Skip to content
އެސްފިޔަ

ވިސްނުނީ ދެނެވެ. އޮޅިގަނޑު ގިރާކުރި ފަހުންނެވެ.

އަހަންނަކީ ޢާއިލާގައި ހުންނަ އެންމެ ހަގު ކުއްޖާއެވެ. އެހެންކަމުން މަންމައާއި، ބައްޕަ އަހަރެން ދެކެ ވަރަށް ލޯބިވާނެއެވެ. ޚާއްސަކޮށް މަންމަ އަހަރެން ދެކެ ވަނީ އާދަޔާޚިލާފު ލޯތްބެކެވެ. އަހަރެންގެ ދޮށްޓަށް ދައްތައަކާއި، ބޭބެއެއް ހުރިނަމަވެސް، މަންމަމެން އެންމެ އިސްކަން ދޭނީ އަހަންނަށެވެ. އެއީ އަހަރެން އެންމެ ބޮޑާވެ، ކިބުރުވެރިވާ އެއް ސަބަބެވެ. ނަމަވެސް، ދައްތައާއި ބޭބެ ދުވަހަކުވެސް މިކަމާއިމެދު ޝަކުވާއެއް ނުކުރެއެވެ. ބައްޕަ ވަޑާންކޮށްގެން ލިބޭ އެއްޗަކުން ދެކޮޅު ނުޖެހޭތީ، ދައްތަ ވަޒީފާ އަދާކުރަން ފެށީ އުމުރުން އެންމެ 23 އަހަރުގައެވެ. 20 އަހަރުގެ ބޭބެ އަދިވެސް ކިޔަވަނީއެވެ.

އަހަރެންގެ އުމުރުން މިހާރު 19 އަހަރެވެ. “އޯލެވެލް” ހެދުމަށްފަހު އިތުރަށް ކިޔެވުމުގެ ޚިޔާލު ދޫކޮށްލީ، ކިޔެވުމަށް އެއްވެސް ޝަޢުޤުވެރިކަމެއް ނެތީމައެވެ. މަންމައާއި ބައްޕަވެސް ދެކޮޅު ނުހެދީ އަހަރެން މަސައްކަތެއް ކުރާނެ ކަމަށް ވިސްނާފައެވެ. އެހެންނަމަވެސް، އަހަރެންގެ ވިސްނުމުގެ އޮއެވަރު ދަތުރު ކުރަން ފެށީ އެހެން ދިމާލަކަށެވެ. އަބަދު އުޅެވެނީ ރައްޓެހިންނާއެކު ކޮފީތަކަށް އެރުމުގައާއި، މަޖާ ނެގުމުގައެވެ. ދީނީ ކަންކަމަށް އިސްކަން ދިނުމަކީ އަހަރެން ދަންނަ ކަމެއްވެސް ނޫނެވެ. މަންމައާއި، ބައްޕަގެ އިތުރުން ބޭބެމެންވެސް ނަސޭހަތް ދިނީ މި އުޅުން ދޫކޮށްލުމަށެވެ. ނަމަވެސް، އަހަރެން އެ އާދޭސްތަކަށް ދިނީ ބީރު ކަންފަތެކެވެ.

ދުވަސްތައް ފާއިތުވެގެން ގޮސް، 3 މަސް ވޭތުވެގެން ދިޔައީ، އެސްފިޔައެއް ޖަހާލާހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ. އަހަންނަށް ލިބުނީ ވަރަށްވެސް އުފާވެރި ޚަބަރެކެވެ. ލޯބިވާ ދައްތަ ކައިވެނި ކުރާ ޚަބަރު ލިބުމުން ބޭރަށް ދިޔުން މަދުކުރުމަށްފަހު، ކައިވެންޏަށް ތައްޔާރު ވުމަށް އެހީތެރިވީމެވެ. އަހަރެމެން ނިންމީ ދުރުތާތިމާގެ މީހުންނަށާއި، ގާތް ރަޙުމަތްތެރިންނަށް ދަޢުވަތު ދިނުމަށްފަހު އާއިލާއާއެކު، ޕާރޓީއެއް ބޭއްވުމަށެވެ. އަހަރެންވެސް ވަރަށް ފުރިހަމައަށް ބައްޕަމެންނަށް އެހީވެދިނުމުގައި ވަގުތު ހުސްކުރީމެވެ.

ކައިވެންނަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެނިމި، ހަމަޖެހިފައި އޮއްވާ ލިބުނީ ދައްތަގެ ކައިވެނި ފަސްކުރާ ޚަބަރެވެ. ކީއްވެތޯ ސުވާލު ކުރުމުން ބައްޕަ ދެއްކީ ވަރަށް ތާކުން ތާކު ނުޖެހޭ ވާހަކައެކެވެ. ޗައިނާއިން ފެނުނު ނުރައްކާތެރި ވައިރަހެއް ރާއްޖޭގައިވެސް ފެތުރޭތީޔޯލައެވެ. ބައްޔަކީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔަކަށް ވާތީ، ގިނަ މީނުން އެއްވެ އުޅުމަކީ ރަނގަޅުކަމަކަށް ނުވާތީ، ކައިވެނި އިހަށް ލަސްކޮށްލަން ނިންމީ އެންމެންގެ ސަލާމަތަށް ކަމަށްވެސް ބައްޕަ ބުންޏެވެ. ދައްތައާ ވާހަކަ ދެއްކުމުން ދައްތަވެސް ދިނީ ހަމަ ބައްޕަ ދިން ޖަވާބެވެ. އަދި، އަހަންނަށް ބޭރަށް ނުދާން ނަސޭޙަތްތެރިވިއެވެ. އަހަރެން ވަރަށް ރުޅިއައެވެ. ކުޑަކުޑަ ރޯގާއެއް މި މީހުން ހަދައިގެން މި އުޅެނީ ހާދަ ބޮޑު ބަލިމަޑުކަމަކަށޭ އަހަރެންގެ ހިތަށް އެރިއެވެ. ދައްތަގެ އުފާތައް ފަސްއަޅާ ފޮރުވަން މި ޖެހުނީ މިއުުޅޭ ވައިރަހެއް އުފައްދައިގެން އުޅޭ މީހުންނާ ހެދިކަމަށް ވިސްނާ، ހިތަށް އައިހާ ނުބައި އެއްޗެއް އެމީހުންނާ ދިމާލަށް ގޮވި އިރު، މި ހުރިހާ ދުވަހު ދައްތަ ބުނި ބަސްނާހާ، އެ ދިން ނަސޭޙަތްތަކުގައި ނުހިފާ އުޅުމުން ޚުދު އަހަރެންގެ ފަރާތުންވެސް ދައްތައަށް ދެވުނީ ވޭނާ ކެކުޅުންކަން އޭރުވެސް އަހަރެންގެ ޅަ ސިކުނޑިއަކަށް ނުވިސްނެއެވެ.

ބައްޔާ ބެހޭގޮތުން އެންމެ ފުރަތަމަ މަޢުލޫމާތު ކީވެސް މަންމަ އާދޭސް ކުރާ ވަރުންނެވެ. ފުރަތަމަ ފަހަރަށް އަހަރެންގެ ހިތުގައި ބިރުވެރި ކަމުގެ ކުޑަ ރާޅެއް ބިންދާލިކަމުގެ އިޙުސާސް ކުރެވުނެވެ. އާއިލާ މީހުންނާއި، ކަމާބެހޭ ފަރާތްތަކުން ދޭ ނަސޭޙަތުގައި ހިފަން ހިތަށް އެރިއެވެ. ނަމަވެސް، ދެވަނަ ސިކުންތުގައި ބޯ ހޫރުވާލީމެވެ. ޖެހެން ހުރި ބައްޔެއް އެނދު ތަންދޮށަށް ވަދެ ފިލާ އޮތަސް ޖެހޭނެކަމަށް އަހަރެންގެ ޟަމީރަށް ވިސްނައިދިންއިރު، ދިމާވާ ދަތިތަކާއި، ކުރިމަތިވާ މުޞީބާތްތަކުން އަރައިގަތުމަށް ސަބަބުތަކުގައި ހިފުމަށް އިސްލާމް ދީނުގައިވެސް އަންގަވާފައި އޮތްކަން އަހަރެން ކުޑަކޮށްވެސް ހަނދާނެއް ނެތެވެ.

އަހަރެން އަނެއްކާވެސް ކުރިއެކޭ އެއްގޮތަށް ބޭރަށް ނުކުމެ އެކުވެރިންނާއެނު، ކެފޭތަކަށް ގޮސް، މަގުމަތީގައި ތިބެގެން މީހުންނަށް އުނދަގޫކޮށް ފޮށެ ހަދާ އުޅެން ފެށީމެވެ. ކަމެއް ވެގެން އުޅޭކަން ރޭކާވެސް ނުލާ ޙާލުގައެވެ. ގެއަށް ވަނުން މަޑުމަޑުން ބީރައްޓެހި ކަމަކަށް ވާން ފަށައިފިއެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟ ގެއަށް ވަދެފިއްޔާ އަބަދު ޖެހޭނީ މަންމަގެ އެ ހާސަރުތައް އަޑު އަހާށެވެ. ބޮލަށް އުނދަގޫ ވާވަރަށް އަބަދުވެސް ދައްކާނީ ކޮންމެސް ކޮރޯނާއެއްގެ ވާހަކައެވެ. އޭގެ ސަބަބުން ނުރައްކާވާ ވާހަކައެވެ. ކާއެއްޗެއްސަށް ދަތިވާނެ ވާހަކައެވެ. އާމްދަނީ ކުޑަވާ ވާހަކައެވެ. އަހަރެން “އާނ ހޫނ” ކިޔާލުން ފިޔަވާ އިތުރު ކަމެއް ނުކުރަމެވެ. ބައްޔާ މެދު ކޮންމެވެސް ވަރަކަށް ކަންބޮޑުވީ ނަމަވެސް، ރާއްޖެތެރޭގެ ރަށްތަކަކަށް ނުފެތުރޭނޭ އަހަރެންގެ ހިތް ބުނާތީއެވެ. ޖެހުނަސް ޖެހޭނީ މާލޭ މީހުންނަށޭ ހިތާއެވެ. މާލެ ފުރަބަންދު ކުރިއިރުވެސް އަހަރެންގެ މި އުޅުމަކަށްވެސް، އަދި ވިސްނުމަކަށްވެސް އެއްވެސް ބަދަލެއް ނާދެއެވެ.

އެއްރޭ އަހަރެން އެކުވެރިންނާއެކު މަސްދަތުރެއް ގޮސް ގެއަށް އައިސް ނިދަން ޖައްސާލީ ވަރުބަލިވެފައި ހުރި ވަރުންނެވެ. ބަރު އެސްފިޔަތައް ލެއްޕެން ދިޔަ ވަގުތު ފަނޑު ފަނޑުކޮށް ދައްތަގެ ސޫރަ ފެނުނެވެ. ހޭވެރިކަމެއްވީ ދައްތަ އައިސް އަހަރެންގެ ދެ ކޮނޑުގައި ހިފާ ތަޅުވައިގަތުމުންނެވެ. “ނަވީން! ނަވީން! ނަވީންގެ ރަށްޓެހި ޝާން ކޮވިޑަށް ޕޮޒިޓިވް ވެގެން މި އުޅެނީ. އަނެއްކާ ނަވީން އޭނައާ ދިމާވިތަ؟” ދައްތަ ވާހަކަ ދައްކަމުން ދިޔަ އިރު ދިޔައީ ގިސްލަމުންނެވެ. އަހަންނަށް އިނދެވުނީ ގަބު ކައިފައެވެ. އިވުނު ވާހަކައާމެދު ޝައްކު އުފެދިފައެވެ. “ނަވީން! ނަވީން!”. ހޭވެރިކަމެއްވީ ދައްތަ އަނެއްކާވެސް ދެތިންފަހަރަކު ގޮވާލުމުންނެވެ. ތެދެކެވެ. ޝާން އެ އައީ މީގެ ހަފްތާއެއް ކުރިން ރިސޯޓުންނެވެ. އައިސް ދެ ދުވަސް ނުވަނީސް، ހުން އައިސް، އާދަޔާޚިލާފަށް ވަރުބަލިވާތީ އެވާހަކަ އަހަރެންގެ ގާތުގައިވެސް ދެއްކި ހަނދާން މި ވީ އަދި ކިރިޔާއެވެ. އަހަންނަށް އަދިވެސް އިނދެވުނީ ވިސްނާށެވެ. “ނަވީން!” މިފަހަރު ދައްތަ ގޮވާލީ ތަންކޮޅެއް ބާރަށެވެ. ޖަވާބު ދޭން އަހަންނަށް މަޖުބޫރު ވެއްޖެއެވެ. ” އަ… އާން….. އިއްޔެ… އިއްޔެ އޭނައާއެކު ކޮފި… ކޮފީ އަކަށް ދިޔައިން”. ވަރަށް ހިތްވަރުކޮށްްފައި އަހަރެން ބުނީމެވެ. އެވަގުތު އަހަރެންގެ އަޑު އައީ ކެެނޑި ކެނޑިގެންނެވެ. އަހަރެންގެ ދުލުން އެ ލަފްޒުކޮޅު ބޭރުވުމާއެކު ވަގުތުން ދައްތަ އަހަރެންގެ ގައިން ދޫކޮށްލިއެވެ. އަދި ރޮމުން ބިންމައްޗަށް ވެއްޓިގަތެވެ. އަހަރެންގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. ތިމާ އެންމެ ލޯބިވާ މީހުންގެ ތެރެއިން މީހަކު ތިމާގެ ކުރިމަތީގައި ގިސްލަގިސްލާފައި ރޯތަން ފެނުމުން އަސަރު ނުކުރާނީ ވަކި ކާކަށްހެއްޔެވެ؟ އަހަންނަށްވެސް ވީ އެފަދަ ގޮތެކެވެ. އަހަރެންގެ ހަރު ހިތް އެވަގުތު ކަފަކޮޅެއްހާ މަޑުވި ފަދައެވެ. ނަމަވެސް، ދައްތަ މަސަލަސް ކުރާނެހާ ހިތްވަރެއް އަހަރެންގެ ގަޔަކު ނެތެވެ. އެއަށްވުރެ އަހަރެން މިވަނީ މިއަދު މިވަނީ މާާބޮޑަށްވެސް ބަލިކަށިވެފައެވެ. އަހަރެންގެ ލޮލަށް ޖަމާވެފައި ހުރި ކަރުނަތައް ކޯތާފަތް މައްޗަށް ފައިބައިގަތީ އެއްވެސް އިޚުތިޔާރަކާ ނުލައެވެ.

އޭގެ އަނެއް ދުވަހު ކަމާބެހޭ ފަރާތްތަކުން އަހަރެން ބަލާއައެވެ. އަދި އެކުވެރިންނާއި، އާއިލާ މީހުންވެސް ގެންގޮސް ޓެސްޓު ކުރެވުނެވެ. ނަތީޖާ ނައްސި ވޭތޯ ދުޢާކުރެވުނު ނަމަވެސް، އާއިލާ އެންމެންނާއި، ރަށްޓެހިންނާއެކު އަހަރެން ފައްސި ވިއެވެ. ކުރާނީ ކީއްހެއްޔެވެ؟ ތަޤުދީރުގައިވާ ގޮތް ތަދުބީރަކުން ބަދަލެއް ނުކުރެވޭނެ ނޫންހެއްޔެވެ؟ އަހަރެން އުފަލާއި، އަރާމާއި، ހަމަޖެހުމާއި، އުފާތައް އަހަރެންގެ ކުރިމަތީގައި ވެއްޔާ މޮޑެވުނީއެވެ. ހުރިހާ ވޭނާއި، ކެކުޅުމާއި، ހިތާމަތަކާ އެކުގައެވެ.

މިއަދު އަހަރެން އުފުލަމުން މި ގެންދަނީ އެކަމުގެ ހިތާމައެވެ. މާޒީގައި އަހަންނަށް އުޅެވުނު ގޮތުން ލިބުނު ހިތި ނަތީޖާއާ އެކުގައެވެ. އަހަރެންގެ ގައިގައި ހާދަ ވޭނެއް އެބަ އަޅައެވެ. ކޮންމެ ކަށިކޮޅެއްގައި ވަކިން ރިއްސާހެން ހީވެއެވެ. ބޮލަށް އެނބުރުން އަރާ ވަރުން ކޮޅަށްވެސް ނުތެދުވެވެއެވެ. މުޅި ގއިގައި ހީވަނީ ދޮން ދަގަނޑު ޖައްސާފައި ހުންނަ ހެންނެވެ. އެހާވެސް ހުން ގަދައެވެ. އެހެންނަމަވެސް، އެ ހުރިހާ ތަދުތަކަށްވުރެ އަހަރެންގެ ހިތަށް ލިބުނު ވޭނާއި ތަދު މާ ބޮޑެވެ. އެހެންނުނާންވީ ކީއްވެހެއްޔެވެ؟ ދެ ދުވަސް ފަހުން، މަންމައާއި ދައްތަގެ ޙާލު ސީރިޔަސް ވެގެން އައި.ސީ.ޔޫ އަށް ވެއްދިއެވެ. އެދުވަހު އަހަރެން ހާދަ ރުއިމެއް ރުއީމެވެ. ހާދަވަރަކަށް ގިސްލީމެވެ. މަންމައާއި ދައްތަގެ ޙާލު ރަނގަޅުވޭތޯ ﷲގެ ޙަޟްރަތަށް ދުޢާ ކުރެވުނު ޢަދަދުވެސް ނޭނގެއެވެ. ނަމަވެސް، ދެން ލިބުނީ އެއަށްވުރެ މާ ހިތާމަވެރި ޚަބަރެކެވެ. މަންމައާއި ދައްތަގެ މަރުގެ ޚަބަރު އަހަންނަށް ލިބުނީ ހޮނު ގުގުރިއެއްގެ ސިފައިގައެވެ. އެންމެ ފަހު ވަގުތު މަންމައާއި ދައްތަގެ މޫނު ބަލާލުމުގެ ފުރުސަތުވެސް ނުލިބުނީއެވެ. އަހަރެންގެ ހިތުގައި އެދުވަހު ވަނީ، ނުފިލާނޭ އެތައް ކޫރެއް އެޅިފައެވެ.

ބައްޕައާއި، ބޭބެގެ ޙާލެއްވެސް ނޭނގެއެވެ. އެމީހުންނާ ގުޅައިގެން ވާހަކަ ދައްކާނޭހާ ހިތްވަރެއްވެސް އަހަރެންގެ ގަޔަކު ނެތެވެ. ވެނިމިދިޔަ، ހުރިހާ ކަމަކަށް އަހަރެންގެ އަމިއްލަ ނަފްސު އަހަންނަށް ކުށްވެރި ކުރެވުނެވެ. މިއަދު ދެން ކިތަންމެ ވަރަކަށް ރޮއެ ގިސްލާ، ފިކުރު ކުރިޔަސް ވާނެ ކަމެއް އޮންނާނެހެއްޔެވެ؟ ކުރާނީ ކީއްހެއްޔެވެ؟ ވަގުތަކީ އަނބުރާ ލިބޭނެ އެއްޗެއް ނޫނެވެ. އެދުވަހު މަންމަމެންގެ ބަސް ޤަބޫލުނުކުރެވުނު ނަމައެވެ. އެކުވެރިންގެ ބަހަށް ނުހެއްލެވުނު ނަމައެވެ. ކަމާބެހޭ ފަރާތްތަކުން ދެއްވި އިރުޝާދުތަކުގައި ހިފާ، އެއާ އެއްގޮތަށް ޢަމަލު ކުރެވުނު ނަމައެވެ. ގޭގައި މަޑުކުރެވުނު ނަމައެވެ. ނަމަވެސް، މިއަދު އެ “ނަމަ”ތައް މަތިން ހަނދާންކޮށް ކަރުނައެޅިޔަސް ވާނެ ފައިދާއެއް ނެތެވެ. ވަގުތު ފާއިތުވެއްޖެއެވެ. ދެން އަހަންނަށް އޮތީ ވެރި ރައްބުގެ ޙަޟްރަތުގައި ދުޢާ ދެންނެވުމެވެ. މިކަމުން ސަލާމަތްވުމަށް ގަދައަޅާ މަސައްކަތް ކުރުމެވެ. މިއަދު އަހަންނަށް ވިސްނިއްޖެއެވެ. އާއެކެވެ! ވިސްނުނީ ދެނެވެ. އޮޅިގަނޑު ގިރާ ކުރިފަހުންނެވެ.

ނިމުނީ…

 

ލިޔުންތެރިޔާގެ ބަސް: މިއީ އަޅުގަނޑު މި ސައިޓަށްް އަޕްލޯޑު ކުރާ ފުރަތަމަ ވާހަކައެވެ. އެހެންކަމުން ވާހަކައިގައި ކުށް ހުރިނަމަ ފާހަގަ ކޮށްލަދެއްވައި، ކޮމެންޓު ކޮށްލެއްވުން އެދެމެވެ. މި ވާހަކަ އަޅުގަނޑު ލިޔުނީ މިހާރުގެ ޙާލަތާ ގުޅުވައިގެން ޢިބްރަތްތެރި ގޮތަކަށެވެ. ކިޔުންތެރިންގެ ޚިޔާލާ، އެހީތެރިކަމަކީ ލިޔުންތެރިކަމުން ކުރިޔަށް ދާން އަޅުގަނޑަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެކެވެ. ވަރަށް އަވަހަށް އަޅުގަނޑު މަޒުމޫނެއް މި ސައިޓަށްް އަޕްލޯޑުކުރެވޭތޯ ބަލާނަމެވެ. އޭގެ އިތުރުން ވަގުތުވީ ވަރަކުން ދިގު ވާހަކައެއްވެސް ލިޔަން ފަށާނަމެވެ. ޝުކުރިއްޔާ!

Comments (11)

  1. Nayaa

    Salaam dear readers. Mi othee alhuganduge furathama kuru vhk. kuh huri nama faahaga kohlavvaa cmmnt kohlevvun edhen. Insha allah adhi vrh avahah alhugandu dhigu vhk eh vx liyan fashaanan. Shukuriyyaa!
    SH
    SS
    TC
    Lysssssssmmm my dear readers…

    1. Nayaa
      Nayaa

      adhi eh vhk.. mazumoonu alhugandu liyaanee april mahuge 14 vana dhuvahah. eii dhivehi bahuge dhuvas kamah vaathee e dhuvahah haassa koh kmugai dhannavaalan….

  2. crazy idiot

    first vaahaka ves varah reethi….waiting for mazumoonu……keep it up…stay safe…tc…lysm nayaa

    1. Nayaa
      crazy idiot

      Tysssm ceazy idiot. Really apprciate ur support. Mazumoonu nereynee april mahuga. Keep waiting dear. Won’t dissappoint you.
      lymmmmmmm darl
      SH
      SS
      TC

  3. ?Ril?

    Naayooo vrh Sali ingey mi stry ❤️❤️❤️❤️
    Masha Allah❤️❤️❤️❤️
    Vrh iburaitheri vaahaka eh Hama❤️❤️❤️ adu haalatha vrh guley ❤️❤️❤️❤️❤️
    Duaa akee covid ge balimadu kamun veehaa ❤️❤️❤️❤️vxxx avahaka salaamah vun aameen❤️❤️❤️❤️❤️❤️❤️❤️
    Hama vrh fahkaa ingey stry❤️❤️❤️
    Naayoo ge digu vaahaka akah Ril waiting ingy❤️❤️❤️❤️❤️❤️
    Keep it up doonee❤️❤️❤️
    Stay safe ❤️❤️❤️
    Love u soo much❤️❤️
    Stay safe ❤️❤️

    1. Nayaa
      ?Ril?

      Awwwwww tysssssm ril sis lwbikolhuuuuu… Yes ibraitheri kohshey nayoo mi vhk liyunee. Dhigu vhk eh thanolheh fahun. Next moth ge nimey hisaabuge kanneynge geneveynee. Midhuvaskolhu school vrh buxy. Ekam vx vrh try kuraanan ingey. once again ty
      Lymmmmmmmmmmmmmmmm
      SH
      SS
      TC

  4. Idhaamaa

    Hey nayaa I am sis

  5. Idhaamaa

    Hey

  6. Nayaa sis

    Hey

    1. Nayaa
      Nayaa sis

      Hey kudahthaa. yes i know who u r

  7. Rain lover

    mshaallah varah reethi ingey. Sifakirunves bahuge gavaaidhaa hamathakah ves varah faruvaatheri vefa huri kan faahagavey. Thigothuga kuriah dhey ingey. Alhugandu inshaallah abadhuves support dheynan. Help eh beynun vaanama help ehves dheynan inshaallah.???♥♥♥♥

Comments are closed.