ޙަޔާ
އިރުއޮއްސުނުކަމުގެ ނިޝާންތައް އުޑުމަތިން ފާޅުވަމުން ދިޔައިރު މުޅި ފަޒާގައި ގުގުމާލާފައި ވަނީ ބަންގީގެ މޫރިތި ކަލިމަތަކުގެ އަޑެވެ. މަގުމަތީގައި މަދު މަދުން މީހުން ފެންނަން ތިބި އިރު ގިނައީ ޖަމާޢަތަށް އައުމަށްޓަކައި މިސްކިތާ ދިމާލަށް އަންނަ މީހުންނެވެ.
ހޮސްޕިޓަލުގެ ބަލިމީހުންތައް ބާއްވާފައި އޮންނަ ވޯޑުތަކުގެ ތެރެއިން ވޯޑެއްގައި އޮތް އަންހެން ކުއްޖާ ބަންގީގެ އަޑާއި އެކު އެސްފިޔަތަޅުވާލުމަށް ފަހު މަޑުމަޑުން ދެލޯ ހުޅުވާލިއެވެ. އެކުއްޖާގެ ކަނާއަތަށް ކެނިއުލާއެއް ގުޅާލާފައި ވީއިރު ގައިގެ އެތަން މިތަނަށް ގުޅާފައި މެޝިންތައް ގުޅާފައި ހުއްޓެވެ. އެ އަންހެން ކުއްޖާގެ މޫނުމަތިން ފެންނަން ހުރީ ވަރުބަލިކަމެވެ.
” ދޮންބެ ދައްތާ. ޙަޔާ ބޭނުން ނަމާދު ކުރަން.” ޙަޔާގެ ގާތުގައި ގޮނޑީގައި އިން އޭނާގެ ދޮންބެ ދައްތަ އަލީފާގެ ގާތުން އޭނާ އެ އެދުނީ ވުޟޫކުރަން އެހީ ވުމަށެވެ.
މަންމަ ޝަރީފާ އާއި ބައްޕަ ހަނީފްގެ ކައިވެނި ރޫޅުމަށް ފަހު ޙަޔާއާއި، ޙާއިމް ދިރިއުޅެމުން ދިޔައީ ހަނީފް ގާތުގައެވެ. މީގެ ހަތަރު އަހަރު ކުރިން މުސްކުޅި ބަލީގައި ހަނީފް މިދުނިޔެ ދޫކޮއްފާ ވާއިރު މީގެ އަހަރެއް ކުރިން ޙާއިމް އާއި އަލީފާގެ ކައިވެނި ކުރެވުނެވެ. އުފަލުގައި ދިރިއުޅުނު އާއިލާގެ ވަށައިގެން ހިތާމަވެރިކަމުގެ ސާލެއް އޮޅުނީ ޙަޔާގެ ދެ ކިޑްނީ ފެއިލް ވެފައިވާކަން އިނގުނު ހިސާބުންނެވެ. އުސްގަނޑަކަށްފަހު އަޑިގަނޑެއް އެއާއިލާއަށް ކުރިމަތިވިއެވެ.
އަލީފާގެ އެހީގައި ވުޟޫކޮށްގެން އައިސް ޙާޔާ ނަމާދު ކުރަން ފެށިއެވެ. އުމުރުން އެކާވީސް އަހަރުގައި ދެ ކިޑްނީ ފެއިލްވީކަން އިނގުނު ނަމަވެސް ﷲ ގެ ހަޟްރަތުން ޙަޔާ އުންމީދު ކަނޑައެއް ނުލައެވެ. އެކަލާނގެ އެއްވެސް އިންސާނަކަށް ނުއުފުލޭ ވަރުގެ ބުރައެއް ނުޖައްސަވާނޭކަން ޙަޔާ ދަނެއެވެ.
މަންމަގެ އަޅާލުން އެންމެ ބޭނުންވީ ދުވަހު މަންމަ ނެތްކަމުގެ އިޙްސާސް ނުކުރެވޭހާ އަލީފާ ރަނގަޅެވެ. އަލީފާ ޙަޔާ ދެކެނީ އަމިއްލަ ދަރިއެއް ފަދައިންނެވެ. ކަންތައްތައް ކޮށްދެނީ އެއްވެސް ޝަކުވާއެއް ނެތިއެވެ. އެހާވެސް ލޯތްބާއި އެކުއެވެ. އެދެމީހުންގެ އުމުރުގައި ވެސް ފަސް އަހަރުގެ ތަފާތު ހުރީމަތޯއްޗެކެވެ. ޙަޔާ ވެސް އަލިފާ ގާތު ކަންކަމުގެ ވާހަކަ ކިޔަނީ އެއްވެސް ޖެހިލުމެއް ނެތިއެވެ.
މިސްކިތުން ފައިބައިގެން ޙާއިމް ހޮސްޕިޓަލަށް އައި އިރު ޙަޔާ އޮތީ ޤުރްޢާން ކިޔަވާށެވެ. ކިތަންމެ ބަލި ޙާލެއްގައި ވިޔަސް ނަމާދުތަކަށް ރައްކާތެރިވެވޭތޯ ޙަޔާ މަސައްކަތް ކުރެއެވެ. ކީރިތި ޤުރްޢާންކީ ޙަޔާގެ އެންމެ ބޮޑު ހިތްވަރެވެ. އެންމެ ކުޑައިރުން ފެށިގެން ވެސް ޙަނީފްގެ ދެކުދިންނަކީ ދީނުގައި ސާބިތުކަންމަތީ ތިބޭނޭ ދެކުދިންކަމުގައި ލައްވާތޯ ޙަނީފް ކުރި މަސައްކަތް ދެނެވޮޑިގެންވާނީ ހެއްދެވި ފަރާތެވެ. ﷲގެ އިރާދައާއި އެކު މިއަދު އެދެކުދިންނަކީ ދީނީކަންކަމަށް ފަރުވާތެރިކަން ބަހައްޓާ ދެކުދިންނެވެ. ގްރޭޑް ދިހައެއްގެ އެންމެ ފަހު އިމްތިޙާނު ނިންމާފައި އައި ދުވަހު ޙަޔާ ނިޤާބު އެޅިއެވެ. ކޮންމެހެން މީހަކު އޭނާއަށް މަޖުބޫރުކޮއްގެނެއް ނޫނެވެ. ޙަޔާ އަމިއްލައަށް ބޭނުންވެގެންނެވެ.
“ޙަޔާ. އުޅޭ އެއްޗެއްކާން މިހާރު ހީނުވޭ ތީ ދޮންބެގެ ޕްރިންސެސް ޙަޔާހެންވެސް…” އެހާ ބަލިކޮށް އުޅެން ޖެހުމުންނާއި ރަނގަޅަށް ނުކެވުމުގެ ސަބަބުން ޙަޔާގެ ހަށިގަނޑު ވަނީ ހިކި އަނަރޫފަވެފައެވެ. ޙާއިމްގެ ބަހަށް އިޖާބަ ދިނުމުގެ ގޮތުން ބަސް އަހާ ކުޑަކުއްޖަކު ފަދައިން ޙަޔާ ތެދުވުމުން އަލީފާ އެނދުގެ ބޯލާކޮޅު އުސްކޮއްލަދިނެވެ.
” މާދަމާ ހެނދުނުގެ ފްލައިޓުން ފުރަން ހަމަޖެހިއްޖެ… އަހަރެން ޗުއްޓީއަށް އެދިފިން މިއަދު..” ޙާއިމް އެބުނީ އިތުރު ފަރުވާއަށް ޙަޔާ ގޮވައިގެން އިންޑިޔާއަށް ދާ ވާހަކައެވެ. ތަންކޮޅެއް ކުރިން ވެސް ޙަޔާގެ ފަރުވާއަށް އިންޑިޔާއަށް ދާން ޑޮކްޓަރުން އެދުނު ނަމަވެސް މާލީ ހާލަތު އޭރު ހުރިގޮތުން ނުދެވުނީއެވެ. އާސަންދަ ވެސް ހަމަޖެހުމާއި އެކު ފްލައިޓަކުން ޖާގަވެސް ލިބުނީ މާދަމާއަށެވެ.
” އަހަރެމެން ތިން މީހުންގެ އިތުރުން އަލޫފް ދޯ ދެން ދާނީ..” އަލީފާ ދާ މީހުންގެ ލިސްޓު ކީ އިރު އަލޫފްގެ ނަން އިވުމާއިއެކު ކާން އިން ޙަޔާ ކޮށިއެރިއެވެ. ޙަޔާގެ އަޑަށް އަލީފާ ދުވެފައިގޮސް ޙަޔާއަތަށް ފެންތަށި ދިއްކޮށްލީ ހާސްވެފައި ހުރެއެވެ. އަނެއްކާ ޙަޔާއަށް ކަމެއްވީ ތޯ ސުވާލުކުރުމުން ކަމެއް ނުވާ ކަމަށް ބުނުމަށް ފަހު ފަރުޖައްސާލީ އަލީފާ ކަމަކަށް ޝައްކު ކޮއްފާނެތީއެވެ.
އަލޫފްއަކީ އަލީފާގެ ކޮއްކޮއެވެ. މީގެ ކުރިންވެސް ޙަޔާގެ ގާތުގައި އަލީފާ އިންނަ ވަގުތު ތަކުގައި އަލޫފް އަލީފާގެ ގާތަށް އައިސް އުޅެއެވެ. ޙަޔާ މެން ގެއަށް ވެސް އަލޫފް ދާލެކެށް ވަކި މަދެއްނޫނެވެ. އެއައިސް އުޅޭ އުޅުމުގައި އަލޫފްގެ މިޒާޖު ޙަޔާއަށް ވަނީ ރަނގަޅަށް ދަސްވެފައެވެ. ނަމާދުތަކަށް ފަރުވާތެރި ވުން އެއީ ޙަޔާއަށް އަލޫފްގެ ފަރާތުން ފެނުނު އެންމެ ކަމުދާ އެއް ސިފައެވެ. އެއުމުރުގެ އެހެން ފިރިހެން ކުދިން ގެންގުޅޭ އަންހެން ކުދިންގެ ލިސްޓެއް އަލޫފް ނުގެންގުޅޭކަން އަލީފާ ދައްކާ ވާހަކަތަކުން ޙަޔާއަށް ވަނީ އިނގިފައެވެ.
ޙަޔާއަށް ނޭނގުނުކަމުގައި ވީ ނަމަވެސް އަލީފާއަށް ޝައްކުވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ޙަޔާ ކައިރީގައި އަލީފާ އިންނަ ވަގުތެއް ނަމަ އަލޫފް ކޮންމެސް ބަހަނާއެއްގައި ހޮސްޕިޓަލަށް އަންނާނެއެވެ. ގޭގައި އުޅޭ ވަގުތުތަކުގައި ވެސް ޙަޔާއާއި ދިމާއަށް އަލޫފް ބަލައިލާ ގޮތުން ވެސް ދިރާސާ ކުރާމީހަކަށް ޝައްކުވާހާ ވެއެވެ. ނުވީތާކަށް ޙަޔާ ހުރީ ހުހަށް ތޯވެސް އަލޫފް މިހާރު އަލީފާ ގާތު އަހައިފިއެވެ. އަލޫފް ޙަޔާއާއި ގަޔާ ވާނަމަ ޙާއިމް ވެސް އެ ގުޅުމަށް ނޫނެކޭ ނުބުނާނެކަން އަލީފާއަށް ޔަޤީނެވެ. ނަމަވެސް ޙަޔާގެ ބަލި ޙާލަތު ހުރިގޮތުން އެއްވެސް މީހަކު ގާތު އެއްވެސް ވާހަކައެއް ނުދައްކާ އަލީފާ ނިންމީ އިހަށް މަޑުކޮއްލުމަށެވެ. ނަމަވެސް ތަޤުދީރުގެ ނިޔާ އިނގޭނީ ކާކަށް ހެއްޔެވެ..؟
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭއިން ނައްޓާލި ފްލައިޓުގެ މަންޒިލަކަށްވީ ބެންގަލޫރުގެ ކެމްޕެގޯވޑާ އިންޓާނޭޝަނަލް އެއާޕޯޓެވެ. އެންމެ ފަހުވަގުތު ކަމެއް ޖެހިގެން އަލޫފްއަށް ދެވޭގޮތް ނުވުމުން އެ ދަތުރުގައި ދާން ޖެހުނީ ޙާއިމްގެ ދެމަފިރިންގެ އިތުރުން ޙަޔާ އެކަނިންނެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް އިންޑިޔާއަށް އައިތާ ދެހަފްތާ ފުރެން ގާތްވީއިރު ކޮންމެ ދެ ދުވަހަކުން އެއް ދުވަހު ޑަޔަލަސިސް ހަދަން ޙަޔާއަށް މިހާރު މަޖުބޫރެވެ. ކުރިއަށް ވުރެން ޙަޔާގެ ބަލި ހާލަތު ގޯސްވުމުގެ ސަބަބުން އަބަދު އުޅެން ޖެހެނީ ހޮސްޕިޓަލުގައެވެ. ހަށިގަނޑުގައި ލޭ މަދުވުމުގެ ސަބަބުން ޑަޔަލަސިސް ހަދަން އިންތިހާއަށް އުނދަގޫތަކާ ކުރިމަތި ލާން ޖެހެއެވެ. ފުރާނަ ސަލާމަތްކުރަން ބޭނުމިއްޔާ ޑޯނާރ އެއް ހޯދުމަށް ދެވަރަކަށް ފަހަރު ޑޮކްޓަރުން ވެސް މިހާރު ބުނެފިއެވެ.
ޙާއިމް އާއި އަލީފާގެ ކިޑްނީއެއް ޙަޔާގެ ކިޑްނީއަކާއި މެޗެއް ނުވެއެވެ. ހަތަރު އުދަރެސް ފެނު ޖެހޭ ހިސާބަށް ޙާލަތު ގޮސްފައި އޮތްއިރުވެސް ﷲ ގެ ހަޟްރަތުން ޙާއިމް އުންމީދު ކަނޑައެއް ނުލައެވެ. ޑޯނަރެއް ލިބޭނޭ ކަމުގެ އުންމީދުގައި ދުވަސްތަށް ގުނަމުން ދިޔަ ޙަޔާއަށް އަދިވެސް އެކަމުގައި އަލިމަގެއް ފެންނަހެނެއް ހިއެއް ނުވެއެވެ.
އާދައިގެ މަތިން މިއަދުވެސް ގެއަށް ގޮސް ފަތިސް ނަމާދު ކޮއްލައިގެން ޙާއިމް އައިސް އިނީ ހޮސްޕިޓަލް ކެންޓީނުގައި ކޮފީއެއް ބޯންށެވެ. ޙަޔާގާތުގައި އަލީފާ ބައިންދާފައި ކޮންމެ ދުވަހަކު ވެސް ޙާއިމް ކޮފީ ބޯން މިކެންޓީނަށް އާދެއެވެ. ޒުވާން އުމުރުގައި އަމިއްލަ ކޮއްކޮ އެވޭތު ކުރަމުން ދަނީ ހިތްދަތި ދުވަސްތަކެކެވެ. އުފަލަނީ ހާދަ ބުރަޔަކާއި ތަކުލީފެކެވެ. މައެއްގެ ލޯތްބާއި އަޅާލުން އެފަކީރަށް ހާދަ ބޭނުމެއް ވާނެއެވެ.
ޙާއިމް ނެގި ޗުއްޓީ ހަމަވާން ދެދުވަހަށް ވީއިރު ޙަޔާ ދޫކޮށްލާނޭ ކަމުގެ އެއްވެސް އުންމީދެއް ނެތެވެ. ރާއްޖެ ނުގޮސްވާކަށް ވެސް އޭނާއަކަށް ނެތެވެ. އިންޑިޔާގައި ހުރެވޭނީ ރުފިޔާއެއްވެސް ލިބިގެން ތާއެވެ. ރުފިޔާ އެއް ލިބޭނީ ވެސް ވަޒީފާއެއް އަދާކޮށްގެނެވެ. މިއަދު ފްލައިޓުން އަލޫފް އައުމާއިއެކު ޙާއިމް ރާއްޖެ ދާނެއެވެ.
އެކި ޚިޔާލުތަކުގައި އިން ޙާއިމްގެ ލޮލުގައި އަޅައިގަތީ މަގުގެ ވަކި ހިސާބެއްގައި ހުއްޓި ލައިގެން ހުރި މުސްކުޅި އުމުރު ފުރައިގެ އަންހެނެކެވެ. ކަޅު ބޮޑު ޖިލްބާބަކާއި އެކު އަޅާފައިހުރި ބޮޑު ބުރުގާއިން އެއީ މުސްލިމެއްކަން ޔަޤީންވިއެވެ. އެ އަންހެން މީހާގެ ނަޒަރު ހުއްޓިފައި ހުރީ ސީދާ އޭނާއާއި ދިމާއަށެވެ. އިރުކޮޅެއް ނުވެ އެއަންހެން މިހާ ފެނުނީ ޙާއިމްއާއި ދިމާއަށް ހިނގަމުން އަންނަ ތަނެވެ. އެމީހާ އައިސް އިށީނީ ސީދާ ޙާއިމްގެ ކުރިމަތީގެ ގޮނޑީގައެވެ.
” ކޮއްކޮއަށް ކިޔަނީ ޙާއިމްތަ..؟ ” ޙާއިމް ދިޔައީ ސިއްސައިގެނެވެ. ނުވެސް ދަންނަ މީހަކު ކުއްލިއަކަށް އައިސް އެބުނީ އޭނާގެ ނަމެވެ. ކޮންމެ ގޮތެއް ވިޔަސް ހެޔޮކަމަށް މަޑުމަޑުން ޙާއިމް ބޯޖަހައިލީ އާނއެކޭ ބުނެލުމުގެ ގޮތުންނެވެ.
” ދަރިފުޅާ ޙާއިމް..މީ ދަރިފުޅުގެ މަންމަ ޝަރީފާއޭ..” ޝަރީފާ އައިސް ޙާއިމްގެ ގައިގައި އޮޅުލައިގަތެވެ. ޝަރީފާގެ ރައްޓެއްސެއްގެ ފަރާތުން ޙާއިމްއާއި ޙަޔާގެ މައުލޫމާތު ވަނީ ވަރަށް ރަނގަޅަށް ލިބިފައެވެ. ޙަޔާގެ ބަލި ހާލަތު ހުރި ގޮތާއި މިހާރު އެމީހުން ވީ އިންޑިޔާގެ މިވެނި ހިސާބެއްގެ މިވެނި ހޮސްޕިޓަލެއްގައިކަން ވެސް ޝާރީފާއަށް އެމީހަކު ވަނީ ކިޔާދީފައެވެ. އެހާފަސޭހައިން ޝަރީފާއަށް ޙައިމްއާއި ބައްދަލުވީ ސަބަބަކީ އެއީއެވެ.
ޙާއިމްއާއި ޙަޔާ ދޫކޮށްފައި އޭރު ޝަރީފާ ދިޔައީ ރައްޓެހިންގެ ބަހަށް ހެއްލިގެން ކަމަށާއި އެކަމު އޭރު އެ އެޅުނު ކަތި ފިޔަވަޅުގެ ސަބަބުން މިހާރު ދެރަވާ ކަމަށް ޝަރީފާ ބުނީ ނުހަނު އަސަރާއި އެކުގައެވެ. އޭނާ ދެކެ އިންތިހާ އަށް ލޯބިވާ ފިރިއަކާއި ދެކުދިން ތިބިއިރުވެސް އޭނާއަށް ނުބައިމަގު އިޚްތިޔާރު ކުރެވުނީ އޭރު ނުވިސްނޭތިކަން ޝަރީފާ ގަބޫލުކުރެއެވެ.
ލޯމެރިފައި އޮތް ޙަޔާއަށް ލޯ ހުޅުވާލެވުނީ މެޔަށް އެރި ތަދަކާއި އެކުއެވެ. އޭރު މެޝިންތަކުގެ އަޑުފައްގަނޑު ގަދަވެފައި ވީއިރު ނަރުސް ކުދިންނާއި ޑޮކަޓަރުން ޙަޔާގެ ގާތުގައި ހަރަކާތް ތެރިވަމުން ދިޔައެވެ. އަވަސް ފަރުވާދޭ ކޮޓަރީގެ ބޭރު ގޮނޑިބަރީގައި އިން އަލީފާ ޙާއިމް އަށް ގުޅަމުން ދިޔައެވެ. ދެވަރަކަށް ފަހަރު ރިންގު ވުމަށް ފަހު ޙާއިމް ފޯނު ނެގިއެވެ.
އިރުކޮޅެއްނުވެ އަލީފާ ގާތަށް ޙާއިމް އައިއިރު ކައިރީގައި ބޮޑު ޖިލްބާބެއްލާ ނިވާވެފައި ހުރި މުސްކުޅި ފުރައިގެ އަންހެނެއް ހުރުމުން އަލީފާގެ ސުވާލުތަކާއި ޙައިމްއަށް ކުރިމަތިލާން ޖެހުނެވެ. ނަމަވެސް ކުރު ގޮތަކަށް ވީ ގޮތް ކިޔާ ދީ ނިމުނުތަނާ އަވަސް ފަރުވާ ދޭ ކޮޓަރިން ޑޮކްޓަރު ނުކުތެވެ. އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް ދުވެފައި ގޮސް ޑޮކްޓަރު ގާތު ޙަޔާގެ ހާލަތު އަހާލެވުނީ ހާސްވެފައި ތިބިވަރުންނެވެ.
” ސޮރީ.. ޝީ އިޒް ނޯ މޯ..” ޑޮކްޓަރުގެ އެޖުމްލަ އާއިއެކު އަލީފާ އަޑުން އަޑުނަގައި ރޯން ފެށިއިރު ޝަރީފާ މަގޭ ދަރިއޭ ކިޔާ ރޮއެގަތެވެ.
ޙާއިމް މައްޔިތެއް ފަދައިން ހުއްޓުން އަރާފައި ހުރިއިރު އެވަގުތު ހޮސްޕިޓަލަށް ވަދެގެން އައި އަލޫފްއަށް ވެސް ޑޮކްޓަރުގެ އެ ޖުމުލަ ސާފުކޮށް އިވުނެވެ. ލޮލުން ކަރުން ފޭދުނު ނަމަވެސް އެކަން އޭނާ ފޮރުވާލީ މިވަގުތު އޭނާ ރޮއެގެން ކަމުނުދާނެތީއެވެ. ޙަޔާއަށް ގެނެސްދިން ދަނބު ނޫކުލައިގެ އައިރިސް މާ ބޮނޑި އަތުން ދޫވިއިރު ދުވެފައި ގޮސް، ވެއްޓެމުން ދިޔަ އަލީފާ އޭނާ ހިފެހެއްޓީ ހުށިޔާރުކަމާއި އެކުގައެވެ.
ޙަޔާގެ މަރު ފޯމުގައި ސޮއި ކުރިއިރުވެސް ޙާއިމްއަށް ހުރެވުނީ ގަބޫލުނުކުރެވިފައެވެ. އޭނާގެ ކޮއްކޮ ދެން އޭނާއާއި އުމުރަށް ސަލާމް ކީ ހެއްޔެވެ..؟ ޙަޔާ ހާދަ ހިތްވަރުގަދަ އޭ އެވަގުތުވެސް އޭނާގެ ހިތަށް އެރިއެވެ. ޙަޔާގެ މޫނުދެއްކުން ކުރިއަށް ދިޔައިރު މޫނުބަލަން ވެސް ތިބޭނީ ޙާއިމްއާއި އަލީފާގެ އިތުރުން ޝަރީފާއެވެ. ދުނިޔޭގައި ހުރި އިރު ޙާޔާއަކީ ނިޤާބު އަޅާ މޫނު ނިވާކޮއްފައި ހުންނަ ކުއްޖެއްކަމުން ޙަޔާގެ މޫނުބަލާކަށް އަލޫފްއެއް ނުދެއެވެ.
އިންޑިޔާގެ މުސްލިމުން ވަޅުލާ ގަބުރުސްތާނެއްގައި ޙަޔާ ވަޅުލުމަށް ފަހު ގެއަށް އައި އަލޫފްގެ ހިތުގައި ވަނީ ޝަކުވާތަށް ފުނިޖެހިފައެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް އަންހެން ކުއްޖެއްދެކެ ލޯބިވެވި އެލޯބި ބީވެ ދިޔަކަމުގެ އިޙްސާސް އަލޫފްއަށް ކުރެވެމުންދިޔައެވެ. އަތުން އަގުބޮޑެތި ހަދިޔާ ތަކެއް ދޭން ނުލިބުނު ނަމަވެސް ޙަޔާއަށްޓަކައި އެހިތުގައި ވަނީ ހެޔޮ ދުޢާއެވެ. އޭނާގެ ފަރާތުން ޙަޔާއަށް ދެވުނު އެންމެ ފުރަތަމަ އަދި އެންމެ ފަހުގެ ހަދިޔާއަކަށް ވެސް ވީ ތިން މުށް ވެއްޔެވެ.
ޝަރީފާ ވެސް ހަމަ އެފަދަ އެވެ. ޙަޔާގެ އުމުރުން ދެ އަހަރު، ޙާއިމްގެ އުމުރުން ހަތް އަހަރުގައި އެދެކުދިން ދޫކޮށްފައިދިޔަ ޝަރީފާ ނަވާރަ އަހަރު ފަހުން، ވިސްނިގެން އައި އިރު އެންމެ ފަހަރަކު ވެސް ޙަޔާއަށް އެ މަންމަގެ ސޫރަ ފެނިލުމުގެ ނަސީބު ވެސް ނުލިބި އެދަރިފުޅު ވަކިވެ ދިޔައީއެވެ.
އަލީފާގެ ލޮލުން ކަރުނަ ނުހިކެއެވެ. ވަކިވެދިޔައީ އަމިއްލަ ދަރިއެއް ފަދައިން ގެންގުޅުނު ކުއްޖެކެވެ. އެންމެ ގާތް އެކުވެރިއެއްގެ ގޮތުގައި ދެކިގެން ގެންގުޅުނު ކުއްޖެކެވެ. އަލީފާގެ ޙަޔާތުގައި އެހާ ހިތްވަރު ގަދަ އަންހެން ކުއްޖަކު ފެނިފައެއް ނެތެވެ. ގައިގައި އެޅިހާ ވޭނަކަށް ކެތްކުރަމުން ދިޔައީ އެއްވެސް ޝަކުވާއެއް ނެތިއެވެ. ﷲ ގެ ހަޟްރަތުން އުންމީދު ކަނޑާލައި މާޔޫސްވެގެން އުޅުނު ތަނެއް ދުވަހަކު އަލީފާއަކަށް ނުފެނެއެވެ. އަލީފާގެ ހެޔޮ ދުޢާތަށް އަބަދުވެސް ޙަޔާއާއި އެކުގައިވާނެއެވެ.
ޙާއިމް ޤަބޫލުކުރާ ގޮތުގައި ޙަޔާއަކީ އޭނާގެ ސުޕަހީރޯއެވެ. ޙާއިމް ކިތަންމެ ދެރަވެ މާޔޫސްވީ ނަމަވެސް އަބަދުވެސް ﷲ މަތިން ހަނދުމަކޮށްދީ ނަޞޭޙަތް ދިނީ ޙަޔާއެވެ. އެކަނިވެރި ވަގުތުތަކުގައި އޭނާގެ އެކަނިވެރިކަން ފިލުވައިދިނީ ޙަޔާއެވެ. ޙާއިމްގެ ހުރިހާ ހިތާމައަކާއި އުފަލެއްގައި ޙަޔާ ބައިވެރިވީ ނުހަނު ލޯތްބާއި އެކުގައެވެ. ވީއިރު ޙަޔާގެ އެ ވަކިވެ ދިޔުމަކީ އޭނާގެ ޙަޔާތަށް އައި ފުނުބެއްދޭ ވަރުގެ ހުސްކަމެކެވެ. އެ ނިޔަނެތި ކޮއްކޮއަށް މިއަދު އެންމެ ބޭނުންވާނީ ހެޔޮ ދުޢާއެވެ. ޙާއިމްގެ ހެޔޮ ދުޢާތައް ވާނީ ޙާޔާއާއި އެކުއެވެ.
( ނިމުނީ )


