މާޒީގެ ހިތި ސަފްހާއެއް
އާރު.ޓީ.އެލް ފެރީން ރަށަށް ފޭބި ވަގުތު ކުއްލިއަކަށް ފެނުނު މަންޒަރަކުން ، މާޒީގެ ހަނދާންތައް އާވާން ފެށިއެވެ. އެއީ މީގެ ބައިގަރުނެއްހާ ކުރިން ދިމާވެފައިވާ ކަމަކަށް ވިޔަސް ، އިއްޔެ ދިމާވި ހާދިސާއެއް ފަދައިން ހަނދާންހުރެއެވެ.އުމުރުން ކިތައްމެ ގިނަ ދުވަސް ވިޔަސް ، ހުރިހާ ކަމެއް ހަނދާންހުރެއެވެ.
އެއީ މީގެ ހަތްދިހަ ވަރަކަށް އަހަރުކުރިއެވެ. އޭރު އުމުރުން އެންމެ އަށާރަ އަހަރެވެ. މަންމަ އައި ބައްޕަގެ އެދުމުގެ މަތިން އަހަރެން ޒަވާޖީ ހަޔާތެއް ފަށަން ގަސްދު ކުރީ ކޮންމެހެން އެކަމަށް ތައްޔާރުވެގެނެއް ނޫނެވެ. އެރު އަހަންނަކީވެސް ޒުވާނެކެވެ. އަހަރެންވެސް އެހެން ކުދިން ފަދައިން ހަޔާތުގެ ޅަ ދުވަސްތައް މަޖަލާއި ސަކަރާތުގައި ހޭދަކުރަން ބޭނުންވިއެވެ. ނަމަވެސް މައިންބަފައިންގެ އެދުމުގައި ކޮޅުފައިން ޖަހަން ހަމަ އެއްވެސް ގޮތަކަށް ހިތް ނުރުހެއެވެ.މަންމަގެ އެވާހަކަ އަހަރެން ގާތު ބުނީ އަހަންނަށް 18 އަހަރު ފުރުުނު ދުވަހުގައެވެ. އެހެންކަމުން އަހަރެން ލަސްނުކޮށް ހަޔާތުގެ ބައިވެރިއަކު ހޯދަން މަސައްކަތް ފެށީމެވެ. ދުވަސްކޮޅެއް ފަހުން އަހަރެންގެ މަސައްކަތް ކާމިޔާބުވިއެވެ.ފަލްސަފާގެ ވިލްދާއަކީ އަހަރެން އެންމެ ކުޑައިރުން ފަށައިގެންވެސް އެންމެ ގާތްކޮށް އުޅޭ ކުއްޖާއެވެ. ހަޔަތުގައި ދިމާވާ އެކި ކަންކަމުގައި އޭނާ އަހަންނާ އެކުބައިވެރިވެއެވެ. އުފަލަކަސް ހިތާމައަކަސް އޭނާ އަހަންނާ އެންމެ ގާތުގައި ވެއެވެ.
ވިލްދާ، އަދި މަންމަމެންނާއި ވާހަކަދައްކާ އަހަރެން މާ ދުވަސްނުކޮށް ކައިވެނި ހަމަޖެއްސީމެވެ. ކައިވެންޏަށް ފަހެ އަހަރެންވެސް ރަނގަޅު ވަޒީފާއެއް ހޯދަން މަސައްކަތް ކުރީމެވެ. އަހަރެންގެ މައިންބަފައިންނާއި، ވިލްދާގެ މައިންބަފައިންކީ މެދު ފަންތީގެ ބައެއްކަމުން ، ކައިވެނީގެ ފުރަތަމަ ކޮޅު ހަމަޖެހިލައިގެން އުޅެވުނެވެ.ދެން އަހަންނަށް ވަޒީފާ ލިބުނު ފަހުން ހުރިހާ ހަރަދެއް ބަލަހައްޓަނީ އަހަންނެވެ.އަހަންނަކީ މީގެ ކުރިން އަންހެން ކުދިން މާ ރަނގަޅަށް ދަންނަ މީހެއްނޫން ކަމުގައި ވިޔަސް، ވިލްދާ އާއި އެކު އުޅެން ވަރަށް ފަސޭހައެވެެ. އެއީ ކުޑައިރުން ފެށިގެން ދަންނަ ކުއްޖަކަށްވީމަ ކަމަށްވެސް ވެދާނެއެވެ.ދުވަސްތައް ފާއިތުވަމުންގޮސް، ކައިވެންޏަށް ދެ އަހަރު ވިތަނާ ދަރިއަކު ލިބުނެވެ. ކުޑަކުޑަ ފިރިހެން ކުއްޖެކެވެ. ދަރިއަކު ލިބުނު ކަމުގައި ވިޔަސް މާ ބޮޑު އުފަލެއް ނުލިބުނެވެ. ވިހާ ގަދަ ނުވަަނީސް ވިލްދާ މާބޮޑަށް ބަލިވާން ފެށުމެވެ. ނޭވާ ހިއްލައި ގަދަޔަށް ކެއްސުންވީ އާންމު ކަމަކަށެވެ.
ވިލްދާއަށް އެހެންވާ މަންޒަރު ބަލަން އަހަރެން މާގިނަ ދުވަހު ކެތްކޮށްގެން ނުހުންނަމެވެ. ވީހާވެސް އަވަހަށް ޑޮކުޓަރަށް ދައްކަން ގއ.ވިލިގިއްޔަށް ދާން ދޯންޏެއް ހަމަޖެއްސީމެވެ. އޭރު އަހަންނާއި ވިލްދާ އުޅުނީ ގއ.ކޮނޑޭގައި ކަމުން ބޭސްފަރުވާ ހޯދުމަށް ދައްޗެވެ. ކޮންމެއަކަސް ޖެހިގެން އައި ދުވަހު، ދަރިފުޅާއި ވިލްދާ ފުރުވާލީމެވެ. އަހަރެން ނުދިޔައީ ގޭގައި ކުރަން އޮތް މަސައްކަތް ގިނަކަމުންނެވެ. މަސައްކަތުގައި އަވަދިނެތި އުޅެނިކޮށް ، ކުއްލިއަކަށް ވައިގަދަވާން ފެށިއެވެ. ވިއްސާރަ ނަދަން ފެށިއެވެ. މޫސުން ގޯސްވާން ފެށިއެވެ. ދޯނި އަންނަ ގަޑިވެސް ޖެހެނީއެވެ. އަހަރެން ހިތާ ހިތުން ދުޢާ ކުރަމުން ދަރިފުޅާއި ، ވިލްދާއި ސަލާމަތުން އާދެވޭތޯއެވެ. އަހަރެން އަވަހަށް ދޯނި އަންނަންވާއިރަށް ބަނދަރުމައްޗަށް ދިޔައީމެވެ. މާގިނަ އިރުތަކެއްނުވަނީސް ކުޑަ ލޯންޗެއް އަންނަ ތަން ފެނުނެވެ. އަދި ރަށު މަރުކަޒުން އެތަނަށް މީހުން އެއްވިއެވެ. ދެން ފެނުނު މަންޒަރުވީ އަހަރެންގެ ދިރިއުޅުން އެފުށް މިފުށަށް ޖަހާލި މަންޒަރަކަށެވެ.އަހަރެންގެ ލޯބިވާ އަންހެނުންނާއި ދަރިފުޅުގެ ފުރާނަ ނެތް މަސްގަނޑު މަރުކަޒު މީހުން ހިފައިގެން ދިޔަތަނެވެ. އަހަރެންވެސް އެމީހުން ފަހަތުން ދިޔައީމެވެ.
ދަރިފުޅާއި ވިލްދާގެ ކަށުކަމާކެމީގެ ކަންތައް ކަންތައް ނިންމާފައި ގެއަށްދިޔައީމެވެ. ގޭތެރޭގެ ހަމަހިމޭންކަން އިންތިހާއެވެ. ހީވަނީ ދަރިފުޅު ރޯލަނެ ހެންނެވެ. ލޯމަރާލުމުން ވިލްދާގެ ރީތި މޫނު ފެނެއެވެ. ހުޅުވާލުމުން އެމަންޒަރުތައް އަވާ މެންދުރެއްގެ ތެރެޔަށް ގެއްލިދެއެވެ. އަހަރެން ގަސްތުކުރީ މާލެ ބަދަލުވާށެވެ. ހިތި މާޒީގެ މަތިން ހަނދާން ނައްތާލާށެވެ. އެހެންނޫނިއްޔާ ދިރިއުޅުމުގައި އެއްވެސް ގޮތަކަށް ކުރިއެރުމެއް ނުލިބޭނެއެވެ. ނަމަވެސް ވީކަމެއް ނުވާ ކަމަކަށް ނުވާނެއެވެ.ދެން އަހަންނަށް އޮތީ ﷲގެ ހަޟްރަތައް ދުޢާ ދެންނެވުމެވެ.
އޭގެ އެތައް އަހަރުތަކެއް ފަހުން އަހަރެން މިއަދު ގއ. ކޮނޑޭ ފަސްގަނޑުގައި ފައި ބީއްސާލުމުން އެހަނދާންތައް އާވާން ފެށިއެވެ. މިއަދު އަހަންނަކީ މުސްކުޅިވެ، ގައި ބާރު ދެރަވެފައިވާ މީހެކެވެ. އަދި މާލޭގައި ދިރިއުޅުމުންވެސް ވަކި ރަނގަޅު ދިރިއުޅުމެއް ނުފެނުނެވެ. އަހަރެންގެ ކުށަކީ ކޮބައި ހެއްޔެވެ؟ އަހަރެން މިއަދު މި ހަލާކުގެ ދުނިޔެއަށް މުޅިން އެކަނިވެރި ވެއްޖެއެވެ. ވީރާނާވެފައި ހުރި ގޭގައި އަތް އަޅާލުމުން އަހަންނަށް ވިސްނެން ފެށިއެވެ. ކުރިން އުޅުނު އުފާވެރި ދުވަސްތައް ހިތައް އަރާ އިންތިހާއަށް ދެރަވިއެވެ. އަހަންނަށް ހޭވެރިކަން އައީ ކުޑަކުއްޖެއްގެ ރުއިމުގެ އަޑަށެވެ.އަހަރެން އަޅާނުލާ ބަނދަރަށް ދިޔައީ އެހެން ރަށަކަށް ފުރޭތޯއެވެ.
2 Comments!
Comments are closed.

VARAH REETHI VAAHAKA EH
Nice ekm sad life dhw?