Skip to content
އެސްފިޔަ

އިންތިޒާރުގެ ނިމުން

އޭނާ ފެނުމާއި އެކު އަހަރެން ކުރި ދިގު އިންތިޒާރު ނިމުމަކަށް އަތުވެއްޖެއެވެ. ސަބަބެއް ނެތި އެއް ނޫނެވެ.އެއީ އަހަރެން އެ ސޫރައެއް ދުށުމަށް އެންމެ ގިނަދުވަހު އިންތިޒާރު ކުރެވުނު ސޫރައެވެ.ނަމަވެސް އޭނާގެ ފަހަތުން ލޯންޗުގެ ދޮރުން ނުކުމެގެން އައި އަންހެން ކުއްޖާ ފެނި އަހަރެންގެ ޠަބީޢަތު މުޅިން ގޯސްވިއެވެ.ލޮލުން ކަރުނަ އަންނަން ފެށުމާއިއެކު އަހަރެން އިސްޖަހައިލީމެވެ.އެހެން މީހުންގެ ނަޒަރުތައް އަހަރެންނަށް އަމާޒުވެދާނެތީއެވެ.

***************

އެއީ މީގެ ހަތް ވަރަކަށް އަހަރު ކުރިއެވެ.އަހަރެންނާއި އާލް ދިމާވީ ޗުއްޓީއަށް މީހުންތައް ރަށަށް އައިސްއުޅުނު ދުވަސްވަރު މެޗު ބަލަން ދަނޑުކައިރިއަށް ގޮސް އުޅުނު ދުވަހެއްގައި ދަނޑުކައިރިންނެވެ.އޭރު އަހަރެންގެ އުމުރުން އަށާރަ އަހަރެވެ.އަހަރެންނަކީ އެންމެ ކުޑައިރުން ފެށިގެން ވެސް އެހެންމީހުންނާއި އެކުވެރި ހިތްހެޔޮ މިޒާޖެއް ގެންގުޅެމުން އައި ކުއްޖަކީމެވެ.ދަންނަ މީހެއް ނޫނީ ނުދަންނަ ބީރަޓެއްސެއް ފެނުނަސް ހިނިތުންވެލުމަކީ އަހަރެންގެ ކަށީގައި ހިފާފައިވާ އާދައެކެވެ.

އެދުވަހު ވެސް ވީ އެހެނެވެ.އަހަރެން ކައިރީގައި ހުރީ ނުދަންނަ ކުއްޖެއް ނަމަވެސް އެކުއްޖާ އަހަރެންނަށް ބަލައިލުމާއި އެކު އަހަރެން އެ ނުދަންނަ ކުއްޖާއަށް ހިނިތުންވެލީމެވެ.އެ ހިނިތުންވުމަކީ އަހަރެންނައި އާލްއާ ދެމެދު އޮތް ގުޅުމުގެ ފެށުމެވެ.އެދުވަސް ހަމައެކަނިން ހިނިތުންވުމަކާއި އެކު ނިމުނު ނަމަވެސް ޖެހިގެން އައި ދުވަހު ދަނޑު ކައިރިން ފެނުމުން އެކަކު އަނެކަކަށް ތަޢާރަފްވީމެވެ.އޭނާ ބުނި ގޮތުގައި އޭނާއަކީ ވެސް މިރަށު ކުއްޖެކެވެ.ނަމަވެސް ދިރިއުޅެނީ ރާއަތޮޅު އަލިފުށީގައެވެ.މިރަށަށް އައި އަދި އަލަށް ކަމަށްވެސް ބުންޏެވެ.އޭނާ ދެއްކި ވާހަކަތަކުން އޭނާ އަކީ އަހަރެންނާއި އެއް އުމުރެއްގެ ކުއްޖެއްކަމާއި އޭނާގެ މާގިނަ ރައްޓެހިން ވެސް މިރަށުގައި ނުތިބޭކަން އެނގުނެވެ.އެދުވަހުގެ އިރު އޮއްސުނީ އަހަރެންނާއި އާލް އެކުވެރިކަމުގެ ގާތް ގުޅުމަކުން ގުޅުވާލަދީފައެވެ.

އޭގެފަހުން ފާއިތުވާ ކޮންމެ ދުވަހަކު އަހަރެންނާއި އާލް ބައްދުވަމެވެ.އާލް ކަހަލަ ހިތްހެޔޮ އަހުލާގު ރަނގަޅު އެކުވެރިއަކަށް ކަރުހިއްކައި ގަނެފައިވާ އަހަރެންނަށް އާލްގެ ސަބަބުން ފެން ލިބުނު ފަދައެވެ.ދުވަހަކަށްވުރެ ދުވަހެއް އަހަރެންނާއި އާލްގެ ގުޅުން ކުރިއަރަމުން ދިޔައެވެ.އާލް ބުނި ގޮތުގައި މާމަ ބަލިވެގެން މިރަށަށް އެމީހުން އެއްކޮށް ބަދަލުވީއެވެ.ނަމަވެސް އޭ ލެވެލްގެ ނަތީޖާ ލިބުމުން އިތުރަށް ކިޔަވަންދާން ހިޔާލުކުރާ ކަމަށް ވެސް ބުންޏެވެ.

އަހަރެންނާއި އާލްގެ އެކުވެރި ކަމުގެ ގުޅުމަށް ދެމަސް ފުރުނުއިރު އަހަރެންގެ ހިތުގައި އާލްއަށްޓަކައި މާ މަތިވެރި ވިންދެއްޖަހަން ޖަހަންފެށިއެވެ.އާލްގެ އެ ރީތި ކަމުގެ އަވައިގައި ޖެހި ދުވަހަކުވެސް އެ ނަޒަރުން ކުއްޖަކާއި ދިމާއަށް ބަލައިނުލި އަހަރެންގެ ހިތަށް މިވާގޮތް ޚުދު އަހަރެންނަށްކަށް ވެސް ނޭނގެއެވެ.ކޮންމެއަކަސް އަހަރެންގެ ހިތުގައި ޖަހަން ފެށި މި ރަނގަބީލުގެ އަޑު އެހެން އެއްވެސް މީހަކަށް އިއްވާކަށް އަހަރެންގެ ޟަމީރު އެއްބަހެއް ނުވިއެވެ.

އިރު އޮއްސެމުން ދިޔަ ވަގުތު އުޑު މަތީގައިވާ ކުލަތަކަށް ބަލަހައްޓައިގެން އަހަރެން އިނީ ގޭގެ އަނބުގަސްދޮށުގައި އެލުވާފައި ހުރި އުނދޯލީގައެވެ.މަޑުމަޑުން ހެއްލާލަ ހެއްލާލާ އޮތް އަހަރެން ސިއްސައިގެން ދިޔައީ މީހަކު ފަހަތުން އައިސް އަހަރެންގެ ކަންފަތް ބުޑުގައި ހަޅޭއް ލައްވައި ގަތުމުންނެވެ.އެއަޑު އަހަރެންގެ ކަންފަތުގައި ޖެހުމާއި އެކު އަހަރެންނަށް އެއަޑުގެ ވެރިއަކީ ކާކުކަން އެނގިއްޖެއެވެ.އެއީ ދުވަހަކުވެސް އަހަރެންނަށް އޮޅޭނެ އަޑެއް ނޫން ނަމަވެސް އާލް އައިސްދިން ޚަބަރަކުން އަހަރެންގެ ލޯ ކަރުނުން ތެއްމާލިއެވެ.މާދަމާ ކިޔަވަން ދާން ފުރަން އުޅޭކަމާއި އާލްއަށް އިންތިޒާރު ކުރުމަށް ބުންޏެވެ.އަދި އާލްވެސް އަހަރެން ދެކެ ލޯބިވާކަމާއި އަހަރެން އާލް ދެކެ ލޯބިވާކަން އޭނާއަށް އެނގޭކަމަށް ވެސް ބުންޏެވެ.އެހެން ދުވަސްދުވަހު ވެސް ބުނާ ފަދައިން މިއަދުވެސް ގެއިން ނުކުންނަމުން އާލް އަހަރެެން ކަައިރީގައި މީހަކަށް އެހާ ބޮޑަށް އިތުބާރު ނުކުރުމަށް ބުނެ ނަސޭހަތްތެރި ވިއެވެ.

***************

އަތިރިމަތީ ބަހައްޓާފައި ހުރި ޖޯލިފަތީގައި އޮތް އަހަރެން ސިއްސައިގެން ދިޔައީ އަހަރެން ކައިރިން ލައިގެން އާލް އާއި އެނާއާއި އެކު އައި އަންހެންކުއްޖާ ދިއުމުންނެވެ.އާލް ރަށުން ފުރި ފަހުން ކޮންމެ ފަހަރަކު ރަށު ބޯއްޓު މާލެ ގޮސް އަންނަ ދުވަހު އަހަރެން ބަނދަރަށް އަންނަމެވެ.އާލް ފެނިދާނެ ކަމުގެ އުންމީދުގައެވެ.އިންތިޒާރުކުރަން ބުނުމަށްފަހު ދިޔަ މީހާ މިއަދު އަހަރެން މީ ދަންނަ މީހެއް ކަމަށް ވެސް ހަދާނުލިއެވެ.

ދިގު އިންތިޒާރެއްގެ މޭވާފޮނި ވާނެ ކަމުގައި މީހުން ބުނާތީ އަހަރެން ވެސް އަޑު އެހީމެވެ.ނަމަވެސް އެއީ އަބަދަކު ހަގީގަތެއް ނޫންކަން އާލް މިއަދު ސާބިތުކޮށްދީފިއެވެ.ހަމަގައިމުވެސް މި އިންތިޒާރުން ލިބުނު ހިތިކަން އަހަރެންގެ އަރުބުޑުން ނުފިލާނެކަން ޔަޤީނެވެ.އާލް ބުނީ ތެދެކެވެ.މީހަކަށް އެހާ ބޮޑަށް އިތުބާރު ނުކުރާރެށެވެ.އަހަރެންނަށް މިއަދު އިތުރު ފިލާވަޅެއް ވެސް ދަސްވެއްޖެއެވެ.މީހަކު ދެކެ އެހާބޮޑަށް ލޯބިވެސް ނުވުމަށެވެ.

– ނިމުނީ –

 

Comments (6)

  1. Your fav bab

    Varah emotional vejje!!
    Dhen meehaku dheke ma loibeh ves nuvaanan!!!!
    LOL……
    Hhehehehehehehej…….
    You ge new story akah ummeedhu kuran!!!!!!!

    1. Aysherr
      Your fav bab

      Thank you your fav bab!!
      Hehe Varah ufaa vehjje vaahaka kiyaalaafa comment eh kohllyma!
      Insha Allah very soon!!!😊

  2. Ur friend

    Heyyyyy… You are very talented Ma Sha Allah! Varah reethi vaahaka eh!
    Waiting for another masterpiece 😉

    1. Aysherr
      Ur friend

      Thank you Ur friend!!
      It means a lot to me
      Varah ufaa vehjje vaahaka kiyaalaafa comment eh kohllyma…
      Insha allah very soon!! 😊 Aysherr ummeedhu kuran e vaahaka ves kiyaalaafa comment eh kohllaane kamah!!

  3. Giirrll

    Mashallah varah varah reethi vhk eh
    Ehn vhk eh kiyaalan libeyne kmh ummeedhu kuran ☺️

    1. Aysherr
      Giirrll

      Thank you Giirrll!!
      Varah ufaa vehjje vaahaka kiyaalaafa comment eh kohllyma..
      Insha Allah very soon!! 😊

Comments are closed.