ދުނިޔޭގެ މީއޭ ޤާނޫނަކީ
އިރަށް ދޮންވަމުންދާ އިރުމަތީ ފަރާތު އުދަރެސް ހީވަނީ ވިރުވައި އަޅާފައިވާ ރަތުރަން ފަތްގަނޑެއްހެންނެވެ. އޮއްސެމުންދާ ސޯޅަވިލެރޭގެ ހަނދާ ދިމާއަށް ނަލަނަލަ ކިރުދޫނި ޖޯޑެއް އުދުހެމުން އެ ދަނީ ހަނދާއެކުގައި އޮއްސެން ނޫންކަމެއްވެސް ނޭނގެއެވެ. ބާރު ދުވެލީގައި މާފުންނު ލޯންޗު ކަނޑުގެ ލޮނުގަނޑު ފަޅާ އަޅަމުން އެދަނީ ފަހެއްޖެހިއިރު ޖެއްސި ފުލައިޓުން މާމުއި ހަނދަށް އައި ނީވީންގެ ދެމަފިރިން ގޮވައިގެން ނީވީންގެ ރަށަށް ދާށެވެ. އޭރު އެ ލޯންޗުގެ ދެފަރާތުން ކުދި އަދި ބޮޑެތި ލޯންޗުތައް ކެނޑިނޭޅި ދަތުރު ކުރަމުން ދެއެވެ. މި ހިތްގައިމު މަންޒަރުގެ އެއްވެސް ހިލަމެއްނެތި ލޯންޗުގެ ފަހަތު ސީޓުގައި ނީވީންއާއި މިލްނާ ތިބީ އެމީހުންގެ އަމިއްލަ ދުނިޔެއެއްގައި ގެއްލިފައެވެ.
މި ދެމަފިރިންގެ ލޯބީގެ އުފާވެރި ވަގުތުކޮޅަށް ނިމުމެއް އައީ ލޯންޗު ރަށުގެ ބަނދަރުގައި މަޑުކުރުމުންނެވެ. ފުން ނޭވާއެއް ލުމަށްފަހު ނީވީން އޭނާގެ އަންހެންގެ އަތުގައި ހިފައިގެން ލޯންޗުން ފެއިބުމަށްޓަކައި ހިނގައިގަތެވެ. ނީވީންއަށް ޙައިރާންކަން ލިބިގެންދިޔައީ ރަށަށް އައިސްފައިވާ ބަދަލާއި ތަރައްޤީ ފެނުމުންނެވެ. ނީވީން ކުޑައިރު އޭނާގެ ޢާއިލާއާއެކު ރަށް ދޫކޮށް ކިޔަވަން މާލެ ދިޔައިރާއި މިހާރު ހާސް ތަފާތެވެ. ރަށުގެ މަލަމަތީގައި ހުރި ފެހިކަންގަދަ ގަސްތަކުގެ ބަދަލުގައި ވަނީ އުސް އިމާރާތްތަކެވެ. އެކުވެރިންނާއެކު ކުޅެހަދަން އުޅުނު ދޮންވެލި އަތިރިމައްޗެއް ނެތެވެ. ދާހިފައިގެން މަސްހިފަން އެރިއުޅުނު މޫދެއް ނެތެވެ.
ދުވަސްތަކަކަށްފަހު އަމިއްލަ ފަސްގަނޑުގައި ފައި ޖެހުމުން ނީވީންއަށް ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. ނީވީން ފުރަތަމަވެސް މިލްނާ ގޮވައިގެން މިސްރާބުޖެހީ އޭނާގެ ގެއާ ދިމާއަށެވެ. ރަށަށް އައިސްފައިވާ ބޮޑު ބަދަލުގެ ސަބަބުން ނީވީންއަށް ގެ ހޯދަން އެހާ ފަސޭހައެއް ނުވިއެވެ. އެހެންކަމުން އިތުރު މީހެއްގެ އެހީތެރިކަމާއެކު ނީވީން ގެއަށް ދިޔައެވެ.
ނީވީންގެ ގެއަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ކުރިން އާދައިގެ ގޮތަކަށް ހުރިގެ މިހާރުވަނީ ޒަމާނީ ފެންވަރަށް އިމާރާތްކުރެވިފައެވެ. މީގެ އިތުރުން ގޭގެ ހައިބަތު އިތުރަށް ބޮޑުކޮށްދެނީ ގޭތެރޭގައިވާ އަގު ބޮޑު ފަރުނީޗަރު ތަކުންނެވެ. ގޭތެރޭގެ ކޮންމެ އެއްޗެއްވެސް ވަނީ ރަނގަޅަށް ތަރުތީބުކޮށް ފޮޅާ ސާފުކުރެވިފައެވެ. މިކަމުން ގެ ބަލަހައްޓަން ޙަވާލުކޮށްފައި ހުންނަ ސަކީނާއަކީ މަސައްކަތްތެރި އަންހެނެއްކަން ފަހުމްވެއެވެ.
ނީވީންއާއި މިލްނާ އެމީހުންގެ އަލަތު ކައިވެނީގެ ދުވަސްތައް އުފަލާއެކު ހޭދަކުރަމުން ގެންދިޔައެވެ. އެ މީހުންގެ ލޯބީގެ ޗަމަން ތަފާތު ކުލަކުލައިގެ މާތަކުން ޖަރީކުރަމުންނެވެ. ވަޢުދާއި އަހުދުތައް ވަމުންނެވެ. އެ ދެމަފިރިންގެ ދިރިއުޅުމަށް ވަނީ ބަހާރު މޫސުން އައިސްފައެވެ. ކޮންމެ ދުވަހެއްގެ އިރުއަރައި އޮއްސެނީ އެ ދެމަފިރިންގެ ޙަޔާތަށް ލޯބީގެ ޞަފްޙާއެއް އިތުރު ކުރަމުންނެވެ.
މިރެއަކީ އެ ދެމަފިރިން ނީވީންގެ ރަށަށް އައިތާ މަހެއް ވީރެއެވެ. ކޮކާ ހަނދުވަރުން ޒީނަތްތެރިކަން ލިބިފައިވާ ނީވީންގެ ގޭގެ ގޯތިތެރޭގައި މިލްނާ ފިޔަވައި އެކަކުވެސް ނެތެވެ. އިރުއިރު ކޮޅުން ޖެހިލާ މަޑު ވައިރޯޅިއާއެކު ގަސްތަކުގެ ފަތްތަކުން އުފައްދާ މިއުޒިކީ އަޑު ފިޔަވައި އެހެން އެއްވެސް އަޑެއް މުޅި މާޙައުލުގައިވެސް ނުވެއެވެ. މުޅި ފަޒާގައިވަނީ މަޑުމޮޅިކަމުގެ ސާލެއް ލެވިފައި ކަހަލައެވެ. މިލްނާ އިންތިޒާރުކުރަމުން އައީ ނީވީން ގެއަށް އަންނާނެ އިރަކަށެވެ. ނީވީންވީ އޭނާގެ ރައްޓަހިންތަކަކާއެކު އިރުއޮއްސުނުހާއިރު މަސްވެރިކަމު ދިޔަގޮތަށް އަދިވެސް ނާދެއެވެ.
އިންތިޒާރުގެ ގަނޑިތައް ގުނަމުން ގޮސް ގަނޑިން މެންދަމުން އަލިވެ 3 ޖަހައިފިއެވެ. އަދިވެސް ނީވީންއެއް ނާދެއެވެ. މިލްނާގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް ޓަކިދޭން ފެށިއެވެ. ކޮންމެވެސް ކަމެއް ގޯސްވާން އުޅެއޭ މިލްނާގެ ހަވަނު ހިއްސު ބުނަން ފެށިއެވެ. އަނެއްކާ ނީވީންއަށް ކަމެއް ވީބާވައެވެ. މިފަދަ ޚިޔާލުތަކުން މިލްނާގެ ސިކުނޑި ފުރި ބާރުވުމުން އިސާހިތަކުގެ އޭނަގެ ލޮލުން ކަރުނަ ހިލުވާލައިފިއެވެ.
މިލްނާ ސިއްސައިގެންދިޔައީ ފަހަތުން މީހަކު އައިސް އޭނާއަށް ގޮވާލުމުންނެވެ. ކޯތާފަތްމައްޗަށް ނީރައިލައިފައިވާ ފޮހެލުމަށް ފަހު ހީލަން މަސައްކަތްކުރަމުން މިލްނާ ފަސް އެނބުރި ބަލައިލިއެވެ. ފަހަތުގައި ހުރީ ނީވީންގެ އެކުވެރި ނިހުވާންގެ ކޮއްކޮ ފާއިދާއެވެ.
ފާއިދާ މިލްނާއަށް ދިން ޚަބަރުން މިލްނާގެ ހުވާސް ހޭލައްވައި ހަވާސް އަވަސްކުރުވިއެވެ. މިލްނާގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަކަހަލައެވެ. ވަށައިގެންވާ ހަ ފަރާތް އޭނާ ފިއްތާލި ފަދައެވެ. މިލްނާގެ ކަންފަތައް ހޮނު ގުގުރިއެއް ފަދައިން އަޑު އިވުނު މި ޚަބަރަކީ ނީވީންމެން މަސްވެރިކަމުދިޔަ ދޯނި ބަންޑުން ޖަހައިލައިގެން އުޅޭކަމުގެ ޚަބަރެވެ. ފަޔަށް ލެވުނުހާ ބާރެއް ލުމަށްފަހު މިލްނާ އަރިތިމައްޗާ ދިމާއަށް ދުއްވައިގަތެވެ.
މިލްނާއަށް އަތިރިމައްޗަށް ދެވުނުއިރު ނީވީންގެ ފުރާނަނެތް މަސްގަނޑު ދޯނިން ބައިލަނީއެވެ. މޮޔައެއް ފަދައިން މިލްނާ، ނީވީންގެ ފުރާނަ ނެތް މަސްގަނޑުގައި އޮޅުލައިގަނެ ރޯންފެށިއެވެ. ދެން ވީގޮތެއް ނޭނގުނެވެ.
މިލްނާއަށް ހޭވެރިކަން ވީއިރު އޭނާ އޮތީ ހޮސްޕިޓަލުގައވެ. ގާތުގައި ފާއިދާ ހުއްޓެވެ. އެ ވަގުތު ފާއިދާ މިލްނާއަށް ދިނީ ދުނިޔޭގައި އަންހެނަކަށް ލިބޭނެ އެންމެ އުފާވެރި އެއް ޚަބަރެވެ. މިލްނާ ހައްޔަރުގައި އިން ޚަބަރެވެ. ނަމަވެސް މިލްނާއަށް މި ޚަބަރު އިވުމާއެކު އޭނާގެ ހިތާމަތައް އިތުރުވެގެން ދިޔަ ފަދައެވެ.
ޖެހިގެން އައި ދުވަހު މާލެފުރި ދޯނިން މިލްނާ މާލެ ދިޔައެވެ. ހަމައެކަނި ނީވީންގެ ހަނދާންތަކާ އެކުގައެވެ. އަދި ނީވީން އޭނާ އާއި ޙަވާލުކޮށްފައިވާ އަމާނާތާ އެކުގައެވެ.
މާލެ ދިޔުމުން މިލްނާއަށް ނީވީންގެ ޢާއިލާގެ ފަރާތުން ފެނުނީ އޭނާ ދެކެން ބޭނުންވި މަންޒަރުތަކެއް ނޫނެވެ. ކޮންމެ މީހަކުވެސް މިލްނާއަށް ބަލަނީ ނަފްރަތުގެ ނަޒަރަކުންނެވެ. އެ މީހުން ޤަބޫލުކުރާ ގޮތުގައި ނީވީން މި ދުނިޔެއާއި ވަކިވެ ދިޔައީ މިލްނާގެ ސުންޕާކަމުންނެވެ. މި ހުރިހައި ކަމަށް މިލްނާ ކެތްކުރަމުން ދިޔައީ އޭނާގެ ބަނޑުގައިވާ ނީވީންގެ އެންމެ ފަހުގެ ނިޝާނަށްޓަކައެވެ.
ނުވަމަހާއި ހަތަރުދުވަސް ފަހުން މިލްނާ ލޯބިލޯބި ފުށް ގަނޑެއް ފަދަ އަންހެން ކުއްޖަކު ވިހައިފިއެވެ. ނަމަވެސް ކާކުގެ ނަސީބެއްކަމެއް ނޭނގެއެވެ. ދަރިފުޅު ވިހައިއިރު އޮތީ މަރުވެފައެވެ. މާބަނޑު ދުވަސްވަރު މާބޮޑަށް ހިތާމަ ކުރުމުންނެވެ.
މިލްނާގެ ކެތްތެރިކަން ކޮޅުންލީ އެހިސާބުންނެވެ. ނީވީންގެ ޢާއިލާގެ ނަފްރަތާއި މިލްގެ ދަރިފުޅު މަރުވުމުގެ ހިތާމަ މިލްނާއަށް ބަރުދާސްތެއް ނުކުރެވުނެވެ. އޭނާ ދުނިޔެއަށް މޮޔަވިއެވެ. މުޅި ޢުމުރު އެހެންމީހުންގެ ތައްޕާހުން އުޅެން މަޖުބޫރުވިއެވެ. ނަމަވެސް ކުރާނީ ކީއް ހެއްޔެވެ؟ މިއީ ދުނިޔޭގެ ކަން ހިނގާ ޤާނޫނެވެ. އެއްބަޔަކަށް ދުނިޔެމަތީގެ ހުރިހައި އުފަލެއް މިލްކުވެފައި ވާއިރު އަނެއް ބަޔަކު ދުނިޔޭގެ ދުވަސްތައް ވޭތުކުރަނީ ހިތާމައާ ހިތްދަތި ކަމަގައެވެ. މިލްނާ ހިމެނިގެންދިޔައީ އެފަދަ ބަދުނަސީބު މީހުންގެ ތެރެއިންނެވެ.
(ނިމުނީ)
7 Comments!
Comments are closed.



Storyy vvvv nice inegyy sis… Looking forward for more stories
Thankxx kokki ❤❤
Ur short storiex r really Amazing dear?????????????????????..I luv the way hw u r bringing the story…keep going…will give my full support always In Sha Allah????
Thankxx dear ❤❤
މުދައްރިސެއް ކަމަށް ހެދިގެން އުޅެނީއެއްަ ނޫން.އެހެންނަމަވެސް މިވާހަޔާ މެދު ފެންނަ އެއްޗެއް ބުނެލާނަން.މިވާހަކަ ނިންމާލަންވީ ތިރިން މައްޗަށް ހަތަރުވަނަޔަށް އެއޮތް ޕެރެގްރާފާ ހަމައިން
ޖެހިގެން އައި ދުވަހު މާލެ ފުރި ދޯނިން މިލްނާ މާލެ ދިޔައެވެ”
ހަމައެކަނި ނީވީންގެ ހަނދާންތަކާއެކުގައެވެ. އަދި ނީވީން އޭނާއާ
ހަވާލުކޮށްފައިވާ އަމާނަތާއެކުގައެވެ
އޭގެ މައްޗަށް ހުރި ޕެރެގްރާފުތައް އިތުރު ތަފަްސީލުތަކުން ފުރިހަމަކޮށްލެވިދާނެ. އޭގެ ތިރިޔަށް އެހެރީ ބޭކާރު ވާހަކަތަކެއް
މިޒާތުގެ ހާދިސާއެއްގައި ކެތްތެރިކަން ކޮޅުންލައިގެން ގޮސް
ދުނިޔޭން މޮޔަވުމީ އާންމުކޮށް ކަން ހިނގާ ގޮތެއް ނޫން.އެހެންކަމުން “ދުނިޔޭގެ މިއޭ ގާނޫނަކީ” އެނަމެއް ކަމަކު ނުދޭ. ވާހަކަޔަށްަ ކީއްވެ “ހަނީމޫން” ނުވަތަ “މާމުއިހަނދު” ނުކީ؟ މިދެނަމުން ވެސް ބޮޑަށް ރަނގަޅީ “ހަނީމޫން”. އެއީ
ދުލަށް ފަސޭހަވެފައި ގިނަ މީހުން ބޭނުންކުރާ ބަހަކީ އެއީ ކަމަށްވާތީ
Thankxx … happy to see such constructive feedbacks … will keep in mind for the next one and will try to improve
Youre descriptions are out of the world! And this is completely possible in real life. Keep up the great work❤