ޒުލޭ
އަމިއްލަ ނަފްސު ހަލާކުގެ ތެރެޔަށް ތިޔަ ވައްޓާލަނީ ކީއްވެހެއްޔެވެ؟ ތިބާއަށް ނުލިބިގެން ތިޔަ އުޅެނީ ކޮން އެއްޗެއްހެއްޔެވެ؟ ލޯތްބާ އުފަލަކީ ވަގުތީ އެއްޗެކެވެ. އެ ބީވެގެން ނުދާނޭ އެއްގޮތްވެސް ނޯންނާނެއެވެ. އެހެނޭ ކިޔާފަ ތިމާގެ އަމިއްލަ ނަފްސު މަރަށް ތި ހުށަހަނީ ކޮން މޮޅެއް ވާނެކަމަށްހެއްޔެވެ؟ ދުނިޔެއަކީ ވަގުތީތަނެކެވެ. ތިބާ މިތަނަށް ފޮނުވުނީ ހެއްދެވިފަރާތަށް އަޅުކަން ކުރާށެވެ. އުމުރަކީ ނަމްބަރެކެވެ. ދެން އޮތް ސިކުންތުގަވެސް ލޯމަރާލަންޖެހިދާނެއެވެ. ހަޔާތަކީ ފިލްމެއް ނުވަތަ ޑްރާމާއެއްްނޫނެވެ. މަރުވުމަށްފަހު އަލުން އަނބުރާ ދުނިޔެއަކަށް ނާދެވޭނެއެވެ.
ޒުލޭއަކީ ކުޑަ އާއިލާއަކަށް ނިސްބަތްވާ ޒުވާނެކެވެ. ޒުލޭއަކީ މޮޅަށް ކިޔަވާންހުރި ކުއްޖެކެވެ. ހަރުދަނާ ވަޒީފާއެއް އަދާކުރަމުންދާ ރަނގަޅު އާމްދަނީއެއްލިބޭ ޒުލޭއަކީ ލޯބީގެ ގޮތުން އަދި އެއްވެސް މީހަކާ ގުޅިފައި ނުވާ މީހެކެވެ. އޮފީސްގެ މާހައުލުގައި ޒުލޭއަށް ލޯ އަޅާ މީހުން ފިސާރެ ގިނައެވެ. ވާދަޔަށް އޭނާގެ ހިތް އަތުލުމަށް އެތައް ފަހަރަކު މީސްމީހުން މަސައްކަތްކުރެއެވެ. ގެޔަށްލާ ދިނުމުގެ ދައުވަތުތަކަކީ އާއްމުކޮށް ޒުލޭއަށް ލިބޭ ދައުވަތެވެ. ނަމަވެސް ޒުލޭ އަބަދުވެސް އެކަމަށް އިންކާރުކޮށް ހިނގާލާފައި ގެޔަށްދެއެވެ.
އެއްދުވަހަކު ޒުލޭ އޮފީސް ނިންމާލާފައި އެކުވެރިޔަކާއެކު ގެޔާދިމާލަށްދިޔައެވެ. މަޖާ ވާހަކައިގަ ހިނގަމުންދަނިކޮށް މީހަކު ފަހަތުން ދެ ތިންފަހަރަކު ގޮވާލިޔެވެ. ޒުލޭ އެނބުރި ބަލާލިއިރު ދިގު ރީތި ޒުވާނަކު ފޯނެއް ދިއްކޮލައިގެން ހުއްޓެވެ. އެއީ ޒުލޭގެ ފޯނުކަން ޒުލޭއަށް އެނގުނެވެ. ކޮންމެވެސް ގޮތަކުން ފޯނު މަގުމައްޗަށް ވެއްޓުމުން އެ ނަގައިގެން އައިސް އެޒުވާނާ އެހުރީ ޒުލޭއަށް ޒުލޭގެ ފޯނު ރައްދުކޮށްދޭން އައިހެވެ. ރިވެތި ހިނިތުންވުމަކާއެކުއެވެ. ދޮން ހަމެއް ލިބިފައިވާ ދޮން އެ ރީތީ ޒުވާނާއާ ޒުލޭއަށް ހަތަރުކަޅި ހަމަކޮށްލައިގެން ހިނދުކޮޅަކު ހުރެވުނެވެ. ނޫކުލައިގެ ރީތި ދެ ކަޅިއަށް ބަލަހައްޓައިގެން ހުރި ޒުލޭގެ ކޮނޑުގައި ޒުލޭގެ ރަހްމަތްތެރިޔާ ކޮއްޓާލިޔެވެ. އެއާއެކު ޒުލޭ ހިނިއައިސް އިސްދަށަށް ޖަހާލުމަށްފަހު ޒުވާނާ އަތުން ފޯނު ނެގިޔެވެ. އަދި ޝުކުރު އަދާކުރިޔެވެ. އެހިނދު އެ ޒުވާނާ ޒުލޭއަށް ފުރަގަސް ދިނުމަށްފަހު މަޑު ހިނގުމެއްގައި އޭނާ ދާ ތާކަށް ދާންފެށިޔެވެ. ހުދު އަތްދިގު ގަމީހަކާ ކަޅު ޖީންސްއެއް ލައިގެން ބޮލުގައި ކަޅު ކޯންއެއް އަޅައިގެން ހުރި އެ ޒުވާނާ ގޮސް ގެއްލެންދެން ޒުލޭއަށް ބަލަހައްޓާން ހުރެވުނެވެ. އިސާހިތަކު އޭނާގެ ރަތްމަތްތެރިޔާ ދެކޮޅަށް ބޯ ހޫރުވާލުމަށްފަހު ޒުލޭގެ ކޮނޑުގައި ޖަހާލިޔެވެ. އަދި ހޭންފެށިޔެވެ. ޒުލޭއާއެކު އޭނާގެ ރަހްމަތްތެރިޔާ ޒުލޭމެންގެޔަށްގޮސް ވަނުމާއެކު ޒުލޭގެ މަންމަ ގާތު ހީހީފާ ހިނގި ކަންތަކުގެ ވާހަކަ ކިޔާދިނެވެ. އެހިނދު މަންމަވެސް ސަމާސާ ގޮތަކަށް ޒުލޭއާ ދިމާކުރަންފެށިޔެވެ. މަންމަމެނާއެކު ސަކަރާތް ނިންމާލުމަށްފަހު ޒުލޭ އޭނާގެ ކޮޓަރިޔަށްދިޔައެވެ. އެނދުމައްޗަށް ވެއްޓިގަނެ ހިޔާލްތަކަށް ގެއްލިގަތެވެ. އެހެން އޮވެ އެއްކަލަ ޒުވާނާ މަތިން ހަނދާންވާންފެށިޔެވެ. އެއީ ކާކުބާއޭ ހިތަށް އެރިޔެވެ. ނަން އަހާލެވުނުނަމައޭވެސް ހިތަށް އެރިޔެވެ. މިހެން އޮވެ ފޭސްބުކް ހާވާލަން ނިންމާލިޔެވެ. އެހެން އޮއްވާ ފޭސްބުކް ހާވަމުންދަނިކޮށް ރައްޓެއްސެގެ ޕްރޮފައިލް ހާވަމުން ދަނިކޮށް އެއްކަލަ ޒުވާނާގެ ފޮޓޯއެއް ފެނުނެވެ. އެ ޒުވާނާ ހުރީ އޭނާގެ އެކުވެރިޔާގެ ކައިވެނީގައި އެއްކޮށް ފޮޓޯ ނަގާފައެވެ. ޒުލޭގެ ހިތް ބާރަށް ގުޑެންފެށިޔެވެ. ހިނިވެސް އަންނަންފެށިޔެވެ. އެންމެ ފަހަށް ރަހްމަތެރިޔާއަށް ފޭސްބުކް މެދުވެރިކޮށް މެސެޖްކޮށްލާން އެ ޒުވާނާގެ މައުލޫމާތު ހޯދާލަން މަސައްކަތްކުރިޔެވެ. ޕްރޮފައިލް ފިޔަވާ އިތުރު އެއްވެސް އެއްޗެއް ނޭނގޭ ކަމަށް ރަހްމަތްތެރިޔާ ބުނުމަށްފަހު ފޭސްބުކް އައިޑީ ޒުލޭއަށް ދިނެވެ. އެހިސާބުން ޒުލޭ އެޒުވާނާއަށް ފްރެންޑް ރިކުއެސްޓްއެއް ފޮނުވިޔެވެ. އެއަށްފަހު އިންތިޒާރުގައި އޮވެވެންފެށިޔެވެ. ވަގުތުތައް ގުނަމުންދިޔައެވެ. ދުވަހަކަށްފަހު ދުވަހެއް ފާއިތުވެގެންދާންފެށިޔެވެ. މަގުމަތިންވެސް އެ ޒުވާނާ ފެނޭތޯ ޒުލޭ މަސައްކަތްކުރެއެވެ. ނަމަވެސް ނަސީބެއް ނުލިބުނެވެ. އެންމެ ފަހަށް މާޔޫސްވެގެން ފޮނުވި ފްރެންޑް ރިކުއެސްޓް ކެންސަލްކޮށްލަން ނިންމިޔެވެ. އެކަން ކުރުމަށް ފޭސްބުކްއަށް ވަތްވަގުތު އެ ޒުވާނާވަނީ ޒުލޭގެ ރިކުއެސްޓް ބަލައިގަނެފައެވެ. ޒުލޭ މިކަމާ ވަރަށް އުފާވިޔެވެ. އިސްވެ މެސެޖްއެއްކޮށްލާތޯ އިންތިޒާރުކުރަމުންދިޔައެވެ. ނަމަވެސް ނާދެއެވެ. އެހެން ކަމުން ޒުލޭ އެ ޒުވާނާއަށް މެސެޖްއެއް ފޮނުވާލިޔެވެ. އެކޮޅުންވެސް މެސެޖްއެއް ފޮނުވާފިޔެވެ. ދެފަރާތުގެ ދެމެދުގައި އެކި ކަހަލަ ވާހަކަތައް ދެކެވެމުންދިޔައެވެ. މަޖާ މިޒާޖުގެ އެ ޒުވާނާގެ ވާހަކަތައް އަބަދުވެސް ވަރަށް ޒުލޭއަށް ކަމުދެއެވެ. ކޮންމެ ދުވަހަކުވެސް އެތައް މެސެޖެއް ދެމީހުން ދެމެދުގައި ބަދަލުކުރެވެއެވެ. މިހެން ގޮސް އެންމެ ފަހަށް ދެމީހުންގެ ގުޅުން އިތުރަށް ވަރުގަދަވެ ފުރުތަމަ ފަހަރަށް ނަމްބަރު ބަދަލްކޮށްލިޔެވެ. އެއާއެކު އެކަކު އަނެކަކުގެ އަޑު ކަންފަތުގާ ޖެހިލުމުން އެތައް ވާހަކަތަކެއް ދެކެވި އެތައް ވަގުތުތަކެއް ފޯނުގައި ހޭދަކުރެވެމުންދެއެވެ. ކޮންމެއަކަސް ދެމީހުންގެ ފުރުތަމަ ބައްދަލްވުން ކުރިޔަށްދާން ނިންމިޔެވެ. ޒުލޭއާ އެ ޒުވާނާ ބައްދަލްކުރީ ޒުލޭގެ ގޭދޮށުންނެވެ. އެ ޒުވާނާގެ ސައިކަލްގައި ފިނި ބުރެއް ޖަހާލުމަށްފަހު މަޝްހޫރު ރެސްޓުއަރެންޓްއަކަށް ޒުލޭ ގޮވައިގެން ކާންދިޔައެވެ. ފޮނި ވާހަކަތަކުގައި ތިބެ ކެއުން ނިންމާލުމަށްފަހު ޒުލޭ ގޮވައިގެން އަނެއްކާވެސް އެއްކަލަ ޒުވާނާ ދުއްވާލަން ނުކުތެވެ. އެތައް އިރަކު ދުއްވުމަށްފަހު ޒުލޭ ގެނެސް ގެޔަށްލިޔެވެ. ޒުލޭގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. ފުރުތަމަ ބައްދަލްވުން ދިޔައީވެސް އެހާމެ ފޮނިކޮށްށެވެ. މިގޮތަށް އެތައް ރެޔެއް ކުރިޔަށްދިޔައެވެ. އެންމެ ފަހަށް ޒުލޭ ޒަވާޖީ ހަޔާތެއް އެ ޒުވާނާއާއެކު ފަށަަން ބޭނުންވާ ވާހަކަ ބުނެލިޔެވެ. އެ ވާހަކަ ބުނިފަހުން އެ ޒުވާނާއަށް ބަދަލްތަކެއް އަންނަކަން ޒުލޭއަށް ފާހަގަވިޔެވެ. ދުވަހަކަށްވުރެ ދުވަހެއް އެ ޒުވާނާ ދިޔައީ ޒުލޭއާ ދުރުވަމުންނެވެ. ޒުލޭގެ ގިނަ މެސެޖްތަކަށް ލިބެމުންދިޔައީ އެ ޒުވާނާގެ ކުރު ޖަވާބުތަކެވެ. ފޯނު ނެގުން މަދުވެ ޒުވާނާ އާދަޔާ ހިލާފަށް ބިޒީވެއެވެ. ކޮންމެވެސް ބަހަނާއެއް އަބަދުވެސް ދައްކަމުންދެއެވެ. މިކަމާ ޒުލޭ ކަންބޮޑުވެ އެންމެ ފަހަށް ޒުވާނާއަށް އާދޭސްކުރެވެން ފެށުނެވެ. ނަމަވެސް ޒުލޭގެ އާދޭސްތަކަށް ޒުވާނާ ދެމުންދިޔައީ ބީރު ކަންފަތެވެ. ޒުލޭ އެޒުވާނާގެ ގެޔަށްވެސް ގޮސް އާދޭސްކުރެއެވެ. އެތައް އިރަކު ބޭރުގައި އެ ޒުވާނާގެ އިންތިޒާރުގައިހުރެއެވެ. ވެެހޭ ވާރެޔަކަށް ޖަހާ ގުގުރިޔަކަށް ޒުލޭއެއް ނުގުޑައެވެ. އެންމެ ފަހަށް އެ ޒުވާނާއާ ޒުލޭއާ ދެމެދު ހިނގި ޒުވާބެއްގައި ޒުލޭއަށް ލިބިގެންދިޔައީ އެންމެ ހިތި އެއް ޖަވާބެވެ. ޒުލޭއަކީ އެޒުވާނާ ކުރިމަތީ އެއްވެސް އަގެއް ނެތް މީހެއްކަމެވެ. ވަގުތީ އުފަލެއްކަމެވެ. މިހިސާބުން ޒުލޭގެ ފައިދަށުން ހީވީ ބިންގަނޑު ދަމައިގަތްހެނެވެ. މުޅި މީހާ މާޔޫސްވެ ނަފްސާނީގޮތުން ބަލިކަށިވެއްޖެއެވެ. ކަނީކީ ނޫނެވެ. ބޮނީކީ ނޫނެވެ. ގިނަ ވަގުތު ހޭދަކުރަމުންދިޔައީ ކޮޓަރީގައެވެ. ވަޒީފާއަށް ދިޔުން ހުއްޓާލިޔެވެ. ލަވަޔާ މިޔުޒިކުގެ ދުނިޔޭގައި ކޮޓާރީގައި ވަގުތުތައް ހޭދަކުރަމުންގޮސް އެންމެ ބޮޑު ޑިޕްރެޝަންއަށްވެސް މީހާ ވައްޓާލާފިޔެވެ. ފެނެއް ވަރަނީކީވެސް ނޫނެވެ. މީހާ ސިފަ ގެއްލި ހިކި އަނަރޫފަވެއްޖެއެވެ. އެންމެ ފަހަށް ދުނިޔެއަށް ބޭކާރު މީހެއްގޮތުގައި ޒުލޭއަށް އޭނާ ސިފަވާންފަށާފިޔެވެ. މިހެންވެ އަމިއްލަޔަށް މަރުވާން މަސައްކަތްފަށާފިޔެވެ. ކޮޓަރި ތަޅުލައިގެން ބެލްކަންޏަށް ނުކުމެ ބެޑްޝީޓް ބެލްކަނީގައި ވަރުގަދަޔަށް އައްސާލުމަށްފަހު ކަރަށް މަޅި ވައްދާލިޔެވެ. އަދި ރޮމުން ކަރުނަ ބާލަމުން ބެލްކަންޏަށް އަރާ ފުންމާލަން މަސައްކަތްކުރަނިކޮށް އެ މަންޒަރު ފެނުނީ ކުރިމަތީ ހުރި ގޭގައި ނަމާދަށް އިން ކުޑަ ކުއްޖަކަށްށެވެ. އެ ކުއްޖާ ނުކުތްގޮތަށް ނުކުމެ އަޑުގެ ނެތްކޮޅަށް ޒުލޭއާ ދިމާލަށް ބުނެލިޔެވެ. ” ޙަބަރުދާރު. މާ ﷲ އަށް ބިރުވެތި ވާނަމަ ކަލޭ ތިކަން ހުއްޓާލާ ހަމަ މިހާރު. ކަލޭ ބޭނުމީ ނަރަކައިގަ އަބަދުގެ އަބަދަށް އަނދަންތަ؟ “. މި ބަސްކޮޅު ވެގެން ދިޔައީ ޒުލޭ ބިރުން ފަހަތަށް ޖައްސާލި އޭނާގެ ހިތް ބަދަލްކޮށްލި ބަސްކޮޅަށްށެވެ. އޭނާ ބެލްކަނިން ފައިބާ އަވަސް އަވަހަށް ކަރުގައި އޮތް މަޅިގަނޑު ނަގާ އެއްލާލިޔެވެ. އެއަށްފަހު އެއްކަލަ ކުއްޖާއަށް ޝުކުރު އަދާކުރިޔެވެ. ކޮޓަރިޔަށްވަދެ ތަޅު ހުޅުވާލުމަށްފަހު މަންމައަށް ގޮވިޔެވެ. އަދި ކަންތައް ވެގެން ދިޔަގޮތް ކިޔައިދިނެވެ.
މަންމަގެ ބެލުމުގެ ދަށުން ޒުލޭ ކަންތައްތައް ރަނގަޅުކުރަމުންއައެވެ. ނަފްސާނީ ޑޮކްޓަރުންނަށް ދައްކާ މީހާ ރަނގަޅުވަމުންދިޔައެވެ. ބަރާބަރަށް ނަމާދުކޮށް ދީނީ ކަންތައްތަކަށް އިސްކަންދިނެވެ. އައި ހެޔޮ ބަދަލަށް މާތް ﷲ އަށް އަބަދުވެސް ޒުލޭ ސަޖިދައިގައިއޮވެ ޝުކުރުއަދާކުރެއެވެ. ގިނަ ގިނައިން ތައުބާ ނަމާދުކުރެއެވެ. މިހާރު ޒުލޭގެ އެންމެ ގާތް ރަހުމަތްތެރިޔާއަކީ އެއްކަލަ ކުޑަ ކުއްޖާއެވެ. އޭނާގެ ފަރާތުން ޒުލޭއަށް އެތައް އެއްޗެއް ދަސްވެގެންދެއެވެ. އަދި އެކުއްޖާ އާއިލާއިން ޒުލޭ ބަލައިގަންނަނީ އުފަލާއެކުގައެވެ. މިއަދު ޒުލޭގެ މަސައްކަތަކީ މޮޅަށް ކިޔަވައިގެން ދީނީ ކަންތައްތައް އުނގަނައިދިނުމެވެ. ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ މީހުންނަށް އެހީވުމަކީ ޒުލޭ އެންމެ ކުރާހިތްވާ ކަންތަކެވެ. ޒުލޭގެ މަސައްކަތުން އެތައް ޒުވާނުންނެއްވަނީ ސަލާމަތްވެފައެވެ.
- – ނިމުނީ –


