Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކައެހެނިހެން

އަމާނީ

Ali Alsham Level 110 Stories
March 3, 2022 4 Mins Read
2 Comments

ހިނދުކޮޅަކަށް ވުރެ ހިނދުކޮޅެއް ވައި ބާރު ވަމުން ދިޔައެވެ. ޖެހޭގަދަ ވަޔަށް ކެތްނުވެގެން ބައެއް ގަސްތައް މުލުންލުހި މަގުމައްޗަށް ވެއްޓިފައިވެއެވެ. ނަގާ ބޯމަތިވެފައިވާ ކަޅުވިލާތަކުން ދެންމެ ދެންމެ ވާރޭ އޮއްސާލަފާނެހެން ހީވެއެވެ. ދޭތެރެއަށް ވިދާލާ ވިދުވަރާއެކު އުޑު އިރައިގެންދާފަދަ އަޑަކުން އިވިގެންދާ ބާރު ގުގުރިއާއެކު ގޭގެއިން ކުޑަކުދިން ރޮއިގަންނަ އަޑު އިވެއެވެ. މި ތޫފާނީ ރޭގައި ވެސް އާސަހާރާތެރޭ މީހުންގަނޑު ކޮޅުކޮޅުމައްޗަށް ހިނގާބިގާވެ އުޅޭތަން ފެނެއެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަނީ އަގުބޮޑު އެއްޗެއް ބީވެ ދިޔުމުން މޫނު މަތީގައި އެހުންނަ ކަހަލަ މާޔޫސް ކަމެވެ. ހަވީރު ހަބީބު އާއި ޟަޒްނާގެ ޙާލަތު މާދެރައެވެ. ލިބިފައިވި ބޮޑު ހިތާމައިގެ ބުރަހެލިކަމުން ދެފައިން ވަރުދޫވެ ހިނަވާގޭ ކުރިމަތީ އިން ގޮނޑިބަރިން ގޮނޑިއެއް ގައި ހަބީބު ކައިރީގައި އިށީނދެގެން އިންއިރު،ޟަޒްނާގެ ލޮލުގެ ހިމަކޮޅުން ފޭދިގެން އަންނަ ކަރުނަ ތިކިތައް، ބޯއަޅައިގެން އިން ހަބީބުގެ ކޮނޑު ތެންމަމުން ދިޔައެވެ. އެމީހުންގެ ދެ ދަރިންވެސް ކައިރީގައި ގޮތް ހުސްވެފައި ތިއްބެވެ. މޫނުބަލަންއައިސް ތިބި އާއިލީ ތިމާގެ މީހުންނާއި ހެޔޮއެދޭ ރައްޓެހިން މޫނުބަލާ ނިމުމުން ހަބީބުގެ އެހީއާއެކު ޟަޒްނާ އެންމެ ވަދާއީ ދެކިލުން ދެކިލުމަށް ޓަކައި މައްޔިތާ ބާއްވާފައި އޮތް މޭޒާއި ގާތްވެލިއެވެ. އޭނާގެ ހަނދާނަށް އައީ 16  އަހަރު ކުރިން ގަދަވޭންވަރާއެކު އޭނާގެ ހަޔާތައް އިތުރުވެގެން ދިޔައީ ތުއްތު މެހެމާނެއްގެ މަތިންނެވެ. އެ ތުއްތު ފުރާނަ ދުނިޔެއަށް ނޭވާލުމާއިއެކު އެ ވޭންވަރު ފިލައި ހިތަށް ލިބުނު އުފާވެރިކަމެވެ. މަޑުމަޑުން ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުން ތެދުވެ ކުރިއަށް ހިނގައިގަތް ގޮތެވެ. ހިނގައިގަތުމާއިއެކު ވެއްޓި އަތުނުޖެހޭހާ ދުރަށް މީހާ އަވަހަށް ގޮސްދާނެ ކަމަށް ޟަޒްނާ ހިއެއް ނުކުރެއެވެ.

އޭނާގެ ހިތުގައި ވަނީ ޝަކުވާގެ ފުނިވަރު ކެވޭ. އަމިއްލަ ނަފުސާމެދުގައެވެ. ހެދުނު ގޯސްތަކާއި ބުނެވުނު ނުބައި ބަސްތަކުގެ ސަބަބުންނެވެ. އަމާނީގެ ކުރު ދިރިއުޅުމުގައި ދޭންވާ ވަރަށް އަޅާލުމާއި ސަމާލުކަން އޭނާއަށް ނުދެވުނީތީއެވެ.

އަމާނީ އަށް ދޭންވާ ވަރަށް ސަމާލުކަން ދެވުނުނަމަ މިއަދު ހަވީރު އޮފީހުންއައިސް ގެއަށްވަދެ ވީ ކުޑައިރުކޮޅު ތެރޭގައި ހަމަ ކުއްލިއަކަށް އޭނާ އެނދުގައި މަރުވެފައި އޮތީ ކީއްވެކަން އޭނާއަށް އެނގޭނެއެވެ. އޮފީހުން އައުމާއި މިއަދުގެ އިރާކޮޅުގެ ވަގުތާ ދެމެދު ހިނގީ ކޮން ކަމެއްކަން އެނގުނީހެވެ.

އިރާކޮޅު ވަގުތު އަތީގު އަމާނީގެ ކޮޓަރިއަށް ނުވަން ނަމަ، އަމާނީ އޮތީ މަރުވެފަކަން އަދިވެސް އޭނާ އަކަށް ނޭނގުނީހެވެ. އަމާނީއާ ދޭތެރޭ ނުވިސްނާ ތާނގައި ،އޭނާ އުޅެނީ ބަލިވެތޯ އާ ޟަޒްނާ ދުވަހަކުވެސް ނުބަލައެވެ. ޟަޒްނާ އަށް އަމާނީއާ ދޭތެރޭ ފުންކޮށް ވިސްނާލެވުނީ އަތުނުޖެހޭހާ ދުރަށް އަމާނީ ގޮސް ގެއްލުމުންނެވެ.

އިންސާނުންނަކީވެސް އަޖައިބެއް ކަހަލަ ބައެކެވެ. އަނެކާއަށް އިހާނާތްތެރިވާއިރު އިހާނާތްތެރިވާނީ އެމީހުން ދުވަހަކުވެސް މަރުނުވާނެ ކަހަލަ ގޮތަކަށެވެ. އެމީހުންގެ މަރު އައިސް ޖެހުމުން ކުރެވުނުހާކަންތަކާއި ހެދުނު ގޯސް ތަކުގެ މައްޗަށް ހިތާމަ ކުރެއެވެ. މާފުގެ ނަންވެސް ހިތަށް އަންނަނީ ވާނެ ހުރިހާ ކަމެއް ވެ ނިމުނީމައެވެ. ހިތުގައި އުފެދި އުތުރެމުންދިޔަ ޖަޒުބާތުތަކާއިއެކުވެ ޝަކުވާގެ ކަރުނަތައް އޮހޮރަމުން ހިމޭން ނިންޖަކުން ނިދާލާފައި އޮތް އުމުރުން   16 އަހަރުގެ އަމާނީއަށް ފަރުވާތެރިކަމާއެކު ޟަޒްނާއަށް ބަލާލެވުނެވެ. އެ މޫނުގައި ވަނީ އަބަދުވެސް އެހުންނަ ހިތްވަރާއި އަޒުމުގެ ކުލަވަރެވެ. ތަފާތަކީ އުފުލި ތަކުލީފުތަކާއި ޖެއްސި އުނދަގޫތަކުން މިންޖުވެ އަބަދުގެ އަބަދަށްޓަކައި އަރާމު ނިންޖަކުން ނިދާލާފައިވާކަމެވެ.

ކަށްވަޅުގެ އަނދިރިކަމުގެ ތެރެއަށް އަމާނީގެ ހަށިގަނޑު ދޫކޮށްލުމަށް ފަހު، ޟަޒްނާ ގެ ގެއަށް އައިސް ކޮޓަރި އެނދުގައި އޮށޯވެލިއެވެ. ވާޖިބުގެ ބުރުތަކައިގެން ފަންގިފިލާގައި ފިނިބުރުވަމުން ދިޔަ އޭ ސީ އަށް ބަލަހައްޓައިގެން އިރުކޮޅަކު އޮތުމަށްފަހު ތެދުވެ އަލަމާރި ހުޅުވާލިއެވެ. ފުޅާ އަލަމާރީގެ ތެރޭގައި ކޮޅުން ކޮޅަށް އަތުރާފައިވާަ ހެދުން ތަކުގެ ފިރުމާލިއެވެ. މުޅިން ވެސް އަމާނީ އަމިއްލައަށް އޮހޮރުވިދަލާއި ބުރަ މަސައްކަތުން ހޯދާފައިވާ ތަކެއްޗެވެ.

ދަރިންނާމެދު ކުރާ އުންމީދުތައް ފެނަށް ވާތަން ފެނުމުން އެކަމުގެ ހުރިހާ ރުޅިއެއް ބޭލުނީ އަމާނީއަށެވެ. އަންހެންދަރިންނަކީ ބޭނުން ކުޑަ ބައެއްގެ ގޮތުގައި ދެކި ،ހަގަށްތިބި ދެފިރިހެން ދަރިން ކަމަށްވާ އަތީގު އާއި އަަމީޒު އަށް ދޭން ނުވާ ދަރަޖައަށް ލޯބި ދިނުމުގެ ނަތީޖާއަކީ މައިންބަފައިންގެ ބަސް އެމީހުންގެ ކުރިމަތީގައި ނުވިކުމެވެ. ރައްޓެހިންގެ ހިޔާވަހިކަމުގެ ތެރެއަށްވަދެ މުޅިން އަމިއްލަ ދުނިޔެއެއްގައި ޣާފިލުވިކަމެވެ. ބާކީވީ އަމާނީއެވެ. މަންމައާއި ބައްޕަ އަށް ހުރި އުނދަގުލެއްކަމުގެ އިހުސާސް ރެއާއި ދުވާލު ކުރުމަކީ އަމާނީ ދިރިއުޅުމުގެ މަޖުބޫރު މާއްދާއެއް ކަމުގައި ވިއެވެ. ހަގީގީ މާނައިގައި ” މޮޅު” އިޙްސާސް ކުރެވޭނީ ބަލިވުމުންނޭ އެބުނާ ބަހަކީ ކިހާ ތެދުބަހެއް ހެއްޔެވެ؟ހަނަފަސްވެ ވީރާނާވެފައިވާ ޞަހަރާއަކަށް ފެހިކަން އައިސް ދިރުން އަންނަ ފަދައިން އަމާނީގެ ދިރިއުޅުން ކުޑަ ނަމަވެސް ދިރުމެއް ގެނުވައިދިން ޙަޤީގަތަކީ އެއްރެއަކު ނިދަންއަރައި ނިޔަފަތި ހަފަން އޮއްވައި ހިތަށް އައި ކުޑަކުޑަ ހިޔާލު ކެވެ. މަންމަމެން ފަޙުރުވެރިވާފަދަ އަންހެންދަރިއަކައް ވުމުގެ ޚިޔާލެވެ. އެ މަގު ހޯދުމަށް ކޮށަން ޖެހުން ހުރިހާ ކޮށުމެއް އޭނާ ކޮށްޓެވެ.

އޯލެވެލް ނިންމާލުމަށްފަހު އާދައިގެ ވަޒީފާއަކައް ގޮސްގެން އަމިއްލައަށް ކިޔަވަންފެށިއެވެ. ކޯސް ނިންމާ އެ ފަޙުރުވެރިވި ނަތީޖާ ލިބުން އިރު މައިންބަފައިން ކައިރީ ގައި ނެތީތީ އަމާނީ އެކަމާ ހިތާމައެއް ނުކުރެއެވެ. މިންވަރު ކުރައްވާފައިވާ ގޮތަށް މެނުވީ އެއްވެސް ކަމެއް ނުވާނެކަން ގަބޫލުކުރާތީއެވެ. އައުމާ ދިއުމުގެ މަގުސަދަކީ އިމްތިހާނު ކުރުމެއް ކަން އެނގޭތީއެވެ.އަމާނީ ވީ ވަޒީފާގެ މައިދާނުގައި ސާބިތުކަމާއެކު ފައިތިލަ ވިއްދި ޒުވާނަކަށެވެ. ތެދެކެވެ. މާތް ﷲ އެމީހަކަށް އެއްޗެއް ލިބުމަށް މިންވަރުކުރައްވައިފިނަމަ ،އެ މިންވަރެއްގައި ހައްދެއް ހުދޫދެއް ނޯވެއެވެ. ފުދިފަ އިތުރުވާ ވަރަށް ވެސް ދެއްވައެވެ. ވަޒީފާމަތިވެ އަތްމަތި ތަނަވަސް މީހަކަށް އަމާނީ ވާން ނެގީ މަދު ދުވަސްކޮޅެކެވެ. މުޅި އާއިލާގެ ޚަރަދު ބަލަހައްޓާ މީހަކަށް އޭނާ ބަދަލުވިއެވެ. ލާނެ އަންނައުނާއި ކޮންމެހެން ބޭނުންވާނެ އެއްޗެއް ގަންނަން ބޭނުންވާނެ ފައިސާކޮޅެއް އަތުގައި ބެހެއްޓުމަށްފަހު ބާކީ ހުރިހާ ފައިސާ ރައްކާކޮށްދިނީ މައިންބަފައިންނަށްޓަކައެވެ. މަސައްކަތްކޮށްކޮށް ކިތައްމެ ވަރުބަލިވިޔަސް ،ކުރި މަސައްކަތުން ލިބުނު ފައިސާއިން އޭނާއަށް ނުގަނެވުނީ ކޯއްޗެއް ހެއްޔެވެ؟

މައިންބަފައިންގެ ލޯތްބެވެ. އަރާމާ ތަނަވަސްކަމެވެ. މައިންބަފައިންގެ ހިތުން ކުޑަ ނަމަވެސް އިޙްތިރާމާއި ގަދަރެވެ.

 

ދުވަހުގެ ތާވަލާ އެއްގޮތަށް ކުރަންހުރި ކަންކަން ކުރަމުން އަތީގުމެންގެ ކޮޓަރި ސާފުކުރުމަށްޓަކައި ޟަޒްނާ  އެ ކޮޓަރިއަށް ވަނެވެ. މުޅި ކޮޓަރީގައިވަނީ ގޮނޑުކަމާއި މުޑުދާރުކަމެވެ. ދެބުރިއަށް ނަގާފައިވާ އެނދުގެ ދެބައިގައި އަޅާފައިވާ ރަޖާގަނޑު ކެހިގެން އައިސް އެނދުން ތިރިއަށް އެލިފައިވެއެވެ. ބާލީސްތައް ހުރީ ތަރުތީބެއްނެތި އުކާލެވިފައެވެ. އެނދުގެ އެއްކައިރީގައި ބަހައްޓާފައިވާ ކުޑަ މޭޒުމަތީގައި ހުލިވެފައިވާ ވިއްސުމަށް ސިނގިރޭޓު އަޅާފައިވާ އަޅިކެނޑިއެއް ބަހައްޓާފައިވެއެވެ. ޟަޒްނާ  ކޮންމެ ދުވަހަކު މި ކޮޓަރި ތަރުތީބުކުރިޔަސް މި ނޫން ގޮތަކަށް ނޫނީ މި ތަނެއް ނޯވެއެވެ. އެނދުތަންމަތި އެޅުމަށް ތިރީ ގޮދަޑި ތަންކޮޅެއް ބޮޑަށް ހިއްލާލުމާއެކު އަތުގައި ޖެހުނު އެއްޗަކުން ގޮދަޑި ހިއްލާލައި އެ އެއްޗަކީ ކޯއްޗެއްކަން އިނގުމުން ވަރަށް ހައިރާންވިއެވެ. އެއީ މިހާތަނައް އެއްފަހަރާ އެންމެ ގިނައިން ޟަޒްނާ ދެކުނު ފައިސާ އެވެ. ފައިސާތައް ނަގައި ނޫޓަކަށްފަހު ނޫޓަށް ބަލަމުން ދަނިކޮށް ޟަޒްނާގެ ލޮލުގައި އަޅައިގެން އެއްޗަކުން އޭނާ ހުއްޓުން އެރިއެވެ.

“މަންމާ މިއީ އަހަރެންގެ އެންމެ ފުރަތަމަ ލިބުނު މުސާރަ” ޟަޒްނާގެ އަތަށް 500ގެ 20 ނޫޓު ދެމުން އަމާނީ ބުނެލިއެވެ. އަދި އެތަނުން އެއް ނޫޓު ގައި “އަމާނީ” ގެ ނަން ލިޔެލިއެވެ.

“އިހަށް މި ލާރި ދަރިފުޅު އަތުގައި ބަހައްޓާ ،ބޭނުންވީމާ މަންމަ ނަގާނަން”

ދުރު ހަނދާނެއްވެގެން ޟަޒްނާ އަމާނިގެ ކޮޓަރިއަށް ވަނެވެ. އަމާނީ މަރުވުމުން އެ އޮތްތާ އޮތް ފޯނު ނަގާ އަމާނީގެ ފުރަތަމަ މަހު މުސާރަ ދެމުން ގައިދު ކުރި ފޮޓޯ ތަކަށާއި ވީޑިއޯ ބަލައިލިއެވެ. މެންދުރުވުމާ ގާތްވެފައިވަނިކޮއް އަތީގު ގެއަށް ވަނެވެ. މަންމަ އާއި އެކު ޔުނީފޯރމުގައި ތިބި ދެ ފުލުހުން ފެނި ވާން އުޅެނީ ކީއްކަން ރޭކާލުމުން އަތީގު ދުއްވައިގަތީ ގެއިން ބޭރަށެވެ. ނަމަވެސް އެކަން އޭނާއަށް ކާމިޔާބުނުވީ ފުލުސް މީހާގެ ކުޅަދާނަކަމުންނެވެ. “މަށަށް ނޫން އަމާނީ މަރާލީ. އަމީޒު އޭނާ އުޅެނީ ރައްޓެހިކުއްޖެއްގެ ސައިކު ހަލާކު ކޮށްލައިގެން އެއަށް ލާރި ދައްކަން. އޭނާ ބޭނުންވީ އަމާނީ ރައްކާކޮށްފައި ހުރި ހުރިހާ ލާރިއެއް އެއްކޮށް ނަގަން. އެ ނަގަމުން ގޮސް އަމާނީ އަށް އެކަން އެނގެނީމަ މޫނުމަތީގައި ބާލީސް އަޅާ މަރާލީ”. މިހެން ބުނެ ނިމުނުތަނާ އަމީޒު ގެއަށް ވަނެވެ. “އަތީގު ވެސް މަށާ ބައިވެރިވި އަމާނީ މަރާލަން. އޭނާ ވެސް އަމާނީގެ ލާރި ވަގަށް ނަގާ”.އަމިއްލަ ދިފާޢުގައި މާ ބޮޑު އެއްޗެއް ނުބުނެ ކުރި ކަންތަކާ އޭނާ ހަވާލު ވިއެވެ.

ފުލުހުން އަތީގު އާއި އަަމީޒު ނެރެގެން ދިއުމުން ޟަޒްނާ އިށީނެވެ. ކުށްވެރިއަކީ ޙުދު އޭނާއެވެ. ދިރިއުޅުމުގެ މަތިވަރު ހުސްވީ ދަރިންނަށް ދެވުން ނުބައި ތަރުބިއްޔަތުކުންނެވެ. ޟަޒްނާގެ ހިތުގައި އަމާނީއާ ދޭތެރޭ އުފެދުން ތަފާތުކުރުން ލޯބިން ހަލާކުކުރެވުން ދެ ދަރިންގެ މެދުގަވެސް އުފެދެނީއެވެ. ދަރިންގެ މެދުގައި އޮންނަނީ ބަދަހި ގުޅުން ނޭނގި ދަރިންނަށް ނޭނގި އާއިލާ ވެއެވެ. 

(ނިމުނީ)

 

Share Article

Follow Me Written By

Ali Alsham

Level 110 Stories

Other Articles

Previous

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (30)

Next

ބުނެބަލާ ލޯބިވޭ 11

Next
March 3, 2022

ބުނެބަލާ ލޯބިވޭ 11

Previews
March 2, 2022

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (30)

2 Comments!

  1. Fathimath Amany says:
    March 3, 2022 at 7:32 pm

    Nice story❤

  2. Firewolf Queen says:
    March 4, 2022 at 9:55 am

    Nice story ?
    Keep it up..
    Waiting for a new one

Comments are closed.



All Right Reserved!