ފިޔާތޮށި
މަންމަ، ބައްޕަ، ދޮންތަ، އަހަރެންގެ އިތުރުން ދެން ހުންނާނީ އަހަރެންގެ 6 އަހަރަށްދާ ކުޑަ ކޮއްކޮއެވެ. މިއީ އަހަރެންގެ ކުޑަކުޑަ އާއިލާއެވެ. މަންމަ އާއި ބައްޕަގެ ތިބޭނީ އަހަރެމެން ތިން އަންހެން ކުދިންނެވެ. މަންމަ އަކީ ހީވާގި ގެވެށި މަންމައެކެވެ. ބައްޕަ އަކީ ހަމަ އެފަދައިން ހީވާގި މަސްވެރިއެކެވެ. އަހަރަކު އެއްފަހަރުހެން ރަށަށް އަންނަ އަހަރެންގެ ދޮންތަ މިފަހަރުވެސް އެ އައީ ބޮޑު ޗުއްޓީ އާއި ދިމާކޮށެވެ. އަހަރެންގެ ގޯތި ތެރޭގައި ބައްޕަ ހައްދާފައިވާ ކުޑަވަރެއްގެ މިރުސް ދަނޑެއް އޮވެއެވެ. ދެ ކޮޓަރި އާއި ސިޓިންގ ރޫމެއް އިންނައިރު ގޭގެ ބިއްދޮށު ފަރާތުގައި ބޮޑު އަނބުގަހެއް ހުރެއެވެ. މެންދުރުގެ އެންމެ ހޫނު ގަދަ ގަޑީގައި އެންމެން ވަގުތު ހޭދަކުރަނީ އަނބުގަސްދޮށުގައެވެ. އޮށޯވެ ވޭނެހެން ފަތްޖެހި ގޮނޑި އާއި ސަރަންފީ ގޮނޑިތައް ހުންނާނެއެވެ.
އަނބު ގަހުގެ ހިޔާ ގަނޑުގައި އަހަންނާއި މަންމަ އާއި ދޮންތަ ތިބީމެވެ. މަންމަ ދައްކަމުން ދިޔައީ މަންމަގެ ކުޑައިރުގެ ވާހަކަތަކެވެ. މަންމަ އާއި ބައްޕަ ދިމާވި ގޮތެވެ. ބައްޕަ ކުރީގައި ޖިންނި މޮޔަވި ވާހަކަވެސް ކިޔާދިނެވެ. އޭރު ބައްޕަގެ ކަމަކަށް އޮންނާނީ ބާރު ބާރަށް ހުނުން ކަމަށްވެސް ބުއްޏެވެ. ވާހަކަ އަކަށްފަހު ވާހަކައެއް ކިޔަމުން މަންމަ ގެންދިޔައެވެ. ބައްޕަ އެތަނައް އައުމާއެކީ މަންމަގެ އަނގަ ބަނދުކޮއްލިއެވެ. ބައްޕައަށް އަޑު އިވިދާނެތީއެވެ.
ހައްދާފައިވާ މިރުސް ގަސްތައް ދޮށުގައި ބައްޕަ އުޅުނީ ގަސްތަކަށް ބޭސް ޖަހާށެވެ. އަހަރެމެންނަށް ބަލާ ވަރަށް ބައްޕަ އެ ގަސްތަކަށްވެސްބަލައެވެ. އިރު އިރު ކޮޅުން މާލެ އަންނަ މީހަކު ލައްވައި އެވެނި މިވެނި ބޭހެއް ގެންނާނެއެވެ. ރޯދަ މަހެއް އައިނަމަ ބޭނުންކުރާހާ ބިހެއްގެ ތޮށި ފުނޑުވާފައި ގަސްތަކުގެ ފުލަށް އަޅާނެއެވެ. އަނެއްފަހަރު ހޭރިމަތިން ދިއްގާފަތް ހޯދާ ގަސްކާނާ އަކަށް އެވެސް ބޭނުން ކުރާނެއެވެ.
ބޮޑު ޢީދަށް ތައްޔާރު ވުމުގެ ގޮތުން ހުރިހާ ގެ އެކޭ އެއްފަދައިން ގެއަށް ހޯދާފައި ހުރިއްޔަ ހުރި ފުށެއްގައި އެކި ވައްތަރުގެ ހަދިޔާ ތައްޔާރު ކުރުމަށް މަންމަ އުޅެއެވެ.
އަނބުގަސްދޮށުގައި ވާހަކަ ދައްކަން އަހަންނާ އެކު ދޮންތަ އިނެވެ. މަންމަ އައީ ބޮޑު ފިޔާ ތެއްޔެއް ހިފައިގެންނެވެ. އެ ހުރިހާ އެއްޗެއްގެ ތޮށި މެށުމަށެވެ. އަހަންނާ ދޮންތައާ އެކަމައިގެން ކުރިއައް ދިޔައީމެވެ. މަންމަ ގޮސްވަނީ ބަދިގެއަށެވެ. އަހަރެމެން ކުރަންހުރި މަސައްކަތް ފެނުމުން ބައްޕަ ބުނީ މަސައްކަތްކޮށް ނިމުމުން ތެލީގައިވާ ފިޔާތޮށިތައް މިރުސްގަސް ފުލަށް އެޅުމަށެވެ. މަސައްކަތް ނިމުމާ ގާތް ވަނިކޮއް މަންމަ ދޮންތައަށް ގޮވަންފެށުމުން ދޮންތަ ދިޔައީއެވެ. އަހަރެން އެކަނި ފޫހިވާނެތީ ކޮއްކޮއަށް ގޮވާ ގެނެސް ކުރިމަތީ ވާހަކަ ދައްކުވަން ބޭންދީމެވެ.
ހުރިހާ އެއްޗެއް މަށާ ނިމުމުން އަހަރެން ބަދިގެ އާއީ ދިމާލަށް ދިޔައީމެވެ. ބައްޕަ ކުރަންބުނި ކަންތައް ހަނދާންވީ އެވަގުތެވެ. ކޮއްކޮއަށް ގޮވާ އަހަރެން ބުނީމެވެ.
“ކޮއްކޯ… ހުރިހާ ފިޔާތޮށިތައް މިރުސް ގަސް ކައިރިއަށް އަޅައްޗޭ….” އެއަށްފަހު މަންމަ އާއި އެންމެން ބަދިގޭގައި އަވަދިނެތި އުޅުނީމެވެ. އަހަރެމެން ބަދިގޭގައި އުޅުނުތާ އެތައް އިރެއްވީފަހުން ކޮއްކޮ އައެވެ.
ހުރިހާ މަސައްކަތެއް ކޮށް ނިންމާލުމަށްފަހު އަހަރެމެން ގެއަށް ވަނީ އެންމެން އެކީއެވެ. އޭރު އިރު އޮއްސެން ދަނީއެވެ. ގެއަށްވަދެ ފޯނު ނެގިއިރު އޭގައި ކަވަރެއް ނެތެވެ. ތުވާލި ނުފެނިގެން ދޮންތަ އޭރު ކޮޓަރިއަށް ވަދެ ނުކުމެގެން އާދެއެވެ.
ކުއްލިއަކަށް ކަންފަތުގައި ޖެހުނީ ބައްޕަގެ ހުނުމުގެ އަޑެވެ. އަހަރެން މަންމަގެ މޫނަށް ބަލާލީމެވެ. ހަނދާނަށް އައީ މަންމަ ބުނި ވާހަކަ މަތިންނެވެ. އަނެއްކާ ބައްޕަ މޮޔަވީ ކަމަށް ހީކުރީމެވެ. އަހަރެން ބިރުން ރޫރޫ އަޅަންފެށިއެވެ. މަންމަ ދުވެފައި ބޭރަށް ނުކުމެ ބައްޕަ ގާތަށް ދިޔައެވެ. ދެން އިވުނީ ބައްޕަ އާއި އެކީ މަންމަވެސް ހޭއަޑެވެ. ދޮންތައާއި ދެމީހުން ދުއްވައި ގަތީމެވެ. ފަހަތުން ކޮއްކޮވެސް އައެވެ. ބައްޕަ އާއި މަންމަ ހީން ހީ ބަލިވަނީއެވެ. މިރުސް ދަނޑާ ދިމާލަށް ބަލާލާފައި އަހަންނަށްވެސް ހީން ގަނެވުނެވެ. އާނއެކެވެ. މިރުސް ގަސް ފުލުގައިވަނީ ފިޔާ ތޮއްޓެވެ. އެކަމަކު ބުނަން ހެއްޔެވެ. ފިޔަލުގެ ތޮށިތަކެއް ނޫނެވެ. ކޮއްކޮ ގެންގުޅެއްޏަ ގެންގުޅޭހާ ފިޔާތޮށި ކުލައިގެ ސާމާނު ތަކެވެ. ގާތްވެލާ ބަލާލިއިރު އަހަރެންގެ ފޯނުގެ ކަވަރުވެސް އޮތެވެ. އެއީ ފިޔާތޮށި ކަވަރެކެވެ. ދޮންތަގެ ތުވާލިވެސް އޮތީ އެތާނގައެވެ. ފިޔާތޮށި ކުލައިގެ ލޮލަށް ފެނުނު ކޮންމެ އެއްޗެއް ވަނީ ގަސް ދޮށަށް އަޅާފައެވެ.
އެންމެން ހޭތީ ކޮއްކޮ ހުރީ ލަދުގަނެފައެވެ. އަހަރެންގޮސް ކޮއްކޮ ގައިގައި ބައްދާލީމެވެ. އަހަރެން ފިޔާތޮށި ބުނީ އެތާނގައި ހުރި ތެލީގައިވާ އެއްޗެއްސައްކަމަށް ބުނެ އެ ތެލީގައިވާ އެއްޗެހި ދައްކާލީމެވެ. އެންމެނަށް ވުރެ ބާރަށް ކޮއްކޮ ހީނގަތެވެ.
(ނިމުނީ)
