އެ ހަނދާންތައް ނުދާނޭ ފިލާ
ލިޔަން ގެންގުޅޭ ފޮތް ހިފައިގެން އަހަރެން ގޮސް މޭޒު ކައިރީގައި އިށީނީމެވެ.އެހެން ދުވަސް ދުވަހުވެސް ލިޔާ ފަދައިން އެންމެ ފުރަތަމަ ވެސް ފޮތުގެ މަތީ އަރިއެއްގައި މިއަދުގެ ތާރީޚް ޖަހާލީމެވެ. މިއީ ކޮންމެ ދުވަހެއްގެ ވެސް އާދައެވެ. ރޭގަނޑު ނިދަން އޮށޯތުމުގެ ކުރިން އެ ދުވަހުގައި ހިނގި ހުރިހާ ކަމެއް އެ ފޮތުގައި އަހަރެން ލިޔެފައި ހުންނާނެއެވެ.
ހަނދާން ހުންނަން ފެށީއްސުރެ އަހަރެންނަކީ އުޅޭ އުޅުމުގައި އެހެން ކުދިންނާއި ތަފާތު ކަމެއް ހުންނަ ކުއްޖެކެވެ.ލޭއަޅާ ކުއްޖަކަށް ނުވި ނަމަވެސް ތިން މަހުން އެއްމަހު ކަހަލަ ގޮތަކަށް ލޭ މަދުވެގެން ހޮސްޕިޓަލުގައި އެނދުމަތިކުރެއެވެ.
މަންމައާއި ބައްޕަވެސް އޭރު އަހަރެން ދެކެ ވީ އަމަށަކު ލޯތްބެއް ނޫނެވެ.ހުރި ހަމަ އެކަނި ދަރިއަކީ އަހަރެން ކަމުގައި ވީމަ ތޯއްޗެކެވެ.އަހަރެންނަށް އުނިވާނޭ އެއްވެސް ކަމެއް އޭރަކު ނެތެވެ.ކުރާ ކޮންމެ ކަމެއްވެސް އެ މައިންބަފައިން އަހަރެންނަށް ކޮއްދެނީ އެންމެ ފުރިހަމައަށެވެ.
އަހަރެންނަށް ނުވަ އަހަރުގައި މަންމަ ދެވަނަ ދަރިއަށް ބަލިވެއިނެވެ. އެ ހިސާބުން އެންމެން ވެސް އިންތިޒާރު ކުރީ އެ ތުއްތު ފުރާނަ ދުނިޔެއަށް އަންނާނޭ ދުވަހަކަށެވެ. ހަޤީގަތުގައި އޭރު އަހަރެން ވެސް ހުރީ ކޮއްކޮއެއް ލިބެން އުޅޭތީ އުފަލުންނެވެ.އެ ކޮއްކޮ އަށްޓަކައި އެތައް ފޮނި ހުވަފެންތަކެއް ދުށީމެވެ. އެކޮއްކޮ އާއި އެކު ކުޅެން ރީތި ތަކެތި ވެސް ގަނެ ހެދީމެވެ.
އެ ތުއްތު ފުރާނަ ދުނިޔެއަށް އުފަންވީ ހިސާބުން ހާލަތު ބަދަލުވިއެވެ.ކަންދިމާ ކުރި ގޮތުން ލިބުނީ ވެސް ފިރިހެން ކުއްޖެކެވެ.އެންމެންވެސް ބޭނުންވީ ގޮތަކީ އެއީއެވެ.ފިރިހެން ކުއްޖެއް ވިއްޔާ ވަކި ގިނަވަނީ ކޮންކަމެއް ހެއްޔެވެ.؟
އަހަރެން ހީކުރީ މަންމައަށް ފިރިހެން ކުއްޖަކާއި އަންހެން ކުއްޖެއް ހަމަވުމުން ދެކުދިންނަށް ވެސް ވަރަށް ލޯބިދީގެން ބަލާނެ ކަމަށެވެ.ނަމަވެސް ކަންވީ އެހެނެއް ނޫނެވެ. ފިރިހެން ކުއްޖަކު ލިބުމުން އެންމެން ވެސް ބޭނުންވީ އެ ކުއްޖާއެވެ. ފިރިހެން ކުއްޖެއް ވީމަ ޔޯލައެވެ. އޭގެ ފަހުން މަންމަ ފަރާތު މާމަ ފިޔަވާ އަހަރެންނަށް އަޅާލާނެ އެކަކު ވެސް މިއުޑު ދަށުގައި ނުވިއެވެ. އެންމެ ލޯބިވީ މަންމައާއި ބައްޕަވެސް އަހަރެން ބޭނުމެއް ނުވިއެވެ.
އަހަރެންގެ ޅަހިތުގައި ޝަކުވާތައް ގިނަވި ނަމަވެސް އެކަން ފާޅު ނުކޮށް ދިރިއުޅުމައިގެން ކުރިއަށް ދިޔައީމެވެ. ކުރިއެކޭ އެތްގޮތަށް ހަމަ ތިން މަހުން އެއްމަހު ކަހަލަ ގޮތަކަށް އަހަރެންގެ ހަށިގަނޑުން ލޭމަދުވެގެން ހޮސްޕިޓަލުގައި އެނދުމަތި ކުރެއެވެ. އެ ހުރިހާ ދުވަސްތަކުގައި އަހަރެންނަށް އަޅާލީ އެ މުސްކުޅި މާމައެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައީ ހަލުވި ކަމާއެކީގައެވެ. އަހަރެންނަށް ކޮއްކޮއެއް ލިބުނަސް ގިނަފަހަރަށް އެ ކޮއްކޮ ލޮލުން ނުފެނެއެވެ. ދެކުނު ފޮނި ހުވަފެންތަކުގައި ކުލަ ނުޖެހި ފަނޑު ވިއެވެ. އެންމެ ފަހުން މަންމަ އަށް އަހަރެން ނުބެލޭނޭ ކަމަށް ބުނެ މާމައާއި އެކު އެ ގެއަށް އަހަރެން ފޮނުވާ ލިއެވެ. އެދުވަހުވެސް މަންމައާއި ގުޅުވާ ނުރުހުމުގެ އެއްވެސް ބަހެއް އަހަރެން ނުބުނަމެވެ. އެ މަންމަ އަހަރެންނަށްޓަކައި ވީ ގުރުބާނީގެ އަގު ދުވަހަކުވެސް އަހަރެންނަށް އަދާ ނުކޮއްދެވޭނޭކަން އަހަރެންނަށް އިނގެއެވެ.
އަހަރެންނަށް ސާދަ އަހަރުވީ ދުވަހު އަހަރެންގެ މަންމަ އާއި ބައްޕަ ކޮއްކޮ ގޮވައިގެން މާލެ ބަދަލުވީ ވާހަކަ މާމަ ބުންޏެވެ.އެވަރުންވެސް ހިތްވަރު ކޮށް އަމިއްލަ ހިތަށް ވިސްނާ ދިނީމެވެ.އެވާނީ ކޮއްކޮ އަށް ރަނގަޅު ތަޢުލީމެއް ދިނުމަށްޓަކައި މާލެ ބަދަލުވީ ކަމަށޭ އަމިއްލަ ނަފްސަށް ބުނެދިނީމެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް އަހަރެންގެ ހަޔާތަށް ހަރީފު މޫސުމުގެ ހިޔަނި އެޅުނެވެ.ނެގި ކަޅު ބޯ ވިލާ ގަނޑުގެ އަނދިރިކަން ދުވަހެއް ދުވަހަކަށް ދިޔައީ ގަދަ ވަމުންނެވެ. ވޭނާއި ތުރާތައް ގެނުވިއެވެ. މާމަ މުސްކުޅި ބަލީގައި އެނދުމަތި ކުރެވުނު ފަހުން އަހަރެންގެ މަންމަ މާމަ ގެ ހާލު ބަލާލަން ގުޅާނުލައެވެ. އަހަރެން މީ އެމަންމަގެ އުފަން ދަރިއެއް ކަމަކު މާލެ ދިޔަފަހުން އަހަރެންގެ ހާލު ބަލައިލަން ވެސް ގުޅާނުލައެވެ. އަދި މާމަ ބަލިވީމަ ގުޅާލާނެ ހެއްޔެވެ.؟
އަހަރެންނަށް ވީ ވަރަކުން އެމާމައަށް ޚިދުމަތްތައް ކޮއްދެމުން ގެންދިޔައީ އަހަރެންނަށް ކޮށްދެވުނު އެންމެ ފުރިހަމައަށެވެ.ސްކޫލަށް ދިއުން ހުއްޓާލަން ވެސް ހިތަށްއެރީ ކިތައްފަހަރު ކަމެއްވެސް ނޭނގެއެވެ.ލޭމަދުވެގެން ހޮސްޕިޓަލުގައި އެނދުމަތި ކުރާ ދުވަސް ދުވަހު އުޅޭ ހާލު ދެނެވޮޑިގަންނަވާނީ ހެއްދެވި ފަރާތެވެ.
ވިއްސާރަވެހި ވިދާ ގުގުރަމުން ދިޔަ ރެއެކެވެ. މާމަގެ ބަލި ބޮޑުވީ ފަހުން އަހަރެންނަށް ހަމަ ނިދި ނުލިބެއެވެ. އެރޭ އަހަރެންނަށް ނިދި ނިދި އޮއްވާ ޖެހިގެން އޮތް އެނދުން ބަލިބަލި އަޑަކުން މާމަ އަހަރެންގެ ނަމުން ގޮވާލި އަޑު އިވުނެވެ. ވަގުތުން އަހަރެން ގޮސް މާމަ އޮތް އެނދު ކައިރިއަށް ޖެހިލީމެވެ.
” ދަރިފުޅާއެވެ. ކޮންމެ މީހަކީ ވެސް ދުނިޔޭން ނެތި ދާނެ މީހެކެވެ.އެދުވަހުން އެމީހެއްގެ އާއިލާގެ އެންމެން ރޮއި ހަދާނެއެވެ. ދުނިޔޭގައި އުޅުނު އިރު އަހަރެމެންގެ ހާލު ބަލައިނުލެވޭ އެތައް މީހަކު އެދުވަހުން އަހަރެމެންގެ މޫނު ބަލަން އަންނާނެއެވެ. ދަރިފުޅާއެވެ. ދަރިފުޅު ތީ ވަރަށް ބޮޑު އެކަނިވެރިއެކެވެ. މި މާމަ ނެތް ދުވަހެއް ފެނުނަސް މާމަ ދޭ ނަސޭހަތް އަބަދުވެސް ހަނދާން ކުރައްޗެވެ.ދީނީ ކަންކަމަށް ސަމާލުކަން ދީ ދީން ވެރި ކުއްޖަކަށް ވައްޗެވެ. މަންމަމެން ދަރިފުޅާއި މެދު ކޮންމެ ގޮތަކަށް ކަންތައް ކުރިއަސް އެ މަންމައަށް ދޭންވާ އިޙްތިރާމާއި ލޯބި އެންމެ ފުރިހަމައަށް ދެއްޗެވެ.” އަހެރެންގެ އަތުގައި ހިފާލަމުން އެ ދުވަހު މާމަ ބުންޏެވެ.
ހިނިތުންވެލުމަށް ފަހު އަހަރެންނަށް ކުރެވުނުހާވެސް ކަމަކީ ބޯޖަހައިލުމެވެ.އަހަރެންނަށް އެ ވަގުތު އިޙްސާސް ވިއެވެ. މާމަގެ އަޖަލް ހަމަވުން ވަނީ ވަރަށް ކައިރީގައި ކަމެވެ.
” ދަރިފުޅާއެވެ. މާމަ ބަލައި އައިސް އެބަ ހުއްޓެވެ. މާމަ ދާންޖެހޭ ވަގުތު ވަރަށް ކުޑަތަން ވެއްޖެއެވެ. މާމައަށް ހިތްހެޔޮ ކޮއްދެއްޗެވެ..” އަހަރެންނަށް ދެން ފެނުނީ އެމާމަގެ ލޯ މެރުނު ތަނެވެ. މޫނުމަތީގައިވި މާނަފުން ހިނިތުންވުމެވެ. ލިބުނު ކުއްލި ސިހުމުގައި އަހަރެން ގަނޑުވިއެވެ.ރޯން ވެސް ހަނދާނުގައި ނެތް ފަދައެވެ.
އެދުވަހުގެ މަޣްރިބް ނަމާދު ފަހުގައި މާމަގެ މޫނު ދައްކާ ވަޅުލުން އޮތެވެ.މާމަގެ މޫނު ބަލަން އަހަރެން ވަނީ ކައިރީގައި އުޅޭ އަވައްޓެރި ދައްތައަކާއި އެކުގައެވެ. އެމާމަ އޮތްގޮތް ފެނުމާއި އެކު އަހަރެންގެ ބަޑި ފަޅައިގެން ދިޔައެވެ. ހުދު ފޮތިން ހިނަވާ ކަފުނަށް ލާފައި އޮތް އިރު ދެން އެ މާމަ އަހަރެން ކައިރިއަށް ނާންނާނޭ ކަން އިނގުމުން އަހަރެންގެ ހިތުގައި ހީވީ ތޫނު ވަޅިއަކު ޅިޔައެޅި ހެންނެވެ. މާމަ ވަޅުލުމަށް ފަހު ގެއަށް އާދެވުނު އިރު އިޝާ ނަމާދަށް ބަންގި ވެސް ގޮވައިފިއެވެ.
ދުވަސްތައް ފާއިތުވަމުންގޮސް ހަޔާތުގެ ޞަފްހާތައް ބަދަލުވަމުން އައީ ހީވެސް ނުކުރާހާ ގޮތަކަށެވެ. މާމަގެ މަރަށް ފަހު މާމަ ބުނިހެން އަހަރެން ވަރަށް އެކަނި ވެރިވިއެވެ. އުމުރުން ސަތާރަ އަހަރު ފުރި ކިޔަވާ ނިމިފައިވުމާއި އެކު މާމަގެ މުސްކުޅި ގޭގައި އިނދެގެން ކުދިންނަށް ޤުރްޢާން ކިޔަވާދޭން ފެށީމެވެ.އެމަސައްކަތުން އަހަރެންނަށް ފުދޭވަރެއްގެ ރަނގަޅު އާމްދަނީއެއް ވެސް ލިބުނެވެ.
ހިތްހަމަ ޖެހޭ ވަރަށް ލިޔެ ނިމުމުން ފޮތް ލައްޕާލުމަށް ފަހު ގެންގޮސް ކަބަޑުގެ އެންމެ އެތެރޭގައި ހުރި ވަތްގަނޑުގެ އެންމެ އަޑިއަށް އެފޮތް ލާ ފޮރުވީމެވެ. މިއަދު އަހަރެންނަކީ ކުދިންގެ މެދުގައި މަޤުބޫލު އާންޓިއެކެވެ.ރަށުގެ ރައްޔިތުންގެ ޤަދަރާއި އިޙްތިރާމް ލިބިފައިވާ އާންޓީއެކެވެ.
އެންމެ ކުޑައިރުން ފެށިގެން ނިޤާބީ ހޫރަކަށް ވުމަކީ އަހަރެންގެ ހުވަފެނެކެވެ. އަހަރެންނަށް އެންމެ ރީތީ ވެސް ނިޤާބް އަޅާފައި ތިބޭ ކުދިންނޭ މާމަ ކައިރީ ބުނާ ހަނދާން އަދިވެސް އަހަރެން ވެއެވެ. މިއަދު އަހަރެންނަކީ ނިޤާބުން ނިވާވެފައިވާ ހޫރެކެވެ.
މަންމަގެ ޚަބަރެއް ނުލިބުނު ނަމަވެސް އަހަރެންގެ ހުރިހާ ދުޢާއެއް ވަނީ އެ މަންމައާއި އެކުއެވެ. ދަތި ހާލުގައި ދިރިއުޅުނު ދުވަސްތައް މިހިތުން ފިލައިގެން ނުދިޔަސް އަހަރެންގެ ހިތުގައި މަންމައާއި މެދު އެއްވެސް ޝަކުވާއެއް ނެތެވެ. ކޮންމެސް ދުވަހަކުން އެ މަންމައާއި ބައްދަލުވުމަކީ އަހަރެންގެ އަބަދުގެ ދުޢާއެވެ. މާމައާއި ޖަންނަތުން ބައްދަލުވޭތޯ ކޮންމެ ނަމާދެއްގެ ފަހުގައި އަހަރެން ދުޢާ ކުރަމެވެ.
– ނިމުނީ –
8 Comments!
Comments are closed.



Masha Allah vrh vrh reethi vaahaka eh ❤️
Mi vaahaka kiyaafa rovijje🥹
Mi kihala ehn vaahaka eh kiyaalan libeyne kamah ummeedhu kuran 🙂
Keep it up 👏
Thankyou so much dear!! 😊🤍
Hehe.. Hama ehaa emotional tha mi vaahaka.😅
Insha’Allah.!
Varah ufaa vey aslu vaahaka kiyaalaafa comment kohllaathi!!😀
Tysm 💗
Mi vaahaka ves vrh reethi Masha Allah
Keep going your outstanding work <3
Unmeedhu kuran ithuru vaahaka thah kiyaalan libeyne kamah
Thankyou dear!! ♥️
Aww means a lot <3
Insha'Allah.!
Tysm darlss 💗
Masha Allah vrh reethi mi vhk ves
Soooo beautiful story
Can’t wait to read another amazing story from you
Lysmmm
Thankyou dear!! 😊🤍
Aysherr Varah ufaa vehjje vaahaka reethi veema.
Insha’Allah soon !!
Lym dear 💗
Mi part ves varha reethi Masha Allah
My mum and dad also like that 💔💔
I’m so sad 😭😭💔💔
Unmeedhu kuran new story libeny kama 😊😊
Thankyou dear!! 😊🧡
Aalheyy.. aslu tha!! 🥺
I’m sorry to hear that.
Aysherr Varah ufaa vehjje new story eh kiyaalan libeyne kamah ummeedhu kuraakan ingunyma.
Insha’Allah soon!! <3
Tysm darling!!💗