Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ކުޑައިރުގެ ހަނދާންތައް

Fathimath Raufa Level 1
December 25, 2019 3 Mins Read
0 Comments

.

ހަނދާނަށް އަންނަނީ އިންޓަވަލް ގަޑީ ޕެކެޓް ކަނޑަން އާންޓީ ކައިރިއަށް ދިޔަ ދުވަސްތަކެވެ. ގަސްތުގައި ބަންދު ނައްޓާލައިން އާންޓީ ބަންދު އަޅުވައި ދޭތޯ، ނޫނީ ވޫލު ކޮޅު ނައްޓާލައިގެން އާންޓީ ވޫލު ކޮޅު އައްސައި ދޭތޯ އަތް މައްޗަށް ނަގައިން އިން ދުވަސް ތަކެވެ. އަބަދުވެސް ކޮންމެވެސް ކުއްޖަކާ ތޮޅެގެން ކުށްވެރި ވެގެން އުޅުނު ދުވަސް ތަކެވެ. ރަތް ގޮނޑި އާއި ހިފާތެޅި ދުވަސްތަކެވެ.
ގެއަށް އަންނަ މަގުމަތީ މަގުގެ އެއްކައިރިން ހިނގަން އެ މަންމަ ހަނދުމަ ކޮށްދިން ވަރެއްވެސް ގުނާ އަދަދު ކުރެވޭނެ ހެއްޔެވެ. ކުޑަކުދިން މަގުމަތީ ނުދުވާނެ އޭ ބުނާނެއެވެ. ސައިކަލެއް އައިސް ޖައްސަފާނެއޭ ނިކަން އައިސް މަންމަގެ އަތުގަ ހިފާލަބަލާށޭ ބުނާނެއެވެ. ގެއަށް ވަނުމާއިއެކު ދެން އޮންނާނީ ޔުނީފޯމު ކޮނޑުގައި އަޅުވަން ހަދާން ކޮށްދިނުމެވެ. އެންމެ ދުވަހަކުވެސް އަޅެ އަމިއްލައަށް ފެނިގެން ޔުނީފޯމު ކޮނޑުގައި އަޅުވަބަލާށޭ ބުނާނެއެވެ. އެތައް ފަހަރަކު އެއް ވާހަކައެއް ބުނެދިނީ އަސްލު މަންމަ ވަރަށް ކެއްތެރިވެގެންނޭ މިއަދު ހިތަށް އަރައެވެ.
ކާންދޭގަޑީގައި މަންމަ އަށް ހާދަ އުނދަގުލެއް އޭރު ކުރެވިފަ ހުންނާނެއެވެ. ގަޔަށް އަޅައިގެން ނޫނީ ފެންފޮދެއްގެ ހިސާބުވެސް ބޮވޭކަމަކަށް ނުވާނެއެވެ. މަންމަ އޭރު އަބަދުވެސް ބުނާނެއެވެ. މިގޭ ރައުފާގެ ދަތްދޮޅިއާއި ދިމައިން އިންނާނީ ފޫވެއްޓިފައެވެ. ގަޔަށް ކާއެއްޗެހި އެޅެނީ އެހެން ވެގެންނެވެ. ލޯގަނޑު ކުރިމަތީ ހުރެ އެ ފޫވެއްޓިފާ އިން ތަނަކާއި ފޫކޮޅުގައި އިނޭ އެކިޔާ ކައްޓެއްވެސް ހޯދަން ހާދަ މަސައްކަތެއް ކުރެވިފަ ހުންނާނެތާއެވެ.
ދޮންތަ ކާންދޭގަޑީގައި ކުރައްޕާއި ، ހޯނާއި މީދަލާ ދައްކައިން ނޫނީ ކާންދެވޭ ކަމަކަށް ނުވާނެއެވެ. އަދި ބައެއްފަހަރު އަޅުގަނޑު “ކާޓޫން” ބަލަންވީމާ ޓީވި ހުންނާނީ ހަލާކުވެފަ އެވެ. އެކަމު ނުކައިގެން ފޫޅުދިގު ހަންޑި ލަވަ އަޅުވަން ވީމާ ޓީވީ ހަމަ ބަރާބަރެވެ. އެންމެ ހަނދާންވަނީ ކޮންމެ ދުވަހަކު ހަވީރު ދޮންތައާއި އެކު ހިނގާލަންދިޔަ ދިޔުމެވެ. ރީތި ކޮށްދޭގަޑީ މަޑުން ނުހުރެވޭތީ އަބަދު ދޮންތަ ހުންނާނީ ކުދި ކިޔާލަ ކިޔާލައެވެ. ކޮންމެ ދުވަހަކު ވެސް ކޮންމެވެސް އާ ވައްތަރަކަށް ބޯ ގަތައިދީގެން ހިނގާލަން ގޮސްފައި އަންނައިރު ހާރުގެ ފޫ ވީތަން ހާރަކަށް، ކަނާތު ކަންފަތުލާ އެތި ވީތަން ވާތު ކަންފަތުލާ އެއްޗަކަށް ނޭންގޭނެއޭ އޭރު މަންމަ ބުނި ބުނުމުގެ މާނައެއްވެސް އިނގުނީ ވަރަށް ފަހުންނެވެ.
ދޮންތަ އާއި އޭރު ޖެހޭ މައްސަލަ އަކީ ދޮންތަގެ ރީތިވާ އެއްޗެއްސާ ކުޅޭތީ ޖެހޭ މައްސަލަ އެކެވެ. ދޮންތަ ރޮމުން ބުނާނެއެވެ. ” މަންމާ ! މަގޭ އާ ލިޕްސްޓިކާއި ، ފުއްދަޅާއި، ލޯޝަން އަޅައިން ރައުފާ ފާޑެއްގެ އެއްޗެއް ގިރާފަ އެބަހުއްޓެވެ’. އޭރު ދެން ދޮންބެމެން ބަހައްޓައިފައި ހުންނަ ވަކި ލާރި ހިފައިން ގޮސް ޖޫސްޕެޓީ ގަނެގެން ބޮއުނު މައްސަލަވެސް ވަރަށް ބޮޑުވީއެވެ. ދޮންތަ ގެންގުޅުނު ޑިސްކޯ ގަލަމާއި ފިބާވެސް މާގިނައިން ހަލާކު ކުރެވުނީއެވެ. ފަހަކަށް އައިސް ގޭތެރެއިން އެއްޗެއް ގެއްލުނަސް ސުވާލަކާއި ކުރިމަތިލާން ނުޖެހި ވަގުތުން އަދަބާއި ކުރިމަތިލާން ވެސް ޖެހުނީއެވެ.
ކުޑައިރު ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ފަތިސް ގަޑީގައި އެ ކާންޖެހޭ ދެ ވައް ދޮންކެޔޮ ކާން ޖެހުމެވެ. މުޅި ހިސާބުގަނޑު ވަށާ ދޮންކެޔޮ ވައް އެއް އަތަށް ލައިން އަނެއް އަތުން އިލޮށިފަތި ހިފައިން އަޅުގަނޑު ފަހަތުން މަންމަ ދުވިއެވެ. ކޮންމެ ރެއަކު އެ ދުވުން ދުވެފައިވެސް އެންމެ ފަހުން ޖެހުނީ ހަމަ ދޮންކެޔޮ ކާން ތާއެވެ. އެއީވެސް ހަޔާތުގައި މިހާތަނަށް ޖެހުނު ރޭސް ތަކުގެ ތެރެއިން ރޭހެއް ކަމުގައި ބަލަމާ ހިނގާށެވެ. ފަތިސް ނަމާދަށް އަރާ، ސަޖިދައަށް ސޮސް ނިދިފައި އޮއްވައި މަންމަ އޮލުށިފަތިން ޖެހުމުން ސިއްސައިގެންގޮސް ބުރުއެއްލި ވާހަކަ އަދި އަދަށް ދާންދެންވެސް ދޮންތަ ކިޔާނެއެވެ.
މަންމަ އާއި ބައްޕަ އަކީ ފެށުނީއްސުރެ ފިހަރަ ހިންގައިން އާމްދަނީ ހޯދަމުން އައި ބައެކެވެ. އެހެންކަމުން އާންމުކޮށް ގޭތެރޭގައި މަންމަމެން ނޫޅޭނެއެވެ. ބައެއް ދުވަސް ދުވަހު މެންދުރަށް ކައްކާނީވެސް ދޮންތަ ސްކޫލުން އައިއްސައެވެ. ފިހާރަ ހުންނަނީ ގެއާއި ޖެހިގެން ކަމުން މެންދުރަށް ކައްކަން އެއްޗެހި ބަލައި ފިހާރައަށް ދާން ޖެހޭނީ އަޙުގަނޑަށެވެ. ދޮންތަ ލިސްޓް ކިޔާދިނީމައި ދުވެފައި ގޮސް ފިހާރައަށް ވަންނަ އިރު ކިޔައިދިން އެއްޗެއް ހަނދާނެއް ނުހުންނާނެއެވެ. ދެން ޖެހޭނީ ފިހާރައަށް ވަދެވެންދެން ކިޔަމުން ކިޔަމުން ދާންށެވެ.
ބައްޕަ އާއިއެކު ގެވަޅަށް މަސައްކަތު ދާން ގެނެސްދިން ހެޔޮވަރުގެ ކުދި ފަކީރާއާއި އުދެލި އަދިވެސް މިގޭގައި އެބަހުއްޓެވެ. ބައްޕަ ކޮނުނު ވަޅަކަށް ވަޅެއް އަޅުގަނޑު ވެސް ކޮނުނީމެވެ. ނަމަވެސް އެއިން ވަޅެއްގެ ބޭނުން ކުރި ހަނދާނެއް ނުވެއެވެ. ހެނދުނު ބައްޕަ ހޭލައިގެން ދުރުވާއިރު އަޅުގަނޑު ހުންނާނީ ވެއްޔާއި ، ފޭރު ފަތާއި ފެނާ އެއްކޮށްގެން ނާސްތާ ތައްޔާރު ކޮށްލާފައެވެ. ދެން ބައްޕަ އަޅުގަނޑުގެ ގާތުގައި އިށީންދެ ސައި ބައްލަވާ ކަމަށް ހަދާނެއެވެ. ދެން ދެބަފައިން ބަދިގެއަށް ވަދެ ސައި ބޮމުން މަންމަ ތައްޔާރުކުރި ސަޔަށް ވުރެ އަޅުގަނޑު ތައްޔާރު ކުރި ސައި މީރުކަމަށް ބުނެ ގޯނި ފުލަށް ވެސް ލާނެއެވެ.
ބައްޕަ ކޮންމެ ފަހަރަކު މާލެ ގޮސްފައި ދުރުވާއިރު ގެންނަ ކުޅޭ އެއްޗެހި ނިމިދާނީ ދޮންބެ އާއި ތުއްތުބެގެ އަތުވެއެވެ. އެކަމަކު އޭރު ދޮންބެމެން އުޅޭނީ ގްރޭޑް ނުވައެއްގައެވެ. އެހެނަސް ކޮންމެ ފަހަރަކު ކުޅޭ އެއްޗެހި ހަލާކު ކުރާތީ ދެން ނުގަނެދޭނަމޭ ބުނެ ބައްޕަ އަޅުގަނޑާއި ދިމައިން އެއްޗެހި ކިއެވެ. ގޭތެރޭގައި ޓީވީ ރިމޯޓާއި ހިފާތެޅުމުގެ ކުޅިވަރަކީވެސް ފާހަގަ ނުކޮށް ދޫކޮށްލެވޭނެ ކުޅިވަރެއް ހެއްޔެވެ. އަޅުގަނޑުގެ ބޯމަތިން ރިމޯޓު ދާއިރުވެސް ބަލަހައްޓައިން އިނދެވުނީއެވެ. ދޮންބެ އާއި ދޮންތަ އަދި ތުއްތުބެގެ ކައިރިން މޮޅުނުވާނެކަން އިނގޭތިއެވެ. ޓީވީ ބަލާއިރު ބޯލާނެ ފުޅިއާއި ދަޅު ފިހާރައިން ގެނެސްދެނީ އަޅުގަނޑެވެ. އޭރު ހައްދާލާފަ ފިހާރައަށް ފޮނުވި ސަބަބު މިހާރު އިނގިއްޖެއެވެ. އެންމެ ފަސޭހައިން އެތަކެތި ލިބޭނީ އަޅުގަނޑު މެދުވެރި ކޮށްގެންކަމަށް ވާތީއެވެ. ތަކެތި ގެނެސް ދިނުމުން އަންގައަށް ދޮންބެ ލަވައިދޭ ދެފުއް ސުޕާރީ ދޭތީ އަޅުގަނޑު ހުރީ ވަރަށް ރުހިގެންނެވެ.
ތިމާގެ ކުއްޖަކު ލަނޑަޔަށް ގެންގޮސްފައި އަޅުގަނޑު ނުގެންދިޔަ މައްސަލައިގައި ބައްޕަ ވަރަށް ބޮޑަށް ކުށްވެރި ވުމުން އެއްރޭ މަހަށް ދިޔައިރު އަޅުގަނޑު ގެންދިޔައެވެ. މަންމަ ފިހާރަ ބަންދު ކޮށްފައި ދަންވަރު ގެއަށް އައިއިރު އަޅުގަނޑުމެން ނެތީގެން ހާސްވެގެން ޕޮލިހުންނަށްވެސް އެރޭ އެންގިކަމަށް ވެއެވެ. އަޅުގަނޑުމެން މަހުން ލަފައިން އައި އިރު ގޭދޮށަށް މީހުން އެއްވެފައި ތިއްބެވެ. އެރޭ އަސްލު ކަން ހިނގާދިޔަގޮތް ދޮންބެ ކިޔާދިނީ ވަރަށް ފަހުންނެވެ. މަހަށް ގޮސް އުޅެނުކޮށް ދޯނި ފަރަށް އެރީއެވެ. އެރޭ އަޅުގަނޑުމެނާއި އެކު މަހަށް ގިޔަ ދޮންބެ އާއި އެއް އުމުރުގެ ސޮރަށް ރިޝްވަތު ދީގެން ބައްޕަ އެވާހަކަ އޮއްބާލީ ކަމަށް ވެއެވެ. ބައްޕަ ގާތު މިހާރު އެވާހަކަ އެހިޔަސް ދެނަހުރި ކަމަށްވެސް ނުހަދާނެއެވެ.
މިހާރުވެސް މުޅި އާއިލާ އެއްތަށިމަތިން ކާ ދުވަހަކު މިވާހަކަތަށް ކިޔާފައި އެންމެން ހޭނެއެވެ. އެއީ ހާދަ އުފާވެރި ވަގުތު ކޮޅެކެވެ. ކުޑައިރު ދިމާވެފައި ހުރި މިފަދަ މަޖާ ކަންތައްތަކުގެ ވާހަކަ ކިޔާ ފުހިވާނެ ހެއްޔެވެ. އަދިވެސް އެއްފަހަރު އެދުވަސްތަށް ތަޖުރިބާކޮށްލަން ލިބޭނެ ނަމައޭ ހިތަށް އަރައެވެ. މިއަދު އެންމެ އުފާވާ ކަމަކީ ރަށަކަށް އުފަންވެ ރަށްފުށުގެ ދިރިއުޅުމެއް އުޅެން ލިބުނީތީއެވެ. އ.އ.ރަސްދޫގެ ފަސްގަނޑަށް އުފަން ރަސްދޫގެ ދަރިއަކަށް ވީތީއެވެ. ވާރެޔާއި ތެމެވި، ޗަކައިގައި ކުޅެ، އަތިރިމަތީ ދުވެލަން ގޮސްއުޅުމުގެ ތެރޭގައި (ނޭންގި) މޫދަށް އެރިލަން ލިބުމުގެ ނަސީބު ލިބުނީތީއެވެ. ގަސްގަހަށް އަރައިން ވެއްޓި މަލަން އަޅާލަން ލިބުމަކީވެސް ވަކި ކުޑަ ނަސީބެއް ހެއްޔެވެ.
ރަސްދޫގެ ހުރިހާ ކުޑަކުދިންނަކީ ވެސް މިފަދަ ފުރިހަމަ ސިއްޙަތަކާއި އެކު އުފަލުގައި ބޮޑުވެ ކޮންމެވެސް ދުވަހަކުން ރަށަށް ހިދުމަތް ކުރާނެ ހަރުދަނާ ދަރިން ތަކެއް ކަމުގައި ލައްވާށި. އާމީން.

Share Article

Follow Me Written By

Fathimath Raufa

Level 1

Other Articles

Previous

ވަޢުދު (ސާޅީސްވަނަ ބައި)

Next

ސުނާމީ – އެދުވަސް

Next
December 25, 2019

ސުނާމީ – އެދުވަސް

Previews
December 23, 2019

ވަޢުދު (ސާޅީސްވަނަ ބައި)



All Right Reserved!