ދިރުމެއްނެތް ދިރިއުޅުން 5
ފަރީދު ކޮންމެސްވަރަކަށް ކިޔާލަދިނެވެ. ތެދެކެވެ. ތ އަތޮޅު ވިލުފުއްޓަކީ ވަރަށް ދުރެވެ. މާލެދިޔުމަށްޓަކާ ދުރުރާސްތާއެއް ކަޑައްތު ކުރަން ޖެހޭނެއެވެ. ފަރީދުގެ ވާހަކައިގައި ތެދުވެރިކަމެއް ވާނަމަ އެކަން ދެނެގަންނާކަށް އިޝާލަކަށް ނޭނގެއެވެ. ހާއްސަކޮށް ޒީންއަށް އެއްވެސް ވަރަަކަށް އެކަން ގަބޫލެއް ނުކުރެވެއެވެ. ޒީނިޔާއާ ފަރީދުގެ ވާހަކަތަކީ ޒީންއަށް އިތުބާރެއް ހުރިއެއްޗެއް ނޫނެވެ. އެހެން ދައްކާ ވާހަކައަކަށް އިތުބާރު ކުރެވޭނީވެސް ގާތްކަމެއް ބާއްވައިން ވާހަކަ ދައްކާނަމައެވެ.
ހަވީރުގެ ވަގުތެވެ. އަހަރެން ފެންވަރައިގެން ނުކުމެ ކޮޓަރީ ލޯގަނޑު ކުރިމަތީ ހުރެ ފުނާއަޅަމުން ދިޔައިމެވެ. އަހަރެންގެ ދިގު ކަޅު އިސްތަށިގަނޑުން ގޮށްފިލުވާލާ އޮމާން ކުރަމުން ދިޔައިރުވެސް ކައިރީގައިހުރި މޭޒުމަތީ ފޮތެއް އޮތެވެ. ޓެސްޓަށް ފިލާވަޅުތައް ދަސްކުރުމުގައި އަހަރެން އަވަދިނެތި އުޅުން ނޫންގޮތެއް ނެތީމައެވެ.
ކުއްލިޔަކަށް މީހަކު ދޮރުގައި ޓަކިޖަހާލިއަޑަށް އަހަރެން ދޮރު ހުޅުވާލީމެވެ.
“މަންމާ! ސައިބޯން ދާންވީދޯ؟ ދެންމެ ފެންވަރާލައިގެން މިނިކުތީ. އިރުކޮޅަކުން ސައިބޯން ދާނީ.” މަންމަ އެއްޗެކޭ ނުބުނަނީސް އަހަރެން ބުނެލީމެވެ.
“އުނހު. މަންމަ ސައިބޯނީ ފަހުން. ޒީން ސައިބޮންޏާދޭ. ކޮބައިތޯ ބަލާލަން މިވަދެލީ. ފިލާވަޅުތައް ދަސްވެއްޖެތަ؟” މަންމަ އަހަރެން ގާތުން އޮޅުންފިލުވާލިއެވެ.
“ކޮންމެސް ވަރަކަށް ދަސްވެއްޖެ. މަންމާ! އަހަރެން އައި.ޑީ ކާރޑްގެ މުއްދަތު ހަމަވެދާނެއްނު. އެއްކަލަ ފަހަރުވެސް ނަތޫމެނާ އެކީނު އަހަރުމެން ކާރޑް ހައްދަން ދިޔައީ. އެ އޮންނާނީ މިހާރު އެހެންވީމަ މުއްދަތު ހަމަވެފަ. އަދި ބޭނުން އުފަންދުވަހުގެ ސެޓްފިކެޓްވެސް ލެމިނޭޓްކުރަން. ކްލާސް ކުއްޖަކު ބުނި ގިނަ ދުވަހު ގެންގުޅެވޭނެޔޭ. އަހަރެން ފޮނުވަންވީނު ނަތޫއާއެކީ މާލެއަށް.” އަހަރެން ވަރަށް ތަފްސީލުކޮށް ބުނަމުން މަންމަ ގާތުން ހުއްދައަށް އެދުނީމެވެ.
ޒީނިޔާގެ މޫނުމަތިން ފެންނަނީ ހާސްކަމެވެ. ބޭނުން ނޫނަސް ތަޖްރިބާ ކޮށްފައި ނުވާފަދަ ބިން ހެލުމަކާ ކުރިމަތިލާން ޖެހުނީއެވެ. އިމާރާތްތަކުގެ ދަށުވެ ސަލާމަތް ނުވެވިފައިވާ މީހެއް ފަދައިން ޒީނިޔާ ވާންޖެހިދާނެކަން މާކުރިންވެސް ޒީނިޔާއަށް އެނގެއެވެ. އާނއެކެވެ. އެއްވެސް ކަމަކީ ތާއަބަދަށް ހިތުގައި ބިންވަޅުނަގައި ފޮރުވަން އުޅުނަސް ނުފޮރުވޭނޭ ކަންކަމެވެ. ކޮންމެސް ދުވަހަކުން ހަގީގަތާ ކުރިމަތިލާން ޖެހޭނެ މީހަކީ ޒީނިޔާކަން އޭނާއަށް އެނގެއެވެ. މިހާތަނަށް އައިއިރު ޒީނިޔާގެ ދޫ ތަޅުލެވިފައިވީ އެހެނަސް މިއަދު މިފެންނަނީ އެދޫ ކޮންމެސް ހިސާބަކުން ހަރަކާތްތެރިވާން ޖެހޭނެ ކަމުގެ ނިޝާނެކެވެ.
ކޮންމެސް ދުވަހަކުން ނަމަވެސް، ޒީންއަކީ ކާކުކަން ޒީންއަށް ބުނެދިނުމަކީ ޒީނިޔާގެ ވާޖިބެކެވެ. ޒީނިޔާ ވިސްނަންފެށިއެވެ.
“މަންމާ! ކިހިނެއްވެފަ؟ ކޮންކަމަކާ ތިވިސްނަނީ؟” މަންމަގެ މާޔޫސްވެފައިވާ މޫނުފެނި އަހަރެން ވާހަކަ ދައްކަންފެށީމެވެ.
“އެނ… އާނ. މަންމައަށް އެންމެ ރަނގަޅު. އެކަމަކު ކާކާއެކީ ނަތޫދަނީ؟ ކައިރި ހިސާބެއްވެސް ނޫންވިއްޔަ..” ޒީނިޔާ އެކަމަށް އެއްބަސްވަމުން ބުނެލިއެވެ.
“ނަތޫ ބައްޕަދަނީ. ނަތޫބުނީ އޭނަ ބައްޕަވެސް ބުންޏޭ ފޫހިވަންޏާ ޒީން ގެންދިޔަސް އެންމެ ރަނގަޅޭ. ނަތޫ ބައްޕަ ހުރީ ވަރަށް އޯކޭވެފަ.” އަހަރެން ބުނެލީ ހަމަޖެހުމުގެ ރާގެއްގައެވެ.
“އޭނަ ބައްޕަދޯ؟…. އެހެންވިއްޔާ އައި.ޑީ ކާރޑާ އުފަންދުވަހުގެ ސެޓްފިކެޓް ހަވާލުކޮށްލާނަން ނަތޫ ބައްޕައާ.. މިދަނީ ކުނި އުކާލަންދާން. ލަހުންވެސް އާދެވިދާނެ. އެހެންވީމަ ސައި ބޮއެގެން ހުންނައްޗެ.” ޒީނިޔާ ބޭނުންވާގޮތް ބުނެދިނުމަށްފަހު ނުކުމެގެން ދިޔައީއެވެ.
ކުނި އުކާލުމަށްފަހު ޒީނިޔާ މިސްރާބުޖެހީ ޖައުފަރު ދިރިއުޅޭ ގެއަށް ދިޔުމަށެވެ. ޒީންގެ ބައެއް ލިޔެކިޔުންތައް ޖައުފަރާ ހަވާލުކޮށްލުމުގެ ކުރިން ވާހަކަ ދައްކާލުމުގެ ނިޔަތުގައެވެ. ކަންދިމާކުރި ގޮތުން ވަގުތަކީ ޖައުފަރާއި ނަޖްމާވެސް ގޭގައި އުޅޭ ވަގުތެކެވެ. ޖައުފަރާއި ނަޖްމާއަކީ ނަތޫއާ ޒީންގެ އެކުވެރިކަމުގެ ސަބަބުން ޒީނިޔާ މެންނާވެސް ވާހަކަ ދައްކާލާ އުޅޭ ދެކެފަރިތަ ބައެކެވެ. ނަމަވެސް މިފަދަ ބޮޑުކަމެއްގެ ބޭނުމުގައި ޖައުފަރު ކައިރިއަށް ކަމަކު ކިޔަން ޒީނިޔާ އަދި މިއައީ މުޅިން އަލަށެވެ.
“އައްސަލާމް އަލައިކުމް” ދޮރު ހުޅުވާލުމަށްފަހު ޒީނިޔާ ގެއަށް ވަނުމުގެ ގޮތުން ހުއްދައަށް އެދުނެވެ.
“ވައަލައިކުމުއް ސަލާމް. އަނހަ… ޒީނިޔާ.. ހާދަ ދުވަހެއްކޮށްލާފަ. އާދޭ އަވަހަށް އިށީންނަން. ކަމަކުތަ؟” ޒީނިޔާ ފެނުމުން ޖައުފަރާ ނަޖްމާ އިން ޖޯލިފަތިން ޖޯއްޔެއްގައި އިށީންނަން ޖައުފަރު ނ
ބުނެލިއެވެ.
“ނަޖްމާ! ކޮބާ ނަތޫ؟ ގޭގައެބައުޅޭތަ؟” ޒީނިޔާ ކޮންމެހެންވެސް ނަތޫ ގޭގައި އުޅޭތޯ ޔަގީންކުރަން ބޭނުންވެގެން ސުވާލުކުރިއެވެ. ސަބަބީ ޒީނިޔާ ދައްކަން ބޭނުންވާ ވާހަކައިން ކުޑަކުޑަ އެންމެ ކަމެއް ނަތޫއަށް އަޑު އިވުނު ކަމުގައިވިޔަސް އެއީ ހަމަ ޒީންއަށް އަޑުއިވުން ފަދަ ކަމަކަށް އެކަން ވާނެތީއެވެ. އަދި އޭގެ ސަބަބުން ޒީންގެ އިތުރު ސުވާލުތަކެއް ޒީނިޔާއާ ކުރިމަތި ވެދާނެތީއެވެ. ހާއްސަކޮށް ކިޔެވުން ނިމެމުންދާ ދުވަސްވަރަކީ ޖީ.ސީ.އީއަށް ތައްޔާރު ވުމަށްޓާކާ އެންމެ ބޮޑަށް މަސައްކަތް ކުރަން ޖެހޭ ދުވަސްކޮޅަށްވެފައި، މިފަދަ ސިއްރު ވާހަކަތަކުން ޒީންގެ ކިޔެވުމަށް އަސަރުކުރާނެތީއެވެ.
“ނަތޫ ނޭނގެ ގޭގަ އުޅޭކަމެއް. ބޭރަށްދާން އުޅޭ ވާހަކައެއްވެސްކީވިއްޔަ. މާހިލްއާ ޝިއުޒް މިގަޑީގަ ގޭގަ ކުޅެން ތިބީ.”
ޖައުފަރު ވަރަށް ޔަގީންކަމާއެކު ޖަވާބު ދިނެވެ.
“ޖައުފަރް.. ޒީން ބުނި ނަތޫއާއެކު މާލެދާން ބޭނުންވާހަކަ. އައި.ޑީ ކާރޑް އާކޮށްލާފަ އެފަންދުވަހުގެ ސެޓްފިކެޓްގަ ގިނަދުވަހު ގެންގުޅެވޭކަހަލަ ސެލޯފިނެއް ލާންވީޔޯ. އަހަރެން ބުނިން ނަތޫގެ ބައްޕައާ ވާހަކަ ދައްކާނަމޭ. އަމުދުން ޒީން ގޮވައިން އަހަންނާ ފަރީދު މާލެ ދާންވޮޔަސް އެއީ ވަރަށް ފައިސާ ހަރަދުވާ ކަމެއް. އެވަރު ވާން ނެތީ. ކޮންމެހެންވެސް އެބަޖެހޭ މުއްދަތު ހަމަވެފަ އޮތިއްޔާ އިމްތިހާނުގެ ކުރިން ކާރޑް އަކުރަން.” ޒީނިޔާ ކޮންމެސް ވަރަކަށް ވާހަކައިގެ ތެރެއަށް ވަންނަމުން ދިޔައެވެ.
“އާނ.. މި ޓެސްޓުތައް ނިމޭދުވަހުގެ މެންދުރު ފަހުން ފުރަނީ. ޒީނިޔާ ފޮނުވަން ހުރިއްޔާ ޖައުފަރު ގޮސްފާނެ ނަތޫއާއެކު ޒީން ގޮވައިގެން. އެކުދިން އެއީ މިހާރު އަމިއްލަ ނަފްސުގެ ޒިންމާތައް ނަގައިން އުޅެވޭވަރުގެ ކުދިބައެއްނު. ރަނގަޅުވާނެ ދޯ ޖައުފަރޫ.” ނަޖްމާގެ އެވާހަކަ ފުރިހަމކޮށްލިއެވެ.
” ޖައުފަރް.. އެކަމު ބުނަންތަ؟ އަހަރެން އައީ.ޑީ ކާރޑާ އުފަންދުވަހުގެ ސެޓްފިކެޓްވެސް ހަވާލުކުރަނީ ޖައުފަރާ. އެންމެ ފަހުން ކާރޑްވެސް ހެއްދީ ޒީން ކުއްލިޔަކަށް އިންޑިޔާއަށް ދަންޖެހިގެން އޭނަ އުމުރުން ނުވަވަރަކަށް އަހަރުގަ. އޭރުވެސް މިހާރުވެސް އެއިން އެއްވެސް ލިޔުމެއް ޒީންއަށް އަދި ފެނިފައެއް ނޯންނާނެ.” ޒީނިޔާ މަޑުމޮޅި ރާގެއްގާ ސިއްރުން ވާހަކަ ދައްކާ މިހެއް ފަދައިން ވާހަކަ ދައްކަމުން ދިޔައެވެ.
އެންމެ ފަހުން ކިޔަން ގެންގުޅުނު ފޮތް ހޯދަމުން ނަތޫ ސިޓިންރޫމްއަށް ވަނެވެ. ހޯދަމުން ދިޔަފޮތް އޮތީ ޓީވީ ރެކް މަތީގައިކަމުން ބޭރަށް ހުޅުވާފައިހުރި ކުޑަދޮރުތަކާ ދިމާލަށްގޮސް މަޑުމަޑުން ނަތޫ ކުޑަދޮރުން ބަލާލިއެވެ. ޖައުފަރާ ނަޖްމާގެ އިތުރުން ދެން އިނީ ކާކުކަން މާރަނގަޅަށް ނަތޫއަކަށް ނުފެނެއެވެ. ނަތޫ އެތަނުން ދާން ހިނގައިގަތީ އެކަމަށް އެއްވެސް ޝައުގުވެރިކަމެއް ނެތުމުންނެވެ. ނަމަވެސް ކުއްލިޔަކަށް އިވުނު ޖުމްލައަކުން ނަތޫއަށް ހުރިތަނުން ގުޑިލަންވެސް ނޭނގުނެވެ.
“ޖައުފަރް.. ކޮންމެސް ނަމަ އަހަރެން ހަވާލުކުރާ ލިޔުންތައް ޒީންއަށް ނުދައްކައްޗެ. ޒީންގެ ބައްޕައަކީ… ޒީންގެ ބައްޕައަކީ ފަރީދު ނޫންކަން އެނގުނިއްޔާ ދެން ނޭނގޭ ވާނެގޮތެއްވެސް.” ޒީނިޔާ ކަރުނަ ފޮހެމުން ނޭފަތް ދަމާލިއެވެ.
“ޒީންގެ ކިޔެވުމުގެ އެންމެ މުހިއްމީ ދުވަސްތައް ކުރިޔަށްދަނިކޮށް މިވާހަކަތައް ކިޔައިދިނުމަކީ އެހާ ބުއްދިވެރި ކަމެއްވެސްނޫން. މިއިން އެއްވެސް ވާހަކައެއް އިނގުނިއްޔާ އަސަރުކުރާނެ ހަމަ ޒީންގެ ކިޔެވުމަށް. އޭރުން އޭނަގެ އިތުރު ސުވާލުތަކެއް އަނެއްކާ ކުރިމަތިވާނީ. އަހަންނަކީ ހާރޓް ޕޭޝަންޓެއް. އެކަންވެސް ޒީންއަކަށް ނޭނގޭނެ. އެނގޭނީ އިންޑިޔާއިން އައިފަހުން ދާއިމީކޮށް ބޭސްކާކަން. ކޮންކަމަކަށް ކީއްކުރަންކާ ބޭހެއްކަމެއް ނޭނގޭނެ. ފަރީދާއި ޒީން އަހަރެން ހިތުގަޖެހޭ ކަމެއް ނުކޮށްއުޅޭތީ މީހުންވެސް މިއުޅެވެނީ.. އެހެންވެ މިބުނީ.. މިއިން އެއްވެސް ވާހަކައެއް ޒީންގާތު ނުބުނައްޗެ.”
ނަތޫއަށް މިއިވުނީ ސިހުމެއް ގެނުވި ވާހަކަތަކެކެވެ. ޒީންގެ ބައްޕައަކީ ފަރީދު ނޫންކަމެވެ. ޒީންގެ މަންމަގެ ސިއްހީ ހާލަތުގެ ސީރިޔަސްކަމެވެ. ޒީންއަށް މިކަންކަން ފޮރުވަނީ ކީއްވެބާއެވެ.؟ ޒީންގެ ބައްޕަ ކޮބާބާއެވެ؟
ނަތޫ ވަރަށް ހައިރާންވެއްޖެއެވެ. ނަތޫ ޒީންއަށް މިކަން ސިއްރު ކުރާނެބާއެވެ؟
– ނުނިމެ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






