Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އޯގާވީ ހިތަކުން…48

މުތާ/ ސ.ހިތަދޫ Level 210 Stories
September 1, 2014 5 Mins Read
8 Comments

”ނައިޓިންގޭލް” އަށް ދެވެންދެން ކާރުގެ ތެރެއަށް ވެރިވެފައި އޮތީ ހިމޭންކަމެވެ. ނަޒްޔަކް ވާހަކަ ދައްކަން އުޅެފައިވެސް އެޚިޔާލު ދޫކޮށްލީ ރޫޔާގެ ރުޅިގަނޑު ފިނިވަންދެނެވެ. ޒަލަފް ފެނި ރޫޔާ އިނީ ފޫހިވެފައެވެ. އެކަމުގެ ކުލަވަރުތައް އެމޫނުމަތިން ސާފުކޮށް ފެނެއެވެ. ނަޒްޔަކް ރޫޔާގެ އަތްތިލައަށް ފިތާލަމުން ހިނިތުންވެލިއެވެ. ”ވަރަށް ފޫހިވޭ، ހަމަ އަހަރެންދާ ކޮންމެ ތަނަކަށް ދާނެ ނަސީބެއް އެވީނާ ނެތްކަން، އޭނަ ހުރިނަމަ ނިކްއާ ދިމާއަށް ވެސް ފަތިވަރެއް ގޮވާލާނެ…….” ރޫޔާ ތުންއަނބުރާލިއެވެ. އޭނަ ޒަލަފް ދެކެ އަންނަ ރުޅިގަނޑާ ހެދި މޫޑު ވެސް ޚަރާބުވެއްޖެއެވެ. އެހުރިހާކަމަކަށް ވުރެ ބޮޑަށް އޭނަ ރުޅިއައީ ޒަލަފް ދެކެ ލޯބި ވެވުނީތީއެވެ. އެއީ އޭނައަށް ކުރެވުނު އެންމެ ބޮޑު ކުށެވެ.

”ރުޅި އައީމަ ރޫއަކާ ނުގުޅެ އިނގޭ، އަބަދު ހިނިތުންވެފަ ހުރީމަ ގުޅެނީ….” ނަޒްޔަކް މަސައްކަތް ކުރީ ރޫޔާގެ ވިސްނުން އެހެން ދިމާއަކަށް އަނބުރާލާށެވެ. ޒަލަފްގެ ހިޔަނިވެސް އެދެމެދަށް އެޅެން އޭނަ ބޭނުމެއް ނޫނެވެ. ރޫޔާ އަށް ގިނަ އިރުވަންދެން ރުޅިގަނޑު ހިފަހައްޓައިގެން ނީދެވުނެވެ. ނަޒްޔަކްގެ ވާހަކަތަކުން ރުޅިގަނޑު ފިނިވެ މީހާ ހަމައަކަށް އެޅިއްޖެއެވެ. ނަޒްޔަކް ދެން ފެށީ ކުރިއަށް އޮތް ދުވަސް ތަކުގެ ޝެޑިއުލް އެވެ. ރޫޔާ ކަނުލާ އަޑުއަހަން އިން އިރު އޭނަ އިނީ ނުހަނު ގަޔާވެފައެވެ. އޭރު އަތަށް ލިބިފައިވާ ހާނިކަ މަތިންވެސް އޭނަ ހަނދާނެއް ނެތެވެ.

****

ހަފްތާއެއް ފަހުން މާލެ އައިއިރު ރޫޔާގެ ހަޔާތަށް ވަނީ ބަހާރު މޫސުން އައިސްފައެވެ. ނަޒްޔަކް ރޫޔާގެ ހަޔާތް އުފާވެރިކަމުން ފުރުވާލަ ދީފިއެވެ. އެފަދަ ލޯތްބެއް ދުވަހަކުވެސް ލިބިދާނެ ކަމަކަށް އޭނަ އުއްމީދެއް ނުކުރެއެވެ. ސިކުންތުކޮޅަކަށް ވެސް ހިނިތުންވުން ފިލައިގެން ނުދެއެވެ. ތާއަބަދު ހުރެވެނީ ހުވަފެނީ ދުނިޔެއެއްގައެވެ. ނަޒްޔަކްއާއެކު ހޭދަކުރެވިފައިވާ ކޮންމެ ވަގުތެއް ވަނީ ސިކުނޑީގައި ރީތި ފިލްމެއްގެ ސިފައިގައި ރިކޯޑް ކުރެވިފައެވެ. ނަޒްޔަކް ފޮނުވާ މެސެޖްތައް ވެސް ދެތިން ފަހަރު ކިޔާލެވެއެވެ. ދަންވަރު ދެމީހުން އެތައް އިރެއް ވަންދެން ފޯނުން ވާހަކަ ދައްކަން ތިބެއެވެ. ދަންވަރު ގަނޑީގައި ދެޒުވާނުން ކުރާކަމަކީ އެއީއެވެ. ފޯނުގައި ތިންގަޑިއިރު ވިޔަސް ފޫއްސެއް ނުވެއެވެ.

ދަންވަރުގެ ވަގުތެވެ. އާދައިގެ މަތިން ރޫޔާ ހުރީ ބެލްކަނީގައި ނަޒްޔަކްއާ ވާހަކަ ދައްކާށެވެ. އޭރު އާދަޔާ ހިލާފް ހިމޭންކަމެއްގެ ތެރެއަށް ގެނބެމުން ދިޔަ މާލޭގެ މަގުތައް ފެނި އެ މޫނުމަތިން ޚައިރާންކަމުގެ އަސަރުތައް ފާޅުވަމުން ދިޔައެވެ. އެހެންޏާ މެންދަން ދޭއް ޖަހަންދެން ވެސް ދުއްވާތަކެތީގެ އަޑެއް ނުކެނޑޭނެ ވިއްޔާއެވެ. އެންމެ ފަހުން ބެލްކަނީގައި ހުންނަން ނުކެރިގެން އޭނަ އެތެރެއަށް ދެމިގަތް ވަގުތު ބަދިގެއަށް ވަންނަން ދިޔަ އަވްޝަންގެ ދެމަފިރިން ފެނި އޭނަ ދިޔައީ ސިއްސައިގެންނެވެ. ހަޅޭއްވެސް ލަވައިގަނެވުނުއިރު މޭކަށިގަނޑު ފަޅާލާފައި ހިތް ނިކުމެދާނެހެން ވެސް ހީވިއެވެ. ރޫޔާ އަވަސް ނޭވާތަކެއް ލަމުން ޓައިލްސް މައްޗަށް ވެއްޓި ބައިބައި ވަކިވެފައި އޮތް ފޯނުގެ ބައިތައް ހޮވަން ފެއްޓިއެވެ.

”ކޮންމެ ރެޔަކު ނުނިދާ ކުރާކަމަކީ މީދޯ؟… މަންމައާ ވާހަކަ ދައްކައިގެން ތިދެމީހުންގެ ކައިވެނީގެ ކަންތައް އަވަސް ކުރުވަންވީ، އޭރުން ނުޖެދޭހެނެއްނު ދެމީހުން ދެ ކޮންޓިނެންޓުގަ ތިބެގެން އެކަކު އަނެކަކު މަތިން ހަނދާންކޮށް ކަރުނަ އޮއްސާކަށް…..” ދެފަރާތަށް ބޯހޫރާލަމުން ރާނިޔާ ވާހަކަ ދެއްކީ ސަމާސާ ރާގަކަށެވެ. ރޫޔާ ހިންދެމިލަމުން ފޯނު އޮންކޮށްލިއެވެ. އޭރު ރޫޔާގެ މޫނަށް ފަނޑު ރަތްކުލައެއް ވެރިވެފައި ވެއެވެ. މިއަދު ކުލްޘޫމް އައިސް އޭނައާއި ނަޒްޔަކްގެ ކައިވެނީގެ ވާހަކަ ދެއްކީއްސުރެ އެހިތަށް ލިބިފައިވާ އުފާވެރިކަން ބަޔާންކޮށެއް ނުދެވޭނެއެވެ.

”އެއޮތް ގުޅަނީ ދެން ދޭ އަވަހަށް ކޮޓަރިއަށް، އަހަރުމެން ތިބެގެން ރޫއަކަށް ވާހަކަ ވެސް ނުދެއްކޭނެ….” ރާނިޔާގެ އަތުގައި ހިފާލަމުން ބަދިގެއާ ދިމާއަށް ހިނގައިގަންނަމުން އަވްޝަން ސަމާސާ ރާގަކަށް ބުންޏެވެ. އަވްޝަންމެން ބަދިގެއަށް ވަންތަން ބަލަން ހުރެފައި ރޫޔާ ފޯނު ނެގިއެވެ. އަދި ދުވެލާފައި ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.

”ވަޓް ހެޕެންޑް؟….” ނަޒްޔަކްގެ އަޑުގައި ހާސްކަން އެކުލެވިގެން ވިއެވެ. ”ރިނީ ދައްތަމެން ފެނި ބިރުގަތީ….” ރޫޔާ ކަންތައް ވީ ގޮތް ކިޔަދިނުމުން ނަޒްޔަކް ހޭން ފެއްޓިއެވެ. ”މަޖަލެއް ނޫނޭ، ކިރިޔާ ބިރުން ހިތް ނުހުއްޓުނީ… ބޮޑުކޮޓަރީގެ ބޮކިވެސް ނިއްވާލާފަ އޮތީމަ ނާމާން ގޮތަކަށް އޮތީވެސް، ދެން ނަސީބެއް ފެއިންޓް ނުވިކަން ވެސް….” ރޫޔާ އެނދުގައި އޮށޯވެލަމުން ވާހަކަ ދެއްކިއެވެ. އޭނަ އޮތީ ނަޒްޔަކްގެ ހުނުމުގެ ތެރެއަށް ގެނބިފައެވެ.

”ތިހާ ބިރުގަންނަނަމަ މާލޭ މަގުތަކުގަ އުޅޭ ޕާޓޭން ފެންނައިރަށް ވެސް ރޫ ފެއިންޓް ވެދާނެއެއްނު….” ނަޒްޔަކް ބުންޏެވެ. ”ނުވާނެ، އަހަރެން އަތްދަބަސް ތެރޭގަ ހުންނާނެ ޕެޕާރސްޕްރޭ، އެހެންނޫނަސް އަހަރެން ސޭވްކުރަން ނިކް ހުންނާނެއެއްނު….” ރޫޔާ ލެޕްޓޮޕް ހުޅުވާލިއެވެ.

”ދެން ބާއްވަނީ އިނގޭ، މާދަން ހެނދުނު އެބަޖެހޭ އިންޓަވިއުއަށް ދާން….” ރޫޔާ ގަޑިބަލާލަމުން ކުއްލިޔަކަށް ކަމެއް މަތިން ހަނދާން ވާ ފަދަ ގޮތަކަށް ބުނެލިއެވެ. ނަޒްޔަކް ވެސް ދެން އިތުރަށް ވާހަކަ ދިގުކުރަން ނޫޅޭ މާދަން ހެނދުނު ރޫޔާ ބަލާ އަންނާނެކަމަށް ބުނެ ފޯނު ކަނޑާލިއެވެ.

****

”ރިހާކުރު ހުސްވެފަ ހުރީ….” ކަބަޑް ސެޓްތައް ހާވާލަމުން އަވްޝަން ބުނެލިއެވެ. ”އަޅޭ… އަނބުމަޖާ ނޫން އެއްޗެއް ކާހިތެއް ނުވޭ….” ބޮޑާ ހާކާ ރާގަކަށް ރާނިޔާ ބުންޏެވެ.

”މިދެން ކޮން ގަޑިއެއްތަ އަނބުމަޖާ ކާން؟ މިހާރު ކަޑާތައްވެސް ހުންނާނީ ބަންދުކޮށްފަ…..” އަނބު ކާން އިން ރާނިޔާއަށް ބަލައިލަމުން އަވްޝަން ބުންޏެވެ. ރާނިޔާގެ މޫނުމަތިން މާޔޫސްކަން ފާޅުވެގެން ދިޔައެވެ.

”ޕާސްތާ އޯކޭ ވާނެތަ؟ އަހަރެން ކައްކާނަން….” އަވްޝަން ޕާސްތާ ކައްކަން ބޭނުންވާ ސާމާނުތައް ހަމަކޮށްލިއެވެ. ރާނިޔާ އާނއެކޭ ބުނެލީ ގަޔާވެފައި ހުރެއެއް ނޫނެވެ. އަވްޝަން އެހާ ވަރުން އޭނައަށް ދޭން ކައްކަން ބޭނުންވާތީ ނޫނެކޭ ނުބުނަން ވެގެންނެވެ. ބަލިވެއިނީއްސުރެ އަވްޝަންގެ ފަރާތުން ލިބެމުން އަންނަ ލޯތްބާއި އަޅާލުމުގެ ސަބަބުން ރާނިޔާ ހުންނަނީ އުފަލުން ގޮސް ފޮޅިފައެވެ. އެހިތަށް ވަނީ ފިނިކަން ލިބިފައެވެ. މާބަނޑުވުމުން އަންނަ ބަދަލުތަކާ ބެހޭ ފޮތްތައް ކިޔުމުގައި އޭނައަށް ވުރެ ކުރީގައި އަވްޝަން އުޅެއެވެ. ރާނިޔާއަށް އެއްވެސް ކަމެއް އުނިވިޔަކަ ނުދެއެވެ. ރާނިޔާ ބޭނުންވާހާ އެއްޗެއް ހުރިތަނަކުން ހޯދައިދެއެވެ. މިދުވަސްކޮޅު އޮފީހުން ޗުއްޓީ ނަގައިގެން އުޅޭތީ ރާނިޔާ ހުންނަނީ ވަކިން ބޮޑަށް އުފާވެފައެވެ. ފިރިމީހާގެ ލޯތްބާއި އަޅާލުން އެންމެ ބޭނުންވާ ވަގުތު ރާނިޔާއަށް ލިބެމުން ދިޔައެވެ.

****

އިރުގެ ދޯދިތަކުން އުދަރެސް މަތި ދޮން ކުރަމުން ފާއްދާލި ދަޅަތަކާއެކު ރަސްކަން ކުރަމުން ދިޔަ އަނދިރިކަން ފޫއަޅުވާލައިފިއެވެ. ހަމައެއާއެކު މަގުތައްވެސް ހަލަބޮލިވާން ފަށައިފިއެވެ. އޮފީހަށް ދާ މީހުންނާއި އެކި އުމުރުފުރާތަކުގެ ސްކޫލް ކުދިންތަކުން މަގުތައް ތޮތްޖެހެމުން ދިޔައެވެ.

އިންޓަވިއުއަށް ދާން ތައްޔާރުވެލައިގެން ރޫޔާ ތިރިއަށް ފޭބިއިރު ނަޒްޔަކް އޭނަގެ އިންތިޒާތުގައި ހުއްޓެވެ. ސައިކަލުގެ ފަހަތު ސީޓަށް އެރުމާއެކު އާދައިގެ މަތީން ނަޒްޔަކް ރޫޔާއަށް ތައުރީފުކޮށްލިއެވެ.

”ސްކެއާރޑް؟…” ނަޒްޔަކް އަހާލިއެވެ. ”ހޫމްމް، ފުރަތަމަ އިންޓަވިއު ވީމަ….” އިރުއިރުކޮޅާ ގަޑިއަށް ބަލަމުން ދިޔަ ރޫޔާގެ މޫނުމަތިން ހާސްކަން ފެނެއެވެ. ފުރަތަމަ ފަހަރަށް އިންޓަވިއުއަކަށް ދާތީ އޭނަ ހުރީ ހިސާބަކަށް ބިރުވެސް ގެންފައެވެ. ”ބީ ޕިޒޮޓިވް. އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ވެސް ދާނީ ރަގަޅަށް….” ނަޒްޔަކްގެ ޖުމްލައިން ރޫޔާގެ ހިތަށް ފިނިކަމެއް ލިބިގެން ދިޔައެވެ.

ޓްރެފިކްތަކުން ސަލާމަތްވެ އޮފީހަށް ދެވުނީ ހަމަ ކިރިޔާއެވެ.

”ނިމުނީމަ ގުޅާނަން އިނގޭ….” ރޫޔާ ދަމުން ހިނިތުންވެލިއެވެ. ”ގުޑް ލަކް….” ނަޒްޔަކް ބުންޏެވެ.

ހެނދުނު ހޭލެވުނީއްސުރެ އީނާ ހުންނަނީ ފާޑަކަށެވެ. މޭނުބައި ކުރާ ގޮތްވުމުން އޭނަ ހުރީ ބިރުގެންފައެވެ. މުޅި މީހާ ހާސްވިއެވެ. އޭނަ އެވާހަކަ އަލްޔަސް ގާތު ބުނުމުން އެމޫނުމަތިން ވެސް ހާސްކަން ފާޅުވެގެން ދިޔައެވެ.

”ސޭމް އަހަރެން ވަރަށް ބިރުއެބަގެނޭ، ޕްރެގް ވެއްޖެއްޔާ ބޭބީ ބަލާކަށް ވެސް ނޭގޭނެ، އެންމެ ކުޑަމިނުން ނޭގޭނެ ޑައިޕާރ ޗޭންޖްކުރާކަށް ވެސް، އަދި ދެމީހުން ރެޑީ ވެސް ނުވެވޭ….” އީނާ އައިސް އަލްޔަސްގެ އުނގުގައި ބޯއަޅާލިއެވެ. ”ވެދާނެއެއްނު ފުޑްޕޮއިޒަންކަމަށް ވެސް… ރޭ ނޫޑްލްސް ކެއި ފަހުން ވެގެން އުޅޭ ގޮތެއްނު ތީ….” އަލްޔަސް ބުންޏެވެ.

”ވެދާނެ……..” އީނާ ބުންޏެވެ. ”ދެން ޓެސްޓްކޮށްލީމަ އިނގޭނީ، އީނޫ ދެން ހާސްނުވެބަލަ ޕްރެގް ވެއްޖެއްޔާ ދެމީހުން އެކީގަ ބޭބީ ބަލާނީ، މަންމަމެން ވެސް ތިބޭނެއެއްނު އެހީވާން….” އަލްޔަސް އީނާގެ ކޯތާފަތުގައި ފިރުމާލިއެވެ.

”ބޭބީ ލިބުނީމަ އިނގޭ ފަރިތަވާނެކަން އެކަމަކު އަހަންނަކަށް ނުކެރޭނެ ބިގް ބެލީއާއެކު މީހުންގެ ތެރެއަށް ނިކުންނަން ވެސް، ސެލެބްރިޓީއެއް ފެނުނީމަ ބަލާހެން އެންމެން ބަލާނީ….” އީނާ ބުންޏެވެ. އީނާގެ އެޖުމްލައިން އަލްޔަސް ގާތަށް ހިނި އައެވެ. ”މީހުން ދެކޭ ގޮތާމެދު ވިސްނާކަށް ނުވާނެ….” އަލްޔަސް ބުންޏެވެ.

ކިޓެއް ގަނެގެން އައި ޓެސްޓް ހަދާލުމާއެކު ނަތީޖާ ނެގެޓިވްވުމުން އީނާގެ މޫނުމަތިން މާޔޫސްކަން ފާޅުވެގެން ދިޔައެވެ. އަލްޔަސްގެ ވާހަކަތަކުން ހިތަށް ހަމަޖެހުމެއް ލިބިފައި ވަނިކޮށް ވެގެން ދިޔަ ގޮތުން އޭނަ ދެރަވިއެވެ.

”ނެގެޓިވް…” އީނާ ފާޚަނާ އިން ނިކުންނަމުން ބުންޏެވެ. އެއާއެކު އަލްޔަސްގެ ލޮލުން ފެނުނު އުއްމީދުގެ އޮޔެވަރު ގެއްލިގެން ދިޔައެވެ. އީނާ އައިސް އަލްޔަސްގެ މޭގައި މުނު ޖައްސާލަމުން ފުން ނޭވާއެއް ލިޔެވެ. ”ނެކްސްޓް ޓައިމް…” އަލްޔަސް ބުންޏެވެ.

”ހޫމްމް، ދެން ބޭބީސްގެ ކަންތަކާ ބެހޭގޮތުން ރިސާޗް ކުރާނީ….” އީނާ ބުނެލިއެވެ. އަދި އިތުރަށް އަލްޔަސްއާ ގާތް ވެލިއެވެ.

****

އިންޓަވިއު ނިންމާލަމުން ރޫޔާ ބޭރަށް ނިކުތްނަން ދިޔަ ވަގުތު މުޑިއެރި އަންހެން ކުއްޖާ ރޫޔާއަށް ބަލާލީ ފާޑަކަށެވެ. ބިންމައްޗަށް ވެއްޓުނު ފައިލް ނަގަމުން ރޫޔާ ކުރިއަށް ހިނގައިގަތެވެ. އޭރުވެސް އެއަންހެން ކުއްޖާ ބަލަން ހުރިކަން ރޫޔާއަށް ފާހަގަ ކުރެވުނެވެ.

ރޫޔާ ނަޒްޔަކްއަށް ގުޅާލާއިރަށް ފަސް ވަރަކަށް މިނެޓް ތެރޭގައި ނަޒްޔަކް އަތުވެއްޖެއެވެ. ހިނިތުންވުމަކާއެކު ރޫޔާ ގޮސް ސައިކަލަށް އެރިއެވެ. ”ކިހިނެއްތަ ދިޔައީ؟….” ނަޒްޔަކް ސައިކަލު ސްޓާޓްކޮށްލިއެވެ. ”ވަރަށް ރަގަޅަށް ދިޔައީ، ޖޮބް ލިބެނެހެން ހީވަނީ…..” ރޫޔާ އިންޓަވިއުގައި ކުރި ސުވާލުތަކާއި އޭނަ ދިން ޖަވާބުތައްވެސް ކިޔައިދިނެވެ. ނަޒަޔަކް ސައިކަލު ދުއްވާލަމުން މިސްރާބު ޖެހީ ރެސްޓޯރެންޓަކާއި ދިމާއަށެވެ.

އޮފީހުން ބޭރަށް ނިކުތް ޒެލީން ހުރީ ހުއްޓުން އަރާފައެވެ. ދެލޯ ފެންކަޅިވެގެން ދިޔައީ ފެނުނު މަންޒަރާއެކު ހިތަށް ކުރި ފުން އަސަރުތަކެއްގެ ސަބަބުންނެވެ. އޭނަ ހުރީ ހިތާމަތަކާއި އެއްވަރަށް ރުޅިވެސް އައިސްފައެވެ. އެ ނާޒުކު ހިތް ކުދިކުދިވެގެން ހިނގައްޖެއެވެ.

ޒެލީން ތުންފަތުގައި ދަތް އަޅާލީ ރޮވިދާނެތީއެވެ. ނަޒްޔަކް އެހާ އަވަހަށް އޭނަ މަތިން ހަނދާން ނައްތާލީ ހެއްޔެވެ؟ އޭނަ ބާކީ ކޮށްލީ ހެއްޔެވެ؟ އެހާ ފަސޭހައިން އޭނަ އެދިރިއުޅުން ނެރެ އެއްފަރާތްކޮށްލީ ހެއްޔެވެ؟ އުއްމީދުގެ ހުޅުކޮޅު ނިވިއްޖެއެވެ. އޭނަގެ އުފާވެރިކަން ފަނާވެގެން ހިނގައްޖެއެވެ.

ޒެލީންގެ ހިތުގައި ރޫޔާ އާމެދު ހަސަދަވެރިކަން އުފެދެން ފެށީ ވަކިވަރެއް ބަލާފައެއް ނޫނެވެ. އޭނައަށް ރޫޔާ ސިފަކުރެވުނީ އޭނައާއި ނަޒްޔަކްގެ ދެމެދަށް ވަންނަން އުޅޭ ކަތުރުފަންޏެއްގެ ސިފައިގައެވެ. އެކަތުރުފަނި އޭނަގެ ހުރިހާ އުފަލެއް ފޭރިގަންނަން ފަށައިފިއެވެ. ފިޔަވަޅު ނާޅައިފިނަމަ އޭނަގެ ނަޒްޔަކް މުޅި އުމުރަށް ގެއްލިދާނެއެވެ. ޒެލީން ރުޅި އައިސް ރޫޅިދާނެހެން ހީވިއެވެ.

ޒެލީންގެ އެރުޅިގަނޑަށް ތެޔޮއަޅަނަ އެވަގުތު ތާރާ އައެވެ.

”ސޯ ސޭޑް، އަހަރެން އޭރުވެސް ބުނީމެއްނު ދެން ނަޒްޔަކް ނާންނާނެޔޭ، މިހާރު ޔަޤީންވެއްޖެ ދޯ؟….” ތާރާ ކުރީ މަލާމާތެވެ. އެއާއެކު ޒެލީން ކަޅިއަޅާލިއެވެ. ”އަހަރެން ބިރުގަނެއްޖެ….” ދެލޯ ބޮޑުކޮށްލަމުން ތާރާ ބުނެލިއެވެ.

”މިހުރިހާ ކަމެއް ދިމާމިވީ ކަލޭގެ ސަބަބުން….” ޒެލީން ދަތްކުނޑިވިކައިގަތެވެ. ”ތިކަން އިނގެޔޭ އަހަންނަށް… ދެނެއް ކަލެއަކަށް ނަޒްޔަކް އެއް ނުލިބޭނެ ސޯ ސްޓޮޕް ޑްރީމިންގް…..” ތާރާ ބުންޏެވެ.

”ލިބޭނެ، ކަލޭ ހުންނާތި ބަލަން! ނަޒްޔަކްގެ ފުރަތަމަ ލޯތްބަކީ އަހަރެން….” ޒެލީން ދުލެއް ނުކުރިއެވެ. ”އަހަރެން އަޑުއެހިން ފުރަތަމަ ލޯބި ހަނދާން ނައްތާލަން އުނދަގޫވާނެޔޭ އެކަކަމަކު އަހަންނަށް މިފެނުނީ މުޅިން އެހެން މަންޒަރެއް….” ތާރާ ހީގަތެވެ.

”ކަލޭ އުފާކުރަންވީ ވަރަކަށް އުފާކުރޭ އަދި ފަަހުން ޖެހޭނެ ހިތާމަކުރަން ވެސް، މާރކް މައި ވޯޑް، އަހަރެން ނަޒްޔަކް ހާސިލުކުރާނަން…..” ޒެލީން ދާން ހިނގައިގަތީ މޫނު ބަނަކޮށްގެން ހުރެއެވެ. އޭނަ ހުރީ ސިކުނޑި ގޮވާ ހިސާބަށް ގޮސްފައެވެ. ނަޒްޔަކް އެހެން އަންހެންކުއްޖަކާއެކު ވާތަން ދެކެން ކެތްނުކުރެވޭނެއެވެ.

”ސުވިސައިޑް ނުކުރައްޗޭ….” ތާރާ ބުންޏެވެ.

ޒެލީން ކަޅި އަޅާލަމުން ކުރިއަށް ހިނގައިގަތެވެ. މުޅި ދުވަސް ހަރާބުވުމުގެ ސަބަބުން އޭނައަށް އޮފީހުގެ އެއްވެސް މަސައްކަތަކަށް ދޭންވާވަރަށް ސަމާލުކަމެއް ނުދެވުނެވެ. ވިސްނެނީ އެންމެ ކަމަކާ މެދުގައެވެ. ފެންނަނީ އެންމެ މަންޒަރެކެވެ. އެމަންޒަރު ފެނުމުގެ ކުރިން އެދެލޮލުގެ ފެނުން ދިޔަނަމަ ހާދަ ރަގަޅުވީހެވެ. ޔަޤީނުން ވެސް މިހާރު އެހިތުގައި އަޅަމުންދާ ވޭން އިހުސާސް ކުރަން ނުޖެހުނީހެވެ.

(ނުނިމޭ)

 

Share Article

Follow Me Written By

މުތާ/ ސ.ހިތަދޫ

Level 210 Stories

Other Articles

Previous

ކަފުނަށް މިހިތް އަދި ނުލާކަން ޔަގީން .. 8

Next

އޯގާވީ ހިތަކުން…49

Next
September 3, 2014

އޯގާވީ ހިތަކުން…49

Previews
August 30, 2014

ކަފުނަށް މިހިތް އަދި ނުލާކަން ޔަގީން .. 8

8 Comments!

  1. haikal says:
    September 1, 2014 at 9:04 pm

    mi partves varah salhi.. thankolheh kury alhe miahvure dhigu kohlaanama.. anyways waiting for the next parts..

  2. shim says:
    September 1, 2014 at 10:23 pm

    mi prt v. salhi…. waitin for nxt prtt

  3. Nathuu says:
    September 1, 2014 at 10:54 pm

    vv salhi…..waiting…………………..

  4. fan says:
    September 1, 2014 at 11:19 pm

    Mutha plssssssss dhigu kohbala, mihaaru thiliyani 2 page, plsss dhigukih genesba, mi part ves reethi kurin ves hiviyei zelyn gadhu anaane hen anyways vvvvvvv salhi

  5. mary says:
    September 1, 2014 at 11:43 pm

    Vaahaka varah ves hama furihama.. kepp it up

  6. shafu says:
    September 2, 2014 at 11:39 am

    vv nice……:)

  7. leen says:
    September 2, 2014 at 1:48 pm

    vvv nice….thankolheh dhigukoh genes dheyn v nu…..kyp it up

  8. mal says:
    September 2, 2014 at 6:28 pm

    v v reethi mibaives

Comments are closed.


All Right Reserved!