, this story is so perfect and speechless. every line in this story carries emotions and every line feels alive. You’ve ended this part at the perfect moment. I truly can’t wait for the next part. 🥹
Lots of Love ❤️
Vrh reethi mibaives.When nexttt??