ވީރާނާ ވެފައިވާ ޙަޔާތް މަގޭ … އާބާދު ތި ލޯބިން ވެވިއްޖެޔޭ
ކޮޓަރި ތެރޭގައި ވަނީ ހަމަހިމޭން ކަމެވެ. އެނދުގައި އަހަރެންގެ ބިއްދޮށުން އޮށޯވެ ނިދާފައި ފިރިމީހާ އޮތެވެ. ކޮޓަރީގެ އެއްފަޅީގައި ބަހައްޓާފައިވާ އެނދެއްގައި އަހަރެންގެ ދޮޅުއަހަރުގެ ދަރިފުޅު ނިދާފައި އޮތެވެ. އަހަރެން އޮތީ ނިދި ނައިސްފައެވެ. މި މެންދަމުގެ ހަމަހިމޭން ވަގުތުގައި އަހަރެންނަށް އިޙްސާސް ކުރެވެމުން ދަނީ އަހަރެންގެ މާޒީގެ ހިތި ރަހަތަކާއި އަސަރުތަކެެވެ.
އެއީ ގާތްގަނޑަކަށް މީގެ ދެތިން އަހަރެއްހާ ދުވަސް ކުރިއެވެ. އަހަރެންނަކީ ރާއްޖެތެރޭގެ މެދު ފަންތީގެ ޢާއިލާއެއްގެ ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. މަންމައާއި ބައްޕަގެ ލޯބީގެ ގުލްޒާރުގައި ފޮޅުނު ހަމައެކަނި މަލެވެ. އެހެންކަމުން އެ ދެމަފިރިން އަހަރެންދެކެ ވަނީކީ އަމަށަކު ލޯތްބެއް ނޫނެވެ. އެ ދެމީހުން އަހަރެން ބަލަމުން އައީ ލޮލުގެ ކޮއި ފަދައިންނެވެ. ހިތުގެ ފަނާރު ފަދައިންނެވެ. އަހަރެންގެ ހާޖަތްތައް ފުއްދައިދިނުމަށް ކޮންމެ ދުވަހަކު މުލުހާލުތުބަށް ނުކުމެ އެތައް މިންނެތް މަސައްކަތްތަކެއް ކުރެއެވެ. އަހަރެންނަކީ އާރުލާ ދަރިއަކަށް ހެދުމަށް ރެއާއި ދުވާލު ދޭހާ އަތްވެއްގައި ވެހޭހާ ވާރޭއެއްގައި ހޭރިއާ ކުރެއެވެ.
ނަމަވެސް އަހަރެން ވެގެންދިޔައީ މަންމަމެން އުއްމީދުކުރިފަދަ ކުއްޖަކަށް ނޫނެވެ. މަންމަމެންގެ ޝައުޤަށް ފެންދިނުމުގެ ބަދަލުގައި އަހަރެން އެ ލޭފަވެތި މައިންބަފައިންގެ އުއްމީދުގެ ހުޅުކޮޅު ނިވާލީއެވެ. އެ ހަންހާރަވެތި މައިންބަފައިންގެ ލޮލުން ލޭކަރުނަ ފާއްދައިލީއެވެ. އެ މީހުންގެ އުއްމީދުތައް ވެއްޔާއި މޮޑެލީއެވެ.
އެތައް ބުރަ މަސައްކަތްތަކެއް ކޮށްގެން ހޯދާ ލާރިކޮޅުން މައިންބަފައިން އަހަރެން ސްކޫލަށް ފޮނުވި ނަމަވެސް ކިޔެވުމަކީ އަހަރެން އެހާ ޝަޢުޤުވެރިވާ ކަމަކަށް ނުވިއެވެ. ނަތީޖާއެއްގެ ގޮތުން ގްރޭޑް 9 ގައި ފާސްނުވެ 3 އަހަރު އިނުމުގެ ސަބަބުން އަހަރެން ސްކޫލުން ކަނޑައިލިއެވެ. ކިޔެވުމުގެ ފުރުޞަތު އަހަރެންނަށް ގެއްލުނީއެވެ. ނަމަވެސް އެއީ މާބޮޑު ދެރައެއް ކަމަކަށް އަހަރެން ޤަބޫލެއް ނުކުރަމެވެ. ނުކިޔަވައި އަހަރެންގެ މައިންބަފައިންނާއި ކާބަފަައިން އުޅުނުގޮތަށް އަހަރެންނަށްވެސް އުޅެވޭނެކަމަށް ބުނެ ފުއްދާލީމެވެ. އަދި އެހާ ހިސާބުން އަހަރެން ޤަޞްތުކުރީ އަވަހަށް ޒާވާޖީ ޙަޔާތެއް ފެށުމަށެވެ.
މާމަތީ ތަޢުލީމެއް ލިބިފައި ނެތްނަމަވެސް އަހަރެންގެ ރީތި ސިފައިގެ ސަބަބުން އަހަރެންނަށް ތަފާތު ފެންވަރުގެ ތަފާތު ގިންތިގެ މީހުންގެ ހުށަހެޅުންތައް ލިބެމުން ދިޔައެވެ. މި އެންމެންގެ ތެރެއިންވެސް އަހަރެން ހޮވާލީ ރުއާންއެވެ. ލޯލާރިތަކެއްގެ ތެރެއިން ރަން ފައުނެއް ހޮވާލާފަދަ ގޮތަަކަށެވެ.
ރުއާންއަކީ ހެދިހުރި ހަށިގަނޑެއްގެ ވެރި ރީތި ޒުވާނެކެވެ. ޤުދުރަތުން އޭނާއަށް ދެއްވައިފައިވަނީ ރީތި ބޮޑު ދެލޮލެވެ. އޭނާގެ އެ ދެލޮލުގެ ބާރުން އެތައް ހިތްތަކެއް ކަތިލާނެކަން ގައިމެވެ. ރުއާންގެ ކޮންމެ ހަރަކާތަކުން އަހަރެންގެ ހިތަށް އަސަރުކުރުވައެވެ. އަހަރެންގެ ހިތުގައި އޭނާގެ ނަން ލިޔެވުނެވެ. އެ ހިތުން ޖަހާ ކޮންމެ ވިންދެއްގައިވެސް ރުއާންގެ ލޯބިވިއެވެ. އަދި ރުއާން އަހަރެންނަށްޓަކައި އޭނާގެ ހިތުގައިވާ ލޯބި ހާމަކުރާ ކޮންމެ ފަހަރަކު އަހަރެންގެ ހިތް އުފަލުން ނަށަންފަށާ ފަދައެވެ.
ދުވަސްތައް މާޒީއާއި އެކުމަވުން ދިޔައެވެ. އަހަރެންނާއި ރުއާންގެ ލޯބީގެ ޗަމަން ތަފާތު ކުލަކުލައިގެ ކުލަ ރީތި މާތަކުން ޖަރީކުރަމުންނެވެ. ވަޢުދާއި އަހުދުތައް ވަމުންނެވެ. އެދުވަސްތަކުގެ ތެރޭގައި އަހަރެންނާއި ރުއާންގެ ގުޅުން އަހަރެންގެ މައިންބަފައިންނަށް އެނގިގެން ދިޔައެވެ. އެ ދެމަފިރިން މި ގުޅުމަށް ހަތަރެސްފައިން “ޓާޓާ”ކީ ރުއާންއަކީ ވިޔާނުދާ ކުއްޖެއްކަމުގައި ބުނަމުންނެވެ. އޭނާއާއި ބެހޭގޮތުން ރަށު ތެރޭގައި ދެކެވޭ ތަފާތު ވާހަކަތަކުގައި ޙާޤީޤަތެއް ވާނޭކަމަށް ބުނަމުންނެވެ. އަދި އަޑެއްކިއްޔާ ރެނދެއްލާނެއޭ ބުނާބަސް އަހަރެންނަށް ވިސްނައިދެވޭތޯ މަންމަމެން މަސައްކަތްކުރިއެވެ. ނަމަވެސް ރުއާން އަހަރެންނާއި މެދު ބެހެއްޓި އޯގާތެރިކަމާއި ގާތްކަމުގެ ސަބަބުން އޭރު އަހަރެން ހުރީ އޭނާއަށްޓަކައި ހިތާއި ޖާނުންވެސް ފިދާވާން ތައްޔާރަށެވެ. އެހެންކަމުން މައިންބަފައިންގެ އަގުހުރި ނަޞޭޙަތްތަކުގައި އަހަރެން ކޮޅުފައިން ޖެހީއެވެ. ހަމައެކަނި ރުއާންގެ ލޯތްބައްޓަކައެވެ.
ދުނިޔެ ހިނގަނީ ތޮށަލި ދުޅައަށޭ ބުނާ ބީދައިން އަހަރެންގެ ޙަޔާތައް ބަހާރު މޫސުމަށްފަހު ޚަރީފު މޫސުުން އަތުވެއްޖެއެވެ. އޮޔާއި ވައި ބަދަލުވާ އުޞޫލުން ރުއާންގެ ހިތް ބަދަލުވެގެން ހިނގައިދާނެ ކަމަކަށް އަހަރެން ކުރިން ހިތަށްވެސް ނާރުވަމެވެ. ނަމަވެސް މަލުގެ ފޮނިކޮޅު ބޯލުމަށްފަހު ރުއާން ދިޔައީއެވެ. އަހަރެން ބިނާކުރަމުންދިޔަ ލޯބީގެ ގަނޑުވަރު ބިމާ ހަމަވީއެވެ. ރުއާން އަހަރެން ދޫކޮށްދިޔައީއެވެ. ދުނިޔެއަށް އަހަރެން ބާކީ ކޮށްލާފައެވެ.
އަަހަރެންގެ ފޮށާގަނޑު ބޭލުނެވެ. ރަށްމެދަށް ވިހެއުމުގެ ސަބަބުންނެވެ. މިކަމާއި ހިތާމަކޮށްކޮށް އިލިވަރުވެފައިވާ އަހަރެންގެ އަހުރަވެތި މަންމަވެސް މި ކެހިވެރި ދުނިޔެއާއި އަލްވާދާޢު ކިއެވެ. މި ހަސްތީއަށް އަހަރެން ބާކީވެ އެކަނިވެރި ވީއެވެ.
އަހަރެން ކުރި ކުށުގެ އަދަބެއްގެ ގޮތުން އެއް އަހަރު ދުވަހަށް އަހަރެން ހދ.މަކުނުދޫއަށް އަރުވައިލެވުނެވެ. އަހަރެންގެ ޙަޔާތުގައި ހިތާމައިގެ ފޮށައެއް ލެވިފައިވާ ފަދައެވެ. އަހަރެންގެ ޙަޔާތުގެ ހަމައެކަނި އުއްމީދަކީ އަހަރެންގެ ދަރިފުޅެވެ.
އެދުވަސްވަރު އަހަރެންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދީ އަހަރެންނަށް އޯގާތެރިވި ހަމައެކަނި މީހަކީ އަލްޔަންއެވެ. އަހަރެންގެ ޙަޤީޤަތް އެނގިހުރެ އަހަރެންދެކެ އޭނާ ލޯބިވިއެވެ. ވީރާނާ ވެފައިވާ އަހަރެންގެ ޙަޔާތް އަލްޔަންގެ ލޯބިން އާބާދުވިއެވެ. އަލްޔަން އަހަރެންނާއި ކައިވެނި ކުރިއެވެ. އަހަރެންނާއި އަހަރެންގެ ދަރިފުޅަށް އޭނާގެ ލޯތްބާއި އެހީތެރިކަންދިނެވެ.
އަހަރެން ސިއްސައިގެން ދިޔައީ ފަތިސްނަމާދުގެ ބަންގީގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. ކޯތާފަތްމައްޗަށް ނީރައިލައިފައިވާ ކަރުނަތައް ފޮހެލުމަށްފަހު ތެދުވެ ފާޚާނާއާއި ދިމާއަށް ހިނގައިގަތީމެވެ.
(ނިމުނީ)
5 Comments!
Comments are closed.



V v salhi vhk eh??thankolheh dhigu kohli nama vakin furihama vyc…heheh..Keep it up dear❤❤??????????
Thankxx Jiji ❤❤ will keep the that point in mind next time eh ga ???
އިލިއުޝަން އަށް ކުރުވާހަކަ ލިޔުމުގެ ފަންނަށް ކޮންމެވެސް ވަރަކަށް ވަދެވިފައިވާ ކަމަށް ފެނޭ. އެކަމާ އުފާކުރަން. އަދި ތަހުނިޔާ ކިޔަން. ރަނގަޅު ކޮށްލަންވީ ދެކަމެއް ނުވަތަ ތަންކޮޅެއް ފާހަގަކޮށްލާނަން. ފުރަތަމަ ކަމަކަށް: ވާހަކައިގެ ނަން ވީހާވެސް ކުރުކޮށް މާނަހުރި ގޮތަކަށް ގެނައުން! ދެވަނަކަމަކަށް: މިވާހަކަ ކިޔައިދީފައި މިވަނީ އަންހެންކުއްޖެއް. އެހެންކަމުން ބޭލޭނީ “އަހަރެންގެ ފޮށާގަނޑެއް” ނޫން. “ބޭލޭނީ .”އަހަރެންގެ ކަނޑިކިގަނޑު”. ނުވަތަ އަހަރެންގެ ހެދުން
Thankxx for the feedback ?? Insha Allah will try not to repeat the same mistakes again … and am always open to such constructive criticisms ???
Alley so such a touching story?????????❣❣❣❣?????????????