Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީލޯބި

ސުނާމީ – އެދުވަސް

ummu kaif Level 1
December 25, 2019 4 Mins Read
3 Comments

އަހަރެންނަކީ ދެދަރި މައެކެވެ. 5 އަހަރުގެ ޔޫސުފް އާއި 6 މަހުގެ ކައިސް ގޮވައިގެން އަހަރެން ދިރިއުޅެނީ ތ.މަޑިފުށީ އިރުމަތި ފަރާތު އަތިރީގައި ހުރި އަހަރެންގެ ބައްޕަގެ ގޭގައެވެ. ގެއާ އިންވެގެން 3 ފޫޓު އުސް ވަށާފައިރު ރާނާފައި ހުރި ފަޅުގެއެއް ހުންނައިރު ބިއްދޮށު ފަރާތަށް ނުކުމެލުމުން ޖެހިފައި އޮތީ ގަސްތަކުން ހިޔާވެފައިވާ ހިތްފަސޭހަ ފަންނެވެ.

އުދައަރާ މޫސުމުގައި އެކަމުގެ ތަކުލީފު އުފުލަން ޖެހުނު ނަމަވެސް އެއީ އުޅެން ފަސޭހަ ހިސާބު ގަނޑެކެވެ. ޖެހޭ ފިނިފިނި ރޯޅިން ހިތާ ފުރާނައަށް އާރޯކަން ގެނެސްދެއެވެ.

އެހެން ދުވަސް ދުވަހެކޭ އެއްވެސް ތަފާތުކަމެއް ނެތި ރީތި ދުވަހަކަށް އިރު އަރައި ދުނިޔެމަތި އަލިކޮށްލައިފިއެވެ. ރޯޅިއެއްގެ ހިލަމެއް ނުވާ އެދުވަސް ފެށިގެން ދިޔައީ ކުއްލިއަކަށް އެވަރު ބޮޑު ހާދިސާއެއް ހިގައިފާނެ ކަމަށް ހިތަށްް އަރުވާލަން ވެސް މީހަކަށް ނޭނގެނެ ހައި އޮމާން ގޮތެއްގައެވެ.

ހިޔާލެއް ފިކުރެއްނެތި އެއްކަމެއް ކޮށްލައި އަނެއް ކަމެއްގައި އަހަރެން އަވަދި ނެތި އުޅެމުން ދިޔަ ވަގުތެވެ. ތުއްތު ދަރިފުޅު ހޭލައި ރޮއެގަތް އަޑު އިވުނެވެ. އެއިރު ޔޫސުފް މަގުމަތީގައި އެކަނި ކުޅެންް އުޅެއެވެ. އަހަރެން ގޮސް ވަނީ ކޮޓަރިއަށެވެ. ކައިސް އުރާލައި މަސަލަސް ކޮށްލައިގެން ނުކުތް އިރުވެސް ޔޫސުފް ފެންނަން ހުއްޓެވެ. ތުއްތު ކައިސްއަށް ކާންދީގެން އަހަރެން ކޮޓަރިއަށް ވަނީ ދަރިފުޅު ފެންވަރުވައި ނެޕީ ބަދަލު ކޮށްލުމުގެ ނިޔަތުގައެވެ.

ހަމަހިމޭންކަން ރަސްކަން ކުރަމުން ދިޔަ އެވަގުތު ކުއްލިއަކަށް އެހެންޏާ ނިވޭ ކަހަލަ އަޑުފަށްގަނޑެއް ދުރުދުރުން އިވެން ފަށައިފިއެވެ. އެއަޑު ބާރުވެ އަހަރެން ކުރަމުން ދިޔަ މަސައްކަތް ހުއްޓާލަން މަޖުބޫރު ކުރުވީ އެއީ މިހާތަނަށް އިވިފައި ނުވާ ފަދަ ވަރުގަދަ އަޑަކަށް ވެގެން ދިޔުމުންނެވެ. ދަރިފުޅު ޖަހުވަން ނެގި ނެޕީއާއި އެކު ދަރިފުޅު ގޮވައިގެން ނުކުމެ ބޭރު ބަލާލީމެވެ.

ފެނުނު މަންޒަރުން އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގަތް ކަހަލައެވެ. އަހަރެން ހުރި ހިސާބާ ތިރީހަކަށް ފޫޓު ދުރުން އެއްގަމަށް ބިންދާލަން ނަގާފައި އޮތް ބިޔަ ރާޅު އަތިރިއަށް ނުކުންނަން ހުރި ދޮރުން މައްޗައް އޮތީ ހިއްލާލާފައެވެ. އަހަރެންގެ ހޭބުއްދި ފިލާ ނުދިޔައީ ކިރިޔާއެވެ. ފިލްމަކުން ނޫނީ އެފަދަ މަންޒަރެއް ދުވަހަކު އަހަރެން ނުދެކެމެވެ.

އަހަރެންގެ އަރުބުޑުން ނުކުތީ ބިރުވެރި ހަޅޭކެއްގެ އަޑެވެ. އަޅައި އިތިކޮށް އަހަރެންނަށް ދުއްވައި ގަނެވުނީ އަހަރެންގެ ޔޫސުފް ހޯދާށެވެ. މަގަށް ނުކުތްއިރު ދަރިފުޅު ފެންނާކަށް ނެތެވެ. މޭގަނޑު އަގަޔަށް އައި ކަހަލައެވެ. ކައިރީ ހުރި ފަޅުގެއަކީ އެތަންގަނޑު ކުދިން ގަވައިދުން ކުޅެން ވަދެ އުޅޭ ގެއެކެވެ. އެންމެ ފަޅި ސިކުންތެއް ވެސް އަހަރެން ލަަސް ނުކުރަމެވެ. އުރުގައި އޮތް ތުއްތު ދަރިފުޅާއެކު އެފަޅުގޭގެ ފާރުމަތިން އަރައި ގޯތިތެރެއަށް ފުންމާލީމެވެ.

ﷲ އަށް ހަމްދާ ޝުކުރެވެ. އަހަރެންނަށް ފުއްމާލެވުނީ ޔޫސުފްގެ ކުރިމައްޗަށެވެ. އޭރު އެ ބިޔަ ރާޅު ޖެހުނު އެއްޗެއް ސުންނާފަތި ކުރަމުން ރަށުތެރެއަށް އަރައިގެންފިއެވެ. އަހަރެން ޔޫސުފް އަތުގައި ހިފައިގެން ދުއްވައިގަތީ ސަލާމަތަށް އެދި އަޑުން އަޑު ނަގާ ރޮމުންނެވެ. އިވެމުންދިޔަ އަޑުފައްގަނޑު ދިޔައީ ފަހަރަކަށް ވުރެ ފަހަރެއް ބާރު ވަމުންނެވެ. ވިހެއިތާ މާ ގިނަދުވަސް ވެފައި ނުވުމާއެކު ކުއްލިއަކަށް އެފަދަ ބިރުވެރި ހާލަތެއްގައި ފައިތިލަ ސާބިތު ކޮށްލުން ވީ އަހަރެންނަށް ވާވަރަށް ވުރެ ބޮޑު ކަމަކަށެވެ.

ގެންފައިވާ ބިރާއެކު އެއްކުއްޖަކު ކިހިލީގައި އިނުމުން އަހަރެންގެ ފައިން ބާރު ދޫވާން ފެށިއެވެ. ގައިގާ ނެތް ހިތްވަރު ނެރެގެން އަހަރެން ދުވަމުން ދިޔައިރު އަހަރެން ހުރީ ނެވާ އަރާ ފުރިފައެވެ. އެހެނަސް އެންމެ ހިދުކޮޅަކަށް ވެސް މަޑުޖެހިލާކަށް ނުކެރުނެވެ. ފަހަތުން ބިޔަ ރާޅު އަހަރުމެން ތިން މައިން ޖަހައިގަންނަން އެ އަންނަނީ އަތު ޖެހުނު އެއްޗެއް ބިމާއި ހަމަކުރަމުންނެވެ. ކުޑަކުއްޖެއް ބޮޑު މީހެއް ބެލުމެއްނެތި އެރާޅުގެ ދަށުލައި ޝިކާރަ ކުރަމުންނެވެ.

އަހަރެންގެ ގައިން ބާރު ހުސްވެފައި ވަނިކޮށް ގެﷲ ރަހުމަތް ފުޅުން އެވަގުތު އަހަރެންނާ ދިމާވީ ފައިރޫޒްއެވެ. އަވަށްޓެރި ގެއެއްގެ ކުއްޖެކެވެ. އޭނަ ދުވެފައި ދިޔައީ އޭނަގެ އާއިލާ ވީހާލެއް ދެކެން ކަމަށް ވެދާނެއެވެ. އަހަރެންގެ އުނގުގައި އިން ދަރިފުޅު އޭނައާ ހަވާލު ކުރެވޭ ވަރުވީ ކިރިޔާއެވެ. ޔޫސުފް އާއި އެކު ރާޅުގެ ތެރެއަށް އަހަރެން ދަމައިގެންފިއެވެ. ފިރިހެނަކަށްވެ ގައިގައި ބާރު ހުރުމުން ފައިރޫޒް ހިއްވަރާއެކު ކޮޅަށް ހުއްޓެވެ. އެހެނަސް އިރުމަތި ފަރާތުން އަރައިގެން އައި ބޮޑު ރާޅު ހުޅަގު ފަރާތުން މޫދަށް ފައިބައިގެން ދިޔައީ އަހަރުމެން ދެމައިން ގޮވައިގެނެވެ. ކުނިބުނިން ފުރިފައި އޮތް ގަދަ އޮއެގަނޑުގެ ތެރެއަށް އަހަރެންގެ ޔޫސުފް އަހަރެން އަތުން ދޫވިއެވެ.

އެވަގުތު އެދަރިފުޅު އަހަރެންނާ އުމުރަށް ވަކިވީ ކަމުގެ އިހުސާސް ކުރެވުނެވެ. އަހަންނަކީ އެދަރިފުޅުގެ އުފަން މައިމީހާއެވެ. އެއީ އަހަރެންގެ ހިތްފަޅައިގެން ދިޔަ ފަދަ އިހުސާސެއް މުޅި ހަޔާތުގައި ވެސް ކުރެވުނު ފުރަތަމަ ފަހަރެވެ. އޮއިވަރުގެ މިސްރާބު ރަށާދިމާލަށް ބަދަލު ވުމާއިއެކު ކަށިން ހިތްވަރު ނެރެގެން ރަށާދިމާއަށް ދެވޭތޯ މަސައްކަތް ފެށީމެވެ. އަހަރެންގެ ފައި ޖެހޭ ހިސާބަށް އާދެވުމާއެކު އަހަންނަށް ވަށައި ހޯދަން ފެށުނީ އަހަރެންގެ އަތުން ބީވެ ދިޔަ އަހަރެންގެ ޔޫސުފް ވީތަނެއް ބެލުމަށެވެ.

އެވަގުތު އަަހަންނަށް ފެނުނީ އަހަރެންގެ ލޯބިވާ ޔޫސުފް އެއްގަމަށް އަރަން މަސައްކަތް ކުރަމުންދިޔަ މަންޒަރެވެ. މޫދު ކައިރީގައި ދިރިއުޅެން ޖެހިފައި އޮތުމާއެކު ގަވައިދުން މޫދަށް އެރޭ ޔޫސުފްއަކީ އެހާ ޅައުމުރުގައި ވެސް ފަތަން ދަންނަ ކުއްޖަކަށް ވުން ވެގެން ދިޔައީ ﷲ ގެ މިންވަރުފުޅުން އެދަރިފުޅު ލިބުމުގެ ނަސީބު ކަމުގައެވެ.

ދެމައިންނަށް ކޫތެމުން އެއްގަމަށް އެރުނުއިރު ޗަކައާއި ވެލިން ވަނީ ތަތް ތެޅިފައެވެ. ގައިގެ އެތަށް މިތަނުން ހަންމެށި ކުދިކުދި ޒަހަމްތަށް ލެވިފައެވެ. ޔޫސުފް ލަފިކޮށްގެން ފައިރޫޒް ހުރި ހިސާބަށް ދެވުނު އިރު ދަރިފުޅު ގޮވައިގެން ހަދާނެ ގޮތް ހުސްވެފައި ފައިރޫޒް ހުއްޓެވެ. އަހަރެން ދަރިފުޅު އުރާލުމާއެކު ފައިރޫޒް ދުއްވައިގަތީ މޫދާ ދިމާއަށް އޮޔާގެންދިޔަ ދެމީހަކު ސަލާމަތް ކުރުމަށެވެ.

ގައިގަ ދެކުދިން ބޮޑިކޮށްގެން އަހަރެން ފެންގަނޑު ތެރޭގައި ފައިތިލަ ސާބިތު ކުރަމުން ބަދަރަށް ދިޔުމަށް މަސަައްކަތް ފެށީމެވެ. އޭރު ދުރުން މީހުންތަށް ބަނދަރާއި ދިމާއަށް ދުވާތަން ފެނެއެވެ. ފެންގަނޑު ހިދެން ފަށާފައި އޮތުމުން ލަހެއް ނުވެ ބަނދަރާއި ހިސާބަށް ފޯރައިފިއެވެ. އެއް އަޑަކުން މުޅި މާހައުލު އޭރު ގުގުމަމުން ދިޔައީ އެންމެންގެ ރުއިމުގެ އަޑުންނެވެ.

އަހަރެންނަށް މަޑުޖެހިލާނެ ވަގުތުކޮޅެއް ވެސް ނުލިބުނެވެ. ބަނދަރު ހިކެނީއޭ ދޯނިތަށް ބަނދަރު ތެރެއިން ނެރޭށޭ ބަޔަކު ގޮވައިގަތުމާ އެކު މުޅި މާހައުލު އިތުރަށް ހަލަބޮލި ވެގެން ހިނގައްޖެއެވެ. ވާނީވެސް އެހެންތާއެވެ. ބަލަބަލާ ތިއްބާ ލޮނުގަނޑު އެހެރަދަނީ ތިރިވަމުންނެވެ.

އެންމެން އަވަސްވެ ގަތުމުން ޔޫސުފްވެސް ދުއްވައިގަތީ ދޯންޏަށް އަރާށެވެ. ފަހަތުން އަހަރެން ވެސް ތުއްތު ދަރިފުޅު މޭގައި ބޮޑިކޮށްގެން ހުރެ ޔޫސުފް ފަހަތުން ދުވީމެވެ. ދޯނި ތަކަށް މީހުން އަރުވަން ތިބި މީހުން އަތު ޖެހުނު މީހަކު ދޯނި ތެރެއަށް ދަމައިގަތީއެެވެ. ޔޫސުފް ދޯންޏަށް ނެގިއިރުވެސް އެދޯނި ބަނދަރު ތެރޭން ސަލާމަތް ވުމަށް ނައްޓާލައިފިއެވެ.

އަހަރެން ރޮއެ ހަޅޭލަވަލަވާ އޮއްވާ ދޯނި ނުކުމެގެންް ހިނގައްޖެއެވެ. ދެކޮޅަށް ދުވަމުން އަޑުން އަޑުނަގައި ރޮމުން ދިޔަހާ މީހުންގެ ތެރެއިން އަހަރެންގެ އަޑު އެމީހުނަށް އިވޭނީވެސް ވަކި ކިހިނަކުން ހެއްޔެވެ.

އަހަރެންނަށް އަހަރެންގެ ދަރިފުޅު ދެވަނަ ފަހަރަށް ގެއްލުނީއެވެ. އެ ދަރިފުޅަށް އަޅާލާނެ އެކަކުވެސް އެ ހާލަތުގައި އެ ދޯނީގައި ނެތޭ ހީވީއެވެ. މިފަދަ ދަނޑިވަޅެއްގައި ލޮލުގެ ކުރިމަތިން އެގޮތަށް ދަރިފުޅު ވަކިވުމުން މައިލަގޮނޑިއަށް ކިހާ އަސަރެއް ކުރާނެހެއްޔެވެ! ހަތަރު އުދަރެސް ފެނުޖެހިފައިވާ ހާލު ރޮމުން ހަދާނެ ގޮތެއް ނޭނގި އެނބުރެން ހުއްޓާ ފެނުނީ އަހަރެންގެ ބޮޑުބެއަކަށެވެ. އަހަރެން ހުރި ހާލުފެނި އަހަރެންނަށް ހިމާޔަތް ދިނީ ބޮޑުބެއެވެ.

ކުއްލިއަކަށް އައިސް ކުރިމަތިވި މުސީބާތް ރަށުން ފައިބައިގެން ގޮސް ލޮނުގަނޑު ހަމަޖެހުނު އިރު ބޮޑެތި ގެއްލުންތަކެއް ނުވާ އެންމެ އާއިލާއެއް ރަށުގައި ނެތެވެ. މުދަލާ ގެދޮރު ހުރިތަނަށް ހުރި ހާލަކަށް ދޫކޮށްލާފައި ރަށުގެ ފިރިހެނުންތަށް ލަހެއްނުވެ އަތުކުރި އޮޅާލީ އޮޔާދިޔަހާ ބަޔަކު ހޯދައި ސަލާމަތް ކުރާށެވެ.

ބޮއްކުރާތަކާ ނުކުމެ ކައިރީގައި އޮތް ފަޅުރަށަށް ދިޔަހާ ބަޔަކު ފަޅުތެރެއިން ސަލާމް ކޮށްގެން ގެނައީ އެމީހުންނެވެ. ބަނދަރުތެރެއިން ނެގިހާ ކުދިންނާ އަންހެނުންނާ އަމިއްލަ ހާލަށް ދޫކޮށްލި ނަމަ އެދުވަހު އަހަރެންގެ އުފަން ރަށުން ގެއްލިގެން ދާނީ ކިތަށް ފުރާނަކަން ދެނެވޮޑިގެން ވަނީ މާތް ރަސްކަލާންގެއެވެ. އަހަރެންގެ ދަރިފުޅު އަހަރެންނަށް ފެނުނީ އޭގެ ދެގަޑިއިރު ފަހުންނެވެ. އަށްﷲ ހަމްދާ ޝުކުރެވެ. އެދަރިފުޅު ހުރީ ސަލާމަތުންނެވެ.

އެ ބިރުވެރި ހާދިސާއަށް 16 އަހަރު ފުރުމާ ގާތްވީއެވެ. ފުރަތަމަ ދުވަސް ކޮޅު އަހަރެންނަށް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރު ކުރިއެވެ. ކިރިޔާ އަޑެއް އިވިލިޔަސް ސިހެއެވެ. އެކަނި ހުންނަން ބިރުގަނެއެވެ. ނިދި ޖެހިލާއިރަށް ސިހިފައި ހޭލެވެއެވެ.

އެދުވަހު އަހަރެންނަށް އެދެކުދިން ލިބުނުކަން އެއީ ކީރިތި ވަންތަ ﷲ ގެ ހެޔޮ ރަހުމަތް ފުޅެވެ. ނޫންނަމަ އުސް ފާރެއް މަތިން ތުއްތު ކުއްޖަކު ގޮވައިގެން އަހަރެން ފުއްމާލާނީ ކިހިނެއް ހެއްޔެވެ. އަހަރެންގެ ތުއްތު ދަރިފުޅު ފައިރޫޒްއާ ހަވާލު ނުކުރެވުނު ނަމަ އަހަރެން ގެނބިގެން ދިޔައީހީ އެކުއްޖާއާ އެކުގައޭ ހީވެއެވެ.

ޔޫސުފްއަށް ފަތަން އެނގުނު ނަމަވެސް ގެﷲ ރަހުމަތްފުޅު އެވަގުތު އެކުއްޖާގެ މައްޗައް ނެތްނަމަ މިއަދު އެއީ އަހަރެންނަށް ފެންނަން ހުންނާނެ ކުއްޖެއް ނޫނެވެ. އެބިރުވެރި ދުވަސް އަހަރެންގެ ޔޫސުފް މިއަދު ހަދާން ހުރިވަރެއް އަހަރެންނަކަށް ނޭނގެއެވެ. އެހެނަސް މީހަކު ސުނާމީއޭ ބުނާއަޑު އިވުނަސް އަހަރެން ހަތަރެސްފައިން މިއަދުވެސް ހީބިހި ނަގައިގެން ދެއެވެ.

( މިއީ ސުނާމީ ހަދިސާގައި ފޫނުބެއްދޭ ވަރުގެ އެތައް ގެއްލުމެއް ކުރިމަތިވި ކޮޅުމަޑުލު މަޑިފުށީ ރައްޔިތެއްގެ އެދުވަހުގެ ހަނދާންތަކެވެ. މިލިޔުމުގައި ހިއްސާ ކޮށްފައިވާ ނަންތަކަކީ މިހާދިސާ ތަހައްމަލުކުރި ފަރާތްތަކުގެ ނަންތަކެއް ނޫނެވެ. ހާދިސާއަކީ ހަގީގީ ހާދިސާއެވެ. )

Share Article

Follow Me Written By

ummu kaif

Level 1

Other Articles

Previous

ކުޑައިރުގެ ހަނދާންތައް

Next

އާދޭސް ކުރާ ހިތްވޭ… (ޓްރެއިލާރ)

Next
December 25, 2019

އާދޭސް ކުރާ ހިތްވޭ… (ޓްރެއިލާރ)

Previews
December 25, 2019

ކުޑައިރުގެ ހަނދާންތައް

3 Comments!

  1. samra says:
    December 25, 2019 at 11:27 am

    v hithah asaru kohfi…

  2. Anii says:
    December 25, 2019 at 10:26 pm

    Mistake eh othyma bunelaanan… 16 ahareh noon furenee… 15 yrs*

  3. yan says:
    December 26, 2019 at 3:09 pm

    Varah reethi mistakeh ebain15 yrs furuny ??

Comments are closed.



All Right Reserved!