ހުވަފެނީ ލޯބި 1 ވަނަ ބައި
އަސުރުން އިރުތިރިވީއިރު އިރުގެ އަލިކަމުން ދުނިޔެމަތި މަހުރޫމް ކޮށްލި ގޮތުން ހީވަނީ ކަޅު ސާލެއް އޮޅައިލެވުނު ހެންނެވެ. ވިލާތައް ބޯކަމުން ފަރުބަދަފަޅިތަކެއްހެން ހީވެއެވެ. ވިލާތައް މަތިމައްޗަށް ނަގާފައިވާ ގޮތުން އިރަކަށް އެ ވިލާތައް ފޫއަޅުވާލުމުގައި ކާމިޔާބެއް ނުކުރެވުނެވެ. އިރުއޮއްސުމަށްފަހު ވިއްސާރަ ތޫފާނެއްގެ ސިފަ ޚިޔާރުކުރިއެވެ. ދޭތެރެ އަކުން ގުގުރީގެ އަޑާއި އެކު ވިދުވަރުގެ ހުދު އަލި ރޮގުތަކުން އުޑުމަތި ދިއްލިގެންދާން ފެށިގޮތަށް ރޭގަނޑުގެ ބޮޑު ބަޔެއް ވޭތުވެގެން ދިޔައީ އެގޮތުގައެވެ. ދަންވަރު ތިނެއް ޖެހިފަހުން ވިލާތަކަށް އޮބިނޯވެގެން ވެހެން ފެށި ވާރޭގެ ބޮޑެތި ތިކިތައް ބައެއްފަހަރު ޖެހެމުންދާ ވައިރޯޅިތަކުގެ ބާރުގައި އެކި ދިމާލަށް ބުރުއްސައިގެންދާތަން ފެނެއެވެ. ވަޔާއި ވާރޭގެ ޝިކާރަ އަކަށް ވަމުން ދިޔައީ ހިމާޔަތެއް ނެތި ހާމަޔަށް ވާ ގަސްތަކެވެ. ވާރޭ އެންމެ ބޯކޮށްލި ވަގުތު ވިލާތައް ކަފާލާފައި އޮމާން ދުވެއްޔެއްގައި ތިރިކުރަމުން ގޮސް ގަމުގެ ރަންވޭގެ ކޮޅުގައި ފުރޮޅި ބީއްސާލީ ނިކަން ހިތްގައިމު ކޮށެވެ. ދަތުރުވެރިންގެ އިސްގިތުބާލުގައި ނިދި ބަރުކަގަނެފައިވާ ގާތްތިމާގެ މީހުންގެ މޫނުމަތީގައިވި ނުތަނަވަސްކަން ފިލައި ހަމަޖެހުމުގެ ނޭވާތައް ދޫކޮށްލެވިއްޖެއެވެ.
މަތިންދާބޯޓުގެ ދޮރު ހުޅުވުމާއި އެކު ކޮންމެ ދަތުރުވެރި އަކަށްޓަކައި ކުޑައެއް ހިފައިގެން މުވައްޒަފުން ތިބިތަން ފެނިފައި ދަތުރުވެރިންނަށް ހީކުރެވުނީ ހިނދުކޮޅަކަށްޓަކައި ނަމަވެސް ވީ އައި ޕީ ވުމުން ކުރެވޭފަދަ ޚާއްސަ އިހުސާސެކެވެ. ގިނަމީހުންނަކީ އުމުރު ދުވަހުވެސް މިފަދަ ޚާއްސަގޮތަކަށް ބަޔަކުގެ ފަރާތުން މެހުމާންދާރީ އާއި ޚާއްސަ އިސްތިގުބާލެއް ކުރެވިފައިނުވާ ބަޔަކަށް ވާތީ އެކަންތައް ބަލައިގަނެވުނީ އުފަލުން ހިނިތުންވެލާފައި ތިބެގެންނެވެ. އެންމެ ފަހަތުން ފޭބި ދެއަންހެން ކުދިން ކުޑައިގައި ހިފުމާއިއެކު ތަންކޮޅެއް އަވަސް ފިޔަވަޅު ތަކެއްގައި ގޮސް އެރައިވަލް ބަޔަށް ވަދެއްޖެއެވެ. ރޭގަނޑުގެ ބޮޑުބައި ދަތުރުމަތީގައި ހޭދަވެފައިވާތީ ދަތުރުވެރިންގެ މޫނުމަތިން ވަރުބަލި ކަމާއި ނިދީގެ އަސަރުތައް ފާޅުވިޔަސް އެދެ އަންހެން ކުދިންގެ މޫނުމަތިން ފެންނަނީ ޒުވާންކަމުގެ ޖޯޝާއި ތާޒާކަމެވެ. ޚާއްސަކޮށް އެދެކުދިންގެ ތެރެއިން ފަން އިސްތަށިގަނޑުލާފައި ހުރި އަންހެންކުއްޖާގެ ވިދުންގަދަ ދެލޮލުން ކޮންމެތަނަކަށް ބަލަމުން ދިޔައީ ޝައުގުވެރި ކަމުގެ ނަޒަރަކުންނެވެ.
“ފައިނަލީ، ސަލާމަތުން މިސިޓީއަށް އާދެވިއްޖެ، އަހަރެން ހައިރާންވީ އެހާ ކުޑަދޮރުން އެހާ ގަދަޔަށް ވިދާތަން ފެނުނު އިރުވެސް ކައިރާ ހަމަޖެހިލައިގެން ނިދަން އޮތީމަ….” ތަންކޮޅެއް ކަޅުކޮށް ހުރި އަންހެންކުއްޖާ ޓްރޯލީތައް އަތުރާފައި ހުރި ދިމާލަށް ހިނގައިގަތީ ކައިރާގެ އަތުގައި ހިފައި ދަމައިލަމުންނެވެ.
“އަހަރެން ހީކުރީ މިހުރިހާ އިރުވާންދެން ޒީވާ އިނީ މަންމަން ވެފައިކަމަށޭ، ފްލައިޓަށް އެރީއްސުރެ އެކަނިމާ އެކަނި އަނގަތަޅަމުން ގޮސް ޒީވާ އެއްޗެކޭ ނުބުނާތީ ފޫހިވެގެން ލޯމަރާލި ގޮތަށް ދެލޯ ނުހުޅުވަން ކަމަށް އޮތީ…..” ކައިރާ ގެ ތުންފަތްމަތިން އަބަދު ފެންނަނީ ފަނޑު ހިނިތުންވުމެކެވެ. އެކަމުން ހާމަވަނީ ކައިރާއަކީ ޚިޔާލެއް ފިކުރެއްނެތް އުފާވެރި އަންހެން ކުއްޖެއް ކަމެވެ. ހިތާމައިގެ ހިޔަނިވެސް އެ ހަޔާތަށް އަދި ނޭޅެނީހެން ހީވެއެވެ.
“އަހަރެން އިނީ ހާދަ ބިރުންނޭ، ހީކުރީ ކޮންމެ ވަގުތަކުވެސް ކްރޭޝް ވެދާނެ ކަމަށް، އުމުރުގައި ތަންހުރީމަ ސަލާމަތްމިވީ…….” ޒީވާ މޫނުމަތީގައި ހުރި ވާރޭތިކިތައް ޓިޝޫއަކުން ފޮހެލިއެވެ. ކައިރާ ޒީވާގެ ބަލިކަށިކަން ރަނގަޅަށް ދަނެއެވެ. ހުރިހާ ކަމަކާއި ނެގެޓިވްކޮށް ވިސްނަމުންދާ ކުއްޖަކަށް ވާތީ ޒީވާ ފިނޑިނުވާކަށް ކަމެއް ނޯވެއެވެ. އަބަދު ހުންނަނީ ސިހިފައެވެ. ޒީވާގެ ނަފްސާނީ މައްސަލައެއް ހުންނަނީ ބާވައޭ ހިތަށް އަރާފައިވެސް ކައިރާ މިވީހާތަނަށް އެހެނޭ ކިޔައިގެން ދިމާނުކުރަނީ ވިސްނާލާފައެވެ. ޒީވާގެ ހިތުގައި އަދި މާ ބޮޑަށް ޖެހި އަމިއްލަ ނަފުސާއިމެދު އޮތް އިތުބާރު މިހާރަށްވުރެ ކުޑަވެއްޖެއްޔާ މާ ދެރައެވެ.
“ކްރޭޝްވިނަމަ އަހަރެމެންގެ ވާހަކަ ރާއްޖޭގެ މީޑިއާތަކުގައި އޮންނާނީ، ވަގުތުން ފޭމަސްވެދާނެ، ރާއްޖޭގެ މަޝްހޫރު ނެޓްބޯޅަ ކުޅުންތެރިޔާ އަދި ފޮޓޯގްރާފަރ ކީވާ ފްލައިޓް ކްރޭޝް ހާދިސާއެއްގައި ނިޔާވެއްޖެ…. ހުރިހާ ކުދިން އެފްބީގައި ލިޔާނީ ރެސްޓް އިން ޕީސް ޒީވާ………..” ކައިރާ އެއްލޯ މަރައިލި އެވެ.
“މަރުވެގެން އެފަދަ މަޝްހޫރު ކަމެއް ލިބިގެން ވަކި އުފާވާނެތަ ސިލީ….” ޒީވާ ކައިރާގެ މޫނަށް ބަލަން ހުރީ ކުޑަކޮށް ހިނިއައިސްފައެވެ. އޭރުވެސް ކައިރާ ހުރީ ކުފިދަތްތައް ފެންނަވަރަށް ހީލަހީލައެވެ. ހިތުގެ ބައްޓަމަށްވާ މޫނަށް އެތަނުގައިވާ ލައިޓްތަކުގެ އަލި އެޅުމުން ރަންކުލައެއްގައި ފެނެއެވެ. ދޮންކުއްޖަކު އަވީގައި އުޅުމުން ޓޭންވެފައިވާފަދަ ގޮތަކަށް ހަމަށް ރީތިކުލައެއް ވެރިވެފައިތީ ކައިރާ ފާހަގަ ކުރެވެއެވެ. ބައެއްމީހުން ހީކުރީ އަފްޣާނިސްތާނު ހިސާބު ކުއްޖެއްކަމަށެވެ.
“ސަލްމާ ދައްތައަށް ގުޅާބަލަ، އެމީހުން ނިދައިފިއްޔާ މިރަށުގައި ކޮންމެ ފަދަ ހާދިސާއެއް ހިގާފާނެ، ފޯނު އެބައޮތްތަ؟ ފްލައިޓް ތެރެއަށް ފޯނު އެއްލާލާފައި ނައިއްޔާ ވެދާނެ، ކައި ވަރަށް އިރެސްޕޮންސިބްލްވާނެ…….” ޒީވާ ކަންބޮޑުވެފައިވާ ކަހަލަ ގޮތަކަށް ބުނެލައިފިއެވެ. ކައިރާ އަވަހަށް ދަބަސް ތެރެއިން ފޯނު ނެރެލާފައި ދެއްކިއެވެ.
“ކަމްއޯން ޒިވާ، ބައިވަރު ދަތުރުވެރިން މިއުޅެނީ، އެމީހުންގެ ހެލްޕް ހޯދިދާނެ، މިއީ ބީރައްޓެހި ކަންޓްރީއެއްވެސް ނޫނެއްނު، އަހަރެމެންގެ ތަނެއް މިވެސް، ވީ ކެން މެނޭޖް، އަހަރެމެން އެހާ ބަލިކަށިތަ؟ ފިޒިކަލީ ހިކިކޮށް ތިއްބަސް މެންޓަލީ ވަރުގަދަވާނެ، އެހެންނޫނަސް ޑިފިކަލްޓް ސިޗުއޭޝަން ތަކުގައި ބޭނުން ކުރަން މާތް ﷲ ސިކުނޑި ދެއްވީ، މިއޮތް އަންނަނީ ލަގެޖް….” ކައިރާ ފިނިވާން ފެށުމުން ދެއަތްތިލަ އުގުޅާލިއެވެ.
ކައިރާ އާއި ޒީވާ ޓްރޯލީތައް ދަމަމުންގޮސް ކޮންވޭޔާ ބެލްޓް ކާރީގައި ހުއްޓިލިއެވެ. ކައިރާ އެހީއަކަށް ނޭދުނު ނަމަވެސް ޒުވާނަކު އިސްނަގައިގެން ދަބަސްތައް ޓްރޯލީއަށް އަރުވަން އެހީތެރިވެދިނުމުން ކައިރާގެ ރީތި ދެލޮލުން ބަލައިލުމަކާއި ނުލައި “ޝުކުރިއްޔާ” އޭ ބުނެލާފައި ޒީވާ އާއި އެކީގައި ނިކުންނަން ހިނގައިގަތެވެ.
ކައިރާ އާއި ޒީވާ އެރައިވަލްސް ހޯލުން ނިކުތްއިރުވެސް ތުނިކޮށް ވާރޭވެހޭތަން ފެނެއެވެ. ދެކުދިން ބަލާއައިސްފައި ހުރި ޑްރައިވަރ ވިޝާލް އެކުދިންގެ ލަގެޖްތައް އަތުލައިގެން ގޮސް ކާރުގެ ޑިކީއަށް އަރުވާފައި ކާރުގެ ދޮރުތައް ހުޅުވާލަދިނުމުން އެންމެ ކުރިން ކައިރާ އެތެރެއަށް ދެމިގެންފިއެވެ. މިހާ ފިނި ރެއެއްގައިވެސް ކާރުގެ ތެރެ ފިނިކޮށް ބަހައްޓާތީ ކައިރާ އިނީ ހައިރާންވެފައެވެ. އޭނަ ހީކަރުވައިގެން ރޫރޫ އަޅަނީއެވެ. ނަމަވެސް ކާރުގެ އޭސީ އެންމެ ދަށްކޮށްލާފައިވާ ގޮތުން ހީވީ ފްރީޒަރަކަށް އެރެވުނުހެންނެވެ. ޒީވާ އެހާ ފިންޏަށް ބަލިހެނެއް ހިޔެއް ނުވެއެވެ. ލަސް ހިގުމެއްގައި ކާރަށް އަރަން ހަދައިގެން ކުޑަކޮށް ތެމިފައި ހުއްޓަސް އޭނަ އަށް ވަރިހަމަވާނެކަން ކައިރާއަށް އެނގެއެވެ. މިރަށަށް އަލަށް އައިކަމުގައި ވިޔަސް ރަށުގެ ރީތިކަން ދެކެލާނެ ހިތްވަރެއްވެސް ކައިރާގެ ނެތެވެ. ފިނިކަމުން އޭނަގެ ސިކުނޑިއަށް މިހާރު އެނދު ފިޔަވާ އެހެން ތަނެއް ނުފެނެއެވެ. ރަޖާގަނޑެއްގެ ދަށަށް ވަދެފައި ނިދަން ތިބި މީހުންނާއި މެދު އޭނަ ހަސަދަވެރިވިއެވެ.
ދެކުދިން މާގިނަ ވާހަކައެއް ނުދައްކައެވެ. ވާހަކަދެއްކެން ނުވެސް ނެތީއެވެ. ވިޝާލް އިނީ ބާރުބާރަށް ލަވައެއް ޖަހާލައިގެންނެވެ. ހީވަނީ އެކުދިންނަށް އޭނަގެ ޓޭސްޓް ރަނގަޅުކަން އަންގާލަން ބޭނުންވާހެންނެވެ. އެހެންނޫނަސް ޓޭލަރ ސްވިފްޓްގެ ލަވަތައް ކައިރާ އާއި ޒީވާއަށް ނިކަން ހިތްގައިމެވެ. ޓޭލަރ ސްވިފްޓް ރައްޓެހިވާ ކޮންމެ ލޯބިވެރިޔަކަށް ޚާއްސަ ލަވައެއް ހަދާތީ އެކަން ޒީވާ ހުންނަނީ ފާހަގަކޮށްފައެވެ. އެފަދަ ލަވަކިޔުންތެރިޔަކު އޭނަގެ ލޯބިވެރިޔަކަށް ހުންނާނެ ނަމައޭ ކިޔާތީ ކައިރާ ދިމާކުރަނީ ޖަސްޓިން ބީބަރ އާއި ރައްޓެހިވާށޭ ކިޔައިގެންނެވެ.
ވިޝާލް އެކުދިން ބަލާ ފޮނުވާނީ ސަމާ އިތުބާރު ކުރާތީ ކަމުގައި ކައިރާ ނިންމިއެވެ. އިރުކޮޅެއްވާންދެން ދުއްވުމަށްފަހު ކައިރި ފާލަމަކުން ދާން ފެށުމުން ކީވާ ބިރުގަތްވަރުން ކައިރާގެ އަތުގައި ހިފާ ބާރުކޮށްލިއިރު މޭގަނޑު ނެގިނެގިފައި ޖެހެއެވެ.
“ކާރު މިތަނަށް ނުވެއްޓޭނެތަ؟” ޒީވާ ދެލޯ ބޮޑުކޮށްފައި ތިރިއަށް ބަލައިލާއިރު ފެންނަނީ ރާޅުޖަހާ މޫދެކެވެ. ދޭތެރެއަކުން އާގަ ކަނޑާފައިވާއިރު އެދިމާލުން އޮއިގަދަކަމުން ޒީވާގެ ހިތް ގުޑަންފެށިއެވެ. މިރަށަށް އާދެވުނުކަމުގެ މޮޔަހީވިއެވެ. ފްލައިޓް ދަތުރަށްފަހު ކާރަށް އެރުމުން ބިރުވެރިކަން ކުޑައެއްނުވިއެވެ. މި ގުޅިފައިވާ މަގުތަކުގައި އެކްސިޑެންޓްތައް އިންތިހާއަށް ގިނަކަން ޒީވާ ނޫސްކިޔާތީ އެނގިފައިވެއެވެ. ބިރުގަންނަނީ އެހެންވީމައެވެ. ނަސީބަކުން އެއަރޕޯޓްގެ ފާލަން މާ ދިގެއްނޫނެވެ. ޒީވާގެ ހިތުގެ ތެޅުން މަޑުވިއެވެ. މީހުން އުޅޭ ރަށްތަކެއް ފަސްދިނުމަށްފަހު ދެން އޮތީ ބޮޑު ޖަންގައްޔެއްކަމުގައި ޒީވާއަށް ހީކުރެވުނެވެ. އެއްފަރާތުން މޫދު ފެންނަން އޮތްއިރު އަނެއް ފަރާތުގައި އޮތީ ބޯގަސްތަކެވެ. އަނދިރިކަމުން ގަސްތައް ހަލުވާލާއިރު ފެންނަނީ ފުރޭތަތަކެއް ކާރާއި ވާދަޔަށް ދުވަމުން ދާހެންނެވެ. ވައިޕަރުން ކާރުގެ ބިއްލޫރިތައް ފޮހުމާއި ނުކުޅަދާނަ އިރުވެސް ވިޝާލް ކާރުގެ ސްޕީޑް ދަށްކޮށެއް ނުލައެވެ.
ކައިރާ އިނީ ފެންނަ މަންޒަރުތައް ރީތިކަމުން އާޝޯޚުވާވަރުވެފައެވެ. އޭނަ އިނީ މޫދާއި ވީ ފަޅީގައިކަމުން ވާރޭގެ ތެރެއިން މޫދު ފެންނަލެއް ސިފަވީ މިވީހާތަނަށް ދެކުނު އެންމެ ރީތި މަންޒަރުގެ ގޮތުގައެވެ. ދުވާލު މިރަށަށް އާދެވުނުނަމަ ވަކިން ނަލަވީސްކަން ނޭގެއެވެ. މާލެއިން ބޭރަށް ދުވަހަކު ދަތުރުކޮށްފައި ނުވާކަމުން ދެކުދިންނަށްވެސް ކުރެވުނީ ތަފާތު ތަޖުރިބާއެކެވެ. ވިއްސަކަށް މިނިޓްގެ ދަތުރަކަށްފަހު އެކުދިންނަށް މީހުން އާބާދުވެފައިވާ ހިސާބަށް އާދެވިއްޖެއެވެ. އެކުދިން އަންނަން ހަމަޖެހިފައިވާ ގެ “ލިލީ” އާއި ހަމަޔަށް ކާރު މަޑުކޮށްލުމާއި އެކު ދެކުދިންނަށް ބަލައިލެވުނީ ގެއާއި ދިމާލަށެވެ. ހީވީ ފިލްމުތަކުން ފެންނަ ކަހަލަ ކާސްލްއަކަށް އާދެވުނުހެންނެވެ. މާލެއިން މިފަދަ ގެއެއް ނުފެންނާތީ އެކުދިން އެކަކު އަނެކަކަށް ބަލާލާފައި މާނަވީ ހިނިތުންވުމެއް ދިނެވެ.
“ލިލީ” އާއި ބަގީޗާ ވާރެޔާއި ތެމެމުންދާއިރު ފެންނަނީ ޖާދުވީކޮށެވެ. ހުދު ދަވާދުން ޕެއިންޓްކޮށްފައިވާ ގޭގެ ކުރިމަތީގައި އެތައް ބައިވަރު ގަސްތައް އިންދާފައިވާއިރު ގަސްތަކުގެ ތެރޭގައި ދިއްލާލަފައިވާ އެންމެ ލައިޓެއްގެ ސަބަބުން ދައްކަނީ ހުވަފެނީކޮށެވެ. ހިނގަން ހަދާފައިވާ މަގުއޮތީ ރަތްކުލައިގެ ގާތައް ޖަހާފައެވެ. ގަސްތަކުގެ ތެރޭގައި ފެހި ވިނަ ދުއްވާލާފައިވާއިރު ވާރޭގެ ތިކިތައް އެގަސްތަކާއި އަދަދުނުކުރެވޭ މާތަކަށް ގޯނާ ކުރަމުންދާއިރު ސިފަވަނީ ފިލްމީ މަންޒަރެކެވެ.
“ވާއު، އައިމް އިން ލަވް….” ޒީވާއަށް ބުނެވުނެވެ.
“އަހަންނަށް އެނގޭ، ކިވީ، ކޮންޖެސްޓެޑް މާލެއާއި ދުރަށް އާދެވުނީމަ ވަރަށް ތާޒާވެއްޖެ، ކިހާ ފިނި، ގަސްތައް ގިނަވީމަ ކިހާ އަރާމުވާނެ……” ކައިރާ ވިސްނަމުން ދިޔައީ ނުތެމި ގެއަށް ވަންނާނެ ގޮތަކާއި މެދުގައެވެ. ޑްރައިވަރަކީ މާ ހަމަޖެހޭ މީހެކެވެ. ދަބަސްތައް ތެމިދާނެތީ ވިސްނައިލުމެއްނެތި ޑިކީ ހުޅުވާލާފައި ދެއަތަށް ދެ ދަބަސްއުފުލައިލުމަށްފަހު ބާރުބާރަށް ހިނގާލާފައި ގޮސް ގޭގެ ފެންޑާގައި ދަބަސްތައް ބަހައްޓާފައި އަންނަތަން ފެނުމުން ކައިރާ އިނީ ބުނާނެ އެއްޗެއް ނޭގިފައެވެ. މިގޭ ބަޔަކު ނޫޅެނީ ހެއްޔެވެ؟ ކައިރާ ޕަރސް ހުޅުވާލާފައި އޭނަ ބުނި އަދަދަކަށް ފައިސާދީފައި އަވަހަށް ދަބަސް ކޮނޑުގައި އަޅުވާލައިގެން ފޭބުމާއި އެކު ތުނިވާރޭ ތިކިތައް ހަމުގައި ބީހިލުމުން ކައިރާ ހީބިހިނެގިއެވެ. މެދުގޯތީގައިވެސް އޮތީ ކުދި ފެންކޯރުތައް ހެދިފައެވެ. ކައިރާ އަރާފައި ހުރީ ހައިހީލް އަކަށް ކަމުން ނުތެމުނަސް ޒީވާ ލައިގެން ހުރި ރީތި ބޫޓު ތެމުމުން ޒީވާ ދެރަވެ ޝަކުވާކުރިއެވެ. ލާފައި ހުރި ޖިންސްގެ ފައިކުރި އޮޅާލަން އުޅެލާފައިވެސް އޭނައަކަށް އެކަމަކަށް ކުޅަދާނައެއް ނުވިއެވެ. ކޮންމެވެސް ދިމާލެއްގައި އިންސާނެއް އަނދިރީގެ ތެރޭގައި ހުރެ ބަލަހައްޓައިގެން ނެތްކަމަކަށް އޭނަ ގަބޫލުކުރާނީ ކިހިނެއް ހެއްޔެވެ؟ ޒީވާ އެކަކަށްވެސް އިތުބާރެއް ނުކުރާނެއެވެ.
ދެކުދިން ދުވަމުންގޮސް ފެންޑާއަށް ވަދެފައި ކައިރާ އެ ބޮޑު ބިއްލޫރި ދޮރުފަތުގައި މޫނު ޖައްސާލާފައި އެތެރެއިން މީހެއްގެ ހިލަމެއްވޭތޯ ބެލިއެވެ. ހަގީގަތުގައި ފުރުމުގެ ކުރިން ވިޝާލް ކިޔާ މީހަކު އެކުދިން ފޮނުވާނެ ކަމަށް މަންމަ ގާތުގައި ސަމާ ވަނީ ބުނެފައެވެ. ޒީވާ ބުނެގެން ސަމާއަށް ގުޅުމުން ފޯނު ނުނެގިވާހަކަ ކައިރާ ސިއްރު ކުރީ ކީވާ ބިރުގެންފާނެތީއެވެ. ފަޅުރަށެއްގައި ހާލުގައި ޖެހުމުން ވެދާނެ ގޮތަކާއި މެދު ޒީވާ ވިސްނާނެއެވެ.
“ސަމާ ދައްތައަށް ނިދުނީ ކަމަށްވާނީ…..” ކައިރާ ދެވަނަ ފަހަރަށްވެސް ސަލްމާގެ ފޯނަށް ގުޅިއެވެ.
“ބެލްއެއްވެސް ނެތް ގެއެއްތަ؟ އެހެންނޫނަސް ވާރޭގެ މިޔުޒިކްގެ ސަބަބުން އެންމެން ނިކަން އަރާމުގައި ނިދާލާފައި ތިބޭނީ…….” ޒީވާ ވާހަކަ ދައްކަން ހުއްޓާ ދާދިގާތުން ބުޅާތަކެއް ކޯޅިގަތްއަޑާއިއެކު ޒީވާ ކަންފަތް ފަޅައިގެންދާހާ ބާރަށް ހަޅޭއްލަވައިގެންފާ ކައިރާގެ ގައިގާ ހިފައިގަތެވެ. ކައިރާ ބެލެންސް ގެއްލުނު ގޮތަށް ގޮސް ދެމީހުން އެކީގައި ފާރުކާރިއަށް ގުޅައަކަށް ޖެހިފައި ކައިރާގެ ބޮލަށް ކުޑަކޮށް ތަދުވިއެވެ. ޒީވާގެ ތޫނު ހަޅޭކުގެ އަޑަށް ގައިމު ކޮންމެވެސް ބަޔަކު ހޭލިކަމީ ކާކުގެ ނަސީބެއްކަން ނޭގެއެވެ. ގޭތެރެއިން މީހަކު ވާހަކަ ދައްކާއަޑު އިވިފައި މިނިޓް ކޮޅެއްގެ ތެރޭގައި ތަންކޮޅެއް ބިޔަކޮށް ހުރި އަންހެނަކު ދޮރު ހުޅުވާލައިފި އެވެ. ހީވަނީ އަރަތްބެއްހެންނެވެ. އެ ކުޑަ ކުޑަ ލޮލުން ފެންނަނީ ނިދީގެ އަސަރުތަކެވެ.
“މަށަކީ ސަމާ ދައްތަ، މަންމަގެ ޒަމާންވީ އެކުވެރިއެއް، މިފަހުން އެހާ ބައްދަލު ނުކުރެވުނަސް އަހަރެމެން ނިކަން ރައްޓެހި ވާނެ، ކައިރާ، ކީއްވެތަ ހަޅޭއްލެވީ، ބިރުގަންނަ އެއްޗެއް ފެނުނީތަ؟ ވިޝާލް ފޮށިތައް އެތެރެއަށް ނުވައްދާ ދިޔައީތަ؟ ވަދޭ އަވަހަށް އެތެރެއަށްވަދެ ހިކިލައިގެން ނިދަންވީނު…..” ސަމާ އެއް ނޭވާއިން ވާހަކަ ދެއްކިއިރު އެއްވެސް ސުވާލެއްގެ ޖަވާބު ބޭނުންވިހެނެއް ހިޔެއްނުވެއެވެ. އޭނަގެ ދެލޯ އަމާޒުވެފައި ވަނީ ކައިރާ އަށެވެ. ޒީވާ ހުރިކަން އެނގުނު ކަމަކަށްވެސް އޭނަ ހަދައެއްނުލިއެވެ. އޭނަ ހުރީ ހެރީ ޕޮޓަރގެ ކްލޯކް އަޅައިގެން ކަމަށް ވެދާނެއެވެ. ޒީވާ ދެރަވާގޮތްވިއެވެ. ޒީވާ ޔަގީން ކުރީ އޭނަގެ ހަގީގަތް އެނގޭތީ ސަމާ ފޫހިވީކަމަށެވެ. އޭނަގެ އަނދިރި ސިއްރުތައް އެނގުނީމަ އެންމެންވެސް އޭނަދެކެ ނަފްރަތު ކުރާނެއެވެ. ޒީވާ އަށް އިސްޖެހިއްޖެއެވެ.
ސަމާ ކައިރާގެ ކޮނޑުގައި އަތް ޖައްސާލިގޮތަށް ތަންކޮޅެއް ގަޔާ ކާރިކޮށްލުމަށްފަހު ހިނގައިގަންނަމުން ޒީވާއަށް އަމުރުކުރީ ފޮށިތައް އެތެރެއަށް ވެއްދުމަށެވެ. އެހާ ކުޑަކަމަކާއިވެސް ޒީވާގެ ހިތުގައި ޖެހި ލޮލަށް ކަރުނަ ނައީ ކިރިޔާއެވެ. ކެތްކުރަންވެގެން ތުންފަތުގައި ބާރަކަށް ދަތްއަޅާލުމަށްފަހު އޭނަ ފޮށިތައް އެތެރެކޮށްލާފައި ކުޑަކޮށް ވިސްނާލުމަށްފަހު ދޮރުގެ ތަންޑުތައް އަޅުވާލައިފިއެވެ. އޭނަ ދިގުކަމުން އެހިސާބަށް އަތް ފޯރުވުމަކީ އުދަގޫކަމެއްނޫނެވެ. އިސްކޮޅުން ދިގުކަމުން ބައެއްފަހަރު ޒީވާ ލަދުގަންނަ ހިސާބަށް ދިޔައެވެ. ސްކޫލުގައި ކިޔެވިއިރު ކުދިން ދިމާކުރާނީ ރާއްޖެއިން ކީވާ އިންނާނެ މީހަކު ނުވާނެ ކަމުގައެވެ. ނަމަވެސް އޭނަގެ އިސްކޮޅުގެ ސަބަބުން އެކަމުގެ ފައިދާކުރި ދާއިރާއެއް އޮތެވެ. ކުޅިވަރުގެ ރޮގުގައި ޒީވާއަކީ ވިދާ ތަރިއެކެވެ.
ސަމާ ދެކުދިން ގޮވައިގެން ސިޓިންރޫމް ހުރަސް ކޮށްގޮސް އަނދިރިކޮށްފައިވާ ކޮރިޑޯއަކުން ދިޔައެވެ. އެންމެ ފަހަތުގައި ހުރި ކޮޓަރީގެ ދޮރު ހުޅުވާލާފައި ސްވިޗް ޖައްސައިލުމަށްފަހު އެއީ ކައިރާމެންގެ ކޮޓަރިކަން ސަމާ އެންގިއެވެ.
“ފަތިސްވާން އެއުޅެނީ، ރަގަޅަށް ނިދާލާ، ވާރޭވެސް ތުނިކޮށްލީނު……” ސަމާ ދަމުން ހޮޅިބުރިތައް ނިވާލައިފިއެވެ. ކައިރާއަށް އެނދު ފެނުމާއިއެކު ހެދުން ބަދަލުކޮށްނުލައި އެނދަށް ވެއްޓިގެން ރަޖާގެ ދަށަށް ވަދެ ފޮރުވިގަތެވެ. ޒީވާ ފާޚާނާއަށްވަދެ ހެދުން ބަދަލުކުރިއެވެ. ނިދާހެދުން ނުލައި އޭނައަކަށް ނުނިދޭނެއެވެ. އެހެންނޫނަސް އޭނަގެ ބޮލުގެ ތެރޭގައި މިރޭ ޚިޔާލު ނިކަން ގިނަރެއެކެވެ. މިރޭގެ ކޮންމެ ހާދިސާއަކުން ޒީވާއަށް ވިސްނުނީ އޭނައަކީ މީހުން މާ ރުހޭކުއްޖެއް ނޫންކަމެވެ. އެހެންނޫނަސް “ލިލީ” އިން މިލިބުނީ ކޮންކަހަލަ މެހުމާން ދާރީއެއް ހެއްޔެވެ؟ އެމީހުން ދަތުރުކުރި ފްލައިޓެކޭ ތަފާތެއްނެތެވެ. ކީވާ ޔަގީންކޮށްގެން ހުރީ ފްލައިޓުން ކާއެއްޗެއް ލިބޭނެ ކަމުގައެވެ. އޭނަ ރޭގަނޑު ނުކައި އައީ އެ ކުށްހީގައި ހުރެއެވެ. ފެންޓާ ތަށްޓަކާއި މެޓާ އިން ފުއްދާލީމަ މޯލްޑިވިއަންގެ ޚިދުމަތް އެހާ ބަރާބަރުހެއްޔެވެ؟ ކުރު ދަތުރަކަށްވީމަ ކަމަށް ވެދާނެއެވެ. ޒީވާ ހައިރާންވެފައި އިނދެ އެންމެ ފަހުން ކެބިންކްރޫއެއްގެ ގާތުގައި ފެންތަށް ޓަކަށް އެދުނީމަ ދިޔަގޮތަށް ޚަބަރެއް ނުވިއެވެ. އެންމެ ރަނގަޅެވެ. އިންސާނުން ވެއްޖެއްޔާ ހަނދާންނެތިދާނެއެވެ. ނަމަވެސް މާ ގިނައިރުތަކެއްނުވެ ކައިރާ ފިނިވެގެން ރަޖާއަކަށް އެދުނީމަ މިނިޓެއްގެ ތެރޭގައި ކައިރާއަށް ރަޖާއެއް ގެނެސްދިނެވެ. ކައިރާއަކީ އަންހެންކުދިންނަށް ދާންދެން ހިތް ކިޔާކުއްޖަކީކަން ނޭގެއެވެ. އެންމެން ކައިރާ ދެކެ ލޯބިވެއެވެ.
ފްލައިޓުން ކާއެއްޗެއް ނުލިބުނަސް ލިލީއިން ކޮންމެވެސް ގޮތެއް ހަދައިލެވޭނެކަމަށް ކީވާ ޔަގީންކުރިއެވެ. ނަމަވެސް ކާއެއްޗެއް ނުލިބުނުތާގައި ފެންފޮދަކަށްވެސް އެދޭކަށް ނުކެރުނެވެ.
“އަހަރެން އޯވަރ ރިއެކްޓް ކުރަނީ ކަމަށްވާނީ، ސަމާދައްތަ ހީކުރާނީ ފްލައިޓުން ކާންދޭނެކަމަށް ތާ، އެހެންވީމަ ރޭގަނޑު ދަންވަރަށް ކާކަށް ނަހަދާނެ، ބަޓް އައިމް ސްޓާވިން، ހެދުނު ވާންދެން ދިރިއޮތިއްޔާ ރަނގަޅު……” ޒީވާ ފޮތް ހުޅުވާލައިގެން އޮތްއިރު އެ ރީތި ކަޅު ދެލޮލުގައިވަނީ ވަރުބަލިކަމުގެ އަސަރުތަކެވެ. ރަތްކުލަ ގަދަ ތުންފަތާއި އޮމާން މޫނު އަދި ބުޅި އިސްތަށިގަނޑުގެ ސަބަބުން އޭނަ ތަފާތެވެ. ޒީވާއަށް އޭނަގެ އިސްކޮޅު އަދި ކުލަވެސް ރީއްޗެއް ނޫނެވެ. ނަމަވެސް އެއިން ކަމެއް ބަދަލުނުވާނެކަން ދަނެއެވެ. ނަމަވެސް އިންސާނުން އަބަދުވެސް ތިމާއަށް ލިބިފައިނުވާ އެއްޗެއް ހާސިލު ކުރަން ވަރު ހުންނާނެއެވެ. ލިބޭ އެއްޗަކުން ފުދި ޙަމްދު ކުރާނީ މަދުމީހެކެވެ.
ޒީވާ ކައިރާއަށް ގޮވާލީމަ އަނގައިން ބުނާކަށް ނޫޅުނެވެ. ކައިރާ އެހާ އަވަހަށް ނިދާނެއެވެ. ވާހަކަދައްކަން އޮވެފައިވެސް ޒީވާ ބަލާއިރު ގަދަ ނިދީގައި އޮތުމަކީ ކައިރާގެ އާދައެކެވެ.
ޒީވާ އެނދުގައި ދެފަރާތަށް ފުރޮޅި ފުރޮޅި އޮވެފައި ލޮލަށް ނިންޖެއް ނައުމުން ވާހަކަފޮތެއް ހުޅުވާލައިގެން ކިޔަންފެށިއެވެ. އެންމެ ލަފުޒެއްވެސް އޭނަގެ ސިކުނޑިއަށް ވަންނަނީއެއް ނޫނެވެ. ވަރޭވެހޭއިރު ފުރާޅުގައި ވާރޭގެ ތިކިތައް ބީހިލާ އަޑުއިވެމުން ދިޔައީ މިއުޒިކެއް ފަދައިންނެވެ. އެއީ މާލެއިން އާއްމުކޮށް އިވޭފަދަ އަޑެއް ނޫނެވެ.
ޒީވާ ވާރޭގެ އަޑުއަހަން އޮތްވާ ކުއްލި އަކަށް ވާރޭ ހުއްޓާލުމާއިއެކު ހިމޭންކަމުގެ ތެރެއިން ކޮންމެވެސް ކަހަލަ އެއްޗެއް ގޮވާ އަޑު އިވިފައި ޒީވާ ބިރުންގޮސް ކުރިއަށްވުރެ ފިނިވާގޮތްވިއެވެ. އެހެންއޮވެލާފައި ފުންމައިގެން ދިޔަގޮތަށް ކައިރާ އޮތް އެނދަށް އަރާފައި ކައިރާގެ ގައިގައި ހިފާ ތަޅުވައިގަތެވެ. ކައިރާ ދެލޯބޮޑުކޮށްލުމުން ޒީވާ ހިމޭންވުމަށް އަތުން އިޝާރާތްކޮށްފައި ބޭރުން އިވެމުންދާ އަޑަށް ސަމާލުވާން އެދުނެވެ. އެއީ ކައިރާވެސް ދުވަހަކު އެހި ޒާތުގެ އަޑެއްނޫނެވެ. ކައިރާ ނިދީގައި އޮވެފައި ކޮންމެވެސް ހަމަނުޖެހޭ އެއްޗެހިތަކެއް ކިޔާލާފައި އަނެއްކާ ބަލީހުގައި މޫނު ޖެހިއެވެ. ކޮޓަރި ތެރޭގައި ދެ އެނދު ހުރީ ކޮޓަރީގެ ދެކޮޅުގައި ބަހައްޓާފައެވެ. ޒީވާ ބިރުގަތީމަ އަބަދުވެސް ކައިރާއަށް މިގޮތަށް އުދަގޫކުރެއެވެ. ހޫނުގަދަ ރެއެއް ވެއްޖެއްޔާ އެގޮތަށް އެނދު ހިއްސާކުރަން ކައިރާ އަކަށް ފަސޭހައެއް ނޫނެވެ. ހޫނުވާވަރުންނެވެ. މިރޭ ފިނިކަން ނަސީބެކެވެ.
އެރޭ ޒީވާ އެންމެ ފަހަރަކުވެސް ލޮލު ފިޔަ ޖަހައެއްނުލައެވެ. ކައިރާ ހެދުނު ނުވައެއް ޖަހަންދެން ގަދަ ނިދީގައި އޮވެފައި ތެދުވުނީ ޒީވާ ދޮރުފޮތިތައް ދަމައިލުމުންނެވެ. މިހާރު ރޭގައި ވެހުނު ވާރޭގެ އަސަރު ކުޑަވެ އިރު ވިލާތަކުގެ މައްޗަށް ގަދަވެ ރަންދަޅަތައް ފަތުރާލައިފިއެވެ. ކައިރާ އާއި ޒީވާ ކޮޓަރިން ނުކުތްއިރު ގޭތެރެ ހީވަނީ ފަޅުތަނެއްހެނެވެ. އެއްވެސް އަޑެއް ބަޑެއް ނީވެއެވެ. ކައިރާ ތެދުވުމުން އެމޫނަށް އިރުގެ އަލިއެޅިފައި އުޖާލާވި ތަން ބަލަން ޒީވާ އިނީ ހައިރާންވެފައެވެ.
“ޝީޒް ސޯ ޕްރިޓީ، އަހަންނަށްވެސް އެކަހަލަ ސްކިން އަކާއި އިސްތަށިކޮޅެއް ލިބުނުނަމަ…..” ޒީވާ އެނދުގެ ތަންމަތި އަޅަން ހުރިއިރު ކައިރާ ރީތިވާން ހުއްޓެވެ. ދެކުދިން އެކީގައި ބޭރަށް ނިކުތްއިރު ސަމާ އުޅެނީ ހެދުނުގެ ނާސްތާ ތައްޔާރު ކުރުމާއިގެންނެވެ. މެދުމިނުގެ ދިރިއުޅުމެއް އުޅެމުންދާ ބަޔަކަށް ވިޔަސް ގޭގެ ކެއުން ހުންނަނީ ރަނގަޅަށެވެ. ހެދުނުވެސް މޭޒުމަތީގައި ކޮފީ، ޕާން، ޗީޒް ފަދަ ތަކެތި ހުރުމުން ކައިރާމެންނެކޭ އެއްފަދައިން ފޯރުންތެރި އާއިލާއަކުން އައިސްފައިވާ ބަޔަކުކަން ހާމަވިއެވެ. ނަމަވެސް ގޭގެ އިމާރާތް ބޭރުން ރީތިކޮށް ފެންނަން ހުއްޓަސް ގޭތެރެ ފަރުމާކޮށްފައިވާ ގޮތުން ހީވަނީ އާސާރީ ތަނެއްހެންނެވެ. ސަމާ އެކި ވާހަކަތައް ދެއްކިއިރު އެގޭގައި ޒަމާނުއްސުރެން ހުންނަ ވަޅުކޮޓަރި ތަޅާނުލައި ބޭނުންކުރާކަން އެނގުނެވެ. ރޭގައި ވަލުތެރެއިން ފާޑެއްގެ ސޫތްޕެއް ގޮވާތީ ކީވާ އޮތީ ނުނިދިފައިކަމަށް ބުނުމުން ސަމާ ހޭންފެށިއެވެ. އެއީ ބޮއްތައް ގޮވާއަޑުކަމަށް ބުނުމުން ދެކުދިންވެސް ތިބީ މަޖާވެލާފައެވެ. ކައިރާ ތަންކޮޅެއް އުފާވެރި މޫޑެއްގައި އިނދެ ގިނަ ވާހަކަދެއްކި ކަމުގައިވިޔަސް މަޑުމައިތިރި މިޒާޖުގެ ވެރި ޒީވާ އިނީ އާދައިގެ މަތިން ބަސްމަދުވެފައެވެ. މީހަކު ކުރި ސުވާލެއްގެ ޖަވާބުދިނުން ފިޔަވާ އިތުރު ވާހަކަ ދައްކަން އޭނަ ބޭނުމެއްނުވެއެވެ. ޒީވާ އެހެން އިންއިރު މިއޮތް ބޮޑުގޭގައި އެންމެ އަންހެނަކު އެކަނިމާއެކަނި އުޅޭ ސަބަބަކާއި މެދުވެސް ވިސްނިއެވެ. ގޭގައި އިތުރު މެމްބަރަކު އުޅޭކަން އެނގުނީ ސަމާފެށި ވާހަކައަކުންނެވެ.
” ޒިޔާއަހަ ރެން ގާތުގައި ބުނި ކައިރާމެންނަށް ޕާޓް ޓައިމްގައި މިގޭ އައިސްކްރީމް ޕާލަރގައި މަސައްކަތް ކުރެވިދާނެއޭ، މިގެއާއި ޖެހިގެން މިހުންނަނީ ސަލްމާދައްތަ ހިންގާ އޭނަގެ އަމިއްލަ ތަނެއް، ރޭގަނޑު ކޮންމެވެސް ގަޑިއެއްގައި ދެކުދިން އެތާގައި މަސައްކަތް ކޮށްލީމަ ވިޔަފާރީގެ ތެރެއަށްވެސް ވަދެވޭނެ، ކައިރާ ކުރިއަށް ދާނީ މެނޭޖެމެންޓް ރޮގުގައިތަ؟ ” ސަމާ ކޮންމެ ފަހަރަކު ކައިރާ ޚާއްސަ ކުރާތީ ޒީވާ އަށް އެހެން ކަހަލަ އިހުސާސްތަކެއް ކުރެވުނަސް ކައިރާއަށްޓަކައި އުފާވެސްވެއެވެ.
“މިއުޅެނީ އޮފީހަކުން ޖޮބެއް ހޯދަން، ކިޔަވަންވެސް ޚިޔާލުކުރަން، ހަވީރު ގަޑީގައި ކިޔަވާފައި ހެދުނު އޮފީހަށް ދާކަހަލަ ޚިޔާލެއް މިކުރަނީ…….” ކައިރާއަށް އެ މައުޟޫއަށް ވާހަކަ ދައްކާކަށް ފަސޭހައެއްނޫނެވެ. ގޭތެރޭގެ މާހައުލުގެ ސަބަބުން ކިޔަވާހިތްނުވެ ރިޕީޓްކޮށްފައި އެންމެ ފަހުން ބާރަ ނިންމާލިގޮތަށް އޭނަ ވިސްނަނީ ވަޒީފާއެއް ހޯދުމަށެވެ. ރަނގަޅު ނަތީޖާއެއް ލިބުނުނަމަ ކިޔެވުން ކުރިޔަށް ގެންދެވުނީހެވެ. ނަމަވެސް ނަތީޖާ ލިބުމުން ކިޔެވުމުގެ ޚިޔާލު ދޫކޮށްލެވުނީއެވެ. ޒީވާ ގެ ކިޔެވުމުގެ ފެންވަރު ކައިރާއަށް ވުރެ މާ ދަށެވެ. ޒވާ ދިހައެއް ނިންމާލިގޮތަށް ދާންފެށީ ކޮލެޖަށެވެ. ޑިޕްލޮމާ ހަދާ ނިންމޭނެ ދުވަހެއް އެނގެނީއެއް ނޫނެވެ.
ސައިބޮއި ނިމިގެން ކައިރާ ގޭގެ އެތަންމިތަނަށް ބޯ ބާނާފައި އުޅެންފެށުމުން ޒީވާހުރީ ނުތަނަވަސްވެފައެވެ. އެންމެފަހުން ހުޅުވާލި ކޮޓަރިއަކުން ޕިއާނޯއަކާއި މިއުޒިކް ސާމާނުތަކެއް ފެނިގެން އެއީ ކާކުގެ އެއްޗެއްތޯ ސުވާލުކޮށްފިއެވެ.
“އައިދަންގެ ސާމާނު، އޭނަވީ އަމިއްލަ ދަތުރެއްގައި ބޭރަށް ގޮސްފައި، ދެތިން ދުވަސްތެރޭގައި އަނބުރާ އަންނާނަމޭ ބުނި……….” ސަމާގެ ގާތުން ދަރިންގެ ޚަބަރާއި އެއްޗެހި އޮޅުން ފިލުވަން ފެށުމުން ޒީވާ ނުކުތީ ފެންޑާއަށެވެ. ދުވާލު ވަގުތު ގަސްތައް ފެންނަނީ މާ ޗާލުކޮށެވެ. ފެނުން ދޮވެވިފައިވާ ގަސްތައް މަޑުމަޑުން ހެލިލާއިރު ހީވަނީ ފަޒާގައި ރާގެއްކުޅެލާހެންނެވެ. ތަފާތު ވައްތަރުގެ ބިޔަގަސްތަކާއި މާގަސްތައް ފެނުމުން ކީވާހުރީ އެގަސްތަކުގެ ތެރެއަށް ދާހިތުން ކެތްނުލަވާފައެވެ. މާތައް ބިންނަން އެހާވަރުހުރެއެވެ. ތަންކޮޅެއް އެތެރޭގައި ބޮނޑިއަކަށް ހެދިފައިވާ ފިނިފެންމާގަސް ތަކުގައި އެތައް ސަތޭކަ މަލެއް ފޮޅިފައިވާތަން ފެނެއެވެ.
“ކޮންމެހެންވެސް ޕޭޖަށްލާން ޕިކް ނަގަން ޖެހޭނެ….” ކީވާ އަވަހަށް އެތެރެއަށް ދާން ހިގައިގަތީ ކެމެރާ ބަލައެވެ.
ސަމާ ކައިރާ އާއި ވާހަކަދައްކަން ހުރެފައި އެއްފަރާތަކަށް ޖެހިލާފައި އޭނަގެ ޒަމާންވީ އެކުވެރިޔާ ޒިޔާ އަށް ގުޅާލައިފިއެވެ.
“މަ ބުނީމެއްނު އެތަން މިތަނުން ގޮތް ނޭގޭ ކުދިން ނުގެންނާށޭ، ފުރަތަމަ ނަޒަރުންވެސް އަހަންނަށް އެނގިއްޖެ އެކުއްޖާގެ މައްސަލައެއް އެބަހުރިކަން….” ސަމާ އާއި ޒިޔާ ވާހަކަ ދައްކާއަޑު އެހެން މީހަކަށް އިއްވަން ބޭނުންނުވާތީ ސަމާ ދިޔައީ ގަސްތަކުގެ ތެރެއަށެވެ.
“ސިއްހީ މައްސަލައެއްތަ؟” ޒިިިޔާ ކަންބޮޑުވިއެވެ.
“ނޫން، ސައިކޯ……. ސައިކޯ މައްސަލައެއް އުޅެނީ، އާއްމުކޮށް ކުޑަކުދިންގެ ހިޔާތަންތަނަށް ލާފައި ތިބޭނީ އެބިއުޒްކޭސްތައް ނޫނީ ބަލާނެމީހެއްނެތް ކުދިންތައް، ޔުމްގެ ދަރިއަށްވެސް އެކަމުގެ ނުބައި އަސަރުކުރާނެ، ޔަގީންތަ އެކުއްޖާ ކުޑައިރު ހާދިސާއެއް ނުހިގާކަން….. އޭރުވެސް މަ ބުނީމެއްނު، ނުބުނަންތަ؟” ސަމާ ހަނދާން ކޮށްލަދިނެވެ.
ސަމާގެ ދަރިންތައް ބޮޑުވެގެން މީހުންނާއި ކައިވެނިކޮށްގެން އެތަންމިތަނަށް ދިޔަފަހުން އޭނަވަނީ އެކަނިވެރިވެފައެވެ. ހަގު ދަރިފުޅު އައިދަން އިތުރަށް ކިޔަވާން ބޭނުންވިޔަސް ބަހަނާއެއް ދައްކާފައި ރަށުގައި މަޑުކޮށްލީ މަންމައަށްޓަކައެވެ. މަންމަގެ އެކަނިވެރިކަމުގެ ބައިވެރިޔަކަށްވެގެން ގާތުގައި ހުރުމަށެވެ. އެ ބޮޑުގޭގައި ކިތަންމެ ކޮޓަރިތަކެއް ހުހަށްވިޔަސް ގިނަ ތަންތަން ހުންނަނީ މަރާމާތު ކުރަން ޖެހޭ ހިސާބުގައެވެ. އެވަރޓަންގައި ސަމާގެ ގާތުގައި އޭނަގެ ބައްޕަ ހަމީދު ދިރިއުޅެއެވެ. ސްޓްރޯކެއްޖެހި ވާގި ދޫވެފައި އޮތުމުން ބައްޕަ ގެންގުޅެން ޖެހެނީ ކުޑަކުއްޖެއް ހެންނެވެ. އެހެންނޫނަސް އުމުރުން ދުވަސްވުމުގެ ސަބަބުން އޭނަގެ ސިކުނޑިއަށް އެކަމުގެ އަސަރުކޮށް ކޮންމެވެސް ވަރަކަށް ސިކުނޑި ގޯސްވެފައިވެއެވެ. ހަމީދުގެ ތިބީ އެކަނި އަންހެންކުދިން ކަމަށްވާތީ އެހެންކުދިންގެ ފަރާތުން މާބޮޑު އަޅާލުމެއް ނުލިބުނެވެ. ހަމީދު ބަލިކޮށް އުޅުނަސް އަދި އަމިއްލައަށް ފެންވަރައި އުޅެވޭވަރުވެއެވެ. މުސްކުޅިކަމުން އެކަނި ހިގަން ދަތިވީމަ ކޮންމެ ފަހަރަކު ފާޚާނާއާއި ހަމަޔަށް އަތުލަފިކޮށްގެން ގެންގޮސްދީ ހަދާ މީހަކީ ސަމާއެވެ. ބަލި ބައްޕައަށް ބެލުމަކީ އެއްވެސް އަންހެން ދަރިއަކަށް ފަސޭހަ ކަމަކަށް ނުވިއެވެ. އެ ޒިންމާނެގީ އެންމެ ހަގު ދަރިފުޅު ސަމާއެވެ. ބައްޕައެކޭ އެއްފަދައިން ސަމާވެސް ވިހެއީ އަންހެންކުދިންނެވެ. ނަސީބަކުން ސަމާ ވަރަށް ދުޢާކޮށްގެން ފިރިހެން ދަރިއަކު ލިބުނެވެ. އައިދަން ވެފައިވަނީ ކޮންމެ މަންމައަކު އެންމެ ހިތްއެދޭފަދަ ރަނގަޅު ފިރިހެން ދަރިއަކަށެވެ.
ކައިރާ އާއި ޒީވާ އެކުދިންގެ ދަތުރު ޕްލޭންކޮށްލާފައިވަނީ ވިސްނުންތެރި ކަމާއި އެކުގައެވެ. މަންމައާއި ވަކިން އުޅެންވުމުން ބޮޑުވެ އަމިއްލައަށް މަސައްކަތްކޮށްގެން އުޅެންޖެހިއްޖެކަމަށް ދެކުދިންވެސް ގަބޫލުކުރެއެވެ. ޒީވާ ގަސްތުކުރީ އައިސްކްރީމް ޕާލަރގައި މަސައްކަތްކުރަމުން ކިޔެވުން ކުރިއަށް ގެންދިއުމަށެވެ. ނަސީބަކުން ކެމްޕަސްއިން ޖާގަ ލިބުން އުދަގޫކަމަކަށްނުވިއެވެ. ކައިރާއާއި ޒީވާ ކުޑަކޮށް ރަށުތެރެ ބަލައިލަން އުޅެލާފައި ނުކުތީ ކޮންވެންޝަން ސެންޓަރާއި ދިމާލަށެވެ. އެގެ ހުންނަނީ އެހިސާބާއި ފުދޭވަރަކަށް ކާރީގައިކަމުން އެކުދިންނަށް ހީވަނީ މިއީ ދުނިޔެމަތީގެ ސުވަރުގެހެންނެވެ. ބިޔަގަސްތަކުން މުޅި ހިސާބުވަނީ ފެހިވެފައެވެ. ވާރޭގެ ސަބަބުން ދޮވެފައިވާ ފަތްތައް ވަކިން ފެހިވެފައި އާރޯކަމަށް ދައްކައެވެ. މިނިވަންކަމުގެ ނޭވާ ލެވެންފެށީ އަދި ކިރިޔާއެވެ.
“ސަމާދައްތަ އެ ބުނާ އައިދަން ރީތިވާނެތަ؟ ފްރެންޑްލީ ވާނެތަ؟ ހީވަނީ ޖަސްޓިން ބީބާރ އާއި ވައްތަރުވާނެހެން…..” ކައިރާ ވިނަގަނޑުމަތީގައި ފޮޅިފައިވާ ވައިލެޓްއަދި ރީދޫމާތަކާއި ކުޅެލަމުން އަހައިލިއެވެ.
“ނަން ރީތި…” ޒީވާ ކޮނޑު އަރުވާލައިފިއެވެ
ނުނިމޭ
10 Comments!
Comments are closed.

Pis pis… aisha ge nukiyamantheri hiyy hama oih gothah miothee.. hama ekani keevaa ge nan zeevaa ah badhaluvefa salma ge nan sama ah badhaluvefa oih kan
Noonea……kon mes varakah chang vefa…..heevanee change vaane hen
Aisha geh vaahakaa yeh noon mee ……dhen annah part gai egeyne
Piss pisss….dahtha emmeh fahun copy dhw thih kuranee ehen meehun geh vaahaka ….piss piss
Vvvvv reeethi vaahaka ingey
Waitingggg for next part
Masha allah
????❤???❤❤????????????❤❤??
seriously ……why? aisha ge stories thah sun in nagaigen liyumakee copy right hudha kuraa kametha? hama ahaalee 😀
Mih copy eh noon…varahbrethi when next ??????
when next……btw stry vrh nice
Tommorror…..insha ?❤
Mee copy eh ma kyn kn meves page akun