އަމާނާތް
ނޯޓް: މިއީ ހަޤީޤީ ވާހަކައެއްގެ މައްޗައް ބިނާކޮށް ލިޔެވިފައިވާ ވާހަކައެކެވެ.
މި ވާހަކައިގައި ބޭނުން ކުރެވިފައިވަނީ އަސްލު ނަންތަކެއް ނޫނެވެ.
******************************************************************
ސަމާ އާއި އަހަރެންނަކީ އެއް ރަށެއްގެ ދެ މީހުންނެވެ. އަހަރެމެންގެ ގުޅުމަށް މާ ގިނަ ދުވަސްތަކެއް ނުވަނީސް ކައިވެނި ކުރަން ނިންމީމެވެ. މި ވާހަކަ އާއިލާ މީހުންނާ ހިއްސާ ކުރުމުން ދެފަރާތު އާއިލާވެސް ރުހި ގަބޫލުވިއެވެ. 8 ސެޕްޓެމްބަރ 2017 ވީ ދުވަހިކީ އަރެމެންގެ ޒަވާޖީ ހަޔާތް ފެށުނު ދުވަހެވެ. ސަމާގެ ހުވަފެނަކަށްވީ ރާއްޖެއިން ބޭރުގެ ގައުމުތަކަށް ދަތުރު ކުރުމެވެ. އަހަރެންނަކީ ތަނަވަސް މީހެއް ކަމުން ، ސަމާގެ އެ ހުވަފެންތަކުގައި އަހަރެން ކުލަޖައްސައި ދިނީމެވެ. ސަމާ އާއި އެކު އަހަރެން ހޭދަ ކުރި ދުވަސްތަކަކީ ދުވަހަކުވެސް ހިތަކުން ފިލައިގެން ނުދާނޭ ދުވަސްތަކެކެވެ.
އަހަރެމެންގެ ކައިވެންޏަށް ދެ އަހަރު ވީ ފަހުން އަހަރެމެންގެ ހަޔާތައް އުފާވެރި އާ ދުވަސްތަކެއް ވެރިވިއެވެ. ދުވަހަކުވެސް އުފާ ނުވާ ވަރަށް އުފާވި ކަހަލައެވެ. އާނއެކެވެ. އަހަރުމެން ދެ މީހުންގެ އަލަތު ދަރިފުޅަށް ސަމާ ބަލިވެއިނެވެ. އެ ދުވަހު އަހަރެންނަށް ހީވީ އުޑު މަތީ ތިބި ހުރިހާ ތަރިތަށް އަހަރެންނަށް ލިބުނު ހެންނެވެ. ސަމާ އާއި ދަރިފުޅަށް ބޭނުންވާނޭ ހުރިހާ އެއްޗެއް އަހަރެން ސަމާއަށް ފޯރުކޮށްދެމުން ދިޔައީމެވެ. އަހަރެމެން އުޅެނީ މާލޭގައި ކަމުން އާއިލާއާއި ދުރުގަ އުޅެން ޖެހޭތީ ވަރަށް އުނދަގޫވިއެވެ. އެހެންކަމުން ، ސަމާގެ ބަނޑަށް ފަސް މަސް ވީ ފަހުން އަހަރެމެން ރަށަށް ދިޔައީމެވެ. އާއިލާ އާއި އެކު ދިހަ ވަރަކަށް ދުވަސް ހޭދަކުރުމަށްފަހު ، އަހަރެމެން އަނބުރާ މާލެ އައީ ސަމާ ޑޮކްޓަރަށް ދައްކަން ޖެހޭތީއެވެ. އަލަތު ދަރިފުޅު ދުނިޔެއަށް އުފަންވާނެ ދުވަހަކަށް އަހަރެމެން އިންތިޒާރު ކުރަމުން ދިޔައީމެވެ. އެހެންކަމުން ، ދަރިފުޅަށް ބޭނުންވާ ހުރިހާ ސާމާނެއް ގަނެ ނިންމީމެވެ.
ދުވަސްތައް މަސްތަކަށް ބަދަލުވެ ، ސަމާގެ ބަނޑަށް ނުވަ މަސް ފުރިއްޖެއެވެ. ސަމާގެ ބަނޑު ވަނީ އަތް ނުފޯރާ ވަރުވެފައެވެ. ސަމާ ވިހަން ކައިރި ވެފައި ވުމުން އަހަރެންގެ މަންމަ އާއި ސަމާގެ މަންމަ މާލެ އައެވެ. 2 ފެބްރުއަރީ 2021 ވީ ދުވަހަކީ ސަމާ އެޑްމިޓު ކުރި ދުވަހެވެ. ވިހަންވެގެން ބަނޑަށް ތަދު ނުވާތީ ޑޮކްޓަރުން އިންޖެކްޝަން ޖެހުމުގައި ކުރިއަށް ދިޔައެވެ. 3 ފެބްރުއަރީ 2021 ވީ ދުވަހު 12:20 އެއް ހާއިރު ސަމާ ވިހައިފިއެވެ. އަހަރެމެން ކުރި ދިގު އިންތިޒާރު ނިމުމަކަށް އައިސް ހިތައް ފިނިކަން ވެރިވިއެވެ. އަހަރެންގެ ދަރިފުޅު ފުރަތަމަ ފަހަރަށް އަހަރެން އުރާލީމެވެ. ލޯބި ލޯބި ފިރިހެން ކުއްޖެކެވެ. ސަމާ ކަހަލަ ދެ ލޮލާއި ތުންފަތެކެވެ. އަހަރެންގެ އަތްދަނޑި މައްޗަށް ދަރިފުޅު ނަގައިގެންގޮސް އަހަރެން ސަމާއަށް ދަރިފުޅު ދައްކާލީމެވެ. އަދި ސަމާގެ މޭމަތީގައި ދަރިފުޅު ބާއްވާލީމެވެ. ސަމާގެ މޫނު މައްޗަށް އުފާވެރި ހިނިތުންވުމެއް ވެރިވިއެވެ. ނަމަވެސް ، އެވަގުތު ސަމާގެ ހާލު އެހާ ރަނގަޅެއް ނޫނެވެ.
އޭގެ އިރުކޮޅެއް ފަހުން ސަމާގެ ހާލު ދެރަވާން ފަށައިފިއެވެ. ސަމާގެ ގައިން ލޭ ހުސްވާތީ ޑޮކްޓަރުންނާއި ، ނަރުހުން ، ވަރަށް އަވަސް އަވަހަށް ސަމާ ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ދެ ތިން ފަހަރަކު ލޭ އެޅުމުންވެސް އެ ވީ ބޭކާރެވެ. އެ ވަގުތު އަހަރެންނަށް ހީވީ މޭ ފަޅާ ހިތް ނުކުމެދާނެހެންނެވެ. އެ ދުވަހު ގާތްގަނޑަކަށް ހަތަރެއް ޖެހި އިރަކީ އަހަރުމެންނަށް ކުއްލި ސިހުމެއް ގެނުވި ހިތްދަތި ވަގުތެކެވެ. މި ފަނާވެނިވި ދުނިޔެއަށް ސަމާ އަލްވަދާޢުކިއެވެ. މާތް الله ގެ ރަޙްމަތުން ސަމާ ނިޔާވެގެން އެ ދިޔައީ ޝަހީދެއްގެ ގޮތުގައެވެ. އަހަރެންނަށް ހީވީ ފައިދަށުން ބިންގަނޑު ދަމައިގަތް ހެންނެވެ.
ތުއްތު ތުއްތު ދަރިފުޅު ދުނިޔެއައް އުފަންވީ ދުވަހު އެދަރިފުޅުގެ މަންމަ މި ދުނިޔެ ދޫކޮށް ދާން ޖެހުނެވެ. ސަމާ އަހަރެންނާއި ހަވާލު ކޮއްފަ އެ ދިޔައީ އަގުބޮޑު އަމާނާތެކެވެ. މި އަމާނާތް އަހަރެން ހެޔޮ ހިތުން ބަލާނަމެވެ. ސަމާ އާއި ނުލައި ދިރިއުޅުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އެހެންނަމަވެސް ، އަހަރެންގެ ދަރިފުޅަށްޓަކައި އަހަރެން ހިތްވަރު ކުރާނަމެވެ. ސަމާ އާއި ނުލައި ދިރި އުޅެން ދަސްކުރާނަމެވެ. މިއަދު ސަމާ އަހަރެން ގާތުގައި ނެތަސް ، އަހަރެންގެ ހިތުގައި އަބަދުވެސް ސަމާ ހުންނާނެއެވެ. މިއަދު އަހަރެން ގުނަމުން މި ދަނީ ދުވަހަކުވެސް އަހަރެން އުންމީދު ކުރި ދުވަސް ތަކެއް ނޫނެވެ.
=ނިމުނީ=
One Comment
Comments are closed.

Nau…
mi vhk vx vrh reethi….
keep it up…❤