Skip to content
އެސްފިޔަ

ދުނިޔެއީ ދައުރުވާ އެއްޗެއްމެ..9

ނީލަމްގެ އާއިލާއަށް ކައިވެނީގެ ޚަބަރު ލިބިފައިވީނަމަވެސް، އަދި ރާކިންގެ އާއިލާއަށް އެވާހަކަ އޮތީ ނޭނގިއެވެ. ނީލަމް ކެތްމަދުވެ އެވާހަކަ ރާކިންގެ އާއިލާގެ ގާތުގައި ބުނާނެ ދުވަހަކަށް އިންތިޒާރު ކުރެއެވެ. އެއީ އެކައިވެންޏަށް އެއްވެސް ފަރާތަކުން ނުރުހޭނަމަ އެކަން ކުރަން ބޭނުން ނުވާތީއެވެ. އޭރުން ފަހުން ނިކުންނަ ނަތީޖާ މާ ހިތި ވާނެއެވެ.

“މަންމަ ގާތުގަ ނީލަމްގެ ވާހަކަ ބުނީމަ ވަރަށް އުފަލުން ހުރީ. ބުނި މާލެ އައީމަ ދައްކާލަންވާނޭ” ރާކިން ހެވިފައި ވާހަކަދެއްކިއެވެ.

“ރާކިންގެ މަންމަމެން ޤަބޫލު ވާނެތަ އަހަންނާ؟” ކުޑަކޮށް ނުތަނަވަސް ރާގެއްގައި ނީލަމް ސުވާލުކުރިއެވެ.

“ޔަޤީނޭނު. މަންމައަށް ނީލަމް ވަރަށް ކަމުދާނެ. ނީލަމްދެކެ ވަރަށް ލޯބިވާނެ” ރާކިންގެ އަޑުގައިވަނީ ޔަޤީންކަމެވެ.

ދުވަސްތައް ފާއިތުވަމުން ދަނީއެވެ. ރާކިން ނީލަމްދެކެ ވާލޯބި ކޮންމެ ދުވަހަކު އިތުރުވާފަދައެވެ. އެހާވެސް އޯގާތެރިއެވެެ.

އަހަރުގެ ފަހުކޮޅެވެ. ޖަނަވަރީގެ ކުރީކޮޅުގައި ކައިވެނިކުރުމަށް ހަމަޖެހިފައިވާތީ ނީލަމްގެ ހިތް ނޭނގޭ ބިރަކުން ތެޅެމުން ދިޔައެވެ. އެދުވަސްވަރަކީ ރާކިންގެ މަންމަވެސް މާލޭގައި ހުރި ދުވަސްކޮޅެކެވެ. ރާކިންގެ މައިންބަފައިންނަށް ކައިވެނީގެ ވާހަކަ އެނގި ރުހިފައިވީނަމަވެސް އަދި ނީލަމް ފެނިފައެއް ނުވެއެވެ. ދެން އޮތީ އެ މަރުހަލާއެވެ.

ނީލަމް ތައްޔާރުވަމުން ދިޔައީ ރާކިންގެ މަންމަމެންނާ ބައްދަލުވާން ދިއުމަށެވެ. ހުރީ ވަރަށް ހިތް އަވަސްވެފައެވެ.

ގަޑި ޖެހުން އިރުވެސް ހުރެވުނީއެވެ. ކުއްލިއަކަށް ސިހިފައި ޚިޔާލުތަކުން ދުރުވެވުނީ ރާކިން ގުޅުމުންނެވެ.

“މީނީ ތިރީގަ..އަވަހަށް ފައިބާ” ރާކިން ބުނީ އެހެންނެވެ.

އެންމެން ބައްދަލުވީ ފުޑް ކޯޓުންނެވެ. ނީލަމްއަށް އެތަން ކަމަކު ނުދެއެވެ. މީހުން ގިނަވެފައި އަޑުވެސް އެހާ ގަދައެވެ. އެކަމަކު އެއީ ރާކިންގެ މަންމަ މާ ގަޔާވާ މާޙައުލަކީޔޯލައެވެ.

ރާކިންގެ މަންމަ ސިފަ ކުރެވުނު ގޮތާ ވަރަށްވެސް ތަފާތެވެ. އެންމެ ޒަމާނީ ހެދުމުގައި ފެންނަނީ ޒުވާނުންގެ ފެޝަނެވެ. ފައުންޑޭޝަން އުނގުޅާ ގަދަޔަށް ފުށް ޖަހާލާފައެވެ. ރަތްކުލައިގެ ގަދަ ލިޕްސްޓިކުން ތުންފަތްވަނީ ފަވާލާފައެވެ. އަރައިގެން ހުރީ އުސްފާވަނަކަށެވެ.

“ހާދަ ބޮޑު ހެދުމެކޭ. މި މާލޭގަ މިކަހަލަ ހެދުން ލައިގެން އުޅޭކަށް ފަކުރެއް ނުގަނޭތަ. މުޅި މަގުމަތީގަ ކޭއްތޭނެ” އެންމެފުރަތަމަވެސް ރާކިންގެ މަންމަ ނީލަމްއަށް ބަލާލުމަށްފަހު ބުނެލީ އެހެންނެވެ. ނީލަމްއަށް ބޭއިޚްތިޔާރުގައި ރާކިންއަށް ބަލައިލެވުނެވެ.

“މިހެން ހެދުން ލީމަ ކިހާ ރީތި” ރާކިން ނީލަމް ދިފާއު ކުރީ ޖެހިލުމެއް ނެތިއެވެ. ނީލަމް ހިތްހަމަޖެހުނެވެ.

“ރަންކިޔުން ވާނެ ވަރަށް ފޯރި ގަދަކޮށްލަން. މަންމަ މިކޮޅުގަ ހުއްޓަ އެކަން ކުރަން ވާނެ” ރާކިންގެ މަންމަ ކެއުމަށް އިންސާފުކުރަމުން ބުންޏެވެ.

“ދިވެހި ހެދުން ލައިގެން ސަޤާފީ ތީމް އަކަށް ބާއްވާނީ. އޭރުން ވަރަށް ރީތި ވާނެ” ރާކިންގެ މަންމަ ނީލަމްއަށް ބަލައިލިއެވެ. ނީލަމް މަޑުމަޑުން ބޯޖަހާލިއެވެ.

ރާކިންގެ މަންމައާ ބައްޕަ ގާތު އެކަނި އަންނަން ބުނުމުންވެސް އައީ ބޮޑުދައިތަމެން ގޮވައިގެންނެވެ. އެމީހުންވެސް ނީލަމްގެ ހެދުން އެޅުމަށް ފާޑުކިޔާ ހެދިއެވެ. އެއްވެސް ޖެހިލުމެއް ނެތިއެވެ. ޙަޤީޤަތުގައި ނީލަމް އެކަމާ ވަރަށް ދެރަވިއެވެ.

ވަރަށް ގިނަ މަޝްވަރާކޮށް ރަންކިޔާނެ ތާރީޚެއްވެސް ކަނޑައެޅިގެން އެރޭގެ އެ ބައްދަލުވުން ނިމުނެވެ. ނީލަމްއާ ވާހަކަ ދައްކާލުމަށް ރާކިން މަޑުކޮށްލީ އެގޭ ދޮށުގައެވެ.

“ސޮރީ. ނީލަމް ބޭނުންވާނެހެން ރަންކިޔުމުގެ ކަންކަން ކުރާނީ އިނގޭ..” ދެރަވެލާފައި ރާކިން ބުންޏެވެ.

” އެގޮތް ވެސް ރަނގަޅު. އެކަމު މީހުން ގިނަ ނުކުރާތި އަހަރެންގެ ފަރާތުން އަންނަން މިކޮޅުގަ ތިބީ ތިން ކަޒިންސް އެކަނި.” ނީލަމް ބުނެދިނީ ކަން އޮތްގޮތެވެ.

“މައްސަލައެއް ނެތް. ފަސްމީހުން އަންނާނި އެންމެ ގިނަވެގެންވެސް ހެކިވެރިން ނުލާ. ކޮންތާކު ބާއްވާނި؟” ރާކިން އަހާލިއެވެ.

“ރެސްޓުއަރެންޓެއް ހުރޭ 1000 އަށް 24 ގަޑި އިރަށް ދޫކުރާ ހޯލްއެއް ހުންނަ. އެތަނުގެ ޑީޓެއިލްސް ފޮނުވާލަދޭނަން” އެހެން ބުނުމަށްފަހު ދެމީހުން އެރެއަށް ވަކިވެލިއެވެ.

ނީލަމްއަށް ނުވިސްނުނު ކަމަކީ ކިތައްމެ ހަރުދަނާކޮށް ރޭވޭ ކަމެއްވެސް ބަދަލުވެ ހީނުކުރާހެން ތަޤުދީރު އެކަމާ އިންސާފުކުރާކަމެވެ.

Comments (8)

  1. baby girl 🙈

    vrh reethi Masha Allah ❤️
    very interesting…
    vaahaka nimunee tha ehkkoh??

    1. Queenquill
      baby girl 🙈

      Adhi nunimeyyy❤️❤️
      Thankooo sooo muchhh

  2. Cutie girl

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Then khineh baa vaani
    I appreciate your hard work
    Tc ❤️
    Ramadan Mubarak ❤️

    1. Queenquill
      Cutie girl

      Thankooo sooo muchh❤️❤️
      Ramadan mubarak ✨️

  3. Ghost girl 👻

    Masha Allah 😍 vrh reethi mi part ves ☺️ vrh dhuvx vejje inthizaaru kuraathaa mi part ah thank yu ❤️when’s next curiously waiting for the next part 🫶🏻 keep it up ❤️ LYSM 🫶🏻

    1. Queenquill
      Ghost girl 👻

      In sha Allah soon.
      Thankooo soo much❤️❤️
      Lots of love

  4. ava

    raakins family feels so entitled like let the girl dress the way she wants if i was neelam i would have already gone off on them and its their wedding let them decide for gods sake

    1. Queenquill
      ava

      Well it is the bitter truth of our society. Not everyone but some people are still on that road.

Comments are closed.