
ޝަކުވާއޭ މިހިތުގައިވަނީ އަބަދުވެސް… (އެއްވަނަ ބައި)
އިސްކޫލުގެ ރަނގަބީލު ޖެހުމާއިއެކު އިސްކޫލުގެ ދަރިވަރުން އެތެރެއަށް ވަންނަން ފެށިއެވެ. އެއިން ކޮންމެ ކުއްޖަކުވެސް އެއިން ކުއްޖެއްގެ ކުލާހަށް މިސްރާބުޖެހީ އެކުވެރިއަކާއި ވާހަކަ ދައްކަމުންނެވެ. އެހެން ނަމަވެސް މިހުރިހާ ކުދންގެ ތެރެއިން ކުލާހަށް ވަންނަމުން ދިޔަ 15 ވަރަކަށް އަހަރުގެ އަންހެން ކުއްޖާ ކުލާހަށް ވަންނަން ދިޔައީ އެކަނިވެރިކަމާއިއެކުއެވެ. މިކަމަކާއި އެއްވެސް ކުއްޖަކު އަޅައެއް ނުލައެވެ. އެކުއްޖާ ކުލާހަށް ވަނުމަށްފަހު އިށީންނަން ހަމަޖެހިފައިވާ ޑެސްކު ކައިރީގައި އިށީނދެ ހަމަނުޖެހިލެވެނީސް ސިހުނީ ފިރިހެން ކުއްޖަކު އައިސް ޑެސްކުގައި ވަރަށް ބާރަށް ޖެހުމުންނެވެ.
“ޖީޒާން! މޮޔަވީތަ.” ޒަޖާ ކޮޅަށް ތެދުވުމަށްފަހު ބުންޏެވެ. ކުލާހުގައި އެދެކުދިން ފިޔަވައި އެހެން ކުއްޖަކު ނެތްކަންވެސް ނަސީބެވެ.
“އަހަރެން އަދި މޮޔައެއް ނުވޭ. ކަލެއެއްނު މޮޔަވީ. އެހެން މީހުންނާއި ދިމާއަށް މޮޔައޭ ކިޔާ މީހާ މޮޔަވާނީ..” ޖީޒާން މިހެން ބުނެ ހިނިގަނޑެއް ޖަހައިލުމަށްފަހު ދިޔައެވެ.
“ޒަޖާއަށް އިނގޭތަ ނަފްރަތަކީ ލޯބީގެ ފެށުންކަން.” މިމަންޒަރު ބަލަން ކުލާސް ދޮރު ކުރިމަތީގައިހުރި ކިފާ ޒަޖާގެ ކައިރިއަށް އައުމަށްފަހު އެއްސެވެ.
“ތިބުނީ އަހަރެންނާއި ޖީޒާންއަކީ ފިއުޗަރ ވައިފް އެން ހަޒްބެންޑްއޭތަ.” ޒަޖާ ހިތަށްއެރި އެއްޗަކުން ދެލޯ ބޮޑުކޮށްލުމަށްފަހު އެއްސެވެ.
“ގެސް ކުރަންވެސް މޮޅޭދޯ.. އާނ! ހަމަ ޕޮސިބަލް..” ކިފާ އެހެން ބުނުމަށްފަހު އޭނާގެ ޑެސްކު ކައިރިއަށްގޮސް އިށީނެވެ. ޒަޖާވެސް ތުން އަނބުރައިލަމުން ދެބުމަގޮއް ޖަހައިލުމަށްފަހު އިށީނެވެ.
ޒަޖާއަކީ ހިތްތިރި މީހުންގެ އިހްސާސްތަކަށް އަޅައިލާ ހިތްހެޔޮ ރީތި ކުއްޖެކެވެ. ޒަޖާއަކީ އެހާ މުއްސަދި އާއިލާއަކުން އައިސްފައިވާ ކުއްޖެއްނޫން ނަމަވެސް ކޮންމެވެސް ވަރަކަށް ބޭނުން އެއްޗެހި ލިބޭ ކުއްޖެކެވެ. މިއާއި ޚިލާފަށް ޖީޒާންއަކީ މީހުންގެ އިޙްސާސްތަކަށް އެެހާ ބޮޑަށް އަޅައިލުން ނުހުންނަ ލިބިފައިވާ މުއްސަދި ކަމަށާއި ރީތިކަމަށް ބޮޑާވާ ކުއްޖެކެވެ. މިދެކުދިންވެސް މަތީ ތަޢުލީމް ޙާސިލްކުރަމުން ދަނީ ގުރޭޑު ނުވައެއްގައެވެ. އިސްކޫލު ނިމުމާއިއެކު ޒަޖާ އިސްކޫލުން ނިކުމެ މިސްރާބުޖެހީ އޭނާ އުޅޭ ގެއާއި ދިމާއަށެވެ. ކުޑަ ތަންކޮޅަަކަށް ދެވުނުތަނާ ސިހުނީ މީހަކު އޭނާގެ ބުރަކަށީގައި އަޅައި ކޮއްޕައިލުމުންނެވެ. ނަސީބު ރަނގަޅު ކަމުން އޭނާ ވެއްޓުނީ ދޮންވެލި ފުންޏެއްގެ މައްޗަށެވެ. ޒަޖާ ފަހަތަށް ބަލައިލިއިރު ޖީޒާންހުރީ ހޭށެވެ. މިކަމަކީ ޖީޒާންގެ ކަމެއްކަން އެނގުމުން ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ތެދުވެ ގައިން ވެލިފޮޅައިލުމަށްފަހު ދާން ހިނގައިގަތީ މިކަަމަށް އޭނާ އާދަވެފައި ވުމުންނެވެ. ޒަޖާގެ ގެއާއި ހަމައަށް ދެވެންދެން އޭނާގެ ފަހަތުން ޖީޒާންވެސް އެކި ގޮތްގޮތުން އުނދަގޫކުރަމުން ދިޔައެވެ. ޖީޒާންގެ ކިބައިން ސަލާމަތްވުމަށް ޒަޖާއަށް ދުޢާކުރެވުނު ޢަދަދެއްވެސް މިހާރު ޒަޖާ ހަނދާނެއްނެތެވެ. ޒަޖާ ގެއަށް ވަނުމާއިއެކު ޖީޒާން ޒަޖާ ދިޔަ ދިމާއަށް ބަލައިލިއިރު އެމޫނުގައިވަނީ ބުނަން ނޭނގޭފަަދަ އަސަރެކެވެ. ޒަޖާ އެތެރެއަށްވަދެ ދެކޮޅު ހޯދައިލީ އޭނާގެ މަންމަ ޒާހިޔާ ނުވަތަ އޭނާގެ މާމަ ހަލީމާ ފެނޭތޯއެވެ. ސިޓިންރޫމުގައި ނެތުމުން ކޮޓަރިއަށް ވަނީ އެދެމީހުން ދެން ތިބޭނީ ކޮޓަރީގައިކަން އެނގުމުންނެވެ. ކޮޓަރިއަށް ވަތްއިރު އާދައިގެ މަތިން މިއަދުވެސް ދެމައިން ތިބީ ވާހަކައިގައެވެ. ދެމީހުންނަށް ޒަޖާ ހިނިތުންވެލައިގެން ހުރިތަން ފެނުމާއިއެކު އެހާ އުފާވެފައި އެހުރީ ކީތްވެ ކަމާއިމެދު ސުވާލުކުރިއެވެ.
“މަންމާ! މާމާ! އަޅުގަނޑަށް މިފަހަރުގެ އެކައުންޓް ކުއިޒްއިން ލިބުނީ އެއްވަނަ..” ދަތްތައް ފެންނަވަރަށް ހީލަމުން ޒަޖާ ބުންޏެވެ.
“ދެން ޖީޒާންއޯ..” ޖީޒާންގެ ނަން ހަމަ އިވުމާއިއެކު ޒަޖާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ.
“ދެވަނަ އޭނާއަށް ލިބުނީ.” ޒަޖާ އިސްޖަހައިލުމަށްފަހު ބުންޏެވެ.
ޒާހިޔާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު ޒަޖާގެ ހިތްވަރަށް ކުޑަމިނުން ތަޢުރީފުވެސްކޮށްނުލައި ތެދުވެގެން ކޮޓަރިން ނިކުތެވެ. ޒާހިޔާގެ މިޢަމަލަކީ ޒަޖާއަށް އާ ޢަމަލަކަށް ނުވިކަމުންގައިވިއަސް ޒާހިޔާގެ އަނގައިން ޒަޖާއަށް ތަޢުރީފުގެ ބަހެއް ނުލިބުމާއިއެކުވެސް އޭނާގެ ހިތަށް ތަދުވެލިއެވެ. އަދި ޖީޒާންގެ މަތިން ހަނދާންވުމާއިއެކު ރުޅި އާދެވުނެވެ. ރުޅިއާއި އެއްވަރަށް ދެރަވެފައިވެސް ހުރުމާއިއެކު ދެލޮލަށް ކަރުނަ ޖަމާވާން ނެގީ އެންމެ ދެތިން ސިކުންތެވެ. އޭނާގެ ކުރިމަތީގައި ދެން ސިފަވެގެން ދިޔައީ ކުރީގެ ޙާދިޘާއެކެވެ.
3 މަސްކުރި…
“މަންމާ! މާމާ!” ޒަޖާ ކޮޓަރިއަށް ވަދެފައި ޒާހިޔާއަށާއި ހަލީމާއަށް ގޮވައިލިއެވެ.
“ކިހިނެތްވީތަ ޒަޖާ.” ހަލީމާ އަހައިލިއެވެ. “އިނގޭތަ.. އަޅުގަނޑަށް ކުއިޒްއިން ލިބުނީ 2ވަނަ..!” ޒަޖާ ދަތްތައް ފެންނަ ވަރަށް ހީލަމުން ބުންޏެވެ.
“ކާކަށް އެއްވަނަ ލިބުނީ. ކުއިލްގޭ ސުލައިމާންގެ ދޮށީ ދަރިއަށްދޯ.” ޒާހިޔާ ކުއްލިއަކަށް ކޮޅަށް ތެދުވިއެވެ.
“ލަ..ލައްބަ!” ޒަޖާ އިސްޖަހައިލިއެވެ. “އެކަމަކު މަންމާ! މިއީ އަޅުގަނޑުގެ ފުރަތަމަ ކުއިޒްއޭ!” ޒަޖާ އަނެއްކާވެސް އިސްހިއްލައިލުމަށްފަހު ބުންޏެވެ.
“ފުރަތަމަ ކުއިޒެއްކަމަކު އެއްވަނަ ގެންނަން ޖެހޭނެދޯ! މިހާރު މީހުން ބަލަނީ އެއްވަނައަށޭ.. ދެވަނައަކަށް ނޫނޭ. މަންޖެ އެއޮތްވަރަށް ފޮތްކީއިރުވެސް އެއްވަނަ ގެނެވޭކަމަކަށްނުވި ދޯ. ބަލާބަލަ އެ ޖީޒާން މޮޅުކަން. ކުރީގަ ސްކޫލްގަ އެންމެ ވިޔާނުދާކޮށް އުޅުނު ކުއްޖާ މިހާރު އެންމެ މޮޅު ކުއްޖަކަށް އެއިނީ. ދެން ފަހަރަކުން މަންޖެ އެއްވަނަ ނުގެނެއްސިޔާ މިގެއަކަށްވެސް ނުވައްދާނަން. ބޭރުގަ ނިދަން ޖެހޭނީ.. އަޑު އިވިއްޖޭ.” ޒާހިޔާ ޒަޖާގެ އިޙްސާސްތަކަށް ބެލުމެއްނެތި ދިޔައީ ހަޅޭލަވަމުންނެވެ.
ޒަޖާ ހަލީމާ އާއި ދިމާއަށް ބަަލައިލީ އަހަރެން ސަލާމަތްކޮށްދޭށޭ ބުނާ ފަދައިންނެވެ. ހަލީމާ ޒާހިޔާ ހުއްޓުވަން ނޫޅުނުތާ ޒަޖާއަށް ބަލައިވެސް ނުލިއެވެ. ޒާހިޔާ ބުނަމުންދިޔަ ކޮންމެ ބަހެއް ޒަޖާގެ ހިތަށް ހެރެމުން ދިޔައީ ތޫނު ޙަންޖަރެއް ހެރޭ ފަދައިންނެވެ.
***
“ޒަޖާ! ކިހިނެތްވެފަ.” ޒަޖާއަށް ޚިޔާލުތަކުން ބޭރުވެވުނީ ހަލީމާ ޒަޖާއަށް ގޮވައިލުމުންނެވެ.
“ކަމެއްނުވޭ މާމާ!” ޒަޖާ ފައިބަން އުޅުނު ކަރުނަތައް ހިންދައިލުމަށްފަހު އެކޮޓަރިން ނިކުމެ އޭނާގެ ކޮޓަރިއަށްވަނެވެ.
ހަވީރުގެ ހިތްގައިމު ވަގުތެވެ. ޒަޖާ ރީތިވަމުން ދިޔައީ ގެކައިރީގައިހުރި އަތިރިމައްޗަށް ދިއުމުގެ ބޭނުމުގައެވެ. ކަކުލާއި ހިސާބަށް އަރާވަރުގެ ދޫމާޖެހި ހެދުމަކާއި ކަޅު ދޫ ހަރުވާޅެއް ލައިގެން އެއްވެސް މޭކަޕެއްނުކޮށްހުރިކަމުގައި ވިއަސް ޒަޖާގެ އެރީތިކަމަށް އެއްވެސް ބަދަލެއް ނާދެއެވެ. ޒާހިޔާގެ ހުއްދައާއިއެކު ޒަޖާ އަތިރިމައްޗަށް ދިޔައިރު އޭނާގެ ކުލާހުގައި އުޅޭ އަންހެން ކުދިންތަކެއް ކުޅޭތަން ފެނުނެވެ. އެކުދިން ޒަޖާ ނުލައްވާނެކަން އިނގޭތީ ޒަޖާ ވެލިގަނޑު މަތީގައި އިށީނެވެ. ޒަޖާ ޚިޔާލުތަކަށް ގެއްލިފައިއިން ވަރުން އޭނާގެ ކައިރީގައި މީހަކު އިށީންކަންވެސް ނޭނގުނެވެ.
“މިއަދުވެސް އެކަނިތަ. ވަޓް އަ ޕިޓީ!” ޒަޖާއަށް ކުޑަ ސިހުމެއް ލިބުނީ ކައިރީގައި އިށީނދެއިން ޖީޒާން މަލާމާތުގެ ރާގަކަށް އެހެން ބުނުމުންނެވެ.
“އަހަރެންނަށް އުނދަގޫނުކޮށް މިތަނުން ގޮސްދާނަންތަ ޖީޒާން.” ޒަޖާ ދަތްކުނޑި ވިކައިލުމަށްފަހު އެހެން ބުނުމާއިއެކު ޖީޒާންގެ ގާތަށް އައީ ލާނެތް ހިންޏެކެވެ.
“ހާދަ ރުޅިއެއް އައިއްސަ.. އަހަރެންދެކެތަ ރުޅިއައީ..” ޖީޒާން ލާނެތް ރާގަކަށް އަހައިލިއެވެ.
“އާނ! ޖީޒާންދެކެ.. ރުޅިއަންނާނެ ދޯ ޖީޒާންގެ ވާހަކަ މަ…” ޒަޖާއަށް ބުނެވެން އުޅުނީ ބުނަން ނުވާވަރުގެ ވާހަކައެއްކަން އެނގުމާއިއެކު ވާހަކަ ހުއްޓައިލިއެވެ.
“ހްމްްމްމް… އަހަރެން…” ޖީޒާން އެއްބުމަ މައްޗަށް ހިއްލައިލުމަށްފަހު ބުންޏެވެ.
“ނަތިން.. ޕްލީޒް ގެޓް އަވޭ ފްރޮމް މީ!” ޒަޖާ ޖީޒާންއަށް ދެލޯ އަޅައިލުމަށްފަހު ބުންޏެވެ.
“ނޯ ވޭ!” ޖީޒާން މިހެން ބުނުމަށްފަހު ޒަޖާގެ ކޮނޑަށް އަތް ވައްޓައިލިއެވެ.
“ޖީޒާން! މިހާރު ގައިގަވެސް އަތްލަން ފެށީތަ..” ޒަޖާ ސިހިފައި ދެލޯ ބޮޑުކޮށްލަމުން ޖީޒާންގެ އަތް ފުރޮޅައިލިއެވެ.
“ޒަޖާ ކޮންއިރަކު ލަދުގަންނަން ފެށީ. ބުނެލަބަލަ ދޯ އަހަރެންދެކެ ލޯބިވާ ވާހަކަ އޭރުންތާ އަހަރެން ޒަޖާ އާއި ރައްޓެހި ވެވޭނީވެސް.” ޖީޒާން ޒަޖާގެ މޫނާއި މޫނު ކައިރިކޮށްލުމަށްފަހު ބުންޏެވެ.
“ޖީޒާންއާއި ރައްޓެހިވުމަށްވުރެ މާ ރަނގަޅުވާނެ މީދަލަކާއި ރައްޓެހިވިއަކަސް..” ޒަޖާ ޖީޒާން އާއި ދުރަށް ޖެހިލަމުން ތެދުވެ ގެއާއި ދިމާއަށް ހިނގައިގަތީ އަންނަން އުޅޭ ތޫފާނުގެ ހިލަމެއްވެސް ނުވަާ ޙާލުގައެވެ.
ޒަޖާ ގެެއަށްގޮސް އެތެރެއަށް ވަނުމާިއެކުހެން ފެނުނީ ސިޓިން ރޫމްގައިހުރި ގޮނޑިއެއްގައި އިށީނދެ ރުޅިއައިސް ރަތްވެފައިއިން ޒާހިޔަާއެވެ. ޒަޖާ ފެނުމާއިއެކު ޒާހިޔާ ޒަޖާ ކައިރީގައި އޭނާގެ ކައިރިއަށް އައުމަށް ޢިޝާރާތްކުރިއެވެ. ޒަޖާ އައިސް ޒާހިޔާ ކައިރީގައި އިށީނުމާއިއެކު ޒަޖާގެ ކޯތާފަތް މައްޗަށް އެރީ ޒާހިޔާގެ އަތުގެ ހޫނު ހަމަލާއެކެވެ.
“މަންމާ!!!” ޒަޖާ ކޯތަާފަތް މަތީގައި އަތް އަޅަމުން ފެންކަޅިވެފައިވާ ޙާލު ޒާހިޔާއަށް ބަލައިލިއެވެ.
“ކޮން މަންމާއެކޭ ކިޔާކަށްތަ އޭނ. ހަވީރު ގަޑީގަވެސް އަތިރިމައްޗަށޯ ކިޔައިގެން ދަނީ ފިރިހެން ކުދިންނާއިއެކު ތަންތަނަށް ހިނގަންށޭ މަންޖެ ދަނީ!” ޒާހިޔާ ކިޔާ އެއްޗެއް ޒަޖާއަކަށް ހަމަ އެއްގޮތަކަށްވެސް ފަހުމެއްނުވިއެވެ.
“މަންމާ! ކީކޭތި ކިޔަނީ.” ޒަޖާ މަޑުމަޑުން އަހައިލިއެވެ.
“އާނ! ޒަޖާއަކަށް ނޭނގޭނެ މަމި ކިޔާ އެއްޗެއް..” ޒާހިޔާ ދަތްކުނޑި ވިކައިލަމުން ބުންޏެވެ.
ދެން އޭނާ ފޯނުން ޒަޖާއަށް ދެއްކީ ވީޑިއޯއެކެވެ. އެއިން ފެންނަނީ ޖީޒާން ޒަޖާގެ ކޮނޑަށް އަތްވައްޓައިލި ހިސާބުން ފެށިގެން ޖީޒާން ޒަޖާ ހިނގައިގަތުމުގެ ކުރިން އެންމެ ފަހުން ބުނި ވާހަކައެވެ. އޭގައިނެތީ ޒަޖާ އެންމެ ފަހުން ބުނި ވާހަކަ އާއި ޒަޖާ ގެއަށް ދާން ހިނގައިގަތް މަންޒަރެވެ. ޒަޖާ ދެލޯ ބޮޑުކޮށްލުމަށްފަހު ޒާހިޔާއަށް ބަލައިލިއެވެ. ޒާހިޔާހުރީ އެއިރު ރުޅިއައިސްގެންގޮސް ހަލާކުވާވަރުވެފައެވެ.
“މަންމާ… މީ ކާކު ފޮނުވާފަ.. މަންމާ.. މިއީ މަންމަ ތިހީކުރާ ކަހަލަ…” ޒަޖާއަށް އެއްކޮށް ނުބުނެވެނީސް ޒާހިޔާ އަނެއްކާވެސް ޒަޖާގެ ކޯތާފަތް މައްޗަށް ހޫނު ހަމަލާއެއް އެރުވިއެވެ.
“ނުލަފާކަން… މިއީ އަހަރެން މިހީކުރާ ކަހަލަ ކަމެއްނޫން ވިއްޔާ ދެން ކީތްވެ ޖީޒާން މަންޖެގެ ކޮނޑުގައި އަތްލީ. އޭނ. ދެން މީގެ ފަހުން މަންޖެއަށް ސްކޫލް ފިޔަވައި އެެހެން ތާކަށް ނުދެވޭނެ. ގެއިން ބޭރަކަށްވެސް ނުނިކުމެވޭނެ. އެއްމަސް ވަންދެން ގެއިން ނުނިކުމެވޭނެ. މަށަށް އެ ކިފާ ވީޑިއޯ ނުފޮނުވިނަމަ މާދަމާ ކުރާނީ ކޮންކަމެއް ކަމެއްވެސް ނޭނގެ!” ޒާހިޔާ މިހެން ބުނުމަށްފަހު ޒަޖާގެ އަތުގައި ހިފައިގެން ދަމަމުން ކަހަލަ ގޮތަކަށް ކޮޓަރިއަށް ވައްދައި ބޭރުން ކޮޓަރި ތަޅުލިއެވެ.
ޒަޖާއަށް ރޮމުން ރޮމުންހުރި ތަނަށް ތިރިވެވުނުއިރު އެހިތުގައވަނީ އޭނާގެ މައިންބަފައިންނާއިމެދު ޝަކުވާއެވެ. ހުސް މިއަދު އެކަންޏެއް ނޫނެވެ. ކޮންމެ ދުވަހެއްވެސް އޭނާގެ ޙަޔާތުން ފާއިތުވެގެން ދަނީ އަބަދުވެސް ހިތުގައި ޝަކުވާތައް ފުނި ޖައްސަމުންނެވެ. ނަމަވެސް ކުރާނީ ކީތްހެއްޔެވެ. އޭނާގެ އެޝަކުވާތައް އަޑު އަހާނެ އެއްވެސް މީހަކުނެތެވެ. އޭނާއަށް ކުރެވުނުހާވެސް ކަމަކީ ރޮއެލަ ރޮއެލާއޮތުމެވެ. އިސްކޫލުގައިވެސް އޭނާ ހުންނަނީ ބާކީކޮށްލާފައެވެ. މައްސަލައަކީ ހަމަ އެންމެ މައްސަލައެކެވެ. އޭނާގެ އެރީތިކަމެވެ. އޭނާ އާއި އެންމެ ގާތްކޮށް އުޅުނު ކިފާވެސް އެންމެ ފަހުން އޭނާ ދުރުކުރީއެވެ. ދެންހުރީ ހަލީމާއެވެ. އޭނާއަކީވެސް ހަމަ ދެވަނަ ޒާހިޔާއެކެވެ. އޭނާ ދެރަކޮށް އޭނާ އާއި ދިމާއަށް ހަޅޭލެވުމަކީީ ޤަވާއިދުން ކޮންމެ ދުވަހަކުވެސް ހަލީމާކުރާ ކަމެކެވެ. ދެން އެއަށްފަހު ހުރީ އޭނާގެ ބައްޕަ ޒިޔާދެވެ. ޒިޔާދަކީ މަސައްކަތްކުރަން ގިނަ ދުވަސްދުވަހު ރިސޯޓުގައި އުޅޭ މީހެއްކަމުން ރަށަށްއާދެވެނީ ކޮންމެ ދެމަހުން އެއްމަހުގެ އެއްހަފްތާއަށެވެ. ޒިޔާދު ހުންނަ ދުވަސްތަކުގައި ޒާހިޔާ ޒަޖާ ގެންގުޅެނީ ވަރަށް ލޯބިންނެވެ. ޒާހިޔާ އާއި ހަލީމާ އާއި ޚިލާފަށް ޒިޔާދަކީ ޒަޖާދެކެ ލޯބިވާ މީހެކެވެ. ނަމަަވެސް ޒަޖާއަށް ޒިޔާދު ކައިރީ ޒާހިޔާމެންގެ ވާހަކަ ބުނަން ނުކެރެނީ ޒިޔާދު ޤަބޫލުނުކޮށްފާނެތީއެވެ. ޒަޖާ މިހެން އިންދައި ސިހުނީ ފޯނަށް މެސެޖެއްއައި އަޑަށެވެ. ޒަޖާ ތެދުވެ އެނދު މަތީގައިއޮތް ފޯނުނަގައި ހުޅުވައިލިއެވެ. މެސެޖު އައިސްފައިވާނީ ޒަޖާމެން ގްރޭޑް ވައިބާރ ގްރޫޕްއިންނެވެ. ޒަޖާ އެމެސެޖު ހުޅުވައި ބަލައިލިއެވެ. އެއީ ޖީޒާންގެ މެސެޖެކެވެ.
‘އަހަރެން މާދަން މިއުޅެނީ މާލެ ބަދަލުވާން. އަހަރެންގެ ހުރިހާ އެކުވެރިންނަށް ވަރަށް ސަލާމް.’
11 އަހަރު ފަސް…
– ނުނިމޭ –
2 Comments!
Comments are closed.
Maasha Allah ?? vaahakaige feshun konme akas vrh reethi… ? fst prt viima neiy cmnt thankolheh dhigu kohleveykah ?? gina prt thah annavakah cmnt thah dhaanii dhigu vamun ?? ehehe.. ?? zajaa.. vrh unique name eh ? dhn inbayah inthizaaru kuran ??
Hama rovigge ???? dhen zajaa ah ehn hoadhaakah nuvaane ennu kon irakun aneh part?