ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 3
ޔަމްހާ އޭނައަށް ހަމަޖެހިފައިވާ ކޮޓަރީގައި އިނީ ވިސްނަންށެވެ. ދޮގު ހަދައިގެން ހުރިހާ މޮޅެއް ނުލިބޭނެއެވެ. ނަމަވެސް އޭނާއަށް ނުކްޝާން ލިބިއްޖެއެވެ. ދެން ވާނެ ގޮތެއް ނޭނގެއެވެ. ނުކްޝާން ރުޅި އަންނަކަމެއް ކުރެވިއްޖެއްޔާ އޭނަ އަށް ކޮންމެ ގޮތެއް ވެސް ހަދައިފާނެއެވެ. ޔަމްހާ ވިސްނަން އޮއްވައި އިރު އެރިއެވެ. އެހެން ތަންކޮޅެއް ގިނައިރު ވަންދެން އޮވެފައި އެނދުން ތެދުވިއެވެ. ޔަމްހާ ފެންވަރައިގެން ރީތިވެ ނުނިމެނީސް ނިޝްފާ އައިސް ޔަމްހާގެ ކޮޓަރިއަށް ވަނެވެ.” ދަރިފުޅު ދާންވީނުން ނުކް އަށް ގޮވަން… އޭނަ ޑިއުޓީގައި ޖެހޭނެ އަށެއް ޖަހާއިރު.. ގަޑި އެލާމް ވިޔަސް ނުކް ނުތެދުވާ ފަހަރު އަންނާނެ..” ނިޝްފާ ޔަމްހާގެ ބޮލުގައި ފިރުމާލިއެވެ.” ނުކްޝާން ރުޅި އަންނާނެ އަހަރެން ދިޔައީމަ..” ޔަމްހާ ދެކޮޅު ހެދިއެވެ. ” ދެން ސާބަހޭ..ކައިވެނި ކޮށްފަ ވެސް މަންމަތަ ގޮވަން ދާނީ؟؟..” ނިޝްފާ ހިނިއައިސްފައި ބުންޏެވެ. ޔަމްހާ ބުނާނެ އެއްޗެއް ނޭނގިގެން ނުކްޝާންގެ ކޮޓަރިއަށް ދިޔައެވެ. ޔަމްހާ ހިންދިރުވާލީ ހަމައެކަނި ސޯޓުކޮޅެއް ލައިގެން ހުސްގަޔާ އޮތް ނުކްޝާން ފެނުމުންނެވެ. އެ ހަށިގަނޑުގައި ބައްދާލަން ޔަމްހާ ބޭނުންވިއެވެ. ނަމަވެސް ކުރާނެ ކަމެއް ނޭނގުނެވެ. ކުރާނެ ކަމެއް ނޭނގިފައި ޔަމްހާ ހުއްޓައި ގަޑި އެލާމް ވާން ފެށިއެވެ. ޔަމްހާ ބިރުން ފަހަތަށް ފިޔަވަޅެއް އެޅިއެވެ.
**3 ވަނަ ޕާޓު**
ނުކްޝާން ލޯ ހުޅުވާލާފައި އެލާމް އޮފްކޮށްލިއެވެ. ދެވަނަ ސިކުންތުގައި ދެލޯ ބޮޑު ކޮށްލާފައި ކުރިމަތީގައި ހުރި ޔަމްހާއަށް ބަލާލިއެވެ.” ކީއްތިކުރަނީ މިތާ..” ނުކްޝާން ހިތްހަމަ ނުޖެހުން ނަމަވެސް އެހިއެވެ.” ނުކްޝާން މަންމަ ބުނެގެން ގޮވަން މި އައީ.. އެކަމް އެގަޑީގަ އެލާމް ވީ..” ޔަމްހާ ބުންޏެވެ. ނުކްޝާން އަމިއްލަ ހަށިގަނޑަށް ބަލާލިއެވެ. ޓީޝާޓެއް ނުލާ ހުރިކަން ވެސް ހަނދާންވީ ދެނެވެ. ގަތް ލަދުން ބާލީހުން ގައި ފޮރުވާލިއެވެ. އޭރު މޫނުމަތީގައި ކުޑަ ރަތްކަމެއް ހުއްޓެވެ. ނުކްޝާން އަކީ އަންހެން ކުދިން ކުރިމަތީގައި އެއްޗެހި ބާލައިގެން އުޅެން ލަދުގަންނަ ކުއްޖެކެވެ. ނަމަވެސް ނީކީޔާ އާއި ނަވްޔާ ކުރިމަތީގައި އުޅޭއިރު ހީވަނީ އެއީ ދެ ފިރިހެނުން ހެންނެވެ.”ކޮޓަރިއަށް ނުނިކުންނާންތަ ތި ހުންނަނީ…” ނުކްޝާން ބުންޏެވެ. ޔަމްހާ ނުކްޝާން އާއި ދިމަ ބަލާލަމުން ކޮޓަރިން ނިކުތެވެ.”އޭނަ ހޭލީތަ؟..” ބަދިގެއިން ބޯ ދިއްކޮށްލަމުން ނިޝްފާ އަހާލިއެވެ. ޔަމްހާ ބޯ ޖަހާލާފައި ބަދިގެއަށް ވަނީ ނިޝްފާއަށް އެހީވާންށެވެ.
” ނުކް އަވަސް ކޮށްބަލަ…” ނަވްޔާ އާއި ނީކިޔާ ނުކްޝާންގެ ކޮޓަރީގެ ދޮރުގައި ޖަހަމުން ގޮވިއެވެ.” ހްމްމްމް… ތަންކޮޅެއް ލަހުން އެލާމް ވީ…” ނުކްޝާން ކޮޓަރިން ނިކުތެވެ.” މަންމާ ދަނީ..” ނީކިޔާ ގެއިން ނިކުތެވެ.” ސައި ނުބޯންތަ…؟..” ނިޝްފާ އަހާލިއެވެ. ނުކްޝާން އާއެކޭ ބުނެފައި ނަވްޔާ އާއި އެކީ ނީކިޔާ ފަހަތުން ނިކުތެވެ. ޔަމްހާ އެމީހުން ދިޔަ ދިމާ ބަލަން ހުއްޓެވެ.” ދަރިފުޅު ހަމަ އަސްލަށް ވެސް ނުކް ދެކެ ލޯބި ވަނީތަ…” ޔަމްހާ އާއި ދިމަ ބަލަން ހުރެފައި ނިޝްފާ އަހާލިއެވެ. ޔަމްހާ ބޯ ޖަހާލާފައި ގޮނޑިއެއްގައި އިށީނެވެ. ދެން ވަރަށް މަދު ދުވަސްކޮޅެއްކޭ އިނީ.. ކަންބޮޑު ނުވައްޗޭ… ނުކް ލިބޭނީ ޔަމްއަށް.. މަންމަ ވެސް ވަރަށް ބޭނުންވޭ އެގޮތް..” ނިޝްފާ ޔަމްހާއަށް ހިތްވަރު ދިނެވެ.
” ނުކް ކީއްތި ކުރަނީ..” ލެޕްޓޮޕް އަށް ނަޒަރު ހުއްޓާލައިގެން އިން ނުކްޝާން ކައިރީގައި ނަވްޔާ އަހާލިއެވެ.” ކަމެއް ނުކުރަން.. ބޮލަށް ތަދުވާތީ މީނީ…” ނުކްޝާން ދެލޯ މަރާލިއެވެ.” ނުކްކް… ކުރިންދުވަހު ޖަލަށް ލީ މީހުންތައް ފިލައިގެންނޭ މިއުޅެނީ… ނުކް ތި ކައިވެންޏާ މެދު ނުވިސްނާ ޕްލީޒް.. އަނެއްކާ އަނެކަކު މެރުވެފަ އޮއްވާ ދެން ފެންނާނީ…” ނީކިޔާ އައިސް ނުކްޝާންގެ ލެޕްޓޮޕް ނިއްވާލިއެވެ.” ނީކް ތިބުނާހާ ފަސޭހަ ކަމެއް ނޫނޭ އެއީ… އަދި ނޭނގެ ކޮން އިރަކުން ކަމެއް ވެސް..” ނުކްޝާން އަޑުން ވެސް އިނީ ދެރަވެފަކަން އިނގުނެވެ. ނީކިޔާ އާއި ނަވްޔާ އެކަކު އަނެކަކަށް ބަލާލިއެވެ.” ދެން އޯކޭ… އެކަމް އެހަށް އާދޭ..” ނަވްޔާ ފުން ނޭވާއެއް ލިއެވެ.
” މިއަދު ހާދަ ލަސްވަނީ.. އެހެން ނޫނީ ހަވީރު ވުމުގެ ކުރިން އަންނާނެ..” ނިޝްފާ އިނީ ނުކްޝާންމެން ނައިސްގެން ލަސްވެފަ އެވެ.” ދައްތަ ހަބަރު ބެލިންތަ… ކުރިން ދުވަހު މީހަކު މަރާލައިގެން ޖަލަށްލި މީހުންތައް ޖަލުން ފިލައިގެންނޯ… ވެދާނެ އެކަމުގަ ބިޒީވީ ކަމަށް..” ޔަމްހާ އެހެން ބުނި ނަމަވެސް އިނީ ނުކްޝާން ދެކިލާހިތުން ކެތްމަދުވެފައެވެ.” ވެދާނެ… ޔަމް ބޭނުންވަނީ ވީހާވެސް އަވަހަކަށް ކައިވެނި ކުރަން ދޯ.. އެހެންވީމަ މަންމަ މިއަންނަ ހަފްތާއަށް ހަމަޖައްސައިފިން…” ނިޝްފާ ޔަމްހާ ކައިރީގައި ބުންޏެވެ.” އެކަމް ދައްތާ… ނުކްޝާން އޯކޭތޯ ނުބަލަންތަ…” ޔަމްހާ ހިތް އުފަލުން ނަށާލިއެވެ.” އޭނަ އޯކޭ ވާނެ…” ނިޝްފާ ހީލިއެވެ. ޚުދު ނިޝްފާ ވެސް ބިރުގަންނަނީ ނުކްޝާންއަށް ހެދި ދޮގު ފަޅާއަރާފާނެތީއެވެ. ކޮންމެގޮތެއް ހަދާފައި ވެސް ޔަމްހާ އާއި ނުކްޝާންގެ ކައިވެނި ކުރަން ނިޝްފާ ބޭނުމެވެ.” އަހަރެންނަކަށް ހިއެއް ނުވޭ ނުކްޝާން އޯކޭ ވާނެހެނެއް..” ޔަމްހާ ބުންޏެވެ.” އެކަމަކު ވެސް އޯކޭ ވާނެ… ކައިވެންޏާ މެދު އެއްބަސްވީމަ ޖެހޭނީ ހުރިހާ ކަމަކަށް ވެސް އެއްބަސްވާން..” ނިޝްފާ ހީލިއެވެ.
ނުކްޝާންމެން ގެއަށް އައީ އެރޭ އަށެއް ވެސް ޖެހިފަހުންނެވެ.” ދަރިފުޅާ ހާދަ ލަސްވީ… މަންމަ ބޭނުން ވާހަކައެއް ދައްކާލަން ޔަމްއާ ދެކުދިން ކައިރީ..” ނިޝްފާ ބުންޏެވެ. ނުކްޝާން ދަތްކުނޑި ވިކާލިއެވެ. ކައިވެނި ވާހަކަ ނޫނީ ނުދައްކާނެކަން ނުކްޝާންއަށް އިނގެއެވެ.” ނޮޓް ނައު މަންމާ.. މިގަޑީގަ ވަރަށް ވަރުބަލި… އަނެއްކާ މާދަމާ ހެނދުނު ދާގޮތަށް ނޭނގެ އާދެވޭނެ އިރެއް ވެސް..” ނުކްޝާން އެހެން ބުނެފައި ކޮޓަރިއަށް ވަނެވެ. ޔަމްހާ ކޮޓަރި ދޮރު ކައިރީގައި ނުކްޝާން ވަންނަންދެން ބަލަން ހުއްޓެވެ. އަދި ދޮވެ ހިއްކަން އަޅާފައިވާ ޔުނީފޯމަށް ބަލާލިއެވެ. އެއީ އޭނަ އަތުން ޖޫސް ތަށި ވެރުނު ޔުނިފޯމް އެވެ. ނީކިޔާ އާއި ނަވްޔާ ވެސް ފެންތައްޓެއް ބޯލައިގެން އެމީހުންގެ ކޮޓަރިއަށް ވަނެވެ. ނުކްޝާން ކައިވެނީގެ ވާހަކަ ދައްކަން އުޅޭ ކޮންމެ ފަހަރަކު ރުޅި އައިސްގެން ދަނީ ކީއްވެބާއޭ ޔަމްހާގެ ހިތަށް އެރިއެވެ.
” ގުޑް މޯނިންގް..” ޔަމްހާ ކާގެއަށް ވަނެވެ. އޭރު ނިޝްފާ ހުރީ ކާއެއްޗެހި ތައްޔާރު ކޮށްފައެވެ.” ދައްތާ.. މި ކައިވެނި ކެންސަލް ކޮށްލާ.. އަހަރެން ބޭނުމެއްނޫން ނުކްޝާންގެ ނުރުހުމުގަ ކައިވެނި ކުރާކަށް..” ކާގެއަށް ވަދެ ވަދެ ހުދު ނުކްޝާން ހުއްޓުނީ ޔަމްހާގެ އަޑު ޖެހުމުންނެވެ. ނުކްޝާން ހީލީ ނިޝްފާ އެއްބަސް ވާނެ ކަމަށް ހީކޮށްފައެވެ.” ނޫން ދަރިފުޅާ… ނުކް ނުރުހުނަސް މަންމަ ބޭނުން ތިދެކުދިން ގުޅެން..” ނިޝްފާގެ ޖަވާބުން ނުކްޝާން ދެބުމަ ގޮށްޖެހުނެވެ. އިތުރަށް އެތާ މަޑު ކުރަން ނުހަދާ ގެއިން ނިކުންނަން ދިޔައެވެ. ނީކިޔާ އާއި ނަވްޔާ ކޮޓަރިން ނިކުތީ އެވަގުތެވެ.” އޭއި ހާދަ އަވަހޭ..” ނުކްޝާން ފަހަތުން ދަމުން ނީކިޔާ ބުންޏެވެ.” ހްމްމް ބޭނުމެއް ނޫން ގޭގަ މަޑު ކުރާކަން..” ނުކްޝާން ބުންޏެވެ. ނަވްޔާ ދެފަރާތަށް ބޯ ހޫރާލަފައި ބޭރު ޖޯލީގައި އިށީނީ ގަޑި ޖެހެންދެންނެވެ.
ދުވަސްތައް ހަލުވިކަމާއެކު ފާއިތުވަމުން ގޮސް ނުކްޝާން އާއި ޔަމްހާ ކައިވެނި ކުރާ ދުވަސް ޖެހުނެވެ. ކައިވެނި ކުރާ މޭޒުދޮށުގައި އިށީން އިރު ނުކްޝާން އިނީ ރުޅި އައިސްގެން ގޮސް ފަޅައިގެންދާ ވަރު ވެފައެވެ. ކައިރީގައި އިން ޔަމްހާގެ ހާލަކީތޯއެވެ. ހިތް އުފަލުން ނަށަމުން ދިޔަ ނަމަވެސް ސިކުނޑި ވަނީ ބިރުވެރި ކަމުން ފުރިފައެވެ. ކައިވެނިކޮށްގެން ކޮޓަރިއަށް ދެވޭވަރުވީ ދިހަގަޑި ބައިވަނިކޮށްނެވެ. ޕާޓީ ބޭއްވިނަމަ އަދި ކިހާވަރެއް ވާނެ ބާއެވެ؟ ކޮޓަރިއަށް ވަތް ގޮތަށް ޔަމްހާ ހުރީ ޖެހިލުންވެފައެވެ. ޔަމްހާ ފެންވަރާލައިގެން އެނދުގެ އެއްފަޅީގައި އޮށޯތީ ނުކްޝާން އަންނަންދެންނެވެ. ވެފައިވާ ވަރުބަލިން ލަސްތަކެއްނުވެ ޔަމްހާއަށް ނިދުނެވެ. ނުކްޝާން ކޮޓަރިއަށް ވަނީ ބާރަވެސް ޖެހިފަހުންނެވެ. ފެންވަރާލައިގެން ޓީޝާޓަކާއި ސޯޓެއް ލައިގެން ނުކްޝާން ސިޓިން ރޫމުގައި ހުރި ސޯފާގައި އޮށޯތެވެ. ޔަމްހާ އާއި އެއް ކޮޓަރީގައި ނިދަން ވެސް ނުކްޝާން ބޭނުމެއް ނޫނެވެ.
ޔަމްހާއަށް ހޭލެވުނީ ދަންވަރު ތިންގަޑި ބައިގައެވެ. ކޮޓަރީގައި ނުކްޝާން ފެންނާކަށް ނެތެވެ. ޔަމްހާ ފެންބޯންބެގެން ކާގެއަށް ދާން ނިކުތް ވަގުތު ލޮލުގައި އަޅައިގަތީ ސޯފާގައި ނިދާފައި އޮތް ނުކްޝާންއެވެ. ޔަމްހާ ދެރަވި ވަރުން ލޮލަށް ކަރުނަ ޖަމާވިއެވެ. ނުކްޝާން ހަމަ އެހާ ރުޅިއާދޭ ހެއްޔެވެ؟ ކޮޓަރިން ނިކުތް މަގްސަދު ހަނދާން ނެތި ޔަމްހާ އަލުން ކޮޓަރިއަށް ވަނެވެ. އޭރު ހަމަ ރަނގަޅަށް ވެސް ޔަމްހާއަށް ރޮވިއްޖެއެވެ. ނުކްޝާން މިހާ ރުޅި އަންނަނަމަ ކައިވެނި ނުކުރެވުނު ނަމައެވެ. އެ ދޮގު ނުހެދުނުނަމައެވެ. ކަރުނަތައް އޭގެ މަގާމު ދޫކޮށް ފައިބަމުންދިޔައެވެ. ޔަމްހާ ބޭނުންވީ ނުކްޝާން ކައިރީގައި ހުރިހާ ހަގީގަތެއް ކިޔާދޭންށެވެ. ނަމަވެސް އޭރުން ނިޝްފާ އޭނަދެކެ ރުޅި އައިސްފާނެއެވެ. އޭނަ ވަކި ހަދާނީ ކިހިނެއް ހެއްޔެވެ؟ ޔަމްހާ އެހެން ރޯން އިންދައި ފަތިސް ނަމާދަށް ބަންގި ގޮވާ އަޑު އިވުނެވެ. ބަންގި ނުނިމެނީސް ނުކްޝާން ކޮޓަރިއަށް ވަނެވެ. ޔަމްހާ ރޯން އިންތަން ފެނުމުން ވެސް އަޅާ ނުލައި ނުކްޝާން ވަނީ ފާޚާނާއަށެވެ.
ނުކްޝާން ޑިއުޓީއަށް ދިޔައީ ޔަމްހާ ގޮވުމުގެ ކުރިން ހޭލައިގެންނެވެ.” ނުކް އަޅެ ކިހިނެއް ވެފަތަ ތި ހުންނަނީ…” މަސައްކަތަށް ދޭންޖެހޭ ސަމާލުކަން ނުދީ ނުކްޝާން އިނުމުން ނީކިޔާ އެހިއެވެ.” ކަމެއް ނުވޭ… އެމީހުން މިރަށަކު ނެތޯ ދޯ..” ނުކްޝާން ބެލީ ވާހަކަ އޮޅުވައިލެވޭތޯއެވެ.” ސްޓޮޕް ޓްރައިންގް ޓު ޗޭންޖް ދަ ޓޮޕިކް ނުކް.. އިނގޭ ތި ވިސްނާ ކަންތައް ވެސް.. މެރީ ކޮށްފަ ޗުއްޓީއެއް ނަގާބަލަ..” ނަވްޔާ ބުންޏެވެ.” ނަވް.. ކީއްކުރަން ޗުއްޓީ ނަގަނީ… އަހަރެމެން ދެމެދުގަ މާ ޚާއްސަ ގުޅުމެއް ވެސް ނެތެއްނު… ކައިވެނީގެ ކުރިން ލޯބިން އުޅުންނަމަތާ ތިހުރިހާ ކަމެއް ވެސް ކުރެވޭނީ ހަނީމޫނަށް ގޮސް އެވެނި ކަމެއް ކޮށް މިވެނި ކަމެއް ކޮށް..” ނުކްޝާން އަތުގައި އޮތް ޕޭޕަރު ތައް މޭޒުމައްޗަށް ޖެހިއެވެ.” ދެން ތި ރުޅި މަޑުކޮށްބަލަ.. ޔަމް ނުކް ދެކެ ލޯބި ވެއޭ.. އޭނަގެ މަންމަގެ ވަސިއްޔަތަކަށް ވިޔަސް އޭނަ ހުރީ އުފަލުން ރުހިގެން ތި ކައިވެންޏަށް.. މަށަކަށް ވަކި ބުނާނެ އެއްޗެއް ނޭނގެ އެކަމަކު ތިދެމީހުންގެ ގުޅުން ރަނގަޅު ކުރެވޭތޯ ބަލައިގެން ކައިވެނީގެ އަސްލު މަޤްސަދަށް ވާސިލްވެބަލަ.. މަށަށް ވެސް ބުނެވެން އޮތީ ބަސްތަކެއް… އެކަން ކުރުމާ ނުކުރުމާ އެއީ ނުކްގެ ކަމެއް..” ނަވްޔާ ޕޭޕަރު ތައް ރީތިކޮށްލިއެވެ.” ތެދެއް.. ނުކް ޕްލީޒް މަންމަ ވެސް ކިހާ ދެރަ ވާނެ..” ނީކިޔާ ވެސް ނަވްޔާ އާއި އެއްބައި ވެލިއެވެ.” ހަމަ އެކަކަށް ނޭނގޭނެ އަހަރެމެން ކައިވެނި ކުރި ކަމެއް… އެހެން ނޫނަސް އައި ޑޯންޓް ވޯންޓު..” ނުކްޝާން މަސަައްކަތަށް ސަމާލުކަން ދެމުން ބުންޏެވެ.
ޔަމްހާ އިނީ ފޯނުން ނުކްޝާންގެ ފޮޓޯއަކަށް ބަލަންށެވެ.” ނުކްޝާން… އަހަރެން ދެކެ ލޯތްބެއް ނުވޭތަ.. ކީއްވެ ލޯބި ނުވަންޏާ ކައިވެނި ކުރީ.. ނުކްޝާންއާ ވާހަކަ ދައްކާލަން އަހަރެން ބޭނުން..” ޔަމްހާ ފެންކަޅިވިއެވެ. ނުކްޝާންގެ އަނބިމީހާއަށްވެ ހުރެގެން ވެސް ޔަމްހާ ވަނީ ދެރައެވެ. އޭނާގެ އެންމެ ބޮޑު އުންމީދަކީ ނުކްޝާންގެ އަންބަކަށް ވުމެވެ. އެ މަޤާމުގައި ހުރެގެން ވެސް ލިބުނު އުފަލެއް ނެތެވެ. ދެލޯ ފުހެލާފައި ޔަމްހާ ފޯނު ނިއްވާލިއެވެ. އޭރު ބަދިގެއިން ދުންތައް ނިކުންނަމުން ދިޔައެވެ. ބަތް ކައްކަން އުޅެފައި އާދެވުނުކަން ހަނދާނީވެސް ދެނެވެ. ފޯނަކާ ފޯނެއް ދޫކޮށްލާފައި ބަދިގެއަށް ޔަމްހާ ދުއްވައިގަތެވެ. އޭރު އޮތީ ވާނެ އެއްޗެއް ވެފައެވެ.
ނުކްޝާން ޑިއުޓީ ނިންމާލާފައި ގެއަށް އައި މަގުމަތީގައި ކޮންމެވެސް ކުއްޖެއްގެ ގައިގައި ޖެހިފައި ވެއްޓެން ދިޔައެވެ. އަނެއްކާ ފެށެނީހޭ ހިތަށް އަރާފައި ކައިރީގައި ހުރި ކުއްޖާއަށް ބަލާލިއެވެ.” އައިނާ… ހާލު ކިހިނެއްތަ..” ނުކްޝާން ސިހިފައި ސަލާމްކޮށްލިއެވެ. އައިނާ ވެސް އުފާވީ ނުކްޝާން ފެނުމުންނެވެ.” އަޅޭ ނުކް އައި ރަނގަޅޭ.. ނުކް ކިހިނެއްތަ…” އައިނާ ހީލަމުން ބުންޏެވެ.” މަ ވެސް ރަނގަޅު..” ނުކްޝާން ކުރިއަށް ހިނގައިގަތެވެ.” ތިން މީހުން ޕޮލިހަށް ވަނީތަ…” އައިނާ ސުވާލުކޮށްލިއެވެ.” ހްމްމް އައި ކޮން ޖޮބަކަށް ދަނީ..” ނީކިޔާ އަހާލިއެވެ.” ޓީޗާރ..އެކަމް އަދި އެބަ ޖެހޭ އޮބްޒާވްކުރަން..” އައިނާ ނީކިޔާއަށް ޖަވާބު ދިނެވެ. އޭރު ގެއާއި އަރާ ހަމަވެއްޖެއެވެ.” އައި ވަންނަން ވީނުން އެތެރެއަށް…” ނަވްޔާ ދޮރު ހުޅުވާލިއެވެ.
” މީ ކޮން ކުއްޖެއް..” ޔަމްހާ ފެނުމުން އައިނާ އަހާލިއެވެ.” އެއީ ޔަމްހާ… މަންމަގެ ވަރަށް ގާތް އެކުވެރިއެއްގެ ދަރި..” ނުކްޝާން އަވަސް އަވަހަށް ޖަވާބު ދިނެވެ.” އޯހ.. ނައިސް ޓު މީޓް ޔޫ ޔަމްހާ…” އައިނާ ނުކްޝާން ކައިރިއަށް ޖެހިލިއެވެ. ޔަމްހާއަށް އެކަން ކަމަކު ނުދިޔަ އެވެ.” ނުކް.. އާދެބަ..” ޔަމްހާ ބުންޏެވެ. ނުކްޝާން ދެބުމަ ގޮށްޖަހާލަމުން ޔަމްހާ އާ އެކީ ދުރަށް ޖެހިލިއެވެ.” ނުކްޝާން އެ އަންހެން ކުއްޖާ ކައިރި ބު…” ޔަމްހާ ބުނަން އުޅުން ޖުމްލަ ހުއްޓާލަން ޖެހުނީ ނުކްޝާންގެ އަލިފާން ކަނި ބުރަމުން ދިޔަ ލޯ ފެނުމުންނެވެ.” ޑޯންޓް މޭކް މީ ރިޕީޓް މައި ސެލްފް… ޔަމްހާ ބުނަންތަ ވާހަކަ އެއް… ތީ މަގޭ އަންހެނުން ވިޔަސް މަށެއް ނުދެކެން ތީ އަންހެނުން ކަމަކަށް.. މަގޭ ކޮޓަރީގަ އުޅެން ހުއްދަ ދިނަސް މަ ރުޅި އަރުވަންޏާ ޔަމްހާ ކުރީގަ އުޅުން ކޮޓަރިއަށް ފޮނުވާލާނަން… އެއީ މަގޭ ވަރަށް ގާތް އެކުވެރިއެއް… އޭނަ މިގެއަށް އަޔަސް ޔަމްހާ އަށް އެއްވެސް އުނދަގުލެއް ނުވާނެ.. ދެވަނަ ފަހަރަށް މިކަން ތަކުރާރު ނުކުރާތި !!!!..” ނުކްޝާން މަޑުމަޑުން އިންޒާރެއް ދިނެވެ. ޔަމްހާ މާޔޫސް ކަމާއެކު ބޯ ޖަހާލިއެވެ.
” އައި ކޮން ގެއަކު އުޅެނީ..” ނަވްޔާ އަހާލިއެވެ.” ސްކޫލް ކުރިމަތީގައި އިން ފެހިކުލައިގެ ގޭގަ.. އިއްޔަ ރަށަށް އައީ..” އައިނާ ޖަވާބު ދިނެވެ.” ދާނަން ތިގެއަށް އަދި..” ނީކިޔާ ބުންޏެވެ. އެވަގުތު ނުކްޝާން އާއި ޔަމްހާ އައެވެ.” ޔަމްހާ ދާންވީނުން ..” ނުކްޝާން އިންޒާރެއް ދޭފަދަ ގޮތަކަށް ބަލާލުމުން ޔަމްހާ ކޮޓަރިއަށް ވަނެވެ.” ނަވް މެން އަދި މީހަކާ ވެސް ނީނދޭތަ..” އައިނާ ވަށައިގެން ބަލާލިއެވެ.” އާނ އަދި އިނދެވޭ ވަރު ނުވަނީ.. ކަމުދާ މީހަކު ވެސް ނެތެއްނު..” ނަވްޔާ ހިނިއައިސްފައި ބުންޏެވެ.” ދޯ އައި ވެސް އަދި މެރީއެއް ނުކުރަން…” އައިނާ ހީލިއެވެ.” ނުކް ހިނގާބަލަ ކޮފީ އަކަށް ދާން… މިހާރު ހާދަ ހޭންސަމް ވެއްޖެއޭ.. އަންހެން ކުދިން ތިބެނީ ބަލަ ބަލާ ދޯ ފުރުސަތަކަށް..” އައިނާ ހެމުން އަހާލިއެވެ.” މިހާރު ވެސް ދާންވީ.. އާނ އައި ބޭނުމިއްޔާ އައި އާ އިނދެފާނަމޭ… ތިހާ ރީތި ކުއްޖަކު ނުވެސް ދެކެން އަދި..” ނުކްޝާން ސަމާސާކޮށްލިއެވެ.” އަޅޭ ތެންކްސް އިނގޭ… ހަމަ އިންނަންވީ ނުކް ބޭނުމިއްޔާ..ލޮލް..” އައިނާ އަށް އެ ސަމާސާ ކަމުދިޔައެވެ. ނީކިޔާ އާއި ނަވްޔާ ތިބީ ޝައްކު ވެފައެވެ.” ނޫން.. ނުކް އެއީ އަހަރެންގެ ހައްގެއް..” ދޮރު ފަހަތުގައި އަޑުއަހަނީ ހުރި ޔަމްހާ އަށް މަޑުން ބުނެވުނެވެ.
” އެބަ އަންނަން ފެންވަރާލައިގެން ކޮފީއަށް ދާން.. ނަވްމެން ވެސް ދޭ ރެޑީ ވާން..” ނުކްޝާން ތެދުވެފައި ކޮޓަރިއަށް ވަނެވެ. ނަވްޔާ އާއި ނީކިޔާ ވެސް ރީތިވަން ވެގެން އެމީހުންގެ ކޮޓަރިއަށް ވަނެވެ. ފެންވަރަން ވަނުމުގެ ކުރިން ނުކްޝާން އަމިއްލައަށް އަލަމާރިން ގަމީހަކާއި ޖީންސްއެއް ނަގައިގެން އިސްތިރި ކުރަން ފެށިއެވެ.” ނުކްޝާން ދައްކާބަލަ އަހަރެން އިސްތިރި ކުރަން..” ޔަމްހާ މޭޒު ކައިރިއަށް އައެވެ.” ނޫނެކޭ.. ކަލޭ މަށަށް ކުރަން ޖެހޭ ކަމެއް ނެތް… ދެން ނުވާނެ މަ ކައިރިއަށް ކަމަކު އައިސްގެނެއް..” ނުކްޝާން އިސްތިރި ކޮށްފައި ގަމީހާއި ޖީންސް ހިފައިގެން ފާޚާނާއަށް ވަނެވެ. ޔަމްހާ ފެންކަޅިވިއެވެ. ނުކްޝާން ފާޚާނާއިން ނިކުތް އިރު ވެސް ޔަމްހާ ހުރީ އެހުރި ގޮތަށެވެ. ރީތިވާ މޭޒު ކައިރިއަށް ގޮސް ނުކްޝާން ބޮޑީ ސްޕްރޭ ޖަހާލަމުން އިސްތަށިގަނޑު ރީތިކޮށްލިއެވެ. އެހުރިހާ ކަމެއް ކުރަންދެން ޔަމްހާ އިނީ ބަލަންށެވެ. ނުކްޝާންހާ ރީތި ފިރިހެންކުއްޖެއް އަދި މިހާތަނަށް ޔަމްހާއަށް ފެނިފައެއް ނުވެއެވެ. ހަޤީގަތުގައި ޔަމްހާ ކުރަންވީ އުފާ ނޫން ހެއްޔެވެ؟ އެހެން އަންހެން ކުއްޖަކަށް ގައިމު ޔަމްހާއަށް ލިބުނު ކަހަލަ ފުރުސަތެއް ނުލިބޭނެއެވެ.
” ނީކްއާ ނަވް ދޭ ގެއަށް މަ ދާނަން އައި ލާފަ..” ކޮފީ ބޮއި ނިމިގެން ނުކްޝާން ބުންޏެވެ. ނީކިޔާ އޯކޭއޭ ބުނެފައި ހިނގައިގަތެވެ. ނަވްޔާ އަދިވެސް ހުރީ ޝައްކެއްގެ މަތީގަ އެވެ.” ނީކް.. ނުކްގެ ވައިފްއެއް ހުރޭ އެކަމް އެހެން އަންހެން ކުދިންނާ އެއްކޮށް އެ އުޅެނީ… މަށަށް ފެންނަނީ ނުކް ކައިރީ އެހެން ނޫޅޭށޭ ބުނަން..” ނަވްޔާ ވިސްނާލިއެވެ.” ނުކް ނޫޅޭނެ އެހެނެއް.. އޭނައަކީ ވަރަށް ރަނގަޅު މީހެއް.. ޔަމްހާ ދެކެ ރުޅި އަޔަސް ބޭވަފާތެރިއެއް ނުވާނެ މަށަށް ސަތޭކަ ޕަސެންޓް ގެރެންޓީ..” ނީކިޔާ ބުންޏެވެ.” ހްމްމް.. އެކަމް ޔަމްހާ ނުކް ދެކެ ލޯބިވޭ.. ނުކް އޭނައާ ހަރުކަށިކޮށް ވާހަކަ ދައްކާއިރު އޭނަ ވަރަށް ދެރަވާނެ.. އޭނަ ބޭނުމެއް ނުވޭ ނުކް އެހެން އަންހެން ކުދިންނާ އެކީ އުޅޭކަށެއް.. މިއަދު ވެސް އައި ނުކް ކައިރިއަށް ޖެހިލީމަ އޭނާއަށް ވީގޮތް މަށަށް ފެނުން..” ނަވްޔާ ބުންޏެވެ.” ދެން އައި ޑޯންޓް ނޯ… ނުކްގެ ދިރިއުޅުމުގެ ތެރެއަށް އަހަރެމެން ވަދުނީމަ މައްސަލަ ބޮޑުވެދާނެ… ޑިވޯރސް ވެއްޖެއްޔާ މަންމަ އަނެއްކާ..” ނީކިޔާ ހާސްވިއެވެ.” ދެން އަޅާ ނުލާ…” ނަވްޔާ އެކަންތަކާ މެދު ވިސްނަން ބޭނުންވި ނަމަވެސް ވެފައިވާ ވަރުބަލިންނާއި ކަންނެތް ވެފައިވާ ސިކުނޑީގެ ސަބަބުން ވިސްނޭ ގޮތެއް ނުވިއެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


