
ބައްޕަ ޖަހާފައި އިން ނަމަބަރަށްވެސް ގުޅާގުޅާ އެނަމްބަރަކުންވެސް ފޯނު ނެގިއެވެ. އެންމެ ފަހު މަންމައަށް ގުޅިއިރު ބުނަނީ އެނަމްބަރު ނިއްވާލާފައިވާ ކަމަށެވެ. އިފްނާގެ ސިކުނޑިއަށް ހާސްކަމެއް ވެރިވީ ދެނެވެ. ވީހާވެސް އަވަހަކަށް ތައްޔާރުވެލައިގެން ގެއަށް ދާން ނިކުތީ ޒަލާ އަދި ރީނީ ކައިރީގަވެސް ބުނުމަކާއި ނުލައެވެ.
ސޯފާގައި އެއްދިމާލަކަށް ބަލަހައްޓައިގެން އިން ވިއާމްއަށް ޖޫސްތައްޓެއް ދެވޭތޯ އޭނާގެ ދޮށީ ދަރިފުޅު ވީރާ މަސައްކަތް ކުރާތާ ކިތަންމެ އިރެކެވެ. ވިއާމްގެ ހާލަށް ހަމްދަރުދީވާ ހާލު އޭނާއާއި ދިމާއަށް ބަލަހައްޓައިގެން ވީރާގެ ފިރިމީހާ ޔުނާން ހުއްޓެވެ. ވީރާގެ ހިތަށްވެސް އަސަރު ކުރަމުން ދިޔަނަމަވެސް ބައްޕައަށްޓަކައި ހިތްވަރު ކުރުން މިވަގުތު މާ މުހިންމެވެ.
އަނބިމީހާގެ ކުއްލި ވަކިވެދިޔުން ވިއާމްއަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ތިރީސް އަހަރުވަންދެން އެކީގައި ލޯބިން އުޅުމަށްފަހު ވަކިވެގެން އެދިޔައީ ވަރަށްވެސް ހިތްދަތި ގޮތަކަށެވެ. އަދިވެސް ޝިފާނާގެ މެރިވެފައިވާ ދެލޮލާއި ހިމޭންވެފައިވާ ދެތުންފަތް ވިއާމްއަށް ފެންނަ ކަހަލައެވެ.
” ބައްޕާ އާދޭސްކޮށްފަ މިބުނަނީ މިޖޫސްތަށިން އެތިފޮދެއް ނަމަވެސް ބޯލާ.. މިހާރު ކިހާއިރެއް މިވަނީ ބައްޕަ ފެންފޮދެއްވެސް ނުބޯތާ.. އަނެއްކާ ބައްޕައަށް ކަމެއްވާކަށް އަހަރެން ބޭނުމެއްނޫން..” ވީރާ އޭނަގެ ބައްޕަ ވިއާމް ކައިރީގައި އެދުނެވެ. ނަމަވެސް ވިއާމް ކުރިން އިންގޮތަށް އެއްދިމާއަކަށް ނަޒަރު ހުއްޓާލައިގެން އިނެވެ. ދެލޯ ފުރިފައިވީ ކަރުނުންނެވެ. އޭނާގެ މޫނުމަތީގައި އެއްވެސް ދިރުމެއްނެތެވެ.
” ބައްޕާ.. ކޮންމެ މީހަކަށްވެސް ނިމުން އަންނާނެ.. އެކަން އޮތީ މާކުރިން ތަޤުދީރުގައި ލިޔެވި ނިމިފައި… މިވަގުތު ބައްޕައަށް ކުރާނެ އަސަރު އަހަންނަށް އިހުސާސް ކުރެވޭ… އަދި ކޮއްކޮ ކަންތައްކުރި ގޮތުންވެސް ބައްޕަގެ ހިތުގައި ޖެހިފައިވާވަރުވެސް އިނގޭ… އެކަމަކުވެސް ބައްޕާ! ކެތްތެރިވާންވާނެ.. ތިގޮތަށް ފެންތިއްކެއްވެސް ނުބޮއެ އިނުމަކީ އަމިއްލަ ނަފްސަށް ދެވޭ ބޮޑު އަނިޔާއެއް… މާތްﷲ ޤުރުއާނުގައި ނުވަދިހަ ފަހަރު ކެތްތެރިވުމަށް އަންގަވާފައި އެވަނީ އެކަމުގައި ކޮންމެވެސް ހިކުމަތެއް އޮވެގެން.. އަދި އަހަރުމެން މިލްކުވެވޮޑިގެންވަނީ ހަމައެކަލާންގެއަށް ހަމައެފަދައިން އެނބުރި ދިޔުންވެސް ވަނީ އެކަލާންގެ ހަޟްރަތަށް… ވީމާ އެކަމަށް އަހަރުމެން ތިބެންވާނީ އަބަދުވެސް ތައްޔާރުވެގެން… މިވަގުތު އަހަރުމެން އެންމެންނަށް މަންމައަށް ކޮށްދެވޭނެ އެންމެ ބޮޑުކަމަކީ މަންމަގެ ފުރާނައަށް ރަޙުމަތްލައްވަވާ މަންމައަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވުން އެދި ދުޢާކުރުން…” ވީރާ ވިސްނައިދެމުން ދިޔައިރު އޭނާއަށްވެސް ރޮވިއްޖެއެވެ. އަބަދުގެ އަބަދަށް ވަކިވެގެން ދިޔައީ އޭނާގެ ލޯބިވާ މަންމައެވެ. ދެން ދުވަހަކުވެސް އެމަންމަ ނުފެންނާނެކަން އިހުސާސްވާ ކޮންމެ ފަހަރަކު ވީރާގެ ހިތް ކުދި ކުދިވާ ކަހަލައެވެ. ނަމަވެސް ދީނަށް ލޯބިކުރާ ވީރާގެ އީމާންތެރިކަން އެއަށްވުރެ މާ ވަރުގަދައެވެ. އެހެނީ ލޮބުވެތި އިސްލާމްދީން ދަސްކޮށްދިނީ މުސީބާތުގެ ވަގުތުގައި ކެތްތެރިވުމަށެވެ.
އެންމެ ފަހުން ވިއާމްގެ ފަރާތުން އެއްބާރުލުމެއް ނުލިބުމުން ވީރާ އިންތަނުން ތެދުވީ ޖޫސްތަށި ހިފައިގެން އެނބުރި ދާށެވެ. ގޭގެ ދޮރުހުޅުވާލާފައި އިފްނާ އެތެރެއަށް ވަނީ ހަމައެވަގުތުއެވެ. ވީރާއަށް އިފްނާ ފެނުމާއި އެކު ހުރިހާ އިހުސާސްތަކެއް މަސްހުނިވި ކަހަލައެވެ. އިފްނާދެކެ ކިތަންމެ ހިތްހަމަނުޖެހިފައި ހުރި ނަމަވެސް އައިސްފައިވާ ރުޅީގެ މައްޗަށް ކުރި ހޯދީ ހިތަށް ލިބިފައިވާ ފުން ހިތާމައެވެ. ކޮންމެ ގޮތަކަށް ކަންތައްވިނަމަވެސް ވަކިވެގެން އެދިޔައީ އިފްނާވެސް ބަނޑުއަޅައި ވިހޭ މައިމީހާއެވެ. އިފްނާ ޝިފާނާދެކެ ވާ ލޯބި ވީރާއަށް އޮޅިފައެއް ނެތެވެ. މަންމަ ނިޔާވިކަން އިފްނާއަށް ނުވެސް އެނގޭއިރު އެހަބަރު އޭނައަށް ދޭނެގޮތެއް ވީރާއަކަށް ނުވިސްނުނެވެ.
” ހާދަ ވަރަކަށް ގުޅާފަ… ބައްޕަ އޭނީ ކިހިނެއްވެފަ…” އެމީހުން ކައިރިއަށް އަންނަމުން އިފްނާ އަހާލިއެވެ. ވިއާމް އިން ގޮތް ފެނި އިފްނާގެ ހިތުގައި އެތަކެއް ސުވާލުތަކެއް އުފެދިގެން ދިޔައެވެ. ވީރާއަށް ވަކިޖަވާބެއް ނުދެވި އިފްނާގެ މޫނަށް ބަލަހައްޓައިގެން ހުރެވުނީއެވެ.
” ކިހިނެއްވެފަ އެންމެން މިތާ ތިތިބީ.. ދޮންތިބެ އާއި ބައްޕަ ޖޮބަށްވެސް ނުދަނީތަ؟… ކޮބާތަ މަންމަ” އިފްނާއަށް އެއްފަހަރާ އެތަކެއް ސުވާލެއް ކޮށްލެވުނެވެ. އެންމެންގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުން އިފްނާގެ ހިތުގައި ބިރުވެރިކަމުގެ ރާޅެއް ދުވެލިއެވެ. ވާނުވާ ނޭނގި ފަހަރެއްގެ މީހެއްގެ މޫނަށް ބަލަމުން ދިޔައެވެ.
ކުރިމަތީގައި ހުރި ކޮފީ މޭޒުމަތީގައި ޖޫސްތަށި ބެހެއްޓުމަށްފަހު ވީރާ އިފްނާ ކައިރިއަށް ދިޔައެވެ. ވީރާގެ މޫނަށް އިފްނާ ބަލަހައްޓައިގެން ހުރިއިރު ކޮންމެވެސް ނުބައެއް އުޅޭކަމަށް އިފްނާގެ ސިކުނޑި އިންޒާރު ދެމުން ދިޔައެވެ. ވީރާ ބަހެއް ބުނަން މަސައްކަތްކުރިނަމަވެސް އަޑެއް ނުނިކުތެވެ. ދެލޯ ފެންކަޅިވެ ވީރާގެ ދެތުންފަތުގައި ތުރުތުރުއަޅަމުން ދިޔައެވެ.
“ދޮންތީ… ކިހިނެއްވީ…” ނިތްކުރިމައްޗަށް ރޫއަރަވާލަމުން އިފްނާ ސުވާލުކޮށްލިއެވެ. ނަމަވެސް ވީރާއަށް ޖަވާބުދޭން އުނދަގޫވިއެވެ.
“ކިހިނެއްތަވީ…؟” ވީރާގެ ދެކޮނޑުގައި ހިފާ ތަޅުވައިގަންނަމުން ތަންކޮޅެއް ބާރަށް އިފްނާއަށް ބުނެވުނެވެ. ވީރާއަށް ވަކި ޖަވާބެއް ނުދެވި އިފްނާގެ ހަށިގަނޑުގައި އޮޅުލައިގަނެވުނެވެ.
“އިފޫ ކީއްވެ ފޯނު ނުނެގީ؟” ނުރޯން މަސައްކަތް ކުރަމުން ވީރާ އަހައިލިއެވެ. ވީރާގެ ކުރެހިފައިވާ އަޑުއިވި އިފްނާގެ ގައިން ހީބިހި ނަގައިގަތެވެ. ވީރާ ގަޔާ ދުރުކޮށްލެވުނީ ކުއްލިއަކަށެވެ.
“ކިހިނެއްވެގެންތަ މިއުޅެނީ..؟ ދޮންތީ ޕްލީޒް ބުނެބަލަ… އަހަރެން ވަރަށް ބިރުއެބަގަނޭ” އިފްނާ ސުވާލުކުރިއިރު އޭނާގެ ހަށިގަނޑުގައި މަޑުމަޑު ތުރުތުރެއް އުފެދިފައިވިއެވެ.
” އިފޫ… އިފޫ… މަންމަ…” ވީރާއަށް ބުނެވުނީ އެވަރަށެވެ.
” މަންމައޭ… ކޮބާ މަންމަ… ކިހިނެއްވީ މަންމައަށް” އަވަސްއަވަހަށް އިފްނާއަށް އަހާލެވުނެވެ. ދޭތެރެއަކުން ވިއާމްއަށް ބަލާލެވޭ ކޮންމެ ފަހަރަކު އިފްނާގެ ހިތްއަވަސްވަމުން ދިޔައެވެ. ނުބައެއް އުޅޭކަމުގެ ފެހި ސިގްނަލް އޭނާގެ ސިކުނޑީގެ ކަނަކުން ދެމުން ގެންދިޔައެވެ.
” މަންމަ ނެތް… މަންމަ…މަން..މަ ނިޔާވެއްޖެ” ކެތްތެރިކަން ކޮޅުންލާ ވީރާއަށް ރޮއެގަނެވިއްޖެއެވެ. އިފްނާއަށް ހީވީ ކަންފަތް ދޮށުގައި ހޮނުގުގުރިއެއް ޖެހި ހެންނެވެ. ހުރިތަނަށް ގަނޑުވެފައި އިފްނާއަށް ހުރެވުނު އިރު މޫނުމަތި ހުދު ކަފަކޮޅަކަށް ވެގެން ދިޔައެވެ. ތީ ސަމާސާއެކޭ ވީރާއާއި ދިމާލަށް ބުނަން ބޭނުންވިނަމަވެސް ވީރާ ރޮމުން ދިޔަ މަންޒަރާއި ވިއާމް އިން ގޮތްފެނި އިފްނާއަށް މަޖުބޫރިވީ އެ ހިތި ހަޤީޤަތް ޤަބޫލުކުރާށެވެ. ކުއްލިއަކަށް މުޅި މީހާގެ ހަށިގަނޑުން ހަކަތަ ހުސްވެ ހުރި ދިމާލުން ތިރީގައި އިށީނދެވިއްޖެއެވެ. ދެތުންފަތް ދޭތެރެއިން މަޑުމަޑުން ނިކުންނަމުން ދިޔަ ގިސްލުމުގެ އަޑު ހިނދަކަށް ފަހު ހިނދެއް ބާރުވަމުން ދިޔައެވެ. އެ މަންޒަރުން ވީރާގެ ހިތް ހީވީ ފަޅައިގެން ދިޔަހެންނެވެ. ކޮއްކޮގެ ހަށިގަނޑުގައި ބައްދައިގަނެވިއްޖެއެވެ.
” އިފޫ ޕްލީޒް ހުއްޓާލާ ކެތްތެރިވޭ… ” ވީރާ ނަސޭހަތްތެރިވަމުން ދިޔައެވެ. ނަމަވެސް އިފްނާއަށް އަސަރުކޮށްފައިވަނީ މާބޮޑަށެވެ.
” އިފޫއަށް ކިހާވަރަކަށް ގުޅިން… ދޮންތި ބޭނުމެއްނޫން އިފޫ އިތުރަށް ދެރަކުރާކަށް އެކަމަކު ދެން އިފޫއަކަށް މަންމަ މޫނެއްވެސް ނުފެންނާނެ.. ފަތިސް ނަމާދަށްފަހު މަންމަ ވަޅުލައިފި…” ވީރާގެ ޖުމްލަތަކުން އިފްނާގެ ހިތުގައި އަޅާ ވޭން ބޮޑުވަމުން ދިޔައެވެ. ރުއިމުގެ އަޑުވެސް ދިޔައީ ގަދަވަމުންނެވެ. ވީރާގެ ކޮނޑުމަތިން އިފްނާއަށް ބަލައިލެވުނީ ހިމޭންވެފައިން އިން ވިއާމަށެވެ. ދެން ފެނުނީ ވިއާމް އިންތަނުން ތެދުވެގެން އޭނާގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތް ތަނެވެ. ވިއާމް ދިއުމުން ޔުނާންވެސް ދައްތައާއި ކޮއްކޮއަށް ވަގުތު ދިނުމަށްފަހު އޭނާގެ ކޮޓަރިއަށް ދިޔައެވެ.
އިފްނާގެ ރުއިން މައިތިރިވީ އެތައް އިރަކު ވީރާ ނަސޭހަތްތެރިވެގެންނެވެ. ގިސްލެވެމުން ދިޔަ ހާލު ވީރާ އިނީ ޓައިލްސްތައް މަތީގައި އިށީނދެ ސޯފާ ގޮނޑީގައި ލެގިލައިގެންނެވެ. އިފްނާ ކައިރީގައި އޭނާގެ އަތުގައި ހިފައިގެން ވީރާ އިނެވެ.
” އަސްލު މަންމައަށް ކިހިނެއްތަވީ…؟” އިފްނާ އަހާލިއެވެ. ގިނައިރު ރުއިމުގެ ސަބަބުން އިފްނާގެ އަޑު ވަނީ ކުރެހިފައެވެ.
” މަންމަ އާއި ބައްޕަ ނިކުތީ ވިޔަފާރި ކުރަން ބޭރަށް ދާންވެގެން… ބައްޕަގެ ސައިކަލު ހުރީ މަގުގެ އަނެއްފަރާތުގައި. ބައްޕަ ދިޔައީ އެދިމާއަށް… ބައްޕަ މަންމަ ކައިރީގައި ސައިކަލުގަ ކައިރިކޮށްލަންދެން އެތާ ހުންނާށޭ ބުނީމަވެސް މަންމަ ބައްޕަގެ ފަހަތުން ދިޔައީ.. އެވަގުތު ބާރަށް ދުއްވާފައި އައި ސައިކަލެއްގައި މަންމަ ޖެހި މާދުރަށް ބުރައިގެން ދިޔައީ… ޑޮކްޓަރުން ބުނީ ހޮސްޕިޓަލަށް ގެނެވުނުއިރުވެސް މަންމަގެ ފުރާނައެއް ނެތޯ…” ވީރާ ކަންތައްވީ ގޮތް ކިޔައިދިނުމުން އިފްނާއަށް އަނެއްކާވެސް ރޮވިއްޖެއެވެ.
” އިފޫއަށް ވަރަށް ގިނައިން ގުޅިން… އިފޫގެ ރަހުމަތްތެރިއެއްގެ ނަމްބަރުވެސް ދޮންތިއަށް އިނގޭ ނަމައެއްނު ގުޅާނީވެސް… އެއިން މީހެއްގެ ގެ އިންނަތަނެއްވެސް ދޮންތިއަކަށް ނޭނގޭ…” ވީރާ އިތުރަށް ބުންޏެވެ.
” އަހަރެން މީ ވަރަށް ގޯސް ކުއްޖެއް ދޯ… އެންމެ ފަހު ފަހަރަށް މަންމަގެ މޫނު ދެކިލުމުގެ ފުރުސަތުވެސް އަހަންނަކަށް ނުލިބުނު… ބައްޕަވެސް ހުންނާނީ އަހަރެންދެކެ ހިތްހަމަނުޖެހިފަ.. އަހަންނަކަށް ދެން ނުވެސްކެރޭނެ ބައްޕާއާއި ކުރިމަތިލާކަށް…” އިފްނާ ގިސްލަމުން ބުންޏެވެ. ވީރާ ވަކިއެއްޗެއް ނުބުނެއެވެ. އިފްނާ އެދެއްކި ވާހަކައިގައި އެއްވެސް ދޮގެއް ނެތެވެ. އިފްނާއަށް އުޅެވެނީ އެހާ ރަނގަޅަކަށް ނޫނެވެ. މަންމަގެ މޫނު ދެކިލުމުގެ ފުރުސަތުވެސް އިފްނާއަށް ނުލިބި އެދިޔައީ އެއުޅުމުގެ ސަބަބުންނެވެ. އެކަންކަމާ ބެހޭ ގޮތުންވެސް މީގެ ކުރިން ވީރާ ވަނީ އެތައް ފަހަރަކު އިފްނާއަށް ނަސޭހަތްތެރިވެފައެވެ. ނަމަވެސް އިފްނާ އޭނާ ދޭ ނަސޭހަތްތަކަށް ފަރުވާލެއް ނުބަހައްޓައެވެ. ވިއާމްވެސް އިފްނާދެކެ ހިތްހަމަނުޖެހިފައި ހުންނާނެވަރު ވީރާއަށް އަންދާޒާ ކުރެވެއެވެ. އެހެންކަމުން މިވަގުތު އެއްވެސް އެއްޗެއް ނުބުނުމަށް ނިންމައިގެން ވީރާ އިނީއެވެ.
ނޫރުގެ ކާރުގެ ބަރުގޮނުގެ އަޑާއި އެކު ގޭޓުކައިރީގައި ނިދިޖެހިފައިން އިން ދޮރުވާނު އައިސް ގޭޓު ހުޅުވައިދިނެވެ.
” މޫސަބެ ސިއްސއިގެން އެދިޔައީ” ޖެހިގެން އިން ސީޓުގައި އިން ނޫރުގެ ދެބެއިންގެ ދެދަރި ކޮއްކޮ ރާހިލް ހީލަމުން ބުންޏެވެ.
” ކީއްކުރާނީ މޫސަބެ އަބަދު އިންނާނީ ތާއްޔާ ޖެހި ޖެހި…..” ނޫރުވެސް ހީލަމުން ބުންޏެވެ. ކާރު ދޮރުން އެތެރެއަށް ވަނުމާއި އެކު ނޫރު ކާރުގެ ހުރިހާ ދޮރުތަކެއް ހުޅުވާލިއެވެ. އެއާއިއެކު ޕޯޓިކޯއަށް ދިއުމަށް އޮތް މަގުގެ ދެފަރާތުގައި އިންދާފައިވާ އޯކިޑްމަލުގެ މީރުވަސް ނޫރުގެ ނޭފަތުގައި ޖެހުނެވެ. އެއީ ކޮންމެ ދުވަހަކުވެސް ނޫރުގެ އާދައެވެ. ގެއަށް އަންނަގޮތަށް އެންމެ ފުރަތަމަވެސް އެމާތަކުގެ މީރުވަސް ޖެހުމުން ނޫރުގެ ހިތަށް ހިތްހަމަޖެހުން ލިބިގެން ދެއެވެ.
” ބެއްބެއަށް ހާދަވަރެކޭ ތިވަނީ މިމަލުގެ ވަސްޖެހިފަ.. އަހަންނަށް ހީވަނީ ބެއްބެގެ ވެޑިންވެސް އޮންނާނީ މިމަލުން ފުރާލާފައި ކަންނޭނގެ” ނޫރަށް ވީގޮތް ބަލަން އިން ރާހިލް ބުންޏެވެ.
” ޔަގީނެއްނު…” ނޫރުވެސް ހެވިލާފައި ބުންޏެވެ.
ކާރު ގަރާޖަށް ވެއްދުމަށް ޑްރައިވަރު އަނީސް ކައިރީގައި ބުނުމަށްފަހު ގޭގެ މައިދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ. ހުސްކޮށް އޮތް ބޮޑު ހޯލު ދިއްލައިލުމަށްފަހު ވާތް ފަރާތަށް ހުރި ލިފްޓަށް ނޫރާއި ރާހިލް އެރިއެވެ.
” ބެއްބެ ހާދަ ބިރެކޭ ދޯ ތިގަންނަނީ އަނދިރިދެކެ… އެކަމަކު އެތާ އެއީ ބަޔަކު އުޅޭ ތަނެއްވެސް ނޫނެއްނު…” ފަސްވަނަ ފަންގިލާއަށް ދިއުމަށް ފިތަށް އޮށްބާލުމަށްފަހު ރާހިލް ބުންޏެވެ.
” ޔޫ ނޯ އައި ޑޯންޓް ލައިކް ޓު ޓޯކް އެބައުޓް އިޓް… ކޮންމެ ދުވަހަކު ތިހެން ނާހަބަލަ” ނޫރު ހިތްހަމަނުޖެހޭގޮތްވިއެވެ.
” އޯކޭ ސޮރީ… ” ރާހިލް ބުނެލިއެވެ. ރާހިލްއާއި އެމޭރުމުން ވާހަކަދެކެވުމުން ނޫރު ދެރަވިއެވެ. އެހެންނަމަވެސް ރާހިލް އެސުވާލު ތަކުރާރު ނުކުރާނެ ކަހަލަ ގޮތެއް ހަދަން ނޫރަށް ކޮންމެހެންވެސް މަޖުބޫރެވެ. އެވާހަކައަކީ ނޫރު އެހާ ދައްކަން ބޭނުންވާ ވާހަކައަކަށް ނުވާތީއެވެ.
14 Comments!
Comments are closed.
hello ekuveri kiyuntherin.. kihineh haalu.. heekuran hurihaa kudhinves rangalhu vaane kamah. miothy mi vaahakaige 2 vana episode. hurihaa kiyuntherinnahves kamudhaane kamah ummeedhu kuran. please share your views about this episode.. love you all take care be safe
Vvvv reethi mi part vx.. Whn is next part.. Curiously waiting for next part ngey.. N Me first tha.. Lysm ?????
Thank you queeny ❤️
Vvvvvvvvvvvvvvvv nice I love the way you shaped this story?????
Thank you ❤️?
Axoo haalu kihineh?and vhk varah reethi.love your storys.stay home .be safe
Axoo rangalhu alhamdulillah.. thank you FLY ❣️
waaaaooooww…..vv salhi mi prtt
Thank you shaiii ❤️
Varah varah reethi???….
When next??
Waiting for it?……..
#Stay safe axoo??
Thank you Mai ❤️
Varah reethi mi part vx….waiting for the nxt…
Thank you kairaa ❤️
Alhey varah shalhi♥️?? curiously waiting for the next part. When next part??