Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ޅެން

ޅެން ފިޔަ

Queenquill Level 210 Stories100 Login
May 20, 2023 4 Mins Read
0 Comments

ޙަޔާތުން ކުލައެއް

ހިތްގައިމުކަން ވަށައިވީ ވައިމަޑުވި ރީތި ދުވަހެކެ

ހިތްގައިމުކަން އިތުރުވީ ތުނިތުނި ކެރީގެ އަސަރެކެ

ހިތްފިނި ވެދާނެ ގޮތަކަށް އުޑުގައި ވިލާ ދައުރުކުރި

ހިތްދަތި ނުވާނެ މީހަކު ފެނިފައި އެރީތި ކަނޑުއޮޅި

ހުދު ދޮންވެލީގެ ގޮނޑުދޮށް، ފެހިރީތި ގަސްތަކާއެކު

ޤުދުރަތުގެ ސާފުސީދާ ފުރިހަމަ މިސާލަކާ އެކު

އިރުއޮއްސި ހުދު ވިލާތައް މަޑު ރަތްކުލާގަ ދިއްލެވި

އިވުނީ ނަޔާއެ މުނިޔާ ކުދި ދޫނިތަކުގެ އަޑު ތުއި

ފެނުނީ ނުހަނުމެ ފުރިހަމަ ތަސްވީރެކޭ ނަޔާ ފަރި

ފެނުނީ ޙަޤީޤަތެއްމެއެ ހުވަފެނުގެ ރަން ކުލާން ވިދި

އަމުނާލަދޭ ހިތޭވީ މިއަދުގެ މިރީތިކަން ފެނި

ފަރުމާ ކުރީއެހެންވެޔެ ތަސްވިރުހެންމި ޅެން ގެތި

1 ޖެނުއަރީ 2021

 

ހިތުގެ ސިއްރު…

ކައިރިޔަށް ހުރެ އަންނަ ހިނދުވެސް ހިތްމަގޭ އުފަލުން ފުރޭ

ޅައިރު ހިތުގާ އުފެދި ކުލުނެއް  ހިތްވަނީ ދެވިފާ މަގޭ

ގަޑި ހިނގާއިރު އޭގެ ކަށިހެން ލޯބި ހިތުގާ އެބަ ދުވޭ

ވަޅިޔަކުން ތޮރުފާ ތަދެއްދީ އަބަދުވެސް ކަން ފޮރުވަމޭ

ހަނި މަގެއްކަން މީ އެނގޭ އިރުވެސް ބަހެއް ހިތް ނާހައޭ

ކަނި ޖަހާގެން ރޯވެ އަނދަމުން އަޅި ބުރަން ދޫކޮށްލިޔޭ

އަވި އެ ދޭހެން ހިތުގެ ގިލަނުގަ އިރު އަރާގެން އޮއްސެއޭ

އަލިކަމެއް އަމުދުން ނުދައްކާ ރޭގަނޑެއް ފަދަ ލޯތްބެކޭ

ފައި ނަގަން ފިޔަވަޅު މަގޭ ގުޑިލީ ތަނުން ހިތިކަން ތެދޭ

ފައި މަގުން ކުރި ލޯބި ދަތުރުގެ ސިއްރު ހިނދު ފޮރުވާނަމޭ

އަދި މިހެން ހުރެ އެކަނި ހިނގުމެއްގާ ޙަޔާތް ގެންދާނަމޭ

އަދިއަދަށް ވެސް ނުލިބުނިއްޔާ ސިއްރުކޮށް ވަޅުލާނަމޭ..

6 ޖޫން 2020

 

ވަދާޢުގެ ވަގުތު

ވަދާޢުގެ ވަގުތު އައިސް ޖެހުމުން ސަލާމުން އަތްދެ ގުޅުވައިލާ

ވަދާޢުގެ ވަގުތުވެސް އަހަރުން އުފާކޮށް ހީހެދިން އެކުގާ

ކަނޑާ އުޑުގައި އެހިނދު އެހިނގީ، އެކީވާނޭ ފަހުގެ ބައްދަލު

ކަނޑައިފައި ހިތްމަގޭ ތޮރުފީ އެނގުން ހިނދުއޭ އެވީ ބައްދަލު

މަލާމަތަކަށް ވިޔޭ އެވަގުތު މަގޭ މުޅި ދިރިއުޅުން ކަށަވަރު

މަލާމާމެލި މިލާ މޯޅިވެ ދިޔޭ އެވަގުތު ބިމުން ނެތިވަރު

އަހާ ކަންފަތް ޚަބަރު ދިންއިރު، ނެތޭ ގައިވަރު އެދިން ތަންވަޅު

އަހާކަށް ބޭނުމެއް ނޫނޭ، ކިޔާ ފޮރުވިން ދެލޯ ތެމި އަޅު

ހަނާވިޔެ ހިނދު އެދުށް ހުރިހާ އެކީގައި ދެކުނު ޖެހި ބިމު ވަޅު

ފަނާވިއްޔޭ މަށަށް ހީވީ ދެކުނު ހުވަފެންތަކާ ކުރިމަގު

ވަދާޢީ ފަހުގެ އެންމެ ވަގުތު ހަނދާންވެވިފައި އެތާ ހުރެ ގަބު

ވަދާޢީއަލް ގޮތުން ހިތުގައި ހިނގައިލީވެސް ކަމޭ ބިމު ފަޅު

28 އޯގަސްޓް 2020

 

އަހަރެން

އެތައް ކަންކަމެއް ދެކި ޙަޔާތުގެ މި ދަތުރުން، އެތައް ކުލަތަކެއް ފެނިފައޭވީ މި ޢުމުރުން

އެތައް ކަތުނަކާ ވެއްޖެ ބައްދަލު މި ކައުނުން، އެތައް ތަޖުރިބާތައް ކުރީމޭ މި ދޭހުން

ވަރަށް ކުޑައިރުއްސުރެ މަގޭ ޝައުޤު ދަތުރަށް، ވަނީ ދެވިފައޭ ހިތް އެދޭތީ މި ފެށުމަށް

ވަރަށް ޅައިރުވެސް ބައްޕަ ގެންދޭ އެކީގައި، މަހަށްދާން ފެށުން އައި ގޮތޭމީ ހަނދާނުން

އެތައް ޢަޒުމަކާ ޖޯޝު އަހަރެންގެ ހިތުގައި، އެތައް ގޮތްގޮތުން ޖެއްސުވީ އެންމެ ލޯބިން

އެތައްހާސްވި ޝުކުރެއް ވިޔަސް ފުދިނުދާނޭ، އެފަދައެއް ނުވާ ބައްޕައޭ ވީ މިދޭހުން

ފަށައި އޭލެވެލް ކިޔެވުމަށް ހޭދަވެވިގެން، އެހާ ޝައުގުނެތުމުން އައީވެސް ރަށަށްދެން

ފަށައި އެކަމުގައި އާއިލާ އެދުމަކަށްދެން، އެހީތެރި މަވީ އާއިލީ މަސަކަތައިގެން

މަށަށް ދަތުރުކުރުމަށް ލިބުން ފުރުސަތެއްކަން، ބަލައިގެން އެކަން ކުރެވުނީ އުފަލުގައިދެން

މަހަށް ދާން އެއަށްފަހު ފެށީވެސްމިޝައުޤުން، ދަތުރު ކޮށްލުމަށް ލިބުނު ކަމެކޭ ހިތައިގެން

އަބަދުވެސް ކުރާހިތްވި ކަމެކޭ މިފުޓުބޯލް، ކުޅެން ދާ ހަނދާންވޭ ފަތިހު ތެދުވެލައިގެން

ކަމަށް ހުންނަ ޝައުގުގެ ނަތީޖާއަކަށްވީ، ނެގުން ރަށުގެ ޓީމަށް މަށަށް އެންމެ ސޯޅާން

ގަޔާވާ ނެތޭ ހަމަ ދެވަނައެއް މި ސަފުގައި، ގަޔާވާ ގޮތަށް ކުޅިވަރެއް ޚާއްސަ ވެވިގެން

ގަޔާވާ މަށަށް ހަމަ މި ފުޓުބޯލް ވަރެއްދެން، ނުވާނޭ މިދޭހުގަ މަށަށް ހަމަ ޔަޤީނުން

ތަނެއް ވަކި ބުނާނަމަ ޝައުގުވެރި ވެގެންދާ، ތަނެއް ނެތް އެފަދަ މޫދު ނޫނީ އެނގޭދެން

ނަމެއް ކުލަޔަކަށް ދޭން ޖެހިއްޖާ މިއެދެވޭ، ނަމެއް ނުބުނެވޭނޭ ކަޅޭނޫން މިދުލަކުން

ރަނެއް ރިއްސަކާ އެއްވަރެއް ނުކުރެވޭނޭ، މަޤާމެއް މަށަށްދޭން ލިބިއްޖާ މިދޭހުން

ނަމެއް އިތުރު ތާރަފުތަކެއް ނުވެމެ ބޭނުން، ބުނާނީމަ މަންމައެ ވެގެން ހުރެމެ ހިނިތުން

 

ހަނދާނުގައި 5

ފަސް އަހަރު ފާއިތުވެގެން ދިޔަކަސް ހިޔެއް ނުވެއޭ އެހެން

ފަސް ދުވަސްވެސް ވީހެނެއް ހީނުވެ ހުރިން ވަކިވެއްޖެކަން

ފަސްއެލީ ވަގުތުން ސުރެއް މުޅި ހިތްއެކީ އަޅިޔަށް ވެގެން

ފަސް މަވެސް ލައިފިޔެ އެކީ ހަމަދެން މޮޅިން ކެތްނުވެވުގެން

ފަސްބަލައި ލެވެއޭ އަބަދު ފަހަތުން ގޮވާހެން ހީވެގެން

ފަސްބެލޭ ހިނދުގައި މަށަށް ސިފަވޭ ލޮލަށް ހިތް ކުދިވެގެން

ފަސް މަށަށް ދީފައި ނެތޭ ބޭނުންވެގެން ހޯދާ ހިނދުން

ފަސްފަހަތު ލައިގެން ހުރޭ ރުޅި މޫނުގައިވެސް ހެޔޮހިތުން

ފަސްވިޔަސް މި ވަދާޢުގައި ހިތް އަޅުގެ ޙާލަތު މެދުވެގެން

ފަސްލިކަން ވިސްނުން ހިތަށް ވަރަކުން މަގޭ މޮޅިވެރިވެގެން

ފަސް ނަމާދަށް ފަހު ދެއަތް އުފުލަން އެކީ ބޭނުން ވެގެން

ފަސްނުކޮށް ޖަންނަތުއެކީ އުޅުމަށް މިހިތް ކެތްމަދުވެގެން

30 ސެޕްޓެންބަރ 2020

 

ފަޅުކަން..

ފަޅުކަން ވަށާލާފައި ވަނީ މެރެމުން ދެލޯ ދިޔަވެސް ހިނދުން

ފަޅުވެފަ ގެޔާ ރަށްވެސް އޮތީ މެރިގެން ދެލޯ ދިޔަ ހަމަހިނދުން

އަމުދުން މަގޭ މިހިތާ މެޔަށް އެހިނދުގަ އެވީ ތަދަކުން މުޅިން

އަޤުދެއް ވެވުން ފަދަ ދުނިޔެއަށް އުފަލުން މަގޭ ނޭވާ ނުލަން

އަގު ނުކުރެވޭ ގިނަގުނަ އެހީ ދީފައި އެކަނި ވީމާ މިހެން

އަގު މަތިވިޔޭ މިހިތުން ދެވުނު އެހަނދާން  ވުމުން

މަގު ދެއްކިޔޭ ދާންވީ ރަނގަޅު މިސްރާބު ހުރެ އަދު ދަށްކަމުން

އަތުގައި ހިފައިގެން ދިން ނަޞޭޙަތަކީ މަގޭ އަސްލުގަ ދިރުން

މަރު އައިމަ ކާކައްތޯ ފިލަން ދުވެވޭނި ހީވެފަވެސް ރޮވުން

މަރު ކައިރިވީ ހިނދުގައި ދެއަތް އުފުލާލަމުން ބާރަށް ރޮމުން

ކަރު އެލުވިފައި އެހަނދާނުގައި ހުރެވިއްޖެޔޭ ފެންކަޅިވަމުން

ކަނު ވެއްޖެލޯ ދިރުމެއް ނެތޭ މި ޙަޔާތުގައި ބާކީ ވުމުން

ކަރުނުން ފުރޭ ޙަލުގަ ދެލޯ ކުރަނީ ދުޢާ ޖަންނަތު ލިބުން

ދަރުސުން އެދުހު ދިންއަދު މަށަށް މިޙަޔާތް މަގޭ ރޯޝަން ވުމުން

7 އޮކްޓޫބަރ 2020

 

10.10.2020

ރީތި ތާރީޚެއް ކަމުން ލިޔެލަން މިޅެން ފެއްޓީ މެދެން

ރީތިހާ އެއްޗެއް ވިދާ ރަނަކަށް ނުވޭކަން ދަންނަމުން

ވީތި އެތަކެއް ރަން ހަނދާން ހިތުގައި މަގޭ ހަރުލާ މިހެން

ވީހިތޭ އެދުވަސްތަކަށް ގޮސް ހުއްޓިފައި އުފަލުން ނިކަން

މީހިނދުން އަހަރެއް ކަމޭ އެހަނދާން ވަނީ ތާރީޚަކުން

މީނިކަން ޢިބުރަތް ލިބޭ ޞަފުހާ އެކޭ މަޒީއަކުން

ދީފިޔޭ އެތަކެއް ދަރުސް ވިހިވަނަ ދެހާސް އަހަރުން ފުރުން

ދީފިއޭ ދިއްލާލަ ހިތް ހުޅުވާ ދެލޯ މި މުޞީބަތުން

ވީމިކަން ދަނެގެން ހިނގަން މުސްތަޤުބަލަށް ވިސްނާލަމުން

ރީތިކޮށް ވަކި ހަމަޔަކުން ދީނަށް ނިކަން އިސްކަން ދެމުން

މީހިތުން އަހަރެން އެދޭ އެދުމޭ މަގޭ މި ފުރާނައިން

ވީހިނދުން ދުނިޔޭގެ ގިނަ ބޭކާރު ކަންތައް ވިސްނުމުން

 

 

20 އަހަރު

ހަނދާންތައް ވަކި ނުވޭ ދުވަހަކު ފަނާ ދުނިޔޭން ވެފައި ވިޔަކަސް

ހަނދާން ނުފިލާ ވެޔޭ ހިތުގާ އަލުން ދުނިޔޭން ފެނުން ނުވިޔަސް

ހަނދާ ތަރިޔާ ފަޒާގެ ތެރޭ ވެދާ ހިނދުގައި މިހިތް ނަފްސާ

ހަނދާން ކުރުވާ ދެޔޭ އެކުގާ އުޅުންކަން، މިއަދު އެކު ނުވިޔަސް

ހަނދާންތައް ގެނުވަމުން އެކި ރޭރެޔާ އަދިވެސް އުފާވާހާ

ހަނދާން ފުނި ޖެހި މަގޭ ސިކުނޑީ ވެޔޭ އެކަމަކު ދިރުން ނުވިޔަސް

ހަނދާނުގެ ރަން ޒަމާން ދެކިފާ ލޮލުން އޮހެރޭ މިއަދު ފެނުގާ

ހަނދާން އަސަރެއް ދެނީ އެތަކެއް، އެކީ ބިމުގާ މަށާ ނުވިޔަސް

ހަނދާނުގެ ދިގު އަހަރު ނިމިގޮސް ޢުމުރު ބައްދަލު ވިހިން ކޮށްފާ

ހަނދާންތައް ހާދަ ހިތި ވެއްޖޭ ހަތަރު ވަރަކަށް އަހަރު ވިޔަކަސް

ހަނދާ ތަރިޔާމެ ހެކި ކޮށްފާ އެތައް އުފަލެއް ކަފުން ކޮށްފާ

ހަނދާން ވާތީ ހިތަށް މިލިބޭ ޒަޚަމް ފުންވޭ ދިރުން ހުއްޓަސް

ހަނދާން އެކުގާ ވަނީ ދައްތަގެ އަޅާލުން އެކި ހިނދުން ގިނަހާ

ހަނދާން ނުފިލާ ވަރަށް ދީފާ އުފާތައްވޭ މިތާ ނުވިޔަސް

ހަނދާނަށް ގެނެވެޔޭ އެކުވެރި އެތައް ބަޔަކަށް ވުރެން އެކުގާ

ހަނދާނުގަ ހަރުލަނީ އެޔަކީ ނަޞީބެއް ކަހަލައޭ ތަދަކަސް

ހަނދާންތައް ހިތުތެރޭ ނުފިލާ ކުރާ ޙެޔޮހާ ދުޢާ ތަކުގާ

ހަނދާންކޮށް ދައްތަޔަށް ޖަންނަތު ލިބުން އެދެމޭ ޢުމުރު ނިމުނަސް

28 މެއި 2020

 

 

 

 

 

 

 

 

 

Share Article

Follow Me Written By

Queenquill

Level 210 Stories100 Login

Tales of Heart...

Other Articles

Previous

ދިރުމެއްނެތް ދިރިއުޅުން 7

Next

ބަނަ ވިލާގަނޑުގެ ދަށުގައި

Next
May 20, 2023

ބަނަ ވިލާގަނޑުގެ ދަށުގައި

Previews
May 19, 2023

ދިރުމެއްނެތް ދިރިއުޅުން 7



All Right Reserved!