މަޢާފުކުރާށެވެ.
މަޢާފުކުރުމަކީ އިސްލާމީ ރިވެތި އަޚުލާޤީ ސިފަތަކުގެ ތެރެއިން ސިފައެކެވެ. މުސްލިމުން އެއްބަޔަކު އަނެއް ބަޔަކަށް މަޢާފުކޮށް، އިޙްސާންތެރި ވުމަކީ މާތްﷲގެ ރުހިވޮޑިގަތުން ޙާޞިލުވާނެ ކަމެކެވެ. މާތްﷲ މުއުމިނުންނަށް މިސިފައިން ޒީނަތްތެރިވުމަށް އަމުރު ކުރައްވާފައިވެއެވެ. އެހެންމީހުންގެ ކުށްތަކަށް ކެއްތެރިވެ، މަޢާފުކުރުމަކީ އިސްލާމީ ރިވެތި އަޚުލާޤީ ސިފަތަކުން ޒީނަތްތެރިވެފައިވާ ޢަޒުމް ވަރުގަދަ މީހުންނަށް މެނުވީ ކުރެވޭނެ ކަމެއް ނޫނެވެ. ކީރިތި ޤުރުއާނުގެ ވަރަށް ގިނަ އާޔަތްތަކުގައި މިސިފަ ލިބިގަތުމަށް މުއުމިނުންނަށް މާތްﷲ އަންގަވާފައިވެއެވެ. މާތްﷲ ވަޙީ ކުރައްވާފައިވެއެވެ.
” وَسَارِعُوۤا۟ إِلَىٰ مَغۡفِرَةࣲ مِّن رَّبِّكُمۡ وَجَنَّةٍ عَرۡضُهَا ٱلسَّمَـٰوَ ٰتُ وَٱلۡأَرۡضُ أُعِدَّتۡ لِلۡمُتَّقِینَ ٱلَّذِینَ یُنفِقُونَ فِی ٱلسَّرَّاۤءِ وَٱلضَّرَّاۤءِ وَٱلۡكَـٰظِمِینَ ٱلۡغَیۡظَ وَٱلۡعَافِینَ عَنِ ٱلنَّاسِۗ وَٱللَّهُ یُحِبُّ ٱلۡمُحۡسِنِینَ” (سورة آل عمران: 133- 134) މާނައީ: “އަދި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަން ހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ، ތަޤުވާވެރިންނަށެވެ. އެއުރެންނަކީ، ތަނަވަސްކަމުގައްޔާއި، ދަތި ޙާލުގައި، (މުދާ) ހޭދަކޮށް އުޅޭ މީހުންނެވެ. އަދި، ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި، މީސްތަކުންނަށް މާފުކުރާ މީހުންނެވެ. إحسان ތެރިންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ.”
އަދިވެސް މާތްﷲ ވަޙީ ކުރައްވާފައިވެއެވެ.” وَلۡیَعۡفُوا۟ وَلۡیَصۡفَحُوۤا۟ۗ أَلَا تُحِبُّونَ أَن یَغۡفِرَ ٱللَّهُ لَكُمۡۚ وَٱللَّهُ غَفُورࣱ رَّحِیمٌ” (سورة النور: 22) މާނައީ: “އަދި އެއުރެން عفو ކޮށް މާފުކުރާހުށިކަމެވެ! ﷲ ތިޔަބައިމީހުންނަށް ފާފަފުއްސެވުމަކަށް ތިޔަބައިމީހުން ނޭދެމުހެއްޔެވެ؟ ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.
މަޢާފުކުރުމަށް އަމުރު ކުރައްވާ މާތްﷲ ވަޙީ ކުރެއްވިއެވެ. “فَٱصۡفَحِ ٱلصَّفۡحَ ٱلۡجَمِیلَ” (سورة الحجر: 85) މާނައީ: “ފަހެ، ރިވެތިވެގެންވާ ގޮތުގައި ކަލޭގެފާނު މާފުކުރައްވާށެވެ!”
އަދި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމުގެ ޠާހިރު ސީރަތްޕުޅުން މަޢާފު ކުރެއެވުމުގެ ގިނަގުނަ ފިލާވަޅުތަކެއްވެއެވެ. އެކަލޭގެފާނުގެ އެހެންމީހުންގެ ޙައްޤުތަކަށްޓަކައި ޤުރުބާންވެވަޑައިގެން މަޢާފު ކުރެއްވުމާއި ޢަފޫ ކުރެއްވުމުގެ މިސާލަކީ އިންސާނީ ތާރީޚު ދުވަހަކު ވެސް ދެކެފައި ނުވާފަދަ ނާދިރު މިސާލުތަކެކެވެ. މީގެ ގިނަ ހެކި ތަކާއި މިސާލިތައް ސީރަތާއި އިސްލާމީ ތާރީޚުގެ ފަތްފުށްތަކުން ފެނިގެންދެއެވެ. މީގެ އެއް މިސާލަކީ މައްކާގެ މުޝްރިކުންގެ އުނދަގޫތަކާއި ތަކުލީފުތައް ހައްދުފަހަނައަޅައި ދިއުމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެހީތެރިކަމުގެ އުންމީދުގައި ޠާއިފަށް ވަޑައިގެންނެވިއެވެ. ނަމަވެސް ޠާއިފުގެ އަހުލުވެރިން އެކަލޭގެފާނުގެ ރިސާލާތަށް އިންކާރު ކުރިއެވެ. އަދި އެކަލޭގެފާނުގެ މާތް ހަށިކޮޅަށް އަނިޔާކޮށް، އެކަލޭގެފާނުގެ ލޭފޮދު އޮހޮރުވާލިއެވެ. ޠާއިފުގެ މީހުންގެ އެ އަނިޔާވެރި ޢަމަލުގެ ސަބަބުން މަލަކޫތީޢާލަމުގައި ޒަލްޒަލާއެއް އުފެދިގެން ދިޔައެވެ. ފަރުބަދަތަކާއި ޙަވާލުވެގެން ހުންނެވި މަލާއިކަތްބޭކަލާ ވިދާޅުވިއެވެ. “އޭމުޙައްމަދުގެފާނެވެ! ކަލޭގެފާނު ވިދާޅުވެއްޖެނަމަ، އެ އަނިޔާވެރި ޤައުމު أخشبين އޭ ކިޔުނު ދެ ފަރުބަދަ ދޭތެރެއަށްލައި، ފަނާކޮށްލާ ހުށީމެވެ.” އެހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެމީހުންނަށް މަޢާފު ކުރައްވައި، ވިދާޅުވަނީ ކޮންފަދަ އޯގާތެރިކަމާއި ރަޙުމުން ފުރިފައިވާ ބަސްފުޅެއްތޯއެވެ؟ އެކަލޭގެފާނުގެ ވިދާޅުވި ބަސްފުޅުގެ މާނާގައި ވެއެވެ. “ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާނކޮ! ތިމަން ކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ހިދާޔަތާއި ތެދުމަގު ދައްކަވާދޭނވެ! ހަމަކަށަވަރުން އެބައިމީހުން ހަމަ ނުދަންނަނީއެވެ” (رواه البخاري ومسلم)
އަދި މައްކާ ފަތަޙަ ކުރެއްވި ދުވަހު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މައްކާގެ މުޝްރިކުންނާ މެދު ޢަމަލު ކުރެއްވީ ކޮންފަދަ އޯގާތެރި ގޮތަކަށްތޯއެވެ؟ އެކަލޭގެފާނާއި އެކަލޭގެފާނުގެ އަޞްޙާބުބޭކަލުން މައްކާއިން ބޭރުކޮށްލުމަށްފަހު އެބޭކަލުންނާއި އެތަކެއް ހަނގުރާމަ އެއްކޮށްފައި ތިބި ދުޝްމަނުންނަށް މަޢާފު ދިނީ ކޮންފަދަ މަތިވެރި ގޮތަކަށްތޯއެވެ؟ އެދުވަހު އެކަލޭގެފާނަށް ލިބިވަޑައިގަތް މަތިވެރި ފަތަޙައިގެ ސަބަބުން، މައްކާގެ އެންމެހައި އަހުލުވެރިން އެދުވަހު އޮތީ މަސްޖިދުލްޙަރާމްގެ ތެރެއަށް ޖަމާވެފައެވެ. އެބައިމީހުންނަކީ އެބައިމީހުންގެ ދުނިޔެއާއި އާޚިރަތުގެ ސަލާމަތާއި ބާއްޖަވެރިކަމަށް އެކަލޭގެފާނު ގޮވާލެއްވި ގޮވާލެއްވުމަށް ފުރަގަސްދީ، އެކަލޭގެފާނަށް އިންތިހާ ދަރަޖައިގެ އަނިޔާތަކާއި ތަކުލީފުތައް ދިން މީހުންނެވެ. މިއަދު އެކަލޭގެފާނުގެ އެހުންނެވީ، އެބައިމީހުންނާމެދު އެކަލޭގެފާނު ބޭނުންފުޅު ކޮންމެ ގޮތަކަށް ކަންތައް ކުރެއްވުމުގެ ބާރު ލިބިވަޑައިގެންނެވެ. ކޮންމެ ގޮތަކަށް ކަންތައް ކުރެއްވިޔަސް އެއީ، އަނިޔާއެކޭ ބުނެވޭނޭ ދުލެއް އެތާކުނެތެވެ. އެދުވަހު އެކަލޭގެފާނު އެމީހުންނަށް ވިދާޅުވަނީ “ތިޔަބައިމީހުންގެ މައްޗށް މިއަދަކު އެއްވެސް ކަމެއްނެތެވެ. ތިޔަބައިމީހުން ދާށެވެ! ފަހެ ތިޔަބައިމީހުންނަކީ މިނިވަންކަން ލިބިގެންވާބައެކެވެ.
އަދި އެއް ދުވަހަކު މީހަކު އަމީރުލްމުއުމިނީން ޢުމަރު ބުނިލްޚައްޠާބަށް ދެންނެވިއެވެ. އަމީރުލްމުއުމިނީންއެވެ! ކަލޭގެފާނު ޢަދުލު އިންޞާފަށް ޙުކުމެއް ނުކުރައްވައެވެ. ޢުމަރުގެފާނު އެކަމާ ވަރަށް ބޮޑަށް ކޯފާ އިސްކުރެއްވި ހިނދު، ޙާޟިރުވެ ތިބި މީހުންގެ ތެރެއިން މީހަކު ދެންނެވިއެވެ. އޭއަމީރުލްމުއުމިނީންއެވެ! މާތްﷲ ވަޙީ ކުރައްވަނީ މިފަދައިންނެވެ. “خُذِ ٱلۡعَفۡوَ وَأۡمُرۡ بِٱلۡعُرۡفِ وَأَعۡرِضۡ عَنِ ٱلۡجَـٰهِلِینَ” (سورة الأعراف: 199) މާނައީ: “ކަލޭގެފާނު ޢަފޫ ކުރެއްވުމުގައި ހިއްޕަވާށެވެ. އަދި ހެޔޮކަންތަކަށް އަމުރު ކުރައްވާށެވެ. އަދި ޖާހިލުންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ.” މިމީހާއަކީ ޖާހިލުންގެ ތެރެއިންވާ މީހެކެވެ. މިއަޑު އެއްސެވި ހިނދު ޢުމަރުގެފާނު ކޯފާ އިސްކުރައްވައި، އެމީހާއަށް މަޢާފު ކުރެއްވިއެވެ.
އިސްލާމީ ރިވެތި އަޚުލާޤީ ސިފަތަކަށް ތަބަޢަނުވާ މީހުންނަށް އަނެކާއަށް މަޢާފުކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އެހެނީ އެފަދަ މީހަކީ ކުރެވޭ ކުޑަކުޑަ ކުށަކުން އޭނާގެ ރުޅި އޭނާއަށް ކޮންޓްރޯލް ކުރުމަށް އުނދަގޫ ވާނެ މީހެކެވެ. އެހެނަސް މަޢާފު ކުރުމަކީ މާތްﷲ އަށް ފުރިހަމަ ގޮތުގައި އީމާންވެގެން ތިބި މީހުންނަށް އެންމެ ރަނގަޅު ގޮތް ކަމުގައި އެކަލާނގެ ވަނީ އަންގަވާފައެވެ. އަދި އެހެން މީހުނަށް މަޢާފުކުރުމަކީ އޭގެ ސަބަބުން އޭނާ ޢިއްޒަތެރިވެ، ދަރަޖަ އުފުލިގެންދާނެ ކަމެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. “ތިބާގެ މުދަލުން ޞަދަޤާތް ދިނުމަކުން މުދަލުން އުނިކަމެއް ނާންނާނެއެވެ. އަދި ކަންކަމުގައި މީހުންނަށް މަޢަލުކޮށްދީ އުޅޭ އަޅަކަށް، މާތްﷲ އޭނާގެ ޤަދަރާއި ޢިއްޒަތް މަތިވެރި ކުރެއްވުން މެނުވީ ނުވާނެއެވެ. އަދި ﷲ އަށްޓަކައި ހިތްތިރިވި މީހެއްގެ ދަރަޖަ، މާތްﷲ މަތިވެރި ނުކުރައްވާ އެއްވެސް މީހަކު ނުވެއެވެ.” (ރަވާހު މުސްލިމް).
ރަސޫލާ ޒަމާނުގައި މިފަދަ ބޮޑެތި ހާދިސާތައް ހިނގާފައި ވާއިރު އަޅުގަނޑުމެންނަށް އެހެން މީހުންނަށް މަޢާފު ކުރުން ބޮޑުކަމަކަށް ވެގެން ދަނީ ކީއްވެތޯއެވެ؟ މަޢާފު ލިބޭ މީހާއަށް ވުރެ މަޢާފުކުރާ މީހާ މާ ހެޔޮކަން ބޮޑެވެ. މަޢާފު ކޮށްގެން ހެޔޮ ތިލަފަތަށް ބަރު ކުރެވެން އޮއެއްއިރު މަޢާފު ނުކޮށް ނުބައި ތިލަފަތަށް ބަރު ކުރަނީ ކީއްވެތޯއެވެ؟ އަވަހަށް އެހެން މީހުންނަށް މަޢާފު ކުރަން ހިނގާށެވެ. މަޢާފު ބޭނުންވެ މަޢާފު ނުލިބި ތިބި ހިތަތަކަށް ހަމަ ޖެހުން ލިބޭނެއެވެ. އަދި ތިބާގެ ހެޔޮ ތިލަފަތް ބަރުވާނެތެވެ.
އެހެން މީހުންގެ ފަރާތުން ލިބޭ އަނިޔާތަކަށާއި ތަކުލީފުތަކަށް ކެއްތެރިވެ، އެމީހުންނަށް މަޢާފު ކުރުމަކީ އެކުވެރިކަމާއި އުޚުއްވަތްތެރިކަން ޤާއިމްވެގެންދާނެ ކަމެކެވެ. އަދި މީސްތަކުންގެ މެދުގައި އެއްވެސް ޙަސަދަވެރިކަމާއި ނީހަވެރިކަމެއްނެތް، އެކުވެރި އުފާވެރި ވެއްޓެއް ޤާއިމުވެގެން ދާނެއެވެ. އަދި މީސްތަކުންގެ ތެރޭގައި ދެބަސްވުންތަކާއި ދެކޮޅުވެރިކަންނެތި، މުޖުތަމަޢުގެ އަފުރާދުންގެ މެދުގައި އުޚުއްވަތްތެރިކަމާއި ލޯބި އިތުރުވެގެންދާ ކަމެކެވެ. އަދި އެފަދަ ރިވެތި އަޚުލާޤީ ސިފަތަކުގެ ސަބަބުން މުޖުތަމަޢުގެ ތެރޭގައި އަމަން އަމާންކަމާއި ހަމަޖެހުން ޤާއިމްވެގެންދާނެއެވެ.
(ނިމުނީ)
4 Comments!
Comments are closed.



Masha allah?. V reethi v ibraitheri?. Mikahala dheenee ibraitheri mauloomaathu himeney liyunthah adhivx ginain liyumah hiyvaru dhen?. May Allah bless you and your family❤️?????. Lysm dear???
Thank you bookworm? May Allah bless you and your family too?? thank you again… Ly 2 dear❤️
Maasha allah????…gandeyy..vrh salhii nd vrh iburaihtheri article eh..adhives lam ge ehen articles thakeh mi site in fenigendhaane kamah ummeedhu kuran..lyssm??????
Thank you gandeyy…? Insha Allah lam ge ehen article eh kiyaalan libeyne… Lyssssssn❤️❤️??