އައުޅެން
މައިންގެ އުފަލަކީ…….
އިސްމާޢީލް ޢަލީ ކަނދޮޅުދޫ
މައިންގެ އުފަލަކީ ދަރިންނޭ ބުނާ އަޑުއަހަމެވެ.
އަހަރެންގެ މަންމަ އަހަރެން ދޫކޮށްލިއެވެ.
މަންމަގެ ފަސްބައިގާ އެލިގެން ރޮމުން ދަނިކޮށެވެ.
މަންމަ އެދުވަހު ބީރުކަންފަތް ދިނީ ކީއްވެބާވައެވެ.
މަންމަގެ މޫނު ނުދައްކަން މަސައްކަތް ކުރިއެވެ.
މަންމަ އަހަރެންލީ ފިޔަވަތި ކިޔާ ތަނަކަށެވެ.
އެތަނުން މަންމަގެ ލޯބިފިޔަވައި އެހެން ޚިދުމަތް ދިނެވެ.
ފިޔަވަތީގައި އުޅެމުން ތަޢުލީމު ލިބިގަތީމެވެ.
ބައެއް ދުވަސް ދުވަހު ކުދީން ދެކޭން މަންމައިން އާދެއެވެ.
އަހަރެންގެ މަންމަ ނެތްކަމުގެ އިޙްސާސުން ހިތް ރޮވެއެވެ.
ފިޔަވަތިން ނުކުންނަ ގަޑީގައި ނިޤާބުގައިވާ މީކާއި ދިމާވެއެވެ.
އަހަރެން ނަރުސްކަން ކިޔެވީ އިންސާނީ ޚިދުމަތަށްޓަކައެވެ.
ލެއިން ކަޅިވެފައިވާ ބަލިމީހަކު ސާފުކުރަން ޖެހުނެވެ.
އެމީހާ ސާފުކުރިއިރު ކުކުރާލަމުން ދަރިފުޅާއޭ ބުނެލިއެވެ.
ޑޮކްޓަރުން ފަރުވާދެމުންދަނިކޮށް ފުރާނަ ވަކިވެދިޔައެވެ.
އެއީ އަހަރެންގެ ލޮބުވެތި މަންމަކަން އެނގި ކަށަވަރުވިއެވެ.
މަންމައަށް ކުރިމަތިވި މަޖްބޫރު ޙާލަތު އެދުވަހުސާފުވިއެވެ.
މަންމަ އެފިޔަވަޅު ނޭޅިނަމަ އަހަރެންގެހަޔާތް ބަނަވީހެވެ.
