Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަ

ލޯބި ލޯބި ދަރިފުޅު

Eliza Level 1
November 18, 2019 4 Mins Read
4 Comments

2010 ވަނަ އަހަރުގެ ސްޕްޓެމްބަރ މަހެވެ. އަހަރެންގެ ދަރިފުޅު ރާއިޝް އަށް އޭރު ދެ އަހަރާއި ހަތް މަސް ވީއެވެ. އެންމެ ފުރަތަމަ ރާއިޝް ހޮޑު ލުމުން އަހަރެން ހީކުރީ މާ ގިނައިން ކާން ދެވިގެން ވީ ގޮތެއް ކަމަށެވެ. ނޫނީ ކާން ދިނުމަށްފަހު ރާއިޝް މާ ސަކަރާތް ޖެހުމުން ވީ ގޮތެއް ކަމަށެވެ. އެހެންވުމުން އަހަރެން އެކަމަށް މާ ބޮޑަކަށް ނުވިސްނަމެވެ. އޭގެ ދެ ދުވަސް ފަހެވެ. ރާއިޝް އަނެއްކާވެސް ހޮޑު ލައިފިއެވެ. މިފަހަރު މާ ގިނައިން ކާން ނުދެވޭކަން އަހަންނަށް ޔަގީނެވެ. އެހެންވުމުން އަހަރެން ކުޑަކުދިންގެ ޑޮކްޓަރަކަށް ރާއިޝް ދައްކަން ދިޔައީމެވެ. ޑޮކްޓަރު އެއީ އެދުވަސްކޮޅު ރަށުތެރޭގައި ފެތުރިގެން އުޅޭ ބަލިގަނޑު ކަމަށް ނިންމިއެވެ. އާންމުކޮށް އެކަހަލަ ބަލިގަނޑެއް އަހަރެންގެ އެއް ދަރިއަށް ޖެހުނިއްޔާ އަނެއް ދަރިއަށް ވެސް އޮންނަނީ ޖެހިފައެވެ. މިފަހަރު އެހެން ނުވުމުން އަހަރެން ރާއިޝްގެ ދިހަ އަހަރުގެ ބޭބެ މާއިޝް އަށް ކޮއްކޮ ނަގައި ނޫޅުމަށް ބުނީމެވެ. މާއިޝް އަކީ އޭނަގެ ކޮއްކޮ ދެކެ ވަރަށް ލޯބިވާ ބޭބެއެކެވެ. އަބަދުވެސް އުޅޭނީ ރާއިޝް އާއެކު ކޮންމެވެސް ސަކަރާތެއް ޖެހުމުގައެވެ. އެހެންވުމުން އަހަރެންގެ އެދުމަށް މާއިޝް ހިތްހަމަނުޖެހޭނެކަން އަހަންނަށް އިނގެއެވެ.

ޑޮކްޓަރަށް ދެއްކި ދުވަސް ނޫން އަނެއް ދުވަހެވެ. ރާއިޝް އަނެއްކާވެސް ހޮޑުލައިފިއެވެ. މިފަހަރު ހޮޑު ލުމަށް ފަހު ރާއިޝް ބާރަށް ރޯން ފަށައިފިއެވެ. ކުރިން ދެ ފަހަރު ހޮޑުލިޔަސް ރާއިޝް އެއް ނުއެއް ރޮއެވެ. ފަސް ވަރަކަށް މިނެޓް ފަހުން ރާއިޝް ހުއްޓާލިއެވެ. އޭގެ އަނެއް ދުވަހެވެ. މިފަހަރުވެސް ފަސް ވަރަކަށް މިނެޓް ފަހުން ރާއިޝް ރުއިން ހުއްޓާލިއެވެ. އަހަރެން ކަންބޮޑުވާން ފަށައިފިއެވެ. އެހެންވުމުން އެދުވަހު އަނެއްކާވެސް އަހަރެން ކުރިން ދެއްކި ކުޑަކުދިންގެ ޑޮކްޓަރަށް ދެއްކީމެވެ. ޑޮކްޓަރު އެއީ ކަންބޮޑުވާ ވަރު ކަމެއް ނޫން ކަމަށް ބުންޏެވެ. ޑޮކްޓަރުގެ ކޮޓަރިން ނުކުމެ ހޮސްޕިޓަލުން ނުނުކުމެވިގެން އުޅެނިކޮށް ރާއިޝް އަށް އަނެއްކާވެސް އެހެން ވެއްޖެއެވެ. އަހަރެން ވަގުތުން ރާއިޝް އެމަޖެންސީ ރޫމަށް ގެންދިޔައީމެވެ. ކުރިޔާ ހިލާފަށް މިފަހަރު ރާއިޝްގެ ރުއިން ފަސް މިނެޓް ވިއިރުވެސް ނުހުއްޓެވެ. ކުރިން ދެއްކި ކުޑަކުދިންގެ ޑޮކްޓަރު އައިސް ރާއިޝްގެ ހާލު އަނެއްކާވެސް ބަލައިފިއެވެ. ޑޮކްޓަރު ވަގުތުން އެކި ޓެސްޓުތައް ހަދަން ދިނެވެ. ހެދި ޓެސްޓު ތަކުން މައްސަލަ އެއް ހުރި ކަމަށް ނުދައްކައެވެ. އެންމެ ފަހުން އެމް.އާރް.އައި އެއް ހަދައިފިއެވެ. އެމް.އާރް.އައި ހެދުމަށްފަހު އަހަރެމެން ދިޔައީ ގެއަށްވެ. އޭގެ ނަތީޖާ ލިބެން އޮތީ އަނެއް ދުވަހުއެވެ..

ގެއަށް ގޮސް ރާއިޝް ނިންދެވުމަށް ފަހު އަހަރެން ހަސަނަށް ގުޅާލީމެވެ. ހަސަނަކީ އަހަރެންގެ ކުރީގެ ފިރިމީހާއެވެ. އަދި ކުދިންގެ ބައްޕައެވެ. މިއަދު ޑޮކްޓަރަށް ދައްކަން ދާ ވާހަކަ އަހަރެން އޮތީ ހަސަން ކައިރި ބުނެފައެވެ. އަހަރެން ހަސަނަށް މިއަދު ވި ކަންތައް ކިޔައި ދިނީމެވެ. އަހަރެން ހުރީ ވަރަށް ހާސް ވެފައެވެ. ހަސަން ހުރިހާ ކަމެއްވެސް ރަނގަޅުވާނޭ ބުނެ މާދަން އަހަންނާ އެކު ރިޕޯޓް ނަގަން ދާނެ ކަމަށް ބުންޏެވެ. އެރެއަކު އަހަންނަކަށް ނުނިދެއެވެ. ކަމެއް ގޯސްވާން އުޅޭކަމުގެ އިހުސާން ވަނީއެވެ. ހާސް ވަނީއެވެ. ބާރަށް ހިތް ތެޅެނީއެވެ. ރާއިޝްގެ މޫނަށް ހުއްޓުމެއް ނެތި ބެލެނީ އެވެ.

އަނެއް ދުވަހެވެ. އެމް.އާރް.އައި ނަތީޖާ ލިބޭނެ ކަމަށް އޮތީ 12 ޖަހާ އިރުއެވެ. 11 ނުޖަހަނީ އަހަރެން ހުރީ ހޮސްޕިޓަލަށް ދާން ތައްޔާރުވެގެންނެވެ. 12 ޖަހަން ފަނަރަ މިނެޓް ވަނިކޮށް ހަސަން އަހަންނަށް ގުޅާ ގޭގެ ތިރީގަ ކަމަށް ބުންޏެވެ. އަހަރެން އަވަހަށް ތިރިއަށް ފޭބީމެވެ. އެމް.އާރް.އައި ކައުންޓަރު ކައިރީގައި އަހަރެމެން ހުރީމެވެ. ނަތީޖާ ލިބޭކަށް ދެން މާ ގިނައިރެއް ނުވާނެއެވެ. އަހަރެން ތުރު އަޅަން ފެށިއެވެ. ކައުންޓަރުގައި އިން ކުއްޖާ ސިޓީއުރަ ދިއްކޮށްލުމުން އަހަރެން އަވަހަށް އެ ނަގާ އޭގައި އިން އެމް.އާރް.އައި ރިޕޯޓް ކިޔަން ފެށީމެވެ. ރިޕޯޓް ކިޔަން ފެށުމާއެކު އަހަރެންގެ ބޮލަށް އެނބުރުން އަރަން ފެށިއެވެ. ކަކޫމައްޗަށް ތިރިވެ އަހަންނަށް ބާރަށް ރޮވެން ފެށުނެވެ. ހާސްވެ ހުރެ ހަސަން އަހަރެން އަތުން ރިޕޯޓް ނަގާ ކިޔަން ފެށިއެވެ. ހަސަންވެސް ރޯން ފަށައިފިއެވެ. ރިޕޯޓްގައިވާގޮތުން އަހަރެމެންގެ ތުއްތު ތުއްތު ދަރިފުޅުގެ މައިބަދައިގައި ދެ ޓިއުމަރު އެބަހުއްޓެވެ.

އޭގެ އަނެއް ދުވަހު އަހަރެމެން ރާއިޝް ގޮވައިގެން ބޭރަށް ފުރައިފީމެވެ. މާއިޝް އަހަރެންގެ މަންމައާއެކު ގޭގައި ބަހައްޓާފައެވެ. ބޭރަށް ގޮސް ކަންތައް ވާން ފެށީ ވަރަށް އަވަހަށެވެ. އެމަޖެންސީކޮށް ރާއިޝް ސާޖަރީ ހަދަން ޖެހުނެވެ. ނުރައްކާތެރި ސާޖަރީއެކެވެ. ފުރާނަ ވެސް ގެއްލިދާނެ ވަރުގެ ސާޖަރީއެކެވެ. ފުރާނަ ސަލާމަތްވިޔަސް މުޅި އުމުރަށް ނުކުޅެދޭ މީހަކަށް ވެދާނެ ކަމުގެ ނުރައްކާ ހުރި ސާޖަރީއެކެވެ. ސާޖަރީ ހެދުމުގެ ކުރީ ދުވަހު އަހަރެމެން ރާއިޝް އާއެކު މަޖާކޮށް ސަކަރާތް ޖެހުމަށް މަސައްކަތް ކުރީމެވެ. އިރުއިރުކޮޅާ އަހަންނަށް ގިސްލެވެން ފަށައެވެ. މިއީ އަހަރެންގެ ލޯބި ލޯބި ދަރިފުޅާއެކު ސަކަރާތްޖަހާލެވޭނެ ފަހު ދުވަހަށް ވެދާނެއޭ ހިތާ އަހަރެންގެ މެއަށް އުނދަގޫވަނީއެވެ. މިއީ އަހަރެންގެ ދަރިފުޅުގެ ކޮލުގައި ބޮސްދީ ދަރިފުޅު ގައިގައި ބައްދާލެވޭނެ ފަހު ދުވަހަށް ވެދާނެއޭ ހިތާ އަހަރެންގެ ހިތް މަރުވަމުން ދިޔައެވެ.

ސާޖަރީއަށް އަހަރެންގެ ދަރިފުޅު ވައްދައިފިއެވެ. ފަސް ވަރަކަށް ގަޑިއިރުގެ ސާޖަރީއެކެވެ. މުޅި ފަސް ގަޑިއިރުވެސް އަހަންނާ ހަސަނަށް ދުޢާ ކުރުން ހުއްޓައެއް ނުލެވެއެވެ. އެ ތުއްތު ތުއްތު ދަރިފުޅު އަހަންނާއި ވަކި ނުކުރުމަށް އެދި  އަހަރެން ރޮމުން ގެންދިޔައީމެވެ. ސާޖަރީ ކާމިޔާބު ވުމަށް އެދި އަހަރެން އާދޭސް ކުރަމުން ގެންދިޔައީމެވެ. ﷲގެ ރަހުމަތްފުޅުން ސާޖަރީ ކާމިޔާބުވިއެވެ. ދެން އަހަރެމެން އިންތިޒާރު ކުރަން ޖެހުނީ ޓިއުމަރަކީ ކޮންކަހަލަ ޓިއުމަރެއްތޯ ބެލުމަށް ހަދާ ޓެސްޓުގެ ނަތީޖާއަށެވެ. ތިންދުވަހަށް އިންތިޒާރުކުރުމަށްފަހު ލިބުނު ނަތީޖާއިން އަހަރެންގެ ހިތް އިތުރަށް ކުދި ކުދިވެގެން ދިޔައެވެ. ޓިއުމަރު ވެގެން ދިޔައީ ކެންސަރު އެކުލެވޭ ޓިއުމަރަކަށެވެ. އެހެންވުމުން ސާޖަރީ އަށް ގާތްގަޑަކަށް ހަ ހަފްތާ ވުމުން އަހަރެންގެ ތުއްތު ތުއްތު ދަރިފުޅަށް ކީމޯތެރަޕީ ދޭންފަށައިފިއެވެ. ހަމަސް ވަންދެން ކޮންމެ ދެ ހަފްތާއިން އެއް ހަފްތާއަކު ކީމޯތެރަޕީ ދޭން ޖެހެއެވެ. ފަރުވާ ފެށުމާއެކު ރާއިޝްގެ ބޮލުގެ ހުރިހާ އިސްތައްޓެއް ފޭބިއެވެ. ރާއިޝްގެ ހަށިގަނޑުގައި މާ ހަކަތައެއް ނުހުރެއެވެ. ލޭމަދުވެ ރާއިޝްގެ ހަންގަނޑު ހުންނަނީ ފާޑަކަށް ނޫވެފައެވެ. ކުރިން މީރު ކާއެއްޗެހިވެސް ނުބައިވިއެވެ. އެ ދަރިފުޅުގެ މޫނުމަތިން ހިނިތުންވުމެއް ނުފެނެއެވެ.

ނޮވެމްބަރ މަހެވެ. މާއިޝް އަށް ޗުއްޓީވުމުން އަހަރެމެން މާއިޝްވެސް މިކޮޅަށް ގެނައީމެވެ. އަދި މާއިޝްއަށް ކޮއްކޮ އެހާލުގައި ހުރި ތަން ފެނިފައި ނުވުމުން އަހަރެން މާއިޝްއަށް ނަސޭހަތް ދިނީމެވެ. ކޮއްކޮގެ ހާލު ކިޔައިދީ ކޮއްކޮ ކުރިމަތީ ނުރުއިމަށް އެދުނީމެވެ. މާއިޝް އާއެކު އަހަރެން ރާއިޝްގެ ހޮސްޕިޓަލް ކޮޓަރިއަށް ވަނީމެވެ. މާއިޝް ފުރަތަމަ ހުރީ ހުއްޓުން އަރާފައެވެ. ކުރިމަތިން ފެންނަމުން ދިޔައީ އޭނަގެ ލޯބިވާ ކޮއްކޮކަން ގަބޫލު ނުކުރެވުނީ ކަންނޭނގެއެވެ. މާއިޝް ފެނުމާއެކު ރާއިޝް ބޭބޭ ބޭބޭ ކިޔާ ހޭން ފެށިއެވެ. ރާއިޝް އެގޮތައް ހީލާތަން އަހަންނަށް ނުފެންނަތާ މިހާރު އެތައް ދުވަހެއް ވެއްޖެއެވެ. ނޮރޯން ގަސްތުކޮށްގެން ހުރި މާއިޝްއަށް ރޮވެންފަށައިފިއެވެ. ކޮއްކޯއޭ ކިޔާ އަހަރެން ގައިގައި ބައްދައިގަތެވެ. އަހަންނަށްވެސް ރޮވެން ފެށުނެވެ.

ހަތަރު މަހުގެ ކީމޯތެރަޕީ ދީ ނިމިއްޖެއެވެ. ސްކޭން ހެދުމަށްފަހު ނަތީޖާއަށް އަހަރެމެން އިންތިޒާރު ކުރަމުން ދިޔައީމެވެ. ޑޮކްޓަރު ސްކޭންގެ ނަތީޖާ ބުނުމުން އަހަރެމެންނަށް އުފަލުން ރޮވުނެވެ. ރަނގަޅު ވަމުން ދާކަމަށް ނަތީޖާއިން ދެއްކިއެވެ. އިތުރު ދެމަހަށް ކީމޯތެރަޕީ ހެދުމަށް ފަހު އަހަރެމެން އެނބުރި ގައުމަށް ދިޔައީމެވެ. ރާއިޝްވެސް ހަރަކާތްތެރި ވާން ފަށައިފިއެވެ. ކުރީގެ އުޅުން ރާއިޝްގެ ކިބައިން ފެންނަން ފަށައިފިއެވެ. ރާއިޝް ކެންސަރުން ސަލާމަތްވީކަމަށް އުންމީދުކޮށް އަހަރެމެން ދުވަސްތައް ހޭދަކުރަމުން ދިޔައީމެވެ. ހަސަން އާއި އަހަރެންގެ ގުޅުމުގައި އަނެއްކާވެސް ލޯބީގެ ކުލަ ޖެހެން ފަށައިފިއެވެ. ބަނަ ދުވަސް ތަކަކަށްފަހު އަހަރެމެންގެ ދިރިއުޅުމަށް ހީވީ ބަހާރު މޫސުން އައިސްގެން އުޅޭހެންނެވެ. އެކަމަކު އަހަރެމެންގެ އުފާތައް މާގިނަ ދުވަހަކަށް ދެމިގެން ނުދެއެވެ. އެއްމަސް ފަހުން ހެދި ސްކޭން އިން ކެންސަރު އަނެއްކާވެސް އައި ކަމަށް ދެއްކި އެވެ. އަދި ކެންސަރު ދިޔައީ ހަލުވި މިނެއްގައި ފެތުރެމުން ކަމަށް ދެއްކި އެވެ.

ރާއިޝް ދެން ޖެހުނީ ހަ ހަފްތާ އަށް ރޭޑިޔޯތެރަޕީ ހަދާށެވެ. އޭގެ ދެ ހަފްތާ ފަހުން އެއް އަހަރު ދުވަހަށް ކީމޯތެރަޕީ ދޭން ފެށިއެވެ. އަހަރެންގެ ލޯ ކުރިމަތިން އަނެއްކާވެސް އަހަރެންގެ ލޯބި ލޯބި ދަރިފުޅު ބަލިކަށި ވަމުންދާތަން އަހަންނަށް ފެނުނެވެ. އެއް އަހަރުގެ ކީމޯތެރަޕީ ނިމުނު އިރު ރާއިޝް ފައިގެ މާ ބާރެއް ނުހުރެއެވެ. އެހެން ވުމުން ރާއިޝް އުޅެން ޖެހެނީ ވީލްޗެއާ ގައެވެ ރާއިޝްގެ ހަށިގަނޑުން ހޯމޯންސް ނުއުފައްދާތީ ކޮންމެ ދުވަހަކު ގްރޯތް ހޯމޯންސް އިންޖެކްޝަން ޖަހަން ޖެހެއެވެ. އެކަމަކު ދުވަސްތައް ފާއިތު ވަމުން ދިޔަވަރަކަށް ރާއިޝްގެ ހިނިތުންވުން އަނެއްކާވެސް އަންނަން ފެށިއެވެ. ރާއިޝް ސްކޫލަށް ދާން ފަށާ އެހެން ކުދިންނާ ރަހުމަތްތެރިކަން އުފައްދަން ފެށިއެވެ. މިގޮތުގައި ރާއިޝް އެއް އަހަރު ހޭދަކުރިއެވެ. ގަވާއިދުން ހަދަމުން ދިޔަ ސްކޭން ތަކުން އަނެއްކާވެސް ރާއިޝްގެ މައިބަދައިގައި ކެންސަރު އުފެދި ހަށިގަނޑުގެ އެކި ގުނަވަންތަކަށް ކެންސަރު ފެތުރެމުންދާކަމަށް ދެއްކިއެވެ. އެކަމަކު މިފަހަރު ރާއިޝްއަކަށް ފަރުވާދޭކަށް ފުރުސަތެއް ނުލިބެއެވެ. ރާއިޝްގެ ތުއްތު ތުއްތު ފުރާނަ މިދުނެޔެއާއި ވަކިވެގެން ދިޔައީއެވެ. އަހަރެންގެ ލޯބި ލޯބި ދަރިފުޅު އަހަރެންގެ ލޯކުރިމަތިން ވަކިވެގެން ދިޔައީއެވެ. މި ދުނިޔޭގެ ވޭނާއި އުނދަގޫތައް ދޫކޮށް ދިޔައީއެވެ.

(ނިމުނި)

Share Article

Follow Me Written By

Eliza

Level 1

Other Articles

Previous

ކަފުން ވެވިފާ…12

Next

ނޭނގި ވެވުނު ލޯބި 4

Next
November 18, 2019

ނޭނގި ވެވުނު ލޯބި 4

Previews
November 17, 2019

ކަފުން ވެވިފާ…12

4 Comments!

  1. Nnnn says:
    November 18, 2019 at 2:29 pm

    Nice Emotional story
    Is this a true story?

  2. samra says:
    November 18, 2019 at 7:13 pm

    v emotional..

  3. Kylie says:
    November 19, 2019 at 11:03 am

    V reethi emotional story eh……

  4. Yan says:
    November 23, 2019 at 2:19 pm

    Varah emotional story eh my true story eh tha ????

Comments are closed.



All Right Reserved!