Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީކުރުވާހަކަ

ކާރިޘާ

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
December 26, 2020 8 Mins Read
4 Comments

މޫސުން ރީތި ހިތް ގައިމު ނަލަ ފަތިހަކަށް ތަން ދެމުން އިރުގެ ދޯދިތައް މަރުޙަބާ ކިޔާލީ ހަފްތާގެ އާދިއްތަ ދުވަހަށެވެ. ކޮންމެ މީހަކުވެސް އެމީހަކު ނިދާފައިވާ ތަންމަތިން ތެދުވީ ވަރަށް ފޮނި އުންމީދު ތަކަކާ އެކުގައެވެ. ޑިސެމްބަރގަ ލިބޭ ބޮޑު ބަންދަކީ ސްކޫލްތަކުގެ ބޮޑު ޗުއްޓީކަމުން ތަފާތު އެތައް ކަންތައްތަކެއް ކުރުމުގެ ތަފާތު ފޮނި އުންމީދުތަކާ އެކުގައެވެ.

ކޮންމެޔަކަސް، އަހަރެންގެ ދައްތަވެސް ފަތިހު ހޭލައިން ގޭތެރޭގެ ބައެއް މަސައްކަތްތަކުގާ އުޅެންފަށައިފިއެވެ. ފަހަރިވެސް އަވަދިނެތި އުޅުނީ އޭނާގެ އަންނައުނުތައް ދޮވުމުގެ މަސައްކަތުގައެވެ. ބައެއް މަސައްކަތްތައް ނިންމާލުމަށްފަހު ދައްތަގެ މަންޒިލަކަށްވީ ބަދިގޭގައި ހުރި ދެލި އަރާފައިވާ ތެލިތައް ދޮވެލަން ގޮނޑުދޮށަށް ދިއުމެވެ.

ދައްތަ އޭނަގެ އަވައްޓެރި ކުދިންކޮޅާއެކު މަޖާ އޮލަ ވާހަކަ ތަކުގައި ތިބެގެން އެކަކު އަނެއްކަކަށް ތެލިތައް ދޮންނަމުން ދިޔައެވެ. ތެލިތަކުން ނުކުންނަ ތޫލި އަޑުތަކާ އެއްވަރަށް އެއިން ފައިބަމުންދިޔަ ދެލިތައް އެ ހުދު ދޮންވެލިގަނޑަށް ފައިބަމުންގޮސް ވެލިގަނޑު ކަޅުވެ ރީތިކަމުގެ މައްޗަށް ހަޑިކަމެއް ވެރިވެއްޖެއެވެ.

“އިނގޭތަ އަޅެ ރޭގަ މަށަށް ފެނުނު ހުވަފެނެއް؟ މިރަށު އެންމެން މާލޭ މަޖީދިއްޔާ ސްކޫލުގަ އުޅެނިކޮށް.. ހެހެ.. ދެންއަޅެ ކިހާ މަޖާދޯ؟ އަޅެ ދެން އެހެން ވާނީ ކިހިނެއްތަ؟ މި ރަށުއެންމެން ސްކޫލެއްގަ ގޮސް އުޅެފާނެތަ؟ އެތަނުން ފެންވަރާ ރީތިވެ ކައި ސައިބޮއެ ހަދާތަންވެސް ފެނުން. ހެހެ.. އެހުންނަނީ ދެން ހުވަފެނުގަ ފެންނަ މަޖާ އެއްޗެސް. ހީވެސް ނުކުރާ ކަންތައްތައް އެފެންނަނީ ހުވަފެނުގަ ދޯ.. ހެހެ”

އެއްވެސް ފިކުރެއް ޚިޔާލެއްނެތި މަޖާ ގޮތަކަށް އަހަރެންގެ ދައްތަ އެމީހުންނަށް އެ ހުވަފެނުގެ ވާހަކަ ކިޔައިދިނުމަށްފަހު ތެލިތައް ހިފައިން ގެއަށް އައިސް ވަނެވެ.

އެކަމަކު އޭރު އަހަރެންގެ އަރާމު ތަންމަތިން އަމިއްލަ ބުރަކަށި ހިއްލައިލިއިރު ގާތްގަނޑަކަށް އަށްގަޑި ބައިވަނީއެވެ. އޭރު އަހަރެންގެ ޢުމުރުން އެންމެ ސާދަ އަހަރެވެ. އަހަންނަކީ ސްކޫލްގަ ކިޔަވާ ކުއްޖެއްކަމުން އަހަރެންގެ މަންމަމެން އަހަރެން ލައްވާ ގޭތެރޭގެ އެއްވެސް މަސައްކަތެއް ނުކުރުވައެވެ. އެހެންކަމުން އެހާ ހެނދުނާ ތެދުވުމަކީ އެއްވެސް އިރެއްގަ އަހަރެން އާދަ ކޮށްފައިވާ ކަމެއް ނޫނެވެ. ވަކިން ޚާއްސަކޮށް އެއީ ބަންދު ދުވަސްތަކުގެ ހާލެވެ.

ރީތި ވުމަށްފަހު ރޮށިކައި ނިންމާލައިން ކޮޓަރިއަކަށް ވަންނަން އަހަރެން މިސްރާބު ޖެހިއިރު ގޭގެ މައިދޮރުން ބޭރުބަލަން ހުރީ އަހަރެންގެ ފަހަރިއެވެ. އޭރު އޭނަ އުޅެންފެށީ އަންނައުނު ދޮއެދޮއެ ހުރި މެޝިނުން ކުއްލިޔަކަށް ކަރަންޓް ގޮސްގެން އެކަމާ ހާސްވެސް ވެގެންނެވެ. ފަހަރި ހުރި ދިމާލަށް އަހަރެން މިސްރާބު ޖަހަނިކޮށް ކުއްލިއަކަށް މުޅި ގޭތެރެއިންވެސް ކަރަންޓް ކެނޑިއްޖެއެވެ.

ވާނުވާއެއް ނޭނގިހުރެ، އަހަރެން ފަހަރި ކައިރިއަށް ދިއުމަށް ހިނގައިގަންނަނިކޮށް ވަރަށް ބާރަށް ބައްޕަގެ އަޑު އިވެންފެށިއެވެ. ވަލު ދޮރާށިން ވަދެގެން ބައްޕަ އައިސް ގެއަށް ވަނީ ދުވަމުންނެވެ. ވަރަށް ހާސްވެފައިހުރެ ވަރަށް ބާރަށް ކޮންމެސް އެއްޗެއް ގޮވަމުން ގޮވަމުންނެވެ.

“މަގޭ ދަރިންނޭ! ދަރިފުޅުމެނޭ!… ބޮޑު ރާޅެއް އަރައިފި.”

ބައްޕަ ހާސްވެފައިހުރެ ގޮވަމުން ދިޔަ ބަސްތައް އަހަރެންގެ ކަންފަތަށް އަޑު އިވުނީ ނުހަނު ސާފުކޮށެވެ. އެހެނަސް ހިތުތެރެއަށް ބިރުވެރިކަން ވެރިވެގަތީ ތޫނު ތަދަކާއެކު ވަކި ހިއްޕަލަމުންނެވެ.

ވަގުތުން އަހަރެން އަވަސްވެގަތީ ބައްޕައާއެކު މައި ދޮރާށިން ބޭރު ބަލައިލުމަށެވެ. އޭރު ފަހަރިވެސް ގޮވަމުން ދިޔައީ މޫދުން ރާޅެއް އަރައިން އަންނަ ވާހަކައެވެ. އަހަންނަށް ބޭރު ބަލައިލެވުނު އިރު ހީނުކުރާފަދަ އަވަސް ދުވެލީގައި އިރުމަތީ ފަރާތުން އަރައިގެން އައި ރާޅު ހުޅަނގު ފަރާތުން ފައިބައިން ދިޔައެވެ. ބަލަބަލާ ތިއްބައެވެ. ޝޯޚްވެފައި ހުއްޓައެވެ.

އިރުކޮޅެއްގެ ތެރޭގައި ހިނދެމުން ދިޔަ ފެންގަނޑު މަތީ ފައިއަޅަމުން ހޭލަ މޭލައަށް ބޭރަށް ނުކުންނަމުންދިޔަ މީހުންގެ އަދަދު އެކި ދިމަދިމާލުން ގިނަވާން ފެށިއެވެ.

ކަންބޮޑުވުމާ ހާސް ކަމުގެ ތެރޭން އެތައް ބައެއްގެ ޝަކުވާތަކުގެ އަޑު އިވެންފެށިއެވެ. ދުރުގާވާ ޢާއިލާތަކުގެ ހާލު ބަލަން އުޅުނަސް އެއްވެސް މީހެއްގެ ފޯނަށް ނުގުޅޭ ކަމުގެ ޝަކުވާތައް އެތައް ބަޔަކު ދިޔައީ ކުރަމުންނެވެ. އަހަރެން އަޑު އަހަން ހުއްޓަވެސް ބައެއްމީހުން ގޮވަމުން ދިޔައީ ޤިޔާމަތްވަނީ ކަމަށެވެ. އެތައްބަޔަކު އަޑުން އަޑުނަގާފައި ރޮމުންދިޔަ މަންޒަރު އަހަރެންގެ މި ދެލޮލުން ދުށީމެވެ. އެހެނަސް އޭރުވެސް އަހަރެން ހުރީ ވާނުވާގައެވެ. އަހަރެންގެ ޅަ ސިކުނޑިއަށް މިއީ ކިހާވަރެއްގެ ކަމެއްކަން ވިސްނައިގަންނާކަށް އެއްވެސް ވަރަކަށް ނޭނގުނެވެ.

އެހާލުގައިވެސް އަހަރެން ބެލީ ހިތުގައި ބިރުވެރިކަން ވެރިވަވަމުން ދިޔައިރުވެސް ހިތްވަރު ދެއްކޭތޯއެވެ. އެމަންޒަރުތައް އަހަންނަށް ހަމަ ލޮލަށް ފެނުނެވެ. ބޮޑެތި މީހުންނާ ހަރު މީހުން ރޮއެ ގިސްލާތަން އަހަރެން އެންމެ ކައިރިން ދުށީމެވެ. ވެގެން މިއުޅެނީ ކިހާވަރެއްގެ ބޮޑު ކަމެއްކަން ކިރިޔާވެސް ވިސްނެންފެށީ އެމީހުންގެ ޚަރަކާތްތައް ހުރިގޮތުން ކަންނޭނގެއެވެ. އެކަމަކު އެވަގުތުވެސް އަހަރެން ނުރޮމެވެ. ބޭނުންވީ އެތައް ގޮތަކުން ހިތްވަރު ކުރާށެވެ.

ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެންމެންގެ ސަމާލުކަން ދަމައިގަތީ ރަށު އޮފީހުގެ ލައުޑް ސްޕީކަރުން ކޮށްލި ކުއްލި ޢިއުލާނަކަށެވެ.

“ޤައުމަށް ދިމާވެގެން މިއުޅޭ ހިތާމަވެރި ކާރިޘާއިން ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކާ، ރަށުގެ ހުރިހާ ރައްޔިތުން ހަމަ މިހާރު ރަށު އޮފީސް ކައިރިއަށް ޖަމާވުމަށް ދަންނަވަން.” ރަށު އޮފީހުން ގޮވާލި ކުއްލި ޢިއުލާނުގެ ސަބަބުން އަނެއްކާވެސް ހިތްތަކުގައި ބިރުވެރިކަން އުފެދުނެވެ.

ރަށުގެ އެންމެ ބޮޑު މުޢައްސަސާގެ އިސްވެރިންނަށް ތަބާވަމުން ގޮތް ހުސްވެފައި ތިބެ އެންމެން ދާދި ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި އޮފީސް ކައިރިއަށް ޖަމާވެއްޖެއެވެ. އޭރު އަހަރެންވެސް އަހަރެންގެ އާއިލާއާއެކު ހިތާމައިން ފޯވެފައިވާ ހާލު އެތަނަށް ހާޒިރުވީމެވެ. އަހަންނަށް އިވެމުންދިޔައީ އަނެއްކާވެސް އެ އަޑުތަކެވެ. ރުއިމުގެ އަޑެވެ. ގިސްލުމުގެ އަޑެވެ. އަހަންނަށް ފެންނަމުން ދިޔައީވެސް އެފަދަ ހިތާމަވެރި މަންޒަރުތަކެވެ. ކަރުނައިން ލޯ ނުތެމޭ އެންމެ މީހަކުވެސް ނެތެވެ. އުފާވެރިކަމުން އުޖާލާވެފައިވާ އެންމެ މޫނެއްވެސް ނެތެވެ. އެކި މީހުން އެކި ހާލުގައެވެ.

އަހަރެންގެ ވަށައިގެންވާ މާހައުލަށް ރަނގަޅަށް ނަޒަރު ހިންގާލީމެވެ. އޭރު އަހަރެމެން ތިބި ދިމާ ހުޅަނގުފަރާތުން މޫދު އޮތީ ފުން ވިލާ ހަމައަށް ހިކިފައެވެ. މޫދުގެ އެ ތިލަ ހިސާބުން އެއްކޮށް ފެން ދަމާލަފައި ވާއިރު އެކި ވައްތަރުގެ ގާތަކާ އަކިރި ނޫން އެއްޗެއް އެތަނަކުން ނުފެނެއެވެ. އަހަރެމެން ތެރެއިން އެތައް ބަޔަކު އެކަމާ އަޖައިބު ވިއެވެ. އެއީ މީގެ ކުރިން ދުވަހަކުވެސް އެ މަންޒަރު ފެނިފައި ނުވާތީއެވެ.

ކޮންމެޔަކަސް އެތަން އޮތްގޮތް ފެނިފައި އަހަރެންގެ ދައްތަ ވަގުތުން އަނބުރައިގަނެގެން ވެއްޓުނެވެ. އަހަރެމެން އެންމެންގެ ކުރިމަތީގައެވެ. އެއިރު އަހަރެން ހުރީ ދެ އަހަރުގެ ކުޑަ ފިރިހެން ކުއްޖާ އުރާލައިންނެވެ. އެއީ ދައްތަގެ ދަތިފުޅެވެ. އަހަރެންގެ ބައްޕަ ހާސްވެފައި ހުރެ ދައްތަ ހޭއަރާތޯ މަސައްކަތް ކުރަމުން ދިޔައެވެ. ކުޑަކުޑަ މަސައްކަތަކުން ނަމަވެސް ހޭއެރި ކަމުގައި ވިޔަސް ދައްތަ ގަޔަކު ހިއްވަރެއް ނެތެވެ. ހަކަތައެއްނެތެވެ.

ހާސްވެފައިތިބެ ހޭލަ މޭލައަށް އެކި މީހުން އެކި ދިމާލަށް ދުވަމުން ދާންފެށިއެވެ. އަނެެއްކާވެސް އެހެން ރާޅެއްގެ ބިރުވެރި އަޑު އަހަރެމެންނަށް އިވެން ފެށިއެވެ. އޭރުވެސް އަހަރެން ހުރީ އެތުއްތު ކުއްޖާ އުރާލައިންނެވެ.

އެންމެންގެ އަޑަށް އަހަރެންވެސް އުތުރު ފަރާތާ ދިމާލަށް ބަލައިލީމެވެ. އަހަރެން ހައިރާންވިއެވެ. އަންތަރީސްވިއެވެ. ބުނާނެ އެއްޗެއް ނޭނގުނުތާ ހަދާނެ ގޮތެއްވެސް އަހަންނަކަށް ނޭނގުނެވެ. އެނގޭހެއްޔެވެ؟ އަހަރެންގެ ޙަޔާތުގައި ދުވަހަކުވެސް އެވަރުގެ ބޮޑު ރާޅެއް ނުދެކެމެވެ. ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ އެރާޅުގެ އުސް މިން އަހަންނަށް ކިޔައިދޭން ނޭނގުނު ކަމުގައިވިޔަސް ބުނެދޭން އެނގޭ ހާވެސް އެއްޗަކީ އަހަމެން ރަށާ ދާދި ކައިރީގައި އޮތް ރިޒޯޓްވެސް އެރާޅުގެ އުސް ކަމުން ނުފެނުނުކަމެވެ.

ފަހަރެއްގައި އަހަރެމެން އެތައް ފުރާނެއެއްގެ ސަލާމަތް ކަންނޭނގެއެވެ. އެ އުސް ރާޅުން ކުޑަ މިންވަރެއް ނޫނީ އެވަގު އަހަރެމެންގެ ރަށަށް ނޭރިއެވެ. އަހަރެންނަށްވެސް އެ ރާޅު ފެނުނު ވަގުތު ހީވީ އެ ރާޅާއެކު އަހަރެމެންގެ ފަހުދުވަސް އައީހެންނެވެ. އެރާޅުގެ ތެރޭގައި ފަހު ނޭވާ ލާން ޖެހެނީ ހެންނެވެ. ނަމަވެސް ކަންތައްވީ އެހެނެއް ނޫނެވެ. ﷲ ގެ ރަޚްމަތްފުޅުން އެ އުސްމިނުގައި އެރާޅު އަހަރެމެންނާ ހަމައަކަށް ނައެވެ. އެހެނަސް ހަމަ ގައިމުވެސް ފުރަތަމަ ރާޅަށް ވުރެ އުސް ވާނެކަން އަހަންނަށް ޔަޤީނެވެ. ޙަމަ ގައިމުވެސް އެ ރާޅުގެ ތެރޭގައި އަހަރެން ހަރަކާތް ކުރަމުން ދިޔައިރު ފެންގަނޑުގެ އުސްމިން އަހަރެންގެ އުނަގަނޑާ ހަމައަށް ހުއްޓެވެ.

އަހަރެމެން ތިބި ދިމާ ހުޅަނގު ފަރާތަށް ރަށުގެ ގިނަ ދޯނިތައް ގެނައިކަން އަހަންނަށް ނުވެސް އެނގުނެވެ. އެ ދޯނީގެ ކެޔޮޅުންނާ ފަޅުވެރިން އެބައެއްގެ ދޯނިތައް ގެނެސްފައިވަނީ ސީދާ ރަށު އޮފީހުގެ އެންގުމުގެ މަތިންކަން އަހަންނަށް އެނގުނީ މީސް މީހުންގެ ދޫތަކުން ދެކެވުނު ވާހަކަތަކުންނެވެ. ކޮންމެޔަކަސް އަހަރެންގެ ބައްޕަ އަހަންނަށް ގޮވާލި އަޑަށް ފެންގަނޑު ކަފަމުން އަހަރެން އަހަރެންގެ ކޮއްކޮއާއެކު ކުރިޔަށް ދިޔައިމެވެ. އޭރު ބައްޕަ ހުރީ ވަރު ދޫވެފައިވާ އަހަރެންގެ ދައްތަ އަތުލަފިކޮށްލައިންނެވެ. އެމަންޒަރު ބަލަން އަހަރެން އިތުރަށް ހިއްވަރު ކޮށްލީމެވެ. އެވަގުތު އަހަންނަށް އެނޫން ގޮތެއް ނެތްކަން އެނގުނީތީއެވެ. ދައްތަ އެހާލުގައި ހުއްޓާ ބައްޕައަށް އަހަންނަށް އެހީތެރިވެވެން ނެތްކަން އަހަންނަށް އެނގުނެވެ.

ކަތީބުންގެ އަމުރަށް ކިޔަމަންވަމުން އެ ރާޅުގެ ތެރެއިން އެމީހަކަށް އެރުނު ދޯންޏަކަށް އަރަން ކޮންމެ މީހަކުވެސް އަވަސްވެގަތެވެ. އެގޮތުން އަހަރެންވެސް އަހަރެންގެ ބައްޕަގެ ގަމީހުގައި ހިފައްޓައިގެން ކުރިޔަށް ދިޔައިމެވެ. އޭރުވެސް އަހަރެންގެ ކޮއްކޮ އަހަރެންގެ ކިހިލީގައި ވަރަށް ބަސްއަހައިން އިނެވެ.

އަހަންނަށް އެރުނީ ބޮޑު ދޯންޏަކަށެވެ. އެދޯނިގައި ދެކެ ފަރިތަ ވަރަށް ގިނަ މޫނުތައް ތިއްބެވެ. ކޮންމެ މީހަކުވެސް އިރުކޮޅަކާ ނަޒަރު ހުއްޓާލަނީ ފަހު ފިޔަވަޅު ދޫކޮށްފައި އައި އަމިއްލަ ވަޒަނަށެވެ.
ހަމަ އެފަދައިން އިރުކޮޅަކާ އަހަންނަށްވެސް އަހަރެންގެ ލޯބިވާ ރަށަށް ބަލައިލެވެއެވެ.

ކުއްލިޔަކަށް އަހަންނަށް އެކި ދިމަދިމާލަށް ބަލަން ފެށުނެވެ.
ދޯނީގެ ހުރިހާ ދިމާލެއް ބެލި އިރުވެސް އަހަރެންގެ ފުރާނަ ފަދަ މަންމައެއް ނެތެވެ. އަހަރެން ވަރަށް ހާސްވިއެވެ. ވަރަށް ކަން ބޮޑުވިއެވެ. އެކި ދިމަދިމާލުން ފެންނަމުންދިޔަ ކޮންމެ ދޯންޏަކަށް ބަލަމުން އަހަރެން ބައްޕައާ ސުވަަލު ކޮށްލީމެވެ. ކުޑަވެސް ހިތްހަމަ ޖެހުމެއް ލިބުނީ އަހަރެންގެ ބައްޕަ ދިން ޖަވާބުންނެވެ. ބައްޕަ ބުނި ގޮތުގައި މަންމަ ދިޔައީ ފަހަރިޔާއެކު ފަހަރި އެރި ދޯންޏަށެވެ. އެއީ ފަހަރިގެ އަތުގާއޮތީ ޚުދު އަހަރެން ބޭބެގެ އަށް މަހުގެ ކުޑަކުޑަ އަންހެން ދަރިފުޅު ކަމުގައިވެސް ވީތީއެވެ.

ދެން ފެނުނީ އަނެއްކާވެސް ތަފާތު މަންޒަރެކެވެ. ރަށާ ދިމާލަށް ބަލަން އިންދާ ދެން ރަށަށް އެރި ރާޅާއެކު ގެސްޓް ޝޮޕެއްގެ ބިއްލޫރިތައް ތަޅައިންގޮސް ކުދިކުދިވެގެން ވެރުނެވެ. އެއީ އަހަރެންގެ ޅިޔަނެއްގެ ޝޮޕެކެވެ. އެޔާއެކު ހަމަ އެދިމާލުން ކައިރީގައި ހުރި ގެއެއްގެ ފާރު ވެއްޓި އެ ގެއަށް ގެއްލުން ލިބުނެވެ. އެމަންޒަރުފެނި އަހަރެންގެ ބަސް މަދުވިއެވެ. ދޫ ތަޅުލެވި މީހާއަށް ހުއްޓުން އެރިއެވެ. އަހަރެންގެ ބޮލަށް ގޮތެއް ވާހެން ހީވާންފެށިއެވެ. އެޔާއެކު އެދިމާލަށް ނުބަލާން ހިތްވަރުކުރަމުން އަހަރެންގެ މޫނު އަނެއް ފަރާތަށް އަނބުރަލީމެވެ.

ދެންވެސް އަހަންނަށް ފެނުނީ ތަފާތު މަންޒަރެކެވެ. މޫދުގައި އޮޔާ ދިޔަ ނޫޑްލްސް ޕެކެޓްތަކާ ފެންފުޅިތައް ދޯންޏަސް އަރުވަން ދޯނިގައިތިބި މަދު ފިރެހެންވެރިން އަވަދިނެތި އުޅުނެވެ. އަދި އެ ޕެކެޓްތައް ނަގަމުން ދިޔަވަރަކަށް އަހަރެމެން އެ ނޫޑްލްސް ޕެކެޓްތައް ކަނޑައިގެން ކަމުން ދިޔައިމެވެ. އެ ދޯނީގައި ތިބި އެންމެންގެ މެންދުރުގެ ކެއުމަކާވެސް އެއީ.. ނޫޑްލްސް ކޮޅަކަށް ފަހު ފެން ފޮދެއް ބޯލައިން ތިބުން ނޫން އިތުރު ގޮތެއް އަހަރެމެންނަށް ނެތީއެވެ.

އަޖައިބު ކުރުވަނިވި އެތައް ކަންތައް ތަކެއް ފެންނަމުން ދާންފެށިއެވެ. އެޔާއި އެކު ގެއްލިގެން ދިޔަ އަހަރެންގެ ހިތްވަރު ވީތަނެއް އަހަންނަކަށް ނޭނގުނެވެ. އިނގުނުހާވެސް އެއްޗަކީ އިތުރަށް ބޯ ހަމަޖެހެމުން ދިޔަކަމެވެ. ހިތްވަރު އާލާވިކަމެވެ. އެ ކާރިޡާއާ ކުރިމަތިލާން ވެއްޖެ ކަމެވެ.

ކޮންމެ މީހަކުވެސް އެކަމާ ގުޅުވައިން އެކި ވާހަކަތައް ދައްކަމުން ދިޔައެވެ. އެވާހަކަތަކުން އަހަންނަށް ވަރަށް ބޮޑު އެއްޗެެއް އެނގިގެން ދިޔައެވެ. އެހެންކަމުން އަހަރެން ވިސްނަމުން ދިޔައީ އަހަރެން އެންމެ ބޭނުންވާއެތި އަހަންނަށް ނުލިބިދާނެތީއެވެ. އޭރު އެހެން ހިތަށްއެރީ އަހަރެން ކުޑަކަމުން ކަންނޭނގެއެވެ. އެހެނަސް އެއީ އަހަރެންގެ ޙަޔާތުގައި އަަހަންނަށް ލިބިފައިވާ ސެޓްފިކެޓް ތަކުގެ ތެރެއިން އެންމެ މުހިއްމު ސެޓްފިކެޓްތަކެވެ. މި ކާރިޡާގައި އެތަކެތި އަހަންނަށް ނުލިބޭނެކަން ޔަޤީނާ ގާތަށްވެސް އެނގެއެވެ. އެނޫން އެއްޗެއް އަހަރެން މި ކާރިޡާގައި އަލުން ދެކެލަން ބޭނުމެއްވެސް ނޫނެވެ. ހަމަ ގައިމުވެސް އަހަންނަށް ޔަޤީނެވެ. ﷲ ގެ މުޤައްދަސް މިސްކިތްތަކާ އެކަލާންގެ ކަލާމްފުޅު އެކަލާންގެ ރައްކާތެރި ކުރައްވާނެއެވެ.

އަހަރެންގެ ސެޓްފިކެޓްތައް ނުލިބިދާނެތީ އަނެއްކާވެސް އަހަރެން ދެރަވާންފެށިއެވެ. ހިތް ނުތަނަވަސް ވާންފެށިއެވެ. އެހެން ނަމަވެސް އަހަރެން ﷲ އަށް ވަކީލް ކުރުމުގައި އަބަދުހެން ވީމެވެ. އަހަރެން ޤަބޫލުކުރީ އަހަރެން އެތަކެތި ކިތަންމެ ބޭނުން ވިޔަސް އެތަކެތީގެ ހަޤީޤީ ވެރިޔަކީ ﷲ ކަމެވެ. މި ކާރިޘާގައި އެކަލާންގެ ހަޟްރަތަށް އެތަކެތި އަނބުރާ ގެންދެވި ކަމުގައި ވިޔަސް އަހަރެން ޝުކުރު ކުރަން ތައްޔާރު ވީމެވެ. އެގޮތުގައި އަހަރެންގެ ހިތުން އެތައް ފަހަރަކު ﷲ އަށް ވަކީލު ކުރަމުން ދިޔައިމެވެ. އެއީ އަހަރެންނަށް ޤުރްއާން މުބާރާތުން ވަނަ ލިބިގެން ލިބިފައިވާ ސެޓްފިކެޓްތަކެވެ. އުފާވެރި ހަނދާންތަކެވެ. އެ އުފާވެރި ހަނދާންތަށް އެއީ އަހަރެންގެ މުޅި ޙަޔާތަށް ބައިވެރިއެކެވެ.

އެގޮތުގައި ވަގުތުތައް ހޭދަވަމުންގޮސް ހަވީރު ވާން ކައިރިވެއްޖެއެވެ. އެދުވަސް އަހަރެމެން ތިބީ ރަށް ފެންނަ ހިސާބުން ދޯނީގައެވެ. ރަށުގެ ޙާލަތު ބެލުމަށްފަހު ދޯނީގައިތިބި މީހުންނަށް ރަށަށް ފޭބުމަށް ހުއްދަދީފިއެވެ. އެހެން ނަމަވެސް އެއީ ވަގުތު ކޮޅަކަށް ލިބުނު ހުއްދައެކެވެ. ހަވީރުގެ ފަހެއް ޖެހުމާ ހަމައަށެވެ. އެލިބުނު ފުރުޞަތުގައި އަހަރެންވެސް ބައްޕަގެ އިތުރުން ދައްތައާއެކު ރަށަށް ފޭބީމެވެ. މަޑުވެފައިވާ ބިންގަނޑުގައި ޖެހިލުންވެ ހުރެ ގެޔާ ދިމާލަށް ހިނގަމުން ދިޔައިމެވެ.

ގެއަށް ވަދެވުމާއެކު އަހަންނަށް އަހަރެންގެ މަންމަވެސް ބައްދަލުވިއެވެ. މަންމަގެ ޚަރަކާތްތައް އަވަސް ވެފައިވަނީ ކުޑަނަމަވެސް ބަތްކޮޅެއް ކައްކާލުމަށެވެ. ކަން ދިމާކުރިގޮތުން އަހަރެންގެ ގޭގައި ކައްކާލުމުގެ ނަސީބެއްނެތެވެ. ގޭސްފުޅި ވީހިސާބެއް އަދި އަދަށްވެސް ނޭނގެއެވެ. ކަން އެހެން ހުރުމާއެކު ބަތްކޮޅެއް ހިންދާލަން ޖެހުނީ އަވައްޓެރި ގެއަކުންނެވެ.

އަހަރެން އަވަސްވެގަތީ އަހަރެންގެ ސެޓްފިކެޓްތައް ހޯދާލުމަށެވެ.
އެތަކެތި ވާނީ އަހަރެން ދިރިއުޅޭ ކޮޓަރީގައި ކަމުން އެދިމާލަށް ދިޔައިމެވެ. އަހަރެން އުޅޭ ކޮޓަރިއަކީ ގެޔަށްވުރެ ފޫޓެއް ވަރު ތިރިއަށް ފުންކޮށް އިންނަ ކުރީގެ ބާ ކޮޓަރިއެކެވެ. އެހެން ކަމުން އެކޮޓަރީގާ އެ ފުން މިނަށް ފެންގަނޑު ނުހިނދި ހުއްޓެވެ. އެމަންޒަރުފެނި އަހަރެންގެ އުންމީދު މަރުވެއްޖެއެވެ. ކުރެވުނު އިންތިޒާރު އެއްކޮށް ފެނަށް ދިޔައެވެ. ޙަމަ ޔަޤީނުންވެސް ދެން އެ ސެޓްފިކެޓްތައް އަހަންނަށް ލިބޭނެ އެއްވެސް ގޮތެއް ނެތްކަން އަހަންނަށް އެނގުނެވެ. އެހެން ނަމަވެސް ބަލަން ނުހުރެ އަހަރެން އެ ފެންގަނޑަށް ފުންމާލައިން ކުރިޔަށް ހިނގައިގަތިމެވެ.

އަހަރެން ބޭނުންވި ތަކެތި ހުރީ އެންމެ ކުރީ ޒަމާނުގެ ފޮތި އަލަމާރިއެއް ގައިކަމުން އަހަރެން އެއަލަމާރީގެ ޒިބު އެންމެ ތިރިއަށް ދަންދެން ފެންގަނޑުގެ ތެރެއިންވެސް ކަހާލީމެވެ. އަދި ފެންގަނޑުގެ ތެރެއަށް އަތް ކޮށްޕާލަމުން އަހަރެން ފައިލް ނަގައިން ކޮޓަރިން ނުކުމެ ބަދިގެ ކައިރި އޮތް ވެލިގަނޑަށް ދިޔައިމެވެ.

ބޭރުގައިހުރި އަށިމަތީގައި ފައިލް ބާއްވާލަމުން އަހަރެން ފަހަރަކު ގަނޑެއް ހުޅުވާލީމެވެ. ލިޔެފައިވާ އެއްޗެއް ނޭނގޭ ވަރަށް ޓެސްޓް ޕޭޕަރތައް ވަނީ ފޯވެފައެވެ. ކޮން ބައެއްކަން ނޭނގޭވަރަށް ފައިލް ކޮށްފައި ހުރި ފޮޓޯތަކުން ވަނީ ކުލަ ގޮސްފައެވެ. އަހަރެން މާޔޫސްވާން ފެށުމުން ފައިލް ލައްޕާލަން ޚަރަކާތް ކޮށްލީމެވެ. އެވަގުތު އަހަރެންގެ ލޮލުގައި އަޅައިގަތީ އަހަރެން ހޯދަން ބޭނުންވެފައިވާ ސެޓްފިކެޓްތަކެވެ. ސުބްޙާނަ ﷲ!!! އަހަރެންގެ ގައިން ހީބިހި ނަގައިން ދިޔައެވެ. އަޖައިބު ވެފައިވެސް އެތައް އިރަކު ހުރެވުނެވެ. ހަމަ އެޔާއެކު އަހަރެން އުފަލުން ކޮޅެއްވެސް ނެތެވެ. އެ ސެޓްފިކެޓްތަކުގައި ލިޔެފައިވާ އެއްވެސް ލިޔުމަކަށް އުނިކަމެއް އައިސްފައެއްނެތެވެ. ލޮނު ޖެހިފައިވެސް ނެތެވެ. ލޮނުގެ ވަހެއްވެސް ނެތެވެ.

މި ހާދިޘާތައް ޤަބޫލު ކުރަން ދަތިވިޔަސް މިއީ ﷲ އަހަންނަށް މިކަން މިންވަރު ކުރެއްވި ގޮތެވެ. އަހަރެން ވަކީލު ކުރުމުން އެކަލާންގެ އަހަންނަށް އެތަކެތި ދެއްވީތީ އަހަރެން އުފާވިއެވެ. ލޮލުން ކަރުނަ އަންނަ ހާލު އަހަރެން ﷲ އަށް ޝުކުރު ކުރީމެވެ. ﷲ ގެ ކުޅަދުންވަންތަކަމުން އަހަންނަށް އެވަގުތު ލިބުނީ ބަޔާން ކުރަން ނޭނގޭ ފަދަ ޢިބްރަތެއްކެވެ. ހަމަވެގެން ދިޔައީ އިލާހީ ޤާނޫނުގެ މަތިވެރިކަމެވެ. އެ ގޮތުގައި އިރުކޮޅަކު ބުރުމަށްފަހު އަނެއްކާވެސް އަނބުރާ ދޯންޏަށް ދާންޖެހެތީ އެތަކެތި ރައްކާތެރި ހިސާބެއްގައި ފޮރުވިމެވެ.

ހަވީރާއިއެކު އެރޭވެސް އަހަރެމެން ހޭދަކުރީ އާއިލާގެ މީހުންތިބި ދޯންޏެއްގައި އެމީހުންނާއެކުގައެވެ. ކައްކާ ކެއުންވެސް ހަމަ ޖެއްސީ ދޯނީގައެވެ. ކެއުމަށް ފަހުވެސް އެ ބިރުވެރިކަން ހިތުގައި ހަރުލާފައިވާތީ ނިދަން ފަސޭހައެއް ނުވިއެވެ. ފެނުނު މަންޒަރުތައް ސިނކުނޑީގައި އެނބުރޭތީ މުޅި މީހާ ވަނީ ފާޑަކަށް ގަބުވެފައެވެ.

ދޯނީގެ އަރާމު ނޫން ތަންމަތީގައި ފުރޮޅި ފުރޮޅި އޮއްވާ ނިދާފައިތިބި މީހުންނަށް ދޯނީގެ ފަޅުވެރިން ގޮވަން ފަށައިފިއެވެ. އޭރު ގާތްގަނޑަކަށް ފަތިސް ނަމާދަށް ބަންގި ގޮވަން ކައިރިވެދާނެއެވެ. ފަޅުވެރިންގެ އަމުރަށް ކިޔަމަންވަމުން ތެދުވެ ރަނގަޅަށް ބަލައިލިއިރު އަހަންނަށް ފެނުނީ އަނެއްކާވެސް ތަފާތު މަންޒަރެކެވެ.

އަހަރެމެން ތިބި ދޯނި ކައިރި ޖެހިގެން އެއޮތީ އެމް.އެން.ޑީ.އެފް ގެ ކޯސްޓްގާރޑެވެ. އަހަރެން ވަރަށް ރަނގަޅަށް އެޔަށް ބަލައިލީމެވެ. ހައިރާންވިއެވެ. އޭގައިތިބި ސިފައިން ފެނިފައެވެ. ހިތް ނޭދުނަސް މި ހާލަތަށް އަހަރެމެން ދާންޖެހުނީ އަހަރެމެން ބޭނުން ވެގެންނެއް ނޫނެވެ. އެކަމަކު އަހަރެމެންނަށް މިކަމަށް ދެކޮޅު ހެދޭކަށްވެސް ނެތެވެ.

ދޯނީގެ ފަޅުވެރިން ފިޔަވާ ހުރިހާ އަންހެން ވެރިންނާއެކު އަހަރެމެން ކުޑަ ކުދިން ކޯސްޓް ގާރޑަށް އެރީމެވެ. އަހަރެން ކައިރި ތިބި މީހުންގެ ވާހަކައިން އަހަންނަށް އެނގިގެން ދިޔައީ އަހަރެމެންގެ މިސްރާބުހުރީ ވެރިރަށް މާލެއަށްކަމެވެ. އަހަރެން ހިތާ ހިތާ ސުވާލުކޮށްލީމެވެ. މިއެންމެން މާލެ ގޮސް ތިބޭނީ ކޮންތާކުބާއެވެ؟

ސުވާލުތައް ފުނި ޖެހިފައިވާ ހިތަކާއެކު ނޭނގުމެއްގެ ތެރޭގައި ތިއްބާ އަހަރެމެންނަށް މާލެއަށް ލެފިއްޖެއެވެ. އޭރު ފަތިހުގެ އަލިކަން މުޅިން ފިލާނުދެއެވެ. މާލޭ ބަނދަރަށް ފައި އަޅާލުމުގެ ކުރިން އަހަންނަށް ފެންނަމުން ދިޔައީ ވިދުވަރެއް ކަހަލަ އަލިތަކެކެވެ. އިރު އިރުކޮޅާ އެ ހުދު އަލިތައް އަހަރެމެންގެ މޫނަށް އެޅެމުން ގެއްލެމުން ދިޔައެވެ. އާނއެކެވެ. އެތައް ނޫސްވެރިންނެއް އަހަރެމެންގެ ފޮޓޯތައް މެދުކެނޑުމެއްނެތި ނަގަމުން ދިޔައެވެ. އަހަރެމެންގެ މޫނަށް އެޅެމުން އެދިޔައީ ކެމެރާތަކުގެ އައްޔެވެ. އެވަގުތު އަހަރެންގެ ލޮލުން ކަރުނަ ފޭބީ ހިތަށް ކުރި އަސަރަކުންނެވެ. އެއީ ބަޔާން ކުރަން ނޭނގޭ ހިތްދަތި ވަގުތު ކޮޅެކެވެ. މުޅި ރާއްޖޭގެ ނޫސްތަކުން އަހަރެމެންގެ ޙާލަތު ފަލަ ސުރުޙީގައި ޖަހާލާނީ އެ ފޮޓޯތަކާއެކުގައެވެ.

އެންމެ އަވަހަށް ލިބުނު ކާރަށް އަރާ އަހަރެމެން ހަމަޖެހިލީމެވެ.
އަހަރެމެން ދާންވީ އަސްލު މަންޒިލްވެސް ޑްރައިވަރަށް ބުނެދިނީ ކޮންމެސް ސިފައިންގެ މީހެކެވެ. އެއީ ކޮން ތަނެއް ކަމާމެދު އަހަރެމެން ފަރުވާލެއް ނުބަހައްޓަމެވެ.

މަގުތައް މަތިން ދުއްވާލަފައި ގޮސް ކާރު މަޑުކޮށްލިީ މަޖީދިއްޔާ ސްކޫލް ކުރިމައްޗަށެވެ. އެއީ އަހަރެމެންގެ ވަގުތީ މަންޒިލެވެ. ވަގުތީ ބޯހިޔާވަހި ކަމެވެ. ސުބްޙާނަ ﷲ!!! އަހަރެންގެ ދައްތައަށް އެރޭ ފެނުނު ހުވަފެން ކިތަންމެ ރަނގަޅަކަށްވެސް ޖެހިގެން އައި ދުވަހު ހަޤީގަތަކަށް ވީއެވެ. ރަށުގެ އެންމެންކަހަލަ ގޮތަކަށް އެތަނުގެ ވަޒަންވެރިންގެ ގޮތުގައި ވަގުތީގޮތުން ތިބެން ޖެހުނީއެވެ.

ހުވަފެނަކީ ބިލާހެކޭ ބުނާއަޑުވެސް އަހަރެމެން އަހަމެވެ. ކޮންމެ މީހަކު ކޮންމެ ގޮތަކަށް ދެކުނު ކަމުގައިވިޔަސް މިއީ އެ ބިރުވެރި ކާރިޘާ އަހަރެންގެ ލޮލަށް މާތް ﷲ ދެއްކެވި ގޮތެވެ.

ދުވަސްކޮޅަކު މާލޭގައި ތިބުމަށްފަހު އަހަރެމެން އަނބުރާ ރަށަށް އައީމެވެ. އެދުވަހު ރަށުގެ ޙާލަތު އަހަރެންގެ ލޮލަށް ފެނުމުން ލޮލުން ކަރުނައައެވެ. އެނގޭ ހެއްޔެވެ.؟ އެދުވަހު ލައިގެން ހުރި ހެދުން އަދިވެސް އަހަރެންގެ އަތުގައި އެބައޮތެވެ. އެކާރިޘާގައި ގެއްލުން ލިބުނު ގެސްޓް ޝޮޕުގެ ވެރިޔާ ނުވަތަ އަހަރެންގެ ޅިޔަންބެ ވަނީ އެ ޝޮޕުން ވަރަށް ރީތި ފޮތެއްވެސް އަހަންނަށް ދީފައެވެ. އެފޮތްވެސް މިއަދާ ހަމައަށް އަހަރެންގެ އަތުގައި ރައްކާތެރި ކަމާއެކު އެބައޮތެވެ.

ބުނަންހެއްޔެވެ؟ އެޔަށްފަހު ކޮންމެ އަހަރަކުވެސް އަހަރެމެންނާ ބައްދަލުވާ ޑިސެމްބަރ މަހުގެ 26 ވަނަ ދުހުވަހަކީ އަހަރެންގެ ޙަޔާތުން ފޮހެލެވެންނެތް ދުވަހެކެވެ. އެއީ އެ ބިރުވެރި ކާރިޘާގެ އެތައް ހަނދާނެއް އަދިވެސް އަހަންނާ އެކު މިއަދާ ހަމައަށް އަހަރެންގެ އަތުގަ ރައްކާކުރެވިފައި ވާތީއެވެ. އެއިން ކޮންމެ އެއްޗެއް އަހަރެން ގެންގުޅެނީ އެ ކާރިޡާގެ ހަނދާންތައް އަހަންނަށް އެތައް ޢިބްރަތްތަކެއް ދަސްކޮށް ދީފައިވާތީއެވެ.

ނިމުނީ
—————————–

ކިޔުންތެރިންނޭ!! މިއީ 26 ޑިސެމްބަރ 2004 ގައި ހިނގާދިޔަ ހަޤީޤީ ހާދިސާއަކަށް ބިނާކޮށް ލިޔެފައިވާ ކުރު ވާހާކައެކެވެ. ޤަބޫލު ކުރަން ދަތި އެތައް ހާދިސާއެއް އެ ކާރިޘާގައި ހިނގާދިޔައެވެ. އެހެން ނޫންތޯ؟ ދެކޮޅު ހެދުމެއް ނެތި ޤަބޫލު ކުރަންވީ ހަޤީގަތަކީ މާތް ﷲ ކަމަކަށް އިރާދަ ކުރައްވަވައިފިނަމަ އެކަމެއް ވާނޭކަމެވެ.

ވާހަކަ ވިދާޅުވީތީ ޝުކުރިއްޔާ!!!

 

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

މިއީ ހުރިގޮތެވެ.

Next

ދޫކޮށްނުލާނަމޭ ކަލާ – 19

Next
December 26, 2020

ދޫކޮށްނުލާނަމޭ ކަލާ – 19

Previews
December 25, 2020

މިއީ ހުރިގޮތެވެ.

4 Comments!

  1. Iyaadh says:
    December 26, 2020 at 7:23 pm

    This story is unbelievable and I love it!!!! ❤️❤️
    I want a new one like this

    1. Shaleen says:
      December 26, 2020 at 7:56 pm

      Hi iyaadh
      Alhuganduge hithuge emme fun minun shukuru dhannavan .
      V v v ufaavejje mi vhk kamudhiyaima ?
      Alhamdh lillah ..
      Alhuganduge lolun e haadhisaa fenunu gothah liyelaafa eyni…
      And also vhk ga cover pic GA fennan e iny alhugandah e dhuhu shop in libunu book ..

      Thanks iyaadh for encouraging me ❤️

    2. Iyaadh says:
      December 27, 2020 at 2:27 pm

      Your welcome…. And ehen vaahaka eh Shaheen nereyny Kon irakun?????

  2. Anonymous says:
    July 20, 2024 at 1:16 pm

    V reethi ❤️

Comments are closed.



All Right Reserved!