ނޭނގި ޔާރު ވަކިވީ
އިރުގެ އަލިކަން ދުނިޔެއާ ވަކިވުމުގެ ނިޝާންތައް ހުރީ އުދަރެހުން ފެންނާށެވެ. އޮރެންޖުކުލައިގެ ވިލާތަކުގެ ހިޔަނިން ކަނޑުގެ ސަތަހަ ހީވަނީ ވިރުވާ އަޅާފައި އޮތް ރަންގަނޑެއްހެންނެވެ. ކަނޑުގެ ރޯޅިތައް ކުރިއަށްވުރެ ފިނިވެފައި ބާރުހެން ހީވެއެވެ. ބާނިތައް ގިނަވެފައި ބިއްސާލާ ރާޅުތަކުގައި ހުދު ފޮނު ހިފާފައި ހުއްޓެވެ. ހިމުން ދޮންވެލިގަނޑަށް އެ ރާޅުތަކުގެ ހަމަލާތައް ލިބެމުން ދިޔައެވެ.
ތުނޑިމައްޗަށް ނިކުމެ އުޅުނު ގިނަ މީހުން އޮއްސެމުން ދިޔަ އިރާ އެކު ރަށުތެރެއަށް އަރައި ނިވާވެއްޖެއެވެ. ތުނޑީގެ އެންމެ ހިތްގައިމު ހިސާބުގައި މަލަކު އިށީދެ އިނީ ލައިގެން ހުރި ހުދުކުލައިގެ މެކްސީގައި ހަރުކޮށްފައި ހުރި ބޮޑު ލޭސްގަނޑު ފަތުރާލައިގެންނެވެ. ދެފައި ކުރުކޮށްފައި ދެފައިމަތީ އިށީދެ އިސްތަށިގަނޑުގައި އަތްޖައްސާލީ ކެމެރާ ހިފައިގެން މަލަކުއަށް ބަލަން ހުރި ސައްޔާރުގެ އަތުން އެކަހަލަ އިޝާރާތެއް ކުުރުމުންނެވެ. ކަނޑުގެ ފިނި ރޯޅިތަކަށް ނަށަމުން ދިޔަ އުއިފަށެއްފަދަ ފަން އިސްތަށިގަނޑުގައި މަޑުމަޑުން އަތްޖައްސާލާ ކެމެރާއަށް ބަލައިލިއެވެ. ސައްޔާރުގެ ބޮޑުވާ އިނގިލިން އެ މަންޒަރު ހިތްގައިމުކަން އެންގުމުން މަލަކުގެ ތުންފަތް ފުޅާވެގެން އައީ ލުއި ލުއި ހިނިތުންވުމަކުންނެވެ.
ކެމެރާގައި ސައްޔާރު ރައްކާކުރަމުން ދިޔައީ މަލަކުގެ ބައިވަރު ތަސްވީރުތަކެވެ. ފޮޓޯނެގުމަކީ ސައްޔާރު ޒުވާން ފުރައަށް އެރިއިރު ލޭގައި ހިނގަމުން ދިޔަ ޖޯޝެކެވެ. ސަތާރަވަނަ އުފަންދުވަހު ރައްޓެއްސަކު ދިން ކުޑަ ކެމެރާގަނޑު ހިފައިގެން ފުރަތަމަ ނަގައި އުޅުނީ ރަށުތެރެއިން ފެންނަ އެކި އެކި ތަންތަނެވެ. އާއިލާ މީހުންގެ ފޮޓޯތަކުން ފެށުނު ސެޝަންތަކަށްފަހު މި ކުޑަ އަބާދީގެ ރައްޔިތުން ކޮންމެ މުނާސަބެެއް ފާހަގަކުރާއިރު އެތަނެއްގައި ސައްޔާރުއަށް ދައުވަތު ލިބެމުން ދިޔައެވެ. އެކަމަކު މި ޒުވާނާގެ ހުނަރު މިހާ ހިސާބުން އޮތީ ތިންސަތޭކައެއްހާ މީހުންގެ ތެރޭގައި ރައްކާކުރެވިފައެވެ. އިތުރަށް ހުނަރު ފުޅާވެގެން ދާނެ އެއްވެސް މަގެއް ނެތި ބަންދުވެފައެވެ. އިސްކޮޅުން ދިގުވެފައި ހަށިގަނޑު ފުޅާކޮށްހުންނަ ސައްޔާރު އަކީ ރީތި ޒުވާނެކެވެ. ފުރާވަރަށް އެރުމުގެ ކުރިން އޭނާގެ ހިތް މިލްކު ކުރީ މަލަކުއެވެ.
މަލަކު އަކީ ސައްޔާރު ފަދައިން އާދައިގެ އާއިލާއަކަށް އުފަންވި ކުއްޖެކެވެ. ޒަމާނީ ވައްޓަފާޅި ދަންނަ އެހެން ނަމަވެސް ރަށުގެ ގޮތުން ބަންދުވެފައި ހުންނަ ޖެހުނު ކުއްޖެކެވެ. ބުރުސޫރައިގެ ރީތިކަމާއި ފަރިކަން ދައްކާލަން ބޭނުންވެފައި ހުއްޓާ ސައްޔާރު ލައްވާ އެކި ދުވަސް ތަކުގައި ނަގަން ލިބޭ ފޮޓޯއެއް ފިޔަވައި އެ މަގު އޭނާއަށްވެސް ވީ ބަންދުވެފައެވެ. ފުރުޞަތު ނުލިބޭތީއެއް ނޫނެވެ. ބައްޕަ ރުހޭކަމަކަށްނުވާތީ ފިލައިގެން އިންނަންޖެހެނީއެވެ.
“ޕާފެކްޓް” ކެމެރާ ދުރުކޮށްލަމުން ސައްޔާރު ބުނެލިއެވެ. މަލަކު ތެދުވެގެން އައިސް ސައްޔާރު ކައިރީ ހުއްޓުމުން ސައްޔާރު ދައްކައިލީ ދެންމެ ނެގި ފޮޓޯތަކެވެ. އިރު އުދަރެހުން އަލްވަދާއު ކިޔަމުން ދިޔަ ހިތްގައިމު މަންޒަރަށްވުރެ ސައްޔާރުއަށް ރީތިވީ މަލަކުގެ ފަރި ހަރަކާތްތަކެވެ.
“ތި ހުރިހާ ފޮޓޯއެއް މިރޭ ޖެހޭނެ އަހަންނަށް ފޮނުވަން” މަލަކުގެ ހިތުގައި ކެކި ގަތީ އެ ފޮޓޯތައް ސޯޝަލް މީޑިޔާއަށް އަޅާލުމުން ލިބޭނެ ކޮމެންޓްތައް ބަލައިލުމުގެ ޝައުޤުވެރިކަމެވެ. ސައްޔާރުގެ ހުނަރު ހުރީ ފެންނާށެވެ. މައިންބަފައިންނަށް ސިއްރުން މީޑިޔާތަކުގައި ހޯދާ ތަރުހީބު ބޮޑެވެ.
“މަލަކް” ދުރުން މަލަކުގެ ނަމުން ގޮވާލި އަޑު އިވިގެން ދެމީހުންނަށް އެކުގައި ބަލައިލެވުނެވެ. ދެމީހުންނަށް ހަނާ އަޅަމުން ދުވެފައި އެތަނަށް ނިކުތީ ޒައިނީއެވެ.
“މަލަކް.” ބަނޑުގައި އަތް އަޅައި ގުދުވީ ދުވެ ދުވެ ވަރުބަލިވެގެންނެވެ. އަނގައިން މާނޭވާލަމުން ޒައިނީ ތެދުވިއެވެ.
“ބަލާބަލަ ސައްޔާރު ނަގާފައި ހުރި ސަޅި ފޮޓޯތައް.” މަލަކު ގެ އެންމެ ގާތްއެކުވެރިޔާ އަށް ބުނެވުނެވެ.
“ތިއެއް ނޫން، މަލަކުގެ ބައްޕަ އެބަ ހޯދާ.” އަދިވެސް ނޭވާ ހަމައަކަށް އެޅުވޭތޯ ބަލަމުން ޒައިނީ ބުނެލިއެވެ.
“ތިގެއަށްތަ އައީ؟” މަލަކު ގޮސް ޒައިނީގެ އަތުގައި ހިފެހެއްޓިއެވެ. ޒައިނީ ބޯޖަހާލީ ވެފައި ހުރި ވަރުބަލިން އަދިވެސް ވާހަކަދައްކަން އުދަނގޫވެގެންނެވެ. “ދެން؟” ޒައިނީ މަޑުމަޑުން އަތް ޖައްސާލީ މޭގައެވެ. ހިތް އަވަސްވެ ހިތް އޮބިނޯވެގެން ތެޅެން ފެށިއެވެ.
“އަހަރެން ބުނުމުގެ ކުރިން މަންމަ ބުނެފި މިގެއަކަށް މިއަދު ނާދޭ.” ޒައިނީ ބުނެލިއެވެ. މަލަކު ގެއިން ނިކުތީ ޒައިނީ ގެއަށޭ ކިޔާފައެވެ. މަލަކު އައީ ފޮޓޯނަގަންކަން އެނގޭނީ ހަމައެކަނި ޒައިނީއަށެވެ. މަލަކު ދޮގު ހެދިކަން އެނގުމާއި އެކު ދެން ވާނެ ގޮތް މަލަކުއަށް އެނގެއެވެ. އޭނާގެ ހިތުގައި ވަށައިލީ ގެއަށް ދިއުމާއި އެކު ކުރިމަތިވާނެ ކަންތައްގަނޑު ހިތަށް އަރާފައެވެ.
“މަލަކް،” ދާދި ކައިރިން ސައްޔާރުގެ އަޑު މަލަކުގެ ކަންފަތުގައި ޖެހުނެވެ. ސައްޔާރު އާއި ދިމާލަށް އެނބުރުނުއިރު މަލަކުގެ ދެލޯ ފުރެންފަށައިފިއެވެ. ސައްޔާރު އައިސް މަލަކުގެ އުނަގަނޑުގައި އަތް ޖައްސާލިއެވެ. “ގެއަށް ގޮސް މިރޭ ގުޅައްޗޭ.” ސައްޔާރު ބޭނުންވަނީ މަލަކު ގެއަށް ދިއުމުން ވާނެ ގޮތް އޮޅުން ފިލުވަންކަން މަލަކުއަށް ވިސްނުނެވެ. ހަމައެކަނި ބޯޖަހާލާފައި މަލަކު ނެގީ އޭނާ ގެނައި އަތް ދަބަހެވެ. ޒައިނީގެ އަތުގައި ހިފައިގެން މަލަކު ހިނގައިގަތެވެ.
“ތިހެން ހުރެތަ ގެއަށް ވަންނާނި؟” މަލަކުއަށް ބަލާފައި ޒައިނީ އަހައިލީ ރަށުތެރެއަށް އަރަމުން ނެވެ. މަލަކު ހުއްޓިފައި ދަބަސް ތެރެއިން ކުޑަ ލޯގަނޑެއް ނެގިއެވެ. މޫނުމަތީ ޖައްސާފައި ހުރި މޭކަޕްތައް ޓިޝޫއަކުން ފޮހެލިއެވެ. ހެދުމުގެ މަތިން ލާން ގެންގުޅޭ ޖެކެޓް ނަގައި މަހާލިއެވެ. ޒައިނީ ނުބުނި ނަމަ އެހުރިހާ ހާލައިގެން ވަދެވުން ނަމަވެސް ނޭނގުނީހެވެ.
ގޭގެ ދޮރުން މަލަކުގެ ހިޔަނިވެގެން މިޤްދާދު ތެދުވިއެވެ. އެތެރެއަށް ވަންނަން ނުކެރިފައި މަލަކުއަށް ހުރެވުނެވެ.
“ކޮންތާކު އުޅެފައި ތިއައީ؟” ގޭތެރޭގައި ގުގުމައިގަތީ ވާސިފާގެ ބަރު އަޑެވެ. މަލަކުއަށް ބަލަހައްޓައިގެން ހުރި މިޤްދާދު އަތުން މަލަކު ކައިރީ އެތެރެއަށް ވަންނަން ބުންޏެވެ. މަލަކު ފިޔަވަޅުތައް ނަގަން ފެށީ އިސްއޮބާލައިގެން ހުރެއެވެ. އެދެމަފިރިންގެ މޫނުމަތިން ފެންނަ ރުޅި މަލަކުއަށް ބަލަން ކުޅަދާނައެއް ނޫނެވެ.
“މިހާރު ކަލެއަށް މިރަށް ވެސް ކުޑައެއްނު، އަހަރެން ކަލޭ ހޯދަން ނުދަނީ ކޮންތަނަކަށް؟” މިޤްދާދުގެ އަޑުގައިވީ އަމުރުވެރިކަމެވެ. މަލަކު ބިރުން ހަލާކުވަމުން ދިޔައެވެ. އެ ސުވާލުތަކަށް ޖަވާބު ދީފިނަމަ އޭނާއަށް އެއްޗެހި ކިޔާނެއެވެ. ހިމޭނުން ހުރެގެންވެސް އެއްޗެހި ކިޔާނެއެވެ. އެކަމަކު އޭނާ ޚިޔާރުކުރީ ބަހެއް ނުބުނެ ހުންނާށެވެ.
“ތި އުޅޭ ގޮތް އަހަރެމެންނަށް އެނގޭ، ތި އައި ތަނަކާއި ކުރި ކަމެއްވެސް އެނގޭ، ބުނަން، ކަލެއަށް ކަލޭ ބޮޑުވެފައި ހުރީ ވިއްޔާ ވިޔާނުދާ ގޮތަކަށް އުޅެފައި ހުތުރު ނަމަކުން އަހަރެންގެ ފަސްބައި ކިލާ ނުކޮށް އެންމެ ރަނގަޅު ތި މީހަކާއި އެކު ދިޔަޔަސް.” މިޤްދާދު އެތެރެއަށް ވަންނަމުން ބުނެލިއެވެ.
ސައްޔާރު އާއި މަލަކު ރައްޓެހިވެގެން އުޅޭކަން ބައްޕަމެންނަށް އެނގެއެވެ. ނުރުހެނީ ޒުވާން އުމުރުގައި ސައްޔާރު މަސައްކަތެއް ނުކޮށް ހުންނާތީއެވެ. އަވަހަށް ކައިވެނި ކުރާށޭ ބުންޏަސް އެއީ އަދި ވާނެކަމެއް ނޫނެވެ. ސައްޔާރު ގޭގައި ނިދާލާނެ ތަންކޮޅެއް ހެދިފައެއް ނުވެއެވެ. ސައްޔާރު ނޫނަސް ސައުދުގެ ހަކުދިން އެބަތިއްބެވެ.
ކޮޓަރިން ނިކުން ޒީލަންއަށް މަލަކު ފެނުމާއި އެކު ދެލޯ އަޅައިލިއެވެ. އެއީ މަލަކުގެ ހަގަށް ހުރި ހަމައެކަނި ކޮއްކޮއެވެ. އެކަމަކު ދޮންމަންމަ އާއި ބައްޕަ ފަދައިން މަލަކުގެ މައްޗަށް ހިތުގައި އެއްވެސް ޤަދަރެއް ނެތެވެ.
“މަގޭ ހެދުން ލައިގެން.” ޒީލަން ހަޅެއްލަވައިގަތެވެ. މަލަކު ސިހިފައި އޭނާ ލައިގެން ހުރި ހެދުމަށް ބަލާލިއެވެ. ޒީލަން އެބުނީ ތެދެކެވެ. އެއީ ޒީލަންއަށް މަންމަ ގަނެދިން ހެދުމެކެވެ. ޒީލަން އެންމެ ފަހަރަކުވެސް ބޭނުންކުރިތަނެއް މަލަކުގެ ލޮލަކަށް ނުފެނެއެވެ. ޒީލަން ނުލާން ހުންނަ ކިތަންމެ ހެދުމެއް މަލަކުއަށް ލާންޖެހެއެވެ. އޭނާއަށް އާ ހެދުމެއް ލިބެނީ މަދު ފަހަރަކުއެވެ. ސައްޔާރު ބުނެގެން ފޮޓޯނަގަން އެއްބަސްވިއިރު އޭނާގެ ހިތްހަމަޖެހޭ ހެދުމެއް އޭނާގެ ފޮއްޓަކު ނެތެވެ. ޒީލަންގެ ހެދުން ލީ އެހެންވެއެވެ.
“ހަމަ މިހާރު ތިހެދުން ގެނޭ، ތިއީ އަހަރެން ގްރެޖުއޭޝަންގައި ލީ ހެދުން. ޚާއްސަ ހެދުމެއް، ޓިއުޝަނަށްދާން އަލަމާރި ހުޅުވީމަ އެނގުނީ ހެދުން ނެތްކަން ” ޒީލަން ގަދަކަމުން މަލަކުގެ ހަށިގަނޑާއި ހެދުން ވަކިކުރުމުގެ ކުރިން ރަނގަޅުވާނީ ހެދުން ދިނުންކަން މަލަކުގެ ހިތަށް އެރިއެވެ.
“މި އަންނަނީ ހެދުން ބަދަލުކޮށްގެން” މަލަކުގެ އަޑުގައިވީ ނުރުހުމެވެ.
“ގޮސް ހެދުން ބަދަލުކޮށްގެން އާދޭ،އަދި ރޭގަނޑަށް ނެތް ލޮނުއެއްޗެއް.” މަލަކުގެ ކޮނޑުގައި އަޅާ ކޮއްޕާލަމުން ވާސިފާ ބުނެލިއެވެ. ހިތާއިހިތުން ކުދި ކިޔަމުން މަލަކު ދެފަޔަށް ބާރުލާފައި ހިނގައިގަތީ ކޮޓަރިއަށް ވަދެ ތަޅުލެވޭތޯއެވެ. އޭނާގެ ސިކުނޑިއަށް ހަމަޖެހުމެއް ލިބޭނީ އެދެމައިން ނުފެންނަ ހިސާބެއްގައި ހުރެގެންނެވެ.
“ޒީލަގަދަ، އެހެންވެ ކަންނޭނގެ ޒީލަން ކީ، މި ހެދުން ނުލައި ހުންނަތާ އަހަރުވެއްޖެ، އެންމެ ފަހުން އަހަރެން ލީމައި ހީވަނީ މި ނޫނީ އެހެން ހެދުމެއް ނެތީހެން. ސެލްފިޝް، މަ އެބައުޅޭތަ މި ހެދުންލައިގެން ހުންނަން.” ކޮޓަރި ތެރޭ އެކަނިވުމުން ޒީލަންއަށް އަނގަތަޅަމުން މަލަކު ހެދުން ބަދަލުކުރިއެވެ.
ރޭގަނޑަށް ކެއްކުމުގެ ކުރިން މަލަކު ފުރަތަމަ އިސްކަން ދިނީ ނަމާދުކުރުމަށެވެ. ދެން ނިކުމެފައި ބަދިގެއަށް ވަންއިރު އެގޭތެރެއިން އެއްވެސް މީހަކު ނުނިކުމެއެވެ.
***
ސައްޔާރު ފޯނަށް ބަލަހައްޓައިގެން އިނީ މަލަކުގެ ކޯލެއް އާދޭތޯއެވެ. ގެއަށް ދިޔަފަހުން ޚަބަރެއް ނުވާތީ އިނދެވުނީ ކަންބޮޑުވެފައެވެ.
“އަވަސްކުރައްޗެ” ޒައިނީގެ އަޑަށް ސައްޔާރު ސިހުނެވެ. ސައްޔާރު އިނީ ޒައިނީމެންގެ ގެއަށް އައިހެވެ. ކެމެރާއިން ނެގި ފޮޓޯތައް ޕްރންޓްކުރަން ބޭނުންވެގެންނެވެ. ޒައިނީ އަކީ ސައްޔާރުގެ ބޮޑުބޭބެގެ ދަރިއެކެވެ. ސައްޔާރުގެ ބައްޕަ ސައުދު އަށްވުރެ ޒައިނީ ބައްޕަ ވަޖީހުގެ ފޯރުންތެރިކަން ބޮޑުވެފައި ގޭގައި ހުރިހާ ކަމެއް ކުރެވޭގޮތަށް ހުރެއެވެ.
“ކޮފީ؟” ދޮރުން ބޯދިއްކޮށްލާފައި ޒައިނީ އަހާލިއެވެ. ސައްޔާރު ބޯޖަހާލާފައި ކަޅި ހުއްޓައިލީ ސްކްރީނަށެވެ. ކެމެރާ ޖަހައި އޭގައި ހުރި މަލަކުގެ ފޮޓޯތައް ނެގިއެވެ. އިތުރަށް އެ ފޮޓޯތަކަށް ދިރުން ގެންނަން ފެށިއެވެ. އެ ރޮނގުގައިވެސް ސައްޔާރުގެ ހުނަރުވެރިކަން ކުޑައެއް ނޫނެވެ. އެއީ އުފަންވިއިރުވެސް ލިބިފައި ހުރި ހުނަރު ތަކެވެ. އަދި އިތުރަށް ކިޔަވައިފިނަމަ އެ ރޮނގުގެ އެންމެ ކުރިއަށް ސައްޔާރުއަށް ދެވޭނެއެވެ.
“މި ބޮއިފައި ނުބައޭ ބުނާނީކީ ނޫން.” މޭޒުމަތީ ކޮފީ ޖޯޑު ބަހައްޓަމުން ޒައިނީ ބުނެލިއެވެ. ޒައިނީއަށް ހީލާފައި ސައްޔާރު ކޮފީ ކޯވަރެއް ބޯލިއެވެ. އޭގެ ރަހަ އޭނާގެ ސިކުނޑި އާއި ކުޅެލިއެވެ. ކުރިއަށްވުރެ ބޮޑަށް ހިނިތުންވެފައި ޒައިނީ އާއި ދިމާލަށް އެނބުރުނީ މީރޭ ބުނަން ވެގެންނެވެ.
“މަލަކު ގުޅިތަ؟” ޒައިނީ ފޯނު ބަލާލިއެވެ. އޭނާގެ ފޯނަށްވެސް މަލަކު ގުޅާފައި ނެތެވެ.
“އަދި ގުޅާވަރު ނުވަނީ ކަންނޭނގެ، ދެން ދާންވީ އެގޭދޮށަށް.” ސައްޔާރުގެ މޫނަށް ބަލަން އިން ޒައިނީ ދެލޯ ބޮޑުކޮށްލާފައި ބޯހޫރުވާލިއެވެ. ” މިޤްދާދު ކަލޭ މަރާލާފާނެ.” ޒައިނީ ކުރިއަށް ޖެހިފައި ސައްޔާރުއަށް ބުނެލިއެވެ. “ވަރިހަމަ، މަލަކުގެ ޚަބަރެއް ބަލާފައި ނޫނީ ނުވެއް ނިދޭނެ، އެބަޖެހޭ މަލަކު ކައިރީ ވަރަށް މުހިއްމު ވާހަކައެއް ބުނަންވެސް.” ސައްޔާރު ބަލަން އިނީ އާވިއަރަމުން ދިޔަ ކޮފީޖޯޑަށެވެ. “އާން، ތި ދެމީހުން ނުލާހިކު ވާހަކަ ހުންނާނެ.” ޒައިނީ ބުނި ޖުމްލައިގައި އިތުރު މާނައެއް އޮތްކަން ސައްޔާރުއަކަށް ނޭނގެއެވެ. “ކޮފީ ތަށި ނުލާހިކު މީރު، ދެން ދަނީ.” ޖޯޑު ބަހައްޓާފައި ތެދުވަމުން ސައްޔާރު އަތް ބާއްވާލީ ޒައިނީގެ ކޮނޑުގައެވެ. ޒައިނީ ހނިތުންވެލުމާއި އެކު ސައްޔާރު ހިނގައިގަތެވެ. ސައްޔާރު ބޮއިފައިހުރި ކޮފީ ޖޯޑު ނަގައި ޒައިނީ ބަލާލިއެވެ. އެންމެ ފުލުގައި ކޯވަރެއްހާ ކޮފީފޮދެއް ހުއްޓެވެ. ޒައިނީ އޭގެ ރަހަ ބަލާލިއެވެ. އޭތިކޮޅު ޒައިނީއަށް މީރުވީ އެއީ ސައްޔާރު ރަހަ ބަލާފައި ހުރި ކޮފީޖޯޑުވީމައެވެ.
ސައުދު އަކީ ޒައިނީ ބައްޕަ އާއި އެއްބަނޑު އެއްބަފާ ބޭބެއެވެ. އެންމެ ދޮށީ ސައްޔާރުއެވެ. އުމުރުގެ ގޮތުން ޒައިނީ އާއި ހުރީ ދެ އަހަރުގެ ފަރަޤެކެވެ. އުޅެބޮޑުވީ އެކުގައެވެ. ޅައިރުގައި ސައްޔާރު ވަލަށް ގޮސް ޒައިނީއަށް ކެކުރި ގެނެސްދެއެވެ. ގަސްގަހުން މާ ގެނެސްދެއެވެ. ސައްޔާރު ހިތުގައި އޮތީ ކޮއްކޮއަށްޓަކައި ބޭބެއެއްގެ ހިތުގައި އޮންނަ ޤަދަރެވެ. ޒައިނީ ބޮލުގައި ސައްޔާރު ގެންނަ މާތައް ޖެހީ އިތުރު ލޯތްބެއް އެހިތުގައި އުފަންވަމުން ދާތީއެވެ. އެކަމަކު އާއިލީ ކުއްޖަކު ދެކެ ލޯބިވުމަކީ ހުތުރުކަމެކޭ ޒައިނީގެ ހިތް ބުނާތީ ފަސްޖެހިފައި ހުރެވެނީއެވެ. މަލަކު އައީ ޒައިނީގެ އެންމެ ގާތްއެކުވެރިޔާއެވެ. ސައްޔާރު އެގެއަށް އައުން ގިނަވަނީ މަލަކު ހޯދާށެވެ.، ފުރާވަރަށް އެރިއިރު ސައްޔާރު އާއި މަލަކުގެ ސަމާސާތައް ގިނަވަމުން ދިޔައވެެ. މަލަކު އާއި ސައްޔާރު ބައްދަލުކުރުމުގައި ފާރަވެރިވާން ހުންނަ މީހަކަށް ޒައިނީ ވިއެވެ. މަލަކު ނޫން އެހެން މީހަކު ސައްޔާރު ޚިޔާރުކުރިނަމަ އެމީހަކަށްޓަކައި ޒައިނީގެ ހިތުގައި ހަސަދަވެރިކަން އޮތީހެވެ.
***
މަލަކު ހުރީ ބަދިގޭގައެވެ. ރިހަ ކައްކަން އުނދާފައި ހުއްޓާ މަލަކު ހަނދާންވީ ފޯނު މަތިންނެވެ. ސައްޔާރުގެ މެސެޖެއް އޮންނާނެއޭ ހިތް ބުނަމުން ދިޔައެވެ. އެކަމަކު ރިހަ ކައްކާފައި ނޫނީ ނުދާންވެގެން ހުރީއެވެ. ބަދިގެ ތެރޭގައިވަނީ ހިމޭންކަމެވެ.
ކުޑަދޮރު ކައިރިން ހިޔަނި ވިހެން ހީވެ މަލަކު ސިހުނެވެ. ޖޭމުގަހަށް ޖެއްސި ވާލީގެ އަޑު އިވުނެވެ. އެއީ ވާ އުދުހިފައި ދިޔަ ހިޔަނިބާއޭ ހިތަށް އެރިއެވެ. ދެވަނަ ފަހަރަށް މީހަކު ކައިރިވިހެން މަލަކުއަށް ހީވިއެވެ. ކުޑަދޮރަށް ބަލަހައްޓާ ދޮރުގައި މީހަކު ޓަކި ދިނެވެ. މަލަކު ސިއްރުން ބަލައިލީ ގޭތެރެއަށެވެ. އެއްވެސް މީހަކު ހިލަމެއް ނެތުމުން އަވަހަށް ކުޑަދޮރު ހުޅުވައިލިއެވެ. ދޮރު ހުޅުވާލިއިރު ކުރިމަތީ ހުރީ ސައްޔާރުއެވެ.
“ކީއްކުރަން ތިއައީ.؟” މަލަކު ވައިއަޑަކުން ބުނެލިއެވެ. “ނުގުޅާތީ.” ސައްޔާރު ދެއަތުން ދޮރުގައި އެލިގަތެވެ. ބަދިގެތެރެއަށް ދޮރުން ދެމިގަތެވެ. “އަދި ނުގުޅިގެންނޭ މިއުޅެނީ، އެތެރެއަށް ވަނީ ކީއްކުރަން؟ ބައްޕަ ނިކުމެފާނެ” މަލަކު ކަންބޮޑުވެ އިރުކޮޅުކޮޅާ ބެލެނީ ގޭތެރެއަށެވެ. ސައްޔާރު ގޮސް އުނދުން ނިއްވައިލިއެވެ. މަލަކުގެ އަތުގައި ހިފާ އޭނާގެ ކައިރިއަށް ދަމާލިއެވެ. ސައްޔާރު ބުރަކަށި ޖައްސައިލީ އުނދުން ބަހައްޓާފައި ހުރި ކަބަނޑުގައެވެ. މަލަކު ގެނެސް އޭނާގެ އަތު ތެރެއަށް ލިއެވެ.
“ވާހަކައެއް ބުނަން ވެގެން.” ސައްޔާރުގެ ދެލޮލުން ފެނުނީ ލޯތްބެވެ. މަލަކު ބަލާލުމާއި އެކު ސައްޔާރު ހީލިއެވެ.
“ވަޓް؟” ސައްޔާރުގެ ހިމޭންކަން ދިގުދެމިގެންދާހެން ހީވެ މަލަކު އަހައިލިއެވެ. އެދައްކަން އުޅޭ ވާހަކައެއް އަޑުއެހުމުގެ ޝައުޤުވެރިކަން އޮތެވެ. އެކަމަކު އޭނާގެ ހިތް ލެނބެމުން ދިޔައީ ސައްޔާރުގެ ބީހުންތަކަށެވެ. ސައްޔާރުގެ އިނގިލިން މަލަކުގެ މޫނުގައި ފިރުމާލިއެވެ. އެހާ ކައިރިން ދެމީހުން ފެނުމުން ސައްޔާރު އައި ބޭނުން މަތިން ހަނދާން ނެތުނެވެ. އިތުރަށް ދެމީހުންގެ ދުރުމިން ކުޑަކޮށްލަމުން ސައްޔާރުގެ ދެއަތް ވަށައިލީ މަލަކުގެ އުނަގަނޑުގައެވެ. ނޭވާގެ އިޙްޞާސްވާހާ ކައިރިވިއެވެ.
ގޭތެރެއިން މިޤްދާދު ކެއްސާލި އަޑު އިވިފައި މަލަކުއަށް ތެޅިގަނެވުނެވެ. ސައްޔާރު ކައިރީ ދާށޭ ބުނެލިއެވެ. ކުޑަދޮރު ކައިރިއަށް ޖެހިލިތަނާއި ސައްޔާރުގެ އަތުން ޖެހިފައި ވެއްޓުނީ އަޅުވާފައި ހުރި ދޭފަތްތަކެވެ. ކޮންއަޑެއްހޭ ކިޔައި މިޤްދާދު ހަޅެއްލަވައިގެން އަޑު އިވުނެވެ. އެދިމާލަށް އޭނާ އަންނަކަން ހިޔަނިންވެސް އެނގެއެވެ. ކުޑަދޮރުން އެރުމުގެ ބަދަލުގައި ސައްޔާރު ވަނީ މޭޒުދޮށަށެވެ. މިޤްދާދު އައިސް ހުއްޓުނީ ދޮރުމަތީގައެވެ. މަލަކު ހުރީ މޭޒުގެ އެއްކޮޅުގައެވެ. ވެއްޓިފައިހުރި ދޭފަތްތަކަށް މަލަކު ބަލާލިއެވެ. ” ކާން ހަދާ.” އެތެރެއަށް ވަންނަމުން މިޤްދާދު ބުނެލިއެވެ. މަލަކުގެ ނޭވާ އަވަސްވީ މިޤްދާދު އައިސް މޭޒުދޮށުގައި އިށީނުމުންނެވެ. — ނުނިމޭ —
7 Comments!
Comments are closed.

Dho ga in vaahaka in gothah up kohfa miothy?
Hawwa zaahira ge story copy kohffa
this is same????
Copy kuriyas nukoh viyas mi story hama habbu…jiji ah vec v v beynun vey photographer akah vaan????????????????????❄❄???????????…This part is really awsm..kyp it up reena sis
Yaa
mi dho site ga mihaaru up kuramundhaa stoty ai
Plx dont copy others storys
Amiila stroy ai liyan mashakah kuran feney
މިއީ ދޯސައިޓުގައި އެހެންމީހަކު ލޔާވާހަކައެއްގެ ކޮޕީދޯ
Mi vaahaka kiyaanimuneema hama aneh part kiyaa hiyy vanee….. Kon irakutha e part annanee?