Skip to content
އެސްފިޔަ

އަރާފުއްޓަށް އަރާ ފުރޭތަ

އޭލެވެލްގެ ކިޔެވުން ނިމުނީ މަހެއްހާދުވަސް ކުރިންނެވެ. ސްކޫލްތަކުގެ ކިޔެވުން ކުރިއަށްދާ ދުވަސްކޮޅަކަށް ވެފައި ސްކޫލަށްދާން ނުޖެހި ހުންނަން ޖެހުމުން ފޫހިކަން އިންތިހާއެވެ. ރަށުގެ އާބާދީ ބޮޑުވެފައި ކުދިންގެ ކިޔެވުމުގެ ފެންވަރު ރަނގަޅު ވުމުން ވަޒީފާއެއް އޮންނަނީ ނުލިބިފައެވެ. ފޫހިފިލާ ވަގުތަކަށް އޮންނަނީ ހަވީރު ދަނޑަށް ބޯޅަކުޅެންދާ ވަގުތު އެކަންޏެވެ. ބޯޅަކުޅެ ނިމުމަށްފަހު އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ޒާނިޝް އާއި އެނުންވެސް އެކުވެރިން ބޯޅަދަނޑާއި ދިމާލު އަތިރިމަތީގައި ފިނިކޮށްލުމަށް މަޑުކޮށްލަމެވެ. އެއީވެސް އެކަހަލަ ދުވަހެކެވެ.

       އިބޫ އާއި އިއްބެ އަދި އަހަރެންނާއި ޒާނިޝް ތިބީ އޮއްސެމުންދިޔަ ރަތްކުލަގަދަ އިރަށް ބަލަހައްޓައިގެންނެވެ. އިރުއޮއްސެން ވާއިރަށް ގަހަށް އަރަން އުޅޭ ދޫނި ސޫފާސޫފީގެ އަޑުވަނީ ފަޒާގައި ގުގުމާފައެވެ. ގޮނޑުދޮށަށް ބީއްސަމުންދާ ރާޅުތައް އައިސް އަހަރެންގެ ފައިތިލައިގައި ބޮސްދީފައި ވެލިގަނޑުމަތިން ފިރުކިލާފައި އެނބުރި ދެއެވެ. އެހިއްގައިމު މަންޒަރުން އަހަރުމެންގެ ހިތްތަށް ފަޅުފިލުވަމުން ދިޔައީ ވާހަކަދެއްކުމުގެ ބޭނުމެއް ނެތިއެވެ.

         ހަމަހިމޭންކަން ފޫދުއްވާލީ އިބޫއެވެ. އިބޫ އާއި އިއްބެ އާއި ޒާނިޝް އަކީ އަހަރެންނާއި އެއްކޮށް އޭލެވެލް ނިމުނު ކުދިންނެވެ. އެހެންކަމުން ފޫހިކަން އަހަރެންނާއި އެއްވަރަށް އެމީހުން ވެސް ޙިއްސާކުރަމުން ދެއެވެ. އިބޫ މޮޅު ޚިޔާލެއްދިނެވެ. މާދަން ދަތުރު ދާށެވެ. އެއީ އަހަރުމެން އެންމެންނަށްވެސް ވަރަށް ކަމުދިޔަ ޚިޔާލެކެވެ. އެއާއި ގުޅުވާލައިގެން އިއްބެ ބުންޏެވެ. ދަތުރުދާނީ އޯވަރ ނައިޓަކަށް ކަމަށެވެ. އަހަރެންވެސް ހުރީ އެކަހަލަ “އެޑްވެންޗަރ” އަކަށް ވަރަށް ބޭނުންވެފައެވެ. އެހެން ކަމުން އިތުރު ޚިޔާލު ތަފާތުވުމެއް ނެތި ދަތުރު ދިއުމަށް ނިންމީމެވެ. ދެން އޮތީ ދަތުރު ދާނެ ރަށެކެވެ. އަހަރެމެން އެންމެންވެސް މިހާތަނަށް ދަތުރު ނުދާ ރަށަކަށް މުޅިއަތޮޅުގައި ވެސް އޮތީ އަރާ ފުއްޓެވެ. އަރާފުއްޓަކީ ފުރޭތަ އަރާ ރަށެއް ކަމަށް އުމުރުން ދުވަސްމީ މީހުން ކިޔައި އުޅޭތީ  އެއީ މީހުން މާބޮޑަށް ގޮސް އޫޅޭ ރަށެއް ނޫނެވެ. ނަމަވެސް ބޫނާތީ އަޑު އިވެއެވެ. އެއީ ވަރަށް ރީތި ރަށެކެވެ.

       އިއްބެއަކީ އަހަރުމެންގެ ތެރޭގައި ހުރި އެންމެ ބިރުކުޑަކަމަށް މަޝްހޫރު މީހާއެވެ. އެހެންކަމުން އެރަށަށް ދިއުން ވެސް ވީ އިއްބެގެ އައިޑިޔާ އަކަށެވެ. އަހަރުމެން އެކަކުވެސް އެކަމާއި ދެކޮޅެއް ނަހަދަމެވެ. އެއީ ޖިންނި ޝައިޠޯނުން ނަކީ އުޅޭ އެއްޗެއް ކަން ޤަބޫލު ކުރެވުނަސް ފުރޭތައަކީ އުޅޭއެއްޗެއް ކަމަށް އަހަރެންމެންނަށް ޤަބޫލު ނުކުރެވޭ ތީއެވެ.

     ގެޔަށް ދިޔައީ ދަތުރު ދިއުމަށް ނިންމައި، ބޭނުންވާ ސާމާނު ގަންނަން ޝޮޕިންގް ކޮށްލަން އެރޭ ފެންވަރާލައިގެން އެންމެން ވެސް ދިމާވުމަށް ނިންމައިގެނެވެ. ނަމަވެސް ދަތުރުދާން އުޅޭ ރަށް އެކަކުވެސް ގޭމީހުންކައިރީ ނުބުނުމަށް ނިންމީމެވެ. އެއީ އަރާފުއްޓައް ދަތުރުދާން ގޭމީހުން އެއްބަސް ނުވާނެތީއެވެ.

      ރޭވިފައިވާގޮތައް ރަނގަޅަށް ޝޮޕިންގް ކޮށްލައިގެން އަހަރުމެން ދަތުރުދިއުމަށް ތައްޔާރުވެގެން ބައްދަލުވީ ހެނދުނު 6 ޖެހިއިރުއެވެ. ދަތުރު ދާން އިއްބެ މެންގޭ ޑިންގި ރޭގައި އޮތީ ހޯދާފައެވެ. މާ ގިނައިރެއްވުވެ ދަތުރު ދާން ނައްޓާލެވިއްޖެއެވެ. އަރާފުއްޓަށް ދެވުނީ ނައްޓާލިތާ ބައިގަޑިއެއްހާއިރު ފަހުންނެވެ. އެއީވެސް ޑިންގީގައި ކަމުންނެވެ. އާދައިގެ ދޯންޏެއް ނަމަ ދޮޅު ގަޑިއިރު ނެގީހެވެ. ރަށަށް އަހަރުމެން ގާތް ކުރި ދިމާލުގައި ފަނުން ހަދާފައި ހުރި ޖިފުޓިގަނޑެއް ހުއްޓެވެ. ދުވަސް ވެފައި ވުމާއެކު ވަރަށް ބާ ވައްތަރު ޖަހައެވެ. ނަމަވެސް ވާރޭ ވެހުނަސް ހިޔާވެވޭނޭކަން ޔަގީނެވެ. އެހެންކަމުން ގެނައި އެއްޗިހި އެ ޖިފުޓިކޮޅު ތެރެއަށް ވެއްދީމެވެ. އަރާފުއްޓަށް އާދެވުމާއި އެކު ޑިންގީ އަޅާފައި އަހަރުމެން އެންމެންވެސް ފުރަތަމަ އުޅުނީ ސައިބޯށެވެ. އަންހެނުންގެ މުހިންމުކަން އިޙްސާސް ވީ އެވަގުތުއެވެ. ހާލެއްގައި އުޅެގެން އުނދުން ރޯކޮށްގެން ސައި ތައްޔާރުކޮށް ސައިބޮއެފީމެވެ. ސައިބޮއެ ނިމުމުން އެންމެންވެސް އަވަސްވެގަތީ ރަށް ބަލައިލާށެވެ.

       ރަށަކީ އާދައިގެ ވަރަކަށް ކުޑަ ރަށެކެވެ. ވިއްސަކަށް މިނެޓް ތެރޭގައި ރަށް ވަށާ ބުރެއް ޖަހާލެވުނެވެ. އެއީވެސް އެކި ދިމަދިމާލުން ހޭޅިއަށް ވަންނަމުން މަޖާ ކުރަމުންނެވެ. ހިމުން ދޮން ފަސްގަނޑެކެވެ. ފެހިކުލަގަދަ ގަސްތަކެކެވެ. ބަލައިލާ ކޮންމެ ދިމާލަކުން ތާޒާކަމާއި އާރޯކަމެވެ. އެރަށުގައި އެނބޫގަސްތައް ވަރަށް ގިނައެވެ. އަދި ދުވަސްކޮޅަކީ އެނބޫތައް ދޮންވެ ފަރިވެފައިވާ ދުވަސް ކޮޅެއްކަމުން އަހަރުމެންނަށް ހީވީ ޢީދު ލައިގަތް ހެނެވެ. އެތެރެއަށް ވަދެވެން އެންމެ ރީތިކޮށް އޮތް މަގުން އެތެރެއަށް ވަދެ އެނބޫ ގަސް ތަކާ ހަމަލަދޭން ފެށީމެވެ. އެތެރެއަށް ވަނުމުން ފެނުނީ އެއަށްވުރެވެސް ކުޅުދިޔާވާ ކަހަލަގެ މަންޒަރެކެވެ. ބޮޑު މިދިލި ގަހެކެވެ. ދޮންވެ ފައްކާވެފައި ވާ ދޮންމަދުތައް ގަހުގެ ފަތަށްވުރެ ގިނައެވެ. އަހަރެންނާއި ޒާނިޝް ދިމާކުރީ މިދިލި ގަހާއެވެ. އިއްބެއާއި އިބޫ، އެނބޫ ގަސްތައް ތަޅަން އުޅުނެވެ.

      ފޯރީގައި ތިބެވުނުވަރުން މެންދުރު ވީއިރުވެސް ނޭނގުނެވެ. ގަހުންފައިބައިގެން ދާން ހިތަށް އެރިއިރު ބަނޑުފުރިގެން ހިންދެމިލާކަށް ނުކެރެއެވެ. މެންދުރު ކާކަށް ނުޖެހުނެވެ. ނަމަވެސް އިރުއިރުކޮޅާ ކޮންމެވެސް އެއްޗެއް ބޯލަމެވެ. ދެންއެރުނީ މޫދަށެވެ. އެންމެން ބޮކްސާ ހަދާލައިގެން މޫދަށް އެރި މަޖާ ނަގަން ފެށީމެވެ. ޒާނިޝް އާއި އިބޫ ރޯލު ހިފައިގެން މަސްބާނަން ދިޔައެވެ. އެރަށުގެ މޫދު ވަރަށް ހިތްގައިމެވެ. ކިރިޔަ ކިރިޔާ އިސްކޮޅު ޖެހޭވަރަށް ލޮލުގެ ކޮޅަށް ފެންނަ ހިސާބާ ޖެހެންދެން އޮތެވެ. ގާނެތް ސާފު ހިމުން ދޮން ވެލި މޫދެކެވެ.

         ހިތްފަސޭހަ އުފާވެރި މަޖާ ވަގުތު ތަކަކަށް ފަހު  އެއްގަމަށް އަރަން ހިތުލީވެސް އިރުއޮއްސެން ކައިރިވެފައި ވަނިކޮށެވެ. އޭރު އަނެއްކައިވެސް ބަނޑުހައިވާން ވަނީ ފަށާފައެވެ. ރޭގަނޑަށް ފިހެލާނެ ހިޔަވަރުގެ 2 ކިރުޅިޔަ މަހާއި 2 ފިލޮޅު ބޭނުނެވެ. ސައިތައްޔާރުކުރަން އުނދުން ރޯކުރަން ބެލިއިރު ލައިޓަރެއް ފެންނާކަށް ނެތެވެ. ކުއްލިއަކަށް އިއްބެ އަށް ހަނދާންވެގެން ދިޔައިރު އިއްބެ ބޭލި ސޯޓު އޮތީ ގޮނޑުދޮށުގައެވެ. ދިޔަ ބޮޑުވެގެން އޮތީ އެސޯޓު ތެންމާ ލައިފައެވެ. ސޯޓުގެ ޖީބުން އިއްބެގެ ލައިޓަރު ނެގިއިރު އެއަކު ބޭނުމެއް ނެތެވެ. ދެން އެޖެހުނީ ކަންތަކާއެވެ. ހަދާނެގޮތް ހުސްވެއްޖެއެވެ. އިރު އެހެރަގެން އޮއްސެނީއެވެ. ނަމަވެސް އަލިފާން ކޮޅަކާއި ނުލައި ރޭގަނޑު ހަތަރުދަން ހޭދަކޮށްލުމަކީ އުނދަގޫކަމަކަށް ވާނެއެވެ. އަލިކަމެއް ނެތި، ކާ އެއްޗެއް ރޯފިލުވައި ނުލައި ދަތުރު ދަތުރަކަށް ވާނެ ހެއްޔެވެ. އެހެންކަމުން ދެން އޮތީ އެންމެ ގޮތެކެވެ. ލައިޓަރެއް ބަލާ ރަށަށް ދިއުމެވެ. އެއީ ފުރޭތަ އަރާ ރަށެއް ކަމަށް މީހުން ބުނާތީ ރަށުގައި މަޑުކުރަން ނިންމީ ބިރުކުޑަ އިއްބެއާއި އަހަރެންނެވެ. ޒާނިޝް އާއި އިބޫ ދިޔައީ ޑިންގީގައި ރަށަށް ލައިޓަރެއް ބަލައެވެ.

      ޑިންގީ ނައްޓާލައިގެން ލޮލުކޮޅުން ގެއްލެންދެން އަހަރުމެން ބަލަންތިބީމެވެ. ދިމާވި ގޮތުން މުޅިން މޫޑް އޮފް ވެފައެވެ. އަތިރީގައި ފޫހަރާލައިގެން ބަލަން ތިއްބާ އުދަރެހުގައި އެކިކުލަކުލައަށް ބަދަލުވަމުން ދިޔަ ރަތު ރަނުގެ ވިލާތައް ބޯވެ އަޅިކުލައަށް ބަދަލުވާން ފަށައިފިއެވެ. އާދައިގެ ވަރަކަށް ޖެހެމުން ދިޔަ ވައިރޯޅި ބާރުވެ އޭގައި ތެއް ފިނިކަމެއް އެކުލެވެން ފެށިއެވެ. ދާދި ދެންމެޔަކާއި ހަމައަށް ކިޔަމަންތެރިކަމާއި އެކު އޮތް ނޫކަނޑުގެ ރާޅުތައްވެސް ރުޅިގަދަވެ، ހުދުފޮނު އަރުވަމުން ފުމެންފަށައިފިއެވެ. ބަލަބަލާ ތިއްބައި އެއްކޮށް މޫސުން ބަދަލުވެ ރަށުތެރެ އަނދިރިކޮށްލީ ތޫފާނީ ގަދަ ވިއްސާރައިގެ އިންޒާރު ދެމުންނެވެ.

      އިސާހިތަކު މުޅިރަށް އެކީ އަލިކޮށްލި ވިދުވަރާއެކު ޖެހި ހޮނު ގުގުރިން ކަންފަތް ބީރުކޮށްލި ކަހަލައެވެ. އެއާއިއެކު ވާރޭގެ ބޮޑެތި ތިކިތައް ވަރުލާފައި އައިސް ބުރަކަށީގައި ޖެހިގަތީ ދިލަ ނަގާވަރަށެވެ. އެއާއި އެކު އަހަރުމެން ދުވެފައި ގޮސް ޖިފުޓިގަނޑަށް ވަނީމެވެ. ހީވަނީ އެފަދަ ތޫފާނީ ވިއްސާރައަކުން ސަލާމަތް ވުމަށް ބަޔަކު ހަދާފައިވާ ޖިފުޓިކޮޅެއްހެނެވެ. އެއީ އަހަރުމެންގެވެސް ނަސީބޭ ހިތަށް އެރިއެވެ. ގިނައިރުވާ ވަރަކަށް ވިއްސާރައިގެ އަސަރު ގަދަވެ ވާރޭ ބޯކުރަމުން ދިޔައެވެ. މުޅިރަށުގައި ވަނީ ނާމާންކަމުގެ ސާލު އޮޅައިލެވިފައެވެ. ޒާނިޝް މެންނަށް ނާދެވިގެން އެއުޅެނީ ކަނޑުކަދަކަމުން ކަން ޔަގީނެވެ. މިރޭ ހަތަރުދަން ހޭދަކޮށްލަން ޖެހޭނީ އެ ކަނު އަނދިރީގައިކަން އެނގުމާއި އެކީ އަހަރުމެންގެ ހިތަށް ބިރުވެރިކަން ވަންނަން ފެށިއެވެ. ޖެހޭ ބާރުގަދަ ވައިރޯޅި ރޯޅިއާއި އެއްކޮށް ގަސްތައް ހެލިލާ އިރު ހީވަނީ ދިރޭ އެއްޗެހި ތަކެއްހެނެވެ. ބައެއްފަހަރު އެއީ ހަމަ ގަސްތަކެއްބާއޭވެސް ހިތަށް އެރައެވެ. އެގަސްތައް ތެޅޭ އަޑުވެސް ވަނީ ބިރުވެރިއަޑަކަށް ވެފައެވެ. އަހަރުމެންގެ ހިތަށް އައިހާ ހެޔޮއެއްޗެއް ކިޔަމުން ދިޔައީމެވެ.

       ނާމާން، ފަޅު ރަށެއްގައި، ޠޫފާނީ ވިއްސާރާގައި، އަލީގެ ކަންފުޅެއް ނެތި ތިބެން ޖެހުމުން އިއްބެގެ ބިރުކުޑަކަން ފިލާދިޔައީ އިސާހިތަކުއެވެ. ކުޑަކުއްޖެއްހެން ޖިފުޓިކޮޅުގެ ކަނަކަށް ވަދެ ފޫހަރާލައިގެން އިނީ ބިރުން ވިރި ވިރިއެވެ. ގުގުރައިގަންނަ ކޮންމެފަހަރަކު  ސިއްސަ ސިއްސައިގެން ދެއެވެ. އިރުއިރުކޮޅާ އަހަރެންނަށް ގޮވައެވެ. އެންމެ ފަހުން އަހަރެންނަށް ޖެހުނީ އިއްބެ މަސަލަސް ކުރަން ކައިރީގައި އިށީންނާށެވެ.

     ދަންވި ދަންވިހެން ބަޑުހައިކަންވެސް ވީއިތުރެވެ. ނަސީބު ރަނގަޅު ކަމުން މިޔަދު ބިނދެގެން ރަށަށް ގެންދަން ގެނައި ދޮންމަދުތައް ހުއްޓެވެ. އެއީ ރޭގަނޑުގެ ކެއުމަށް ވެއްޖެއެވެ. އެއަށްފަހު އެ ޖިފުޓިކޮޅުގެ ދޮރު ލައްޕައިގެން އަހަރުމެންބެލީ ނިދާލެވޭތޯއެވެ. އިތުރު ބިރުވެރިކަމަކާއި ނުލައި އަވަހަށް އިރު އަރާތޯއެވެ. ވެފައިވީ ވަރުބައްޔާއެކު އަހަރެންނަށް ނިދުނީ ކިހިނެއްވަމެއްވެސް ނޭނގެއެވެ.

       ކުއްލިއަކަށް އަހަރެންނަށް ސިހިފައި ހޭލެވުނީ އިއްބެ ގޮވި އަޑަށެވެ. އިއްބެ ހުރީ ބިރުން ވާނެ ގޮތެއް ވެނިމިފައެވެ. މީހާ ހުންއައިސް ރަތްވެފައެވެ. އޭރު ވިއްސާރައިގެ އަސަރު ފިލައި ވަނީ ކުޑަކޮށް ހަނދުވަރުގެ އަލި ދީފައެވެ. އެއަލީގެ ސަބަބުން އެ ޖިފުޓިކޮޅުގެ ތެރެއަށް ކުޑަކޮށް ވަނީ އަލިއެޅިފައެވެ. އިއްބެއަށް ވާހަކައެއް ނުދެއްކިގެން އުޅެނިކޮށް އިވުނީ ޖިފުޓި ގަނޑުގެ ބިތުގައި އެއްޖެއް ޖެހިގަތް އަޑެވެ. އެއަޑާއި އެކު އިއްބެއަށް ރޮވުނެވެ. އަހަރެންގެ ހިތްވެސް ނެގިނެގިފައި ޖެހެންފެށިއެވެ. ޔަގީނެވެ. އެވާނީ ފުރޭތަ އެރީ ކަމަށެވެ.

     އިރުކޮޅެއް ނުވެ އަނެއްކައިވެސް ޖިފުޓިގަނޑުގެ ބިތުގައި އެއްޗެއް ޖެހިގަތެވެ. ހީވީ ޖިފުޓިގަނޑު ވައްޓާލަފާނެހެނެވެ. އަހަރެންނަށް ފުންމައިގެން ތެދުވެވުނެވެ. އަދި އެބިތާއި ކައިރި ވެލެވުނެވެ. އެވަގުތު ވިސްނުނެވެ. ޔަގީނެވެ. އެވާނީ ޒާނިޝް މެންނަށް އާދެވިގެން އެމީހުން އަހަރުމެން ބިރުގަންނަވަން ކުރާކަމެކެވެ. ވަގުތުން އަހަރެން ހިތްވަރުކޮށްލާފައި ގޮވާލީމެވެ.

 ”އޭ ބަލާއެއްނު. . ޒާނިޝް ކޭމެން ކޮންމެހެން އަހަރުމެން ބިރު ގަންނަވަން އުޅޭނެ ކަމެއް ނެތް އިނގޭ… ވަންނަންޏާ އެހެރީ ދޮރު..” އަހަރެންގެ ބަހަކަށް ރައްދެއް ނައެވެ. އެއްވެސް އަޑެއް ނީވުނެވެ. ކަކުންޏެއް ހިރިލާ އަޑެއްވެސް ވެހެވެ. އިއްބެއަށް ވެސް ނުހުރެވިގެން ޒާނިޝް މެންނަށް އެ ސަކަރާތް ހުއްޓާލުމަށް އެންގިއެވެ. އަނެއްކާވެސް އިރުކޮޅަކުން ބިތުގައި އެއްޗެއް ޖެހިގަތެވެ. މިފަހަރު ކުރިއަށްވުރެ ބާރަށެވެ. އަހަރެންނަށް ސިހިފައި ފަހަތަށް ޖެހިގަނެވުނެވެ. ކުރެވުނު މޮޔަކަމާއި މެދު ޚިޔާލު ކޮށްލެވުނީ ދެނެވެ. މިހާރު އެފުރޭތައަށް އަހަރުމެން އެނތެރޭގައި ތިބިކަން ޔަގީން ވީއެވެ. ހަދާނެ ގޮތް ހުސް ވެއްޖެއެވެ.

      ފަހަރަކަށް ވުރެ ފަހަރެއް ބިތްގަނޑުގައި ޖެހިގަންނަ ވަރު ބާރު ވަމުން ދިޔައެވެ. އިސާ ހިތަކު އެ ޖިފުޓި ކޮޅު އަހަރުމެންގެ ބޯމައްޗަށް ވައްޓާލަފާނެ ހެން ހީވިއެވެ. ބިރުން ވިރިވިރި އަހަރުމެން ތިބީ ދުލަށް އައިހާ ހެޔޮއެއްޗެއް ކިޔަކިޔައެވެ. އެހެން ތިއްބާ ބިތުގައި ޖެހިގަތް ގަތީނުން ބިއް ފޫއަޅުވާފައި އެއްޗެއް ވައްދާލައިފިއެވެ. ފަނޑު އަލީގެ ތެރެއިން އެއީ ކޯއްޗެއް ކަން ސާފެއް ނުވިއެވެ. ގަތް ބިރުން އިއްބެއަށް ހަޅޭއްލަވައިގަނެވުނެވެ. ދޮރު ހުޅުވާފައި ދުއްވައި ގަންނަން އުޅެފައި ވެސް ދުވެފައި ނިކުމެއްޖެނަމަ ދެންކަންތައް ވާގެ ގޮތް ހިތަށް އަރާފައި ހަދާ ނެގޮތެއް ނެތިފައި ތިބީއެވެ.

      އަނެއްކާވެސް ބިތުގައި ޖެހިގަނެއްޖެއެވެ. އެއާއިއެކު އެ އެއްޗެއް ބިއްފޫއަޅުވާފައި ވަނެވެ. އެއީ ފުރޭތައިގެ އަތް ނޫންބާވައެވެ. ކުއްލިއަކަށް އަހަރެންނަށް ހަނދާން ވީ ދަތުރުއައި އިރު ގެނައި ކަތިވަޅިމަތިންނެވެ. އިރުކޮޅަކު އަތްފުނާ އަޅަންވާއިރަށް އެ ކަތިވަޅި އަތުގައި ޖެހުނެވެ. އެއާއި އެއްކޮށް އަހަރެންނަށް ހީވީ ބުނަންވެސް ނޭނގޭހާ ބޮޑު ހިތްވަރަކާއި ޖޯޝެއް އައިހެނެވެ. ވަގުތުން އެކަތިވަޅި ހިފައިގެން  ބިތާއި ކައިރިވެލީމެވެ.

  “ތީ ކޮންމެ ޅާ ޔަކަސް މަށައްހެޔޮ އަހަރުމެންނާ ބަލާބޮޑު ނުކޮށް މިހާރު ރައްކާވޭ. . !!” އަހަރެން ހަޅޭއްލަވައިގަތީމެވެ. އަހަރެން ހުރީ ރުޅިއައިސް ރަތްވެފައެވެ. އެއާއިއެއްކޮށް ވެލިގނޑުމަތިން އެއްޗެއް ލޫދޭ ކަހަލަ އަޑެއް އިވެމުން ބިތާއި ދުރަށް ދާހެން ހީވިއެވެ. ހިންހަމަ ޖެހުމުގެ ނޭވާއެއް ލެވުނެވެ. ނަމަވެސް އެވީ ހިނދުކޮޅެއްގެ ކަމަކަށެވެ. އެއަށްވުރެބާރަށް އައިސް ބިތުގައި ލައިގަތް ގަތީނުން ކުރިއަށްވުރެވެސް ބޮޑަށް ބިތް ފަޅައި ލައިފިއެވެ. އެވަގުތު އަހަރެންގެ ގަޔަށް ލެވުނުހާ ބާރެއްލާފައި ކަތިވަޅިން އަޅާ އެއެއްޗެއްގައި ވިހެލީމެވެ. އެއާއިއެކު ޖިފުޓިގަނޑު ތެރެއަށް ހުރިބައި މާދުރަށް ވިއްސައިގެން ގޮސް އަހަރެންގެ މޫނަށްވެސް ދިޔާއެއްޗެއް ބަރައިގެން ދިޔައެވެ. އެއާއިއެކު ބިންމަތީގައި އެއްޗެއް ފެތުރެން ފެށިއަޑު އިވުނެވެ. އަހަރެން މޫނަށް ބުރައިގެން ދިޔަ އެތީގައި އަތްޖައްސާލުމަށް ފަހު ވަސް ބަލައިލީމެވެ. އެވަގުތު އަހަރެންގެ ހިތުގެ ތެޅުން ދެގުނައަށް އަވަސް ވިއެވެ. ކަމަކު ދާކަށް ނެތެވެ. އެއީ ލެޔެވެ. އެހެންވީރު ހަމަ ރަނގަޅަށްވެސް އެއީ ފުރޭތައެވެ. ދެން އަހަރުމެންނަކަށް ސަލާމަތެއް ނެތެވެ. އެސޮރަށް އަނިޔާ ކުރެވިއްޖެއެވެ. މިރޭ އަހަރެމެންގެ ދުވަސް މިދިޔައީއެވެ. ނަމަވެސް އަހަރެންގެ ހިތްވަރެއް އެލުވައެއް ނުލަމެވެ. މަރުވަންދެން އެސޮރާއި ހަނގުރާމަ ކުރަން ޖެހުނަސް ފަހަތަކަށް ނުޖެހޭނަމޭ ހިތާ ހިތާ ކިޔާލެވުނެވެ.

         ނަމަވެސް ކަންތައްވީ ހީކުރި ގޮތާއި މުޅިން ޚިލާފަށެވެ. އަހަރެންގެ ހަމަލާއިން އެއެއްޗެއް ބުރިކޮށް ވައްޓާލިފަހުން އިރުކޮޅެއް ވަންދެން ބިންމަތީގައި އެއްޗެއް އެނބުރުނު އަޑު އިވުނެވެ. އެއަށްފަހު އެއްވެސް އެއްޗެއްގެ ހިލަމެއް ނުވިއެވެ. އަހަރެންވެސް ކޮޅަށް ހުރެ ވަރުބަލި ވުމުން ކަތިވަޅި ބަހައްޓާފައި ގޮސް އިށީނީ އެވެ.

      ހެނދުނު އަހަރެންނަށް ހޭލެވުނީ ބިތުގައި ހުރި ބާގަނޑުން މޫނަށް އަލިއެޅެން ފެށުމުންނެވެ. ފުރަތަމަވެސް ބެލީ ރޭގައި އަހަރުމެންނާއި ދިމާކުރި ފުރޭތައިގެ ހަބަރެއް ވޭތޯއެވެ. އިއްބެއާއި ދެމީހުންނަށް ބޭރަށް ނިކުމެވުނީ އެއްފަހަރާ ކަހަލަ ގޮތެކަށެވެ. އެވަގުތު ފެނުނު މަންޒަރުން އަހަރުމެންގެ އަނގަ ހުޅުވިގެން ދިޔައެވެ.

       “ސުބުހާނައްﷲ.. އެއީ ފުރޭތައެއް ނޫން. . ” ދެމީހުންނަށް ބުނެވުނީ އެއްފަހަރާ ކަހަލަ ގޮތަކަށެވެ. އާނއެކެވެ. ގޭބިތުގެ ކައިރީގައި މަރުވެފައި އެއޮތީ ބޮޑު ވެލައެކެވެ. އެސޮރުގެ ބޮލެއް ނެތެވެ. އެނބުރި ޖިފުޓިގަނޑުތެރެ ބަލައިލިއިރު އެސޮރުގެ ބޯ އެއޮތީ އެނތެރޭގައެވެ. ވީގޮތް އެނގުނީ ދެން ތާއެވެ. އެސޮރު ބިސްއަޅަން އަރާ މަގު އޮޅިގެން އައިސް ލައިގަތީ  ޖިފުޓިގަނޑުގެ ބިތުގައެވެ. ކުރިއަށް ދެވޭނެ ގޮތެއް ނެތިގެން އައިސް ބިތުގައި ލައި ގަންނަނީއެވެ. އެންމެފަހުން އަހަރެންނަށް ބުރިކޮށްލެވުނީ އެސޮރުގެ ބޯތާއެވެ. ދެމީހުންގެ ވެސް ހިނިގަނޑު ފަޅައިގެން ދިޔައީ އެއްފަހަރާ ކަހަލަ ގޮތަކަށެވެ.

      މާ ގިނައިރެއް ނުވެ ޑިންގީގައި ޒާނިށް އާއި އިބޫ ރަށަށް ލަފައިފިއެވެ. އެމީހުން ކަންތައް ކުރިގޮތުން ވަރަށް ނުރުހުންވެ އެއްޗިހި ކީމެވެ. އެއީ އެމީހުންގެ ވެސް ކުށެއް ނޫނެވެ. މޫސުން ގޯސް ވީމައި ނާދެވުނީއެވެ. ކުއްލިއަކަށް ޒާނިޝްގެ ލޮލުގައި އަޅައިގަތީ ޖިފުޓިގަނޑުގެ ބިތުކައިރީ އޮތް ވެލައެވެ. “އެއީ ކޯއްޗެއް. . ؟” ޒާނިޝް އެއާއި ކައިރިވެލަމުން އަހައިލިއެވެ. އެވަގުތު އިބޫވެސް ބަލައިލިއެވެ. “ތީ އަރާފުއްޓަށް އަރާ ފުރޭތަ. . ” އިއްބެއާއި އަހަރެން ނަށް އެއްފަހަރާ ބުނެލެވުނެވެ.

      ދެރައީ މަރާލެވުނީ ހަމައެކަނި ވެލައެއް ނޫންކަން އަހަރުމެންނަށް ނުވިސްނުނު ކަމެވެ. އެވަގުތު އަރަމުން އައި އިރުގެ އަލި ބިންމަތީގައި އޮތް ވެލާގެ ގަޔަށް އެޅުނެވެ. ހަމައެއާއިއެކު އޭތި ކުނޑިތަކަކަށް ވެގެން ވައިގެ ތެރެއަށް ބުރައިގެން ދިޔައީ ޖާދުވީ އަޑަކާއި އެކުއެވެ . އަހަރުމެންނަށް ސިހިފައި އެކަކު އަނެކަކަށް ބަލައިލެވުނެވެ. ނާމާންކަމާއި ބިރުވެރިކަމުގެ ސިގްނަލް ހިތަށް ލިބިގެން ދިޔައެވެ.

     ހަމައެވަގުތު ހުވަދު އަތޮޅު ގެމަނަފުށީގެ އަތިރިމައްޗަށް ނިކުމެ ހުރި މުސްކުޅި ރެކިބެގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ދުވަސް ވެފައިވާ އެ މޫނުމަތިން ފެންނަމުންދަނީ ހާސްކަމާއި ކަންބޮޑުވުމެވެ.

– ނިމުނީ –

Comments (24)

  1. GuDuMeena

    މިވާހަކަ އަކީ ކިޔުންތެރިންނަށް ކަމުދާނެ ވާހަކައަކަށް ވާނެކަމަށް އުންމީދުކުރަން. . ކިޔުންތެރިންގެ ބިނާކުރަނިވި ފާޑުކިޔުމަށް އަބަދުވެސް މަރުޙަބާ ކިޔާނަމެވެ.

  2. shai

    Is this a true story

  3. GuDuMeena

    True story ehge mahchah binaa koh liyefai ioi vaahaka eh mi. . 🙂

  4. hhv

    story enme part akun ninmaaly tha? dhigu story eh genes dheyn feney. intresting

  5. GuDuMeena

    thi suvaalu kuraane iregge inthizaaruga mi indheveny. . 🙂 mi vaahakaige 2vana baeh maa dhigu noon musthagubaleh gai genesdheyn eba visnan. .

  6. me

    rekibe mee sihuru hadhaa meehehtha

    1. GuDuMeena
      me

      Its all a mystry. . 🙂

  7. hhv

    thats a gud idea. story ge end kamaku nudhey. story dhigu koh genes dheveyne kanneynge try kureeya. then kuriyah vaagotheh ves ingey gothAH. eyrun varah furihama vees

  8. މަރީ

    ވަރަށް ރީތި ދެވަނަބަޔަށް އިންތިޒާރުކުރަން

  9. poh

    aslu velayeh noontha e ee? dhen rekıbe keeve kanbodu ve haas v? rekıbe e ee kaaku? mee javaab beynun vaa suvaalu tha plz javaab dheythı

  10. GuDuMeena

    Thi hurihaa kudhinge Suwaalu thakah Next Week ga Konme vx varakah Javaabu Hoadhai dheyn Eba visnan. . 😀 This is “Moalhi Nuvanis Emaa WEEK” hope u all like it too. . Thi Kudhin Thihen thibiyya GuDu ge Vaahaka thah kiyaalan libeyne dheythere dheythere in. .
    Thank u Guys. .

  11. kiddy

    dhn reethi knmes varakah…… 🙂

  12. masoo

    (:

  13. mystyrious grl

    haadha veyy araafuhtah dhathuru dhaahih

  14. ޔާސީިިީިިރު ޢަބްދުއްރަހމް

    ވަރައް ސަޅި ވާހަކައެއް

  15. Anonymous

    kobaatha dheevaanaa loabin hih vejjeyge 21 vana bai???? kehkoh koh kehtherikan kolhun laifiyeeeyyyyyyy

  16. fan

    kobaatha dheevaanaa loabin hih vejjeyge 21 vana bai???? kehkoh koh kehtherikan kolhun laifiyeeeyyyyyyy

  17. salhi

    dhevana bayakah inthizaaru kurevey varu vaahaka eh mee.. Salhi

  18. dane

    alhe dheevaanaa loabin vejje evaahaka up kohdhyba plxxx plxx

  19. nobody

    v v v v intresting.

  20. aika

    Koba aneh bai??

  21. Pabbs

    Kada nimmunn

  22. Angel

    Vvv rythi stry eh

  23. ul

    2 years vee iruves dhevana bayeh naadhey 😀

Comments are closed.