ލޯބިލޯބި ނުހާ ( ފަހުބަޔާއިއެކު )
އިސްމާޢީލް ޢަލީ ކަނދޮޅުދޫ
އަހަރެންގެ ލޯބިލޯބި ނުހާ ޔަތީމުވީއެވެ. ބައްޕައެއްގެ ލޯބިން މަޙްރޫމްވީއެވެ. މިކަމުގެ ހުރިހާ ޒިންމާއެއް އުފުލަން ޖެހޭނީ އަހަރެންނެވެ. އެއީ އަހަރެންގެ ބޯހަރުކަމުގެ ނަތީޖާއެވެ. ނުހާގެ ބައްޕައަކީ އެއް އިރެއްގައިވެސް އަޚްލާޤު ރަގަޅު މީހެއްނޫނެވެ.އޭނާގެ ރީތީ ހަމައެކަނި ބޭރުފުށެވެ.ރަށުގެ ހުރިހާ ޖިންސުއްލަތީފުން މަށަށްމަށަށް ގޮވަމުން ހަސަން ފަހަތުން ދުވަންޖެހުނު ސަބަބަކީ އެއެވެ.
ހަސަންއަކީ ރީތި ފިރިހެނެކެވެ.ތުނިކޮށް ކޮށާލާފައިވާ ކަޅުކަންގަދަ ތުނބުޅި އިތުރު ރީތިކަމެއް ގެނެސްދެއެވެ.މޭމަތީގެ ތަނަވަސްކަމާއި،ފުޅާ ބާމަތީގެސަބަބުން ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ.ހަސަނަށް ލިބިފައިވަނީ ވަރަށް މިޔުޒިކީ އަޑެކެވެ. ސްޓޭޖްތަކުގެ ރަސްގެފާނަކީ އޭނައެވެ.މީހުންގެ ލޯބި ލިބެންފެށުމުން ހަސަނުގެ އުޅުން އިތުރަށް ގޯސްވަމުން ދިޔައެވެ.ދަންވަރު ހޭލާ އުޅުމާއި،ސިގިރެޓް ބުއިމަކީ ހަށީގައި ހިފާފައިވާ އާދަތަކެވެ.އެންމެފަހުން މަސްތުވާ ތަކެތީގެ އަޅަކަށްވެ ނިމިއްޖެއެވެ.
ހަސަނަކީ އަންހެންކުދީން ހިތިމީހެކެވެ. އެކަމަކު އޭނާ ލޯބިވަނީ އަހަރެންދެކެއެވެ. އެކަމާ އަހަރެން ވަރަށް ފަޚުރުވެރި ވެއެވެ. އަހަރެންގެ އަބަދުގެ އުއްމީދަކީ ހަސަނުގެ އެވިޔާނުދާ އުޅުން ދޫކޮށްލުމެވެ. އޭނާ ވަރަށް ގިނައިން ބުނެއުޅެއެވެ. އަހަރެމެން ކައިވެންޏަށްފަހު ބަދަލުވާނަމެވެ.އަހަރެންނަށްވެސް ހީކުރެވުނީ އެއީ ތެދުވާހަކައެއް ކަމުގައެވެ.
އަހަރެންގެ މަންމަ ހަސަނުދެކެ ވަރަށްވަރަށް ރުޅި އަންނާނެއެވެ.އަހަރެންގެ ޙަޔާތުގެ ބައިވެރިއަކަށް ހަސަނު ކަހަލަ ވިޔާނުދާ މީހަކު ނުގެނައުން އެދި މަންމަ އާދޭސް ކުރެއެވެ. އަހަރެންނަކީ މަންމަގެ ބަސްއަހައިގެން ބޭރުތެރެއަށް ނުގޮސް އުޅޭ ކުއްޖެކެވެ. މަންމަ ހިތުގައިޖެހޭ ކަހަލަ ކަމެއް ނުކޮށްވޭތޯ ބަލައިގެން އުޅޭ ކުއްޖެކެވެ. އެކަމަކު ހަސަންގެ މައްސަލާގައި އެއްގޮތަކަށްވެސް މަންމައަށް ދޫދޭކަށް އަހަރެންގެ ޒަމީރު އެއްބަހެއް ނުވެއެވެ.މަންމައާއި ދެކޮޅަށްވެސް މިކަން ކުރާނަމެވެ.
މަންމަ އަހަރެންދެކެވާލޯބީ އެނގޭނީ އަހަންނަށެވެ. އަހަރެން ކަމަކަށް އެދި އާދޭސްކޮށްފިނަމަ ބީރުކަންފަތް ދޭކަށެއް ހަމަހިލާ ނުކެރޭނެއެވެ. މަންމަ ހުންނާނީ އަހަރެން ކަމަކު ނުބުނެގެން ލަސްވެފައެވެ. އެކަމެއް ކޮންމެ ގޮތެއް ހަދައިގެންވެސް ކޮށްދޭނެއެވެ. އަހަރެންގެ ބައްޕަވަނީ މީގެދެތިން އަހަރުކުރިން ނިޔާވެފައެވެ.
އެއްރެއަކު ދަންވަރު އަހަރެންނަށް ހޭލެވުނީ ހަސަން އުނދަގޫ ކުރަންފެށުމުންނެވެ. މަންމަގާތު އަހަރެމެންގެ ކައިވެނީގެ ވާހަކަ ބުނުން ލަސްވެގެން ހަސަންހުރީ ވަރަށް ރުޅިއައިސްފައެވެ. އަހަރެން މާދަމާ މަންމަގާތު ބުނާނަމޭ ބުނުމުންވެސް ހަސަނުގެ ރުޅިގަނޑު މައިތިރި ވާގޮތެއްނުވިއެވެ. އެންމެފަހުން ހަސނު ދިޔައީ ރަގަޅަށް ރުޅިގަޑު ބޭލުމަށްފަހުގައެވެ. އަހަރެންނަށް ހަމަބިމަށް ފޭބުނީ ވާނެ ހައެތި ވުމަށްފަހުގައެވެ.
އަހަރެންނަށް ހޭލެވުނީ ބިރުވެރި ހުވަފެނެއް ފެނިގެނެވެ. ހުވަފެނުގައި ކަޅު ބުޅަލެކެވެ. ދެލޯ ސިފަވަނީ އިރު އޮއްސޭ ވަގުތު އުދަރެސް ކައިރިން ފެންނަ ކުލާގައެވެ. ބުޅާ ގޮވަނީއެވެ. އަޑަށް ބާރު ލާފައި ގޮވަނީއެވެ. އޭތީގެ ޚާއްސަ ގޮވެލި ފައްޗެވެ. ބުޅަލުގެ ކިބައިން އެއްގޮތަކަށްވެސް ސަލާމަތް ނުވެވިގެން އުޅެނިކޮށް އަހަންނަށް ހޭލެވުނީއެވެ. އެއީ ޙަޤީޤަތެއް ނޫންވީމާ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ނަމަވެސް ރޭގަކުރެވުނު މޮޔަކަންތައް ހިތަށް އެރުމުން ބިރުވެރިކަމެއް އިޙްސާސް ކުރެވުނެވެ.
އަހަރެން ފާޚާނާއަށް ވަރަށް ރަގަޅަށް ފެންވެރީމެވެ. މުޅިހަށިގަޑު ސައިބޯނި ލައިގެން ދޮވުނީމެވެ. ކުނިމިލަތަކާއި އެކު އަހަރެންނަށް ކުރެވުނު އެފާފަ ހަށިގަޑުގެ ތެރެއިން ނެރެއެއްލައިލާން ބޭނުންވިއެވެ. ފެންވެރިކަން މަންމައަށް އެނގިދާނެތީ ބޮޑުބާލިދީއަށް ފެން ފުރުމަށްފަހު،ޖަގުން މުޅި ހަށިގަޑަށް ފެންއެޅީ އިށިދެއިދެ ވަރަށް މަޑުމަޑުންނެވެ. ފެންވަރާ ލުމުން ކުޑަލުޔެއް،އަރާމުކަމެއް ލިބުނު ކަމުގެ އިޙްސާސެއް ކުރެވުނެވެ. ދެން އަވަސްވެގަތީ ފަތިސްނަމާދު ކުރުމަށެވެ. ފަތިސްނަމާދުން ނިމިގެން ދެއަތް އުފުލައިގެން އިނދެ ވަރަށް ގިނައިރު ދުޢާކުރީމެވެ. ކުރެވުނު ފާފައިން ތައުބާ ވުމަށްޓަކައެވެ. އަދި މިކަމުގެ ސަބަބުން އިތުރު ނުބައެއް މެދުވެރި ނުކުރެއްވުން އެދިއެވެ.
ކޮންމެގޮތަކުން ވިޔަސް މިއަދު މަންމައާއި ކައިވެނީގެ ވާހަކަ އެބަދައްކަންޖެހެއެވެ. އެހެންނޫންނަމަ މިއަދު އެނދުން ނުވެސް ތެދުވީމުހެވެ. މަންމަ ޤުރްއާން ކިޔަވާ ނިންމާލުމާއިއެކު އަހަރެން އެވާހަކަ ފެސީމެވެ. މަންމަގެ ވާހަކައަކީ ޒަވާޖީޙަޔާތެއް ފަށަންވާނީ އަޚްލާޤް ރަގަޅު ދަރިފުޅު ގޮވައިގެން އުޅެވޭ،ދަރިންގެ ތަރްބިއްޔަތަށް އެހީތެރިވެދެވޭފަދަ މީހަކަށެވެ. މަންމަގެ ވާހަކަ މެދުކަނޑާލާފައި އަހަރެން ބުނީމެވެ.
ޙަސަނަށް އިނުން ނޫންގޮތެއް މިހާރަކު އަހަންނަކަށް ނެތެވެ. އެހާހިސާބުން މަންމަ ހިމޭންވިއެވެ. އެންމެފަހުން މަންމަ ބުނެލީ ދަރިފުޅު ރުހޭ ގޮތެއް ހަދާށެވެ.
އަހަރެމެންގެ ކައިވެނީގެ ހަފްލާ ބޭއްވީ ވަރަށް އާދައިގެ ގޮތަކަށެވެ. ކައިވެނީގެ ފުރަތަމަ ރޭ ޙަސަނުގެ ބޮލަށް އެނބުރުން އަރާކަމަށާއި،މެޔަށް ތަދުވާ ވާހަކަ ބުންޏެވެ.އަދި ވަރަށް ގިނއިން ހޮޑުލިއެވެ. އެކަމާއި އުޅެން ހަދައިގެން އަހަރެމެންނަށް އުފަލެއް ލިބޭގޮތެއް ނުވިއެވެ. އެދުވަހު މެންދުރެއްހައިއިރު ހަސަނު ސިއްޙީ މަރުކަޒަށް ގެންދެވުނެވެ. ބަލިވެ ދުވަސްކޮޅަކު އުޅުމަށްފަހު މިފަނާވަނިވި ދުނިޔެއާއި އަލްވަދާޢު ކިޔައިފިއެވެ.
އޭރު އަހަރެން އިނީ ބަލިވެއެވެ. ބަނޑުބޮޑު ދުވަސްކޮޅު ވަރަށް އުނދަގޫ ތަޙައްމަލު ކުރަންޖެހުނެވެ. ފިރިއެއްގެ އެހީތެރިކަން ނުހަނުބޮޑަށް ބޭނުންވިއެވެ. ވަރަށް ޙާލުގައި އުޅެމުން ދުނިޔެއަށް އުފަންވީ ލޯބިލޯބި ނުހާއެވެ. އެދަރިފުޅަށް ބައްޕައެއްގެ ލޯތްބެއް ނުލިބުނެވެ.
އެހެންކުދިން ބައްޕައިންނާއިއެކު އުޅޭތަން ފެނުމުން ނުހާ ވަރަށްގިނައިން ބައްޕަގެ ވާހަކަ ދައްކާނެއެވެ. ބައްޕަ ހޯދަން ބޮޑާ ހާކާނެވެ.
އަހަރެންގެ ފިރިމީހާ ނިމިދިޔައީ މަސްތުވާތަކެތީގެ ޝިކާރައަކަށް ވެގެނެވެ. ހިތާމައަކީ މިކަމުގެ ވޭނާއި ހިތާމަ މުޅި ޢައިލާއާޢި މުޖްތަމައު އަށް ކުރާކަމެވެ. ލޯބިލޯބި މަޢުސޫމު ކުދިން ޔަތީމުވެއެވެ. ޒުވާން އަންހެން ކުދީން ހުވަފަތް ވެއެވެ. މައިންބަފައިންގެ އެބައިމީހުންގެ ދިރިއުޅުން ވިއްސިވިހާލިވެ ހުވަފެންތައް ބިލާހަކަށްވެ ނިމިދެއެވެ.
ލޯބިލޯބި ނުހާއެވެ. މަންމައަށް މަޢާފުކުރާށެވެ. ދަރިފުޅަށް ރަގަޅު ބައްޕައެއް ހޯދައެއް ނުދެވުނެވެ.
( ނިމުނީ )


