ވަފާތެރި ވުމުން ބޭވަފާތެރި ވީހޭ؟؟؟
ބަލި އެނދުގައި އޮތް ބައްޕަގެ އެނދާ ދުރުގައި ހުރި ރޯނުފުރި އެނދެއްގައި އިށީދެއިން ހާނީ އިނީ ފުން ވިސްނުމެއްގެ ތެރޭގައެވެ. އޭނާގެ މޫނުމައްޗަށް އަރައި ފައިބަމުންދިޔަ ކުލަވަރުން އޭނާވަނީ ބަރުދާސްތުކުރަން ދަތި ފުން ހިތާމައެއްގެ ތެރޭގައިކަން ވަރަށް ރަނގަޅަށް ފަހުމްވެއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ޙަޔާތުގެ ނާ ކޮޅިގަނޑެއްގައި ޖެހި ބަނޑުންވުމުން ވާނީ މިހެން ނޫން ހެއްޔެވެ؟ ގަދަ ކަނޑުގެ ހޮޅި ރާޅުތަކުގެ ތެރޭގައި ޣަރަގުވަމުންދާ މީހަކު އެކަން ތަޙައްމަލު ކުރާނީ ކިހިނަކުން ހެއްޔެވެ؟ މިއަދު ހާނީއެކޭ ދުނިޔޭގެ ދަތުރުގައި މަގު ގެއްލިފައިވާ މުސާފިރެކޭ އެއްވެސް ތަފާތެއް ނެތެވެ. އޭނަގެ ދިރިއުޅުން ވަނީ ހަސް ފަސްވެފައެވެ.
އެއީ ގާތްގަނޑަކަށް މީގެ ފަސް އަހަރެއްހާ ދުވަސް ކުރިއެވެ. ހާނީގެ މަންމައާއި ބައްޕަގެ ތިބެނީ ދެ ކުދިންނެވެ. ހާނީއާއި އޭނަގެ ކޮއްކޮ ރިހާމްއެވެ. ހާނީއާއި ރިހާމްކީ އެ ދެކުދިންގެ މައިންބަފައިންގެ ހިތުގެ ފިނިކަމެވެ. ޙަޔާތަށް އަލިކޮށްދޭ ދަންމަރެވެ. މި ދެމަފިރިން ހާނީއާއި ރިހާމްދެކެ ވަނީކީ އަމަށަކު ލޯތްބެއް ނޫނެވެ. އެ ދެކުދިންގެ ދިރިއުޅުމުގެ ތަރަޙަ އެންމެ އެދެވޭ ގޮތުގައި ބިނާކުރުމަށް ކޮންމެ ދުވަހަކު މުލުހާލުތުބަށް ތެދުވެ މީހުންނަށް ގުލާނުކޮށްދެއެވެ. އަދި އެ ދެ ކުދިން ދަތުރުކުރަމުން ދިޔަ ނައު ރީތި ސާލަކަށް ބީއްސާލުމަށް ނުފުރޮޅާ އެންމެ ގާކޮޅެއްވެސް ނުބާއްވައެވެ.
ނަތީޖާއެއްގެ ގޮތުން މި ދެކުދިންވެސް ވެގެންދިޔައީ އަޚްލާޤް ރަނގަޅު ދެ ކުދިންނަށެވެ. ރިހާމަކީ ލާމަސީލު މިސާލެކެވެ. ފޭދެމުން އައި ފަސްމީރު ކުރި ރުކެކެވެ. މި ޒަމާނުގައި މީހަކަށް ނުލިބޭނެފަދަ އަގުމާތް ޖައުހަރެކެވެ. އޭނާއަކީ އަޚްލާޤީ ގޮތުން ރަށުގައި ހުނި ޖަހައިލެވޭފަދަ ކުއްޖެކެވެ. ކިޔެވުމުގައިވެސް ރިހާމަކީ އެއްވަނައެވެ. މުޅި ސުކޫލުގައިވެސް އޭނާއާއި އަރާ އަރަ ފޯދޭނެ އެއްވެސް ކުއްޖަކު ނުހުރެއެވެ. ރިހާމްއާއި އެއްފަދަ ނޫން ނަމަވެސް ހާނީއަކީވެސް އަޚްލާޤް ގޯސްކުއްޖެއް ނޫނެވެ.
ރަށުން ކިޔެވެން އޮތް އެންމެ މައްޗަށް ކިޔަވައި ނިމުމުން މި ކުދިންގެ މައިންބަފައިން ބޭނުންވީ މި ކުދިންނަށް އިތުރަށް ކިޔަވައި ދިނުމަށެވެ. އެގޮތުން މީހުންގެ އަތުން ދަރަންޏަށް ފައިސާ ނަގައިގެންނާއި އެގޮތް މިގޮތުން އެ ދެމަފިރިން އެ ކުދިން މާލެ ފޮނުވިއެވެ.
ހާނީއަށް ނަވީންއާއި އެންމެ ފުރަތަމަ ދިމާވީ ކޮލެޖުންނެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވި ފުރަތަމަ ފަހަރުވެސް ހާނީގެ ހިތުގައި ނަވީންއަށްޓަކައި ލޯބީގެ ވިންދެއް ޖަހައިލިއެވެ. ނަތީޖާއަކަށްވީ ހާނީގެ ރޭތަކުގެ ނިދި އަތުލި އެ ހިތުގެ ރާޖާއަކަށް ނަވީން ވުމެވެ. އެހެންކަމުން މާގިނަދުވަސްތަކެއް ނުވެ ހާނީއާއި ނަވީންގެ ނަންވެސް ލޯބިވެރިންގެ ލިސްޓަށް އިތުރުވެގެން ދިޔައެވެ.
ހާނީއަށްޓަކައި ނަވީންގެ ލޯބި ރަނަށްވުރެ އަގުބޮޑުވެގެން ދިޔައެވެ. އޭނާގެ ޚިޔާލުތަކުގައި ރަސްކަންކުރާ ސޫރައަކަށް ނަވީންވެ ނިމުނެވެ. އަބަދުވެސް އެ ދެތުންފަތުން އޮހޭނަމަކީ ނަވީންގެ ނަމަށް ވެއްޖެއެވެ. ހާނީގެ ހިތުގެ ވިންދުޖަހަނީ ނަވީންގެ ހިތުގެ ތެރޭގައެވެ.
ދުވަސްތައް މާޒިއާއި އެކުވަމުން ދިޔައެވެ. ހާނީއާއި ނަވީންގެ ލޯބީގެ ޗަމަން ތަފާތު ކުލަކުލައިގެ މާތަކުން ޖަރީކުރަމުންނެވެ. ހަނދާއި ތަރިތައް ހެކިކޮށް ވަކިނުވާންކަމަށް އެތައް ވަޢުދެއް ވަމުންނެވެ. އެ ދެމީހުން ބިނާކުރަމުން ދިޔަ ލޯބީގެ ގަނޑުވަރު ބިމާ ހަމަވާނެއޭ ބުނާނެ އެކަކުވެސް އޭރަކު ނޫޅޭނެކަން ގައިމެވެ. ކޮންމެ މީހަކުވެސް ހީކުރީ މި ދެ ލޯބިވެރިން ވެގެންދާނީ އެހެންމީހުންނަށް ނަމޫނާއަކަށް ކަމަށެވެ.
ހާނީ މާލެ އައިތާ 2 އަހަރު ފަހުން އޭނާއާއި ނަވީންގެ ކައިވެނި ކުރެވިގެން ދިޔައެވެ. ވަރަށް އާދައިގެ ގޮތަކަށް ބޭއްވުނު ނަމަވެސް މި ޙަފްލާ ވެގެންދިޔައީ ހާނީގެ ޙަޔާތުގައި އައި އެންމެ އުފާވެރި އެއް ވަގުތު ކޮޅަށެވެ. އެއީ އާދިރިއުޅުމެއްގެ ބިންގާ އެޅިގެން ދިޔަ ދުވަހެއް ކަމުގައި ހާނީ ދެކުނެވެ. އަދި އެ ދިރިއުޅުން ކާމިޔާބު ދިރިއުޅުމަކަށް ހެދުމަށް ކުރެވެން ހުރި ހުރިހައި ކަމެއް ކުރުމަށް އެދުވަހު ހާނީ އަމިއްލަ ނަފްސަށް ވަޢުދުވިއެވެ. ޙަޔާތުގެ މި އާ ޞަފްޙާޔަކީ އުފަލާ ހިތްހަމަ ޖެހެމުން ފުރިފައިވާ ޞަފްޙާއަކަށް ހެދުމަށް އެދުވަހު ހާނީ ކަމަރު ބަނދެލިއެވެ.
ކައިވެންޏަށްފަހު ހާނީއާއި ރިހާމްގެ ދިރިއުޅުން ނަވީންގެ ގެއަށް ބަދަލުކުރެވުނެވެ. ހާނީއަށް ހީވީ އޭނާގެ ކައިވެންޏާއެކު އޭނާގެ ޙަޔާތައް ބަހާރު މޫސުން ގެނުވިހެންނެވެ. ފިރިމީހާގެ ގޭގެ މާޙައުލަކީ ހާނީއަށް ސުވަރުގެއަކަށް ވެގެން ދިޔައެވެ. ގޭގެ އެނެމެންވެސް ހާނީއާއި ރިހާމަށް ނުހަނު ހެވެވެ. ޚާއްސަކޮށް ނަވީންގެ މަންމަ ހާނީއާއި ރިހާމް ދެކުނީ އަމިއްލަ ދަރިން ކަމުގައެވެ.
ދުނިޔެ ހިނގަނީ ތޮށަލި ދުޅައަށޭ ބުނާ ބީދައިން ހާނީގެ ދިރިއުޅުމަށްވެސް އަޑިގުނޑަންތަކެއް އަންނަން ފެށިއެވެ. އުފާވެރިކަމަށް ފަހު ހިތާމަވެރިކަން ހާނީގެ ޙަޔާތުގެ ދޮރުފަތުގައި ޓަކިޖަހާލީ ހައެއްކަމަސް ފަހުންނެވެ. ނަވީންގެ ފަރާތުން ރިހާމްއަށް އުނދަގޫތަކެއް ފޯރާކަމުގެ ޝަކުވާ ރިހާމްގެ ފަރާތުން ހާނީއަށް ލިބެން ފެށިއެވެ. ނަމަވެސް އޭނާއަށް ކަމުގެ ޙަޤީޤަތް ބަލާލުމުގެ ބަދަލުގައި ރުޅި އާދެވުނީ ރިހާމް ދެކެއެވެ. އަމިއްލަ ނަފްސާއި ކޮއްކޮއަށްވުރެ ބޮޑަށް ނަވީންދެކެ ލޯބިވެވޭތީއެވެ.
އެއް ރެއެއްގެ ދަންވަރެވެ. ހާނީއަށް ހެލެވުނީ ފެން ބޮވައިގެންނެވެ. ތެދުވެ ބަލާލިއިރު ނަވީންއެއް ނެތެވެ. ފާޚާނައިގައި ކަމަށް ހީކޮށް ހަނީ ދިޔައީ ކޮޓަރީގައި ހުންނަ ޖަގު ހިފައިގެން ފެން އެޅުމަށެވެ. ކޮޓަރިން ބޭރަށް އެޅި ފުރަތަމަ ފިޔަވަޅާއެކު ހާނީގެ ކަންފަތުގައި ރިހާމްގެ ވޭނީ އާހްގެ އަޑު ޖެހުނެވެ. ހާނީ އަވަސް ފިޔަވަޅުތަކެއްގައި ގޮސް ރިހާމްގެ ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. އެއާއެކު ހީވީ އޭނގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ. ވަށައިގެންވާ ހަފަރާތް އޭނާ ފިއްތާލި ފަދައެވެ. ލޭލެއަށް ދަހިވެތިވެފައިވާ އުޞޫލުން ނަވީން ރިހާމްގެ ޢިއްފަތްތެރިކަން ފޭރިގަންނަނީއެވެ. ފަރިވެ ފޮޅުމުގެ ކުރިން އެ މަލުގެ ފިޔަތައް ރޫޅާލަނީއެވެ. ބަލާކަށް ނުހުރެ ހާނީ އޭނާގެ އަތުގައި އޮތް ޖަގު ނަވީންއާއި ދިމާއަށް އެއްލިއެވެ.
ޙަޤީޤަތް ރޭކާލައި ހާނީގެ ލޮލުގައި އެޅިފައިވާ ފަރުދާ ކެހުނުއިރު ވަގުތު ފާއިތުވެއްޖެއެވެ. އޭނާގެ އަހުރަވެތި ކޮއްކޮގެ ދިރިއުޅުން އިންދިރާސް ވެއްޖެއެވެ. އޭނާގެ ދިރިއުޅުން ވީރާނާ ވެއްޖެއެވެ. އާ ކައިވެނީގެ ދުވަހު މުސްތަޤްބަލަށްޓަކައި ހާނީ ދުށް ހުވަފެންތައް ވިއްސި ވިހާލި ވެއްޖެއެވެ. އެހެނަސް ދެން ވަކި ކުރާނީ ވެސް ކީއް ހެއްޔެވެ؟
ނަވީންއަށްޓަކައި ހާނީ އޭނާގެ މުޅި ދިރިއުޅުންވެސް ހިބަކުރިއެވެ. ނަވީން ދެކެ ހާނީ ވީ ޙަޤީޤީ ލޯތްބެވެ. އޭނާ ނަވީންއަށް ވަފާތެރި ވިއެވެ. ދުނިޔެ އެކަމަށް ހެކިވާނެއެވެ. ނަމަވެސް ބަދަލުގައި އޭނާއަށް ލިބުނީ ކޯއްޗެއް ހެއްޔެވެ؟ ހިތާމައާ ހިތްދަތި ކަމެވެ. ބޭވަފާތެރި ކަމެވެ. ނަވީންގެ ސަބަބުން ހަލާކުވެގެން ދިޔައީ ހަމައެކަނި ހާނީގެ ދިރިއުޅުމެއް ނޫނެވެ. ފުރާނަ ފަދައިން ލޯބިވި އޭނާގެ ކޮއްކޮގެ ދިރިއުޅުން ވެސްމެއެވެ.
ދިރިއުޅުމަށްޓަކައި ބެލި ކުލަރީތި ހުވަފެންތައް ބިލާހަކަށް ވެގެންދިއުމުން އެންމެ ހިނދުކޮޅަކުވެސް އެ ފަސްގަނޑުގައި މަޑުކުރާކަށް ހާނީ ބޭނުމެއް ނުވިއެވެ. އެހެންކަމުން، އެނބުރި އެ ކުދިންގެ ލޭފަވެތި މައިންބަފައިންގެ ގާތަށް އައީ އެ މީހުންގެ ފަރާތުން ހިތްވަރު ލިބިގަތުމަށެވެ. ނަމަވެސް ގައިބާރު ދެރަވެފައިވާ އެ މައިންބަފައިންނަށް ވެސް ވަކި ކޮށްވެދޭނީ ކޮން ކަމެއް ހެއްޔެވެ؟ އަނގައިން ބުނެލާ ހިތްވަރު ދިނުމުގެ ބަހެއް ފިޔަވައި އެ މުސްކުޅި މައިންބަފައިންނަށްވެސް އެ ކުދިންނަށްޓަކައި ކޮށްދެވޭނެ މާ ބޮޑު ކަމެއް ނޯވެއެވެ.
ވަގުތަކީ ހުރިހައި ކަމެއްގެ ޝިފާއޭ މީހުން ބުނާތީ އަހަމެވެ. ނަމަވެސް އެ ޙާދިސާއަށް ކިތަންމެ ދުވަހެއް ވެގެން ދިޔަ ނަމަވެސް އެކަމުގެ ސަބަބުން ހާނީގެ ހިތުގައި ލެވިފައިވާ ޒަޚަމްތައް ފަސޭހަވެގެން ނުދާނެކަން ޤައިމެވެ. އެ ކަމުގައި ގެއްލިދިޔައީ ހާނީގެ ދިރިއުޅުން އެކަނި ނަމަވެސް މިއަދު އޭނާއަށް އެކަން ހަނދާން ނައްތާލުމަށް ފަހު ކުރިއަށް ދެވުނީސް ކަންނޭގެއެވެ. ނަމަވެސް ރިހާމްއަށް ވާނެ ގޮތަކާމެދު ވިސްނާލެވޭ ކޮންމެ ފަހަރަކު ހާނީގެ ލޮލުން ކަރުނަ ހިލެއެވެ.
ޙަޔާތުގައި ދިމާވި މި ބަދު ނަސީބު ޙާދިސާއިން ރިހާމް ވަނީ މުޅިން ބަދަލު ކޮށްލާފައެވެ. ކުރިން އަބަދުހެން ހިނިތުން ވެގެން ހުންނަ ކުއްޖާ އުފާވެފައި ހުއްޓާ ފެނުމަކީ މިހާރު ނާދިރު ކަމެކެވެ. ގިނަ ވަގުތު ރިހާމް ހޭދަކުރަނީ އޭނާގެ ކޮޓަރީގައެވެ. ކަޅު އަނދިރި ކަމުގެ ތެރޭގައެވެ. އެކަނިވެރި ކަމުގައެވެ. ނޭވާ ލިއެއްކަމަކު މައްޔިތެކޭ ރިހާމް އެކޭ މާބޮޑު ތަފާތެއް ނެތެވެ. ރިހާމްގެ މި ޙާލު ފެންނަ ކޮންމެ ފަހަރަކު ހާނީއަށް އޭނާގެ އަމިއްލަ ނަފުސު ކުށްވެރި ކުރެވެއެވެ.
މާޒީއަކީ ބަދަލު ކުރެވޭނެ އެއްޗެއް ނަމަ ހާދަ ރަނގަޅޭ ހާނީގެ ހިތަށް އެތައް ފަހަރަކު އަރައެވެ. އެހެންނަމަ ނަވީންއޭ އެކިޔާ ސުންޕާ މީހާގެ ވަސްވެސް ހާނީ އޭނާގެ ޙަޔާތުން ފޮހެލީހެވެ. ނަމަވެސް ……..
ހާނީ ސިއްސައިގެންދިޔައީ ބައްޕަ އޭނާއަށް ގޮވައިލުމުންނެވެ. ކޯތާފަތްމައްޗަށް ނީރައިލައިފައިވާ ކަރުނަތައް ފޮހެލުމަށްފަހު ބައްޕައާއި ދިމާއަށް އޭނާ ހިނގައިގަތެވެ.
(ނިމުނީ)
4 Comments!
Comments are closed.



Masha allah❤ so touching?❤ story was really beautiful i felt each and every line❤❤ it was so perfect ❤
Thankxx Alya for the lovely comment ❤❤❤
Alheyy alheyy alheyy..haadhahaa vaa emotional ey dhw ?????????❤❤?I am outtaaaa offer words…alhe sis dhigu vaahaka eh write kuran fashan v nu..
~~jiji
Thankxx Jiji ❤❤ working on it … insha Allah u will get to read one in a near future