
ފުރަތަމަ ފަހަރަށް އަހަރެންގެ ހިތަށް ބިރުވެރިކަން ވަނެވެ. ލޯގަނޑު ކުރިމަތިން ފެންނަން އެހުރި ސޫރައަށް އަނެއްކާވެސް ބަލާލީމެވެ. އެއީ އަހަރެންނެވެ. އަހަރެންގެ ސިފައެވެ. އަހަރެންގެ އިސްތަށިގަނޑެވެ. އަހަރެން ލައިގެން ހުރި ހެދުން ލައިގެން އެހުރީ ސީދާ އަހަރެންނާއި ދިމާލަށް ބަލާށެވެ. އެކަމަކު އެއީ އަހަރެން ހެއްޔެވެ. އެ ސޫރަ އެއީ އަހަރެންގެ ސޫރައަށް ވިޔަސް އެސޫރަ އަހަރެންނަށް ނުފަރިތައީ ކީއްވެ ހެއްޔެވެ. އެ ދެލޮލުން އެފެންނަ ރުޅިވެރިކަން އެއީ އަހަރެންގެ އަމިއްލަ ނަފްސު ދެކެ އަންނަ ރުޅި ހެއްޔެވެ. ނޫނީ މުޅި ދުނިޔެ ދެކެ ހެއްޔެވެ. ނޫނީ އެއީ ވަކި މީހަކަށް ނިސްބަތްވާ ރުޅިއެއް ހެއްޔެވެ. “ކަލޭ ހީކުރަނީ އެހެން މީހުން ކަލެއާއި ދޭތެރޭގައި ދެކެނީ ހަމަ ކަލޭ އެހެން މީހުންނާއި ދޭތެރޭގައި ދެކޭ ގޮތަށް ކަމަށްތަ” އަޑު އައީ ބިއްލޫރިގަނޑު އެތެރެއިން ނެވެ. ނަމަވެސް އެސޫރައިގެ އަނގަ ގުޑުވައެއް ނުލައެވެ. “ހީވޭތަ އޭނަ އެއުޅެނީ ކަލޭދެކެ ލޯބިވެގެންނޭ.. ތި ސޫރަ ދެކެ.. އޭނަ ލޯބި ވާނެތަ.. ތިހާ ޗަސް ބޮޑު ހަޑި ހަށިގަނޑެއްގައި އޭނަ އަތްލާ ހިތް ވާނެތަ” މިފަހަރު އެއަޑު އައި ތަނެއް އަހަރެންނަކަށް ނޭނގުނެވެ. ލޯގަނޑަކުން ނޫނެކެވެ. އެތަނުގައި އެހެން މީހަކު ހުރީކީ އެއް ނޫނެކެވެ. އަނެއްކާ އަހަރެންނަށް އަޑު އަޑު އިވެނީ ހެއްޔެވެ. ނޫނެކެވެ. އެހެން ވެގެން ނުވާނެއެވެ. އަހަރެން މޮޔައެއް ނޫނެކެވެ. އަހަރެން މިހުރީ ޖިންނި އަވަލާފައެއް ނޫނެކެވެ.
ވަރަށް އަވަހަށް އަންނަނި… އިންތިޒާރު ކޮށް ލައްވާ