އެދުވަސް
އަހަންނަށް ކުޑައިރު ވިސްނިފައި އޮތް ގޮތުގައި މާލޭ އެންމެންނަކީވެސް ވަރަށް ދީލަތި ހިތްހެޔޮ ބައެކެވެ. ސަބަބަކީ އަހަރެންގެ މަންމައާއި ބައްޕަގެ ދުލުން އަބަދުވެސް މާލޭ މީހުންނާއި ބެހޭގޮތުން އަޑުއިވެނީ މިފަދަ ވާހަކަތަކަށް ވުމެވެ. މާލެއިން ގެންނަ ބޮޑެތި ހަދިޔާ ފޮށިގަނޑުގަނޑު ލޮލަށް ފެނި ރީތި އަންނައުނުތައް ލާން ލިބޭތީއެވެ.
މާލެއިން ރަށަށް އަންނަ ރައްޓެހިން ބައްޕަމެން ގެންގުޅެނީ ކޮނޑަށްލައިގެންނޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ނިދާ ކޮޓަރި އެމީހުންނަށް ދިނުމަށްފަހު އެހެން ތާކަށް ހިޖުރަކުރެއެވެ. އަދި ކުކުޅުރިހަ ކައްކާ ޚާއްޞަ ކެއުމެއް ތައްޔާރުކޮށްގެން އާއިލާގެ އެންމެންގެ ގެއަށް ގެންދިއުމަކީ ބައްޕަމެންނެކޭ އެއްފަދައިން އޭރު ރަށްފުށުގެ މީހުންގެ އާދައެކެވެ. އެމީހުން އެނބުރި މާލެ ފުރާއިރު އޮޑި ބަރުކޮށްފައިވާނީ ހުސްނުވާވަރަށް އަރުވާފައިވާ ދޮންކޭލާއި ކުރުނބާގެ އިތުރުންވެސް އެކި ވައްތަރުގެ ހަދިޔާތަކުންނެވެ.
އަހަރެންގެ ހިތުގައި އެމީހުންނާއިމެދު އޮތް ލޯބި ދެގުނަ ވެގެންދިޔައީ މަންމަ ނިޔާވުމަށްފަހު ދުވަސްކޮޅެއް ފަހުން ބައްޕަގެ އިޒުނަ ހޯދައިގެން އަހަރެން ކިޔަވަން އެމީހުންގެ ގޭގައި ބަހައްޓައިދޭ ވާހަކަ އަޑު އިވިފައެވެ. އަހަރެން ވަރަށް އުފާވިއެވެ. އަހަންނަކީ ނަސީބުވެރިއެކޭ ބައްޕަ ބުންޏެވެ.
ކޮންމެއަކަސް އަހަރެންގެ ދަތުރު ފެށިއްޖެއެވެ. އެއްތަށިމަތިން ކައިބޮއި ހެދި އެކުވެރިންނާއި ގާތްތިމާގެ މީހުންނާއި ދުރަށް އުފަން ފަސްގަނޑު ދޫކޮށް ދާންޖެހުމުން ހިސާބެއްގެ މޮޅިވެރިކަމެއް ހިތަށް ލިބިފައިވިއަސް ލިބެން އުޅޭ ނިޢުމަތަށް އަހަރެންވީ ފެންބޮވައިގަނެފައެވެ.
ރަނގަބީލުގެ އަޑަށް ދޮރު ހުޅުވީ ބިދޭސީ އަންހެނެކެވެ. އެއީ ބިދޭސީއެއްކަން އަހަންނަށް ފަހުމުވީ ބައްޕަ ބުނީމައެވެ. ދިވެހިބަހުން ވާހަކަދެއްކުމުގައި ކޮށިކަމެއް ހުއްޓަސް ބަލާބެލުމަށް ވައްތަރީ ދިވެއްސަކާއެވެ. ގޭތެރެއަށް ނަޒަރު ހިންގާލުމުން ފެނުނީ ބަލާލަން ހިތްގައިމު މަންޒަރެކެވެ. ޝާހީ ގޮތެއްހުރި ތަނަވަސް މާހައުލެކެވެ. އަހަރެމެން ލެފި ދުވަހު ބައްޕަ ފުރައިގެން ރަށަށް ދިޔައީ ބައްޕަގެ މަސައްކަތަށެވެ. ބައްޕައަކީ މަސްދޯންޏެއްގެ ކެޔޮޅެކެވެ.
މާލޭގެ މާހައުލު ވެގެންދިޔައީ އަހަރެން ހުވަފެނުގައި ދުށްފަދަ ހިތްގައިމު ބަގީޗާއަކަށްނޫނެވެ. އަހަންނަށް އިހުސާސްވީ އުސް އިމާރާތްތަކެއްގެ ތެރޭގައި ކޮށްޓެއްގައި ހައްޔަރުވެފައި އިނދެވުނީ ކަމުގައެވެ. ފުރަތަމަ ދުވަހުންފެށިގެންވެސް އަހަންނެކޭ އެގެއަށް މަސައްކަތް ކުރަން ގެންގޮސް ބައިންދާފައި އިން ނޯކަރެކޭ އެއްގޮތެވެ. ގޭގައި ގެންގުޅޭ ބިދޭސީ މީހާއެކޭ އަހަންނެކޭ އެމީހުން މުޚާތަބު ކުރުމުގައިވެސް ތަފާތެއްނެތެވެ. ނުވިތާކަށް ދުވަސްކޮޅަކުން ބިދޭސީ މީހާގެ ބޭނުން ކެނޑި އޭނާގެ ޤައުމަށް ފޮނުވާލީ އަހަންނަށް އެ ވަޒީފާ ހަވާލުކޮށްފައެވެ.
ބަދިގޭގައި ކައްކާއަކީ އަހަންނެވެ. ތަށިތައް ދޮވެ ގޭތެރެ ސާފުކުރުމަކީ އަހަރެންގެ މަސްޢޫލިއްޔަތެކެވެ. ގޭގައި ދިރިއުޅޭ ކުދިބޮޑު އެންމެންގެ އަންނައުނުތައް ދޮވެ އިސްތިރިކޮށްދިނުމަކީ އަހަރެންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެކެވެ. އޭގެތެރޭގައި އަޑިންލާން ގެންގުޅޭ އެއްޗެހިވެސް ހިމެނޭ ގޮތުގައެވެ. އަދި ނޭނގި ނަމަވެސް އެމީހުން ހިތްހަމަނުޖެހޭ ކަމެއް ކުރެވިއްޖެނަމަ އޭގެ އަދަބުލިބެނީ ހޫނު ހަމަލާއަކުން ނުވަތަ ހައިހޫނުކަމުންނެވެ. އެއީ އެމީހުންނަށް ލިބޭ އުފަލެކޭ ބައެއްފަހަރު ހީވާކަހަލައެވެ.
މަދަރުސާއަށްދާ ވަގުތުކޮޅު ފިޔަވާ ހުސްވަގުތެއް އަހަރެންގެ ދުވަހުގެ ތާވަލުގައި ނޯވެއެވެ. ރެއާއި ދުވާލު ހޭބޯނާރާ މަސައްކަތް ކުރުމަށްފަހުވެސް ކަމެއް ނެތި އިރުކޮޅަކު ހުންނަންޖެހުނަސް ކުދިވެރިންގެ ކައިރިއަށް އެކުދިން ބަލަހައްޓަން ފޮނުވާނެއެވެ. އެކުދިންވެސް އަހަންނާއި މުޚާތަބު ކުރަނީ އަމުރުވެރިކަމާއި ބޮޑާކަމާއި އެކުގައެވެ. ވަރުބަލިވެގެން ތަނެއްގައި ފޫކޮޅު ޖައްސާލައިފިނަމަ އެހާވަރަށް ހަޅޭއްލަވައެވެ. އޮޅުމަކުންވެސް ސޯފާގައި އިށީނދެއްޖެއްޔާ ހިތްފަޅައިގެންދާވަރު ކުރެއެވެ. އަހަރެންގެ ގޮނޑިއަކީ ތަޅުމުގައި ޖަހާފައިވާ މުށިތަކެވެ.
އަހަންނަށް ކޭވޭނީ ގޭ އެންމެން ކައި ނިމިގެން ދާއިރު ބާކީ ކާއެއްޗެއް ހުރިނަމައެވެ. ގޯސް ގޮތަކަށް ކަމެއް ކުރެވިއްޖެ ދުވަހެއްގައިނަމަ އެ ކާއެތިކޮޅުންވެސް މަޚްރޫމްވީއެވެ. އަހަރެންގެ މަސައްކަތްތައް ނިމި ފިލާވަޅުތައް ހަދާ ނިމުމުން ނިދަން އޮށޯވެވޭއިރު ހުންނާނީ މެންދަންވެފައެވެ. ބައެއްފަހަރު ހިތަށް އަރައެވެ. ބައްޕައަށް އަހަރެންގެ ހާލު އަންގައިގެން އެނބުރި ރަށަށް ދާންވީއެވެ.
ބައްޕަ ދޭތެރެއަކުން މާލެ އާދެއެވެ. މަދު ނުވާވަރަށް ހަދިޔާ ހިފައިގެންނެވެ. އެދުވަސްތަކުގައި އަހަރެންގެ ރަނގަޅުކަމުގެ ވާހަކަ ދައްތަމެންގެ އަނގައިން ދުވާލަކު އެތަށް ފަހަރަކު އިވެއެވެ. ބައްޕަގެ ލޮލުގައި އަނދުން އަޅުވާލަނީ އެފަދަ މާތް ހިތްހެޔޮ ބަޔަކު އަހަރެމެންގެ ދިރިއުޅުމަށް ދުވަހަކުވެސް ނާންނާނެއޭ ހީވާ މިންވަރަށެވެ. ނުވިތާކަށް އަހަރެން ބައްޕައާއިއެކު އެކަނިވިޔަ ނުދިނުމަށްޓަކައި އަބަދުވެސް ކޮންމެވެސް އެކަކު އަހަރެންގެ ކައިރީގައި ވިއްދާފައި ހުރެއެވެ.
ބައްޕަ އެނބުރިދަނީ ހިނިތުންވެގެންނެވެ. އަހަރެން ފެންވަރުގެ މަދަރުސާއަކުން ކިޔަވާތީ ހިތްހަމަޖެހިގެންނެވެ. އެއްކަލަ ބޮޑު ހަދިޔާފޮށި ކޮނޑަށް އަރުވައިގެން އާއިލާގެ ކުދިން އުފާވާފަދަ ހަދިޔާ ހިފައިގެންނެވެ.
ނަމަވެސް އެހުރިހާ ދަޅަތަކެއްގެ ފަހަތުގައިވާ ސިއްރުތައް އަހަންނަށް މިހާރު ވިސްނެއެވެ. އެ ފޮށިގަނޑުގައިވަނީ އެމީހުން ލައި ބާވެ ނޫނީ ކުދިވެގެން އުކާލަންވެފައި ހުންނަ އަންނައުނެވެ. ބައްޕަގެ ބޮލުތެރެއަށް ވަދެގެން އަހަރެން ގެނައީ ކޮންމެހެން ކިޔަވައިދޭކަށް ނޫނެވެ. އަހަރެން ކިޔަވާ ފޮތެއްގައި އަތްލާނެ ވަގުތެއް ނުދީ ހޭބޯނާރާ މަސައްކަތް ކުރުވާކަން ބައްޕަގެ ސިކުނޑިއަށް ވިސްނޭނެނަމައެވެ. އަހަރެން މިވާހަކަތައް ބައްޕައާ ޙިއްޞާކުރާނީ ކޮންދުލަކުން ހެއްޔެވެ؟ ބައްޕަ އަހަރެން އެމީހުންގެ ކައިރިއަށް ފޮނުވީ ހާދަ އުންމީދާއިއެކު ފޮނި ހުވަފެންތަކެއް ދެކެމުންނެވެ. އަހަރެން ކެތްކުރީމެވެ. ނަމަވެސް އިންސާނަކަށް ކެތްކުރެވޭނީވެސް ވަކިވަރަކަށެވެ.
އެއީ ވިއްސާރަ ރެއެކެވެ. ގޭ އެންމެންވީ ތިމާގެ ކުއްޖެއްގެ ކައިވެނީގެ ވަލީމާއަށް ރިސޯޓަކަށް ގޮހެވެ. އަންނާނީ ހެނދުނުކަން އެނގުމުން އަހަރެންގެ މަސައްކަތްތައް އަވަހަށް ނިންމާލުމަށްފަހު ބަދިގެ ނިއްވާލީ ފިނި ރެއެއްކަމުން އަވަހަށް ނިދަން ބޭނުންވީތީއެވެ. ބަދިގެ ހުރަސްކޮށް އަހަރެން ނިދާ ކޮޓަރިއަށް ދާން ހިނގައިގަތް ނަމަވެސް ފައިގާ ތަޅެއްލެވުނުހެން ހީވީ އަނދިރީގެ ތެރެއިން ހިޔަންޏެއް ފެނުނުމުންނެވެ. އިތުރު ހަރަކާތެއް ކުރުމުގެ ކުރިން މީހަކު އަހަރެންގެ ދެއަތް ފަހަތަށް ހިފެހެއްޓުމަށްފަހު ގަދަކަމުން ޖެހިގެންހުރި ކޮޓަރިއަށް ވައްދައިފިއެވެ. އަހަރެން ސަލާމަތްވާން ތެޅިފޮޅުނީމެވެ. ނަމަވެސް ކޮޓަރީގެ ތަންޑު އެޅުވުމަށްފަހު އަހަރެން ހޫރާލީ އެނދާދިމާއަށެވެ. ނިދާބޮކީގެ ފަނޑު އަލީގެ ތެރެއިން އެ ބިޔަ ހަށިގަނޑުގެ ވެރިޔަކީ ކާކުކަން އަހަރެން ދެނެގަތީމެވެ. އެއީ ދައްތަގެ ފިރިމީހާއެވެ. އަހަރެން ސަލާމަތަށް އެދި ގޮވީމެވެ. ދޫކޮށްލުމަށް އެދި އާދޭސްކުރީމެވެ. ބަދަލުގައި އެ އަނިޔާވެރިޔާ ދިނީ އިންޒާރެކެވެ. އަދި އަހަރެންގެ ހަޅޭކުގެ އަޑު އަހާނެ އެކަކުވެސް ނެތްކަން ހަނދާންކޮށްދިނެވެ. ބަނޑުހައިވެފައިވާ ސިންގާއެއްފަދައިން އަހަރެންގެ ގައިމައްޗަށް ޖެހިގަތުމަށްފަހު އަހަރެން އެ ޖައްބާރުގެ އަތުގެތެރޭ ހައްޔަރުކުރީ ނިކަމެތި ފިޔޮކެއް މުށުތެރެއަށްލާ އުސޫލުންނެވެ. ނަމަވެސް އަހަރެން ހެއްދެވި ފަރާތައް ވަކީލުކުރުމަށްފަހު އޭނާގެ އަތުގެ މުލައްދަނޑީގައި ބާރަށް ދަތްއެޅީމެވެ. ވީތަދުން އޭނާގެ އަނގައިން ހުތުރު ބަހެއް ނިކުތުމާއިއެކު އަހަރެންގެ ގައިން އަތްދޫކޮށްލިއެވެ. ދަނޑިވަޅު ބަލާފައި އަހަރެން ދޮރާއިދިމާއަށް ދުއްވައިގަތީމެވެ. އެ ޙީލަތްތެރިޔާ އައުމުގެ ކުރިން ދޮރުގެ ތަންޑު ނައްޓުވާ ފުރަތަމަވެސް ދުއްވައިގަނެވުނީ ގެއަށް ވަންނަ މައިދޮރާ ދިމާއަށެވެ.
ކުރިމަތިން ފެނުނީ އެވަގުތު ދުށުމަށް އެންމެ ބޭނުންވި ސޫރައެވެ. ބައްޕަގެ ކޮނޑުގައި ބޯއަޅައިގެން އޮވެ ގިސްލަމުން އަހަރެން ތަފްސީލުކޮށް އަހަރެންގެ ހާލަތު އޮޅުންފިލުވައިދިނީމެވެ. ބައްޕަގެ އަތް މުށްކެވިފައި ވަނިކޮށް އަހަރެން ދުށީމެވެ. ނަމަވެސް އެއީ ކެތްތެރިކަމުގެ ނަމޫނާއެކެވެ. އެ ބައްޕަ އަހަރެން ޙިމާޔަތްކޮށްދީ ފުލުސް އޮފީހަށް މައްސަލަ ރިޕޯޓުކުރިއެވެ. އެ އަނިޔާވެރިޔާ ފަޟީހަތްވީއެވެ. އެއަށްފަހު ދައްތަމެން ބައްޕަގެ އިތުބާރު ގެއްލުވާލީތީ ހިތާމަކުރާ ހާލު އެމީހުންނާއި ދެމެދު އޮތް ގާތް ގުޅުން ކަނޑާލައި އެނބުރި ރަށަށް ފުރީމެވެ.
ކިޔެވުމުގެ ބާކީބައި އަހަރެން ފުރިހަމަކުރީ އަމިއްލަ ވަޒަނުގައި އަހަރެންގެ ގާތް މީހުންގެ ކައިރީގައެވެ. ލޯބިވާ ބައްޕަގެ ޙިމާޔަތުގެ ދަށުގައެވެ. ލިބިފައިވާ ނިޢުމަތްތަކަށް ޝުކުރުވެރިވެ ޙަޔާތުގެ ދުވަސްތައް ވޭތުކުރީ އުފާ ފާގަތިކަމުގައެވެ. ނަމަވެސް އެދުވަސްތައް އަހަރެން ހަނދާނުން ފުހެވޭނީ ކިހިނެތް ހެއްޔެވެ؟
ނިމުނީ
13 Comments!
Comments are closed.




vvv reethi……. luv it
Vrh unique and sory is nice…
V reethi mi vaahaka
Thariq
Vv nice thank you cenhi
Vvvvvvvv reeethi nge psenhi keep up the gud wrk my buddy ??? btw im roxy nge baeh stry thkh roxy ge namuga cmmnt kurevifa hureema ??
vvv reethi..
thnxks 4 the stry..
plxx plxx plxx keep delivering such stries…
luv it..
maazee handhaan vejje…??
Psenhi ge stories keema my past hadhaan vani.i love ur stories and its hama real koh ves vaagoi.
Thnkx ol. 🙂
Nice but too small story
It would be more better if you have made this story as a serial story
Hehe. Dhew. Sry bt hv no tym to write more. Thnkx
Vara reethi