Skip to content
އެސްފިޔަ

ޢިބްރަތް

އިސްމާޢީލްޢަލީ ކަނދޮޅުދޫ

އަޅުގަޑުގެ އަލަތުކައިވެންޏަށް ވަރަށްބޮޑަށް ތައްޔާރުވީމެވެ.އެކިރަށްރަށުގައި ދިރިއުޅޭ ތިމާގެ މީހުން ކައިވެންޏަށްޓަކައި އެއްތަނަކަށް ޖަމާވިއެވެ.އެކުވެރި ރަޙުމަތްތެރިންނަށް ދަޢުވަތު ދިނީމެވެ.މިކައިވެންޏަށްޓަކައި ވަރަށް އަގުބޮޑުކޮށް ހެދުން ފެއްސީމެވެ.ތިމާގެ ހުރިހާ މީހުންނަށް އެއްކުލައިން ހެދުން ފެހުމަށްޓަކައި ފަތުފެހިކުލައިގެ އޮފުފޮތީގައި ކާކީކުލައިގެ ކުދިމާތަކެއް ޖަހާފައިވާ ފޮތިފޭލިތަކެއް ގަނެ އެންމެންނަށް ބެހީމެވެ.ގޭގެސިޓިންރޫމާއި އަހަރެމެންނަށް ޚާއްސަކުރި ކޮޓަރި ޒީނަތްތެރި ކުރެވުނެވެ.ފެހިކުލައިގެ ބޮކިފަތިން ގޯތިތެރޭގައި ޖަރީކުރެވުނެވެ.ޖޭމުގަހުގައި ހުރިކުދިކުދި ޖޭމުތައް ފެންނަވަރަށް ތަންވަނީ އަލިވެއުޖާލާވެފައެވެ.

އަހަރެމެން ކައިވެންޏަކާ ހަމައަށް މިއައީ އެއް އަހަރުދުވަހު ރަށްޓެހިވެގެން އުޅުމަށްފަހުއެވެ.އަހަރެންގެ ވާންއުޅޭ ފީރިމީހާ އަކީ އެހެންރަށެއްގެ މީހަކަށްވާތީ އެހާގިނައިން ބައްދަލުވެ އުޅުމުގެ ފުރުސަތެއްނުލިބެއެވެ.އެހެންނަމަވެސް ވަރަށް ގިނައިން ގުޅާ ހާލުބަލާ ހަދާނެއެވެ.އަހަރެމެން ކައިވެނިކޮށްގެން އަހަރެމެން އުޅޭނެ އުފާވެރިގޮތުގެ ތަސްވީރު އޭނާވަނީ ކުރަހާލަދީފައެވެ. އޭނައަކީ ވާހަކަ ދެއްކުމުގެ ލާމަސީލު މިސާލެކެވެ.

އަހަރެންގެ ހިތުގައި ލޯބީގެ ހުޅުކޮޅު ދިއްލުވާލީ އޭނާގެ ބަސްމޮށުންތެރި ކަމުގެ ކުޅަދާނަ ކަމުންކަމުގައި ވެދާނެއެވެ.އޭނާ ކުރާތަޢުޜީފު އަޑުއެހުމަށް އަހަރެން އަބަދުވެސް އިންތިޒާރުގައި އިންނަމެވެ.އޭނާ ބުނާގޮތުން އަހަރެންގެ ތުންފަތުގެ ޖާދޫގައި ޖެހި އޭނާވަނީ ދީވާނާ ވެފައެވެ.

އޭނާ ބޭނުންވަނީ މުޅި ޢުމުރު އަހަރެންގެ އުނގުގައި ބޯއަޅާލައިގެންއޮވެ އަހަރެންގެ ނާޒުކު ދެތުންފަތުގައި ފިރުމާދޭށެވެ.އޭނާގެ ދެއަތުގެ ހިމާޔަތް އަބަދުމެ ލިބޭނޭ ކަމަށް ބުނެއެވެ. އޭނާގެ އެއްވެސް މީހަކު ދުނިޔޭގައި ނެތުމާއިއެކު އަހަރެންގެ މައިންބަފައިންނަކީ އޭނާގެ މައިބަފައިން ކަމުގައި ދެކޭނެކަމުގައި ބުނެއެވެ.އަހަރެންގެ މައިންބަފައިންވެސް އޭނާދެކެ ނުހަނު ލޯބިވެއެވެ.

އަހަރެންނަކީ މަންމައާއި ބައްޕަގެ އިން ހަމައެކަނި ދަރިފުޅެވެ.އެންމެ ހިނދުކޮޅަކަށްވެސް އެދެމީހުންގެ ލޯމަތީން އަހަރެން ގެއްލޭކަށް އެމީހުންނޭދެއެވެ.އެދެމީހުން މިކައިވެނި ވެވޭތީ އެހާ އުފާވަނީ އެކަނިހުރި ކުއްޖަކު އެމީހުންގެ ދަރިއަކަށް ހެދޭތީއެވެ.އެގޮތުން މަންމަގެ ލޯމަތިން ނުގެއްލި އަހަރެމެންނަށް ދިރިއުޅެވިދާނެއެވެ.

ބައްޕަ މުޅިއުމުރު ދުވަހު ކުރިބުރަމަސައްކަތުން ލިބުނު އާމްދަނީ އަހަރެމެންގެ ކައިވެންޏަށްޓަކައި ތަންމިނަށް ހުޅުވާލަދިނެވެ. އޭނާއަށް ޒިންމާ ނަގަން ޖެހުނީ މަދުކަމެއްގައެވެ.ކޯޓުން ކުރަންޖެހޭ ކަންކަމާއި ޕާޓީ އިންތިޒާމު ކުރުމުގެ ކަންކަމާއި ހަވާލުވީ އޭނާއެވެ.އޭނާ މައުލޫމާތު ދޭގޮތުން ކޯޓަށް ހުށައަޅާން ޖެހޭއެއްޗެހި ވަނީ ހުށައެޅިފައެވެ.ވަރަށް އަވަހަށް ރަންކިއުއްވުމަށްޓަކައި ހެކިވެރިން ގެއަށް އަންނާނެއެވެ.ހެދިކާ ހަދާފަރާތްތަކަށް އޯޑަރ  ދެވިފަކަމަށްވެއެވެ.ހޯލުވެސް ވަނީ ބުކްކުރެވިފައެވެ.

ކައިވެނިކުރުމަށް ހަމަޖެހިފައިވާ ދުވަހު މެންދުރު ވީއިރުވެސް އޭނާ ރަށަކަށް ނާދެއެވެ.މިހާރު ފޯނު ނުވެސް ނަގައެވެ.މިހާ ހިސާބުން އަހަރެންގެ ހިތުގައި ޝައްކުތަކެއް އުފެދޭން ފަށައިފިއެވެ.ހިތްބާރުބާރަށް ތެޅެންފަށައިފިއެވެ.ކޯޓުން މަޢުލޫމާތު ސާފުކުރިއިރު ކައިވެނިރަޖިސްޓްރީ ކުރާކަށް އެދިފައެއްނުވެއެވެ. އޯޑަރ ދިންކަމަށް ބުނެފައިވާފަރާތްތަކަށް ގުޅިއިރު އެތަން ތަނަށްވެސް އޯޑަރ ކޮށްފައެއްނުވެއެވެ.ހޯލުވެސް ބުކްކޮށްފައެއްނުވެއެވެ.

އެކިއެކިފަރާތްތަކާއި ގުޅައިގެން މައުލޫމާތު ސާފުކުރިއިރު އޭނާވަނީ ފަތިހުގެ ވަގުތެއްގައި ޕޮލިހުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.އޭނާއަކީ ބޮޑެތިބޮޑެތި ކުށުގެ ރެކޯޑު އޮންނަމީހެކެވެ.މަކަރާއިހީލަތުން ގިނައަދަދެއްގެ ފައިސާވަނީ އެކިމީހުންގެއަތުން އަތުލާފައެވެ.އޭނާއަކީ މީހަކާއި އިނދެގެން އުޅޭ ދެދަރިންގެ ބައްޕަ އެއްކަން ސާފުވިއެވެ.އަދި އޭނާގެ އަންހެނުން ތަޙައްމަލު ކުރަމުން ދަނީ ވަރަށް ހިތްދަތި ދިރިއުޅުމެއްކަން ހާމަވިއެވެ.

މިޚަބަރުތައް ލިބުމުން އޭނާގެ އެކިއެކި ކަންކަން ޚިޔާލަށް އައުމާއިއެކު ހެޔަށް ގޮތްވާންފެށިއެވެ. އެންމެ ދެރަވީ މިކަމުގެ ސަބަބުން މަންމަމެން ދެރަވާނެވަރު ހިތަށް އަރާފައެވެ.ހޭއެރިއިރު އަހަރެންނަށް އޮވެވުނީ ހޮސްޕިޓަލްގައެވެ.  މަންމައާއި ބައްޕައާއި ދެމީހުން އަހަރެންގެ ގާތުގައި ތިއްބެވެ.އެދެމީހުން އަހަންނަށް ވަރަށް ހިތްވަރު ދިނެވެ.ދެރަނުވާށޭ ބުންޏެވެ.އަދި ﷲއަށް ޝުކުރުވެރި ވުމަށް ހަނދާންކޮށްދިނެވެ.ﷲގެ ރަޙުމަތާއި އެކު އެފަދަ ނުބައި މީހެއްގެ ދަލުގައި ނުޖެހި ސަލާމަތްވީ ކަމަށްޓަކައި އުފާކުރުމަށް ވިސްނައިދިނެވެ.

އަހަރެންގެ ދިރިއުޅުމުން ލިބުނު ޢިބްރަތްތެރި ފިލާވަޅާއިއެކު އާ ޙަޔާތެއް ފެށުމަށް އަޒުމް ކަނޑައެޅީމެވެ.

 

Comments (1)

  1. ކިއުންތެރިއެއް

    އޮށްގެންފައި ފޯދުނިީތާ

Comments are closed.