ގެނބުނީ އޭ އެ އޮއިވަރުގާ…
އިރު އުދަރެހާ ތޮޅެމުން ދިޔައިރު ރަތްވިލާތަށްވެސް ދިޔައީ ބައިވެރިވަމުންނެވެ. ހިތްފަސޭހަ ވައިރޯޅިތަކާއިއެކު ރުކުގެ ފަންތަށް ހެލޭތީ ރީތި ރާގެއް ކުޅޭހެން ހީވެއެވެ. ހިތްތަކަށް ހިތްހަމަޖެހުން ގެނުވައިހައި އެ މާހައުލު ހިތްގައިމެވެ. ނަމަވެސް އޭނާގެ ހިތަށް ހިތްހަމަޖެހުން ނުލިބެނީ ކީއްވެގެން ކަމެށް ނޭންގެއެވެ. ޝާހިލް އިނީ ކަރުނުން ދެލޯ ފުރިފައެވެ. އަމިއްލަ ނަފްސުދެކެ ފޫހިވެފައެވެ. އެހެންމީހުންނަށް ބޮޑު އުނދަގުލަކަށް ވެފައިވާކަން އޭނާއަށް ގަބޫލުކުރެވެއެވެ. މިއީ އޭނާގެ ވިސްނުން ހުންނަ ގޮތެއްނޫނެވެ. ހަޔާތުގެ ހަންހާރައާއި އުފަލުން ފުރިފައިވާ ދުވަސްތަށް ވޭތުކުރުމުގެ ނަސީބު ޝާހިލްއަށް ނުލިބުމުން އެކަމުގެ ހިތާމަ އިންތިހާއަށް ކުރެއެވެ. އޭނާގެ މަޖާ އުފާވެރި ދިރިއުޅުމުގެ ދަތުރު، ދުވަހަކުވެސް ނިމުމެއް ނާންނަކަހަލަ ތޫފާނަކާއި ކުރިމަތިލީ އިހުމާލު ވެވުމުންނެވެ. އެއީ މީގެ އެއްއަހަރު ކުރިއެވެ.
ޖީ.ސީ.އީ އޯލެވެލް ނިންމާލުމަށްފަހު ގިނަކުދިންތަކެއް މަތީ ތައުލީމް ހާސިލްކުރުމަށްޓަކައި އެކިއެކި ކިޔަވައިދޭ މަރުކަޒުތަކަށް ދާންފެށި އިރުވެސް ޝާހިލް އިނީ ގޭގައެވެ. އޭނާގެ ސިކުނޑި ވަނީ ކިޔެވުމުގެ ހިޔާލުން ކައްސައިލައިގެން ގޮސް ސޯޝަލް މީޑިއާގައެވެ. އޭނާގެ ދިރިއުޅުމަކީ ފޭސްބުކާއި ޓްވިޓާރ ފަދަ ތަންތަނުން ޗެޓް ކުރުމާއި ގޭމްކުޅުމުގައި ވަގުތުތައް ގެއްލުވާލުމެވެ. ދުނިޔޭގެ އެންމެންދަންނަ ނަންމަޝްހޫރު ވިޔަފާރިވެރިއެށް ކަމަށްވާ ރާމިޒް އާއި އޭނާގެ އަނބިމީހާ ސައުޒާއަށް ލިބިފައިވާ ހަމައެކަނި ދަރިފުޅަކީ ޝާހިލްއެވެ. ކަންމިހެން ހުރުމާއެކު އެ ދެމަފިރިން ޝާހިލްއަށް ކަންތައްތައް ކޮށްދެނީ ރަސްކަލަކަށް ކަންތައްތައް ކޮށްދޭ ބީދައިންނެވެ. ޝާހިލްގެ ކޮންމެ އެދުމެއް އޭނާގެ ދުލުން ބޭރުކޮށްލުމުގެ ކުރިއަށް އޮންނަނީ ފުރިހަމަ ކޮށްދީފައެވެ. އެންމެ ފަހުގެ ލެޕްޓޮޕާއި، ސްމާޓް ފޯން އަދި ޓެބްލެޓް ކަހަލަ އެތަކެއް އެއްޗެއް ވަނީ ހޯދައިދީފައެވެ. އޭނާ އޭނާގެ ދުވަސްތައް ވޭތުކުރަމުން ދިޔައީ މުޅިދުނިޔޭގެ އެތައްމިތަނުގައިވާ އޭނާ ދަންނަ އަދި ނުދަންނަ ގޮތްނޭނގެ ރަހުމަތްތެރިންނާއި ރޭގަނޑު ދެބައިވަންދެން ވާހަކަ ދެއްކުމުގައެވެ. ވާނީވެސް އެހެންތާއެވެ. ޝާހިލްގެ މައިންބަފައިން އޭނާދެކެ ވަނީ ކަނު ލޯތްބެވެ. އޭނާ އެއްވެސް ކަމެއް ކުރުމަކުން ހުރަހެއްނާޅައެވް.
އާދައިގެވަރަކަށް ވައިޖެހެމުން ދިޔަނަމަވެސް އުޑުމަތި ވަނީ ބަނަވެފައެވެ. ވިލާތައް ބޯވެފައިވާވަރުން ދެންމެދެންމެ ވާރޭ ވެހިދާނެހެން ހީވެއެވެ. އެހެނަސް ދުވަސް ނިމިގެން ދިޔައީ އެ ބޯވިލާތައް، ދުނިޔެއަށް އިންޒާރު އަޅަމުންނެވެ. މިހާރު އެހެރަ މެންދަމުން އަލިވެ ދެގަޑި ބައިވަނީއެވެ. މިރޭވެސް ޝާހިލް އިނީ ކޮންމެވެސް ‘ރަށްޓެއްސަކާއި’ ވާހަކަދައްކާށެވެ. މިގޮތަށް ވާހަކަ ދައްކަމުން ގޮސް ޝާހިލް ބުންޏެވެ. “ޒިދާން! ދެން ނެތްތަ އެހެން ގައުމެއްގަ ހިނގި ހާދިސާއެއް؟”. މިހެން ބުނުމާާއެކު ޒިދާން ބުންޏެވެ. “ދެން އިތުރު ވާހަކައެއް ކިޔައިދޭނީ އަހަރެން ބުނާ ކަމެއް ކުރީމަ! އެކަމަކީ އަންހެން ކުއްޖަކާ ވީޑިއޯ ޗެޓްކުރުން!”. ޝާހިލް ވަގުތުން އާނއެކޭ ބުންޏެވެ. އިތުރަށް ކަންތައްތައް ކުރަންވީ ގޮތް ޒިދާން ކިޔައިދިނެވެ. ޝާހިލް އަކީ ސޯޝަލް މީޑިއާގައި އޭނާ ވާހަކަ ދައްކާ ގޮތްނޭނގޭ ރަށްޓެހިންގެ ބަސް ވަރަށް ފަސޭހައިން ގަބޫލު ކުރާ ކުއްޖެކެވެ. ގޮތްނޭނގޭ ރަހްމަތްތެރިންގެ އަވާމެންދުރު ބަލަން އިނުމަކީ ޝާހިލް ވަރަށް ކުރާހިތްވާ ކަމެކެވެ. ޝާހިލް އަކަށް އަދި ދުނިޔޭގެ އާދަ ފާޖަ އެނގޭހެންނެއް ހިއެއްނުވެއެވެ. ޝާހިލް އަކީ އިނގިރޭސި ބަހުން ކިޔައި އުޅޭގޮތުންނަމަ ‘ޓީންއޭޖް’ އުމުރުގެ ކުއްޖެކެވެ. ކޮންމެ މީހެއްގެ ވެސް ހަޔާތުގެ މި މަރުހަލާއަކީ އެމީހެއްގެ ޖަޒްބާތުތައް އުތުރި އަރާއުމުރެވެ.
ކުއްލިއަކަށް އިވުނީ ބޯވެފައިވާ ބަނަ ވިލާތައް ވެހިގަތް އަޑެވެ. ޝާހިލް އަށް ވާރޭވެހޭހެންނެއް ހިއެއް ނުވެއެވެ. އޭރު އޭނާ އިނީ ޒިދާން ބުނި އެ އަންހެން ކުއްޖާއާއި ވީޑިއޯ ޗެޓް ކުރަން ފަށާފައެވެ. ފުރަތަމަ ނަޒަރުންވެސް ޝާހިލްގެ ޅަ ހިތް ލަންބުވައިލީ އެލީނާއޭ ކިޔުނު އެ އަންހެން ކުއްޖާގެ ބަނިޔާދަން ކަމާއި ރީތި ކަމުންނެވެ. މުށިކުލައިގެ އިސްތަށިގަނޑަކާއި، ރަތް ފިނިފެންމަލެއް ފަދަ ތުންފަތަކާއި، ހަނދެއްފަދަ ދޮންމޫނެއްގެ ވެރިއެކެވެ. ކޮންމެ ފިރިހެނެއްގެވެސް ލޭ ކައްކުވައިލައިހައި އެލިނާ ރީއްޗެވެ. އިސްލާމް ދީނުގައި ނަހީ ކުރައްވާފައިވާ އަމަލްތައް އެލީނާގެ އެދުމުގެ މަތިން ޝާހިލް ކުރަމުން ދިޔައީ އެއްވެސް ވަރަކަށް ވިސްނައި ނުލައެވެ. އެކަކު އަނުކަކުގެ އައުރަ އަމިއްލަ އަތުން ކަޝްފު ކުރަމުން ދިޔައީ ޖެހިލުމެއްނެތިއެވެ. އަމިއްލަ މީހާގެ ހަށިގަނޑަކީ ތާކުން ދިމާވާހައި މީހަކަށް ދައްކަން ޖެހޭއެއްޗެއް ނޫންކަން ޝާހިލްގެ މައިންބަފައިން ނުބުނެެދެނީ ކަންނޭނގެއެވެ. އެ ވިއްސާރަ ރޭގައި އެލީނާގެ ކަނޑު އޮޅިއަށް ޝާހިލް ގެނބުނީ އަމިއްލަ އިޚްތިޔާރުންނެވެ. އޭނާގެ އަމިއްލަ ދިރިއުޅުން ތޫފާނަކާއި ކުރިމަތިކުރުވީ އެރޭގެ ފަހުންނެވެ.
މިހާރު ޝާހިލްގެ އާދައަކީ ކޮންމެ ރެއަކުވެސް އެލީނާ އާއި ދެމީހުން އެ ހަޑިހުތުރު އަމަލުތަށް ތަކުރާރު ކުރުމެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް ޝާހިލްގެ މައިންބަފައިންނަކަށް ނޭނގެއެވެ. އެމީހުން ޝާހިލް ބޭނުންހައި ކަމެއް ކުރަން ދޫކޮއްލައިގެން ތިބެނީއެވެ. އެމީހުންގެ ދަރިފުޅު ގަދަ އޮއިވަރުގައި ޖެހުނީ އެމީހުންގެ ފަރުވާކުޑަކަމުންނެވެ. ދުވާލެއްގެ ސައުވީސް ގަޑިއިރު ހަމަވާއިރު ޝާހިލް އެންމެ ނަމާދެއްވެސް ނުކުރެއެވެ. އެ ހުރިހައި އިރު ވާއިރު ފޭސްބުކް، ޓްވިޓާ ކަހަލަ ތަންތަނުގައި ހުންނަ ޕޯސްޓު ތަކަށް ލައިކް ދިނުމާއި ނިއުސް ފީޑް ކުރުމެވެ. މިރޭވެސް ޝާހިލް އެއިނީ އެލީނާ އާއިއެކު ވީޑިއޯ ޗެޓް ކުރާށެވެ. އެކި އެކި ވާހަކަތައް ދެކެވެމުންގޮސް އެލީނާ ބުންޏެވެ. “ޝާހިލް! އަހަރެން މިއުޅެނީ ހޯމަ ދުވަހުން ތިޔަ ރަށަށް ދާން…ވާނެ އެންނު ބައްދަލު ކޮށްލަން!”. ޝާހިލް އެލީނާގެ އެ ވާހަކައާއި އެއްބަސް ވެލުމަށްބޯޖަހައިލިއެވެ. މިއަދަކީ އެލީނާ އަންނަ ދުވަހެވެ. ޝާހިލް އާއި އެލީނާ ބައްދަލު ކުރަން ހަމަޖެއްސީ ގެސްޓް ހައުސް އެކެވެ. ޝާހިލް ހުރީ ދުވަހަކުވެސް ނުވާހާ ރީތިވެގެންނެވެ. ދުނބުރިއެއް ކިތަންމެ ވަރަކައް ދޮންކުރުމުން އަނބަކަށް ނުވާހެން ޝާހިލްވެސް ރީތިވުމަކުން ރީއްޗެއް ނޫނެވެ.
ގަޑިން ރޭގަނޑު އަށްގަޑި ބައިވަނީއެވެ. ގެސްޓް ހައުސްގައި އެލީނާ އިން ކޮޓަރީގެ ދޮރުގައި ‘ ޑޫނޮޓް ޑިސްޓާރބް’ މިހެން ޖަހައިފައި ބޯޑެއެ ހަރުކޮށްފައި ހުއްޓެވެ. ކޮޓަރި ތެރޭގައި ވަނީ މަޑުއައްޔެއްގެ ބޮތްކެއް ދިއްލާފައެވެ. އެތާގައި ހުރި ގޮނޑިއެއް މަތީގައި ޝާހިލް ލައިގެން ހުރި ގަމީހާއި ފަޓުލޫނު އޮތެވެ. ގޮނޑީގެ އަނެއް ކޮޅުގައި އެލީނާގެ ހެދުން އޮތެވެ. މިރޭ އެދެމީހުން އެ ހަޑިހުތުރު އަމަލުތައް އެކުރަނީ ވީޑިއޯ ޗެޓަކުން ނޫނެވެ. ދެމީހުން އެއްކޮންނެވެ. ޝާހިލް އަށް އެލީނާ އަސްލަށް ފެނުމުން އަދި މާބޮޑަށް އަޅައިގަނެވުނެވެ. ޝާހިލްއަށް ގެއަށް ދެވުނު އިރު ބާރަ ޖަހައިފިއެވެ. އެއޮއް ހުރިހާ އިރު ވީ އިރުވެސް ޝާހިލްގެ މައިންބަފައިން ގުޅައިލައިފައި ވީތަނެއްވެސް އަހައި ނުލައެވެ. އެރޭ ޝާހިލް ނިދަން އޮތީ ވަރަށް ހިތްހަމަޖެހިލައިގެން އޮވެއެވެ. “މީ ހާދަ ހިތްހަމަ ޖެހޭ ކަމެކޭ…މީހާއަށް ލުއިކަމެއްވެސް ލިބޭކަމެއް”.ޝާހިލްގެ ހިތަށް އަރަމުން ދިޔައީ މި ޖުމްލައެވެ. ނިދަން ލޯމަރާލުމުގެ ކުރިން އެލީނާއާއި ގުޅަންވެގެން ފޯން ނަގައި ގުޅިއެވެ. އެލީނާ ފޯން ނެގުމުން ޝާހިލް ވާހަކަ ދައްކަން ފެށިއެވެ.” އެލީ، މާދަމާވެސް ވާނެއެއްނު ބައްދަލު ކޮށްލަން !”. ޝާހިލް މިހެން ބުނުމުން އެލީނާ ވާހަކަ ދެއްކިއެވެ. “އަހަރެން މިއުޅެނީ މާދަމާ އެނބުރި ގައުމަށް ދާން އެހެންވެ ބައްދަލެއް ނުކުރެވޭނެ”. އެލީނާއަށް މިހާ ހަމައަށް ބުނެވުނުތަނާ ޝާހިލްގެ ފޯނުން ލާރި ހުސްވުމުން ކެނޑުނެވެ. އޭގެ ފަހުން އެންމެ ފަހަރަކުވެސް އެލީނާ ޝާހިލް އަކާއި ނުގުޅައެވެ.
އިރުގެ ދޯދިތަށް ދުނިޔޭގައި ވެރިކަން ކުރަންފެށީ ދުވަހަކުވެސް ނުކުރާ ގޮތަށެވެ. ކޮޓަރީގެ ދޮރު ވައްޓާލަން އުޅޭއަޑަށް ޝާހިލް އަށް ހޭލެވުނީ ސިއްސައިގެން ގޮށްސައެވެ. ސައުޒާ ރޮއިރޮއިފައި އެއްޗެކޭ ކިޔައެވެ. އަދި އެކިޔާއެއްޗެއް ކިޔަމުން ދޮރުގައިވެސް ވަރަށް ބާރަށް ތަޅައެވެ. ވާނުވާ ނޭނގިފައި ހުރި ޝާހިލް އަވަސް އަވަހަށްގޮސް ދޮރުހުޅުވިއެވެ. ދޮރު ހުޅުވުމާއެކު ސައުޒާ ޝާހިލްގެ ކޯތާފަތް މަތީގައި ވަރަށް ބާރަށް ޖެހިއެވެ. އަދި ކިޔަން ފެށިއެވެ. “ކަލޭ ބޮޑުކުރީ ތިގޮތަށް އަހަރުމެން ބަދުނާމް ކުރަންތަ؟ ބަލަ ތިޔަ ކަމެއް ކުރިއިރުގަ ލަދުވެސް ނުގަތީތަ؟”. ސައުޒާ މިހެން ބުނުމަށްފަހު ރޯން ފެށިއެވެ. ޝާހިލް އަދިވެސް ހުރީ ސުވާލުމާކެއްގެ ތެރޭގައެވެ. އެވަގުތު ރާމިޒު އައިސް ޝާހިލް ގޮވައިގެން ސިޓިންރޫމްގައި ހުރި ޓީވީ ގެ ކުރިމަށްޗަށް ގެންދިޔައެވެ. ޝާހިލްގެ ބޯމަށްޗަށް އުޑުވެއްޓުނު ކަހަލައެވެ. ޚަބަރުގައި ކިޔަމުންދަނީ މަޝްހޫރު ވިޔަފާރިވެރިޔާގެ ދަރިފުޅުގެ ވީޑިއޯތަކެއް ބޭރުވެގެން އުޅޭ ވާހަކައެވެ. ޝާހިލް އަށް ހުރެވުނީ ބުނާނެ އެއްޗެށް ނޭނގިފައެވެ. ސައުޒާ އޭރުގަވެސް ރޮނީއެވެ. ރާމިޒް ރުޅިއައިސްގެން ވިލާތުބަށްޓެއްހާ ރަތެވެ. އޭނާ ވާހަކަ ދައްކަން ފެށިއެވެ. ” މިއީ ކޮންކަމެއްތަ؟ ކަލެއާ ހެދި އަހަރެމެން މުޅި ދުނިޔެއަށް ބޭޒާރުވީ! މީ ކަލޭ ކޮން އިރެއްގަ ކޮށްފަ ހުރިކަމެއްތަ؟ ކީއްވެތަ ޖަވާބު ނުދީ ތިޔަހުންނަނީ؟…”. ރާމިޒް އިތުރަށް އެއްޗެކޭ ބުނުމުގެ ކުރިން ޝާހިލް ވާހަކަދައްކަން ފެށިއެވެ. ” ބައްޕާ މިއީ އަޅުގަނޑުގެ އަމިއްލަ އިހުމާލުން ވީކަމެއް! އަޅުގަނޑަށް މަޢާފު ކުރޭ!”. ޝާހިލް މިހެން ބުނުމާއެކު މަޢާފެއް ނުކުރާނެކަމަށް ބުނެ ރާމިޒް ގެއިން ނުކުމެގެން ދިޔައީ ސައުޒާވެސް ގޮވައިގެންނެވެ.
ހިތަށް ބަރެށްލައިގެން ހުރެ ފޭސްބުކް، ޓްވިޓާރ އަދި އެހެނިހެން ސޯޝިއަލް މީޑިއާ ސައިޓްތައް ބަލައިލިއިރު ކަމަކު ދާކަށްނެތެވެ. ޝާހިލް އާއި އެލީނާގެ ހަތަރުވަރަކަށް ފޮޓޯ އެއިން ކޮންމެ އެއްޗަކައްވެސް ވަނީ ލާފައެވެ. ވަގުތުން އޭނާ ބެލީ އެލީނާ އާއި ގުޅޭތޯއެވެ. ނަމަވެސް އެކަން ވީ ފޫނެތް ފަޔަށް ފެންފުރުން ކަހަލަ ކަމަކަށެވެ. ދެން ފެނުނީ ބާރު ހިނގުމެއްގައި ޝާހިލް އެލީނާ އިން ގެސްޓްހައުސް އަށް ދިޔަތަނެވެ. ގެސްޓްހައުސްގެ ދޮރާއި އަރާހަމަވި ތަނާހެން އެލީނާ ކާރަކަށް އަރައިގެން ދިޔަތަން ފެނުނެވެ. ޝާހިލް އަޑުގެ ކޮޅަށް އެލީނާއަށް ގޮވާލިއެވެ. އެހެނަސް އެލީނާ އަކަށް އެ އަޑެއް ނުއިވުނެވެ. ކުއްލިއަކަށް އޭނާގެ ޚިޔާލުތައް ފަހަތަށް ދާން ފެށިއެވެ. އެލިނާ އާއި ދެމީހުން އެންމެ ފުރަތަމަ ވާހަކަ ދެއްކި ރެއެވެ. އެލީނާ އާއި ދެމީހުން ރެއާއި ހަމައަށް އާދެވެންދެން ކުރެވުނު ކަންތަކެވެ. އޭނާ ހިތަށް އެރިއެވެ. “އެ ވީޑިއޯ ކޯލްތަށް ކުރިކަން އެނގޭނީ ހަމައެކަނި އަހަރުމެން ދެމީހުންނަށް! ދެން އެ ފަޅާއަރަން ވީ ކީއްވެ؟”. ޝާހިލްގެ މިސުވާލުތަކަށް ޖަވާބު ދިނީ އޭނާގެ ފޯނަށް އައި މެސެޖަކުންނެވެ. އެ މެސެޖް އައީ އެލީނާގެ ފަރާތުންނެވެ. އޭގައި ވެއެވެ. “އަހަރެން ޝާހިލް އަށް ބޭވަފާތެރިވީ މި މަސައްކަތް ކުރުމަށް އަހަރެންނަށް ރުފިޔާ ދީފައިވަތީ… އަހަރެންނާއި މި މަސައްކަތް ހަވާލުކުރި މީހުން އެއީ ކަލޭމެންގެ ބަރުބާދުވާ މަންޒަރު ބަލަން ބޭނުންވާ ބައެއް!”. ޝާހިލް ހަތަރު އުދަރެސް ފެނުޖެހިފައިވާ ހާލުގައި ގެއަށް އެނބުރި ދިޔައެވެ. އޭރުގައި އޭނާގެ ފޯނަށް ސޯޝިއަލް މީޑިއާ ސައިޓް ތަކުން ނޯޓިފިކޭށަން ތައް އަންނަން ފަށައިފިއެވެ. އެއެއްޗެހި ބަލައިލުމުން ބޮލަށް ގޮތްވިއެވެ. މީހުންގެ ހަޖޫގެ ބަސްތަކާއި މަލާމާތުގެ ބަސްތައް ވަރަށް ވެސް ގިނައެވެ. ގެއަށް ވަތް އިރު ރާމިޒާއި ސައުޒާ ސޯފާގައި ތިއްބެވެ. ޝާހިލްގެ މޫނު ރަތްވެ އިސްދަށަށް ޖެހުނެވެ. “މިހާރު ކޮންތާކުން ތިޔައީ؟ އެހެން ޖަރީމާއެއް ހިންގާފަ؟” ރާމިޒް ސުވާލު ކުރި އިރު އަޑު ތުރުތުރު އަޅައެވެ. “ބައްޕާ މަންމާ އަހަރެންނަށް މަޢާފް ކުރޭ…އަހަރެންނަށް އޭރުގައި ނުވިސްނުނީ”.ޝާހިލް ރޮމުން ރޮމުން ވާހަކަ ދެއްކިއެވެ. ޝާހިލް އަށް ރައްދު ދެމުން ރާމިޒް މަޢާފް ނުކުރާނަން ކަމަށް ބުންޏެވެ. ހަމަ އެއާއި އެކު ސައުޒާ ވެސް އެހެން ބުންޏެވެ.
ޝާހިލްގެ އެ ވިޑިއޯ ހެދުނީ އޭނާގެ ހިތްވަރުލިބިގެންކަން އިހުސާސް ވާ ކޮންމެ ފަހަރަކު އަމިއްލަ މީހާ ދެކެ ރުޅިއާދެއެވެ. އޭނާއަށް އޭނާގެ މައިންބަފައިން ގެ ކުރިމަތީގައި އިސްއުފުލާލަންވެސް ނުކެރުނެވެ. ރާމިޒްގެ ދުނިޔެއަށް ނަންމަޝްހޫރު ވިޔަފާރި ވެއްޓުނީއެވެ. އެއާއިލާ މުޅި ދުނިޔޭގެ ކުރިމައްޗަށް ބޭޒާރުވީއެވެ. ދުނިޔޭގެ އާދަ ޝާހިލް އަށް ދަސްވީ ހުރިހާ އެއްޗެއް ވެއްޔާ މޮޑެވުނުފަހުންނެވެ. ކިހައި ދެރަހެއްޔެވެ. ކަންތައްތައް މިގޮތައްވީ ހަމައެކަނި ޝާހިލްގެ އިހުމާލަކުން ނޫނެވެ. އޭނާގެ މައިންބަފައިންގެވެސް ފަރުވާ ކުޑަކަމުންނެވެ. ޝާހިލްއަށް ދޭންޖެހޭ ނަސޭހަތާއި ދައްކައިދެން ޖެހޭ ރަނގަޅު މަގު ދައްކައި ނުދެވުމުގެ ސަބަބުންނެވެ. އޭނާގެ ހަޔާތަށް ގެނުވި މިތޫފާނުގައި ސޯޝިއަލް މީޑިއާތަށް ވެސް ބޭނުން ކުރުން ހުއްޓައިލިއެވެ. އަދި ރާމިޒްގެ ވިހި އަހަރުގެ މަސައްކަތްވެސް ގެއްލުނެވެ.
ކުއްލިއަކަށް ހިމަފޮދު ވާރޭތިކިތައް އޭނާގެ މޫނަށް ހަމަލާދިނުމުމުން އިޚްތިޔާރަކައި ނުލައި އޭނާގެ މާޒީގެ ފޮތް ލައްޕައިލެވުނެވެ. ހުއްޓުމެއްނެތި ފައިބަމުން ދިޔަ ކަރުނަތައް ފުހެލަމުން އޭނާ ގެއާއި ދިމާއަށް ހިނގައިގަތީ އެންމެންނަށްވެސް ހެޔޮ ވިސްނުން ލިބޭތޮ ދުޢާ ކުރަމުންނެވެ.
-ނިމުނީ-
13 Comments!
Comments are closed.
v ibraiytheri vaahakaeh… salhi
thanks
Mi mujuthamau aa v gulhey stry eh miyy.v salhi genas dhiyfa huri goih.alhugadah bunevey ny mi kahala kanthan vany hama balanva v nubalaa kudhin dhoo kohlaa thiy ey.stry ga hama ekani mahshala aky e kaaku kuri kameh kan ingen nethiy ma.stry dhen ok.keep it up.
Story v nice.. husha halhaidhinun v kamudhey.. but i wanted to know who n y they did it.. waitin for another story
thank you.. 🙂 …will rectify those silly mistakes next time
v salhi hama..keep it up raaima 🙂 n best of luck…
thank u 🙂
Vaahaka varah reethi..varah iburaitheri…keep it up..
thank u
Laari dhiny kon baekkamaai, Raamizaai Sauza ah emyhunge kuh visney kan liyelaafa oi nama varah furihama vis
yh right 🙂
Vrh salhi.keep it up?
thank u 🙂