-އަހަރެން- އަހަރެންގެ ދިރިއުޅުމުގައި ގޮތް ނިންމާނީ އަހަންނެވެ
އަހަރެން ހިތަށް އަރައެވެ. އަހަރެންގެ އެއްބަނޑު މީހުންނަށް މިތިބެނީ ކިހިނެތް ވެފަބާއެވެ! އެމީހުން ހިތްހަމަޖެހޭ ގޮތަކަށް އަހަންނަކަށް އެއްވެސް ކަމެއް ނުކުރެވެއެވެ. އަޅެ މީ އަހަރެންގެ އަމިއްލަ ދިރިއުޅުމެއްނޫން ހެއްޔެވެ؟ އަހަރެންގެ ދިރިއުޅުން ބައްޓަންކުރާނެ ގޮތެއް އެނގޭނީ ހަމަ އަހަންނަށެވެ. އަހަރެން މީގެ ކުރިންވެސް ދިރިއުޅުމުގެ ކަންތައްތައް ނިންމީ އަހަރެން ބޭނުންވާ ގޮތަށެވެ. އެއީ އަހަރެންގެ ވިސްނުން ހުރިގޮތެވެ.
އަހަންނަކީ ކުޑައިރުއްސުރެވެސް ރީތި އެއްޗެއްސަށް ލޯބިކުރާ މީހެކެވެ. ހިތްކިޔާ ކޮންމެ އެއްޗެއް ހޯދުމަކީ އަހަރެން ބޭނުންވާގޮތެވެ. މަންމައާއި ބައްޕައަކީވެސް ބޮޑު މުސާރަލިބޭ ދެމީހުންކަމުން އަހަންނަށް މިއީ ވަރަށް ފަސޭހަކަމެކެވެ.
ފުރާވަރަށް އަޅައިގެން އައިއިރު އެއުމުރުގެ އެހެން ކުދީންނެކޭ އެއްފަދައިން އަހަންނަކީވެސް ދެއިރު ދެދަޅަޔަށް ފުށްޖަހައިގެން ބޭރަށް ނިކުމެ ފިރިހެނުންނަށް ތުއި ދެއްކެންއުޅޭ އަންހެން ކުއްޖެކެވެ. މޫނު ހުދުވަންދެން ފުށްޖަހާ ކުލަކުލައިގެ ލިޕްސްޓިކް ޖެއްސުމުންނޫނީ އަހަރެން ހިތްހަމަވެސް ނުޖެހެއެވެ. ސްކޫލަށްދަނީވެސް އެހެން ހުރެގެންނެވެ. ސްކޫލަށް ބަރާބަރަށް ދަމެވެ. އެހެނަސް އަމާ ބުނީތީ ފަރަށްދާ އުސޫލުންނެވެ. ކޮންމެ ދުވަހަކުވެސް ކޮންމެވެސް މައްސަލައެއްގައި ގެއަށް ފޮނުވާނުލާ ދުވަހެއް މަދުވާނެއެވެ. އެކަމަކު މަންމަމެންނަށް އެނގޭނީ ހާލަކުން ފަހަރަކުއެވެ.
ހަޤީޤީ މިނިވަންކަން ލިބުނުކަމަށް އަހަންނަށް ދެކެވުނީ ސްކޫލްދައުރު ނިމުމުންނެވެ. ރައްޓެހިންނާއިއެކު ރޭގަނޑު ބޭރަށްދިއުމަކީ އަހަރެންގެ އާދައެކެވެ. އޭރުވެސް ދައްތަމެން އެކަމާ އެއްޗެހިކިޔައެވެ. ނަމަވެސް މަންމަގެ ބަހަށް ނުހުއްޓުންކަމެއް ވަކި އެމީހުން ބުނެގެން ހުއްޓާނެ ހެއްޔެވެ؟ ނުހުއްޓާނެކަން އެނގޭއިރުވެސް ތަކުރާރުކޮށް ބުނުމަކީ އެމީހުންގެ މޮޔަކަމެވެ. އަހަރެންގެ މައްސަލައެއްނޫނެވެ.
އުމުރުން ވީ ދުވަހަށްވުރެ ރަށްޓެހިވި ކުދިންގެ އަދަދު ގިނައޭ ރަށްޓެހިން އަހަންނާއި ދިމާއަށް ބުނަނީ ސަމާސާއަކަށް ނޫނެވެ. އެމީހުންނަށް ހަޤީގަތް އެނގޭތީއެވެ. އާއެކެވެ! އަހަރެންގެ އުމުރުން އަށާރަ އަހަރު ވީއިރު ބިޓުންގެ ލިސްޓު ފަންސާހަށްވުރެ މަދުނުވާނެކަން އަހަންނަށް ޔަޤީންކަމާއިއެކު ބުނަން ކެރިދާނެއެވެ. އެކަމާ އަހަރެން ލަދެއް ނުގަނެއެވެ. އެއިންވެސް އެނގެނީ އަހަރެންމީ ކާމިޔާބު މީހެއްކަމެވެ.
އުމުރުން ފަންސަވީސް އަހަރު ފުރިހަމަވީއިރު އަހަރެން ކައިވެނި ކުރަނީ ކޮންދުވަހަކުންތޯ މަންމަ ސުވާލުކުރި އަދަދެއް ނޭނގެއެވެ. އަހަރެންގެ ޖަވާބަކީ އަބަދުވެސް “އަހަރެން އިންނަންވީމަ އިންނާނަން. މަންމަމެން އެކަމާ ހާސްނުވެބަލަ!”. އަހަރެން ކަންތައް ކުރީވެސް އަހަރެން ބުނިގޮތަށެވެ. އަހަރެން އިންނަން ކަމުދާ މީހަކާއި ޖެހުމުން އަހަރެން މަންމަމެންނަށް އެކަން އެންގީ އިންނަން ރަންވެސް ކިޔާފައެވެ. ނަސީބަކުން ބައްޕަ އޭނާގެ ހަޤީޤަތް ބެލިއިރު އޭނާވީ ބައްޕަމެން ހިތްހަމަޖެހޭފަދަ މީހަކަށެވެ. އެހެންކަމުން ޙަފްތާއެއް ފަހުން ކައިވެނި ކުރެވުނީ އަހަރެން ބޭނުންވިފަދަ ބޮޑު ކައިވެނީގެ ޙަފްލާއަކާއި އެކުގައެވެ.
ކައިވެންޏަށްފަހުވެސް އަހަރެންގެ އުޅުމަށް މާބޮޑު ބަދަލުތަކެއް ނާދެއެވެ. އަހަރެން ވަޒީފާއަށް ނުދިޔަޔަސް އަހަރެން ބޭނުންވަރަށް ފިރިމީހާ ފައިސާދެއެވެ. އެހެންކަމުން ހުރިހާ ވަގުތެއްވެސް ހޭދަކުރީ ގާތް އެކުވެރިންނާއިއެކު އެއް ރިސޯޓުން އަނެއް ރިސޯޓަށް ގޮސް މަޖާކުރުމުގައެވެ. ފިރިމީހާއަކީ ނަމެއްގައި އަހަރެންގެ ޙަޔާތަށް އައި މީހެއް ފަދައެވެ. އަހަރެންގެ ބިޒީ ޝެޑިއުލްއިން އޭނައާއިއެކު ވަގުތު ހޭދަކޮށްލަން އަހަންނަށް ލިބެނީ ކުޑަ ވަގުތުކޮޅެކެވެ. އަހަރެން އުޅޭ ގޮތްގޮތަށް ބަސްކިޔާ ޝަކުވާކުރުމަކީ ޝަމްވީލު ކޮށްއުޅޭ ކަމެއްނޫނެވެ. ނަމަވެސް އަހަރެންގެ ދައްތަމެންނަކަށް މަޑަކުން ނުތިބެވެއެވެ. ދުވަސްދުވަހުން އަހަންނަށް ގުޅައިގެން ނޫނީ ގެންގޮސްގެން ނަޞޭހަތްދޭނެއެވެ. އަހަރެން އަންނަނީ އަމަށަކު ރުޅިއެއްނޫނެވެ.
ކައިވެންޏަށް އަހަރެއް ފުރިހަމަ ވީއިރު އަހަރެން އިނީ ފުރަތަމަ ދަރިފުޅަށް ބަލިވެއެވެ. ހޮޑުލެވުމާއި ބޯއެނބުރުންފަދަ ޢާންމުކޮށް މާބަނޑުމީހުންނަށް ކުރިމަތިވާ އުނދަގޫތަކާއި ކުރިމަތިލާންޖެހުމުން އިތުރު ދަރިއަކު ހޯދުމުގެ ޚިޔާލު ދޫކޮށްލީމެވެ. ވިހެއުމަށްފަހު ހިތަށްއެރިއެވެ. ސަހަރޯއެވެ! މީ މަށަށް ވާވަރުކަމެއްނޫނެވެ.
މަންމައާއި ދައްތަމެންގެ އެހީތެރިކަން ވިހައިގެން އުޅުން ދުވަސްވަރު ވަރަށް ބޮޑަށް ލިބުނެވެ. އަމިއްލަ ކަންކަމާއި ދަރިފުޅުގެ ކަންކަން ކުރާންގޮތް ވަރަށް ރަނގަޅަށް ކިޔާދިނެވެ. ނަމަވެސް ވިހާ ގަދަވުމުން އަހަރެން އަނެއްކާވެސް އަހަރެންގެ އަމިއްލަގޮތް ޚިޔާރުކުރީމެވެ. ޝަމްވީލް ބައެއްފަހަރަށް އަހަރެން ކުރާ ކަންކަމަށް އެއްޗެއް ބުންޏަސް އޭނަ ބަވާ ކުޑަކޮށްލަނީ ދެވަނަފަހަރަށް އެއްޗެއް ބުނަން ނުކެރޭވަރަށެވެ. މިކަމާ މަންމަމެން ހިތްހަމަނުޖެހުނަސް އަހަރެން ހުއްޓުވުމަކީ އެމީހުންނަށް ކުރެވޭވަރު ކަމަކަށް ނުވެއެވެ. އެއަށްވުރެ އަހަރެން މާ ބޯހަރީއެވެ.
ބައްޕައަށް ލިބިފައިއޮތް ބިންކޮޅުގައި ފަސްބުރީގެ ޢިމާރާތެއް ހަދާ ނިމުމާއިއެކު އަހަރެމެން އެގެއަށް ދިރިއުޅުން ބަދަލުކުރީއެވެ. މަންމައާއި ބައްޕަގެ ތިބި ތިން އަންހެންދަރިންނަށް ކޮންމެ ކުއްޖަކަށް ފްލޯއެއް ދިނުމަށްފަހު ދެންހުރި ދެފްލޯ ދިނީ ކުއްޔަށެވެ. ކޮންމެ ފްލޯއެއްގައި ދެ އެޕާރޓްމެންޓް ހުރުމުން އަހަރެންގެ ފްލޯއިން އެއް އެޕާރޓްމެންޓް އަހަރެން ދިނީ ކުއްޔަށެވެ. މަންމައާއި ބައްޕަ ބޭނުންވީ ދޮންތަގެ ކައިރީގައި އުޅޭށެވެ. އަހަންނަށް އެގޮތް މާ ބޮލަށް ފަސޭހަވިއެވެ.
އެކަނިން އުޅެންފެށުމުން ގޭތެރޭގެ މަސައްކަތްތައް ކުރަންޖެހުމަކީ އަހަންނަށް ބޮލުރިހުމެކެވެ. ނަމަވެސް އަހަރެން އެކަން ފަސޭހަކޮށްލީމެވެ. ކައްކައިގެން ކެއުމުގެ ބަދަލުގައި ކާއެއްޗެތި ގެންނަނީ ހޮޓަލުންނެވެ. ގޭތެރެ ތާޙިރުކުރަނީ ޝަމްވީލެވެ. އޭނާ ރަށުގައި ނެތިއްޔާ ޙަފްތާއަކު އެއްފަހަރު ނުވަތަ މަހަކު އެއްފަހަރު ބަންގާޅިއެއް ގެނެސްގެންނެވެ. ދެމަފިރިން ދޭތެރޭ މައްސަލަޖެހެންފެށީ އެހިސާބުންނެވެ. ޝަމްވީލުގެ ޝަކުވާއަކީ އެހާ ނުތާޙިރުކޮށް އުޅެންޏާ ބަލިތައް ފެތުރުން އަވަސްވާނެއެވެ. އަނެއްކޮޅުން ރަށްޓެއްސަކު ނުވަތަ ތިމާގެ މީހަކު އަޔަސް ލަދުގަންނަންޖެހޭ ވާހަކައެވެ. އަހަރެން ބުނަމެވެ. އަހަންނަކަށް ނުވާނެއެވެ. އުނދަގޫވާ މީހަކު ސާފުކުރާށެވެ. އެންމެފަހުން ޝަމްވީލު އޭނާގެ ނިންމުން ހާމަކުރިއެވެ. ރަނގަޅު ނުކޮށްފިނަމަ އަހަރެންނާއި ދުރަށްދާނެ ވާހަކައެވެ. އަހަރެން ދިމާލަށް ބުނަމެވެ. އަހަންނަށް ވަރިހަމައެވެ. އާއެކެވެ! އަހަންނަށް ހަމަ ކޮންމެގޮތެއް ވަރިހަމައީއެވެ.
އެންމެފަހުން ޝަމްވީލު އަހަރެން ދޫކޮށްލީއެވެ. އެއަށްފަހު އޭނާގެ އެއްވެސް ޚަބަރެއް ނުވެއެވެ. އެކަމާ އަހަރެން ހިތާމައެއް ނުކުރަމެވެ. އެގޮތް އަހަންނަށް މާ ބޮލަށް ފަސޭހައެވެ. އަހަރެން ބޭނުންގޮތަކަށް ދެން އުޅެވޭނެއެވެ. އަނެއްކާވެސް މިނިވަންވީއެވެ.
މަންމަ ނިޔާވީ އެދުވަސްވަރުއެވެ. ހަމަ ކުއްލިގޮތަކަށެވެ. އެއަށްފަހު ބައްޕަވެސް ވަރަށް ބަލިވެ އުޅުމަށްފަހު މި ފަނާވަނިވި ދުނިޔެއާއި އަލްވަދާއުކީއެވެ. އެއަށްފަހުވެސް ޢާއިލާގެ އެހެން މީހުންގެ އެހީތެރިކަން އަހަންނަށް ލިބުނެވެ. ގާތް ގުޅުމެއް ބާއްވަން މަސައްކަތްވެސް ކުރިއެވެ. ނަމަވެސް އަހަރެން އެމީހުންގެ ކައިރިއަކަށް ނުދަމެވެ. އެމީހުންގެ ޝަކުވާތައް އަޑުއަހަން ބޭނުންނެތީއެވެ. އަހަރެންގެ ދިރިއުޅުމަށް ފާޑުކިޔާތީ ފޫހިވަނީއެވެ.
އަހަރެންގެ ދަރިފުޅު ޝާނާވެސް އައީ ބޮޑުވަމުންނެވެ. ގޭގައި ކައްކާ އެއްޗިއްސަށްވުރެ ތައްޔާރީ ކާނާ ޝާނާއަށްވެސް މާ ކަމުދެއެވެ. އެއީ ހަމަ އަހަރެން ކަހަލަ ދަރިއެކެވެ. ސްކޫލަށް ދާންފެށިތާ ކުރީކޮޅު ގަޑިޖެހިގެން ގެންދާތީއާއި ނުގެންދާ ދުވަސްތައް ގިންވުމުން ޝަކުވާ ކުރިއަސް ފަހުން އެކަމެއްވެސް ނޯވެއެވެ. އުމުރުން ދިހަ އަހަރުގައި އެކަނި ސްކޫލަށްދާންފެށީ އަމިއްލައަށް ކިޔައިގެންނެވެ. އަހަރެން އަޅައެއް ނުލަމެވެ. ސްކޫލް މާ ދުރުނޫންވީމައެވެ. އަހަންނަށް ފަސޭހައެވެ. ޝާނާ ހުރިހާކަމެއް ކުރަނީ އަމިއްލައަށެވެ. ބުނެލާއިރަށް ބޭނުންވާވަރަށް ފައިސާ ދިނުމުން ނިމުނީއެވެ. އަހަރެން ކަމަކީ މެންދުރުން އެނބުރުމުން ނިދާ ހޭލައިގެން ސީރީޒްތައް ބެލުމެވެ. ރޭވެއްޖެއްޔާ ފިލްމަކަށް ނޫނީ ރެސްޓޯރެންޓްތަކަށް ކާންދިއުމެވެ. ރީތި ފިރިހެނުންގެ ތަންމަތި ފަޅުފިލުވާދިނުމެވެ. އެކަމަކު އަދިވެސް އަހަރެންގެ ދައްތަމެންގެ ދޫތައް މައިތިރިއެއްނުވެއެވެ. ފެންނަ ކޮންމެ ފަހަރަކު ތަކުރާރުކޮށް އެއްވާހަކައެކެވެ. އަހަރެންގެ އުޅުން އިސްލާޙުކުރުމަށެވެ. ދަރިފުޅު އެގޮތަށް ދޫކަށް ނުލުމަށެވެ. ވިޔާނުދާ ކުދިންނާއިއެކު ޝާނާ އުޅޭވާހަކަވެ. ނިވައިކަންކުޑަ ހެދުން ލާވާހަކައެވެ. ބޭނުންވަރަކަށް ފައިސާ ނުދޭށޭ ބުނާނެއެވެ. ސްކޫލަށްނުގޮސް އެހެންތަންތަނުން ފެންނަ ވާހަކަދައްކައެވެ. އަހަރެން އަޑު އިވޭކަމަކަށް ނަހަދަމެވެ.
އެއްދުވަހެއްގެ ހަވީރެވެ. ރައްޓެއްސަކާއިއެކު ސޮޕިންއަށް ދިއުމަށްފަހު ގެއަށް އައިސް ވަންވަގުތެވެ. ސޯފާގައި ޝާނާ އިންދާ ފެނުނެވެ. ނަމަވެސް ލިބިފައިވާ ވަރުބަލިކަމެއްގެ ސަބަބުން އަހަރެންގެ މިސްރާބުހުރީ ކޮޓަރިއާއި ދިމާއަށެވެ.
“މަންމާ! އަމް އަމް ޕްރެގްނެންޓް” އިވުނު އަޑުން އަހަރެންގެ އަތުގައި ހުރި ކޮތަޅުތައް ދޫވިއެވެ. އިރުކޮޅެއް ވަންދެން އެހުރިގޮތަށް ގަބުވެފައި ހުރެވުނީއެވެ. އެއަށްފަހު އަޑު އިވުނީ ރަނގަޅަށްތޯ ޔަޤީންކޮށްލުމަށް ކީކޭތޯ ސުވާލުކޮށްލީމެވެ. ޝާނާ ތަކުރާރުކޮށްލީ އެއް ވާހަކައެކެވެ. ފައިދަށުން ބިންގަނޑު ދެމިގަތްހެން ހީވިއެވެ. ކައިރީގައިހުރި ތަނބުގައި ހިފަހައްޓާލެވުނީ އަރިއަޅާލުމުންނެވެ.
އެއީ ކާކުގެ ދަރިއެއްތޯ ބަލާކަށް އަހަރެން ބޭނުމެއްނޫނެވެ. އަހަންނަށް ވިސްނުނު އެންމެ ރަނގަޅުގޮތަށް ކަންތައް ކުރުމަށް ދަރިފުޅަށް ލަފާދިނީމެވެ. ދުނިޔޭގެ ލަދުން ސަލާމަތް ވުމަށެވެ. އެކަން ނުކޮށްފިނަމަ ޝާނާ ސްކޫލުން ކަނޑާލެވޭނެއެވެ. އެވާހަކަ ފެތުރެން ނަގާނީ މަދު ސިކުންތުކޮޅެކެވެ. އެކަން އެހެން ވިޔަދީގެން ނުވާނެއެވެ. އަހަރެންގެ ރަޙްމަތްތެރިންގެ ވިހަގަދަ ދޫތަކުން ރައްކާތެރިވުމަށެވެ. އާއެކެވެ! އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅު އުމުރުން އެންމެ ބާރަ އަހަރުގައި ނަހަލާލަށް ވިހެއުމަކީ އެތަށް ބައެއްގެ މަލާމާތާއި ފުރައްސާރަ އަހަރެމެން ދެމައިންނަށް ރައްދުވާނެ ކަމެކެވެ. މުޅި ޢާއިލާ ފަޟީޙަތްވާނެއެވެ.
“ނޫން މަންމާ! އަހަރެން ބޭނުމެއްނޫން އަނެއްކާވެސް ފާފައެއް ކުރާކަށް. އަހަރެން ބޭނުމީ ތަޢުބާވާން. އަހަރެންގެ އުޅުން އިސްލާހުކޮށް މިދަރިފުޅު ހެޔޮގޮތުގައި ބަލާ ބޮޑުކުރަން“ ޝާނާގެ މޫނުމަތީ ޖަހަން ނެގި އަތް ތިރިކޮށްލީމެވެ. އަހަރެން ރުޅި އައިސްގެން ތުރުތުރު އަޅަންފެށިއެވެ. ޝާނާއާއި ދިމާއަށް ހިތަށް އައިހާ އެއްޗެއް ގޮވާލިއިރު އެދަރިފުޅުގެ ހިތުގައި އަޅަމުންދިޔަ ވޭނަކަށް ލޮލުގައިވީ ރިހުމަކަށް ބަލާވެސްނުލަމެވެ. އެއަށްވުރެ ބޮޑަށް އަހަރެން ހުރީ ރުޅިގަދަވެފައެވެ.
ޝާނާއަކީވެސް އަހަރެންފަދަ ބޯހަރު ގޮތްދޫނުކުރާ ކުއްޖެއްކަން އަހަންނަކަށް އޮޅިފައެއް ނުވެއެވެ. ނަމަވެސް އަހަރެން އެކި ގޮތްގޮތަށް ވިސްނާދިނީ އޭނާގެ ޚިޔާލު ބަދަލުކޮށްލެވޭތޯއެވެ. ބަނޑުގައިވާ ދަރިފުޅު އެބޯޓްކޮށްލަން އިންޑިޔާއަށް ދިއުމުން އެއްވެސް މީހަކަށް ނޭނގޭނެކަމަށް ބުނީމެވެ. ނަމަވެސް އޭނާގެ ޖަވާބު ބަދަލެއްނުވެއެވެ. “މާތް الله އަށް ސިއްރެއް ނުވާނެ މަންމާ! އަހަރެން އިތުރު ފާފައެއް ކުރަން މަންމަ ތި ބާރުއަޅަނީ ތިއީވެސް މަންމައެއްނުން.” އެންމެފަހުން ޝާނާ ބުނެލިއެވެ. އަހަރެން ވަގުތުން އަލަމާރީގައިހުރ ޝާނާގެ ހުރިހާ އަންނައުނެއް ފޮށްޓަށް އެޅުމަށްފަހު ދޮރުން ބޭރަށް ހޫރާލީމެވެ. އަދި ޝާނާގެ އަތުގައި ހިފައިގެން ގަދަކަމުން ނެރުނީމެވެ.
އެވަގުތަކީ ދޮންތައާއި ތިއްތަވެސް ބޭރުން އައިސް ގެއަށް ވަންވަގުތެވެ. ސިޑިން އަރައިގެން އައި ވަގުތު އިވުނު އަޑުން އަހަރެން އުޅޭ ފްލޯއަށް ދެމީހުން އައެވެ. ސުވާލުކުރުމުން ރުންކުރުގޮތަކަށް ގެއިން ނެރެފައޭ ބުނެ އަހަރެން ދޮރުލެއްޕީމެވެ. ދޮންތަ އޭނާގެ ގެއަށް ޝާނާ ގެންދިޔައީ ވަރަށް އާދޭސްކޮށްގެންނެވެ. އޭރުވެސް ޝާނާ ރޯއަޑު އިވެއެވެ. އެއަޑު ކެނޑެންދެން އަހަރެން ދޮރު ކައިރީގައި ހުރީމެވެ.
ކޮޓަރީގެ ދޮރު ލެއްޕުމާއިއެކު އަހަންނަށް ކުޑަކަކޫ މައްޗަށް ތިރިވެވިއްޖެއެވެ. މިވީ ކިހިނެތް ހެއްޔެވެ؟ މިއީ އަހަރެން އުންމީދުކޮށްގެންހުރި ގޮތެއް ނޫނެވެ. ދެން އަހަރެން ހަދާނީ ކިހިނެތް ހެއްޔެވެ؟
އަހަރެންގެ ދިރިއުޅުން ކާމިޔާބުކަމާއިމެދު ސުވާލު އުފެދުނެވެ. ފުރަތަމަ ފަހަރަށް ދިރިއުޅުމުގައި ކުރެވިފައިވާ ވިޔާނުދާ ކަންކަމާއި ދޭތެރޭ ވިސްނާލެވުނެވެ. އަހަރެން އުޅެމުންއައީ ބޭނުންވި ހުރިހާކަމެއް ފުދިގެންނެވެ. ޚަރާމެއް ހަލާލެއް ނުބަލައި ހިތުހުރިގޮތަކަށެވެ. ރަނގަޅުގޮތާއި ނުބައިގޮތް އޮޅުންފިލުވައިދޭނެ މީހުން ނެތިގެންނެއްނޫނެވެ. އެމީހުންދިން ނަޞޭޙަތަށް އަހަރެން ދިނީ ބީރު ކަންފަތެކެވެ.
އަހަރެންގެ ވިޔާނުދާ ދިރިއުޅުމުގެ ސަބަބުން އަހަރެންގެ ޢާއިލާ ގަންނާނެ ލަދު މިއަދު އަހަންނަށް ވިސްނެއެވެ. އަހަރެން ބަސްޤަބޫލުނުކޮށް މަންމަގެ އެދުމަށް ފުރަގަސްދިނުމުން އެމަންމަ ދެރަވާނެވަރު އިޙްސާސް ކުރެވިއްޖެއެވެ. އަހަންނާއި ދޭތެރޭ އަހަރެންގެ ޢާއިލާ އަޅާލާވަރު ލޯބިވާވަރު މިއަދު ތަސައްވަރު ކުރެވިއްޖެއެވެ. އާއެކެވެ! ދައްތަމެން އަބަދުވެސް އަހަރެންގެ ދިރިއުޅުމާބެހެއެވެ. ފާޑުކިޔައެވެ. އެއީ އެމީހުން އަހަންނާއި ދޭތެރޭ ވިސްނާތީއެވެ. އަހަންނަށް ރަނގަޅު ދިރިއުޅުމެއް ލިބެން ބޭނުންވާތީއެވެ. އެއީ ޚުލްޤުހެޔޮ މާތް ބައެކެވެ. އަހަރެންވެސް އެފަދަ ދީންވެރިބަޔަކަށް ނުވީ ކީއްވެހެއްޔެވެ؟
ހިތަށް އަރާ ފައިބަމުންދިޔަ ޚިޔާލުތަކުގެ ސަބަބުން އަހަންނަށް ރޮއިގަނެވުނެވެ. “އަހަންނަކީ ކުއްވެރިއެއް. ފާފަވެރިއެއް. الله އަހަންނަށް އަހަރެންގެ ކުށުގެ ޙައްޤު އަދަބު މި ދެއްވަނީ.” އަހަންނަށް ރޮއިގަންނަމުން ބުނެވުނެވެ. ވާނީވެސް އެހެންތާއެވެ. އަހަރެން اللهގެ ހަޟްރަތަށް ކުށްތަންވެ ސަޖިދައެއްޖެހި ދުވަހެއް ހަނދާނެއްނެތެވެ. ޤުރުއާން ފޮތަކުން އަކުރެއް ކިޔާކަށްވެސް މިހާރު އެނގޭނެހެން ހިޔެއްނުވެއެވެ. ކަށީގައި ހިފާފައިވަނީ އެންމެހާ ނުބައި އާދަތަކެވެ. ހެޔޮކަމެއް ކުރާނެ ގޮތެއްވެސް ސިކުނޑިއަކަށް ނައެވެ.
ބޭރުން ދޮންތަގެ އަޑު އިވުމުން ދޮރު ހުޅުވާލީމެވެ. ދޮންތަގެ ފެންކަޅިވެފައިވާ ލޮލުގައިވާ ރަތްކަން ދޮންތައަށް ހަޤީޤަތް އެނގުންކަމުގެ ހެއްކަކަށް ފުދެއެވެ. އަހަރެންގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ހިފަހައްޓާކަށް މަސައްކަތެއް ނުކުރަމެވެ. ކުއްލި ހަރަކާތަކާއިއެކު އަހަންނަށް ދޮންތަގެ ގައިގާ އޮޅުލައިގަނެވުނެވެ. ބާރަށް ރޮއިގަންނަމުން މިއީ އަހަރެންގެ ސަބަބުން ވީ ކަމެކޭ ބުނީމެވެ. ދޮންތަމެންގެ އަޑު ނޭހުމުން ވީގޮތޭ ބުނެ މާފަށް އެދުނީމެވެ. އަހަންނަކީ ވިޔާނުދާ މީހެކޭ ބަދުނަސީބު ވެރިއެކޭ ބުނެވުނެވެ.
ދޮންތަ އެދުވަހު އަހަންނަށް ވަރަށް ނަސޭޙަތް ދިނެވެ. ނުބައި ކަންތައްތައް ދޫކޮށްލާ ހެޔޮމަގަށް ރުޖޫޢަވުމަށް ބުންޏެވެ. މާތް الله އީ ގިނަގިނައިން ޢަފޫކޮށްދެއްވާ ރަސްކަލާނގެކަމާއި ކުރެވުނު ފާފަތަކަށް ތަޢުބާވެ އިތުރު ފާފައަކަށް އަރައި ނުގަތުމުގެ ޢަޒުމުގައި އާފެށުމަކުން ފެށުމަށް މަޝްވަރާދިނެވެ. އަހަރެން ދޮންތަގެ ހުރިހާ ވާހަކައަކަށް އިޖާބަދެމުން ގެންދިޔައީމެވެ. الله އަށް ބިރުވެތިވާ ހާލު އެކަލާނގެއަށް ތަޤްވާވެރިވާ އަޅެއްގެގޮތުގައި ޙަޔާތުގެ ބާކީ ދުވަސްތައް ވޭތުކުރުމަކީ މިހާރު އަހަރެންގެ ދިރިއުޅުމުގެ މަޤްސަދެވެ.
-ނިމުނީ-
8 Comments!
Comments are closed.
Varah ibraiytheri
Verry nice and have us all all a great lesson ??
vvv reethi…ehaame iburaiytheri…ma sha allah.?
varh reethi masha allah
?❤❤❤
Varah iburaiytheri ehaame nalakoh liyefaivaa vaahaka eh.. Shukuriyyaa
nice storyyy ☺?????
Hama fakkr v habu…