
ހުސްކަން
ވަށައިގެން ފެންނަންއޮތް ފެހިކަންގަދަ ވާދީއަށް ނަޒަރު ހުއްޓާލައިގެން ރަޝަމް ހުރިއިރު އެލޮލުގައިވަނީ ހައިރާންކަމެވެ. ފެންނަމުންދާ ޤުދުރަތީ މަންޒަރުގެ ފުރިހަމަކަމުން އޭނާ ހުރީ އާޝޯހުވެފައެވެ.
ހަމަ އެވަގުތު ފަރީލާގެ ހަޅޭކުގެ އަޑު ފަޒާގެ ތެރޭގައި ގުގުމައިގަތެވެ. ރަޝަމް ބިންމަތީގައި ބަނޑުޖެހުމަށްފަހު އަޑު އަންނަ ދިމާއަށް އަތްދިއްކޮށްލީ ހާސްކަމާއެކުއެވެ. ރަޝަމްގެ އަތުގައި ޖެހުނު ތުއްތު އިނގިލިތަކާއިއެކު އަނެއްކާވެސް އިވިގެންދިޔައީ ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑާއިއެކު ފަރީލާގެ ހަޅޭކުގެ އަޑެވެ. ކުރިއަށްވުރެ އަޑު ބާރުވެފައި އަސަރުގަދައެވެ. ބުނާކަހަލައެވެ. ރަޝަމްއެވެ! އަހަންނަށް އެހީވާށެވެ! މިދަރިފުޅު ސަލާމަތްކޮށްދޭށެވެ! އެއަޑު ކެނޑުންއިރުވެސް ކަރުނަވީ ދެލޮލުން ރަޝަމްއަށް ބެލެމުންދިޔައީ އެއުސް ފަރުބަދައިގެ ތިރީގައިވާ ވާދީއަށެވެ.
“ނޫން”
ރަޝަމްއަށް ހޭލެވުނީ އަމިއްލަ އަޑު ކަންފަތުގެ ތޫރިއާއި ހަމައަށް ފޯރުމުންނެވެ. އޭރު މުޅިމީހާ ދާހިތްލާ ފޯވެއްޖެއެވެ. ދެލޯ އުނގުޅާލުމަށްފަހު ވަށައިގެން ނަޒަރުހިންގާލިއެވެ. ހުވަފެނެއްކަން އެނގުމުން ހިތަށް ކުޑަނަމަވެސް ހިތްހަމަޖެހުމެއް ލިބުނެވެ. ބާލީސްދަށުގައި އޮތް ފޯނު ނަގާ ގަޑި ބަލާލިއިރު މެންދަމުން އަލިވެ ތިނެއް ޖެހީއެވެ. އިތުރަށް ނިދޭތޯ ކުރި މަސައްކަތްވީ ބޭކާރެވެ. ފަތިސްވީވެސް އެހާލެއްގައި އުޅެނިކޮށެވެ.
ލާންޗުގެ ފަހަތު ސީޓުގައި ލޯބިވާ މަންމަގެ ގާތުގައި އިށީނދެލައިގެން އިން ރަޝަމްގެ ސިކުނޑިއަށް އަދިވެސް އުނދަގޫކުރަމުންދަނީ ރޭގައި ފެނުނު ހުވަފެނެވެ. ނޭނގޭ ސަބަކާއިހުރެ ހިތަށް ނުތަނަވަސްކަން ވެރިވެފައިވަނީއެވެ. ބޮލުގައި ކުޑަ ރިހުމެއް ހުރުމާއިއެކު ރަޝަމް ދެލޯމަރާލުމަށްފަހު ސީޓުގައި ލެނގިލިއެވެ. އޭރު ހިތަށް އަރާ ފައިބަމުންދަނީ ވޭތުވެދިޔަ ދުވަސްތަކުގައި އޭނާގެ ހަލާލު އަނބިމީހާއާއި ތުއްތު ދަރިފުޅާއިމެދު ކަންތައްކުރެވިފައިވާ އިހާނެތި ގޮތެވެ.
މަންމައާއި ބައްޕައާއި ދުރަށް މާލެއަތޮޅު ރިސޯޓެއްގެ އާދައިގެ ވަޒީފާއަކަށް ރަޝަމް އައީ މީގެ އަހަރުތަކެއް ކުރިންނެވެ. ވަޒީފާއަށް ބަހަށްޓާ ފަރުވާތެރިކަމުގެ ސަބަބުން އެސިސްޓެންޓް މެނޭޖަރެއްގެ މަޤާމަށް ބަދަލުވާން ނެގީ މަދު އަހަރުތަކެކެވެ.
ކިތަންމެ ދުރުގައި ތިއްބަސް މައިންބަފައިންގެ ހާލުބަލަން ކޮންމެ ޙަފްތާއަކު މަދުވެގެން އެއްފަހަރު ރަޝަމް އެމީހުންނަށް ގުޅައެވެ. އަހަރަކު އެއްފަހަރު ޗުއްޓީ ނަގައިގެން އެމީހުންނާއި ބައްދަލުކޮށް އެދެމީހުންނާއިއެކު ވަގުތު ހޭދަކޮށްލައެވެ. އެއީވެސް އެފަދަ ދަތުރެކެވެ.
ރަށަށް އެރިތާ ދެވަނައަށްވީ ދުވަހު ރަޝަމްގެ މަންމަ ކައުޘަރު ގެއަށް މެހެމާނުންތަކެއް ގެނައެވެ. ކުއްލިއަކަށް ނުވެސް ދެނަހެރި ހުއްޓާ ރަޝަމްއަށް އެނގިގެންދިޔައީ އެއީ ރަޝަމްގެ ކައިވެންޏަށް އެދިގެން އައިސްތިބި ބައެއްކަމެވެ. ދޭނެ ޖަވާބެއް ނޭނގި އިރުކޮޅެއްގެ ހަމަހިމޭންކަމަށްފަހު ވިސްނާފަ ޖަވާބެއް ދޭނަމޭ ރަޝަމްބުނީ ލޯބިވާ މައިންބަފައިންގެ ހިތްހަމަޖެހުމަށްޓަކައެވެ.
ޖެހިގެންއައި ދުވަހު އަރައިގެންއައި އިރާއިއެކު ރަޝަމްގެ ދިރިއުޅުން އެފުށްމިފުށަށް ޖެހުނެވެ. ރުކަކުން ވެއްޓި ބައްޕަ ފާޒިރުގެ ހާލު މާބޮޑަށް ދަށަށް ދިޔައީއެވެ. އަތޮޅު ހޮސްޕިޓަލަށް ގެންދެވުންއިރު ވަގުތު ފާއިތުވެއްޖެއެވެ.
ފާޒިރުގެ މަރަށްފަހު ކައުޘަރެކޭ މަންމަނެކޭ އެއްގޮތެވެ. ކެއުމާއި ބުއިމަށް ފެންވެރުމާއި ނިދުމަށް ފަރުވާކުޑަކުރަންފެށިއެވެ. ރަޝަމްގެ ބޮޑުދައިތަމެންގެ އަޅާލުމާއިއެކު ކައުޘަރުގެ ދިރިއުޅުން ހަމައަކަށް އެޅުނީ ބަރާބަރު ދެޙަފްތާ ފަހުންނެވެ. އެއަށްފަހު އަބަދުގެ ޝަކުވާއަކީ މަންމަގެ އެކަނިވެރިކަން ފިލުވައިދޭނެ ޅީދަރިފުޅެއް ހޯދައިދިނުމެވެ. ރަޝަމްއަށް ވިސްނުންގޮތުގައި މަންމަގެ އެއެދުން ފުރިހަމަކޮށްދިނުން ފިޔަވާ އިތުރު އަލިމަގެއް ނެތެވެ. މަންމަ އެކަނި ގޭގައި ބައިންދާފައި ދިއުމަކީ ހިތަށް އުނދަގޫކަމެކެވެ. އަނެއްކޮޅުން ލޯބިވެގެން ގުޅުން ބާއްވަނީ ވިލާތުގެ ކުއްޖަކާއިކަން އެނގިއްޖެނަމަ މަންމަގެ ވިސްނުން ހުންނާނެގޮތް ތަސައްވަރުކޮށްލެވެއެވެ.
ފަރީލާއަކީ ހުތުރު ކުއްޖެއްނޫނެވެ. ރިވެތި އަޚްލާޤުގެ ގޮތުން ބެލިއަސް މިސާލެއްފަދަ ކުއްޖެކެވެ. ނަމަވެސް މަންމައަށްޓަކާ ކުރި ކައިވެންޏަކުން ރަޝަމްގެ ހިތަކަށް ލިބުނު ހިތްހަމަޖެހުމެއް ނެތެވެ. ފިރިއެއްގެ ވާޖިބު އަދާކުރަން ކިތަންމެ މަސައްކަތެއް ކުރިއަސް އަނބިމީހާދެކެ ފޫހިވަނީ އެއްވެސް ސަބަބަކާއި ލައިގެނެއްނޫނެވެ. ކައިވެނީގެ ފުރަތަމަ ދުވަސްކޮޅު ރަށުގައި ހުރިއިރު ދެމީހުންގެ ދެމެދު ގުޅުން ބަދަހިކުރަން ކުރި މަސައްކަތް ބޭކާރުވީ އެނބުރި ވަޒީފާއަށް ނިކުތުމުންނެވެ. ޒުވާން އަންހެންކުދިންގެ ތަންމަތި ފަޅުފިލުވައިދެމުންދިޔަ ރަޝަމްގެ ދިރިއުޅުމުގައި ފަރީލާއެކޭ ނެތްމީހެކޭ އެއްގޮތެވެ. ފަރީލާ އިސްވެ ގުޅައިފިނަމަ ބައެއްފަހަރު ވާހަކަދައްކައެވެ. މެސެޖެއް ކުރިއަސް ޖަވާބުދޭނީ ހާހަކުން އެއްފަހަރެވެ. ނަމަވެސް މަންމައާއި ދެމެދުގައިވަނީ ކުރިއަށްވުރެވެސް ވަރުގަދަ ލޯތްބެކެވެ.
ކައިވެންޏަށް ތިންމަސްވީއިރު ފަރީލާ ބަނޑުބޮޑެވެ. އެޚަބަރު ލިބުމުން ރަޝަމް އިތުރަށް ފޫހިވިއެވެ. ރަޝަމްގެ ދަރިއަށްޓަކާ ފަރީލާ ހޭދަކުރި ނުވަމަސްތެރޭ ދުވަހަކުވެސް ހާލުބަލަން ގުޅާވެސްނުލައެވެ. ރަޝަމްގެ މި ފަރުވާކުޑަކަމުގެ ސަބަބުން ލިބުނު ހިތާމަ ފޮރުވުމަށްޓަކައި ފަރީލާވެސް ޚިޔާރުކުރީ ދުރުކަމާއި ހިމޭންކަމެވެ.
ފިރިހެނެއްގެ ހަޔާތަށް އަންނާނެ އެންމެ އުފާވެރި އެއްދުވަހަކީ ބައްޕާއޭ ކިޔާ ގޮވާލާނެ ދަރިއެއް އުފަންވާދުވަހަށް ވިޔަސް ރަޝަމްއަށް ލިބުނު ޚަބަރަކުން ހިތަށް ލިބުނު ފިނިކަމެއްނެތެވެ. ގުޅާ ކޮންމެފަހަރަކު މަންމަކުރާ އާދޭހަށް ދިން ޖަވާބަކީ މިދުވަސްކޮޅު ގެސްޓުން ގިނަވުމުން ވަރަށް ބުރައެވެ. ތަންކޮޅެއް ފަހުން އެދެމައިން ދެކެލަން ދާނަމެވެ. ދަރިފުޅަށް ނަންކީއިރުވެސް އެދަރިފުޅު ހަމަލޮލުން ދެކެލާކަށް ރަޝަމްއެއް ނުދެއެވެ. ފަރީލާ ފޮނުވި ފޮޓޯތަކަށް އެއްފަހަރު ބަލާލުންފިޔަވާ އިތުރު ޝަޢުޤުވެރިކަމެއް ނެތެވެ.
ރަޝަމްގެ ދަރިފުޅު މާޝާއަށް އެއްމަސްވުމުން ކައުޘަރު ރަޝަމްއަށް ގުޅައިގެން ޑޮކްޓަރަށް ދައްކަން ބަހަނާއަކަށް ހަދައިގެން މާލެދިޔައީ ރަޝަމް އޭނާގެ ދަރިފުޅުގެ ގާތަށް ދުވަސްކޮޅަކަށް ނަމަވެސް ގެންދިއުމަށެވެ. ރަޝަމް އެކަމާ އެއްބަސްވީ އެތަށް ވާހަކަތަކެއް ދައްކައިގެންނެވެ. ޤަބޫލުކުރަން ބޭނުންނޫން ނަމަވެސް މިއަދު ޚުދު ރަޝަމްވެސް އިންތިޒާރުކުރަމުން އެދަނީ އެދެމައިން ފެންނާނެ ވަގުތަކަށެވެ.
ރަޝަމް ޚިޔާލުތަކުން އެއްކިބާކޮށްލީ ލާންޗުގެ ފަޅުވެރިންގެ އަޑެވެ. އޮމާން ތަރަފާލެއްހެން އޮތް ކަނޑުގެ ލޮނުގަނޑަށް އައި ކުއްލި ބަދަލެއްގެ ސަބަބުން އެންމެންވެސް ތިބީ ބަސްހުއްޓިފައެވެ. ނަމަވެސް ކުޑަ ހިނދުކޮޅެއްގެ ރާޅުބާންޏަކަށްފަހު އަނެއްކާވެސް ލޮނުގަނޑު ހަމައަކަށް އެޅިއްޖެއެވެ.
ފަރީލާ އޭނާގެ އެއްމަހުގެ ކުޑަކުޑަ އަންހެން ދަރިފުޅު ފެންވަރުވާ ރީތިކޮށްލުމަށްފަހު އެނދުމަތީ ބާއްވާލިއެވެ. އަދި ތުއްތުކުދިންނާއި އާންމުކޮށް ވާހަކަދައްކާ ބަހުރުވައިން ވާހަކަދައްކަމުން ކިރާކާޑާއި އައިޑީކާޑު އަތްދަބަހަށްލުމަށުފަހު އަތްދަބަސް ތައްޔާރުކޮށްލިއެވެ. މާޝާއަށް އަރިދަފުސް ރޯގާގެ އަސަރު މާބޮޑަށް ކޮށްފައިވާތީ ޑޮކްޓަރަށް ދައްކާލަން ދާން ތައްޔާރުވީ ރަޝަމްމެން ލެފުމާއި ދެމެދު ވަގުތު އޮތުމުންނެވެ. އެތަށް ދުވަހަކަށްފަހު ލޯބިވާ ފިރިމީހާއާއި ބައްދަލުވާތީ ފަރީލާގެ ރޭގެ ނިދިވެސް ފަރީލާގެ ލޮލާއި އެއްގަލަކަށް ނޭރިއެވެ. ނަމަވެސް މޫނުމަތި ތާޒާވެފައި ހިނިތުންވުން ފުންވެފައިވުމުން ދެކޭ ކޮންމެ މީހަކަށްވެސް ފަރީލާ އުފާވެފައިވާ މިންވަރު ހާމަވާނެއެވެ.
ހަރުކޮށް ހިނގާލާފައި ސިއްޙީ މަރުކަޒަށް ދާންދިޔަ ފަރީލާގެ މޫނުގެކުލަ ފަނޑުވެގެންދިޔައީ އާދަޔާ ޚިލާފް ބާރު އަޑުފަށްގަނޑަކާއި، މީހުންގެ ހަޅޭކުގެ އަޑާއިއެކު ފެންނަމުންދިޔަ މަންޒަރަކުންނެވެ. ބޮޑު ރާޅެއް އައިސް ރުޅިވެރިކަމާއިއެކު ހަތަރުފަރާތުން ހަމަލާދިންއިރުވެސް އިތުރު ހަރަކާތެއް ގެންނަންނޭނގިފައި ލޯބިވާ ދަރިފުޅު މެޔާލާ ބޮނޑިކޮށްލައިގެން ފަރީލާއަށް ހުރެވުނީ ހުއްޓުންއަރާފައެވެ.
ފަތަން ނޭނގޭހާލު އެއްއަތުން ބަކަތަޅަމުން ފަރީލާ މަސައްކަތްކުރީ އަނެއްއަތުގައިއޮތް ލޯބިވާ ދަރިފުޅު ހިމާޔަތްކުރެވޭތޯއެވެ. ނަމަވެސް ކަރުތާފެނަށް ހުރި ލޮނުގަނޑުގެ ތެރޭގައި ކުރެވޭނެ މާބޮޑުކަމެއް ނެތެވެ. ކަރުބުޑުގައި ލޭރަހަ ލާވަރަށް ސަލާމަތަށް އެދި ހަޅޭއްލެވިއިރުވެސް އެހީތެރިކަމެއް ފޯރުކޮށްދޭނެ ފަރާތެއް ނުފެނެއެވެ. ހަތަރުފަރާތުން ފެންނަނީ ނާމާންކަމުން ފުރިގެންވީ ބިޔަ ރާޅުތަކުގެ އަނިޔާވެރިކަމުން ސަލާމަތްވޭތޯ ބަކަތަޅަމުންދިޔަ ކުޑަކުދިންނާއި އެކުދިންގެ މައިންނެވެ. ކޮޅުކޮޅަށް ދެމިގެންދާ އެކިވަރުގެ އޮޑިދޯނިފަހަރެވެ. އަގުބޮޑެތި ފަރުނީޗަރުން ފެށިގެންގޮސް ގޭގައި އަތްލާގެންގުޅޭ ތަކެއްޗެވެ. ބޮޑެތި ކަޅުހަންތަކާއި ތާންގީތަކެވެ.
ދަރިފުޅުގެ ރޯއަޑު ކަންފަތުގައި ޖެހުމާއިއެކު ލިބުނު ހިތްވަރުގައި މާ ދުރުނޫން ހިސާބެއްގައި އޮޔާ ދަމަމުންދިޔަ ފިލާ އަތުޖެހޭތޯ ފަރީލާވެސް ބަކަތަޅައިގަތެވެ. ނޭފަތުންނާއި އަނގައިން ހަށިގަނޑުގެ ތެރެއަށް ލޮނު ވަންނަމުންދިޔައިރު ފަރުވާލެއްނެތްފަދައެވެ. އެ ތުއްތު ދަރިފުޅު ނަގާ ފިލާގަނޑުމަތީ ބާއްވާލިތަނާ ފަރީލާގެ ބޮލުގެ ފުއްބުރުގައި އެއްޗެއް ޖެހުނުލެއް ބާރުކަމުން ތޫނު ދިލައެއް ނަގައިގަތެވެ.
އަތޮޅު ތެރެއަށް ވަދެގެންދިޔައިރު އެންމެންގެ މޫނުމަތިން ފެންނަންފެށީ ހާސްކަމެވެ. ފަހަރަކު ރަށެއް ފަހަނައަޅާ ދިޔައިރު ގިނަމީހުން ހީވަނީ ބިރުވެރި ހުވަފެނެއް ފެނިގެން އުޅޭހެންނެވެ. ލާންޗުގެ ދުވެލިވެސް މަޑުކޮށްލުމަށްފަހު ފަޅުވެރިންވެސް އެކަކު އަނެކަކަށް ނަޒަރު ބަދަލުކޮށްލީ ހައިރާންކަމާއިއެކުއެވެ. ޢާއިލާގެ މެންބަރުންނަށް ގުޅަންނެގި ފޯނު ކޮންމެ މީހަކުވެސް ތިރިކޮށްލީ މިލާފައިވާ މޫނަކާއިއެކުއެވެ. ފޯނަށް ރޭންޖު ނުލިބެނީއެވެ. ގުޅޭނެގޮތެއް ނެތީއެވެ.
ފޯނަށް ގެއްލިފައިއިން ރަޝަމްއަށް ކަމެއް ވެއްޖެކަން ރޭކާލީ ކައުޘަރު ގޮވާލުމުންނެވެ. ވެގެންއުޅޭގޮތެއް ސާފުވޭތޯ ބޭރަށް ބޯދިއްކޮށްލިއެވެ. އެވަގުތު އަތުގައި އޮތް ފޯނުވެސް އަތުން ދޫވެއްޖެއެވެ.
ކަނޑުގެ ލޮނުގަނޑުގެ ތެރޭ އޮޔާ ދަމަމުންދިޔަ ކުނިބުނީގެ ތެރެއިން ޤަރަޤުވަމުންދިޔަ މީހެއްގެ ހަޅޭކުގެ އަޑާއިއެކު އެމީހާ އަތުވޭތޯ ލާންޗުގެ ފަޅުވެރިންނާއި އެއްބައިވެގެން ފިރިހެނުންތައް އުޅެގަތެވެ. އެމީހާ ލާންޗަށް ނެގުނުއިރު ޚަބަރު ހުސްވެއްޖެއެވެ. ވީގޮތް އޮޅުންފިލުވާނެ ފުރުސަތުވެސް ނުލިބުނެވެ.
އެކިދިމަދިމާއިން ރޫޅި ފުނޑުފުނޑުވެފައިވާ ތ. ވިލުފުށީ ތޮށިގަނޑު ފަހަނައަޅައި ރަށުގެ ފަޅުތެރެއަށް ލާންޗު ގާތްކޮށްލިއިރު ފެންނަންއޮތް ރަށަކީ މީގެ ބައިގަޑިއިރު ކުރިން އެތަނުގައި އޮތް ޖަޒީރާ ރަށެއްނޫނެވެ.
ގޮނޑުދޮށުގައި ހެދިފައިވާ ބައެއް ރުށްގަސް ބިމުން ލުހެލާފައިވާއިރު މުޅި ސަރަހަށްދަށް އެކިކަހަލަ ކުނި އެއްވެފައިވެއެވެ. އެއްގަމުގެ އެކި ސަރަހައްދުން އޮޑިދޯނިފަހަރު ފެންނަންހުރިއިރު ބޮޑެތި ކަޅުހަންތަކާއި ގޭގެ ފަރުނީޗަރުތަކަށް ދަންދެންވަނީ ބިންމަތީގައެވެ. އެއްގަމަށް އަރައިގެންދިޔަ އެހެންމީހުން ފަދައިން ރަޝަމްގެ މޫނުމަތީގައިވި ހާސްކަން އެތަށް ގުނައެއް އިތުރުވަމުންދިޔައެވެ. ގިނަ ގޭގޭގެ ފުރާޅުގެ ޓިނުތައް އުކާލެވިފައިވާއިރު ބައެއް ގޭގޭގެ ހުރިހާ ފާރުތަކެއްހެންވަނީ ވެއްޓިފައެވެ. އެތަށް ދުވަހަކު ދާއޮހޮރުވައިގެން ކޮޅަށް ނަގާފައިވާ ޢިމާރާތްތަށްވަނީ ފުނޑުފުނޑުވެ ބިމާ ހަމަވެފައެވެ.
އެއްއަޑަކަށް އިވެނީ ދެޖިންސުގެ މީހުންގެ ރުއިމުގެ އަޑާއި ދަންނަ މީހުންގެ ނަމުން މުޚާތަބުކޮށް ގޮވާއަޑެވެ. ފެނުނު ކޮންމެމީހަކާ ސުވާލުކުރުމުންވެސް ވީގޮތެއް އޮޅުންފިލާވަރެއް ނުވެއެވެ.
މަންމަގެ އަތުގައި ހިފައިގެންހުރި ރަޝަމް ކައިރިންދިޔަ މީހަކު މަޑުކުރުވިއެވެ. އަދި ތެޅިތެޅިއޮތް ހިތަކާއިއެކު އޭނާގެ އަނބިމީހާއާއި ދަރިފުޅުގެ ހާލަކީ ކޮބާތޯ ސުވާލުކޮށްލިއެވެ. އެމީހާ އިނގިލި ދިއްކޮށްލީ މާދުރުނޫން ހިސާބެއްގައި ހުރި މިސްކިތާއި ދިމާއަށެވެ. ފަރީލާއާއި ދަރިފުޅުގެ ޚަބަރެއް ނޭނގޭކަމާއި ސަލާމަތުންތިބި މީހެއްވިއްޔާ މިސްކިތުގެ ގޯތިތެރެއަށް އެއްވެފައިވާކަން ބުނެދިނެވެ.
ރަޝަމް ދުއްވައިގަތީ އެއްވެފައިވާ މީހުންގެ ތެރެއަށެވެ. ފަރީލާ ފެނޭތޯ އެދެމައިން ކޮޅުކޮޅަށް ކަޅިއުކަމުން މީހުންގާތު އަހަމުން ފަރީލާގެ ޢާއިލާގެ މީހުންގެ ގާތަށްގޮސް ހުއްޓުނެވެ. އެހެންމީހުންނެކޭ އެއްފަދައިން އެމީހުންވެސް ގިސްލެވޭހާލު ބޯ ދެފަރާތަށް ހޫރާލުމުން ރަޝަމްގެ ހިތަށް ބިރުވެރިކަން ވަންނަމުން ދިޔައެވެ.
ރަށުގައި ގަދަވެ ސަލާމަތުންތިބި ކެރޭ ފިރިހެނުންގެ ޤުރޫޕެއް ނިކުމެ މުޅި ރަށް އެފުށް މިފުށަށް ޖަހައިފިއެވެ. ހަލާކުވެގެން ގޮސްފައިވާ ގެތަކުންނާއި ގުދަންތަކުން ކާން ކަމުދާކަހަލަ އެއްޗެއް ހުރިއްޔާ ނުވަތަ ސަލާމަތުންއޮތް އަންނައުނެއް ފެނިއްޖެއްޔާ އެމީހުން އެއްކުރަމުން ގެންދިޔައީ އެއަށް ބޭނުންޖެހޭނެތީއެވެ. އުސްތަންތަނަށް އަރާތިބި މީހުންނާއި ބޮއްކުރާތަކުގައިތިބި ކުދިދަރިންނާއި ގަސްގަހުގައިތިބި މީހުންވެސް ބާލައިފިއެވެ. ދިރިތިބި އެހެނަސް ތަފާތު ޒަހަމްތައް ލިބިފައިވާ މީހުންނާއި މަރުވެފައި އޮއްވާ ފެނުނު މީހުންގެ ނަންތައް ކީއިރުވެސް ފަރީލާގެ ނަމެއްވެސް އަދި މާޝާގެ ނަމެއްވެސް ނުކިޔައެވެ.
ފާރެއްގެ ދަށުން އަންހެނެއްގެ ފުރާނަނެތް މަސްގަނޑު ފެނުނު ވާހަކަ އިވުމާއިއެކު އެހެން އަންހެނުންނެކޭ އެއްފަދައިން ކައުޘަރުވެސް ރޮއިގެންފިއެވެ. ރަޝަމްއަށް ހުރެވުނީ ހުއްޓުންއަރާފައެވެ. މީހެއްގެ ފަރާތުން އެއީ ފަރީލާ ނޫންކަން އެނގުމުން ރަޝަމް ހަމަޖެހެން މަސައްކަތްކުރިއެވެ. ނަމަވެސް އެކަން ކާމިޔާބެއްނުވިއެވެ. ފަރީލާއާއި މާޝާ ދުށުމަށް ހިތް އެދެނީ އިންތިހާއަށެވެ. ރޭ ފެނުނު ހުވަފެނާއިމެދު މާބޮޑަށް ފިކުރު ކުރެވެނީއެވެ. ލޯބިވާ އަނބިމީހާއާއި ދަރިފުޅުގެ ވޭނީ ހަޅޭކުގެ އަޑު ކަންފަތްދޮށުގައި ހަރުލާފައިވަނީއެވެ. ކައުޘަރުގެ ކަމަކީވެސް ރުއިމެވެ.
މަދަރުސާގެ ހޯލުތެރެއަށް ޖަމާވެފައިވާ މީހުންނާއި މާދުރުގައި ފިތުރޯނުގަހެއްގެ ދަށުގައި އިށީނދެލައިގެން ރަޝަމް އިނީ ޚިޔާލެއްގެ ތެރެއަށް ގޮސް ހުސްވެފައެވެ. ރަޝަމްއަށް ސިއްސައިގެންގޮސް ބަލާލެވުނީ އޭނާގެ މަންމަ ނިކަން ބާރަށް ގޮވާލުމުންނެވެ. އޭރު ކައުޘަރު ޚަބަރު ހުސްވެގެން ވެއްޓިއްޖެއެވެ. އެދިމާއަށް ދުވެފައިދިޔަ ރަޝަމްގެ ލޮލުގައި އަޅައިގަތީ މުސްކުޅި ފިރިހެނެއްގެ އަތްދަނޑިމަތީގައި އޮތް ތުއްތު ދަރިފުޅެވެ.
ތޮށިގަނޑުމަތީ އިށީނދެލައިގެންއިން މޫދަށް ނަޒަރު ހުއްޓިފައިވާ ރަޝަމްގެ ދެލޯވަނީ ފެންކަޅިވެފައެވެ. މިއަދަކީ އެ ޙާދިޘާއަށް ތޭރަ އަހަރު ފުރޭ ދުވަހެވެ. ނަމަވެސް އެދުވަސް ދެންމެ ހިނގާދިޔަ ކަމެއްހެން ރަޝަމްގެ ސިކުނޑީގައި ހަރުލާފައިވެއެވެ.
ރަޝަމްގެ ޖީބުގައި އޮތް ފޯނު ރިންގުވާންފެށުމުން ފޯނު ނަގާ ސްކްރީނަށް ބަލާލިއެވެ. “މާޝާ!” އެނަން މަޑުމަޑުން ކިޔާލުމަށްފަހު ފޯނުނަގާ ކަންފަތުގައި ޖައްސާލަމުން ދެލޯ މަރާލިއެވެ. ރަޝަމް ހިތާހިތުން الله އަށް ޙަމްދުކުރިއެވެ. ކެޔޮޅުކަމު ގޮސްއުޅުނު އަލިބެ މެދުވެރިކޮށް ލަކުޑިގަނޑާއިއެކު އޮޔާދިޔަ މާޝާގެ ފުރާނަ ސަލާމަތް ކޮށްދެއްވިކަމަށްޓަކައެވެ. ނަމަވެސް އެދުވަހަށްފަހު ވީނުވީއެއް ނޭނގި ފަރީލާ ގެއްލުމުން ރަޝަމްގެ ހިތަށްވަނީ ފުން އަސަރުތަކެއް ކޮށްފައެވެ. ފަރީލާގެ ވަކިވުން ވެގެންދިޔައީ ރަޝަމްގެ ދިރިއުޅުމަށްއައި ފޫނުބެއްދޭނެވަރުގެ ހުސްކަމެއް ކަމުގައެވެ.
-ނިމުނީ-
(މި ވާހަކައަކީ ސުނާމީ ކާރިޘާގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަންތައްތައް ހިނގާދިޔަ ގޮތުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ. ވާހަކައިގެ ޙާދިޘާތައް ވީހާވެސް ކިޔުންތެރިންގެ ބުއްދި ޤަބޫލުކުރެވޭ ގޮތަށް ގެނެސްދެވޭތޯ އަޅުގަނޑުވާނީ މަސައްކަތް ކޮށްފައެވެ. އެންމެހާ ކިޔުންތެރިންނަށް ވާހަކަ ކަމުދާނެކަމަށް އުންމީދުކުރަމެވެ.)
5 Comments!
Comments are closed.
Vvfurihama
Nice
Varah kamudhey mivaa haka
Vv furihama
V V V REETHI…… THIGOTHUGA KURIYAH DHIUN EDHEN