Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެދޭ މަންޒިލަކީ… 19

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
December 23, 2025 9 Mins Read
5 Comments

“ޕްލީޒް.. ޑޯންޓް ލީވް މީ..” ރުއިމުގެ ސަބަބުން ކުރެހިވެފައިވީ އަޑުން ރައިހާން އާދޭހުގެ ރާގެއްގައި ބުނެލުމާއެކު ލިވްޔާގެ ހިތުގައި ރިއްސައިލީ އިންތިހާއަށެވެ.

“ނުދާނަމޭ.. އައިމް ރައިޓް ހިއަރ.. ރައިހާން ބޭނުން އިރެއް ވަންދެން އަހަރެން ހުންނާނަން..” ރައިހާންގެ ބޮލުގައި ތުންފަތް ޖައްސައިލަމުން ލިވްޔާ ބުނެލުމުން އަނެއްކައި ވެސް ރައިހާންގެ ހަށިގަނޑު ލިވްޔާގެ އަތުތެރެއަށް ދޫވެގެން ދިޔައެވެ.

“ޕްލީޒް ނުދައްޗޭ.. ޕްލީޒް.. ލިވްޔާ ގޮއްސިއްޔާ އަހަރެން- އަހަރެން މަރުވެދާނެ.. އައި ލަވް ޔޫ ސޯ މަޗް..” އެ އިން ގޮތަށް އިނދެ ރައިހާން ބުނެލި ބަސްތަކުން ލިވްޔާގެ ހިތް ހީވީ އަނެއްކައި ވެސް މޭފަޅާފައި ނުކުންނަށް އުޅުނު ހެންނެވެ. އެހެންނަމަވެސް ކުރީ ފަހަރެކޭ އެއްފަދައިން މިފަހަރު އޭނާ ދުވެ ފިލާކަށް ނޫޅުނެވެ. ބަދަލުގައި އޭނާ އިތުރަށް ރައިހާންއާ ކައިރިވެލަމުން އެ ހަށިގަނޑުގައި ވަށައިލެވިފައިވީ ދެއަތް ބާރުކޮށްލީ ދުލުން ނުބުނެވުނު އިހުސާސް، ޢަމަލުން ރައިހާންއަށް ދައްކައިދެވޭތޯއެވެ.

އިރުކޮޅެއް ވާން ދެން އެގޮތުގައި އިނުމަށް ފަހު ރައިހާން ލިވްޔާއާ ދުރުވެލަމުން، އެ ރަތްވެ ދުޅަވެފައިވީ ދެލޮލުން ލިވްޔާއަށް ބަލައިލިއެވެ. އެ ތެމިފައިވީ ދިގު އެސްފިޔަތައް ޖަހައިލަމުން ދެ ލޮލުގެ ތެރޭގައި ގައިދުވެފައިވީ ކަރުނަތައް ކޯތާފަތް މައްޗަށް މިނިވަންކޮށްލީ ސާފުކޮށް ލިވްޔާގެ ސޫރަ ދެކިލުމަށްހެން ހީވެއެވެ.

ރައިހާންގެ ތާޒާކަން ގެއްލި ދުޅަވެފައިވީ މޫނު ފެނުމުން ލިވްޔާގެ ހިތުގައި ރިއްސައިލީ އޭގެ އިންތިހާއަށެވެ. ލަސްލަހުން އޭނާގެ ދެއަތުން ރައިހާންގެ މޫނުގައި ހިފަހައްޓައިލާފައި ލިވްޔާ ރައިހާންގެ ކޯތާފަތުގައިވީ ކޮންމެ ކަރުނައިގެ ނިޝާނެއްގައި ނުހަނު ލޯބިން ބޮސްދިނެވެ.

ތެމިފައިވީ ކޯތާފަތަށް ލިވްޔާގެ މަޑުމަޑު ތުންފަތުގެ އިހުސާސް ކުރެވުމުން ރައިހާން ދެލޯ މަރައިލީ ފަނޑު އެހެނަސް ހިތްގައިމު ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލަމުންނެވެ. ލަސްލަހުން ލޯ ހުޅުވައިލާފައި ލިވްޔާގެ މޫނަށް ބަލައިލި އިރު އެ ރޭގަނޑެއް ފަދަ ކަޅުކަން ދެލޮލުގެ ތެރެއިން މިފަހަރު ވިދުވަރެއް ފެނިލިކަން ޚުދު ލިވްޔާއަށް ވެސް ފާހަގަވިއެވެ.

“ޕްލީޒް.. އަހަންނަށް މަޢާފު ކޮށްދީ.. އަހަންނަށް ތިހެން ނުހަދާ.. އަހަރެން-” ރައިހާންގެ އަނގައިގައި އޮތް ބަސް ބޭރުކުރެވުމުގެ ކުރިން ލިވްޔާ އޭނާގެ ޝަހާދަތް އިނގިލި ރައިހާންގެ ތުންފަތުގައި ޖައްސައިލާފައި ރައިހާންގެ ބަސް ހުއްޓުވިއެވެ.

“އިޓްސް އޯކޭ.. އަހަރެން މަޢާފު ކޮށްފީމޭ.. ދެން ހުއްޓައިލާ..” ރައިހާންގެ ކޯތާފަތުގައި ބޮސްދެމުން ދިޔަ ކަރުނަތިކިތައް ފުހެލައިދެމުން ލިވްޔާ ބުނެލީ ހިތުގެ އަޑިންނެވެ. އެހެނަސް ލިވްޔާގެ އެޢަމަލުން ރައިހާންއަށް ހައްތަހައި ބޮޑަށް ރޮވުނީއެވެ.

“އަހަރެން މަޢާފު ކޮށްފީމޭ ބުނީމަ ވެސް ރޮނީތަ..؟” ރައިހާންއަށް ވަމުން ދިޔަ ގޮތުން ހާސްވެފައި އިނދެ ލިވްޔާ އަހައިލިއެވެ.

“އަހަރެން- އަހަންނަށް އެނގޭ ލިވްޔާގެ މަޢާފު އަހަންނަށް ހައްގު ނުވާކަން ވެސް.. އެކަމަކު- އައި ކާންޓް ހެލްޕް އިޓް.. އައި ޕްރޮމިޒް ޔޫ.. ދެން ދުވަހަކު ވެސް ލިވްޔާ ދެރަވާ ކަހަލަ ކަމެއް ނުކުރާނަން.. އައިލް ޕްރޫވް ހައު މަޗް އައި ލަވް ޔޫ.. އަހަރެން ވައުދުވަން..” ލިވްޔާގެ އުނަގަނޑުގައި އަތް ވަށައިލާފައި އިތުރަށް އޭނާއާ ކައިރިއަށް ދަމައިލަމުން ރައިހާން ބުނެލި އިރު އެ އަޑު ކުރެހިފައި، ގިސްލެވެމުން ދިޔަ ނަމަވެސް ސާބިތުވެފައި ޔަގީނެވެ.

“އިހަށް ރުއިން ހުއްޓައިލާބަލަ.. އޭގެ ފަހުން ވާހަކަ ދައްކާނީ..” ލުއި ހުނުމަކާ އެކީ ރައިހާންގެ ކަރުނަ ފުހެލައިދެމުން ލިވްޔާ ބުނެލުމުން ރައިހާން ގާތަށް ވެސް ހިނި އައެވެ. ބޯޖަހައިލަމުން ރައިހާން ރުއިން ހުއްޓައިލެވޭތޯ ބެލީ ލިވްޔާ ގާތު ބުނަން ބޭނުންވާ ވާހަކަ ގިނަކަމުންނެވެ.

“ރައިހާން ބޭނުން ކޮންމެ ވާހަކައެއް ވެސް އަހަންނާ ހިއްސާ ކުރެވޭނެ އިނގޭ..؟ އަހަރެން އަބަދުވެސް ހުންނާނީ ރައިހާންއާ އެކީ.. ގޭތެރޭގަ ކަމެއް ދިމާވިޔަސް، މަންމަމެންގެ މަތިން ހަނދާން ވިޔަސް، އަދި އެހެން ކަމެއް ވިޔަސް އެ ވާހަކަ އަހަންނާ ހިއްސާ ކުރައްޗޭ.. އަހަރެން އަބަދުވެސް ރައިހާން ދައްކާ ވާހަކަތައް އަޑު އަހާނަން.. ރައިހާން ރޯން ބޭނުންވީމަ މިހެން އަހަރެންގެ އަތުތެރޭ ފޮރުވައި ވެސް ދޭނަން..” ލިވްޔާގެ ލޯބިން ފުރިގެންވީ އޯގާތެރި ބަސްތަކުން ރައިހާންގެ ހިތް މަޑު ކަފަކޮޅަކަށް ވެގެން ދިޔަ އިރު އެ ތުންފަތް ދެމިލީ ފަނޑު އެހެނަސް ހިތްގައިމު ހިނިތުންވުމަކުންނެވެ.

މި ހުރިހައި ދުވަހަކު ދިމާވި ހުރިހައި ހުރަސްތަކެއް އޭނާ ކަޑައްތު ކުރީ އެކަނިމާއެކަންޏެވެ. މަންމަމެން މަތިން ހަނދާން ވިޔަސް، ރީނާއާ މައްސަލައެއް ޖެހުނަސް، އަދި އެހެން ކަމެއް ދިމާވިޔަސް އޭނާ ކަރުނައެޅީ އެކަންޏެވެ. ގިސްގިސްލާފައި ރޮއެރޮއެ މީހާ ހަލާކުވާ އިރު ވެސް އެހީގެ އަތެއް ދިއްކޮށްލާނެ މީހަކު ނާދެއެވެ. ބޯއަޅައިލާނޭ އުނގެއް ނުލިބެއެވެ. މުޅި ދުނިޔެއަށް ވަންހަނާ ކުރެވިފައިވީ އޭނާގެ ނާޒުކު ހާލަތު ފޮރުވައިލަދޭނޭ އަތެއް ނުލިބެއެވެ.

އެހެނަސް ލިވްޔާ އޭނާގެ ހަޔާތަށް އައުމާއެކު އެ ހުރިހައި ކަމެއް ބަދަލުވެގެން ހިނގައްޖެއެވެ. އެކި ސިފަސިފައިގައި، އެކި ޝަޚްސިއްޔަތުތަކުގެ ގޮތުގައި އޭނާގެ ޙަޔާތަށް އައި އެ އަންހެން ކުއްޖާ މިއަދު މުޅީން އެހެން ޝަޚްސިއްޔަތެއް ވެސް މިލްކުކޮށްފިއެވެ. މިއަދު އެއީ މަގުމަތިން ފެނުނު ރުޅިގަދަ އަންހެން ކުއްޖާއެއް ނޫނެވެ. އޭނާގެ ފަހަރިގެ ކޮއްކޮއެއް ވެސް ނޫނެވެ. އޭނާގެ ދަށުން މަސައްކަތް ކުރާ މުވައްޒަފެއް ވެސް ނޫނެވެ. އަދި އޭނާ އިންތިހާއަށް ރުޅިއަންނަ އަންހެން ކުއްޖާއެއް ވެސް ނޫނެވެ. އެހެނަސް މިއަދު އޭނާގެ އަތުތެރޭގައި އިނދެ އޭނާގެ ލޮލުން އޮހޮރޭ ވޭނީ ކަރުނަތައް ފުހެދެމުން އެ ދަނީ އެ ހިތުގެ ރާނީއެވެ. އެ ހިތް ރެޔާ ދުވާލު އެދެވޭ މަލިކާއެވެ. ދެން މީހަކު ދެކެ ލޯބި ނުވެވޭނެ ކަމަށް ނިންމައިގެން ހުއްޓައި ޚުދު އޭނާއަށް ވެސް ނޭޭނގި އެ ހިތް ފަތަޙަ ކުރި ފަތްމިންޏެވެ.

“ދެން އަވަހަށް ނިދައިލާ އިނގޭ.. މާދަން އޮފީހަށް ވެސް ދާން ޖެހޭނެއެއްނު..” ރައިހާންގެ މޫނުގައި ފިރުމައިލާފައި އެ ނިތްމައްޗަށް އެޅިފައިވީ އިސްތަށިކޮޅުތައް އެއްފަރާތް ކޮށްލަމުން ލިވްޔާ ބުނެލިއެވެ.

ލިވްޔާގެ ބަހަށް ލަސްލަހުން ބޯޖަހައިލަމުން ރައިހާން ކޮޅަށް ތެދުވި އިރު ވެސް އެ އަތް ވަނީ ލިވްޔާގެ އުނަގަނޑުގައި ވަށައިލެވިފައެވެ. ހީވަނީ އިރުކޮޅަކަށް ވެސް އެ އަތުތެރެއިން ލިވްޔާ ދޫކޮށްލަން ބޭނުން ނުވެ ހުރިހެންނެވެ.

“ތިގޮތަށް އަހަރެން ގައިގަ ހިފަހައްޓައިގެން ހުރީމަ އަހަރެން ކިހިނެއް ދާނީ..؟” ރައިހާންގެ ނޭފަތުގައި މަޑުމަޑުން ހިފައިލަމުން ލިވްޔާ ބުނެލީ ލާނެތް ރާގަކަށެވެ.

“ނުދެވޭނެ ހެން ހަދާށޭ މި އުޅެނީ..” އަދިވެސް ކައިރިއަށް ލިވްޔާ ދަމައިލަމުން ރައިހާން ބުނެލުމުން ލިވްޔާ ލަދުން އިސްޖަހައިލި މަންޒަރު ރައިހާންއަށް ސިފަވީ ފުރިހަމަ އަޖައިބެއް ފަދައިންނެވެ.

“ލިވްޔާ ހާދަ ރީއްޗޭ.. ޔޫ އަރ ސޯ ގޯރޖަސް.. ސޯ ޑޭމް ގޯރޖަސް..” އެއް އަތުން ލިވްޔާގެ ކޯތާފަތުގައި ފޮރުމައިލަމުން ރައިހާން ބުނެލުމާއެކު ލިވްޔާއަށް ސިހިފައި ރައިހާންއަށް ބަލައިލެވުނީ އެއީ ރައިހާންގެ ފަރާތުން އެފަދަ ތައުރީފެއް އިވުނު ފުރަތަމަ ފަހަރު ކަމަށް ވީތީއެވެ.

“ކުރިން އަހަރެން ބުނި އެއްވެސް އެއްޗަކާ ދޭތެރޭ ނުވިސްނައްޗޭ.. އޭރު އަހަންނަކީ މޮޔައެއް..” ދެއަތުން ލިވްޔާގެ މޫނުގައި ހިފަހައްޓައިލަމުން ރައިހާން ބުނެލީ ކުށްވެރިކަމުގެ އިހުސާސަކާ އެކީއެވެ. ކުރިން ލިވްޔާއާ ދިމާއަށް ބުނެވިފައި ހުރި ބަސްތަކުން އޭނާ ދެރަވަނީއެވެ. އެއިން ކޮންމެ ލަފްޒެއް ލިވްޔާ ހަނދާން ނެތޭ ވަރަށް ލިވްޔާއަށް ތައުރީފު ކުރުމަށް އެ ހިތް އެދި ގޮވަމުން ދިޔައެވެ.

“އޭރު އެކަނިތަ..؟ މިހާރު ވެސް ހަމަ އެހައި މޮޔަ..” ލާނެތް ހިނިތުންވުންމަކާ އެކީ ލިވްޔާ ބުނެލުމުން ރައިހާން ވެސް ހީލިއެވެ.

“އަސްލު ވެސް އިނގޭ.. އަހަރެން އޭރު ބުނި އެއްވެސް އެއްޗަކާ ދޭތެރޭ ނުވިސްނައްޗޭ.. ވެދާނެ އޭރު އަހަރެންގެ ލޮލުގަ އުނިކަމެއް ހުރީ ކަމަށް ވެސް.. ލިވްޔާ އަސްލު ވެސް ވަރަށް ވަރަށް ރީތި.. ތިހާ ރީތި ކުއްޖަކު ލާހިކެއް ނޫން އެއްވެސް ތާކުން ހޯދާކަށް..” ލިވްޔާގެ ނިތުގައި ބޮސްދެމުން ރައިހާން ކޮށްލި ތައުރީފާ އެކީ ލިވްޔާ އިތުރަށް ލަދުގަތެވެ.

“ދެން އޯކޭއޭ.. އިހަށް ދޭ ނިދަން.. ވަރަށް ވަރުބަލިވެފަ އެއްނު ތިހުރީ..” ރައިހާންގެ މޫނުގައި އޭނާގެ ހިމަދިގު އިނގިލިތައް ބީއްސައިލަމުން ލިވްޔާ ބުނެލުމުން ރައިހާން ލޯމަރައިލީ ލިވްޔާާގެ ބީހުމުގެ އިހުސާސުން ލިބުނު ފުން އަރާމަކުންނެވެ.

“އެކަމަކު އަހަރެން ބޭނުމެއް ނޫން ލިވްޔާ ދޫކޮށްލާކަށް..” އިހުނަށްވުރެ ވެސް ބޮަޑަށް ލިވްޔާ އޭނާގެ ގަޔާލައި ފިތައިލަމުން ރައިހާން ބުނެލީ ކުޑަކުއްޖަކު ފުއްވައިލާ ފަދައިންނެވެ.

“ދެން އެހެނޭ ކިޔާފަ އަހަންނަށް މުޅި ރޭ މިތާ ހުރެވޭތަ..؟” ލުއި ހުނުމަކާ އެކީ ލިވްޔާ އަހައިލީ ރައިހާންގެ ކޮނޑުގައި އަތް ވަށައިލަމުންނެވެ.

“ހުރެބަލަ.. ކާކުތަ ހުއްޓުވާނީ..؟ އެހެން ނޫނީ.. ލިވްޔާގެ އަމިއްލަ ނަފްސަށް އެއްވެސް ވަރެއްގެ ޔަގީންކަމެއް ނެތީތަ..؟ އައި މީން، އައި ޑޯންޓް ބްލޭމް ޔޫ.. އައި ނޯވ އައިމް ޕްރިޓީ އިރެސިސްޓެބްލް..” ލާނެތް ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލަމުން ރައިހާން ބުނެލުމުން ލިވްޔާ ލޯއަޅައިލާފައި ރައިހާންގެ މޭމަތީގައި ތަދުނުވާ ވަރަށް ޖަހައިލިއެވެ.

“ޗީޑި ދެން ރައިހާން.. ވަރިހަމަ ދޯ ކޮންމެ އެއްޗެއް ކިޔުނަސް..؟ މާމައާ ޒީންތައާ ހަލީމްބެއާ އެންމެ ތިއްބައޭ އަހަރެން އައިސް މިކޮޓަރިއަށް މި ވަނީ.. ދެން އަހަރެން މިތަނުން ނުނުކުމެ ހުރީމަ އެމީހުން ކޮންމެ ފަދަ އެއްޗެކޭ ވެސް ހީކޮށްފާނެ..” ލިވްޔާގެ ވާހަކަ ފެށީ ހަރުކޮށް ކަމުގައި ވިޔަސް ވާހަކަ ނިމުނު އިރު އެ އަޑުގައި ހުރީ ރައިހާންއަށް ވިސްނައިދޭ ރާގެކެވެ.

“ދެން އެކަމް ވެސް-” ރައިހާން އެއާ ވިއްދާފައި އެއްޗެއް ބުނަން އުޅުނު ނަމަވެސް އެކަން ކާމިޔާބު ނުވީ ލިވްޔާ ވާހަކަ ދައްކަން ފެށުމުންނެވެ.

“މާދަމާ އަނެއްކާ ވެސް ފެންނާނެއެއްނު.. ދެން އިހަށް އަހަރެން ދިޔަދީ.. މިތާ އަހަރެން މާ ގިނަ އިރު ވަންޏާ މާމަ ރުޅި ދުރުވެދާނެ..” އައިސާމަނިކެގެ ހަރުކަށި ގޮތްގަނޑު ރަނގަޅަށް އެނގޭތީ ލިވްޔާ ބުނެލުމުންނެވެ. އެއާއެކު ރައިހާން ވެސް ބަލި ގަބޫލު ކުރަމުން ފުން ނޭވާއެއް ދޫކޮށްލާފައި ލިވްޔާގެ އުނަގަނޑުގައި ވަށައިލެވިފައިވީ ދެއަތް ދޫކޮށްލިއެވެ.

“އޯކޭ.. ގުޑްނައިޓް..” ލިވްޔާގެ ނިތުުގައި ތުންފަތް ޖައްސައިލަމުން ރައިހާން ބުނެލުމުން ލިވްޔާ ހިނިތުންވެލާފައި ދެލޯ މަރައިލިއެވެ.

“ގުޑްނައިޓް ރައިހާން..” ރައިހާންއަށް ހިނިތުންވުމެއް ރައްދުކޮށްލުމަށް ފަހު ލިވްޔާ ފަހަތަށް ފިޔަވަޅެއް އަޅައިލިއެވެ. ދެތިން ފިޔަވަޅަށް ފަހު ފަސްއެނބުރިފައި ގޮސް ދޮރު ހުޅުވައިލާފައި، ނުކުތުމުގެ ކުރިން އަދި އެއްފަހަރު ރައިހާންއަށް ބަލައިލިއެވެ.

ލިވްޔާ ބަލައިލުމުން ރައިހާން ހިނިތުންވެލާފައި ހަނާއަޅައިލިއެވެ. ބަދަލުގައި ލިވްޔާ ވެސް ފުޅާ ހިނިތުންވުމަކާ އެކީ ރައިހާންއަށް ހަނާއަޅައިލަމުން ކޮޓަރިން ނުކުމެފައި ދޮރު ލައްޕައިލިއެވެ.

ލިވްޔާ ލޯކުރިމަތިން ހަމަ ގެއްލުމާއި އެކު ރައިހާންއަށް ނޭނގޭ ފަޅުކަމެއް އިހުސާސް ކުރެވުނެވެ. އެހެނަސް އަދި ލިވްޔާއަށް ބޭނުންހައި ވަގުތަކު އޭނާގެ ގާތުގައި ނުހުރެވޭނެކަން އަމިއްލަ ހިތަށް ވިސްނައިދެމުން ރައިހާން ގޮސް އެނދުމަތީގައި އޮށޯތެވެ. ދާދި ދެންމެއަކު ލިވްޔާގެ އަތުތެރޭގައިވީ ގޮތް ހަނދާން ވުމުން ރައިހާންގެ ތުންފަތުގައި ހިތްގައިމު ހިނިތުންވުމެއް ކުޅެލި އިރު މިރޭ ވީ އެއްވެސް ކަމެއް މިހާރު ހަނދާނަކު ނެތެވެ. އެއްވެސް ކަމަކާ ދޭތެރޭ ހިތާމަކުރާ ވަރަށް ވުރެ ބޮޑަށް އެ ހިތް ވަނީ ލިވްޔާގެ ޚިޔާލުތަކުން އުފާވެފައެވެ.

*** ** ***

ރައިހާންގެ ކޮޮޓަރިން ނުކުތް ގޮތަށް ފެންޑާގައި ތިބި ހަލީމްއާއި ޒީނާގެ އިތުރުން އައިސާމަނިކެއަށް ހިނިތުންވުމެއް ރައްދުކޮށްލާފައި ލިވްޔާ ގޮސް ވަނީ އޭނާގެ އަމިއްލަ ކޮޓަރިއަށެވެ. ހަމަ ދޮރު ލެއްޕުމާއި އެކު ލިވްޔާ ކުޑަކޮށް ދުވެލާފައި ގޮސް އެނދުމައްޗަށް ވެއްޓިގަތެވެ. އެނދުމަތީގައި އުއްޑުން އޮށޯވެފައި ލިވްޔާ ބާލީހެއް ނަގާފައި މޭމަތީގައި ބޮނޑިކޮށްލިއެވެ. ހިނިތުންވެލާފައި ދެލޯ މަރައިލި އިރު ދެންމެ ރައިހާންއާ އެކުގައި ހޭދަވީ ކޮންމެ ވަގުތެއް، އެދެމެދުގައިވީ ކޮންމެ ކަމެއް، އެ ދުލުން ބުނެލި ކޮންމެ ބަހެއް ވެސް ލިވްޔާގެ ހިތުގައި ބިންވަޅުނެގިފައި ވިއެވެ.

ރައިހާން ތަކުރާރުކޮށް އޭނާ ދެކެ ލޯބިވާ ވާހަކަ ބުނި ކޮންމެ ވަގުތެއް، އެ ދުލުން ލިވްޔާއަށް ކުރި ކޮންމެ ތަޢުރީފެއް ހަނދާންވުމުން އެ ހިތް އުފަލުން ފޮޅެމުން ދިޔަ ކަހަލައެވެ. ރައިހާން އޭނާގެ ޖަވާބަކަށް އިންތިޒާރު ކުރާނެކަން ހަނދާންވުމުން އެ ހިތުގެ ތެޅުން އިހުނަށް ވުރެ ވެސް އަވަސްވެލައިިފިއެވެ. ރައިހާން ދެކެ ލޯބި ވެވިއްޖެކަން، އެ ހިތުން އެ މަގާމު ރައިހާންއަށް ދެވިއްޖެކަން އެންމެ ފުރިހަމައަށް އޭނާއަށް ޔަގީންނުވި ނަމަވެސް އެއް ކަމެއް ލިވްޔާއަށް ޔަގީނެވެ. އޭނާއަށް ރައިހާންއާ ގަޔާވެވިއްޖެއެވެ. ނުހަނު ބޮޑަށެވެ.

*** ** ***

ޖެހިގެން އައި ދުވަހު ހެނދުނު ސައިގެ ވަގުތު ރައިހާންގެ މޫނުމަތިން ފެންނަމުން ދިޔައީ އާދަޔާޚިލާފު އުފާވެރިކަމަކާއި ހިތްހަމަޖެހުމެކެވެ. ވޭތުވެގެން ދިޔަ ދުވަސްތަކުގައި ލިވްޔާގެ ފަރާތުން ފެނުނު ދުރުކަމާއި ބީރައްޓެހިކަމުގެ ސަބަބުން މާޔޫސްވެފައިވީ އެ ހިތަށް ލިބުނު ދިިރުން އެ އުޖާލާ މޫނުމަތިން ދިޔައީ ނުހަނު ސާފުކޮށް ފެންނަމުންނެވެ.

މޭޒު ކައިރީގައި އިން ރީނާ އިނީ ރޭގައި ކަންތައް ކުރެވުނު ގޮތުން ރައިހާންއާ އިސްވެ ހަތަރުކަޅިހަމަކޮށްލަން ވެސް ނުކެރިފައެވެ. އޭނާއާއި ރިއާގެ ހުރިހައި ކަމެއް ބަލަހައްޓައިދީ، އޭނާ ދެކެ އެހައި ލޯބިވާ އިރު ވެސް ކޮއްކޮއަށް އެފަދަ އަނިޔާއެއް ދެވުނު ހަނދާން ވުމުން ރީނާއަށް ދިޔައީ އަދިވެސް ކުށްވެރިކަމުގެ އިހުސާސް ކުރެވެމުންނެވެ. އެހެންނަމަވެސް ރައިހާންގެ މޫނުމަތީގައިވީ ހިނިތުންވުމާއި ހިތްހަމަޖެހުން ފެނި އޭނާގެ ހިތަށް ވެސް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބިއްޖެއެވެ.

ސަޔަށް އިންސާފުކުރެވެމުން ދިޔަ ވަގަުތު ލިވްޔާ އާއިި ރައިހާންގެ މެދުގައި ބަދަލުކުރެވެމުން ދިޔަ ސިއްރު ބެލުންތަކާއި ހިނިތުންވުންތައް އެހެން އެންމެންނަށް ފާހަގަނުވެ ނުދިޔައެވެ. ހަލީމްއާއި ޒީނާ އެކަކު އަނެކަކަށް ބަލައިލާފައި ހިނިތުންވެލި އިރު، ރީނާ އާއި އައިސާމަނިކެ ވެސް ދޭތެރެއަކުން ހިނިތުންވަނީ އެދެމެދުގައި ކޮންމެވެސް ގުޅުމެއް އޮންނަ ކަން ޔަގީންވުމުންނެވެ.

މި ހުރިހައި ދުވަހަކު ރައިހާން އާއި ލިވްޔާ އެކަކުއަނެކަކު ހުންނަ ތަނެއްގައި ސިކުންތަކަށް ހުންނަން ވެސް ދަތިވެގެން އުޅޭ ވަރަށް އެކަކު އަނެކަކަށް ނަފްރަތު ކުރާ ކަމަކީ އެއިން އެކަކަށް ވެސް އޮޅިފައިވާ ކަމެއް ނޫނެވެ. އެހެންނަމަވެސް އެންމެ ފުރަތަމަ މީގެ ދެތިން ހަފްތާ ކުރިން އެ ވެހުނު ވާރޭގަނޑުގެ ތެރޭގައި ލިވްޔާގެ ހަށިގަނޑު އަތްދަނޑިމައްޗަށް ލައިގެން ރައިހާން ގެއަށް ވަން ހިސާބުން ފެށިގެން، ހިނދުކޮޅަކަށް ވެސް ލިވްޔާއާ ދުރަށް ދާން ބޭނުން ނުވެފައި ރައިހާން ހުރުމާއި، ލިވްޔާ ނުކައިގެން ރައިހާން ކަންބޮޑުވެގެން އުޅުނު ވަރާއި، އަބަދު ލިވްޔާގެ ފަސްފަހަތުން ރައިހާން އުޅުނު ގޮތާއި، އެދެމެދުގައި އަބަދުމެހެން ބަދަލުކުރެވޭ ސިއްރު ނަޒަރުތަކުން އެ އެންމެންނަށް ވެސް ކޮންމެ ކަމެއް ދޭހަވާ ފަދައެވެ.

*** ** ***

ރައިހާން އޮފީހަށް ދިޔުމާއި އެކު ލިވްޔާ ފޫހިވެގެން ގޭތެރޭގައި އެނބުރެން ފެށީ ރިއާ ވެސް ސްކޫލަށް ދިޔުމުންނެވެ. އިރުކޮޅަކުން ފޫހިވެގެން ބަދިގެއަށް ވަދެފައި ރީނާއަށާއި ޒީނާއަށް އަތްގާތްކޮށްދޭން އުޅެފައި ދެން ދިޔައީ އައިސާމަނިކެ ގާތަށެވެ. އިރުކޮޅަކު އައިސާމަނިކެ ފައި މޮޑެދެމުން އައިސާމަނިކެއާ ވާހަކަ ދައްކަން އިނދެފައި ލިވްޔާ ކުއްލިއަކަށް ސިހުނީ އައިސާމަނިކެ ރައިހާންގެ ވާހަކަ އެހުމުންނެވެ.

“ކަނބުލޮއާ އެސޮރާ ކަމެއް ދޯ..؟” އައިސާމަނިކެ އެ ސުވާލު އެހި އިރު އެ އަޑުގައި އެއްވެސް ވަރެއްގެ ނުރުހުމެއް ނެތް ނަމަވެސް އެ ސުވާލުން ލިވްޔާ ހާސްވީ އަދި އެ ސުވާލުގެ ޖަވާބު ޚުދު އޭނާއަށް ވެސް ނޭނގޭތީއެވެ. ރައިހާން އޭނާ ދެކެ ލޯބިވެއެވެ. އޭނާގެ ޖަވާބަކަށް އިންތިޒާރު ކުރެއެވެ. އެހެނަސް އޭނާއަށް އަދި ވިސްނަން ވަގުތުކޮޅެއް ބޭނުންވަނީއެވެ.

“ނުބުންޏަސް މާމައަށް އެނގޭ ތިދެކުދިން މެދުގަ ކޮންމެވެސް ގުޅުމެއް އޮންނަކަން.. އެހެންވެއެއްނު ރައިހާންގެ ވާހަކަ ހަމަ އަހައިލާ އިރަށް ކަނބުލޮ ތިހައި ލަދުން އުޅޭނީ..” ހިނިތުންވަމުން އައިސާމަނިކެ ބުނެލުމާއި އެކު ލިވްޔާ ވެސް ލަދުރަކި ހިނިތުންވުމެއް ރައްދުކޮށްލިއެވެ.

“މިގޭ ހުރިހައި ފިރިހެން ކުދިން ވެސް މި އުޅެނީ އަނީސްގެ ދަރިންކޮޅު އަތުލަން ދޯ..؟ މާމައަށް ޔަގީނޭ މީ ޔާންއާ ރެން ރާވައިގެން ކުރާ ކަމެއްކަން..” ލުއި ހުނުމަކާއެކު އައިސާމަނިކެ ބުނުމުން ލިވްޔާ ވެސް ހީލާފައި ދެފަރާތަށް ބޯހޫރުވައިލިއެވެ.

“މާމަ ވަރަށް އުފާވޭ މާމަގެ ދެ ފިރިހެން ދަރީންނަށް ވެސް އެހައި ރަނގަޅު ބައިވެރީންތަކެއް ލިބުނީމަ.. ލައި އެއީ ޔާންއަށް މާތްﷲ ދެއްވި ރަހުމެއް.. އެހައި ރީތި، ހީވާގި، ލަދުރަކި ކުއްޖެއް.. ދެން ލަދުން އުޅޭ ކުއްޖަކު އުޅެންޏާ ތަންކޮޅެއް އަނގަގަދަ މަންޖެއެއް ވެސް ހުންނަން ވާނެތާ ދޯ؟ އޭރުންނެއްނު މާމަ ފޫހި ފިލާނީ.. ނަސީބެއް ރެންއަށް ލިވްޔާ ކަމުދިޔަކަން..” ލިވްޔާގެ ބޮލުގައި ފިރުވައިލަމުން އައިސާމަނިކެ ބުނެލުމާއި އެކު ލިވްޔާގެ ހިނިތުންވުން އިތުރަށް ފުޅާވިއެވެ.

“މާމަ ހުރީ އަސްލު ވަރަށް ކަންބޮޑުވެފަ ނިމްޝާއާ ރުޅިވި ފަހުން ރެން އެކަހަލަ އެއްވެސް ކަމަކާ ނޫޅޭތީ.. އޭރު ރެން ބުނާނެ ނިމްޝާ އެނބުރި އައި ދުވަހަކުން ނޫނީ މީހަކާ އިނުމުގެ ޚިޔާލު ވެސް ނުކުރާނަމޭ.. އެކަމަކު ލިވްޔާ އެ ހުރިހައި ކަމެއް ބަދަލުކޮށްލައިފި.. ކޮން ކަހަލަ ޖާދުލެއްތަ އެ ސޮރަށް ތި ހެދީ..؟” އައިސާމަނިކެގެ ދުލުން ނިމްޝާގެ ނަން ހަމަ ބޭރުވުމާއި އެކު ލިވްޔާގެ ހިތް ނުތަނަވަސްވިއެވެ. ނިމްޝާގެ ވާހަކަ އަދި އޭނާއަށް މާ ރަނގަޅަށް އެނގިފައި ނެތުމުން، ހިތްވަރުކޮށްލާފައި އެ ވާހަކަ އައިސާމަނިކެ ގާތުން އޮޅުންފިލުވަން ލިވްޔާ ބޭނުންވިއެވެ.

“މާމާ.. ނިމްޝާ އެއީ.. ރައިހާން ކުރިން ރައްޓެހިވީ ކުއްޖާތަ..؟” މަޑުމޮޅި އަޑަކުން ލިވްޔާ އަހައިލުމާއެކު އައިސާމަނިކެ ފުން ނޭވާއެއް ދޫކޮށްލާފައި އެ ވާހަކަ ކިޔައިދޭން ފެށިއެވެ.

“ނިމްޝާ އެއީ ރެން ގުރޭޑު ބާރައިގަ އުޅެނިކޮށް ރައްޓެހިވީ މަންޖެއެއް.. ތެެދަށް ބުނަންޏާ މާމައަށް އެއްގޮތަކަށް ވެސް ކަމުދިޔަ މަންޖެއެއް ނޫން އެއީކީ.. އޭލެވެލް ނިންމި ގޮތަށް އިތުރަށް ކިޔެވުން ވެސް ދޫކޮށްލާފައި މަސައްކަތެއް ވެސް ނުކޮށް ހުރީ.. ދީނީ ކަންތައްތަކަށް އެއްވެސް ފަރުވާލެއް ނުބަހައްޓާނެ.. ރެންއާ އެކީ މިގެއަށް އަންނަ ދުވަސްދުވަހު ވެސް ލައިގެން ހުންނަ އެއްޗެހި ދޯ..؟” އެހައި ހިސާބަށް ބުނުމަށް ފަހު އައިސާމަނިކެ ޕިސްޕިސް ތަޅައިލާފައި ދެފަރާތަށް ބޯހޫރުވައިލިއެވެ.

“އަދި މާމަމެން ކުރިމަތީ ވެސް ރެންގެ ގައިގަ އޮޅިގަނެގެން ހުންނާނީ.. އެއްވެސް ވަރަކަށް ލަދެއް ނުގަންނާނެ.. މާމަ ވެސް ރެންގެ ބައްޕަ ވެސް ވަރަށް ނަސޭހަތްތެރިވީން އޭރު ނިމްޝާއާ ދުރުވާން ރެންއަށް.. އެކަމަކު ރެންއަށް މާ ބޮޑަށް ލޯބިވެވިފަ ހުރީމަ ދެން މާމަމެން ވެސް ފަހުން އަޅައިނުލީ.. ރެން އުފަލުން ހުރިއްޔާ އެ ނިމުނީތާ..؟” އައިސާމަނިކެ ކިޔައިދެމުން ދިޔަ ވާހަކަތައް އަޑުއަހަން ލިވްޔާ އިން އިރު އެ ހިތް ކޮންމެވެސް ވަރަކަށް ނުތަނަވަސްވީ ރައިހާން އިރެއްގައި ވިޔަސް އެވަރަށް އެހެން މީހަކު ދެކެ ލޯބިވީ ވާހަކަ އަޑު އަހަން ޖެހުމުންނެވެ.

“އެހެން ހުއްޓާ އޭގެ އަހަރެއް ފަހުން ރެންގެ މައިންބަފައިން ނިޔާވެ، ރެން ޖެހުނީ ކިޔަވަމުން ކޮމްޕެނީ ހަމައަކަށް އެޅުވުމުގެ މަސައްކަތް ކުރަން.. އެހިސާބުން ރެންގެ މުޅި ދިރިއުޅުން ބަދަލުވެގެން ދިޔަ.. އެއީ ރެންގެ ހަޔާތުގަ އައި އެންމެ އުނދަގޫ ދުވަސްތައް.. އެދުވަސްތަކުގަ ރެންއާ އެކީ ހުރުމުގެ ބަދަލުގަ ނިމްޝާ ރެން ދޫކޮށްލީ.. ރެން ވަރަށް އާދޭސްކުރި.. އެކަމަކު އެމަންޖެ ބޭނުން ނުވީޔޯ އުޅެން.. ރެންގެ އޭރުގެ ހާލަތުގެ ގޮތުން އެމަންޖެ ބޭނުންވާ ހުރިހައި ކަމެއް ކޮށްނުދެވޭތީ.. ރެންގެ ކުރިމަތީ އެހެން ފިރިހެނަކާ އެކީ ދިޔައީ.. އަންހެނަކު އެހައި ގޯސްވާން ހެޔޮވާނެތަ..؟” އައިސާމަނިކެ ކިޔައިދިން ވާހަކަތަކުން ލިވްޔާ އިތުރަށް ހިތްދަތިވީ އެދުވަސްތަކުގައި ރައިހާން ތަޙައްމަލު ކުރި ވޭން ހިތަށް އަރުވައިލެވުމުންނެވެ. ދުވަހެއްގެ ކޮޅުން އޭނާގެ ފަރާތުން އެކަހަލަ އަނިޔާއެއް ރައިހާންއަށް ނުދިނުމަށް ލިވްޔާ އަމިއްލަ ނަފްސަށް ވަޢުދުވިއެވެ.

“އެކަމަކު މާމަ ވަރަށް ހިތްހަމަޖެހޭ މިހާރު ރެން ކަނބުލޮއާ އެކީ ދިރިއުޅުމެއް ފަށަން ވިސްނާތީ.. މާމައަށް ވެސް އަދި އެހެން މީހުންނަށް ވެސް ކަނބުލޮ ވަރަށް ކަމުދޭ.. ދެކުދިން ރީތިކޮށް އުޅޭތި އިނގޭ..؟ ރެންއަކީ އެހެން ހަރުދަނާކޮށް ފެނުނަސް ވަރަށް ބައިވަރު ކަންތައްތަކާ ކުރިމަތިލާފައި ހުރި ކުއްޖެއް.. ދުވަހަކު ވެސް މާމަގެ ރެންއަށް ދެރައެއް ނުދެއްޗޭ..” ލިވްޔާގެ އަތުގައި ހިފައި ބާރުކޮށްލަމުން އައިސާމަނިކެ އެދުމާ އެކީ ލިވްޔާ ވަގުތުން ހިނިތުންވެލާފައި ބޯޖަހައިލިއެވެ.

“އަޅުގަނޑު ދުވަހަކު ވެސް ރައިހާން ދެރަވާ ވަރުގެ ކަމެއް ނުކުރާނަން.. ވައުދުވަން.. އަޅުގަނޑަށް ރައިހާން ވަރަށް ކަމުދޭ.. ވަރަށް ވަރަށް ކަމުދޭ..” އޭނާގެ އެންމެ ރީތި ހިނިތުންވުން އައިސާމަނިކެއަށް ހަދިޔާކޮށްލަމުން ލިވްޔާ ބުނެލުމާއެކު އައިސާމަނިކެ ވެސް ފުޅާ ހިނިތުންވުމަކާ އެކީ ލިވްޔާގެ ކޯތާފަތުގައި ފިރުމައިލިއެވެ.

*** ** ***

އޭނާގެ ކެބިންގައި ކޮމްޕިޔުޓަރުން މަސައްކަތެއް ކުރަން އިން ރައިހާން އިނީ މަސައްކަތަށް ގެއްލި ހުސްވެފައެވެ. އޭނާ ބަލަމުން ދިޔައީ ވީހާ ވެސް އަވަހަކަށް މަސައްކަތްތައް ނިންމައިލުމަށް ފަހު ގެއަށް ދެވޭތޯއެވެ. މިހާރު ވެސް ލިވްޔާ ނުފެނި ދެތިން ގަޑިއިރު ވެފައިވާ އިރު އެކަމުން ހިތަށް ވަމުން ދިޔަ އުނދަގުލުން ޚުދު ރައިހާން ވެސް ހައިރާންވިއެވެ. އޭނާގެ ބަސްނާހާ ހިތުގެ މައްޗަށް ލިވްޔާގެ ބާރު އޮތް މިންވަރު ހިތަށް އަރާފައި އަމިއްލައަށް އިނދެގެން ހިނިތުންވެވޭ ފަހަރު ވެސް މަދެއް ނޫނެވެ.

ރޭގައި ލިވްޔާއާ އެކުގައި ހޭދަކުރެވުނު ވަގުތުކޮޅަށް ފަހު، ލިވްޔާ ނުބުނި ކަމުގައި ވިޔަސް އެ ހިތުގައި ވެސް އޭނާއަށް ޓަކައި ކޮންމެވެސް އިހުސާސެއް ވާކަން ރައިހާންއަށް ޔަގީންވެއެވެ. އޭނާއަށް މިހާރު އެންމެ އުއްމީދު ކުރެވެނީ ލިވްޔާގެ ދުލުން އެ ބަސްތައް ބުނެލާނޭ ދުވަހަކަށެވެ.

ކުއްލިއަކަށް މީހަކު އޭނާގެ ކެބިންގެ ދޮރުގައި ޓަކި ޖަހައިލި އަޑު އިވުމާއި އެކު ރައިހާން ޓައިޕް ކުރުން ހުއްޓައިލާފައި ފުން ނޭވާއެއް ދޫކޮށްލިއެވެ. ލޮލުގައި އޮތް ނަމްބަރު އައިނު ނަގާފައި މޭޒުމަތީގައި ބާއްވައިލަމުން ވަންނާށޭ ބުނެލި އިރު އެ އަޑުގައިވީ ބަރުކަމުން މީހަކު ޖެހިލުންވާހައި ވެސް ވެއެވެ.

ދޮރު ހުޅުވައިލާފައި ވަން މީހާއަށް ރައިހާންގެ ނަޒަރު ދަތުރު ކުރި ވަގުތު އެ ދެލޯ ބޮޑުވެގެން ދިޔައީ ކުއްލިއަކަށެވެ. އެއީ ހަމަ އެ ސޫރައެވެ. އެ ދޮން މޫނުން ފެށިގެން، ހާމައަށްވީ ދޮން ކަނދުރާއާއާއި، ލާފައިވީ ބާރު ހެދުމުން ކަޝްފުވެފައިވީ ފުރިހަމަ ވަނާތަކުން ގޮސް، ހާމައަށްވީ އޮމާން ދެފަޔަށް ރައިހާންއަށް އަވަސް ނަޒަރެއް ދެވުނީ އެއީ ހަމަ އޭނަކަން ޔަގީން ކުރުމަށެވެ. ކުރުކޮށް އޮންނަ ފަން އިސްތަށިގަނޑު މިހާރު އުނަގަނޑާ ހަމައަށް އަރާ ވަރަށް ދިގުވެފައިވީ އިރު، އެ މޫނުމަތީގައިވީ ހިނިތުންވުމުން ކުރިން އަބަދުމެ ތަސައްލީ ލިބޭ ރައިހާންގެ ހިތަށް މިފަހަރު ލިބުނީ އިތުރު ނުތަނަވަސްކަމެކެވެ. އިށީނދެގެން އިން ގޮނޑިން ތެދުވެފައި ރައިހާންއަށް އަނެއްކާ ވެސް އެ މޫނަށް ބަލައިލެވުނީ ލޯމައްޗަށް ފެންނަމުން އެ ދަނީ ހަމަ ހަގީގަތެއްތޯ ޔަގީން ކުރުމަށެވެ.

“ނިމްޝާ..؟”

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

ހީރައިތް

Next

އާއެކޭ ލޯބިވޭ… ހަތާވިސްވަނަބައި (އެއީ ކާކުގެ ދަރިއެއް ހެއްޔެވެ؟)

Next
December 23, 2025

އާއެކޭ ލޯބިވޭ… ހަތާވިސްވަނަބައި (އެއީ ކާކުގެ ދަރިއެއް ހެއްޔެވެ؟)

Previews
December 23, 2025

ހީރައިތް

5 Comments!

  1. Anonymous says:
    December 23, 2025 at 1:51 pm

    Aaahhhh mi part kiyaafa I’m blushing like crazy. OMG!!! Ren n Livi so cuteee❤️😍
    That nimshaa keehkuran e aee??? 😡😤.Ren emme beynunvi dhuvahu dhookohfa gossa mihaaru annaane Kameh nei dhw. Don’t you dare try to mess with Ren n Livi.
    Whn nxt???
    Lysm

  2. Shiu says:
    December 23, 2025 at 2:17 pm

    Mi part vx varah Reethi Masha Allah….
    Awwnnn🥰 .Soooo cuteeeee…I love this, Aaaai This part made me blush so hard 🤭 Livy haadha gadhaey dhww, E oh hiyy haru kamah beyrun dhakkaigen huri Ren ge hiyy vx Livya fathaha koffi, gadha Ingey, hehehe 😅
    Ohh Hell noooo, Nimsha what the heck are you doing here??? I knew this was gonna happen some day, Ren aaa Livy ge medhah vannan massakaiy koffiya, I swear I’ll rip your head off 🤬 Ren emme beynun v dhuvahu gosfa Mihaaru e aee keekkurannoa🙄
    When Next???? Curiously waiting for the next part… Appreciate your hard work 🥰
    Lysm Nayu 💗

  3. Anonymous says:
    December 23, 2025 at 10:00 pm

    Dhn kiyekah thi aee ren ufaluga ulheythan balan kehnuvaanethiii kanne vrh foohi veyy e nimshaa gandu dheke 🙄😴😴 I hope ren aa livy ge dhiriulhumah dhn eyna nuvahnaane kamah livy ves gaimu mhr ren dheke like veyy dhn ehn ren kairi nubunevi huhtaa nimshaa aikan egehjeyaa efakeeruge hih halakaaku vaane
    Btw mi part ves vrh vrh reethi when is next

  4. ~Ellly~ says:
    December 24, 2025 at 1:39 pm

    Ahhhh, bodu nimshaaa gandu. Mihr dhn kihkuran ren kairi annan vy. Im gonna kill her frr…
    Alhe adhi livy ves ren dheke loabi vevunyma tha e kathuru fanigandah annan ves inguny..
    Im soo soo pissedd
    Nayuu plzz darl ,take that nimshaaa away from his lifeee
    ~This part ATE as usual~
    luv you alwayss <3

  5. Lynx says:
    December 28, 2025 at 8:07 am

    Next part whennnn??

Comments are closed.

Next Episodeހިތް އެދޭ މަންޒިލަކީ… 20←


All Right Reserved!