Skip to content
އެސްފިޔަ

ދުނިޔެއީ ދައުރުވާ އެއްޗެއްމެ..6

މަޣްރިބު ނަމާދަށްފަހު ރާކިން އިނީ ކޮފީއެއް ބޯލުމަށްޓަކައި ކެފޭ އެއްގައެވެ. އޭރު ރާކިންގެ ހިތުގައި އޮތީ ނީލަމްގެ ގާތުގައި އެވާހަކަ ބުނާނެ ގޮތެކެވެ. ފިރިހެނަކަސް ކުޑަކޮށް އެބަ ޖެހިލުންވެއެވެ. އެހެނަސް މިހާރު އެވާހަކަ ހާމަނުކޮށް ލަސްކުރަން ރާކިން ބޭނުމެއް ނުވެއެވެ.

ނީލަމް އިނީ އާދައިގެ މަތިން ފިލާވަޅުތައް ދަސްކުރާށެވެ. އޭރު ގަޑިން ދިހައެއް ޖަހަނީއެވެ. އޭރުވެސް ވަރަށް ބޯކޮން ވާރޭ ވެހެމުން ދިޔައެވެ. އެކަމުގެ ސަބަބުން ނީލަމްގެ ހިތަށް ހިތްހަމަޖެހުން ލިއްބައިދެއެވެ. އެގޮތުގައި ވަގުތުތައް ހޭދަވަމުން ދިޔަ އިރު، އޭގެ އިތުރުން ރާކިންއަށް މެސެޖު ކުރަމުން ދިޔައެވެ. މިހާރު ދެމީހުންގެ ގުޅުން ގާތްވެ ކޮންމެ ދުވަހަކުވެސް ވާހަކަ ދެއްކެއެވެ. ދެމީހުންވެސް އެކަކު އަނެކަކުގެ ދިރިއުޅުމުގެ ހުރިހާ ވާހަކައެއް ހިއްސާކުރެއެވެ. ނޭނގޭ ގާތް ކަމެއް އޮތީ އުފެދިފައެވެ.

ނީލަމްގެ ޗުއްޓީ ދުވަސްތަކެވެ. ޓެސްޓަށް ތައްޔާރުވުމަށް ރެޔާއި ދުވާލު މަސައްކަތްކުރަމުން ދިޔައެވެ. އެކި ދުވަސްމަތިން ” އޯލް ދަ ބެސްޓް ” ނޯޓް ކޮޅަކާއި އެކުގައި ރާކިންގެ ކޮންމެވެސް ހަދިޔާއެއް ލިބެއެވެ. އެކަންވީ ނީލަމް ވަރަށް އުފާވި ތަފާތު ކަމަކަށެވެ. ދުވަހަކުވެސް މީހަކު އެހާ ޚާއްސަކޮށް ކަމެއް ނުކޮށްދޭތީވެސް ކަންނޭނގެއެވެ. އެލިބޭ ރީތި މާބޮނޑިތަކާއި މީރުު ޗޮކުލެޓުތަކަށްވުރެ، އެ ޢަމަލު ނީލަމްއަށް ވަރަށް ކަމުދިޔައެވެ. އެކަހަލަ “ލޯބި” ކަންކަން ފެންނަނީ ފިލުމު ތަކުންނާ ސީރީޒްތަކުންނެވެ.

އެގޮތުގައި ދުވަސްތައް ހޭދަވެ، އިމްތިޙާނުތައްވެސް ނިމިއްޖެއެވެ. ދެން އޮތީ ކުރި އިންތިޒާރަށް ނިމުން އައުމެވެ. ކެތްމަދުވެ އަހާލަން ބޭނުންވެފައި ހުރި ވާހަކަ އަޑު އެހުމަށެވެ. ލަސްތަކެއް ނުވެއެވެ. ހަމަ އެރޭ ރާކިން މެސެޖު ކުރިއެވެ. 8:30 ގައި ގެ ކާރިޔަށް ބަލާ އަންނާނަން ކަމުގައި ބުނެފައި އޮތެވެ. ނީލަމްގެ ހިތް ނޭނގޭ ބާރު މިނަކުން ތެޅެނީއެވެ. އަތްފައި ފިނިވަނީއެވެ. އެވަނީ ކިހިނެއްބާއޭ ނީލަމްގެ ހިތަށް އަރައެވެ.

“މަންމާ..އެއްކަލަ ވާހަކަ މިރޭ ބުނާނެ ކަންނޭނގެ” ނީލަމް ވަގުތުން މަންމައަށް ގުޅާލިއެވެ.

“މަންމައަށް މިހާރުވެސް އެވާހަކަ އެނގޭ. ކޮންމެ ގޮތެއް ވިޔަސް މިފަހަރު އާއެކޭ ބުނާތި” މަންމަގެ އަޑުންވެސް އުފާވެރިކަން ހާމަވެއެވެ.

“ދެން މަންމާ” ނީލަމް މާބޮޑަށް ހާސްވާ ގޮތް ވިއެވެ. މިރޭ ނުދާންވެސް ހިތަށް އެރިއެވެ. މަންމައާ ވާހަކަދައްކާލުމަށްފަހުގައި ދެން ދިޔައީ މިރެއަށް ތައްޔާރުވާށެވެ.

ހުދު ކުލާގެ ރީތި އަބާޔާ އަކާއި މެރޫން ކުލައިގެ ޝޯލްއެއްގައި ނީލަމް ފެންނަލެއް ވަރަށް ފުރިހަމައެވެ. ގޭ ދޮރުމަތީގައި ނީލަމް ހުއްޓިލައިގެން ހުރިއިރު މަގުމަތިން ދިޔަ ގިނަ މީހުންގެ ނަޒަރު ހުއްޓާލެވުނެވެ.

އިރުކޮޅަކު އެހެން ހުއްޓާ ރާކިން އައިސް މަޑުކޮށްލިއެވެ. ނީލަމް ފެނިފައި ރާކިންގެ ހިތް އުދުހިގަތްފަދައެވެ. މާޝާﷲ އޭ ކިޔާލެވުނީ ހިތާއި ހިތުންނެވެ.

“އަރާ” ނީލަމްއަށް ހެލްމެޓެއް ދިއްކޮށްލަމުން ރާކިން ބުނެލިއެވެ. ދުވަހަކުވެސް ހެލްމެޓް އަޅައިގެން ސައިކަލުގައި އަދި ގޮސްފައި ނުވާތީ ނީލަމް ކުޑަކޮށް ޖެހިލުން ވިއެވެ. އެއުޅެނީ ބްރިޖަށް އަރަންކަން އެނގުމުންނެވެ. ނީލަމް ހެލްމެޓު ބޮލުގައި އަޅާލުމަށްފަހު އޭގެ ވާކޮޅު އެޅުވޭތޯ ކުރި މަސައްކަތްވީ ބޭކާރެވެ. އަލަށް ވީމަ ކަމަށްވެސް ވެދާނެއެވެ. ދެން ރާކިން ކޮށްލި ކަމަކުން ނީލަމްގެ ކަޅި ރާކިންއަށް ހުއްޓުނެވެ. ނީލަމްގެ ހެލްމެޓުގެ ވައިކޮޅުގައި ހިފައި ވަރަށް މަޑުމަޑުން އަޅުވާލަދިނެވެ. ލަދުންގޮސް ނީލަމްގެ ކޯތާފަތް ރަތްވެގެން ދިޔަ މަންޒަރު ރާކިންގެ ހިތުގައި އޮބައިލިއެވެ.

ނީލަމް ސައިކަލަށްއަރާ ހަމަޖެހިލުމުން ރާކިން ސައިކު ދުއްވަަލީ ހުޅުމާލެއަށް ދިއުމަށެވެ. ބުރިޖު މަތީގައި ރާކިން ދިޔަލެއް ބާރުކަމުން ނީލަމައަށް އިޚުތިޔާރަކާ ނުލައި ރާކިންގެ ގަމީހުގައި ހިފަހައްޓައިލެވުނެވެ. އެވަގުތު ރާކިންގެ ތުންފަތްމައްޗަށް ވެރިވި ހިނިތުންވުމެއް ނީލަމް ނުދެެކެއެވެ. ރާކިން ސައިކަލު ހުއްޓާލީ ރީތި ރެސްޓުއަރެންޓެއްގެ ކުރިމަތީގައެވެ. ދެމީހުން ސައިކަލުން ފައިބާގެން ގޮސް ބޭރު ފެންނަ ގޮތަށްހުރި މޭޒެއްގެ ދޮށުގައި އިށީންދެލިއެވެ. އޯޑަރު ދިނުމަށްފަހުގައި އެކަކު އަނެކަކަށް ހިނިތުން ވެލިއެވެ.

“ދެން ބުނެބަލަ ކޮން ވާހަކައެއްތަ؟” ނީލަމް އަވަސްއަވަހަށް އަހާލިއެވެ.

“ކެތް ކޮށްބަލަ. ކައި ނިމިގެން ބުނާނަމޭ” ރާކިން ބުނެލީ އެހެންނެވެ. އަނެއްކާވެސް ނީލަމްއަށް އިންތިޒާރެއް ހެއްޔެވެ. ދެނެއް ކެތެއް ނުވާނޭ ހިތަށް އެރިއެވެ. ނީލަމް ޝަކުވާ ކޮށްލުމުން ރާކިންގެ ގާތަށް ހިނިއައެވެ.

ކާއެއްޗެހި ގެނެސް މޭޒުގައި ބެހެއްޓުމުން، ތަފާތު އެކި ވާހަކަތަކާއި އެކުގައި ކެއުމާގެން ކުރިއަށް ދިޔައެވެ. ނީލަމް އިނީ ކައި ނުނިމިގެންނެވެ. އޭރު ދެމީހުންވެސް ތިބީ ކެތްމަދުވެފައެވެ. ކައި ނިމުމުން ބިލް ދެއްކުމަށްފަހުގައި ރާކިން ދިޔައީ ނީލަމް ގޮވައިގެން މޫދު ކާރިޔަށެވެ. ހުޅުމާލޭގެ ހިތްފަސޭހަ ގޮނޑުދޮށުގައި ދެމީހުން ހިނގަމުން ދިޔައީ ބަހެއް ނުބުނެއެވެ.

“ނީލަމް” ރާކިން މަޑުމަޑުން ގޮވާލުމުން ނީލަމް ހުއްޓިލީ އިސްއުފުލައި ބަލާލަމުންނެވެ.

“އަހަރެން ބޭނުން ނީލަމް” ރާކިން ފިނިވެފައިހުރެ ބުންޏެވެ.

“ކިހިނެއް ތިބުނީ؟” ނީލަމް ހާސްވާން ފެށިއެވެ.

“އަހަންނަށް އެނގޭ ރައްޓެހިވެގެން މާދުވަހު ނީލަމް އުޅެން ބޭނުން ނުވާކަން. އެހެންވެއްޖާ މެރީ ކުރަން ވިޔަސް އަހަންނަށް އޯކޭ. އަހަންނަށް ނީލަމް ވަރަށް ކަމުދޭ. އަހަރެން ނީލަމްދެކެ ވަރަށް ލޯބިވޭ. އިނގޭ މިހުރިހާ ކަމެއް ވަރަށް އަވަހަށްކަން މިވީ އެކަމުވެސް އަހަރެން ނީލަމް ބޭނުން” ރާކިން ޖުމުލައަކަށްފަހު ޖުމުލައެއް އިއްވާލިއެވެ. ނީލަމްގެ ހިތް މަޑަކުން ނޯވެއެވެ.

“އެކަމު ކައިވެންޏޭ ބުނާއިރު އެއީ ހާދަ ބޮޑު ކަމެކޭ… ރައްޓެހިވުމަކީވެސް..” ނީލަމްގެ އަޑު މެދު ކެނޑުނެވެ. ދެން ޚިޔާލުގައި އެކި ކަންކަން އެނބުރެން ފެށިއެވެ.

“ނީލަމް. އަހަނަށް އެނގެޔޭ..އެކަމު އެކީގަ އުޅެން ފެށީމަ ދަސްވާނޭނު. އަހަންނަށް ފުރުސަތެއް ދީ” ރާކިން އާދޭސްކޮށްލިއެވެ.

“އެންމެ ރަނގަޅު. އަހަންނަށްވެސް ރާކިން ވަރަށް ކަމުދޭ” އެހެން ބުނެ ރަކިވެގެން ނީލަމް އިސްޖަހާލިއެވެ. އެ އަދާ ރާކިންއަށް ވަރަށް ކަމުދިޔައެވެ. މަޑުމަޑުން ނީލަމްގެ އަތުގައި ހިފާލިއެވެ.

ނީލަމްއަށް ބަޔާންކުރަން ނޭނގޭ އުފާވެރިކަމެއް ލިބުނު ފަދައެވެ. މިއަދާ ހަމައަށް ނީލަމްގެ ޙައްޤެއްގޮތުގައި އޮތް ނާޒުކު ހިތް އޭގެ މަޤާމު ދޫކޮަށް ގޮސްފިއެވެ. އަލަތު ލޯބީގެ ރާޅު ބާނިތައް ހިތާ ކުޅެލާފިއެވެ.

އެގޮތުގައި މޫދު ކާރިން އެކުގައި ހިނގާލުމަށްފަހު މާލެ ދިޔައެވެ. ދެމީހުންގެ ޙަޔާތުގައިވެސް އައު ކުލަތަކެއް ޖެހުނު އުފާވެރި ރެއަކަށް އެރޭ ވެގެން ދިޔައެވެ.

އެހެނަސް އެދެހިތަށް ނޭނގުނީ އެރެއަކީވެސް މާޒީވެގެންދާނެ ރީތި ހުވަފެނެއްކަމެވެ.

Comments (5)

  1. Ghost girl 👻

    Masha Allah 😍 vrh reethi mi part ves when’s next curiously waiting for the next part

    1. Queenquill
      Ghost girl 👻

      In sha Allah soon.
      Thankooo so much for the support ❤️

  2. cutie girl

    mi part ves v reethi masha allah
    curiously waiting for next part
    keep it up
    neelam and raakin v gulhey
    they both are made for each other
    neelam ah dhra gotheh nuhadhachey
    i appreciate your hard work

    1. Queenquill
      cutie girl

      Balamaa dhw Neelam ah vaagothehvess.
      Thankoo for the support 🥹❤️

  3. riri

    raakin mihaaru neelam ah ehaa rangalah hithaafa kaiveni kureema kon badheleh tha mi annani

Comments are closed.