
ޑިމީ.. އަލަތު ލޯބި…
މަސައްކަތު ބައްދަލުވުމުގެ ދައުރުތަކުގެ ތެރެއިން ދައުރެއް ދެންމެ ހަމަ ނިމުނީއެވެ. މެންދުރު ނަމާދު ވަގުތު ޖެހެން ބާކީ އޮތީ ފަނަރަވަރަކަށް މިނިޓެވެ. ކޮފީއެއް ބޯލަން ދާން، އަހަރެން އޭނާއަށް ޚިޔާލު ހުށައެޅީމެވެ. ލިބިފައިވާ ވަރުބަލިކަމަށް ކުޑަ ލުޔެއް ހޯދާލުމުގެ ގޮތުންނެވެ. އެ ޚިޔާލު އޭނާއަށް ވެސް ކަމުދިޔައެވެ. ހޮޓަލުގައި ހުންނަ ކޮފީޝޮޕާ ދިމާއަށް އަހަރެމެން ހިނގައިގަތީމެވެ.
ކޮފީޝޮޕްގެ ކަނެއްގައި ހުރި މޭޒެއް ކައިރީ އަހަރެމެން އިށީނީމެވެ. މޭޒު ހުރީ ހިމޭން އެކަހެރި ހިސާބެއްގައެވެ.
އަހަންނަށް މުޞްޢަބް އެނގުނީ މީގެ ކުރީ ފަހަރަކު އަހަރެން ބައިވެރިވި ބައްދަލުވުމަކުންނެވެ. އޭގެ ފަހުން އަހަރެމެންގެ މެދުގައި ރަޙްމަތްތެރިކަމުގެ ގުޅުން އޮވެއެވެ. ދެ މީހުން އުޅޭތަން ދުރުކަމުގައިވިޔަސް، ގުޅުން ދިޔައީ ގާތްވަމުންނެވެ. އަދި އެންމެ ފަހުން ގަދަފަދަ ރަޙްމަތްތެރިކަމަކަށް، އެ ގުޅުން ބަދަލުވީއެވެ.
މުޞްޢަބަކީ ޢުމުރުން ވިހީގެ އަހަރުތައް ގުނަމުންދާ ޒުވާނެކެވެ. ހުންނަނީ އޮޅަލި ކުލައެކެވެ. ކަޅުކަންގަދަ އިސްތަށިގަނޑެކެވެ. ތުނި ތުނބުޅިއެއް ހުރެއެވެ. އޭގެ ސަބަބުން އޭނާގެ މޫނުމަތިން އަމާންކަމާއި މާތް ގޮތެއް ދައްކައެވެ. ޢުމުރު ހަގުކަމާ އެކުވެސް މެއެވެ. ހާމަކުރަން ބޭނުން ނުވާ ހިތާމައެއްގެ އަސަރު އޭނާގެ ދެ ލޮލުން ފާޅުވެއެވެ. އޭނާގެ ލަދުވެތިކަމާ ހުރެ، މީހަކު އެކަމާ މެދު ސުވާލުކުރިޔަ ވެސް ނުދެއެވެ. ވީމާ އެއީ ބަސްމަދު ޒުވާނެއް ކަމުގައި ވަނީ ވެފައެވެ. އަދި، ފޮރުވިފައިވާ އެ ހިތުގެ ސިއްރުތައް ކޮނެ ހޯދުމަކީ ރައްޓެހިން ޖެހިލުންވާކަމަކަށް އޮންނަނީ ވެފައެވެ.
އަހަރެމެން ގިނަ ވާހަކައެއް ނުދައްކަމެވެ. މުޞްޢަބުގެ މޫނުމައްޗަށް ވެރިވެފައިވާ ހިމޭންކަމާއި، ފުން ވިސްނުމެއްގެ ތެރެއަށް އޭނާ ގެނބިފައިވާ ތަން ފެނުމުން، ހޫނު ކޮފީތަށީގެ މީރު ރަހައާއި ތަނަށް ވެރިވެފައިވާ ހިމޭންކަން އަހަންނަށް މަޖްބޫރު ކުރީ، އިސްވެ ވާހަކަ ދައްކަން ފަށާށެވެ. އެމެރިކާގައި ކިޔަވަން ހުރި އިރު ދީނަށް ގޮވާލުމުގެ މައިދާނުގައި މަސައްކަތް ކުރި ފަސް އަހަރުތެރޭގައި، އޭނާގެ ޙަޔާތުގައި މިހާތަނަށް ދިމާވެފައިވާ އެންމެ އުނދަގޫ ކަމަކީ ކޮބައިތޯ އަހަރެން ސުވާލު ކުރީމެވެ. މުޞްޢަބް އަހަރެންނާ ދިމާއަށް ބަލާލިގޮތުން ހީވީ، އޭނާގެ ހިތުގައި އޮތް އެއްޗެއް އަހަންނަށް ވިސްނިގެން ސުވާލުކުރެވުނީހެންނެވެ. ބޮލުން ތުހުމަތެއް ދުރުކުރަން އުޅޭ ފަދައަކުން އޭނާ ބުންޏެވެ:
– ﷲ ކަލެއަށް މާފް ކުރައްވާށި! މަ ކަހަލަ ޒުވާނަކާ ދިމާވާނެ މާ މުހިއްމު ކަމެއް އޮންނާނެތަ؟ އަނެއްކާ ތިހެން ތިއެހީ މަށާ ބެހޭ ގޮތުން ވާހަކައެއް އަޑު އިވިގެންތަ؟
ހަމަ ޔަޤީނުންވެސް އޭނާގެ ލޮލުން ކޮންމެވެސް އެއްޗެއް އެބަ ބުނެއެވެ. އޭނާ އެ ޖަވާބު ދިންގޮތުން، އަހަރެން ރަކިވާގޮތް ވިއެވެ. އަދި އެ ބަލާލި ގޮތުން، އަހަރެން ހިމޭންވެއްޖައީމެވެ. ދެމީހުން ދެމެދަށް ހަމަހިމޭންކަން ވެރިވިއެވެ. ކޮންމެވެސް ކަމެއް ކުރުމުގެ ގޮތުން ޖޯޑުގައި އޮތް ސަމުސާ ހަލުވަންފެށީމެވެ. އޭގައި ބައިތަށި ވަރު ބާކީ ހުއްޓެވެ. އޭނާ މަޝްޣޫލުވެގަތީ، ކުރިމަތީގައި ހުރި ހަކުރު ޕެކެޓުތައް، ބަރިބަރިއަށް އެތުރުމުގައެވެ. ދެން ކުއްލިއަކަށް ބުންޏެވެ:
– ކަލޭ ކުރި ސުވާލަށް ޖަވާބު މި ދެވުނީ އެހާ ރީތި ގޮތަކަށް ނޫން ދޯ…؟
– ނޫނޭ… މަށަށް ހީވަނީ އަހަރެން ސުވާލު ކުރި ގޮތް އެއީ އެހާ ކަމުދާ ގޮތެއް ނޫންހެން. ނޫނީ އަހަރެންނާ ނުބެހޭ ކަމެއްގެ ތެރެއަށް ބޯ ކޮއްޕުނީ.
– ނޫނޭ ތިއިން އެއްވެސް ކަމެއް ވީއެއް ނޫން. އެކަމަކު.. (ހިނދުކޮޅަކަށް އޭނާ ފަސްޖެހޭ ގޮތް ވިއެވެ.) ހުވާކޮށްފައި ބުނެބަލަ. މަށާ ބެހޭ އެއްވެސް ވާހަކައެއް އަޑުއެހީތަ؟
– ނޫން… ﷲ ގަންދީ ހުވާ، އަހަރެން ނާހަން. ކަލެއަކީ އަހަރެން އެއްވެސް ކަހަލަ ޝައްކެއް ކުރާނެ މީހެއް ނޫން.
އޭނާ އިސްދަށަށް ޖަހާލިއެވެ. އެ މޫނަށް ވިލާގަނޑެއްގެ އަނދިރިކަން ވެރިވާތަން އަހަންނަށް ފެނުނެވެ. ދެން ބޯ ހިއްލާލާފައި ބުންޏެވެ:
– އަހަރެން ކަލެއަށް ކުރާ އިތުބާރާއި، ހިތުގައި ދެވިފައިވާ ދަރަޖަ ކަލެއަށް އެނގޭނެ. ވީމާ މަށަށް މިހާތަނަށް ދިމާވި އެންމެ އަޖާއިބު ކުރުވަނިވި ކަންތަކުގެ ވާހަކަ ކިޔައި ދޭނަން . އެހެން ބުނެ އޭނާގެ ވާހަކަ ފެއްޓިއެވެ.
މިދިޔަ އަހަރު އަހަރެންނާ ކުރިމަތިވި ތަޖުރިބާއެކެވެ. އޭރު އަހަރުގެ ކިޔެވުން ދިޔައީ ފަހު ނޭވާ ލަމުންނެވެ. ނުވަތަ އެއާ ގާތްވަމުންނެވެ. އެއީ އެންމެ ފަހު ތަޤުރީރުރެވެ… ފަހު އިމްތިޙާން ކުރިން. ”ހޯދުމުގެ މަންހަޖު” ނަގައިދެއްވި ޕުރޮފެސަރު އަހަރެމެން ގާތު ބުނުއްވާފައި އޮތީ އޭނާ ކުރީ ދުވަހު ފެއްޓެވި ތަޤުރީރުގެ ނުނިމި އޮތް ބައި އެ ދުވަހު ނިންމަވާނެކަމަށެވެ. އަދި އެ މާއްދާގެ އެންމެ މުހިއްމު ބައިތައް ވަކިން ކިޔައިދެއްވާނެ ކަމަށެވެ. ކަލެއަށް ވެސް އެނގޭނެފަދައިން އިނގިރޭސި ބަހަކީ އަހަރެމެންނަށް ދެވަނަ ބަހެވެ. ވީމާ އެ ގޮތަށް ކުރުކޮށް ޚުލާޞާކޮށްފައި ދެއްވާ ތަޤުރީރު އޮންނަނީ އަހަރެމެންނަށް ވަރަށް މުހިއްމު އެއްޗަކަށް ވެފައެވެ.
އަހެރެން ހުރީ ޕުރޮފެސަރު ދައްކަވަމުން ދިޔަ ވާހަކައިގެ ތެރެއަށް ގެނބިފައެވެ. އަލިފާން ފަރުބަދައަކުން ހޯސްލައިފައި ނިކުންނަ އަލިފާންތަކެއް ފަދަ ޖޯޝަކާއެކީ އޭނާގެ އަނގައިން ދިޔައީ ލަފްޒުތައް ބޭރުވަމުނެވެ. އެ ވަގުތު ގަޑިޖެހިގެން އައި ކުއްޖަކު ވަނެވެ. އަހަރެން މާބޮޑު ސަމާލުކަމެއް ނުދެމެވެ. ސަފުތައް ފަޅަމުން އައިސް އެ ކުއްޖަކު އަހަރެން ގާތުގައި ހުރި ހުސް ގޮނޑިއެއްގައި އިށީނީއެވެ. އަހަރެން އޭނާ ނުއެއް ދެކެމެވެ. އެކަމަކު އެތާ އޭނާ އިށީންކަން އަހަންނަށް އިޙްސާސްވިއެވެ. އަދި ގޮނޑި ހަރަކާތް ވީ އަޑުން، އޭނާ އިށީނީ ވަރަށް ގާތުގައި ކަން ވެސް ޔަޤީންވިއެވެ. އަހަރެންގެ ފޮތް ދީބަލާށޭ ބުނުމުން، އެ ފޮތް އަހަރެން ދިއްކޮށްލިމެވެ. ބަލައިވެސް ނުލަމެވެ. އަދި ސުވާލެއް ވެސް ނުމެ ކުރަންމެއެވެ. ކީއްވެގެންހެއްޔެވެ؟ ސަބަބަކީ، އަހަރެން އެ ވަގުތު ހުރީ ޕުރޮފެސަރު ދައްކަވަމުން ދިޔަ ވާހަކައިގެ މުހިއްމު ނުކުތާތައް ލިޔާށެވެ. ޕުރޮފެސަރު ދައްކަވަމުން ދިޔަ ވާހަކަ ނިންމަވައިލެއްވި ވަގުތު އަހަރެން ގާތު އިށީން ކުއްޖާ ބުނި އަޑު އިވުނެވެ.
– ކަލޭގެ ނޯޓް ފޮތް ގެންގޮސްލަން އަހަރެން ބޭނުން…. އާނ ތީ މުސްލިމެއްތަ…؟
އަހަންނަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. ސުވާލު އައި ދިމާއަށް އަހަރެން އެނބުރުނީމެވެ. ލޮލަށް ފެނުނީ އަދި މާ ބޮޑު ހައިރާން ކަމެކެވެ. އަހަރެން ގާތުގައި އިށީނީ، އަދި ފޮތް ދޭން އެދުނީ، އިންތިހާއަށް ރީތި އަންހެން ކުއްޖެކެވެ.
”ޤުރުއާން ކިޔާލާ.. ބާވައިލެއްވުނު އެންމެ ފަހު ވަޙީ” ނުވަތަ”އިސްލާމްދީނަކީ ސަމާވީ އެންމެ ފަހު ދީން.. އެ ދެނެގަނޭ” މިފަދަ ޢިބާރާތްތައް ލިޔެފައި ހުންނަ، ކާރު ފަހަތު ބިއްލޫރި ގަނޑުގައި މީހުން ހިއްޕައި އުޅޭ ޒާތުގެ ޕޯސްޓަރެއް އެ ކުއްޖާ އަތުގައި އޮތެވެ. އޭނާ ހުރީ އެއާ ކުޅެލަ ކުޅެލައެވެ. އަދި ޕޯސްޓަރުގެ އިތުރަށް، އިސްލާމްދީނާ ބެހޭ އެހެން ލުއިފޮތްތަކެއް ވެސް އޭނާ އަތުގައި ހުއްޓެވެ. އަހަރެންގެ ފޮތްތައް ތަރުތީބު ކުރަމުން ބުނީމެވެ:
– އާނ، އަހަންނަނަކީ މުސްލިމެއް.
ޕުރޮފެސަރު ވެސް އޭނާގެ ކަރުދާސްތައް އެއްކުރައްވައިގެން، ހޯލުން ނިކުންނަވަން ތައްޔާރު ވަނިކޮށް، އޭނާ އަހަންނާ ސުވާލު ކުރިއެވެ:
– ބުނެބަލަ! ކޮބައިތަ އިސްލާމްދީނަކީ؟
އަހަރެން ހުރީ ހަދާނެ ގޮތެއް ނޭނގިފައެވެ. ވިސްނުން ވިއްސިވިހާލިވެފައެވެ. އޭނާއާ މެދު އަހަރެންގެ ހިތަށް ވެރިވި ޝުޢޫރާ އެކު ވެސް، އޭނާ ކުރި ސުވާލަށް ޖަވާބު ދީ އޭނާއާ ވާހަކަ ދައްކަން ފަށާނީތޯ ނުވަތަ އޭނާއަށް އިސްލާމްދީނަކީ ކޮބައިކަން ބުނެދިނުމުގެ މަސްއޫލިއްޔަތު އުފުލާނީތޯ، އަހަންނަކަށް ނޭނގުނެވެ. އަހަރެންގެ ވިސްނުމުގެ ބާރު ކަނޑުވާލި ހައިރާން ކަމަކަށްވީ، މި ފަދަ ކަމެއް ކުރިމަތިވެދާނެ ކަމަށް ކުރިން ހީވެސް ކޮށްފައި ނެތީމައެވެ. ޓާމުގެ ކިޔެވުމަށް އަހަރެން ޙާޟިރުވާތާ ތިން މަސް ދުވަސް ވީ އިރު ވެސް، މީގެ ކުރިއަކުން އަހަރެންގެ މި ކުލާސް ކުއްޖާ ނުދެކެމެވެ. ސަބަބަކީ އަހަރެން ކުލާހަށް ޙާޟިރުވަނީ ތަޤްރީރު ފެށެން ހިނދުކޮޅަކަށް ވީމައެވެ. އަދި ވަދެ އަހަރެން ހުންނަނީ ހޯލުގެ އެންމެ ފަހަތުގައި ހުންނަ ގޮނޑިއެއްގައެވެ. އަނެއްކޮޅުން ތަޤްރީރު ދީ ނިމުނީމާ، ހޯލުން ނުކުންނަ އެންމެ ފުރަތަމަ މީހަކީ އަހަރެންނެވެ. ހޯލުގައި ދެން ތިބޭ ކުދިންގެ މޫނަކަށް ނުބަލަމެވެ. ހޯލަށް ވަނުމާ ނުކުތުމާ ދެމެދު އަހަރެން މަޝްޣޫލުވެގެން ހުންނަނީ، ޕުރޮފެސަރު ދައްކާ ވާހަކައަކާ މެދުގައެވެ. ނުވަތަ ޔުނިވާސިޓީން ބޭރު، އަހަރެންގެ އަމިއްލަ ކޮންމެވެސް ކަމަކާ މެދުގައެވެ.
އެ އަންހެން ކުއްޖާ އަހަރެންގެ ޖަވާބަކަށް އިންތިޒާރުކޮށްގެން ހުއްޓެވެ. ކުރިމައްޗަށް އައިސް ހުއްޓިގެންނެވެ. ހޯލުގައި ތިބީ އަހަންނާ އޭނާއާ ދެ މީހުން އެކަންޏަށް ވެއްޖެއެވެ. އޭނާ އަހަންނާ މި ކުރިމަތި ކުރި ކަންތައްގަނޑުން ސަލާމަތް ވާން މަސައްކަތް ކުރަމުން އަހަރެން ބުނީމެވެ:
– ތި މައުޟޫޢަކީ ކިޔައިދޭން ވަގުތު ބޭނުންވާނެ މައުޟޫޢެއް. ނަމަވެސް ކަލޭގެ ބައެއް ސުވާލުތަކަށް ޖަވާބު ލިބިދޭފަދަ ލުއިފޮތްތަކެއް އަހަރެން ހޯދައިދީފާނަން.
ކިޔައިދޭން ހުރަސްއަޅާ ކަމެއް އަހަރެންގެ ކިބައިގައި ނެތް ނަމަ، އަހަރެން ދައްކާ ވާހަކައެއް އަޑު އަހާނެ ވަގުތު އޭނާއަށް އެބަ އޮތް ކަމަށް ބުނެ، އަވަސްކަމާއެކު ޖަވާބު ދިނެވެ. ޖަވާބެއް ދޭން މަޖްބޫރުވީމާ އަހަރެން ބުނީމެވެ:
– އާނ… އެންމެ ރަނގަޅު ..
އަވަސްކަމާއެކު އޭނާ ބުންޏެވެ:
– ވާހަކަ ދައްކާލަން ކެފެޓޭރިއާ އަށް ދިއުން ކިހިނެއް؟ މިއީ ކޮފީއެއް ބޮއެލަން އަހަރެން ދޭ ދަޢްވަތެއް…
އުނދަގޫ ކުރުވާ ޝުޢޫރެއް އަހަންނަށް އިޙްސާސް ކުރެވުނެވެ. އަދި އަމިއްލަ ނަފްސާއި ސުވާލުކޮށްލީމެވެ: ކަލޭ ހިލޭ އަންހެނަކާ އެކު ހުއްޓާ އެހެން މީހަކަށް ފެނިއްޖެއްޔާ ކިހިނެއްވާނީ؟ ކަލޭ ތި ހުރީ އޭނާއަށް އިސްލާމްދީން ހުށައަޅައިދޭންކަން ޤަބޫލު ކުރާނީ ކާކުތަ..؟ އަދި އިސްވެ ސުވާލު ކުރީ އޭނާކަން ޤަބޫލު ކުރާނީ ކާކުތަ..؟
އަހަރެންގެ ރައްދަކަށް އޭނާ އިންތިޒާރެއް ނުކުރިއެވެ. މަގޭ ހިމޭންކަން އެނާ ބެލީ، ރުހުމާއި އެއްބަސްވުމުގެ ޢަލާމާތެއް ކަމުގައެވެ. އަދި ބުންޏެވެ:
– ދަޢްވަތު ޤަބޫލު ކުރީތީ ޝުކުރިއްޔާ.
ކެފެޓޭރިޔާއާ ދިމާއަށް އަހަރެމެން ހިނގައިގަތީމެވެ. އަދި ކޮފީއަށް އެންގުމަށް ފަހު، އެކަހެރި މޭޒެއް ދޮށުގައި އިށީނީމެވެ. އިސްލާމްދީނާ ބެހޭ ގޮތުން ވާހަކަ ދައްކަން އަހަރެން ފެއްޓީމެވެ. ވާހަކަ ދައްކަމުން ގޮސް، އަހަރެން އިރުއިރުކޮޅާ ވާހަކަ ހުއްޓާލަމެވެ. އެއީ ސުވާލު ކުރާނެ ފުރުޞަތު އޭނާއަށް ދިނުމުގެ ގޮތުންނެވެ. އޭނާ ސުވާލު ކުރިއެވެ. ކުރި ސުވާލުތަކަކީ، މައުޟޫޢާ ސީދާ ގުޅުން ހުރި ސުވާލުތަކެއް ނޫނެވެ. ކިއެއްތަ، ބޮޑަށް އެއީ އަހަރެންގެ ޝަޚްޞިއްޔަތާއި އަހަރެން ވިސްނާ ގޮތް ދެނެގަތުމުގެ ބޭނުމުގައި އޭނާ ކުރި ސުވާލުތަކެކެވެ. އަދި އަހަންނަށް ފާހަގަ ކުރެވުނު އަނެއް ކަމަކީ، އޭނާ އަހަރެން ދައްކާ ހުރިހާ ވާހަކައެއް ނޯޓު ކުރަމުން ދިޔަކަމެވެ. އެ ހިސާބުން އަހަރެންގެ ވާހަކަ ދެއްކުމަށް ހުއްޓުމެއް ގެނައީމެވެ. އަދި ކުރިންސުރެ އަހަރެން ދާން ހަމަ ޖެހިފައިވާ މިޢާދެއް އެބަ އޮތް ކަމަށް ބުނެ، ދިއުމުގެ އިޒުނައަށް އެދުނީމެވެ.
ތެދުވެގަންނަން އުޅުނުތަނާ، އޭނާ ބުންޏެވެ:
– މި ފޮތް އަނބުރާ ހަވާލު ކުރާނީ ކިހިނެއްތަ..؟ އަހަރެން ގާތު އަދި އެޑްރެސް ނުބުނަމެއްނު ؟
ޙަޤީޤަތުގައި، އެޑްރެސް ބުނަން އަހަރެން ހަނދާން ނެތުނީކީ ނޫނެވެ. އެކަމަކު އަހަރެން އުޅޭތަނެއް އޭނާއަށް އެނގެން، އަހަރެން ބޭނުން ނުވީއެވެ. އަހަރެން ބުނީމެވެ:
– ގިނަ ވަގުތު އަހަރެން ގެއަކު ނޫޅެން.. މާދަމާ އަހަރެން އުޅޭނަން ކުތުބުޚާނާގައި. އެހެންވީމާ އެތާގެ އެއްޗެހި ހަވާލު ކުރާ ބަޔާ، ކަލެއަށް ފޮތް ހަވާލު ކޮށްފާ ބޭއްވިދާނެ.
ބުރަ ކަމާއެކު، އަހަރެންގެ ގޮނޑިން ހިއްލާލީމެވެ. ދަބަހުގައި ހުރި ފޮތްތައް ބަރުކަމަކުން ނޫނެވެ. އަހަރެންގެ ހިތަށް ވެރިވަމުން ދިޔަ އިޙްސާސެއްގެ ބަރުކަމުންނެވެ.
އަހަރެންގެ ހިތާއި ޟަމީރާއި ދެމެދުގައި ޢަޛާބު ލިބޭ އެއްޗަކަށް ނަފްސު ވިއެވެ. އެ ދޭތި ދެފަރާތަށް އަހަރެންގެ ނަފްސު ދަމަނީއެވެ. ދީނަށް ގޮވާލުމުގެ ނަމުގައި އެ އަންހެން ކުއްޖާއާ ވާހަކަ ދައްކަން، އަހަރެންގެ ހަވާނަފްސު ހިތްވަރު ދެނީއެވެ. އަދި މަލާމަތްދޭ ނަފްސު އަހަރެންގެ ބުއްދީގައި ހަޅޭކެއް ލަވަނީއެވެ:
– ކަލޭ ތި ކުރާ ކަމެއް ނިކަން ދެކިބަލަ! މީހެއްގެ ދަނޑުވަށައިގެން ތި އެނބުރެނީ… ކޮންމެ އިރަކު ވެސް އެ ދަނޑުތެރެއަށް ކަލެއަށް ވަދެވިދާނެ …ފަހެ ﷲ ގެ ”ދަނޑަކީ” އެ ކަލާނގެ ޙަރާމް ކުރައްވާފައިވާ ކަންތަކެވެ… ފަހެ ﷲ ގެ ”ދަނޑަކީ” އެ ކަލާނގެ ޙަރާމް ކުރައްވާފައިވާ ކަންތަކެވެ…
ކާރާ ހަމައަށް ދެވުމުން، ދޮރު ހުޅުވާލާފައި ކާރުގެ ގޮނޑިމަތީގައި އަހަރެންގެ ހަށިގަނޑު ބެހެއްޓުމަށް ފަހު، ހުންގާނު މަތީގައި ބޯ ބޭއްވީމެވެ. ނޭވާ ލާން އުނދަގޫ ހެން އަހަންނަށް އިޙްސާސް ކުރެވުނެވެ. އަދި އަހަރެންގެ ދެ ލޯ ކަރުނުން ފުރުނެވެ. އެކަމަކު އަހަރެން ނުރޮމެވެ. ތަޅުދަނދި ޖެހުމަށް ފަހު، ކާރު ރޯކޮށްލީމެވެ.
އެ ވަގުތު، ކާރުގައި ހުރި ސެޓުން، ރީތި އަޑަކުން ޤުރުއާން ކިޔަވަން ފެއްޓިއެވެ. އޭތި ހުރީ ކާރު ރޯ ކޮށްލުމުން ރޯލު ކުޅޭ ގޮތަށެވެ. މާތް ކަލާކޯއެވެ! އަހަރެން ކަރުތެރޭގައި ދެންމެ ހުރި ހިކިކަމާއި، ލޮލަށް ޖަމާވި ކަރުނަތައް، މި ރީތި އަޑަށް ނެތި ހިނގައްޖެއެވެ. ހުސްޠާހިރުވަންތަ ކަލާނގެ ބަސްފުޅުގެ އަޑަށެވެ. އެ ހިނދު އަހަރެންގެ ކަރުނަވަޅުތަކުން ހޫނުކަމާއެކު ކަރުނަ އޮހޮރިގަތެވެ. ކުޑަކުއްޖަކު ގިސްލާހެން އަހަންނަށް ގިސްލެވެން ފެށުނެވެ. ޔާ ރައްބަ ކަލާކޮ! އަހަރެންގެ ކުށަށް މާފް ކުރައްވާނދޭވެ! އެއީ އަހަރެންނާ ކުރިމަތިވި ޝައިޠާނެކެވެ. އަހަރެންގެ ޚިޔާލުން އޭނާ ނެރެ އެއްލާލާނަމެވެ. އަހަރެންގެ ހިތުން އޭނާ ލުއްސާލާނަމެވެ. އާހް.. މަގޭ ހިތް. ޔާ ރައްބަ ކަލާކޮ! މި އަޅާއަށް މަދަދު ކުރައްވާފާނދޭވެ! … މި އަޅާގެ ހިތް މިވަނީ ޒަޚަމްވެފައެވެ.
އެރޭ އަހަރެން ނިދީ، ވިތުރި ކޮށްގެންނެވެ. އަދި ޝައިޠާނާގެ މައްޗަށް އަހަންނަށް ނަޞްރު ދެއްވުން އެދި ﷲގެ ޙަޟްރަތަށް މަޑުމޮޅިވެ ދުޢާކުރުމަށްފަހުއެވެ.
އަނެއް ދުވަހު އަހަރެން ހުރީ، ކުތުބުޚާނާގައި އަހަރެން އާދަވެ ހުންނަ ތަނުގައެވެ. ޤާނޫނީ ސަބަބަކާ ހެދި ނުވަތަ އަލުން އެ ޗާޕު ނުކުރާތީ، ބާޒާރުން ލިބެން ނުހުންނަ ފޮތް ބަހައްޓާފައި ހުންނަ ބައިގެ ތެރެއިން ލައިފައި ދެވެން އޮންނަ ތަނެއްގައެވެ.
އަހަންނަށް އެތަން ކަމުދަނީ ތަނުގެ ހަމަހިމޭންކަމަށްޓަކައެވެ. ތަނުގެ ބާކަމާއި، މޭޒުތައް ހަލާކުވެފައި ހުރުމުގެ ސަބަބުން އެތާ އިށީނދެ ތިބެނީ ވަރަށް މަދު ކުދިންކޮޅެކެވެ. އެތަން ދޫކޮށް ނުގޮސް އަބަދުހެން އެތާ އިންނަ މުސްކުޅި ޢުމުރުގެ ހޯދުންތެރިއަކު ބަލާލާ ތޫނު ބެލުމަކަށް ކެތް ކުރެވޭނީ ވެސް، އަހަންނަށް ހީވާ ގޮތުގައި މަދު ކުދިބަޔަކަށެވެ. އަހަރެން ޔުނިވާސިޓީއަށް ވަން އިރުއްސުރެ ވެސް އެ މުސްކުޅިއާ ކޮންމެ ދުވަހަކު އެތަނަށް ގޮސް އިނދެއެވެ. ކުތުބުޚާނާގެ އެކަހެރި ހިސާބެއްގައި ވަކިން ހުންނަ އެ ތަން އަހަންނަށް ފެނުނީ އިއްތިފާޤަކުންނެވެ. އެތަނަށް އާ މީހަކު ވަދެގެން އަންނަންޏާ އެ މުސްކުޅި މީހާ، އެ މީހަކާ ދިމާއަށް ކަޅިޖަހައިނުލައި ބަލަހައްޓައިގެން އިންނާނެއެވެ. އެއްވެސް ކަހަލަ އަޑެއް ކިޔައިފިއްޔާ، އޭނާގެ ބެލުން ތޫނުވާނެއެވެ. ފޮތެއްގެ ގަނޑު އުކާ އަޑު އިވުނަސް ކަޅިއަޅާނެއެވެ.
އަހަރެން ގޮސް ގޮނޑީގައި ހަމަޖެހިލައިގެން އިށީނީމެވެ. އަދި ”މުސްކުޅި އެކުވެރިއާ” އާ ދިމާއަށް ހިނތުންވެލީމެވެ. އޭނާ ވެސް އައިނު މަތިން އަހަންނަށް ނަޒަރެއް އެއްލާފައި ހިނިތުންވެލިއެވެ. މިހާރު އަހަންނާ އޭނާއާ ދެމެދު ނުލިޔެވި އޮންނަ އެއްބަސްވުމެއް އޮވެއެވެ. އެއީ އެ ތަނުގައި ދެ މީހުންނަށް ވެސް ޙައްޤެއްވާކަމުގެ މައްޗަށެވެ. އެއްފަހަރަކު އޭނާގެ ވޮލެޓު ހަނދާންނައްތާލާފައި ދިޔައިމާ، އަހަންނަށް އޭތި ފެނިގެން، ނަގައިގެން ގޮސް ރައްދުކުރީމެވެ. އޭތި ހާވައި ބަލާފައި، ކަލެއަކީ ވަރަށް އަމާނާތްތެރިއެކޭ ބުނެލިއެވެ. އޭގައި ހުރީ ކޮން އެއްޗެއް ކަމެއް އަހަންނަކަށް ނޭނގެއެވެ. އޭނާގެ ހިތް އަހަންނަށް އަތުލައިގަނެވުނު އަނެއް ހާދިސާއަކީ، އަހަންނަށް ހީވާގޮތުގައި، އޭނާއަށް ސޭންޑުވިޗެއް ދިން ދުވަހެވެ. ސޭންޑުވިޗް ދިނުމުން، ބަނޑުހައިވެފައި ވާކަން ދޭހަވާފަދަ ގޮތަކަށް، އެ ކައި ނިންމާލުމަށް ފަހު، އެ ވަރަށް މީރު ކަމަށާއި، އަހަންނަކީ ވަރަށް ހިތްހެޔޮ މީހެއް ކަމަށް ބުންޏެވެ.
ފިލާވަޅު ދަސްކުރަން ހޭބޯ ނާރާ، ފޮތުގެ ތެރެއަށް ގެއްލިފައި އަހަރެން އިންނަތާ ގާތްގަނޑަކަށް ތިން ގަޑި އިރު ވެދާނެއެވެ. ވަރަށް ފަރުވާތެރިކަމާއެކު ފިލާވަޅު ކިޔާލެވުނެވެ. އެއް ސަބަބަކީ ތަނުގެ ހަމަހިމޭންކަން ކަމެވެ. އަނެއް ސަބަބަކީ އެ މާއްދާގެ އަހައްމިޔަތުކަން އަހަންނަށް ވިސްނި، ކިޔަވާހިތްވާ މާއްދާއަކަށް ވުމެވެ.
އަހަރެން ހުރީ މީގެ ކުރިން އިޙްސާސް ނުކުރާފަދަ ނަފްސީ ހަމަހިމޭންކަމެއްގެ ތެރޭގައެވެ. ވޭތުވެދިޔަ ދުވަސްކޮޅު ތެރޭގައި އަހަންނާ ދިމާވި އެއްވެސް ކަމެއް، ޚިޔާލަށް ވެސް ނާދެއެވެ. ފިލާވަޅު ކިޔާލެވުނުލެއް ރަނގަޅުކަމުން ލިބުނު ހިތްހަމަ ޖެހުމަށް ހިނިތުންވުމާއެކު ގަޑިން ވީ އިރެއް ބަލާލީމެވެ.
– މަރްޙަބާ! ..
އަހަންނަށް މިހެން އަޑުއިވުނުހެން ހީވިއެވެ. ނަމަވެސް ފޮތުން ނަޒަރު ހިއްލައިނުލަމެވެ. ވަހުމުތައް ސިކުނޑިއަށް ވަންނަން ފަށައިފިކަމަށާއި ވީމާ ކުޑަކޮށް އަރާމުކޮށްލާ ނޫހެއް ކިޔާލުން ރަނގަޅުވާނެ ކަމަށް މަގޭ ހިތް ބުންޏެވެ.
– މަރްޙަބާ! ..
އަނެއްކާވެސް އަޑުއިވުނެވެ… އެއީ އެ އަންހެން ކުއްޖާގެ އަޑުހެން ހީވިއެވެ. ބޯ ހިއްލާލުމަށްފަހު، ހައިރާންކަމާއެކު އަހަންނަށް ބުނެލެވުނެވެ:
– ޑިމީ…؟
– އަހަންނަށް ކަލެއަށް އުނދަގޫ ކުރެވިއްޖެތަ…؟
(މާތް ކަލާކޮ… އަހަރެން އުޅުނީ ވަހުމެއްގެ ތެރޭގައި ނޫންކަން އެނގުނެވެ.)
– ޑިމީ… އަހަރެން މިތާ ހުރިކަން އެނގުނީ ކިހިނެއް …؟
– އެއީ އުނދަގޫ ކަމަކަށް ނުވި.. ކަލޭ ކަހަލަ މީހެއްގެ ޝަޚްޞިއްޔަތު ދެނެގަންނަން އަހަރެން ކަހަލަ މީހަކަށް އުނދަގުލެއް ނުވާނެ. ހަނދާން ނެތީތަ؟.. ކިޔެވުމުގައި ޚާއްޞަވާން މި އުޅެނީ ނަފްސާނީ ޢިލްމުގައި ކަން ހަނދާން ނެތީތަ؟ … އާނ.. މާފްކުރޭ! … އެވާހަކަ ނުބުނެވި އޮތީތީ. ބުނަން… އަހަންނާ ބައްދަލުވާ މީހުންނާ ބެހޭ ގޮތުން ފާހަގަ ކުރެވޭ ހުރިހާ ކަމެއް އަހަރެން ފޮތުގައި ނޯޓްކުރަން… ކަލެއާ ބެހޭގޮތުން ފާހަގަ ކުރެވުނު ކަންތައްތައް ނޯޓް ކުރީތީ ހިތްހަމަނުޖެހޭނެތަ އަނެއްކާ…؟ މަގޭ އާދަޔާ ޚިލާފު މި އާދައަކީ ތަޢްލީމީ ބޭނުމެއްގައި ކުރާކަމެއްކަމަށް ބެލުން އެދެން.
އަހަރެން ހުރީ އޭނާގެ މޫނަށް ބަލަހައްޓައިގެންނެވެ. އިތުބާރު ހުރި ރާގެއްގައި އޭނާ ވާހަކަ ދައްކަމުން ދިޔައިރު، އޭނާއާ އަހަރެންގެ ނަފްސު ގާތްވާކަން އަހަންނަށް އިޙްސާސް ކުރެވުނެވެ. ހިތުތެރެއަށް ބިރުވެތިކަމެއް ވަންނަކަން އިޙްސާސްވާ ހާލު އަހަރެން ބުނީމެވެ:
– ޑިމީ… ކިހިނެއްތަ މިތަނަށް ތި އައީ؟
ސަމާސާ ކުރުމުގެ ގޮތުން ބުނެލިއެވެ:
– ހަމަ ކޮއްޅަށް ހުރެގެން..!
އިށީނުމަށް އަހަރެން އިޝާރާތް ކޮށްލީމެވެ. އަދި އެތަނުގައި ހުންނަ އަހަރެންގެ ބައިވެރިއާއަށް ހިނިތުންވުމެއް އެއްލީމެވެ. ހީވާ ގޮތުގައި އޭނާ ވެސް ހުރީ، މި އައި ކުއްލި މެހުމާނުގެ ސަބަބުން ހައިރާންވެފައެވެ. އެއީ މިވީ ތިން އަހަރުތެރޭގައި އެއްވެސް މެހުމާނެއް، އަހަންނާ ބައްދަލު ކުރަން މިތަނަށް އައިތަން އޭނާ ނުދެކޭތީއެވެ. އަދި އަމުދުން މިފަދަ ”މެހުމާނެއް” ކުއްލިއަކަށް އައުމުންނެވެ. އަހަންނަށް ނަފްސީގޮތުން ކުރިމަތިވެފައިވާ އުނދަގޫ، އޭނާއަށް ދެނެގަނެވުނު ކަހަލައެވެ. އެހެންވެ، ކުރިން ހީނުލާ ފަދަ ގޮތަކަށް، މުޅިން ތަފާތު ހިނިތުންވުމެއް އަހަނަށް ދިނެވެ.
ސުވާލުކުރުމުގެ ބެލުމަކުން ޑިމީއާ ދިމާއަށް ބަލާލީމެވެ. އަހަރެން ހުރިތަނެއް ހޯދައިގަތް ގޮތެއް ބުނެދޭނެ ކަމުގެ އިންތިޒާރުގައެވެ… އެނާ ބުންޏެވެ:
– ކަލެއަކީ ވަރަށް ސަމާސާ ނޫން މީހެއް، ކަލޭ އަހައްމިޔަތުކަން ދޭ ވަކިކަންތައްތަކެއް ހުރޭ. ފަހަރެއްގާ އެއީ ކަލޭ އައިސްފައިވާ ޘަޤާފަތުން ކަމަށް ވެސް ވެދާނެ. ކަލޭ އަންހެނުންނާއި އޮންނަ ގުޅުން ވަރަށް ހަނި، އަދި އެފަދަ ގުޅުމަކަށް މަސައްކަތް ކުރާހެންވެސް ހިއެއްނުވޭ. މި ކަންތައްތަކަށް ބަލާފައި ދެން އަނެއްކޮޅުން ބަލާއިރު، ކުތުބުޚާނާގެ އެހެން ތަންތަން ހަލަބޮލި، އަންހެންކުދިން ގިނަ. އަހަރެމެން އަންހެން ކުދިންނަކީ ނިކަން ދެއްކޭހިތްވާ ބައެއް. ތަޢްލީމީ ޖައްވެއްގައި ވިޔަސް. މިހުރިހާ ކަންތައްތަކަށް ބެލީމާ ނުކުންނަ ނަތީޖާއަކީ، ކަލޭ މިކަހަލަ ތަނެއްގައި އިނުން… ނޫންތަ؟. އާނ! އަހަރެން ސީދާ މިތަނަކަށް ނޫން އައީ… އެހެން ތަންތަން ހޯދާ އަތްފުނާއަޅާފައި މިތަނަށް މިއައީ… އަހަންނަށް ޔަޤީންވި، ކުތުބުޚާނާގައި ހުރިއްޔާ ހުންނާނީ މިކަހަލަ ތަނެއްގައިކަން… އަޅެ އަހަންނަށް ވިސްނުނު ގޮތް ރަނގަޅެއް ނޫންތަ … މަށަކީ މޮޅު ނަފްސާނީ ޢިލްމުވެރިއެއް ނޫންތަ…؟
އެއްބަސްވުމުގެ ގޮތުން އަހަރެން ބޯ ޖަހާލީމެވެ. ހަށިގަނޑުގެ އެންމެ އެތެރެއިން ދަމާލި އާހެއްގެ އަޑު އޭނާގެ ކަންފަތުގައި ޖެހުނީމާ ބުންޏެވެ:
– ވަރުބަލިވެފާ ދޯ ތި ހުރީ؟
– ކޮންމެވެސް ވަރަކަށް ..
– އެހީއެއްގެ ގޮތުގައި އަހަންނަށް ކޮށްދެވިދާނެ ކަމެއް އެބައޮތްތަ؟
– ނޫން… ޝުކުރިއްޔާ، މިއީ ހަމަ އާދައިގެ ވަރުބަލިކަމެއް..
”ޑިމީ… ކީއްވެގެންތަ މިތަނަށް ތި އައީ، އަހަރެން މި ހުރީ ކަލެއެއް ފިލައިގެން” އަހަރެން ހިތާހިތުން އަމިއްލަ ނަފްސަށް ބުނެލީމެވެ… މާތް ކަލާކޮ! މި އަޅާއަށް މަދަދު ދެއްވާފާނދެ! މި އަޅާ މި އަންހެނާގެ ކަނޑުގައި ފަހަރަކަށްވުރެ ފަހަރެއް ބޮޑަށް ޣަރަޤުވަނީ މިއޮތް… އޭނާގެ އަޑާއި ވާހަކަ ދައްކާ ގޮތް ފުރަތަމަ ދުވަހު މި އަޅާއަށް އަޑު އިވުނު ގޮތަކަށް ނޫން މިއަދު އިވެނީ. މިއަދު މި އަޅާގެ ނަފްސު އެދެނީ އޭނާ މިތާ މަޑު ކުރަން، ބޭނުންވަނީ ވާހަކަ ދައްކަން… މިއަޅާ ސަލާމަތް ކުރައްވާފާނދޭ! . އޭނާ އަހަންނާ ދިމާއަށް އެއްޗެކޭ ބުނި އަޑަށް އަހަރެންގެ ޚިޔާލު މެދުކެނޑުނެވެ.
– އަހަންނަށް މާފްކުރޭ، ކަލޭގެ ފޮތް މިއަދަކު ނުގެނެވުނު…
– ދެން އެހެންވިއްޔާ، މިތަނަށް އައުމުގެ ބޭނުމެއްވެސް ނެތެއްނުން؟. ބޭކާރު ބުރައެއް ތި އުފުލީ ކީއްކުރަން؟ ދެތިން ދުވަހެއް ވަންދެން ފޮތަށް އަދި އިންތިޒާރު ކުރެވިދާނެ…
– ނޫނޭ.. މިއަދު ފޮތް ގެންނާނެ ކަމަށް އަހަރެން ވަޢްދުވީން. ބޭނުމެއް ނޫން ވަޢްދު އުވާލާކަށް… އެހެން ނޫނަސް އަހަރެން ބޭނުން، އިސްލާމްދީނާއި ބެހޭ ގޮތުން އިތުރަށް ވާހަކަ ދައްކަން… އެއީ ތީނައަށް ބުރަ ކަމަކަށް ނުވާނަމަ!
– ކުށް ކުރެވުމުގެ އިޙްސާސް އަހަރެންގެ ނަފްސަށް އުނދަގޫ ކުރަންފަށައިފިއެވެ. އެހެންވެ އޭނާ ފޮނުވާލުމުގެ ބޭނުމުގައި އަހަރެން ބުނީމެވެ:
އެނގެން ބޭނުން ވަކި ޚާއްޞަ އެއްޗެއް އެބަ އޮތްތަ…؟
– ދެ މައުޟޫޢެއް އެބަ އޮތް. ބޭނުން ކޮށްގެން ނުވާނެ ޢިބާރާތެއް ބޭނުންކުރެވިގެން، ކަލޭގެ ޝުޢޫރަށް އަނިޔާ ދެވިއްޖެނަމަ މާފްކުރާތި! އަހަރެން ވާހަކަ މި ދައްކަނީ އިސްލާމްދީނާއި ބެހޭ ގޮތުން އުފެދިފައިވާ ޢާއްމު ތަޞައްވުރަށް ބިނާކޮށް. އެ ތަޞައްވުރަކީ އެއީ މަގޭ އަމިއްލަ ތަޖުރިބާގެ މައްޗަށް ބިނާކުރި ތަޞައްވުރެއް ނޫން. އެއީ ޚަބަރުފަތުރާ ވަސީލަތްތަކުން އަހަންނަށް އެނގިފައިވާ އެއްޗެހިތަކެއް.
އަހަރެން ހިމޭންވީމެވެ. ބުނަން ބޭނުންވަނީ ކީކޭތޯ ބުނަން، އިންތިޒާރު ކުރުމުގެ ބެލުމަކުން އެނާއަށް ބަލާލީމެވެ.
އަހަންނާ ހަތަރުކަޅި ހަމަކުރުމަށް ފަހު ބުންޏެވެ:
– އިސްލާމްދީނުގައި އެހެން މީހުން ޤަބޫލު ކުރުމަށާއި ލޯބިވުމަށް ޖާގައެއް އޮވޭތަ…؟
އަހަރެން އިސްދަށަށް ޖަހާލީމެވެ. ސުވާލަށް ޖަވާބު ދޭއިރު ހުންނަން ޖެހޭނީ އޭނާއާ ދިމާއަށް ބަލަހައްޓައިގެންކަން ހަނދާންވިއެވެ. އެމީހުންގެ ޘަޤާފަތުގައި އޮންނަނީ އެ ގޮތެވެ. އެހެން ނޫނީ އަހަރެން ވާނީ އަދަބު ކުޑަ މީހަކަށެވެ. އަނެއް މީހާ ދަށްކޮށްލާ މީހަކަށެވެ. އެކަމަކު..! މާތްކަލާކޮ! އަހަރެން ހަދާނީ ކިހިނެއްތަ…؟ އޭނާއަށް ބެލުމަކީ ދެ ފަހަރު އަހަންނަށް ޢަޛާބު ލިބޭ ކަމެކެވެ. މާތް ﷲ ގެ ޤުދުރަތްތެރިކަމުގެ ފުރިހަމަކަން ދައްކުވައިދޭ އެ ރީތި މޫނު ފެނުމުން އަހަރެންގެ ހިތަށް ޢަޛާބު ލިބެއެވެ. ބެލުމަކީ ޙަރާމް ކަމެއްކަން ހަނދާންވުމުން އަހަރެންގެ ނަފްސަށް ޢަޛާބު ލިބެއެވެ.
މާތްކަލާކޮ! މި އަޅާއަށް މަދަދު ދެއްވާފާނދޭވެ! މި އަޅާގެ ފައިތިލަ މިދަނީ ކައްސާލައިގެން. އޭނާގެ ޘަޤާފަތް ދެނެގަނެ، އޭނާއަށް ދީނަށް ގޮވާލުމުގެ ނަމުގައި ޝައިޠާނާއަށް ކިޔަމަން ވާނީހެއްޔެވެ؟ ނޫނީ އަހަރެންގެ ޟަމީރަށް ކިޔަމަންވާނީހެއްޔެވެ؟ ޟަމީރު ގޮވާލަނީ، ކިއެއްތަ ހަޅޭއްލަވަނީ :
”ކަލޭ ތި ހިނގަނީ ފުރެދުމުގެ މަގުގައި” ”ހަމަ ޙަޤީޤަތުގައި ވެސް ކަލޭ ބޭނުންވަނީ އޭނާއާ އިސްލާމްދީނާ ބެހޭ ގޮތުން ވާހަކަ ދައްކަންތަ؟ ނުވަތަ ކަލޭ ބޭނުންވަނީ އޭނާގެ ދޮން މޫނަށް ބަލައިގެން ހިތްހަމަޖެހުމެއް ލިބިގަންނަންތަ؟ ފިނިފެންމާ ކުލައިގެ ދެ ކޯތާފަތަށް ކަޅިހުއްޓުމަށްފަހު، ރަތް ދެ ތުންފަތާ މެދު ވިސްނާފައި، ނޫ ދެ ލޮލުގެ ތެރެއަށް ފީނަންތަ؟”
އިސްދަށަށް ޖަހައިގެން، އެއްޗެކޭ ނުބުނެ ގިނަ އިރު ވީމާ އޭނާ ހީކުރީ، ކުރި ސުވާލުން އަހަންނަށް އިހާނަތި ވެވިއްޖެހެންނެވެ. އެހެންވެ ބުންޏެވެ:
– އަހަންނަށް ވަރަށް ބޮޑަށް މާފު ކުރޭ. ކަލެއަށް އިހާނަތި ވުން އެއީ އަހަރެންގެ ގަސްދެއް ނޫން. އަދި އިސްލާމްދީނަށް ފާޑުކިޔައި ތުހުމަތެއް އެޅުވީކީވެސް ނޫން… ހީވާގޮތުން، އެ ސުވާލު ކުރަން އަހަރެން ބުނަން ޖެހެނީ: އެހެން ޘަޤާފަތްތަކާ އަޅާ ބަލާއިރު، އެހެން މީހުން ޤަބޫލު ކުރުމާއި ލޯތްބާ މެދު އިސްލާމް ދީން ދެކެނީ ކިހިނެއްހޭ…؟ ނޫނީ ވެދާނެ އަހަރެން ކުރި ސުވާލަކީ ހަމަ މުޅިން ސޭކު ސުވާލެއް ކަމަށް ވެސް…
އަހަރެން އިސްއުފުލާލި ވަގުތު ދެ މީހުން ހަތަރު ކަޅި ހަމަވިއެވެ. ވީ އުނދަގުލާއި، ކުށެއް ކުރެވުމުގެ އިޙްސާސުގެ ސަބަބުން އޭނާގެ މޫނު ވަނީ ރަތްވެފައެވެ. ލޮލުގައި ވަނީ މޮޅިވެރިކަމެވެ. މިހުރިހާ ކަމެއް ވެގެން ދިޔައީ އަހަރެންގެ މައްޗަށް ބާރެއް ފޯރުވި ކަންތަކަކަށެވެ. ވީ ދެރަ ފާޅުވާ ރާގެއްގައި އަހަންނަށް ބުނެވުނެވެ:
– ޑިމީ… ފުދިއްޖެ…
– އަހަންނަށް މާފްކުރޭ!
– ކަލޭ އެއްވެސް ކުށެއް ނުކުރޭ… އަހަރެން ވިސްނަމުން ދިޔައީ ކުރި ސުވާލަށް ޖަވާބުދޭނެ ގޮތަކާ މެދު.
އޭނާގެ މޫނަށް ބަލަހައްޓައިގެން ހުރުމަކީ ވާނެ ކަމެއް ނޫނެވެ. ކޮންމެ އެއްޗެކޭ ބުންޏަސް، އެއީ ދީނަށް ގޮވާލުމުގެ ބޭނުމުގައި މީހަކު ބަލާނެ ބެލުމެއް ނޫނެވެ. އެހެންވެ އަހަރެން ބުނީމެވެ:
– ޑިމީ.. ކަލޭގެ މޫނަށް ގިނައިރު ނުބަލާ ހުއްޓަސް އެންމެ ރަނގަޅުތަ…؟ ނުބަލަން ޖެހޭ ދީނީ ސަބަބުތަކެއް އަހަރެންގެ އެބަހުރި، ފަހަރެއްގައި ވެސް އެއީ ނުބައި ނިޔަތަކު ނޫން.. މި ބުނީ ދަށްކޮށްލުމުގެ ގޮތަކުން ނޫން. އެހެން ފުރުޞަތަކު އެ ވާހަކަ ކިޔައި ދެވިދާނެ… އެއްބަސްތަ؟ ދެން އަހަރެންގެ ވާހަކަ ފެއްޓީމެވެ…
އެހެން މީހުން ޤަބޫލު ކުރުމަކީ، އިސްލާމްދީނުގެ މަތިވެރި އަޚްލާޤުގެ ތެރެއިން ހިމެނޭ ކަމެއް ކަން، އަހަރެން ކިޔައި ދިނީމެވެ. ޤުރުއާނާއި ސުންނަތުން ތަންތަންކޮޅު ކިޔައި ދިނީމެވެ. އޭގެ ޢަމަލީ މިސާލެއްގެ ގޮތުން، މައްކާ ފަތަޙަ ކުރެއްވި ދުވަހު ”ކަލޭމެ ތި ތިބީ މިނިވަންކަމާއެކު” އޭ ޙަދީޘް ކުރައްވައި، މައްކާގެ މުޝްރިކުންނަށް ކީރިތި ރަސޫލު (ޞައްލަﷲ ޢަލައިހި ވަސައްލަމަ) މާފްކުރެއްވި ވާހަކަ ކިޔައި ދިނީމެވެ. އަދި އަހަރެމެން ފަޚުރުވެރިވުން ޙައްޤު ތާރީޚުގެ ތެރެއަށް، އޭނާ ގޮވައިގެން ދަތުރުކުރީމެވެ.
ދޭތެރެ ދޭތެރެއިން އަހަރެން އޭނާގެ މޫނަށް ވަގަށް ބަލާލަމެވެ. އެއީ އަހަރެން ދައްކާ ވާހަކައިން އޭނާއަށް ކުރާ އަސަރެއް ބެލުމަށެވެ. އަސަރު ކުރާކަން އޭނާގެ މޫނުމަތިން ފާޅުވެއެވެ. އެކަމަކު އެއީ އަހަރެން ބުނާ އެއްޗަކުން ކަމެއް، ނުވަތަ އަހަރެންގެ ވަރުބަލިވެފައިވާ ހިތާމަވެރި އަޑުން ވާ ގޮތެއް ކަމެއް ނޭނގެއެވެ. ބައެއްފަހަރު އަހަރެންގެ އަޑު އާދޭސް ކުރާ ރާގަކަށް ވެސް ދެއެވެ. އެއީ އޭނާ ”އަހަރެން ކަލޭގެ ދީނަށް އީމާންވެ، ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އަށް ތަބާވެއްޖައީން” އޭ ބުނޭތޯއެވެ.
ނޫނީ އަހަރެންގެ މޫނުން ލޭ ހިނދި ހުދުވެފައިވާތަން ފެނުމުން، އޭނާ އަހަންނަށް ހަމްދަރުދީވަނީހެއްޔެވެ؟
ވާހަކަ ދެއްކުން ހުއްޓާލުމަށް ފަހު އޭނާއަށް ބަލައިލާފައި ބުނީމެވެ:
– އަހަރެން ދައްކަން އޮތްހާ ވާހަކައަކީ މިއީ..
– ވަރަށް ރަނގަޅު.. ފައްކާ. ދެން ލޯތްބާއި ބެހޭގޮތުންނޯ!؟
– އާނ… ލޯބި ދޯ؟ … އެ ވާހަކަ އެހެން ވަގުތަކަށް ފަސްކޮށްލަންވީއެއްނު؟
އަހަރެން ބޭނުންވީ ހަމަޖެހުމަކަށެވެ. މިކަމަށް ނިމުމެއް ގެންނާށެވެ. އަހަންނަށް ފެންނަ ގޮތުގައި މި މަގުގައި އަހަރެން ހިނގިވަރަކަށް، އެތެރެއަށް ވަންނަ ހިތްވާނެއެވެ. ނިމުމެއް ނެތް ކަންތައްގަނޑެއްގެ ތެރެއަށް ވަދެވޭނެއެވެ. ”މަށަކާ މި އަންހެނާއަކާ ކީއްތަ” އަހަރެން ހިތާހިތުން ބުނެލީމެވެ. ”އޭނާ ބޭނުންވަނީ އިސްލާމްދީން ނަމަ، އެ ދީނުގެ މަގުގައި ހިނގަން ފުރަތަމަ ފިޔަވަޅު އެޅޭހާ ވާހަކަ ކިޔައިދެވިއްޖެ”.
ކީއްވެތަ، އެހެންވަގުތަކުންނޭ ތި ބުނީ؟ އަހަންނަށް ވަގުތެއް ނެތޭ ކީއްވެތަ ނުބުނީ.. އަހަރެން ދެއްކި ވާހަކައާ މެދު ވިސްނާފައި އިތުރު މަޢްލޫމާތު ހޯދަން އިސްލާމީ މަރުކަޒަކާ ގުޅާށޭ ނުބުނީ ކީއްވެތަ؟ ޞަރީޙަބަހުން އެހެން ބުނަން ނުކެރެނީތަ؟ ނުކުޅެދެނީތަ…؟
ނޫން… މިއަށް ވުރެ ކުރިއަކަށް އަހަރެން ދެން ދާނެ ހެން ހީއެއް ނުވޭ… ނަފްސުގެ މައްޗަށް އެއްވެސް ބާރެއް ނުފޯރުވޭ މަރުހަލާއަކަށް ދިއުމުގެ ކުރިން، އަހަރެން ހުއްޓޭނަން.
އަހަރެންގެ ޚިޔާލު މެދުކަނޑާލުމަށް ފަހު ބުނީމެވެ:
– ޑިމީ.. ވީ އެންމެ އަވަސް ފުރުޞަތެއްގައި އަހަރެން ފޮތް ބޭނުން. މުޤައްރަރު އެއްކޮށް މުރާޖަޢާ ކުރެވޭހާ ވަގުތެއް އަހަންނަށް ނެތް. ތިން ދުވަސް ފަހުން އިމްތިޙާން އޮންނަކަން އެނގެއެއްނު ދޯ؟ އަދި އެހެން އިމްތިޙާންތަކެއް ވެސް އަހަންނަށް އެބަ އޮތް.
– މާފު ކުރޭ.. ހީވާގޮތުގައި ކަލޭގެ ވަގުތު ބޭކާރުކޮށްލެވިއްޖެ. އަދި އަހަރެންގެ މޮޔަ ސުވާލުތަކުން ކަލެއަށް އުނދަގޫތަކެއް ކުރެވިއްޖެ. ތިހާ އަވަދިނެތްކަން އަދި ތިހާ ވަރުބަލިވެފައި ހުރިކަން އަހަންނަކަށް ކުރިން ނޭނގުނު…
މާފަށް އެދުމުގެ ގޮތުން އޭނާ ބުންޏެވެ.. އަދި އިތުރުކޮށްލިއެވެ:
– ޕުރޮފެސަރު އެންޑަރސަން ގެ މުޤައްރަރު(ހޯދުމުގެ މަންހަޖު) ދެ މީހުންވެގެން ދަސްކުރުން ކިހިނެއްވާނެ؟ ސްޓެޓިސްޓިކްސް ގައި އަހަންނަށް ކަލެއަށް އެހީތެރިވެވިދާނެ، ނަޡަރިއްޔާތައް ކަލެއަށް ކިޔައިދެވިދާނެ… ޕުރޮފެސަރ ފްރިޑްމަން ތަޤްރީރުތަކަށް ކަލޭ ދޭ ރައްދުތަކުން އެކަން ވަނީ އަހަންނަށް ފާހަގަ ކުރެވިފައި.
މާތްކަލާކޮ! އަހަރެންނަށް މިކަހަލަ ހުށައެޅުމެއް ބޭނުންވޭތަ..؟
އަހަރެން ބުނީމެވެ:
– ނޫނޭ… އަހަންނަކަށް ހީއެއް ނުވޭ ކަލެއަށް ފައިދާއެއް ކޮށްދެވިދާނެހެން. އަހަރެން ފިލާވަޅު ދަސްކުރާ ގޮތް އެއީ، އެ ގޮތް ފަރިތަ ނޫން މީހަކަށް ވަރަށް އުނދަގޫ ގޮތެއް..
– ފެންނަ ގޮތެއް… މިރޭ އަހަރެން ފޮތް ގެނެސްދޭނަން. ކޮންތާކު އުޅޭނީ…؟
އޭނާ ކުރީ އަހަރެން ހީވެސް ނުކުރާ ސުވާލެކެވެ.
– އޫނހް……މިރޭ އަހަރެން މި އުޅެނީ ”ރެއިންބޯ ކަލާރ” ބާޒާރު މަރުކަޒަށް ދާން.. ބައެއް އެއްޗެހި ގަނެލަން.
ވަގުތުން އޭނާގެ ޖަވާބު އައެވެ:
– ވަރަށް ރަނގަޅު… ތިއީ އަހަރެން އުޅޭ ހިސާބުގަނޑާއި ވަރަށް ކައިރި ތަނެއް. އެތަނަށް ދާނީ ކޮން އިރަކުތަ…؟
– ހަޔަކާ ހަތަކާ ދެމެދު …
ސީދާ ވަގުތެއް އަހަރެން ނުބުނީ ހަމަ ގަސްތުގައެވެ. އެއީ އަހަންނާ ބައްދަލު ކުރަން އޭނާ ވިސްނާ ވިސްނުން ބަދަލުކުރުވާށެވެ. ޙަޤީޤަތުގައި ފޮތް އަހަރެން ކިތަންމެހާވެސް ބޭނުމެވެ.
– ފުރަތަމަ ބުރީގައި ހުންނަ ލިބަޓީ ކެފޭގައި، ހަތްގަޑި ދިހައެއްގައި ބައްދަލު ކުރުން ކިހިނެއްވާނީ؟ ކެފޭ ހުންނާނީ ސިޑިން އަރާ އިރު ކަނާތްފަރާތު.
ވަގުތާއި ތަނަށް އެއްބަސްވުމަށް ފަހު އަހަރެން ހިނގައިގަތީމެވެ. ޑިމީ ވެސް އޭނާގެ ގެއަށް ދާން ހިނގައިގަތެވެ. އޭނާ ދިޔައީ ހިތާމައާއި ހާސްކަމެއްގެ ތެރެއަށް އަހަރެން ދޫކޮށްފައެވެ. އޭނާ ފެންނަ ކޮންމެ ފަހަރަކު، އޭނާއާ ވާހަކަ ދެކެވޭ ކޮންމެ ފަހަރަކު އަހަރެންގެ ހިތާމައާއި ހާސްކަން ދިޔައީ ބޮޑުވަމުންނެވެ.
ގެއަށް އައިސް އަލުން ފިލާވަޅައިގެން އުޅެގަނެވޭތޯ ބެލީމެވެ. އެކަމަކު އެކަން ވާނީ ކިހިނެއްހެއްޔެވެ؟ އެއް ފަހަރު، ދެ ފަހަރު، ތިން ފަހަރު ވެސް ފިލާވަޅުގެ ތެރެއަށް ވަދެވޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް ވީ ނާކާމިޔާބެވެ. އަހަރެންގެ ސިކުނޑި ފުރިފައި ވަނީ، ޑިމީގެ ސޫރައިންނެވެ. އޭނާގެ އަޑުންނެވެ. އަދި މިއަދު އޭނާ ވާހަކަ ދެއްކި ރާގަކީ އަހަންނަށް ހީވަނީ އެއީ އެއީ ޚިޔާލީ ދުނިޔެއަކުން އަންނަ އަޑެއްހެންނެވެ.
ފޮތްތަކާއި ކަރުދާސްތައް މޭޒުމަތިން އެއްކޮށް، އަތުކުރީ ގަޑި ނެގި ވަގުތު އަހަރެން ހިތަށް އެރިއެވެ. ގަޑިން އެކެއް ޖަހަނީއެވެ. މެންދުރު ނަމާދު ވަގުތު ޖެހެން މާ ގިނަ ވަގުތެއް ނެތެވެ. އިސްލާމީ މަރުކަޒަށް ގޮސްލަންވީއެވެ. އެއީ ޤުރުއާން ކިޔަވާލާ، އެތަނަށް ދާ އެހެން އަޚުންނާއެކު ޖަމާޢަތުގައި ނަމާދު ކޮށްލާށެވެ. މިސްކިތަކުން، އެ މީހުން ފެނުމުން ﷲ މަތިން ހަނދާން ކުރުވާ އަހަރެންގެ އަޚުންތަކަކާ އެކުވެ، ﷲގެ ކަލާމްފުޅުގެ އަޑުއިވުމުން ހިތްހަމަޖެހުމެއް ލިބޭނެކަން ޔަޤީނެވެ. ދަބަސް ހިފައިގެން ނުކުންނަން އުޅުނު ވަގުތު، އަހަންނާއެކު ގޭގައި އުޅޭ މާކް ބުންޏެވެ:
– އެއިން މީހަކާ ބައްދަލު ކޮށްފިއްޔާ، ހުންނާނީ އަރާމުކޮށްލާ ހަމަހިމޭންކަމެއް ހޯދަން ޖެހިފައި..
– ކީކޭ ތިބުނީ…؟
– އަންހެނުންނާ ބައްދަލު ކުރާ ވާހަކަ. އެނގޭތަ.. އެހެންވެ އަހަރެން މި ހުންނަނީ މާ ކުރީއްސުރެ ވެސް ތި ބޮލުގަ ރިއްސުމުން ސަލާމަތްވެގަނެގެން. އަހަންނަށް އެނގޭ ކަލޭ ތީ ޒުވާނެއްކަން… އެކަމަކު ވީވަރަކުން އަންހެނުންނާ ދުރުގައި އުޅެވޭތޯ ބަލާ… ވަކިން ޚާއްޞަކޮށް އިމްތިޙާން ދުވަސްވަރު…
– ޝުކުރިއްޔާ… މާކް
ދޮރުން ނުކުންނަމުން ހިތާހިތުން އަހަރެން ބުނެލީމެވެ.
”ކަލޭ ތި ހީކުރާވަރަށް ވުރެ ކަމުގެ މުހިއްމުކަން މާ ބޮޑު”
މިސްކިތަށް އާދެވިއްޖެއެވެ. ކޮންމެވެސް ވަރަކަށް ޤުރުއާން ކިޔަވާލާފައި ނަމާދު ކުރީމެވެ. އެކަމަކު، މީހަކާ މާ ގިނަ ވާހަކަ ދެއްކޭނެ ފުރުޞަތެއް ނުލިބުނެވެ. އެންމެން ވެސް އުޅެނީ އިމްތިޙާނާއިގެން މަޝްޣޫލުވެގެންނެވެ. މިސްކިތަށް އައުމުން ކުރިއަށް ވުރެ ބޮޑު ހިތްހަމަ ޖެހުމެއް ލިބިއްޖެއެވެ. އެކަމަކު ވެސް އަހަރެންގެ އެތެރެއިން ތަދެއްގެ އިޙްސާސް ވެއެވެ. މިސްކިތުން ނުކުމެގެން ގެއަށް މިސްރާބު ޖެހީމެވެ. ގެއަށް ވަދެވުމާއެކު، ހުރިހާ އެއްޗެއް ދޮރުމަތީގައި ހުރި ކާ މޭޒު މައްޗަށް އުކާލީމެވެ. ބޫޓޫ ބޭލުން ވެސް ވީ އަހަންނަށް ބުރަކަމަށެވެ. ސިޓިންރޫމުގައި ހުރި ސޯފާގެ މައްޗަށް އަހަރެން ވެއްޓިގަތީމެވެ.
ނިދި އައިސް އަހަރެންގެ ގައިގައި ބައްދާލައި، ހަށިގަނޑަށް ހިމޭންކަމެއް ވެރިވިތަނާ ފޯނު ރަނގަބީލުވެއްޖެއެވެ. އަތްގަނޑު ނަގާފައި ކަންފަތުގައި ޖެއްސިތަނާ އަންހެނެއް ބުނި އަޑު އިވުނެވެ:
– ކަލޭތަ؟
އަހަރެން މާޔޫސްކަމާއެކު ބުނީމެވެ:
– ކީކޭ…؟
– އޯހ.. މާފް ކުރޭ .. ނުބައި ނަމްބަރެއް ..!
ހިނދުކޮޅަކަށް ހަށިގަނޑުގައި ތަދެއް ދައުރުވެގެން ދިޔަހެން ހީވިއެވެ. އަހަރެން ހީކުރީ އެއީ ޑިމީ ކަމަށެވެ. ސިކުނޑިއަށް ވެރިވީ އެންމެ ސުވާލެކެވެ. އޭނާއަށް އަހަރެންގެ ނަމްބަރު އެނގުނީ ކިހިނެއްތަ؟! … ފޯނު ނަރު އުފުރާލުމަށް ފަހު އެނދުގައި އޮށޯތީމެވެ. އަހަރެން ބޭނުންވަނީ އެންމެ ކަމެކެވެ. އޭނާ ހަނދާން ނައްތާލާށެވެ. މި ބަލާއިން ސަލާމަތްވާނެ ކޮންމެވެސް ގޮތެއް ފަހަރެއްގައި، މާތް ﷲ އަހަންނަށް ނިދީގެ ތެރޭގައި ދައްކަވާފާނެއެވެ.
ފުން ނިންޖެއް ނިދާލެވުނެވެ. ދެގަޑި އިރު ނުވަތަ އެއަށް ވުރެ ވެސް ގިނަ އިރު ނިދުނެވެ. މި ”ސިހުރުވެރިއާ” އަހަންނާ ބައްދަލުވިފަހުން، ފާޑުފާޑުގެ ހުވަފެން އައިސް އަހަރެންގެ ނިންޖަށް އުނދަގޫ ނުކޮށް ނިދާލެވުނު މިއީ ފުރަތަ ފަހަރެވެ. ތެދުވެ ވަރަށް ދިގުކޮށް ޢަޞްރު ނަމާދު ކުރީމެވެ.
މާދަމާއަކީ ބަރަކާތްތެރި ހުކުރު ދުވަހެވެ. ދުޢާ އިޖާބަ ކުރެވޭ ވަގުތެއް ހުކުރު ދުވަހު އޮވެއެވެ. ވީމާ މާދަމާ އަހަރެން، ވަރަށް ގަދައަށް ދުޢާ ކުރާނަމެވެ. ކޮންމެ އެއްޗެކޭ އަހަރެން ބުންޏަސް، އެ އަންހެނާ ފެނުމުން އަހަންނަށް ކޮންމެވެސް ގޮތެއް ވެއެވެ. އެއީ އިންކާރު ނުކުރެވޭނެ ޙަޤީޤަތެކެވެ. މާދަމާ އަހަރެން ކުތުބުޚާނާއަކަށް އަދި އެހެން ތާކަށް ވެސް ނުދާނަމެވެ. މިހާރު އަހަންނަށް ހީވަނީ، އޭނާ އަހަރެން ދާ ކޮންމެ ތަނަކަށް ދާ ހެންނެވެ.
ސްޓެޓިސްޓިކްސް ފޮތް ބަލާލީމެވެ. އިރުކޮޅަކުން އަހަންނަށް ވިސްނުނީ މައްސަލަތައް ހައްލުކުރަން އުޅުމުގެ ބޭނުމެއް ނެތް ކަމެވެ. ފޫހި މި މާއްދާއަކީ، ސިކުނޑީގެ ކަސްރަތޭ، ޢަބްދުލް ޢަޒީޒު އެ ބުނަނީ ކިހިނެއްހެއްޔެވެ؟ މިއީ ސިކުނޑީގެ ކަސްރަތަކަށް ވާނީ ކިހިނެއްހެއްވެ! އެއީ އެއްވެސް ތާކުންތާކު ޖެހޭ ވާހަކައެއް ނޫނެވެ. މިހާ އުނދަގޫ ބުރަ މާއްދާއަކަށް ޑިމީ އެހާ މޮޅުވުން ފަހެ މީހަކު ހައިރާން ނުވާނެހެއްޔެވެ؟ އެނާ ބޮޑަށް ގާތީ މަޖާ ކުރުމާ ކުޅިވަރު ކުޅުމުގައި އުޅޭ ޒުވާން އަންހެން ކުއްޖަކާއެވެ. މި ކަހަލަ ސިކުނޑިއަށް ބަރު ހިސާބު މައްސަލަތަކަށް ކުޅަދާނަ މަޚްލޫޤަކާ ނޫނެވެ.
ޑިމީގެ ސަކަ ލުއި މިޒާޖާއި… އޮޅުންބޮޅުން ގިނަ ބަރު ހިޔަންޏެއް ހުންނަ ސްޓެޓިސްޓިކްސް އާ ދޭތި ޖަމާވަނީ ކިހިއްހެއްޔެވެ؟ މިއީ ކުރީގެ ޢަރަބި ޅެންވެރިއާ ބުނިފަދައިން، އިދިކޮޅު ދޭތި އެއްވުމުން އެއްޗެއްގެ ރީތިކަން ފާޅުވުންފަދަ ކަމެއް ހެއްޔެވެ؟ ޑިމީގެ ރީތި ކަމަކީ ނިމިފައިވާ މައްސަލައެކެވެ. އެކަމާ ބެހޭ ގޮތުން އިތުރަށް މީހަކު ދައްކާނެ ވާހަކައެއް ނެތެވެ.
އާނހް… ހަނދާންވެއްޖެ.. ރިޔާޒަށް ގުޅަންވީ… ގުޅާއިރު ގޭގައި އުޅުނިއްޔާ ނަސީބެއް.
– އައްސަލާމް ޢަލައިކުމް… ކިހިނެއްތަ؟ އަނެއްކާ ނުބައި ގަޑިއަކުތަ މި ގުޅުނީ؟… މާތް ﷲ ކަލެއަށް ބަރަކާތް ލައްވާށި… އަހަރެން ވެސް ހަމަ ކަލޭގެ އަޑު އަހާލަން ޝައުޤުވެރިވެފައި މި ހުންނަނީ… ކުޑަކުޑަ މައްސަލައެއް ކުރިމަތިވެގެން މި އުޅެނީ… ނޫނޭ… މިއީ ހަމަ މި ސްޓެޓިސްޓިކްސް އާ މަށާ ދިމާވެގެން އުޅޭ މައްސަލައެއް… ކަލޭ ދަންނަމެއްނު އޭގެ މައްޗަށް ބާރު ފޯރުވަން، ވީމާ މަށާ އެއާ ދެމެދު އޮތް މައްސަލަ ހައްލުކޮށް ދީބަލަ..! ޝަރުޠެއްގެ މަތިންނޭ… ކޮބައިތަ ޝަރުޠަކީ…؟ ﷲ އަކްބަރު…. މަގޭ ޢަދުއްވު ސްޓެޓިސްޓިކްސް ގެ މައްޗަށް ނަޞްރު ހޯދައިދީފައި އަދި އިތުރަށް ކަބާބް ކާން ދޭން ވިއްޔާ ތި އުޅެނީ. މިނިޓު ކޮޅެއްގެ ތެރޭގައި އެބަ އަންނަން… މަ އަންނަ އިރު އެއްޗެއް ގެނޭތަ. އައިސްކްރީމް.. ކޯލާ..؟ އާނ އެންމެ ރަނގަޅު، ސަލާމް.
މާތް ކަލާކޮ.. މިއީ ޝައިޠާނާގެ މައްޗަށް އަހަންނަށް ނަޞްރު ހޯދުމުގެ ފެށުންތަ…ހަވާ ނަފްސުގެ މައްޗަށާއި… ޑިމީގެ ސިހުރަށް. ހީވަނީ އޭނާ އަހަރެންގެ ފައިގައި ހިފާ ދަމާފައި ގެންދަނީހެން! ހައްދަވައި ބޮޑު ކުރެއްވި ކަލާކޮ، މި އަޅާ އޭނާއާ ބައްދަލު ކުރާ ވަގުތު ގާތްވަނީ، މި އަޅާއަށް އޭނާއާ ދުރުގައި ހުރެވެންޏާ، ނަފްސާ ދެކޮޅަށް ހަނގުރާމަ ކުރެވިދާނެ. އެކަމަކު އޭނާ ފެންނަ ހިނދު އޭނާ މި އަޅާގެ ނަފްސުގެ މައްޗަށް ބާރު އެބަ ފޯރުވާ…، ހައްދަވައި ބޮޑު ކުރެއްވި ކަލާކޮ، މިއަޅާއަށް އެންމެ އުނދަގޫ އިޙްސާސް ވާ ކަމަކީ، މި ހުރިހާ ކަމެއް ވެސް، ދީނަށް ގޮވާލުމުގެ ނަމުގައި ވާތީ. ހައްދަވައި ބޮޑު ކުރެއްވި ކަލާކޮ، ސްޓެޓިސްޓިކްސްގައި އެހީތެރިވުމަށް، ޑިމީ ގާތަށް ދާން މި އަަޅާގެ ނަފްސު ކިތަންމެ ވަރަކަށް ވެސް ބާރު އެޅި. ނަމަވެސް އިބަރަސްކަލާނގެ ވާގިފުޅު ހޯދިން. އަދި މި އަޅާ ކުރި ދުޢާ އިޖާބަވެސް ވި. މާތް ކަލާކޮ! ވަގުތު ގާތް އެބަ ވޭ… ވީމާ މި އަޅާއަށް ސާބިތުކަން ދެއްވާފާނދޭވެ!
ރިޔާޒާ އެކު ހިތްހަމަ ޖެހޭފަދަ ވަގުތެއް ހޭދަކޮށްލެވުނެވެ. އޭނާއަކީ އަޚްލާޤާއި، ތަޢްލީމީ ގޮތުން ވެސް ނަމުނާއެކެވެ. އަންބަކާއި ކުއްޖެއް އޮވެއެވެ… އަހަރެން ކުޑަކޮށް ލަދު ގަންނަ ގޮތްވިއެވެ. އެއީ ރިޔާޒްގެ އަންހެނުންގެ ބައްޕަ ބަލިވެގެން، ބައްޕަ ގާތުގައި ހުންނަންވެގެން ރަށަށް ގޮސްފައި އެނބުރި އައިކަމެއް، އަހަންނަކަށް ނޭނގެއެވެ. އަންހެނުން ރަށަށް ދިޔައިމާ ރިޔާޒް މި ހުރިހާ ދުވަހު އުޅުނީ އެކަންޏެވެ.
މާފަށް އެދެމުން އަހަރެން ބުނީމެވެ:
– އެހެންމީހެއްގެ ވަގުތެއް އަހަންނަށް ޖަހައި މި ގަނެވުނީ… އަނބިމީހާއައި ދަރިފުޅު ރަށުން އެނބުރި އައިކަމެއް ނުދެނެހުރިން.
މީހަކަށް ކިޔައިދެވޭނެ އެންމެ ފުރިހަމައަށް، ރިޔާޒް އަހަންނަށް ސްޓެޓިސްޓިކްސް ކިޔައި ދިނެވެ. އެ މާއްދާއާ އަހަރެންގެ ސިކުނޑިއާ ދެމެދު ހުރަހަކަށް ވެފައި ހުރި ދޮރު ހުޅުވިއްޖެހެން މަށަށް ހީވިއެވެ. ބޮލުގައި ހުރި ބަރު އެއްޗެއް ނެގުނުގެން ހީވިއެވެ.
އަހަރެމެން އެކުގައި މަޣްރިބް ނަމާދު ކުރީމެވެ. އަދި ރިޔާޒާއި ޙާރިޘް ގެ މަންމަ (ރިޔާޒް އަންހެނުންނަށް ގޮވަނީ ޙާރިޘް ގެ މަންމަ އޭ ކިޔާފައި) އަހަންނަށް މެހުމާންދާރީ އަދާކުރުމުގެ ގޮތުން، ހޫނު އިނގުރު ސައިތައްޓެއް ދިނެވެ. ނުކުންނަން ވެގެން އަހަރެން ޙާރިޘް އުފުލާލާ ދޮނެއް ދިނީމެވެ. އިނގުރުގެ މީރު ރަހައާއި، ޙާރިޘްގެ ލޯބި ހިނިތުންވުމާއި، ރިޔާޒް އަހަންނާ ދިމާއަށް އޮއްސާލި އެކުވެރިކަމުގެ ޢިބާރާތްތަކަކީ، އަހަރެން ހީކުރި ގޮތުގައި އެ ދުވަހު ހަވީރު އަހަރެންނާ އެކު ވާނެ ހަމައެކަނި ޝުޢޫރު ކަމަށެވެ.
ފާރު ގަޑިއަށް ބަލާލީމެވެ. ހަ ގަޑި ބައި ވަނީއެވެ. ޙާރިޘްގެ ނިއްކުރިއަށް ދޮނެއް ދިނުމަށްފަހު، ނުކުންނަން ހިނގައިގަތްތަނާ، އެއްވެސް ފެއްޓުމެއް ނެތި ރިޔާޒް ބުންޏެވެ:
– މުޞްޢަބް … ކަލޭ މީހަކާ އިންނަން ނުވިސްނަންތަ..؟
އަހަރެންގެ ކުލަ ބަދަލުވެ، ހާސްވާގޮތްވިއެވެ…. ”އަނެއްކާ އޭނާއަށް ކަމެއް ފާހަގަ ކުރެވުނީކީ ނޫންބާ؟ …މަ ޑިމީ އާއެކު ހުއްޓާ ފެނުނީބާ؟” އަހަރެން ހިތަށް އެރިއެވެ. ޠަބީޢީ ގޮތެއް ދައްކަން މަސައްކަތް ކުރަމުން އަހަރެން ބުނީމެވެ:
– ތި ކަމާ ބެހޭ ގޮތުން އަހަރެން މަންމައާ ވާހަކަ ދެއްކިން….
އަހަރެންގެ އަތަށް ފިތާލަމުން އޭނާ ބުންޏެވެ:
– އެހެންވީމާ، ކަލޭ އެމެރިކާ މީހަކާ އިންނަން އުޅޭ ވާހަކަ އެއީ ހަމަ އަރައިގެން އުޅޭ އަޑެއްތާ..!!
އަހަރެންގެ ކަރު ހިކުނެވެ. ޝައްކު ގެ ނަޒަރަކުން އޭނާއަށް ބަލާލާފައި، ކުރަކި އަޑަކުން އަހާލީމެވެ:
– އަރައިގެން އުޅޭ އަޑެކޭ.. އަރައިގެން އުޅޭ ކޮން އަޑެއްތަ…؟
ހީނލާފައި، ރިޔާޒް ބުންޏެވެ:
– ބޭރު ކުދިންގެ ކަންތަކާ ބެހޭ ޑީން، ކެރޮލީން ޑިއުޒް އާ ކަލޭ ވާހަކަދައްކަން ހުއްޓާ، މަށާ ޢަބްދުއްރަޙްމާނާ ދެ މީހުންނަށް ފެނުނީ. ދެން ޢަބްދުއްރަޙްމާން ބުނީ، މުޞްޢަބް މި މުސްކުޅި ދައިތަޔާ ކާވެނިކޮށްފިއްޔާ، މުސްލިމް ދަރިވަރުންގެ ޖަމްޢިއްޔާއަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮކަމަކަށް ވާނެއޭ…
އަހަންނަށް ހީވީ، މީހަކު އައިސް އަހަރެންގެ ގަޔަށް ފިނިފެން އެއްޗެއް އޮއްސާލިހެންނެވެ. ސަލާން ކުރަން އަތުގައި ހިފަހައްޓައިގެން ހުރި، ރިޔާޒްގެ އަތް ނޫން، ވަށައިގެންވާ އެއްވެސް އެއްޗެއް އަހަންނަށް އިޙްސާސެއް ނުކުރެވެއެވެ. ދެން އަޑު އިވުނީ، ޑީން ކެރޮލީން އާ އަހަރެން ވާހަކަ ދައްކަން ހުރީތީ، އެކަމަށް ޖޯކުޖަހާފައި ކަކަކަ އަޅާ ހީގަތް އަޑެވެ… ރިޔާޒްގެ އަތުން އަހަރެންގެ އަތް ދަމައިގަންނަމުން، އަހަންނަށް ހިތި ހިނިތުންވުމެއް ވެލެވުނެވެ. އަދި ބަރުފިޔަވަޅުތަކަކާ އެކު، ކާރާ ދިމާއަށް ހިނގައިގަތީމެވެ. އިޙްސާސް ވަނީ ހަމަ ދެންމެއަކު ބަލި އެނދަކުން ތެދުވެގެން އުޅޭހެންނެވެ. ރިޔާޒް އެ ކޮށްލި ސަމާސާއިން އަހަރެންގެ ހިތަށް ބިރެއް ވަނެވެ. އަހަރެން ޑިމީ އާ ވާހަކަ ދައްކަން ހުއްޓާ ކަލޭމެންނަށް ފެނުނުނަމަވެސް ހަމަ ކަލޭމެން ބުނާނީ، އިސްލާމްދީނަށް މަތިވެރި ޚިދުމަތްތަކެއް ކޮށްދެނީއޭ ހެއްޔެވެ…؟ އަޑު އަރާނީ އަހަރެން އޭނާ އާ އިންނަން އުޅޭ ވާހަކަހެއްޔެވެ… ނުވަތަ އެހެން އެއްޗެއް ހެއްޔެވެ…؟
ކޮންމެ ގޮތެއް ވިޔަސް މިފަހަރު އަހަރެން ސަލާމަތް ވެއްޖެއެވެ. އަނެއްކާ، މިއީ އަހަރެން އަމިއްލައަށް ފަޟީޙަތްވެގަންނަން އުޅޭ އިރުވެސް، މާތް ކަލާނގެ އަހަރެން ފަރުދާކޮށްދެއްވާކަން، ހަނދާންކޮށް ދެއްވުމުގެ ގޮތުން، އަހަންނަށް ދެއްވި އިންޒާރެއް ނޫންބާވައެވެ. މާތް ކަލާކޮ! މިއަޅާއަށް ވާގި ދެއްވާފާނދޭވެ! ވަގުތު ގާތްވާ ވަރަކަށް އަހަންނަށް ހީވަނީ، އަހަރެންގެ ސާބިތުކަން ބަލިވެގެން ދާ ހެންނެވެ.
އަހަންނަށް ލިބަޓީ ކެފޭއަށް ދެވުނީ ދިހަ މިނިޓް ލަހުންނެވެ. ލަހުން ދެވުނީމާ ޑިމީ އާ ދިމާ ނުވުން އެއީ އަހަރެންގެ އުއްމީދެވެ. ކެފޭ ދޮރު މައްޗަށް އަރާލާ ބަލާލި އިރު، ޑިމީ އިށީނދެލާއިގެން އިނެވެ. އަހަރެން ޢަޒުމުކަނޑައަޅައިގެން ހުރީ، އެއްވެސް އިތުރު ވާހަކައެއްގެ ތެރެއަށް ނުވަދެ، ފޮތް އަތުލައިގެން ދާ ގޮތަށް ދާށެވެ.
ލަހުން އަހަންނަށް އާދެވުމުން، އެކަމާ އޭނާ ނުރުހިފައި ހުރިހެން ހީއެއް ނުވެއެވެ. ކިއެއްތަ، އިސްވެ އޭނާ އަހަންނަށް މަރުޙަބާ ކިޔަމުން ބުންޏެވެ:
– އަހަންނަށް މާފު ކުރޭ، ލަހުން މަށަށް މި އާދެވުނީ. ހަމަ ދެންމެ އަކު މި އައީ. ހީވާ ގޮތުން ކަލޭ އައި އިރު އަހަރެން ނެތީމާ ގޮސްފާ އަލުން ތިއައީ ދޯ؟
އޭނާ އެ ބުނީ ތެދެއް ނޫނެވެ. އޭނާ ބޯން ހުރި ޖޯޑުގައި ހުރި ކޮފީ ހުރީ ފިނިވެފައެވެ. ޖޯޑުގެ ދެބައިކުޅަ އެއްބަޔާ ގާތަށް ހުރީ ހުސްވެފައެވެ. ބަރާބަރު ގަޑިއަށް ނުވަތަ އެއަށް ވުރެ ފަސް މިނިޓް ވަރު ކުރިން، އޭނާ އައިކަން މާ ރީއްޗަށް ވެސް އަހަންނަށް އެނގެއެވެ. އެކަމަކު އޭނާ ބޭނުންވީ، ލަހުން އަހަންނަށް އާދެވުމުން، ރީތި ގޮތަކަށް އަހަންނަށް ބަހަނާއެއް ހޯދައިދޭށެވެ.
އަހަރެން ބުނީމެވެ:
– ނޫނޭ… އަހަރެން ލަސްވީ، އެއީ ކުރިން ހަމަޖެހިފައި އޮތް ތަނަކަށް ގޮސްފައި ތަންކޮޅެއް ލަސްވީ… މާފް ކުރޭ!
އަހަރެން ހުރީ ކޮއްޅަށެވެ. ފޮތް ދިނީމާ އަވަހަށް ދާންވެގެންނެވެ. އެކަމަކު އޭނާ އެހެން ނުހަދާ ބުންޏެވެ:
– ނު އިށީންނަންތަ…؟
– އަހަރެން މި ހުރީ ވަރަށް އަވަސްއަރައިގެންފައި… ކަލެއަށް ވެސް އެނގޭނެ ފަދައިން ވަރަށް އަވަދިނެތި މަ މިއުޅެނީ…
އޯގާއިން ފުރިގެންވާ ނަޒަރަކުން އޭނާ އަހަންނަށް ބަލާލާފައި ބުންޏެވެ:
– އަހަރެން މި ހުރީ ކޮފީއަށް އަންގައިގެން. ހުވާކުރަން… މާ ގިނަ ވާހަކަތަކެއް ނުދައްކާނަން. އެއްވެސް ކަހަލަ…
އެއްޗެކޭ ނުބުނެ އަހަރެން އިށީނީމެވެ… ކޮފީ އައިސްފިއެވެ.
– މަޑު ކުރޭ.. އަހަރެން ކަލެއަށް ޚިދުމަތް ކޮށްދޭނަން.. ކިތައް ހަކުރު..؟
– ދޭއް..
– ކިރު..؟
– އާނ…
ކޮފީ ގިރާލާފައި ޖޯޑު އަހަންނަށް ދިއްކޮށްލިއެވެ.
– ޝުކުރިއްޔާ…
ދެ މީހުންގެ މައްޗަށް ވެރިވެފައި އޮތީ ހިމޭންކަމެވެ. މިކަހަލަ ހާލަތްތައް ދެކެ އަހަރެން ފޫހިވެއެވެ… އެކަމަކު އަހަރެން ކުރާނީ ކީއްހެއްޔެވެ؟ މިއަށް ވުރެ ކުރިއަކަށް އަހަންނަކަށް ނުދެވޭނެއެވެ. ގުޅުން މިދަނީ އަހަންނަށް ބާރުފޯރުވޭ މިސްރާބަކަށް ނޫނެވެ. އަހަރެންގެ އޮތީ ވަރަށް މާތް މަޤްޞަދެއް ކަމަށް ޟަމީރު ޤަބޫލުކުރުވަން އުޅުނަސް ވެހެވެ. ދެމީހުންގެ ދެމެދަށް ވެރިވެފައިވާ ހިމޭންކަމުގެ އުނދގޫ އިޙްސާސް ވެގެން ޑެމީ ބުންޏެވެ:
– ކާނެ އެއްޗަކަށް އޯޑަރު ދެންތަ؟ އަހަރެން ގެންނާނީ ސޭންޑުވިޗެއް..
– ނޫނޭ… ޝުކުރިއްޔާ…
އަހަރެން ލައްވާ ވާހަކަ ދައްކުވަން ކުރާ މަސައްކަތެއްގެ ގޮތުން ބުންޏެވެ:
– ސްޓެޓިސްޓިކްސް ކިހިނެއްތަ..؟
– ވަރަށް ފައްކާ…
– ހަމަ އަސްލުވެސްތަ.. ތިއީ ވަރަށް އުފާވެރި ޚަބަރެއް. އަހަރެން ހުރީ ކަލެއަށް އެހީވާން ކަމަށް.
– ރައްޓެއްސެއް އަހަންނަށް އެހީތެރި ވީ.
ޣީރަތްތެރިކަން ފާޅުވާ ރާގަކަށް ބުންޏެވެ:
– ތި ވާނީ ޔަޤީނުންވެސް ވަރަށް ޚާއްޞަ އަންހެން ކުއްޖަކަށް.
ސަމާސާ ކަމެއް ނެތް ރާގަކަށް އަހަރެން ބުނީމެވެ:
– އެއީ ފިރިހެން ރައްޓެއްސެއް..
ލަދުގެންފައި އޭނާ ބުންޏެވެ:
– ތި ޤައުމު ކުއްޖެއްތަ..؟
– ގާތްގަނޑަކަށް… މުޅި ޢަރަބި ދުނިޔެއަކީ އެއް ޤައުމު ކަމަށް ބަލައިފިއްޔާ.
ނުހޭން ހުރެ ހީލަމުން އޭނާ ރައްދު ދިނެވެ:
– ހީވަނީ ތި ބުނީ ސިޔާސީ ވާހަކައެއް ހެން. އަހަންނަކަށް އެހާ ވަރަކަށް ސިޔާސީ ކަންތައްތަކެއް ނޭނގޭ..
އޭނާ ލުއި ހިނިތުންވެލުމެއް ވިއެވެ. ނަމަވެސް އެއްޗެކޭ ނުބުނެ އަހަރެން ގަޑިއަށް ބަލާލީމެވެ. އަހަރެންގެ މަޤްޞަދު އޭނާއަށް ވިސްނިގެން ބުންޏެވެ:
– ދާންތަ ތި އުޅެނީ؟ އަހަރެން ވިސްނައިގެން މި ހުންނަނީ، ހައި ރޫފް ރެސްޓޯރެންޓަށް ދާން ދަޢްވަތެއް ދޭން… ކޮންމެ ހުކުރު ވިލޭރެއަކު އެ މީހުން ވަރަށް ޚާއްޞަ ހުށައެޅުމެއް އޮވޭ.
– ދަޢްވަތު ޤަބޫލު ކުރެވެން ނެތީތީ މާފަށް އެދެން. މިތަނަށް އައުމުގެ ކުރިން އަހަރެން މިއައީ ރައްޓެއްސެއްގެ ގެއިން ކައިގެން… އަދި އަނެއްކާ އަހަރެން މި އުޅެނީ ވަރަށް ވަރަށް އަވަދިނެތި. ކުރީ ފަހަރަކު އެ ވާހަކަ ބުނީމެއްނު ދޯ…
ދަޢްވަތު ޤަބޫލު ނުކުރި ނުކުރުން ރީތި ކޮށްލުމުގެ ގޮތުން އަހަރެން ބުނީމެވެ:
– މިރޭ ދެން އެކަނި ދޭ.. މުސްތަޤްބަލުގައި ދެ މީހުން އެކީ ދާނެ ފުރުޞަތެއް ލިބޭނެ ކަމަށް އުއްމީދު ކުރަން..
އުއްމީދު ގެއްލުމާއި މާޔޫސްކަމުގެ ކުލަވަރު، އޭނާގެ މޫނުމަތިން އަހަންނަށް ފެނުނެވެ. ދެރަވެފައިވާ އަޑަކުން އޭނާ ބުންޏެވެ:
– ޚާއްޞަ ހުށައެޅުން ހުޅުވިފައި އޮތީ ދެ މީހުން ނުވަތަ އެއަށް ވުރެ ގިނަ މީހުންނަށް… ދެން ކޮންމެ ގޮތެއް ވިޔަސް އަހަރެން ބަނޑަކަށް މަރެއް ނުވާނެ. މި ރަށް މި އޮތީ އާދައިގެ ރެސްޓޯރެންޓުތަކުން ފުރިފައި. މާޔޫސްކަން ލިބިފައިވާ އަހަރެން ކަހަލަ މީހުންނަށް، އެ ތަންތާނގެ ދޮރު އަބަދު ވެސް ހުންނާނީ ހުޅުވިފައި…
އަހަރެން ތެދުވީމެވެ. ކޮފީއާ، ނު ކައި އޮތް ސޭންޑްވިޗް ގެ އަގު ދައްކަން އަހަރެން ކައުންޓަރަށް ދިޔައީމެވެ… ނުރުހުމުގެ ނަޒަރަކުން އަހަންނާ ދިމާލަށް ކަޅިއަޅާފައި ބުންޏެވެ:
– ކަލޭ ތީ އަހަރެންގެ މެހުމާނެއް.. އަހަންނަކީ ކިތަންމެ ފޫހި މީހަކަށް ވިޔަސް.
ބިލު ދެއްކީ ޑިމީއެވެ. ދެން ގަރާޖާ ދިމާއަށް އަހަރެމެން ދެ މީހުން ހިނގައިގަތީމެވެ. އެކަކު އަނެކަކާ އަނގައިން ވެސް ނުބުނެއެވެ. މިހާ ދުރު، ބީރައްޓެހި ގޮތަކަށް ޑިމީއާ މުޢާމަލާތު ކުރެވޭތީ، އަހަރެންގެ ޟަމީރަށް އުނދަގޫ ކަމެއް އިޙްސާސްވިއެވެ. ދެ މީހުން ދެ މީހުންގެ ކާރާ ދިމާއަށް ހިނގައިގަތުމުގެ ކުރިން އަހަރެން ބުނީމެވެ:
– ޑިމީ… އަހަންނަށް މާފު ކުރޭ…
ވޭނުން ފުރިފައިވާ ދެ ލޮލުން އޭނާ އަހަންނަށް ބަލާލާފައި ބުންޏެވެ:
– ނޫނޭ.. އެއްވެސް މައްސަލައެއް ނެތް…
އަހަރެން ގޮސް ކާރަށް އަރައި އިށީން ތަނާ، ރިޔާޒްމެން ގޭގައި ކެއި އެއްޗެހީގެ ބާކީ ހުރި އެއްޗެހި އަޅާފައި، ރިޔާޒް އަހަންނާ ހަވާލު ކުރި ކޮތަޅު ފެނުނެވެ. ޑިމީ އާ ކާރު އަރާ ހަމަވީމާ އަހަރެން ގޮވާލީމެވެ:
– ޑިމީ…
އޭނާ އަހަންނާ ދިމާލަށް އެނބުރިލިއެވެ. އުޑުން އައި އަޑެއްފަދައިން، އަހަރެންގެ އަޑު އޭނާއަށް އިވުނު ކަހަލައެވެ. އޭނާ ރޮނީއެވެ. އަހަރެންގެ ހިތް ތެޅިގަތެވެ. ނަމަވެސް އަހަރެންގެ ހިތް ހިފެހެއްޓީމެވެ. ގަދަކަމުންނެވެ.
– ވަރަށް މީރު ކާ އެއްޗެއް އަހަރެން އަތުގައި އެބަ ހުރި.. ހަމައެކަނި ހޫނުކޮށްލަން ޖެހޭނީ.. ބަލާ މިއީ، އެކަށީގެން ނުވާ ހަރުކަށި ގޮތަކަށް އަހަންނަށް މުޢާމަލާތު ކުރެވުނީމާ، އެދޭ މާފެއް ކަމަށް…
އޭނާގެ މޫނުމައްޗަށް އުފާވެރިކަމުގެ ރާޅުބާނީތަކެއް އައެވެ. އެ އަތުލަމުން ބުންޏެވެ:
– އަހަރެން މީތި މި ޤަބޫލު ކުރަނީ މާފެއްގެ ގޮތުގައެއް ނޫން. މިއީ އެއަށް ވުރެ މާ ބޮޑު އެއްޗެއް. ބާއްޖެވެރި ރެއެއް.. އިމްތިޙާނުގައި ނަސީބު ކަލެއާ ބައިވެރިވާނެ ކަމަށް އުއްމީދު ކުރަން.. ފަހުން ބައްދަލުވާނެ. ހޯމަ ދުވަހު އިމްތިޙާންގައި.
ބައްދަލުވުން ނިމިދިޔަ ގޮތާ މެދު އަހަރެން ހިތްހަމައެއް ނުޖެހެއެވެ. އަހަރެންގެ ނަފްސު ބޭނުންވަނީ އޭނާއާ ވާހަކަ ދައްކާށެވެ. ހޯމަ ދުވަހު އޭނާގެ ކިބައިން މާފަށް އެދޭނީއޭ އަހަރަން ހިތަށް އެރިއެވެ. އެކަމަކު ކޮން ކަމަކަށް ހެއްޔެވެ..؟ މިފަހަރު މިހެން ބުނީ އަހަރެންގެ ބުއްދިއެވެ.
ހަވާ ނަފްސާއި ޝައިޠާނާގެ ވަސްވާސް އަހަރެން ގާތު ބުނަނީ، އޭނާ އިސްލާމްދީނާ މެދު ނަފްރަތު ކުރުވައިފިނަމަ، އަހަރެން ފާފަވެރިވާނެ ކަމަށެވެ. ނަމަވެސް، އަހަރެންގެ ހިތުގެ އެންމެ ފުންމިނުން ޔަޤީންވާ އެއްޗަކީ، އަހަރެން އޭނާއާއި ބައްދަލު ކުރަން ބޭނުންވަނީ، އޭނާއަށްޓަކައެވެ. ދީނަށްޓަކައެއް ނޫނެވެ. އެއީ ފިރިހެނެއް ނަމަ، ނުވަތަ ރީތި ކަމުން ކުޑަ ހިއްސާއެއް ލިބިފައިވާ އަންހެނެއް ނަމަ، ކަލޭ ތި އުފުލާހާ ބުރަ އުފުލާނަންހެއްޔެވެ؟ އަހަރެންގެ ބުއްދި ސުވާލުކޮށްލިއެވެ.
ގެއަށް އާދެވުނު އިރު، ނަފްސާއި ބުއްދިއާއި ދެމެދު ކުރެވެމުން ދިޔަ އަރާރުން ދާނެ އެންމެ މައްޗަކަށް ވަނީ ގޮސްފައެވެ. އަހަރެން ވަރަށް ގިނައިން ރުއީމެވެ. އަހަރެން ރުއީ، މިރޭ އޭނާއަށް އަލްވަދާޢް ކިޔާށޭ ކިޔާފައި އޭނާގެ އަތުގައި ހިފާލާށޭ، އަހަރެން ހިތަށް އެރީތީއެވެ. އަހަރެންގެ ޝައިޠާނާ އައިސް ބުނީ އޭނާ އަތުގައި ބީހިލުމުން، އަހަރެންގެ އެތެރެހަށީގައި އަނދަމުންދާ އަލިފާންގަނޑު ނިވިދާނެ ކަމަށެވެ. އެތެރޭގައިވާ ކެކިއަރަމުންދާ އެދުންތައް ހިނދިދާނެ ކަމަށެވެ. އޭނާގެ އަތުގެ ވިންދު އަހަރެންގެ އަތަށް އިޙްސާސް ވެލުމުން ފުދޭނެ ކަމަށެވެ. އާ ކޮންމެ ތަޖުރިބާއެއްގެ ކުރިމަތީގައި އަހަރެމެން ޖެހިލުންވެ ހާސްވާ ކަމަށެވެ. މިއީ އަހަރެން ހިތަށް އަރަމުން ދިޔަ ވާހަކަތަކެވެ.
”ދެން ވެއްޖެ… އިބިލީސް” މިއީ އަހަރެން ހިތަށް އެންމެ ފަހުން އެރި އެއްޗެވެ. އެ ނުބައި ވިސްނުމުން ދުރުވެގެތީމެވެ. ހަމަ އެ ވަގު ޚާލިދު މަތިން ހަނދާންވިއެވެ. މީގެ ދެ ހަފްތާ ކުރިން އަހަރެމެން ލައިގެން ޢިޝާ ނަމާދު ކުރިއިރު ”އައްނާޒިޢާތި” ސޫރަތް ކިޔެވިތަނެވެ. ”ވަ އައްމާ މަން ޚާފަ މަޤާމަ ރައްބިހީ ވަ ނަހައްނަފްސަ ޢަނިލްހަވާ” މި އާޔަތާ ހަމައަށް ދެވުމުން، ރުއިން އޭނާގެ މައްޗަށް ގަދަވެގަތް ހިނދު، ސޫރަތް ފުރިހަމަ ނުކުރެވި ދިހަވަރަކަށް މިނިޓް ވިއެވެ.
އެ އާޔަތް ތަކުރާރު ކޮށްކޮށް ޚާލިދު ހުއްޓެވެ. ކޮންމެފަހަރަކު އޭނާގެ މައްޗަށް ރުއިން ގަދަވެގަނެ، ފުރިހަމަ ކުރެވޭ ގޮތެއް ނުވެއެވެ. އަހަރެންގެ ޙަޔާތުގައި ވެސް އެ ރޭ ރޮވުނު ވަރަކަށް އަހަންނަށް ނު ރޮވެއެވެ. ”މަޤާމަ ރައްބިހީ” މި ބަސްފުޅާ ހަމައަށް ދާ އިރު ހީވަނީ، ޚާލިދުގެ އޮމާން އަޑު ފަޅަފަޅައިގެން ދާ ހެންނެވެ.
ހުއްޓި ހުންނަން ޖެހޭ ހުރުމުގެ ބިރުވެރިކަމުގެ ބޮޑު ކަމާއެވެ… ދެން އޭނާ:
”ވަ ނަހައްނަފްސަ ޢަނިލްހަވާ” އޭ ކިޔާ ވަގުތު އަހަންނަށް ޚިޔާލު ކުރެވެނީ، އޭނާގެ ގައިގައި ވާ ހުރިހާ ގުނަވަނެއް ވެސް ރޯހެންނެވެ. ”ހަވާ” މި ކަލިމަ ކިޔާ ވަގުތު، އޭނާގެ ހަށިގަނޑު ތުރުތުރު އަޅާތަން އަހަންނަށް ފެނެއެވެ. ހޯސް ލާފައި ލޮލުން ކަރުނަ އޮހޮރެއެވެ. ރޯ އިރު ހީވަނީ އެ އަޑަށް ހަރު ހިލަ ފަރުބަދަ ވެސް ފަޅައިގެން ހިނގައިދާނެ ހެންނެވެ. ދެން ޖެހިގެން އޮތް އާޔަތް އޭނާގެ އެތެރެ ހަށިން ނެރުނެވެ.
”ޔަސްއަލޫނަކަ ޢަނިއްސާޢާ” މި އާޔަތް ކިޔާފައި ނޭވާލި ގޮތުން އަހަރެންނަށް ޚިޔާލު ކުރެވުނީ، އޭނާގެ ފުރާނަ ނުކުމެގެން ދަނީހެންނެވެ.
ޚާލިދަކީ ދީންވެރި މީހެކެވެ. ﷲ ގެ ޙަޟްރަތުގައި ހުއްޓި ހުންނަ އިރު ހިތް ނާޒުކް މީހެކެވެ. އެ ވަގުތުގެ ހައިބަތްތެރިކަން އިހްސާސް ވާ މީހެކެވެ. އޭނާ ރޮއެފިއްޔާ އެ އަޑަށް ހަރު ހިލަ ވެސް ރޯނެއެވެ. ސަބަބަކީ އޭނާގެ ރުއިމަކީ ޙަޤީޤީ ރުއިމެކެވެ. ދެއްކުމެއް ނޫނެވެ. އާހ… ޚާލިދް. ކަލެއަށް ތި ލިބިފައިވާ ކަހަލަ ހިތެއް އަހަންނަށް ވެސް ލިބޭނެ ނަމަ. ކަލޭގެ ޝުޢޫރު ހާ މަތިވެރި ޝުޢޫރެއް އަހަންނަށް ވެސް ލިބޭނެ ނަމަ. ﷲ ގެ މަޤާމްފުޅު ހަނދާން ވުމުން، އަހަރެންގެ ހަވާ ނަފްސާ ދުރުވެވޭފަދަ ބިރުވެތި ތަޤްވާވެރި ހިތެއް އަހަންނަށް ވެސް ލިބިފައި ވާނަމަ. އެ މަޤާމް ގެ މަތިވެރިކަން އަހަންނަށް ރަނގަޅަށް އިޙްސާސް ކުރެވޭނެމަ، ޑިމީގެ އެ ރީތި ކަމާ އޭނާގެ ސިހުރާ ދުރުވުމަކީ، އަހަންނަށް އެއްވެސް ކަމަކަށް ނުވާނެއެވެ.
އަހަރެންގެ ސިކުނޑި ތެރޭގައި މި ޚިޔާލުތައް އެނބުރޭތާ ދެ ގަޑިއެއް ހާ އިރު ވެދާނެއެވެ. އަދި އަހަރެންގެ ލޮލުން ފޭބި ކަރުނައިން މުޅި ހަށިގަނޑު ދޮވޭ ވަރަށް ކަރުނަ ފޭބިއޭ ވެސް ހީވެއެވެ. ލޮލުން އޮއްސިގަތް ހޫނު ކަރުނައިގެ ސަބަބުން އަހަރެންގެ ނުތަނަވަސްކަމާއި ހިތުގައިވާ ހާސްކަން ދޮވެލެވުނު ކަހަލައެވެ. މުޅި ޙަޔާތުގައި ވެސް ނު ކުރާ ފަދަ ޢިޝާ ނަމާދެއް އަހަރެން ކުރީމެވެ. އުޑާ ދިމާއަށް މީހާގެ ހިތް ޝައުޤުވެރިވެފައިވާ ވަގުތު ކުރާ ނަމާދަކީ ކިހާ ފޮނި، ކިހާ ހިތްހަމަޖެހުން ލިއްބައިދޭ އެއްޗެއްކަން، އެ ވަގުތު އަހަންނަށް އެނގުނެވެ. ނަމާދު ކުރުމުގެ މާނައެއް އޮންނާނީ، ޢަމަލުތަކުގެ ފަތްތައް ވަށައިގެން އުދުހި އުދުހި ހުންނަ އިރާއި، ހުއްޓި ހުންނަ މަޤާމުގެ ހައިބަތްތެރިކަން ހިތައް ވެރިވެފައިވާ ހާލު ނަމާދު ކުރުމުން ކަން އެނގުނެވެ. ޚުޝޫޢަތްތެރި ކަމެއް ނެތި ކުރާ ނަމާދުން ވާނެ ފައިދާއެއް ނެތްކަން އެނގުނެވެ.
ޚާލިދް… ކަލޭ ތި ދަނީ ސާފު އުޑެއްގައި ފިޔަޖަހާފައި އުދުހެމުން. އެކަމަކު އަހަރެން މި ދަނީ އަވާމެންދުރެއް ފަހަތުން ދުވަމުން. ވަހުމެއްގެ ފަހަތުން. ޝައިޠާނާ ގެ މަގުން ހިނގަމުން. ވީމާ ކަލެއަށް ދެވިފައިވާ ދަރަޖައަށް އަހަންނަށް ދެވިދާނެތަ؟ ރޫޙާނީ ދުނިޔެއެއްގައި ކަލޭ އުޅޭ އިރު އަހަރެން ހޭ ބޯ ނާރާ މި އުޅެނީ އަންހެނެއްގެ ޚިޔާލުގައި. ޚާލިދް… ކަލެއަކީ ވާ ނަސީބު ރަނގަޅު މީހެއް. އަހަންނަށް ވެސް ތި ފަދަ ގަދަފަދަ އީމާންތެރިކަމެއް ލިބޭނެ ނަމައޭ ހިތަށް އަރާ. މާތް ﷲ ކަލޭ ތި ގޮތުގައި ސާބިތު ކުރައްވާށި! އަދި އަހަރެންގެ އީމާންކަން ގަދަ ކުރައްވާށި!
ހަފްތާ ނިމުން ވަރަށް އަވަހަށް އާދައިގެ ގޮތެއްގައި ހިނގައްޖެއެވެ. ރަނގަޅަށް ކިޔެވުނެވެ. ނަމާދު ކުރަން ނޫނީ ގެއިން ބޭރަށް ނު ނުކުންނަމެވެ. ސޫރިޔާ އަބޫ އައިމަން އަހަރެންގެ ކެއުމުގެ ކަންތަކަށް ހައްލެއް ހޯދައި ދިނެވެ. ގެނެސް ދިނުމަށް އިތުރު ފައިސާއެއް ނު ނަގާ، މީރު ޝާމީ ކެއުން އޭނާ އަހަރެންގެ ގެއަށް ގެނެސް ދެއެވެ. އަބޫ އައިމަން ބުނާ ގޮތުގައި، ހިލޭ ގެން ގޮސް ދިނުމުގެ ޚިދުމަތަކީ، އެ ރަށު އުޅޭ ދީންވެރި މުސްލިމުންނަށް އޭނާ ދޭ ޚިދުމަތެކެވެ. ހެޔޮ ކަމެއްގެ ގޮތުގައި ކުރާ ކަމެކެވެ. އޭނާގެ ދަރިންނާއި އަދި އެހެން މުސްލިމުންގެ ކުދިންނަށް ޤުރުއާން ކިޔަވަން ދަސްކޮށް ދީ، ދޭތެރެ ދޭތެރެއިން ބައްވާ ތަޢްލީމީ ކޭމްޕުތަކާއި، ދީން އުނގަންނައި ދިނުމަށް، މުސްލިމް ކިޔަވާ ކުދިންގެ ޖަމްޢިއްޔާއިން ކުރާ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެނާ ކުރާ ކަމެކެވެ. ޣައިރު މުސްލިމް ޤައުމެއްގައި އުޅެލުމުން، އިސްލާމް ދީނަކީ ކިހާ މަތިވެރި ނިޢްމަތެއްކަން ކުރިން ނޭނގޭ ގިނަ މީހުންނަށް، ތަޞައްވަރު ކުރެވެއެވެ.
މާދަމާ، ހޯމަ ދުވަހު ޕުރޮފެސަރ އެންޑަރސަން ގެ މާއްދާ ގެ އިމްތިޙާން އޮންނާނެއެވެ. ހީވާ ގޮތުން ވިއްޔާ، އަހަރެންނަށް މިހާރު ވާނެ އެންމެ ރަނގަޅަކަށް ތައްޔާރު ވެވިއްޖެއެވެ. ހީވާގި ކަމާއެކު ހޭލުމަށްޓަކައި ވިތުރި ކޮށްގެން އަވަހަށް ނިދަން އެބަ ޖެހެއެވެ.
ހޯމަ ދުވަހަކީ ބަރަކާތްތެރި ދުވަހެކެވެ. އެހެންވެ އެ ދުވަހު ރޯދަ ހިފަން އަހަރެން ނިންމީމެވެ. ސުންނަތަކަށް ވާތީ، އަދި ޖައްވު ވެސް ފިނި ވީމާ އެ ގޮތަށް ނިންމީއެވެ. އަދި ދިމާވެދާނެ ކަމަކަށް ތައްޔާރުވުމުގެ ގޮތުން ވެސް މެއެވެ. ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި އޮންނަނީ، ރޯދަ އަކީ ރައްކާތެރި ކަމެއް ކަމަށެވެ. ”ރައްކާތެރިކަމާއި” ޙިމާޔަތަށް އަހަރެން މި ދުވަސްކޮޅު ބޭނުންވެފައިވާ ވަރަށް ދުވަހަކު ވެސް ބޭންވެފައެއް ނެތެވެ. ވަކިން ޚާއްޞަކޮށް ޕުރޮފެސަރ އެންޑަރސަން ގެ އިމްތިޙާނަށް އިށީންނަ އިރުގައެވެ.
އިމްތިޙާނާ ދެމެދު ދެން އޮތީ ބައިގަޑި އިރެވެ. ޖައްވު އޮތް ގޮތެއް ބަލާލަން ކުޑަދޮރުން ބޭރަށް ކަޅިއެއް އެއްލީމެވެ. މިއަދު މިހާ ބޯކޮށް ގަނޑުފެން ފައިބާނެ ކަމަކަށް އަހަރެން ހިއެއް ނުކުރަމެވެ. މޫސުމް ގޯސްކަމުން އަހަރެން ނިންމީ ފަތިސް ނަމާދު ގޭގައި ކުރާށެވެ.
ގެއިން ނިކުމެ އެންމެ ފުރަތަމަ ކަމަކަށް ކުރަން ޖެހުނީ، ކާރު ނެރެން އޮންނަ މަގު ފުރެންދެން އޮތް ގަނޑުފެން ސާފު ކުރާށެވެ. ނިމިގެން ބަލާލި އިރު ކާރުގެ ފުރޮޅު ހުރީ ފެޅިފައެވެ. އުނދަގުލަކަށް ވީ އަތާއި ހެދުން ހަޑިވެ، ގަދަފިނީގައި މަސައްކަތެއް ކުރަން ޖެހުން އެކަންޏެއް ނޫނެވެ. އޭގެ އިތުރުން މި ހުރިހާ ކަމަކަށް ފަހު ހަދަން ޖެހޭ އިމްތިޙާނެއް އޮތުން ވެސް މެއެވެ. ހަލާކުވެފައި ވާ ފުރޮޅު ބަދަލުކޮށް، ކާރު ރޯ ކުރަން އުޅެ އުޅެ ރޯ ވާ ގޮތެއް ވެސް ނުވިއެވެ. ވީ ގޮތެއް ބަލާލިއިރު ކާރުގައި ތެޔޮ ނެތީއެވެ.
އިމްތިޙާނަށް ދެވުނީ ވިހި މނިޓް ގަޑިޖެހިގެންނެވެ. އިށީންނަން އިޝާރަތް ކުރައްވަމުން ފުޅާ ހިނިތުންވުމަކާ އެކު، ޕުރޮފެސަރ އެންޑަރސަން އަހަންނާއި ބައްދަލު ކުރެއްވިއެވެ. ހޯލުތެރެއިން ހިތް ހަމަ ޖެހޭ ތަނެއްގައި އިށީންނަން އަހަރެން އަވަސް އަވަހަށް ދަނިކޮށް، ކުއްޖެއްގެ ދަމާލާފައި އޮތް ފައެއްގައި އަޅާގެންފައި، އަނގަ ވަތަށް ވެއްޓުނެވެ. ތެދުވެ، ގައި ފޮޅާލައިގެން ގޮސް އިށީނދެ ބަލާލި އިރު ވެސް ޕުރޮފެސަރ އެންޑަރސަން ގެ އަނގަމަތިން ހިނިތުން ފާޅުވެއެވެ. މާފަށް އެދުމުގެ ގޮތުން އަހަރެން ބުނީމެވެ:
– މިއަދު މީ އަޅުގަނޑުގެ ދުވަހެއް ނޫން … ޕުރޮފެސާރ.
މަޖާ ވެފައި ރައްދު ދެއްވިއެވެ:
– ތި އައީ ގަނޑުފެން ކަހާފައި ނުވަތަ ފުރޮޅު ބަދަލުކޮށްފައި.. ދޯ؟
ގަޑިޖެހިގެން އަންނަ ކުދިން އާދަވެގެން ދައްކާ ބަހަނާއަކީ އެއީ.
އަހަރެން ބުނީމެވެ:
– ޕުރޮފެސަރަކަށް އަހަރެންގެ ވާހަކަ ޤަބޫލެއް ނުކުރެއްވޭނެ…
– ކޮން ވާހަކައެއް..؟
– ތި ވިދާޅުވި ކަންތަކުގެ އިތުރަށް އަދި އަޅުގަނޑުގެ ކާރުގެ ތެޔޮ ވެސް ހުރީ ހުސްވެފައި…
ޖަވާބު ދޭން އަހަރެން ފެއްޓީމެވެ. އެކަމަކު އަތުގައި އޮތް ޤަލަމުން ނު ލިޔެވުނެވެ. ދެ ތިން އަކުރު ލިޔެވިފައި ދެލި ކަނޑައިގެން ދަނީއެވެ. ރަނގަޅު ވެދާނެ ހެން ހީވާ ހުރިހާ ކަމެއް އަހަރެން ކުރުމުން ވެސް ވީ ކަމެއް ނެތެވެ. ވީ ގޮތަކީ ފައިގައި އަޅައިގެންފައި ދެންމެ ވެއްޓުނު އިރު، އަތުގައި އޮތް ގަލަމުގެ ތުނޑު ބިމުގައި ޖެހުނީކަން އެނގުނެވެ.
ޕުރޮފެސަރ އެންޑަރސަން އަށް އަހަރެން ގަންނަ ސަކަރާތް ފެނިލެއްވީމާ ވަޑައިގެން، ވީ ގޮތެއް ސާފު ކުރެއްވިއެވެ. ގަލަން ސަކަރާތް ކަމަށާއި ވީމާ ޕުރޮފެސަރ ގެ ގަލަން ދެއްވާފާނަންތޯ އެހީމެވެ. ނަމަވެސް އޭނާ ބުނުއްވީ އެއީ އެހެން ކުއްޖެއްގެ ގަލަމެއް ކަމަށެވެ.
– އަޅުގަނޑު ދެއްނެވީމެއް ނޫންތޯ މިއީ އަޅުގަނޑުގެ ދުވަހެއް ނޫނޭ…
ހިނިތުންވެލާފައި ބުނުއްވިއެވެ:
– އަޅާ ނުލާ… ތި މައްސަލަ އަހަރެމެންނަށް ހައްލު ކުރެވިދާނެ.
އެއްވެސް ކުއްޖެއްގެ އަތުގައި، އިތުރު ގަލަމެއް އެބަ އޮތްތޯ ކުދިންނާ ސުވާލު ކުރެއްވިއެވެ. އަދި ބުނުއްވިއެވެ:
– ހީވާ ގޮތުގައި އޭނާ އެ އުޅެނީ މޭޒު މައްޗަށް ލޮނު ފުޅި އޮއްސާލައިގެން.
މޭޒު މައްޗަށް ލޮނު އެޅޭ ވާހަކަ އަކީ އެމެރިކާ މީހުން ޤަބޫލު ކުރާ ޒާތެއްގެ ޚުރާފަތެކެވެ. އޭގައި ބުނާ ގޮތުގައި، ކާ މޭޒުމައްޗަށް ލޮނު ފުޅި އޮއްސާލެވިއްޖެ މީހެއްގެ މުޅި އެ ދުވަހު ހުރިހާ ކަމެއް ވެސް ދާނީ ސުންޕާ ގޮތަކަށެވެ.
ދެ ފަހަރަކު ސުވާލު ކުރުމުން ވެސް ކުއްޖެއްގެ ޖަވާބެއް ނުލިބުނެވެ. ބޭރަށް ގޮސް ގަލަމެއް ހޯދާށޭ ޕުރޮފެސަރ ބުނުއްވިތަނާހެން، ހޯލުގެ ކުރީކޮޅު ހުރި ކުއްޖެއް އަތް އުފުލާފައި ބުންޏެވެ:
– އަހަރެން އަތުގައި ހައްލެއް އެބަ އޮތް… އެކަމަކު އޭނާ ބޭނުންވާނެ ކަމެއް ނޭނގޭ!
އެއީ ޑިމީއެވެ. އަނެއްކާ މިއަދު އަހަރެންނާ ދިމާވެގެން މި އުޅެނީ ކޮން ކަހަލަ ކަންތައްތަކެއް ބާވައެވެ! ޕުރޮފެސަރު ޑިމީ ދިން ޤަލަން ހިފައިގެން އައިސް އަހަރެން އަތަށް ދިނެވެ. އަތުން އިޝާރާތެއް ކޮށްލާފައި އަހަންނަށް ޑިމީއަށް ޝުކުރު އަދާ ކޮށްލެވުނެވެ.
މި އަދު ކަންތައް މި ދިޔަ ގޮތުން، ގަޑި ޖެހޭ އިރު ވެސް ޖަވާބު ނުދެވޭނެކަން މާ ކުރިން ވެސް އެނގުނެވެ. ބާކީ ތިބީ އަހަންނާއި ޕުރޮފެސަރ އެންޑަރސަން އާ ދެ މީހުން އެކަންޏެވެ.
– އަހަރެން ކޮންމެހެން ވެސް ދާން އެބަ ޖެހޭ.. ނިމުނީމާ ޖަވާބު ކަރުދާސް ފެކަލްޓީ ސެކެޓްރީ އާ ހަވާލު ކޮށްލާ …
އަހަންނަށް އުނދަގޫ އިޙްސާސް ވެފައިވާ ކަން އެނގިގެން ބުނުއްވިއެވެ:
– އެއްވެސް މައްސަލައެއް ނެތޭ… އަހަރެން ކަލެއަށް އިތުބާރު ކުރަން.
ހިތާމައާ އެކު ބުނަން ޖެހެނީ މި ފަދަ މުޢާމަލާތް އަހަރެމެންގެ ޤައުމުތަކުން ނުފެންނަ ކަމެވެ. އަމާނާތްތެރިކަން ވަނީ ނާދިރު އެއްޗަކަށް ވެފައެވެ. އިތުބާރު ކުރުމުގެ އަގު އެއީ ގިނަ ފަހަރަށް ނޯންނަ އެއްޗެކެވެ. އެމެރިކާގެ ޢުދުވާނަތްތެރި ކަމާއި އަދި މުޖްތަމަޢްގައި ބައެއް ކަހަލަ ފަސާދައާއި އަނިޔާވެރިކަން ފެތުރިފައި ވުމާއެކު ވެސް، އެމެރިކާ މިހާ ވަރުގަދަކޮށް ނު ވެއްޓި އޮންނަނީ ކީއްވެބާވައޭ އަހަރެން ހިތަށް ވަރަށް ގިނައިން އަރައެވެ. ޔަޤީނުން ވެސް އެއީ ހަމަ އެކަނި މާއްދީ ބާރުގެ ސަބަބަކުން ނޫނެވެ. މިއަށް ވުރެ މާ ބާރު ގަދަ ޤައުމުތަކުގެ މީހުން ވެސް ނެތި ހަލާކު ކުރެއްވި ކަމަށް މާތް ﷲ އަހަރެމެންނަށް ޚަބަރު ދެއްވާފައި ވެއެވެ. އެ މީހުންގެ އަސަރެއް ވެސް މިހާރަކު ނެތެވެ. މާތް ﷲ މިންވަރު ކުރައްވާ ވަގުތެއް ޖެހެން ދެން، އެމެރިކާ އެމްޕެރާރ އަދި ނުވެއްޓި އޮތުމުގެ ސަބަބެއް ކަމަށް އަހަންނަށް ބުނެވޭނީ، ދެންމެ މި ބުނި ކަހަލަ އަގުތައް އެމެރިކާގައި ހުރުމެވެ.
މި ކަހަލަ ރީތި ސުލޫކުތައް މުސްލިމް މުޖްތަމަޢްތަކުން ފޮހެވިގެން ދިޔައީ ކީއްވެހެއްޔެވެ؟ ހުރި މާއްދީ ނާތަހުޒީބުކަމުގެ އިތުރަށް، އަޚްލާޤީ ގޮތުން ވެސް ނާ ތަހުޒީބު ބަޔަކަށް މުސްލިމުން ވަނީ ކީއްވެހެއްޔެވެ؟ މުނާފިޤް ކަމުގެ އަޑެއް ނޫނީ ނު އިވެނީ ކީއްވެހެއްޔެވެ؟ ހުރިހާ ރީތި އަދި ރަނގަޅު އަޚްލާޤަކަށް ގޮވާލާ އިސްލާމް ދީން، އެއީ ކޮންމެ މީހަކު ވެސް އެ މީހެއްގެ އަމިއްލަ ބޭނުންތަކަށް ވާސިލްވާ، އަމިއްލަ މަސްލަހަތައްޓަކައި ކުޅޭ ކުޅޭ އެއްޗަކަށް ހަދަނީ ކީއްވެހެއްޔެވެ؟ އެ މީހުންގެ ހުރިހާ ވެސް ބޭނުމަކަށް ވެފައި އޮންނަނީ ޖީބު ފުރުވުމާއި ބަނޑު ފުރުވުމެވެ. އިސްލާމް ދީން ވެފައި އޮންނަނީ، ސިޔާސީ ކޮންމެ މީހަކު އުފުލާލާ ޝިޢާރަކަށް ނުވަތަ ސަރުކާރު ޝައިޚުން ހަފާލާ ޗުއިންގަމް ގަނޑަކަށް ނުވަތަ މުނާފިޤުން ކިޔާލާ ބަންޖަކަށެވެ.
އަހަރެން އެކަނި ބަހައްޓާފައި، ޕުރޮފެސަރ އެންޑަރސަން ހޯލުން ނުކުމެގެން ދިޔަތަން ބަލަން ހުރި ވަގުތު ހިތައް އެރީ މި ފަދަ އެއްޗެހިތަކެކެވެ. ދެން އަނެއްކާ ވެސް ސުވާލު ޕޭޕަރު ތެރެއަށް ވަދެ، ޖަވާބު ދެވޭތޯ ބެލީމެވެ. ސާމާނުތައް އެއްކޮށްލައިގެން ނުކުތް ވަގުތު ޑިމީ އަހަރެންގެ އިންތިޒާރުގައި ދޮރުމަތީ ހުއްޓެވެ.
– ޑިމީ… ކީއްތިކުރަނީ މިތާ..؟
– ކަލޭގެ އިންތިޒާރުގައި. އަހަރެން ..
އޭނާގެ ޖުމްލަ މެދު ކަނޑާލަމުން އަހަރެން ބުނީމެވެ:
– ގަލަން ހޯދަން ދޯ ..؟
– ސަމާސާ ކަނޑާފަތަ ހަމަ ތި ހެން ތި ބުނީ.. ސޭކު ވާހަކަ ނު ދައްކަ ބަލަ. ކިހިނެއްތަ އިމްތިޙާން…؟
– ހީވަނީ ރަނގަޅު ވާނެ ހެން .
– ދެން މިހާރު ކޮން ކަމެއް އޮތީ..؟
– ސެކެޓްރީ އަތަށް ޖަވާބު ކަރުދާސްތައް ދިނުން .
– ދެން އޭގެ ފަހުން…؟
– ދެން ގެއަށް ގޮސް ކުޑަ އަރާމެއް ނަގާނީ… އޭގެ ފަހުން މާދަމާ ނޫން އަނެއް ދުވަހު އޮތް އިމްތިޙާނަށް ތައްޔާރު ވާނީ..
– ކުރިން ވެސް އަހަރެން ސުވާލު ކުރި ކަންތަކާ ބެހޭ ގޮތުން ކުޑަކޮށް ވާހަކަ ދައްލާނެ ވަގުތު އެބަ އޮތްތަ..؟
– ނޫން… މިވަގުތު ވަރަށް ދަތި.
އަހަންނާއި ޑިމީގެ ހަތަރު ކަޅި ހަމަވިއެވެ. އޭނާގެ ލޮލުން ފެނުނީ އާދޭހެވެ.
– ޑިމީއަށް އަހަރެންގެ ހާލަތު ވިސްނޭނެ ކަމަށް އުއްމީދު ކުރަން.
އޭނާ ޖަވާބެއް ނުދީ އަހަންނާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. އަދި އަތުގައި އޮތް ޗޮކޮލެޓް ބުރިއެއް އަހަންނަށް ދިއްކޮށްލިއެވެ.
– ޝުކުރިއްޔާ.. އަހަންނަކަށް ތި ނުކެވޭނެ…
– އެއީ އަހަރެން ދިން އެއްޗަކަށް ވީމާތަ؟
– ނޫނޭ… އެއްގޮތަކަށް ވެސް އެހެން ވެގެނެއް ނޫން. ސަބަބަކީ އަހަރެން ރޯދަ… މާފު ކުރޭ، މިހާރު ދެން ދާން ވެއްޖެ.
އެހެން ބުނެފެއި އަހަރެން ހިނގައިގަތީމެވެ. މަދު ފިޔަވަޅުތަކެއް އެޅުނުތަނާ އޭނާ ގޮވާލިއެވެ:
– މުޞްޢަބް… އަހަންނަށް ސުވާލެއް ކޮށްލެވިދާނެތަ؟
އަހަރެން އެނބުރުނު އިރު އޭނާ ހުރިތާނގައި ހުއްޓިގެން ހުއްޓެވެ. ކަމަކާ ހާސްވެގެން އުޅޭހެން، އަތުގައި އޮތް ޗޮކޮލެޓާއި ކުޅެލަ ކުޅެލައެވެ.
– ކޮން ސުވާލެއް…؟
– ޙަޤީޤަތަށް ބުނެބަލަ… އަހަރެންގެ ކަންތައް ކަލެއަށް މުހިއްމުތަ؟… މި ބުނީ އިސްލާމް ދީނުގެ ޙަޤީޤަތް، ނުވަތަ ކޮންމެވެސް ވަރެއް، އަހަންނަށް އެނގުން އެއީ ކަލެއަށް މުހިއްމު ކަމެއްތަ؟
ސުވާލުން އަހަންނަށް ހައިރާން ކަމެއް ލިބުނެވެ. އަހަރެންގެ ހިތް ވޭނުން ތެޅޭހެން އިޙްސާސް ވިއެވެ. އަނެއްކާ އޭނާ އާ ނުބައި ގޮތަކަށް މުޢާމަލާތު ކުރެވުނީބާވައޭ ހިތަށް އެރިއެވެ. މި ނޫން ވެސް ވަރަށް ގިނަ އެއްޗެހިތަކެއް ޚިޔާލަށް އައެވެ. ނަމަވެސް އޭނާއާ ވާހަކަ ދައްކަން ހުންނާނެ ވަގުތެއް އަހަންނަކަށް ނެތެވެ. އެހެންވެ އޭނާ ގާތަށް ޖެހިލާފައި އަހަރެން ބުނީމެވެ.
– މިއަދު މީ ހޯމަ. މާދަމާ ނޫން އަނެއް ދުވަހު އިމްތިޙާނެއް އެބަ އޮތް… ވީމާ ބުރާސްފަތި ދުވަސް އަހަރެން އެއްކޮށް ހުސްވާނެ.
– އެންމެ ރަނގަޅު… މިޢާދަކީ ބުރާސްފަތި ދުވަސް. ހަމަ އެ ގަޑީގައި. ހަމަ އެ ތާނގައި.
– ކޮން ވަގުތެއް އަދި ކޮންތަނެއްގެ ވާހަކަ ތި ދައްކަނީ…؟
– އިރު އޮއްސި ހަތެއް ޖަހާ އިރު. ލިބަޓީ ކެފޭގައި.
– އެންމެ ރަނގަޅު…
އޭނާ އަތުގައި އޮތް ޗޮކޮލެޓް ބުރި ދަމައިގަންނަމުން އަހަރެން ބުނީމެވެ:
– ގެއަށް ގޮސް އަހަރެން މީތި ކާލާނަން. ރޯދަ ވީއްލުމަށް ފަހު…
އަހަރެންގެ ޖުމްލަ ނުނިމެނީސް އޭނާގެ މޫނު މައްޗަށް އުފާވެރިކަމުގެ ރާޅުބާނީތަކެއް އައެވެ. ހިތް ހަމަޖެހުމުގެ ހިނިތުންވުމެއް ތުންފަތަށް ވެރިވިއެވެ.
ނަމަވެސް އެއްވެސް އެއްޗެކޭ އޭނާ ނުބުނެއެވެ.
– ވަދާޢް…
އެހެން ބުނެފައި އަހަރެން ހިނގައިގަތީމެވެ.
ބުރާސްފަތި ދުވަހު ފަތިސް ނަމާދު ކުރުމަށް ފަހު އަނެއްކާ ވެސް ދިހައެއް ޖަހާކަށް ހާ އިރު ވަންދެން ނިދާލީމެވެ. ވޭތުވެދިޔަ މަސްތަކެއްގައި ވެސް އަހަރެން އެހާ ގިނަ އިރުވަންދެން ނުނިދަމެވެ. ހޭލައިގެން އަހަރެން ނިންމީ ކޮންމެވެސް އެއްޗެއް އަމިއްލައަށް ކައްކާލާށެވެ. އަމިއްލައަށް ކެއްކި އެއްޗެއް ނުކާތާ ވެސް ލައްކަ ދުވަސް މިހާރު ވެއްޖެއެވެ. ކިޔެވުމާއިގެން އުޅެން ޖެހޭ ވަގުތު ގިނަކަމުން، ޖޭމުކޮޅެއް ނުވަތަ ޗީޒް ކޮޅެއް ނުވަތަ މަސް ދަޅަކުން ސޭންޑުވިޗެއް ހަދާލައިގެން ފުއްދާލަނީއެވެ.
މިއަދު އަހަރެން ހަދާލާނީ ވަރަށް އާ ވައްތަރެއްގެ ކާ އެއްޗެކެވެ. އެއީ އަހަރެން މި ތަނަށް އަންނަން ވެގެން އުޅުނު އިރު، ކޮއްކޮ ޙިއްޞާ ދަސްކޮށް ދިން އެއްޗެކެވެ. ޙިއްޞާ އަހަންނަށް ވުރެ ދެ އަހަރު ހަނގެވެ. މީގެ ދެ އަހަރެއް ކުރިން ޗުއްޓީގައި އަހަރެން ރަށަށް ދިޔައީމެވެ. ޚަބަރުތައް ކިޔައި ދެމުން ގޮސް، އަހަރެން އަމިއްލައަށް ކައްކާ ވާހަކަ ބުނީމާ މަންމަ އަހަންނާމެދު ވަރަށް ހަމްދަރުދީވިއެވެ. އެހެންވެ އަހަރެންގެ މައްސަލައަށް އޮތް ހައްލެއް ޙިއްޞާ، މަންމަ އަށް ހުށައެޅިއެވެ. އެއީ އަހަންނަށް އަންބަކު ހޯދުމެވެ. އެހެން ބުނެފައި އަދި ކޮއްކޮ ފުއްދާލީކީ ނޫނެވެ. އަހަންނާ އެކަށީގެންވާ ރަނގަޅު އަންހެން ކުއްޖަކު ހޯދުމަކީ އެއީ އޭނާގެ ޒިންމާއެއް ކަމުގައި ވެސް ކަނޑައެޅިއެވެ.
އިމްތިޙާންތަކާ ހެދި ގޭތެރޭގެ ކަންތައް އޮތީ ހަމްދަރުދީވާ ދަރަޖައަކަށް ވެއްޓިފައެވެ. ރަނގަޅަށް ހެނދުނު ނާސްތާ ކޮށްގެން، ގޭތެރެ ހަމައަކަށް އަޅުވާލީމެވެ. ޑިމީ އާ ބައްދަލު ކުރާ ގަޑި ކައިރި ވީ ވަރަކަށް އަހަރެންގެ ހާސްކަން ވެސް ދިޔައީ އިތުރުވަމުންނެވެ.
”ރެއިންބޯ ކަލާރ” ބާޒާރު މަރުކަޒަށް އަހަންނަށް ދެވުނީ ހަތެއް ޖެހުމުގެ ކުޑަ އިރުކޮޅެއް ކުރިންނެވެ. އިއްތިފާޤަކުން ޑިމީ ވެސް އޭރު ހަމަ އެތަނާ އަރާ ހަމަވަނީއެވެ. ލިބަޓީ ކެފޭއަށް ވަނުމުން އަހަންނަށް ހީވީ، ފުރަތަމަ ފަހަރަށް އެތަނަށް ވަދެވޭހެންނެވެ. ކުރީ ފަހަރު އެތާނުގެ ޗާލުކަމާއި ކުލަތައް ގުޅުވާފައި ހުރި ފުރިހަމަ ކަން އެހާ ރަނގަޅަށް ފާހަގަ ކުރެވިފައި ނެތެވެ. މަޑު މިއުޒިކެއް ވެސް ޖަހާފައި ހުއްޓެވެ. އަހަރެން ހާސްވާ ގޮތް ވިއެވެ. ތަނަކީ ވަރަށް ރޮމޭންސީ ތަނެކެވެ. ވީމާ ﷲ ގެ މަގަށް ގޮވާލަން އެކަށީގެންވާ ތަނަކަށް ވުރެ އެތަން ގާތްކަން ބޮޑީ ޢާޝިޤުންގެ ބަގީޗާއަކާއެވެ. ހާސްކަމާއެކު އަހަރެން ބުނީމެވެ:
– މިތަން ކަމަކު ނުދޭ…
– އެއީ ކީއްވެ…؟
– މިއުޒިކް ޖަހާފައި ހުރުމާއި ފަނޑު އަލި. އަހަރެމެން މިތަނަށް މިއައީ ރޯމިއޯ ޖޫލިއެޓް ގެ ވާހަކަ ދައްކާކަށް ނޫނެއްނު.
ފަހުން މި ބުނެވުނު ލަފްޒުން އަހަރެންނަށް އުނދަގުލެއް އިޙްސާސްވިއެވެ. ދެން ޑިމީ ބުންޏެވެ:
– އެހެންވިއްޔާ ކިހިނެއް ހަދަންވީ…؟
– ތަން ބަދަލު ކުރާނީ…
– މެކްޑޮނަލްޑް ކަހަލަ ތަނަކަށްތަ ދާން ބޭނުންވަނީ؟ ޒުވާން ފިރިހެން ކުދިންނާއި އަންހެން ކުދިން އެއްވެ އުޅޭ… އެނގެއެއް ނު؟
– ނޫނޭ..
– އަހަރެންގެ ގެއަށް ދިއުން ކިހިނެއް ވާނީ…؟ ޑެމީ ސުވާލު ކުރިއެވެ.
އަހަރެން އަވަހަށް ބުނީމެވެ:
– ނޫނޭ.. ނޫނޭ..
ޑިމީ ބުންޏެވެ:
– އެހެން ވިއްޔާ ކަލޭގެ ގެ ކިހިނެއް ވާނީ ؟
– ކަމަކު ނުދާނެ…
އުނދަގޫ ހާލަތަކަށް ޑިމީ އަހަރެން ވައްޓާލައިފިއެވެ. ބުނާނެ އެއްޗެއް ނޭނގި ހިނދުކޮޅަކަށް ހުރުމަށް ފަހު އަހަރެން ބުނީމެވެ:
– އަސްލު މައްސަލައަކީ އަހަރެން މިއުޒިކެއް ބޭނުމެއް ނޫން .
އަހަރެން އެހެން ބުނުމުން ޑިމީ މެނޭޖަރު ގާތަށް ގޮސް ކުޑަ ވާހަކައެއް ދައްކާލާފައި އެނބުރި އައި އިރު، މޫނު މަތިން ހިނިތުންވުމުގެ އަސަރު ފާޅުވެއެވެ. އަދި ބުންޏެވެ:
– މިއުޒިކް މައްސަލަ ހައްލުވެއްޖެ…
ކެފޭ މުވައްޒަފެއް އަހަރެމެން ގޮވައިގެން ގޮސް ކެފޭގެ ހިމޭން ކަނެއް ދެއްކިއެވެ. މިއުޒިކްގެ އަޑެއް އެތަނުން ނު އިވެއެވެ.
– މިއީ ކިހިނެއް…؟ އަހަރެން ޑެމީ އާ ސުވާލު ކުރީމެވެ.
– އެ މީހުން ހުންނަނީ ބޭނުން ދިމާލަކަށް އަޑު ފޮނުވޭ ގޮތަށް ހަދާފައި.
ދެ މީހުން ވެސް ގޮނޑީގައި ހަމަޖެހިލައިގެން، ފުރަތަމަ ވެސް ދައްކަން ފެށީ އިމްތިޙާންގެ ވާހަކައެވެ. އިރުކޮޅަކުން ކޮފީ އައެވެ. ކޯވަރެއް ބުއިމަށްފަހު އަހަރެން ސުވާލުކޮށްލީމެވެ:
– ސުވާލު ކުރަން ބޭނުން ވަކި ޚާއްޞަ މައުޟޫއެއް އެބަ އޮތްތަ…؟
ގޮނޑީގައި ހަމަ ޖެހިލަމުން ޑިމީ ބުންޏެވެ:
– ހަނދާން ހުންނާނެކަން ނޭނގޭ… ކުރީ ދުވަހަކު ދެ ކަމަކާ ބެހޭ ގޮތުން އަހަރެން ސުވާލު ކުރީމެއްނު؟ އެއް ކަމަމަކީ އެހެން މީހުން ޤަބޫލު ކުރުމާއި ބެހޭ ގޮތުން. އަނެއް ކަމަކީ ލޯތްބާއި ބެހޭ ގޮތުން. ލޯތްބާއި ބެހޭ ގޮތުން ވާހަކަ ދައްކާލާނެ ފުރުޞަތެއް އެ ދުވަހު އޮތީ ނުލިބިފައި. ސުވާލަކީ އިސްލާމް ދީން ލޯތްބާއި މެދު ދެކެނީ ކިހިނެއްހޭ…؟
ޖަވާބުގައި އަހަރެން ބުނި އެއްޗެއް ނޭނގެއެވެ. އެ ކަމަކު ހަނދާން ވާ ގޮތުގައި އަހަރެން ޖަވާބު ފެއްޓީ މި ކަހަލަ ގޮތަކަށެވެ:
– ލޯތްބަށް ދީފައިވާ ހާ މަތިވެރި ދަރަޖައެއް އިސްލާމް ދީން އެހެން އެއްވެސް އެއްޗަކަށް ނުދޭ. އެގޮތުން އިސްލާމް ދީން ވަނީ ލޯބީގެ އެންމެ މަތީ ދަރަޖައަކީ މާތް ﷲ ދެކެވާ ލޯބި ކަމުގައި ކަނޑައަޅާފައި. ހުރިހާ ލޯތްބެއްގެ ނިމުމަކީ މާތް ﷲ ދެކެ އަހަރެމެން ވާ ލޯބި. އެ ގޮތަށް އިސްލާމްދީން ކަނޑައެޅުމުގެ ބޭނުމަކީ، ހުރިހާ މާއްދީ ގުޅުންތަކުން ލޯބި އެއްކިބާ ކުރުން. ހުރިހާ އަމިއްލަ އެދުމާއި ފުއްދުނީމާ ނިމިގެންދާ ވަގުތީ ޝަހުވަތްތެރި ކަމުން ލޯބި އެއްކިބާކޮށް ސަލާމަތް ކުރުން. އިސްލާމް ދީން ދެކޭ ގޮތުގައި ލޯބީގެ އެންމެ މަތީ ދަރަޖައަކީ މާތް ﷲ ދެކެ ވާ ލޯބި. މާތް ﷲ އާއި އެކަލާނގެ ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ ލޯބި ނުވާހާ ހިނދަކު މީހާ އީމާން ވި ކަމަކަކަށް ނުވާނެ. އަމިއްލަ ނަފްސަށް ލޯބި ކުރާ ކަންތައް އަނެއް އަޚާއަށް ލޯބި ނުކުރަނީސް އީމާންކަން ފުރިހަމައެއް ނުވާނެ. ވީމާ އިސްލާމް ދީނުގައި ހުރިހާ ލޯތްބެއްގެ އާޚިރު ނިމުމަކީ މާތް ﷲ ދެކެ ލޯބިވުން. މި ގޮތަށް އިސްލާމް ދީން ދެކެނީ، މާއްދީ ދުނިޔެ ދޫކޮށް ރޫޙާނީ ދުނިޔެއަކަށް ލޯބި ގެންދަން. ބިމުގެ އެއްޗެއްގެ ބަދަލުގައި އުޑުގެ އެއްޗަކަށް ލޯބި ހަދަން.
އެއީ ކިހިނެއްހޭ ޑިމީ ހިތަށް އަރާފާނެ…
މާއްދީ އަދި ބިމުގެ އެއްޗެއްސަކީ ނިމި ފަނާވެދާ އެއްޗެއް. އެކަމަކު ރޫޙާނީ އަދި އުޑުގެ އެއްޗެއްސަކީ އަބަދަށް ދާއިމަށް ދެމިގެންދާ އެއްޗެއް. ފިރިހެނަކާއި އަންހެނަކާ ދެމެދުގައި އޮންނަ ކާވެންޏަކީ ގޮތަކަށް ބުނައްޏާ ލޯބީގެ ނަތީޖާއެއް ނޫންތަ؟ ނިކަން ބަލާލަ ބަލަ، ދެ މީހެއް ކާވެންޏާ ހަމައަށް ގެން ގޮސްދޭ ލޯބީގެ ވައްތަރުތަކަށް އިސްލާމް ދީން ބަލާ ގޮތް.. މުއްސަނދިކަން. ދެން ޙަސަބު. ދެން ރީތިކަން. ދެން ދީން. މި ހަތަރު ކަމުގެ ތެރެއިން އިސްލާމްދީން އެންމެ އިސްކަން ދެނީ ދީންވެރި ކަމަށް. އެއީ ދެމިހުންނަ ކަމަކީ ހަމައެކަނި އެއީ ކަމަށް ވާތީ. އެކަމަކު އަނެއް ތިން ކަންތައް ވެސް ހަނދާން ނެތިކޮށެއް ނުލާ. ދީންވެރި ކަމަކީ އިސްލާމްދީން ގެނައި ހުރިހާ ރީތި އަޚްލާޤެއް އޭގައި ހިމެނިފައި ވާ ކަމެއް. އޭގެ އެންމެ ކުރީގައި ވަނީ މާތް ﷲ ދެކެ ލޯބިވުން. އެ ގޮތުން މާތް ﷲ ގެ އެއްކައުވަންތަކަމަށް އީމާން ވާން ޖެހޭ. އެ ކަލާނގެ އާ އެއްވެސް ފަރާތަކާ ޝަރީކުކޮށްގެން ނުވާނެ. އިސްލާމްދީން މި ފަދަ ލޯބީގެ އަގު ވަރަށް ބޮޑަށް ވަޒަން ކުރޭ. ސަބަބަކީ އެ ލޯބީގެ ލަނޑު ދަނޑިއަކީ މާތް ﷲ ގެ ރުއްސެވުން ހޯދުން. ނެތިގެންދާ މާއްދީ ލޯތްބަކަށް އިސްލާމްދީން ހިތްވަރެއް ނުދޭ. ފައިސާއަކީ ފަނާވެދާނެ އެއްޗެއް. ހަށިގަނޑަކީ މުސްކުޅިވެ ނިމިދާނެ އެއްޗެއް. ޙަސަބަކީ ނެތިގެން ދާނެ އެއްޗެއް.
ކުރިން މި ބުނި ކަހަލަ ލޯބްތަކީ ފަނާވެދާނެ އެއްޗެއް ނޫން. އެއީ އަބަދުވެސް އާވެ އާވެ ހުންނަ އެއްޗެއް. އެއީ ރޫޙާނީ ބަރާކުން ދިރުން ލިބި ލިބި ހުންނަ އެއްޗެއް. މާއްދީ އެއްޗެއްސަކީ އެ ލިބުމުން ދުވަސްކޮޅަކުން އެ ދެކެ ފޫހީވާ އެއްޗެއް. ރީތީ އެއްޗެހި ދެކެ އަހަރެމެން ލޯބި ނުވޭތަ؟ އެކަމަކު އެ ލިބުމުން އެ ފަދަ އެހެން އެއްޗަކާ ދިމާއަށް އަހަރެމެން އެނބުރެމު.
ބަލާބަލަ… ހެޔޮކޮށް މުޢާމަލާތު ކުރުމަށް. އަދަބުވެރިކަމަށް. ރަޙްމަތަށް. އެހީތެރިވުމަށް. މިފަދަ ސިފައެއް ހުރި މީހެއް ފެނިއްޖެނަމަ އަހަރެމެން އެ މީހެއް ދެކެ ލޯބި ނުވަންތަ؟ މި ސިފަ އޭނާގެ ކިބައިގައި އިތުރު ވާ ވަރަކަށް އަހަރެމެން އޭނާ ދެކެ ވާ ލޯބި ވެސް ވާނީ އިތުރު. ރޫޙާނީ ލޯތްބާއި މާއްދީ ލޯތްބާއި މެދު އިސްލާމް ދީން ބަލާ ގޮތެއް އޮވޭ. އެއީ މިއިން ކޮންމެ ބައެއް ވެސް މީސްތަކުންނަށް އުފާވެރިކަން ގެނެސްދެނީ ކިހާ މިންވަރަކަށްތޯ ބެލުން. އަދި ވީހާ ވެސް ދިގު މުއްދަތަކަށް ވީހާ ވެސް ގިނަ ބަޔަކަށް އެ އުފާވެރިކަން ފޯރުކޮށްދެވެނީ ކޮން ވައްތަރަކަށް ތޯ ބެލުން.
މިސާލަކަށް ބަލާބަލަ، ރީތިކަން. ރީތިކަމަކީ އެއީ އެކަކަށް ހިތްހަމަ ޖެހުމާއި އުފާވެރިކަން ގެނެސްދީފާނެ އެއްޗެއް. ހަށިގަނޑުގެ ރީތިކަމުން ހިތް ހަމަ ޖެހުން ލިބޭނީ ފިރިމީހާއަށް އެކަނި. ނަމަވެސް ވަކި މުއްދަކަށް. ޒަމާން ދަތުރު ކުރާ ވަރަކަށް ރީތިކަން ދާނީ އުނިވަމުން. އަދި އަނެއްކާ މާއްދީ ރީތި ކަމަކީ، ކުޑަ ހިނދުކޮޅެއްގެ އަރާމު ލިއްބައިދޭ އެއްޗެއް.
އަނެއް ކޮޅުން އަޚްލާޤަށް ބަލާބަލަ. އެއީ ރޫޙީ ރީތިކަން. އޭގައި ހިމެނެނީ ރަޙްމަތް. އޯގާތެރިކަން. އެހީތެރިކަން. އަދަބުވެރިކަން. އަދި މި ނޫންވެސް ރީތި ސިފަތައް. މި ކަންތައްތަކަކީ ކިތައް މީހުންނަށް ހިތްހަމަ ޖެހުން ލިއްބައިދޭނެ ކަންތައްތަކެއް. މިއީ ދުވަސް ވުމުން އުނިވެ ނުވަތަ ގެއްލިގެން ދާ ކަންތައްތަކެއް ނޫން. ހުރިހާ ޒަމާނެއް ގައި ވެސް އަދި ހުރިހާ ތަނެއްގައި ވެސް، މި ރީތި ސިފަތަކުން ހިތްހަމަ ޖެހުން ލިބިދޭ. މި ފަދަ ލޯތްބަކީ ހަށިގަނޑުގެ އިން ހުރަސްކޮށް އުޑުގެ ތަނަވަސް އުދަރެހުގައި ވާ އެއްޗެއް.
ރޫޙޫގެ ރީތި ކަމަކީ ފިރިހެނެއްގެ ކިބައިގައި ވެސް އަދި އަންހެނެއްގެ ކިބައިގައި ވެސް ހުރެދާނެ އެއްޗެއް. ކަޅު މީހެއްގެ ކިބައިގައި ވެސް އަދި ދޮން މީހެއްގެ ކިބައިގައި ވެސް ހުރެދާނެ އެއްޗެއް. މުސްކުޅިއެއްގެ ކިބައިގައި ވެސް އަދި ކުޑަ ކުއްޖެއްގެ ކިބައިގައި ވެސް ހުރެދާނެ އެއްޗެއް. އެކަމަކު މާއްދީ ރީތި ކަމަކީ ހަމައެކަނި ހަށިގަނޑުގައި ވާ އެއްޗެއް. އަދި އެއީ މާތް ﷲ ދެނެވޮޑިގެންވާ ޙިކުމަތަކަށް، ވަކި ޚާއްޞަ މަދު ބަޔަކަށް ލިބިގެންވާ އެއްޗެއް. ޑިމީ… ރޫޙީ އަސާސެއްގެ މަތީގައި ބިނާ ކުރެވޭ ލޯތްބަކީ އެއީ އިތުރުވެ ތަނަވަސްވުމުގެ ފުރުސަތު އޮންނަ އެއްޗެއް. އަބަދުވެސް އަހަރެމެންނަށް ރަޙުމް އިތުރު ކުރެވިދާނެ. އޯގާތެރިކަން އިތުރު ކުރެވިދާނެ. އަނެކާ ޤަބޫލު ކުރުން އިތުރު ކުރެވިދާނެ. މާތް ﷲ ދެކެ ވާ ލޯބީގެ ބާރުގައި، ފަހަރަކަށް ވުރެ ފަހަރެއް މި ކަންތައް އިތުރު ކުރެވިދާނެ. ނަމަވެސް ލިބިފައިވާ ރީތި ކަމަށް ވުރެ އިތުރަށް ރީއްޗެއް ނުވެވޭނެ. ހުރި އުޖާލާ ކަމަށް ވުރެ އުޖާލާއެއް ނުވެވޭނެ. ސަބަބަކީ ހަށިގަނޑަކީ ފަނާވެދާ ބިމާ ގުޅިފައިވާ އެއްޗަކަށް ވާތީ. މާއްދީ ރީތި ކަމާއި ގުޅިފައިވާ ލޯތްބަކީ، ޑިމީ… ނެތިގެން ހިނގައިދާނެ އެއްޗެއް.
އަހަންނަށް ހީވަނީ މި ވާހަކައާއި އަދި މި ނޫންވެސް ވަރަށް ގިނަ ވާހަކަ ދެއްކުނު ހެންނެވެ. ޔަޤީންވާ ކަމަކީ، ވާހަކަ ދެއްކީ ހަމަ އެކަނި އަހަރެންގެ ހަށިގަނޑު ނޫން ކަމެވެ. އޭގެ އިތުރަށް އަހަރެންގެ އަތާއި ލޮލާއި މުޅި ހަށިގަނޑު ވެސް ވާހަކަ ދެއްކިއެވެ. ވާހަކައިގެ ތެރޭގައި ބޮވުނީ ކިތައް ކޮފީ ކަމެއް ވެސް ނޭނގެއެވެ. ޑިމީ ގެ މޫނަށް ދޭތެރެ ދޭތެރެއިން އަހަރެން ބެލީމެވެ. އޭނާގެ މުޅި ވުޖޫދު ވަނީ އަހަރެންނާ އެކުގައޭ ބަލާލުމުން އިޙްސާސް ކުރެވުނެވެ. އަހަންނަށް ހީވީ އޭނާގެ ނަޒަރު، އަހަރެންގެ ހަށިގަނޑު ފޫ އަޅުވާލާފައި އެތެރެއަށް ފޭދިގަނެފާނެ ހެންނެވެ. ދެ އަތްތިލަ މޮޑެގެން މޭޒުމަތީގައި ބާއްވައިގެން އިސްދަށަށް ޖަހައިގެން ހުއްޓާ، އަސަރުން ފުރިގެންވާ އަޑަކުން ބުނި އަޑު އިވުނެވެ:
– ތީ އަހަރެންގެ މުޅި ޙަޔާތުގައި ވެސް އަޑު އެހި އެންމެ ރީތި ވާހަކަ.
އެހެން ބުނުމުން ވިސްނުމެއްގެ ތެރެއަށް ހިނދުކޮޅަކަށް އަހަރެން ގެނބުނެވެ. ސަމާލުކަމެއް ލިބުނީ ޑިމީގެ ދެ އަތްތިލަ ގެނެސް އަހަރެންގެ ދެ އަތްތިލާގައި ހިފީމައެވެ. ހަށިގަނޑުގެ ނާރު ތެރެއަށް މަސްތެއް ވެރިވިހެން ހީވިއެވެ. ހަށިގަނޑުގައި ހޫނެއް ދަތުރު ކުރަން ފެށިއެވެ. ލީ ނޭވާގައި ވެސް ވަނީ އެ ހޫނު ކަމެވެ. އޭނާގެ އެ ހަރަކާތާ ދެކޮޅު ނު ހަދާ، ހިނދުކޮޅެއް ވަންދެން ކިޔަމަންވެގެން ހުރެވުނެވެ. ނަފްސުގެ އެންމެ އަޑިން ކަރު ހިއްކުމުގެ އިޙްސާސެއް ކުރެވުނެވެ. ކޮން އެއްޗަކަށް ކަމެއް އަހަންނަކަށް ނޭނގެއެވެ. ފަހަރެއްގާ އެއީ ހަމަ ޖެހުމާއި ހިމޭން ކަމަށެވެ. އަހަރެންނަށް އެ ހިމޭންކަން ގެނެސްދިން އަތްތިލައަށެވެ.
މީހުންގެ ހަށިގަނޑާ ނަފްސުގެ އެންމެ އެތެރެއަށް ވަދެގަތުމުގެ މިފަދަ ބާރެއް އަންހެނުންނަށް ލިބިގެން ވޭހެއްޔެވެ. ނޫނީ މިއީ ހަމަ އެކަނި ޑިމީ އަށް ލިބިގެންވާ ބާރަކީ ބާވައެވެ. އޭނާ އަހަންނަށް ގޮވި އިރު އަހަރެން ހުރީ އެއްކޮށް ހިމޭންވެފައެވެ.
– މުޞްޢަބް…. ކަލޭ ރަނގަޅު ތަ؟
ބޯ ހިއްލާލުމަށް ފަހު، ޑިމީގެ އަންހެންވަންތަ ފިތުނައިން ފުރިގެންވާ މޫނާ މެދު ވިސްނާލީމެވެ. އަދި އަހަރެންގެ އަތް އޭނާގެ އަތު ތެރޭގައި އޮއްވާ ފެނުނެވެ. މާތް ކަލާކޮ! …. މި ކުރެވުނީ ކީއްތަ؟ އެ ވަގުތު ޚާލިދުގެ ރުއިމުގެ މަތިން ހަނދާންވިއެވެ. އަދި ”މާޤާމުގެ މަތިވެރިކަން ހަނދާންކޮށްފި މީހަކަށް އެހެން ހުރިހާ އެއްޗެއް ނިކަމެތި އެއްޗަކަށް ވެދާނެ” މި ޖުމްލަ އަހަރެންގެ ސިކުނޑީގައި ގުގުމަން ފެށީއެވެ.
އަހަންނަށް ހީވީ ހަށިގަނޑުގައި ކަރަންޓު ދަތުރު ކުރަނީހެންނެވެ. އެ ހިނދު ކުއްލިއަކަށް އަހަރެން އަތް ދަމައިގަތީމެވެ. ދަމައިގަތް ވަގުތު މޭޒުމަތީގައި ހުރި ކޮފީ ތަށީގައި އަތް ޖެހި ހޫނު ކޮފީ އަހަރެންގެ އަތަށާ ގަޔަށް އެޅުނެވެ. ވީ ހޫނުން އަހަންނަށް ހަޅޭއްލަވައިގަނެވުނެވެ. އޭނާއަށް ވެސް ލިބުނު ސިހުމާ އެކު ވަރަށް ބަރާށް ބުންޏެވެ:
– އަހަންނަށް މާފު ކުރޭ… މާފު ކުރޭ…
ހަޅޭކުގެ އަޑަށް ވޭޓަރު އައިސް އަވަހަށް އަހަރެންގެ ހެދުން ސާފުކޮށް ދިނުމުގައި އެހީވިއެވެ. އަދި ފުރަތަމަ އެހީއެއްގެ ގޮތުން އުނގުޅާ ބޭހެއް ވެސް ގެނެސް ދިނެވެ. އަވަސް ފަރުވާއެއް ބޭނުންވާކަން އަތަށް ބެލީމާ އެނގެއެވެ. އެހެންވެ އަވަހަށް ހަސްފަތާލަށް ދިއުމަށް ކެފޭ މީހުން ނަޞޭޙަތްތެރިވިއެވެ. ޑިމީ ގެ ކާރުގައި އަހަރެން ހޮސްޕިޓަލަށް ގެންދަން ޑިމީ ފައިވިއްދީމާ އަހަންނަށް ޖެހުނީ އެ ގޮތް ޤަބޫލު ކުރާށެވެ. ދިޔަ މަގުމަތީގައި އެއްކޮށް އޭނާ ރުއީއެވެ. އަދި މާފަށް އެދުނެވެ.
ހަސްފަތާލުން ނިމިގެން އަހަރެންގެ ކާރު އޮތް ތަނަށް ދިޔައީމެވެ. މި ހާލުގައި އަހަރެން އަމިއްލައަށް ކާރު ދުއްވުމާ އޭނާ ކިތަންމެ ވަރަކަށް ވެސް ދެކޮޅު ހެދިއެވެ. ޒަޚަމްވެފައި ވަނީ އަހަރެންގެ އަތެއް ނޫނެވެ. އަހަރެންގެ ހިތެވެ. ކާރުގައި އަހަރެން އިށީނުމުން ޑިމީ އައިސް އޮބިލާފައި ގޮނޑީގެ ކަމަރު އަޅުވާލަ ދިނެވެ. އެ ވަގުތު އޭނާގެ އިސްތަށިގަނޑު އަހަރެންގެ މޫނުގައި ބީހުނެވެ. ހަށިގަނޑަށް ވިހައެއްގެ އަސަރު ކުރާހެން އެ ބީހުމުގެ އަސަރު އަހަރެންގެ ހަށިގަނޑަށް ކުރިއެވެ. އަހަރެންގެ ދެކޮޅު ހެދުމުގެ ބާރު ވަނީ ހުސްވެފައެވެ. އަހަރެން ވަނީ ނުރައްކަލެއްގެ ތެރޭގައެވެ.
ގެއަށް ގޮސް އަހަރެންގެ ހާލާމެދު ހިތް ހަމަ ޖައްސައި ދިނުމަށްޓަކައި ޑިމީއަށް ގުޅާނެ ކަމަށް ވަޢްދުވުމަށް ފަހު ދެމީހުން ވަކިވީމެވެ. އަހަރެންނާ ސަލާމްކުރުމަށް އަތުގައި ހިފަމުން ޑިމީ ބުންޏެވެ:
– ނު ގުޅަންޏާ އަހަރެން ވަރަށް ކަންބޮޑުވާނެ… ކޮންމެހެން ވެސް ގުޅާތީ. އިނގޭ.
ގުޅަން ހަނދާން ނު ނައްތާށޭ ބުނާ، އާދޭހުގެ ނަޒަރަކުން ބަލަހައްޓައިގެން ހުރެ އޭނާ އަހަރެންގެ ނިއްކުރީގައި އަތް އެޅިއެވެ. އެކަށީގެންވާ މިންވަރަކަށް އަހަރެން އެ ކަމާ ދެކޮޅެއް ނު ހަދަމެވެ. ކިއެއްތަ، އެއްވެސް ވަރަކަށް ދެކޮޅެއް ނު ހެދުނެވެ.
ގެއަށް ދާން އަހަރެން ކާރު ދުއްވާލީމެވެ. މި އަންހެން ކުއްޖާއާ އަހަންނާ ދެމެދު އޮތް ގުޅުން މިހާރު ގޮސްފައިވާ ހިސާބާ މެދު ފުންކޮށް ވިސްނީމެވެ. ހަސްފަތާލަށް ދިޔަ މަގު މަތީގައި އޭނާ ރުއި މަންޒަރު ޚިޔާލަށް އައެވެ. އަހަންނަށް ގެއްލުމެއް ވެއްޖެ ނަމަ އޭނާގެ ނަފްސަށް ވެސް މާފު ނުކުރާނަމޭ ބުނި އަޑު ސިކުނޑީގައި ގުގުމާލިއެވެ. ”އަހަރެން ކަލޭ ދެކެ ލޯބިވޭ. ކަލެއަށް ގެއްލުމެއް ދިނުން އެއީ އަހަރެންގެ ގަސްދެއް ނޫން.” މި ޢިބާރާތް އެއް ފަހަރަށް ވުރެ ގިނައިން އޭނާ ތަކުރާރު ކުރިއެވެ. މި ޢިބާރާތްތައް ވެގެން ދިޔައީ އަހަރެންގެ ވިޖްދާނުގެ އެންމެ ފުނަށް ހެރުނު ކަލިމަތަކަކަށެވެ.
ނުބައި ޚިޔާލުތައް އަހަންނާ ގާތް ވާން ފެށިއެވެ. އޭނާގެ އަތްތިލައިގެ ބީހުމުގެ ވިންދު އަހަރެންގެ މުޅި ހަށިގަނޑުގައި އަދިވެސް އެބަ ހިނގައެވެ. އަތްތިލައިގެ އޮމާން ކަމާއި، ހޫނުކަން އަހަރެންގެ ޚިޔާލާ އަދިވެސް ވަކި ނުވެއެވެ. އޭނާގެ އިސްތަށިގަނޑު އަހަންނަށް ފެންނަނީ ރަން ކުލައިގެ ފަށުވި ފަށްތަކެއްގެ ސިފައިގައެވެ. ގޭ ދޮރާ ހަމައަށް ދެވުމުން ގެއަށް ވަނުން އެއީ ފޫހި ކަމަކަށް ވިއެވެ. އަހަރެންގެ ރައްކަލަކަށްޓަކައި އެކުގައި އަންނަން އޭނާ ހުށައެޅި ހުށައެޅުން ރައްދު ކުރެވުނީތީ މޮޔަ ހީވިއެވެ.
ގެއަށް ވަން އިރު ފޯނުވަނީއެވެ. ގުޅަނީ ކާކުތޯ ހިތަކަށް ނު ގެނެވުނެވެ. އަތް ގަނޑު ކަންފަތުގައި ޖެއްސި ވަގުތު، އަނެއް ކޮޅުން ހިމޭން އަޑެއް އިވުނެވެ. ލުއި މަޑުމޮޅި އަޑެކެވެ:
– އައްސަލާމް ޢަލައިކުމް… ހާލު ކިހިނެއްތަ…؟
– ކާކު .. ޚާލިދް! … މަރުޙަބާ
– ރޭ އަހަންނަށް ކަލެއާ ބެހޭ ހުވަފެނެއް ފެނުނީ… އެހެންވެ ކަލެއާ މެދު ކަންބޮޑުވެގެން، ހާލު ރަނގަޅުތޯ ބަލާލަން މި ގުޅާލީ.
އަހަރެން ހާސްވިއެވެ. އަދި ބުނީމެވެ:
– ރަނގަޅު. އަލްޙަމްދު ލިﷲ .
– އަލްޙަމްދު ލިﷲ .
ދެން ފެނުނު ހުވަފެން ކިޔައި ދިނީމާ އަަހރެން އެހީމެވެ:
– ކޮން ގޮތަކަށް އެ ހުވަފެން ތަޢްބީރު ތި ކުރަނީ ދެން؟
– ކަލޭ ފިތުނައަކުން ސަލާމަތް ވަނީ…
އަދި އިތުރަށް ސުވާލު ކުރިއެވެ:
– މި ދުވަސް ކޮޅު އެއްވެސް މައްސަލައެއް ކުރިމަތިވެގެން އެބަ އުޅެންތަ..؟
އަހަރެން ބިރު ގަތެވެ. އަދި އަވަހަށް ޖަވާބު ދިނީމެވެ:
ކޮން ޒާތެއްގެ…؟ ނޫނޭ.. ނޫނޭ. އެއްވެސް މައްސަލައެއް ނެތް. އަލްހަމްދު ލިﷲ. އަލްވަދާޢް ކިޔަމުން ޚާލިދް އަހަންނަށް ހެޔޮ ދުޢާ ކުރިއެވެ. އެއީ ހަމަ އިލްހާމް ލިބޭ މީހެކެވެ. ”ކަލޭ ފިތުނައަކުން ސަލާމަތް ވަނީ” ”ކަލޭ ފިތުނައަކުން ސަލާމަތް ވަނީ” މި ކަލިމަތައް ފަހަރަކަށް ފަހު ފަހަރެއް އަހަރެންގެ ސިކުނޑީގައި ގުގުމަ ގުގުމަ ހުއްޓެވެ. އަހަރެން ހިތާ ހިތުން ބުނެލީމެވެ: ”ހައްދަވައި ބޮޑު ކުރެއްވި ކަލާކޮ! މި އަޅާ ސަލާމަތް ކުރައްވާފާނދޭވެ!”
ގެއިން ބޭރަށް ނުދާތާ ދެ ދުވަސް ވިއެވެ. އަތަށް ވީ ކިހިނެއްތޯ އަޚެއް ސުވާލުކޮށްފާނެ ކަމަށް ބިރުންނެވެ. ޖަމާޢަތު ނަމާދަށް ވެސް ނު ދަމެވެ. އެ ކަމާ އަހަރެން ދެރަ ހީވިއެވެ. އަބަދާ އަބަދު ހެން ޑިމީ މަތިން ހަނދާން ވިޔަސް، ވަޢްދު ވީ ފަދައިން ޑިމީއަކަށް ނު ގުޅަމެވެ. މިއީ ހައްލު ކުރަން ދަތި ދެކޮޅު ނުޖެހޭ ކަމެކެވެ.
މި ކަންތައްގަނޑުން އަހަރެން މިންޖުވާނީ ކިހިނެއްހެއްޔެވެ…؟ ހިތާ ހިތުން ސުވާލު ކޮށްލީމެވެ. ޑިމީއާ ގުޅާނަމޭ ހިތަށް އެރިއެވެ. އެއީ އިސްލާމް ދީނާ ބެހޭ ނުބައި ތަޞައްވަރެއް އޭނާ އަށް ނު ދިނުމަށެވެ. މިއީ އަހަރެން ހީ ކުރި ގޮތެވެ. މި ގެއަށް އަންނާނަމޭ އޭނާ ބުނެފި ނަމަ ވާނީ ކިހިނެއްހެއްޔެވެ…؟ އޭނާ އަށް ގުޅުމުގެ ޚިޔާލު އަހަރެންގެ ސިކުނޑިއަށް ވެރިވާން ފެށިއެވެ. އެ ޚިޔާލަށް ކިޔަމަން ނުވެވުނީ ހަމަ ކިރިޔާއެވެ. ގޭގައި ހުރެއްޖެނަމަ އެންމެފަހުން އޭނާއަށް ގުޅިދާނެކަމާއި، އަދި އޭނާ އައުމާ ދެ ކޮޅު ނު ހެދޭނެ ކަން އަހަންނަށް ވިސްނުނެވެ. ގެއަށް އައިސްފިއްޔާ ދެން ވާނީ ކިހިނެއްހެއްޔެވެ؟ ސުވާލަކީ މިއީއެވެ.
ނަފްސުގެ އަރާރުން އޭގެ އެންމެ މައްޗަށް ދިޔައެވެ. އެންމެފަހުން އަހަރެން ނިންމީ، ބޭރަށް ނުކުންނާށެވެ. އިސްލާމީ މަރްކަޒަށް ދާށެވެ. އެ ތަނުން އަޚުންނާ ބައްދަލުވެ އަނގަތަޅާލައި މަޖާ ކުރެވިދާނެއެވެ. ހަވާ ނަފްސުގެ ޝިކާރައަކަށް ނުވެ ދުރުގައި ހުރެވިދާނެއެވެ.
އަހަރެން ގެއިން ނުކުތީމެވެ. ނުކުމެ ކާރަށް އަރަން އުޅެނިކޮށް މީހަކު އަހަންނަށް ގޮވާލި އަޑު އިވުނެވެ. ބިޗުލެއް ފަދަ އެއްޗެއް ކަށި ޖެހުމުން މީހަކު ސިހިގެން ދާ ފަދައިން އަހަރެން، އަޑު އައި ދިމާއަށް އެނބުރުނީމެވެ.
– މާތް ކަލާކޮ! … ކިހިނެއް އަހަރެން ގެ އޭނާއަށް އެނގުނީ!؟
އޭނާ ކާރުން ފައިބައިގެން، މި އޮތް ގަދަ ފިނީގައި ތުނި ތުނި ޖެކެޓެއް ލައިގެން، އަހަންނާ ދިމާއަށް އަންނަން ފެށުމުން، އަހަންނަށް ހީވީ ހިތް އޮތް ތަނުން ނެއްޓިގެން ދިޔަ ހެންނެވެ. އަރާ ހަމަވެ ބުންޏެވެ:
– މިތާ ތަ ތި އުޅެނީ…؟
– އަހަރެންގެ އަނގައޮޅޭ ގޮތް ވިއެވެ. އެހެން ނަމަވެސް ދޮގު ނު ހަދަންވެގެން ބުނީމެވެ:
– އާނ… ކިހިނެއް މި ތަނަށް ތި އައީ..؟
– ހަމަ މި ޢިމާރާތުގައި އުޅޭ އަހަރެންގެ ރައްޓެއްސެއް ގާތަށް މި އައީ. ހީވަނީ ކޮންމެވެސް ކުއްލި ކަމެއް ދިމާވެގެން އޭނާ ދާން ޖެހުނީހެން. ބައި ގަޑި އިރު ފަހުން އެބަ އަންނަމޭ ކިޔާފައި، ދޮރުގައި ނޯޓެއް ޖަހާފައި އެބަ ހުރި. ދެން ތި ފެންނަ ފަދައިން މިއޮތް ގަދަ ފިނީގައި އަހަރެން އޭނާ އަށް އިންތިޒާރު ކުރަނީ.
ފަހުން އެ ބުނި ޖުމްލަ އޭނާ ބުނެލީ، ހަމްދަރުދީ ހޯދުމުގެ ނަޒަރަކުން އަހަންނާ ދިމާއަށް ބަލާލަމުންނެވެ. އޭނާގެ އެކުވެރިއާ އަންނަން ދެން، ޑިސެމްބަރުގެ މި ގަދަ ފިނިން ސަލާމަތް ވާނެ ތަނެއް ބޭނުން ކަން އަހަންނަށް ވިސްނުނެވެ. އަހަރެމެން ދެ މީހުންގެ ދެމެދަށް ހަމަ ހިމޭންކަން ވެރިވިއެވެ. ހިމޭންކަން ކަނޑުވާލާނީ ކިހިނެއް ކަމެއް އަހަންނަކަށް ނޭނގެއެވެ. އެ ހިމޭން ކަމުގެ ތެރޭގައި އަހަރެންގެ ހިތަށް ވަރަށް ގިނަ އެއްޗެހި އެރިއެވެ. ގިނައީ ނު ރަގަޅު އެއްޗެއްސެވެ. ޖައްވު ކިތަންމެ ފިންޏަސް، އަހަރެންގެ ނިއްކުރިން ދާ ހިއްލަން ފެށިއެވެ. މި ފިނީގައި އަހަރެން ދާ ހިއްލާފައި ހުރި ތަން އޭނާ ދިޔައީ ބަލަމުންނެވެ. އެހެން ނަމަވެސް އޭނާ ހުރީ ފިނަ ގަދަކަމުން ގަނޑުވެފައެވެ. އިސްވެ އަހަންނާ ދިމާލަށް ބުންޏެވެ:
– ކަލޭ ތަނަކަށް ދަނިކޮށް ލަސް ކުރެވުނީތީ އަހަންނަށް މާފު ކުރޭ… މަގޭ ގަމާރު ކަމަށް މާފު ކުރޭ!
ފިނި ގަދަކަމުން އޭނާގެ މޫނު ވަނީ ހުދު ރީނދުލެއް ވެފައެވެ.
– ނޫނޭ.. އެއްވެސް ލަހެއް ނުވޭ. އެހާ މުހިއްމު ކަމަކު ނޫން މި ނުކުތީ…! ރައްޓެހި ކުއްޖާ އަންނަންދެން އަހަރެން ގޭގައި މަޑުކޮށްލަން ވީނު…ހޫނުކޮށްލަން ކޮފީއެއް ވެސް ބޮއެލެވިދާނެ… ކިހިނެއް ވާނީ؟
އަހަންނަށް އެހެން ބުނެ ނުނިމެނީސް އޭނާގެ ހުދުވެފައިވާ މޫނުގައި ލޭ ހިނގަން ފެށިކަން ހާމަވިއެވެ. މޫނު އަސްލު ކުލައަށް ރުޖޫޢަވިއެވެ. އަދި ބުންޏެވެ:
– ވެދިން ތި ހެޔޮކަން މައްޗަށް ފަށްފަށުން ޝުކުރުވެރިވަން. ހަމަ އެހެންމެ ކުރީ ދުވަހު އަހަރެމެން ދެއްކި ވާހަކައިގެ ނުނިމި އޮތް ބައި ފުރިހަމަ ކުރަން އަހަރެން މި ވަނީ ކެތް ކުޑަވެފައި. ބޭނުން ވެއްޖެނަމަ ރައްޓެހި ކުއްޖާއާ އެކު އޮތް މިޢާދު އުވާ ވެސް ލެވިދާނެ.
އެއީ ދިން ހުޅުވާލެވިފައިވާ ދަޢްވަތެއްކަން ޔަޤީނޭ، އަހަރެން ހިތަށް އެރިއެވެ. އޭނާ ގޮވައިގެން ގެއާ ދިމާއަށް ހިނގައިގަތީމެވެ. ކާރު ބާއްވާ ތަނާއި ގެއާ ދެމެދު ހުންނާނީ ފަންސާހަކަށް މީޓަރެވެ. ބޮޑު ހާސް ކަމެއްގެ ތެރެއަށް އަހަރެން ވެއްޓުނެވެ. ހިތުގެ ވިންދު އަވަސް ވިއެވެ. ބުއްދިއާއި ހިތާ ދެމެދު ވަރުގަދަ ކޯޅުންގަނޑެއް ހިނގަން ފެށިއެވެ. ދިޔަ މަގުމަތީގައި ޑިމީ ދެއްކީ ކޮން ވާހަކައެއް ކަމެއް ވެސް، އަހަންނަކަށް ނޭނގުނެވެ. އެހާ ވެސް އަހަރެންގެ ސަމާލުކަން ވަނީ ވިއްސިވިހާލިވެފައެވެ.
އަހަރެންގެ ހަވާ ނަފްސު ބުނާ އަޑު އިވުނެވެ: ތިއީ ކަލޭ ބޭނުންވާ ގޮތެއް ނޫންތަ؟ ތީ ކަލޭ މި ވޭތުވެ ދިޔަ ދެ ދުވަހު، އެދި އެދި ހުރި ކަމެއް ނޫންތަ؟ އޭނާ އަމިއްލައަށް ހިނގާފައި ކަލެއާ ހަމައަށް އައިސް އެހެރީ… ކަލޭ ނުދަމެއް ނު އޭނާ ގާތަކަށް… ކިއެއްތަ އަންނާށެކޭ ވެސް ނުބުނަމެއްނު….ތި އޮތީ ފުރުޞަތެއް.. މާތް ﷲ އަކީ ފާފަ ފުއްސަވާ ރަސްކަލާނގެ. އޭނާ އާ އެކު ކޮފީބޯން ހުރޭ. ހުށަ އެޅުން އައީ އޭނާގެ ފަރާތުން ވިއްޔާ އެއީ ކަލޭގެ ކުށަކަށް ނުވާނެ. ކަލޭ ކިތަންމެ ވަރަކަށް ވެސް ދުރުވެވޭތޯ މަސައްކަތް ކުރީމެއްނު.. އާދަމުގެ ދަރިންނަކީ ބަލިކަށި ބައެއް. މާތް ﷲ ކަލޭގެ އުޒުރު ޤަބޫލު ކުރައްވާނެ…! ފަހުން ތައުބާ ވާނީ…
ދެން އިވުނީ އަހަރެންގެ ހޭލާ ހުރި ޟަމީރުގެ އަޑެވެ: ނަމަނަމަ ފާފައަކަށް އަރައި ނުގަންނާތި! … ﷲ ދެކެ ބިރުވެތި ނުވަނީތަ؟ ﷲ ގެ މަގަށް ގޮވާ ގޮވުންތައް ކޮބައިތަ؟ ޤިޔާމަތް ދުވަހު އެންމެންގެ ކުރިމައްޗަށް ކަލޭ ގެނެވޭ ހިނދު ވާނެ ގޮތް ނިކަން ވިސްނާބަލަ! އެ ދުވަހު މީސްތަކުން ބުނާނެ އެ ގެންދެވެނީ ކާކުހޭ.. ކަރު ދިއްކޮށްކޮށްފައި ކަލޭ ދަންނަ މީހުން އެ ދުވަހު ބުނާނެ އެއީ ތިމަންނަމެން ދަންނަ މީހެކޭ.. އެއީ އިސްލާމް ދީނަށް ގޮވާލަން އުޅުނު މުޞްޢަބޭ… އެ ހިނދު ބުނެވޭނެ: ނޫނެކޭ… އެއީ ޒިނޭ ކުރާ މުޞްޢަބޭ…
މާތް ކަލާކޮ! މި އަޅާގެ ފައިތިލަ އީމާން ކަމުގައި ސާބިތު ކުރައްވާފާނދޭވެ! މިފަދަ ފުން ވަޅުގަނޑަކަށް މި އަޅާ ވެއްޓެން ދޫކޮށް ނުލައްވާނދޭވެ! އިބަ ރަސްކަލާނގެ އަކީ ރަޙްމަތްވަންތަ ރަސްކަލާނގެ… އިބަ ރަސްކަލާނގެ ރަޙްމަތުން، މި އަޅާ ވެއްޓެން މި ދާ ނަރަކައިން ސަލާމަތް ކުރައްވާފާނދޭވެ!
ޭ ފްލެޓް އާ އަރާ ހަމަ ވާން ދެ ތިން ސިޑި ބަރިއަށް ވެފައި ވަނިކޮށް، އަހަރެން އަރި އަޅާލިއެވެ. އެތެރޭގައި ހިނގަމުން ދިޔަ ނަފްސީ އަރާރުންތަކުގެ ސަބަބުން އަހަރެންގެ ފައި ހަރުލެއްވުން ވެސް ދަތި ކަމަކަށް ވިއެވެ. ތެދުވާން އޭނާ އެހީތެރިވިއެވެ. އަހަރެންގެ ކުލަ ވަނީ އޮއްސިފައެވެ. މޫނުގެ ލޭ ވަނީ ހިކިފައެވެ. ގަދަ އަށް ދާ ހިއްލާފައެވެ. އަތްފައި ތުރުތުރު އަޅައެވެ.
– ތި އުޅެނީ ހަމަ ރަނގަޅަށް ވެސް ބަލިވެ ދޯ..؟
– ފާޑަކަށް… ޑިމީ. އަހަންނަކަށް ޑިމީ އާ އެކު މަޑެއް ނުކުރެވޭނެ. އަހަރެން ތަނަކަށް ދާން އެބަ ޖެހޭ. ހަމަ ކޮންމެހެން ވެސް ދާން ޖެހޭ.
އޭނާ ލަދުގަތެވެ. އަދި ބުންޏެވެ:
– އަހަންނަށް އިޙްސާސް ވެއްޖެ. އަހަންނާ ހެދި އުނދަގޫ ފައްތަރަކަށް ކަލެއަށް ދެވިއްޖެކަން. އަހަރެން ހާދަ މޮޔައޭ ދޯ؟… މާފު ކުރޭ!.. އަހަރެން މި ދަނީ.
– ނޫނޭ… ނުދޭ! ރައްޓެހި ކުއްޖާ އަންނަންދެން އަހަރެން ގޭގައި މަޑު ކުރޭ. ބޭނުން ނަމަ ކޮފީއެއް ހަދާލާ. އަދި ބަނޑުހައި ނަމަ ފަސްޖެހޭނެ ކަމެއް ނެތް. އެހުރީ އައިސް އަލަމާރި. އޭގައި ހުންނާނެ ބޭނުންވާނެ ހުރިހާ އެއްޗެއް. ދެން ދަމުން ދޮރު ތަޅުލާން ހަނދާން ބަހައްޓާތީ! ޢިމާރާތަށް ވަންނަ އިރު އެ ހުރި ހަތް ވަނަ ޕޯސްޓް ފޮށްޓައް ތަޅުދަނޑި ވައްޓާލަ. އެންމެ ރަނގަޅެއްނު؟
ގިނަ ސުވާލު މާކުތަކެއް އޭނާގެ ލޮލުގައި ޖެހިފައި ހުއްޓެވެ. އަދި ބުންޏެވެ:
– ކަލެއަށް ހަމަ ޔަޤީންތަ…؟
އާނ އެކޭ ބުނުމުގެ ގޮތުން އަހަރެން ބޯ ޖަހާލީމެވެ.
– އެއްވެސް އެހީ އަކަށް ބޭނުންތަ… އެކަނި ކާރު ދުއްވޭނެތަ…؟
– އާނ…
– ހަމަ ޔަޤީންތަ.. ކަލޭ ރަނގަޅުކަން…؟
– އާނ .. ހަމަ ޔަޤީން.
އަދި އަހަރެން ހިތާ ހިތުން ބުނެލީމެވެ. ”ކަލޭ އާ ދުރުގައި އަހަރެން ވާހާ ހިނދަކު”
އޭނާ ގެ ދެ އަތުން އަހަރެންގެ ދެ އަތުގައި އެއްކޮށް ހިފިއެވެ. ނޫ ދެ ލޮލުން ވެއްޓެން ކައިރިވެފައިވާ ދެ ކަރުނަ ތިކި ފެނެއެވެ. އަދި ބުންޏެވެ:
– މުޞްޢަބް… އަހަރެން ކަލޭ ދެކެ ލޯބިވޭ…
ވޭނުން އަހަރެންގެ ހިތް ހަލާކު ވާ ހާލު، އޭނާގެ ކުޑަކުއްޖެއްގެ ފަދަ މަޢްޞޫމު މޫނަށް އަހަރެން ރަނގަޅަށް ބަލާލީމެވެ. އަދި ބުނީމެވެ:
– އަހަރެން ވެސް… އެކަމަކު އަހަރެން ދާން މަޖްބޫރު.
އޭނާގެ އަތު ތެރެއިން އަހަރެން އަތް ދަމައިގަތީމެވެ. އަދި ސިޑިން ތިރިއަށް ހިނގައިގަތީމެވެ. ޖެހިގެން އައި ސިޑި ބަރިއާ ހަމައިން އެނބުރުނު ވަގުތު އަހަރެން ބަލާލި އިރު ވެސް އޭނާ ހުރި ތާނގައި ހުއްޓި ހުއްޓެވެ. ޒުމައްރަދެއްފަދަ އެރީތި ދެލޮލުން ފޭދި ޖަމާވަމުންދާ ކަރުނުތައް ހީވަނީ ދެންމެދެންމެ ސައިލެއްގެ ސިފައިގައި އެ އޮމާން، މަރުމަރީ ދެކޯތާފަތްމައްޗަށް އޮހިގެންފާނެހެންނެވެ. …
ދެން އަހަންނެވެ. މަގޭ މިސާލަކީ، ފަޅު އައްސޭރިއެއްގައި ދާ ހިފައިގެން އެކަނި ހުރި މަސްވެރިއެއްގެ މިސާލެވެ. މަހެއް ނުހިފި އިރުއޮއްސުނީއެވެ. ދާ އޮތީ ހުހަށެވެ. ހިތް އޮތީ ހުހަށެވެ. ﷲ ގެ ރަޙުމަތްފުޅު ފިޔަވައެވެ.
ނިމުނީ
ނޯޓް: މި ވާހަކަ އަކީ، ސުޢޫދިއްޔާގެ މަޝްހޫރު ލިޔުންތެރިއެއް އަދި އިސްލާމީ ހަރަކާތްތެރިއެއް ކަމުގައިވާ ޑޮކްޓަރ. މުޙައްމަދު ޙުޟައިފް ލިޔުއްވާފައިވާ ވާހަކައެކެވެ.
* މިޢާދު: މިއީ ދިވެހި ބަސްފޮތުގައިވާ ދިވެހި ބަހެއް. މާނައެއް ކަމަށް ބުނެފައި ވަނީ ”ބައްދަލުވުމަކަށް ކަނޑައެޅިފައިވާ ވަގުތު” ބަހުގެ އަސްލަކީ ޢަރަބި ބަހުގައި އޮންނަ މީޢާދް.
* ޝާމީ: ޝާމް ގެ މާނައަކީ ސޫރިޔާ. އަދި ކުރީގައި ނަމަ އެ ސަރަހައްދު އެއްކޮށް
* ޒުމައްރަދު: އަގު ހުރި ހިލައެއް.
ނޯޓް: މިވާހަކައަކީ ކަވާސާގައި އިސްމާއިލް ނާޖީ ތަރުޖަމާކުރައްވާފައިވާ ވާހަކައެކެވެ.
4 Comments!
Comments are closed.
އަޅުގަނޑުމެނަށް ވާގޮތަކީ ރާއްޖެއިން ބޭރަށް ދެވުނީމާ މުސްލިމުންކަން ހަނދާންނެތެނީ.
އޯސަމް
ވވވވވވވވވވވ ރީތި. އަދި އެހާމެ އަސަރުގަދަ. ޙަޤީޤަތުގައިވެސް ވިޖްދާނަށް އަސަރުކޮށްފި. އީމާންތެރިކަން އިތުކޮށްދޭ މިފަދަ ގިނަ ވާހަކަތައް މި ސައިޓުން ކުރިއަށް އޮތްތަނުގައި ފެނިގެންދާނެކަމަށް އުއްމީދުކުރަން.
ވަރަށް ވަރަށް ރީތި!!