ލޯބިން އަތުގައި ހިފާލާށޭ…
“ކޮބާ ދަތުރު ކިހިނެއް؟” ޝެލީގެ ފޮށި އަތުލަމުން ޒަރީން ޝެލީއާއި ހަތަރު ކަޅި ހަމަ ކޮށްލަމުން ސުވާލު ކޮށްލިއެވެ.
“ވަރަށް ސަޅި! އެހެން ނޫނަސް ޒަރީން ނުޖެހެއެއްނު ބަލާކަށް. އަދި ޒަރީން މިތަނަށް އަހަރެން ބަލައި ނަޔަސް އަހަރެންނަށް އެކަނިވެސް ގެއަށް ދެވޭނެ ކަންނޭގެ!” ކަނާއަތް ފަރާތަށް ބޯ އަނބުރާލަމުން ހިތްހަމަ ނުޖެހިފާ ހުރި ޝެލީ ބުންޏެވެ.
“ހޫމް… ދެން ވާހަކަ ގިނަ ނުކޮށް ހިނގާ ގެއަށް ދާން. ބޭރުގަ އޮންނާނެ ޝެލީމެން ގޭގައި އުޅޭ ޖޯންގެ ކާރު.” ޝެލީގެ މޫނު ސީދާ ކޮށްލުމަށްފަހު ޝެލީގެ ތުންފަތުގައި ޒަރީންގެ ކަނާއަތުގެ ޝަހާދަތް އިނގިލި ޖައްސާލަމުން ހިނިތުން ވެލާފައި ޒަރީން ބުންޏެވެ.
ޝެލީ ޒަރީންގެ އަތް ފޮޅާލުމަށްފަހު ކާާރަށް އަރަން ދާން ހިނގާގަތެވެ. ޒަރީންވެސް ޝެލީ ފަހަތުން ހިނގާގަތެވެ. ޝެލީ ގޮސް ކާރުގެ ފަހަތަށް އަރާ ހަމަޖެހިލިއެވެ. އަދި އޭނާގެ ފަން އިސްތަށިގަނޑު މަހާލިއެވެ.
“ކޮބާ ޖޯން!” ކާރު ދުއްވަން ޒަރީން އެރިތަން ފެނިފައި ޝެލީގެ ދެލޯ ބޮޑުވިއެވެ. އަދި ހާސްވެފައި އިން ޝެލީ އިސްތަށިގަނޑު ރީތިކޮށްލަމުން ޒަރީން ގާތު އަހާލިއެވެ.
“ކިހިނެއްވީ. ހޫމް….އަހަރެން ކިހިނެއް ގޮތް ނޭނގޭ މީހެއްގެ އަތަށް ޝެލީ ދޫކޮށްލެވޭނީ! އެއަށްވުރެ ބޮޑަށް އަހަރެން ޝެލީދެކެ ލޯބިވަން.” ކާރު ދުއްވާލަމުން ޒަރީން ޖަވާބު ދިނެވެ.
ޝެލީ ދިރިއުޅޭ ގެއާއި ހަމައަށް ކަާރު މަޑުކޮށްލުމާއިއެކު ޝެލީ ކާރުން ފޭބިއެވެ. އަދި ޖޯން ފެނުމާއިއެކު ފޮށި ކޮޓަރިއަށް ގެނެސްދިނުމަށް އެދި ޝެލީ އެތެރެއަށް ވަނެވެ.
“ކޮބާ ޖޯން! އަހަރެން ބުނީ ޖޯން ކައިރި ފޮށި ގެނެސްދޭށޭ. ޒަރީން ގާތަކު ނޫނެއްނު.” ފޮށި ހިފައިގެން ކޮޓަރިއަށް ވަދެގެން އައި ޒަރީން ފެނިފައި ޝެލީ ހިތްހަމަ ނުޖެހުނެވެ.
“މިހާރު ހަނދާން ނެތުނީތަ އަދި 24 ގަޑިއިރު ނުވޭ! އަހަރެން ބުނީމެއްނު ގޮތް ނޭނގޭ މީހުންނަކަށް ޝެލީގެ ކަންތައްތައް ހަވާލު ކުރަން އަހަރެން ބޭނުން ނުވާ ވާހަކަ.” ފޮށި ފާރު ކައިރިގައި ބަހައްޓަމުން ޒަރީން ބުންޏެވެ.
“ޒަރީން ގާތު ކިތައް ފަހަރުތަ ބުނާނީ އަހަރެން ފަހަތުން ނޫޅޭށޭ. އަހަރެން ބޭނުމެއް ނޫނޭ. އަހަރެންނަށް ވަރަށް އުދަނގޫ ވެއޭ. ދެން އަޅެ ބުނެބަލަ މިވަރަށް ކިޔާއިރުވެސް ޒަރީން ކީއްވެތަ އަހަރެންގެ ފަހަތުން ނުނެއްޓިގެން ތިއުޅެނީ” ޝެލީ ހިތްހަމަ ނުޖެހިފައި ހުރެ ޒަރީންއާއި ބާރުބާރަށް ވާހަކަ ދައްކަމުންގޮސް އެނދުމަތީ އިށިީންދެލިއެވެ.
“އަހަރެން ދެކެ ޝެލީ ކިތަންމެ ރުޅިއަޔަސް އަހަރެން ޝެލީދެކެ ވަރަށް ލޯބިވޭ. ޝެލީ އަހަރެންދެކެ ކިތަންމެ ރުޅި އަންނަން މަސައްކަތް ކުރިޔަސް އެއީ ޝެލީއަށް ކުރެވޭ ބޭކާރު ކަމެއްކަމެއް ނޭނގެތަ؟ ޝެލީގެ ދުލުން ޝެލީ އަހަރެންދެކެ ލޯބިވާ ވާހަކަ ނުބުނިނަމަވެސް އަހަރެންނަށް އެނގޭ ޝެލީ އަހަރެން ދެކެ ލޯބިވާކަން. ޝެލީގެ ދެލޯ އެކަަމަށް ހެކިދޭ.” އިސްޖަހާލައިގެން ހުރި ޒަރީން ޝެލީގެ ދަތް ދޮޅީގައި ހިފަހައްޓާލަމުން އޯގާތެރި ރާގަކަށް ބުންޏެވެ.
އެވަގުތު ޝެލީ އޭނާގެ ލޮލުން އޮހޮރެމުން ދިޔަ ކަރުނަތަށް ފޮހެލިއެވެ. “އަހަރެން ޒަރީންދެކެ ލޯތްބެއް ނުވޭ އަޑު އިވިއްޖެތަ؟ ޒަރީންއަށް އެނގޭތަ ޒަރީންގެ އަމަލުތައް ހުންނަ ގޮތުން އަހަރެންނަށް އުދަނގޫ ވާކަން.” ޝެލީ އޭނަގެ ބޮލުގައި ދެއަތުން އަތްލަމުން ބުންޏެވެ.
ޒަރީންގެ ދެއަތް އޭނަ ލައިގެންހުރި ފަޓުލޫނުގެ ޖީބަށް ލިއެވެ. އަދި ފަހަތަށް އެނބުރުނެވެ. އެވަގުތު ޝެލީ ކޮޓަރިން ނުކުންނަން ދާން އުޅުނެވެ. އެހެންނަމަވެސް ޒަރީން ހުރަސް އެޅިއެވެ އަދި ޝެލީގެ ޖެލީ ކޮޅެއްފަދަ އަތުގައި ހިފެހެއްޓިއެވެ.
“ޝެލީ އައި ލަވް ޔޫ!” ޒަރީން މެއާއި ޝެލީ ކައިރިކޮށްލަމުން ބުންޏެވެ. ޒަރީން އުޅުނީ ޝެލީގެ ހަށިގަނޑުގައި ބައްދާލާށެވެ. އެހެންނަމަވެސް ޝެލީގެ ދެއަތުން ޒަރީން ކޮށްޕާލިއެވެ.
“ޒަރީން މޮޔަ ވީތަ އަހަރެން ޒަރީންދެކެ ލޯތްބެއް ނުވޭ! ލޯތްބެއް ނުވެއޭ! ވަރަށް ކެތްކުރެވިއްޖެ. ރީތިކޮށް ބުނެވެސްފިން ދޯ. ޒަރީންއަށް އަހަރެންނަށްވުރެ ރަނގަޅު ކުދިން ވާނެ ﷲ އިރާދަ ކުރެއްވިއްޔާ. މީގެ ފަހުން ނުވާނެ އަހަރެންގެ ކުރި މައްޗަށް އައިސްގެން” ޝެލީ ރޮމުންރޮމުން ޒަރީންއާއި ވާހަކަ ދެއްކިއެވެ. އެވަގުތު ޒަރީން އަނެއްކާވެސް ޝެލީދެކެ ލޯބިވާ ވާހަކަ ބުނެ އެ ކޮޓަރިން ނުކުމެގެން ދިޔައެވެ.
އޭގެ ފަހުން ޒަރީން ޝެލީ ދިރިއުޅޭ ގެއަށް ދިއުން ހުއްޓާލިއެވެ. އެހެން ނަމަވެސް، ޝެލީ ކޮލެޖަށް ދާއިރު ޒަރީން އޭނަގެ ފަސްފަހަތުން އާދެއެވެ. ޝެލީ ފަހަތަށް އެނބުރިލާ ކޮންމެ ފަހަރަކު ޒަރީން ޝެލީއަށް ފިލައެވެ. ޒަރީން އެގެއަށް ނައިކަމަކުވެސް ޒަރީން ޝެލީގެ ހާލު ބަލާކަން އޭނައަށް އެނގެއެވެ. ޝެލީގެ އެކުވެރިން ޝެލީގާތު ޒަރީން އޭނަގެ ހާލު ބަލާ ވާހަކަ ބުނެއެވެ. ޒަރީންގެ ކެތްތެރިކަން ފެނިފައި ޝެލީގެ ހިތަށް އުދަނގޫވާން ފެށިއެވެ.
ދުވަހަކީ އަވިގަދަ ދުވަހެއްކަމަކުވެސް ޖެހެމުން ދިޔަ ފިނި ވައިރޯޅީގެ ސަބަބުން ޒަރީންއަކަށް ހޫނުކަން އިހުސާސެއް ނުވެއެވެ. ޒަރީން ހުރީ ޝެލީ ދިރިއުޅޭ ގެ ހުންނަ މަގުގައެވެ. ޝެލީ ކޮލެޖަށް ދާން ނިކުންނަންދެންނެވެ.
1 ގަޑިއިރު ވޭތުވެގެން ދިޔަ އިރުވެސް ޝެލީގެ ހަބަރެއް ނުވިއެވެ. ޒަރީން ހާސްވާން ފެށިއެވެ. އެންމެފަހުން ޒަރީންއަށް ކެތްނުވެގެން އެގެއަށް ވަދެ ޝެލީގެ ކޮޓަރިއަށް ވަނެވެ.
“ޝެލީ ބޮލުގައި ރިއްސަނީތަ؟ ބޭސްކައިފިންތަ؟” ޝެލީގެ ނިއްކުރީގައި އޮތް ފިނިފެން ފޮތިކޮޅު ފެނިފައި ޒަރީން ސުވާލު ކުރިއެވެ. އަދި ޝެލީގެ ބޮލުގައި އަތް ކާއްތާލިއެވެ.
“ޒަރީން އަހަރެން ބޭސް ކައިފިން. އަހަރެން އަހަރެންގެ ހަށިގަނޑު ދެކެ ލޯބިވަމޭ. ދެން ދޭ!” ޝެލީ ރުންކުރު ރާގަކަށް ބޮލުގައި އަތް ޖައްސާލައިގެން އޮވެ ބުންޏެވެ.
ޓޭކް ކެއަރ އޭ ބުނެ ޒަރީން ދިޔައެވެ. ޒަރީން ދިއުމާއިއެކު ޝެލީ ލޯމަރާލިއެވެ. އަދި އޭނައަށް ރޮވުނެވެ.
ޝެލީގެ ކިޔެވުން ނިމުމާއިއެކު މާލެ ދިއުމަށް ދަތުރު ހެދިއެވެ. ޝެލީ ހުރީ ކެތްމަދުވެފައެވެ. ފޮއްޓަށް އެއްޗެހި އަޅާ ނިމުމުން ޝެލީ އަވަސްވެގަތީ ގަޑިއަށް ޗެކިންއަށް ދިއުމަށެވެ.
“ޖޯން! ލެޓްސް ގޯ.” ފޮށި ކާރަށް އެރުވުމަށް ޖޯންއަށް އިޝާރާތް ކޮށްލަމުން ބުންޏެވެ.
ކާރު ގޮސް އެއަރޕޯޓު ކައިރިއަށް މަޑުކޮށްލުމުން ޝެލީ އޭނަގެ ފޮށި ހިފައިގެން އެއަރޕޯޓު ތެރެއަށް ވަނެވެ. ޝެލީގެ މޫނު މަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ.
މަތިންދާ ބޯޓަށް އެރުމަށްފަހު ޝެލީ ހަމަޖެހިލިއެވެ. ލޯމަރާލުމަށްފަހު ފުންނޭވައެއް ދޫކޮށްލިއެވެ. އަދި ހިނިތުން ވެލަމުން ލޯހުޅުވާލިއެވެ. އެވަގުތު ޝެލީގެ ލޮލުގައި އަޅާގަތީ އޭނައާއި ޖެހިގެން ހުރި ގޮނޑީގައި ޒަރީން އިންތަން ފެނުމުންނެވެ. ޝެލީއަށް އޭނާގެ ލޯ ބޭއިޙްތިޔާރުއި ބޮޑު ކޮށްލެވުނެވެ.
ނުނިމޭ
One Comment
Comments are closed.
Varah varah reethi???maa sha Allah ❤❤❤❤waiting for the next part???????