Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކައެހެނިހެންލޯބި

މާފުކުރާށޭ…

nizam Level 110 Stories
December 24, 2017 9 Mins Read
24 Comments

ރަށުތެރެޔަށް ވެރިވެފައިވަނީ ހަމަހިމޭން ކަމެވެ. ދެނަމާދު ދޭތެރެ ކަމުން މަގުމަތީގައި މީހުން ވެސް ވަރަށް މަދެވެ. ރަށުގެ ބޮޑު މަގު ހުރިގޮތަށް ހިނގަމުން އައި އަލާންގެ ފިޔަވަޅުތައް އަވަސް ވެފައި ވީއިރު އޭނަގެ މޫނުމަތިން ކަމަކާ ހިތްހަމަ ނުޖެހިފަ ހުރިކަން އެނގެއެވެ. އޭނަ ފެނުނު ކޮންމެ މީހަކަށް ވެސް އެކަން ފާހަގަ ކުރެވޭނެއެވެ.

“އެކަމެއްގެ ވަގުތުގައި އެކަމެއް ނުކުރެވޭ ގޮތްވަނީ ކީއްވެތަ؟ މިއީ ޤުރުޢާން ކިޔަވާގަޑި…. މިގަޑީގަ އިތުރު އެއްވެސް ކަމެއް ކޮށްގެންނުވާނެ…. ދޭ…. ޚަތިމް ހިފައިގެން އާދޭ. އައިސް މިތާނގައި މަށާއިއެކު ކިޔަވަން އިށީނދޭ.”

ކޮންމެ ރެއެއްގެވެސް އާދައިގެ މަތިން މިރޭވެސް ކޮއްކޮމެން ޤުރުޢާން ކިޔެވުމުގެ ބަދަލުގައި ފިލާވަޅު ހަދަން ފެށުމުން މަންމަ އަޑުލައިގަތެވެ.

ގެއަށް ވަނުމަށް އައިސް ދޮރުމަށްޗައް އެރިތަނާ މަންމަގެ އަޑު އިވުމުން ކުޑައިރުގެ ހަނދާންތައް އާވެގެން ދިޔައެވެ. ހަމަ އެމޭޒު ދޮށުގައި މީގެ އަހަރުތަކެއް ކުރިން އޭނައާއި ދޮންތަ ބައިންދައިގެން މަންމަ ޤުރުޢާން ކިޔަވައިދިނެވެ. އުމުރުން ވަކި ހިސާބަކަށް ދާންދެނެއް ނޫނެވެ.

އެކަމަކު ޤުރުޢާނުގެ އަކުރުތައް ދަސްވެ އެހީތެރިއަކާއިނުލާ ކިޔަވަން އެނގޭވަރު ވަންދެނެވެ. މިހާރުވެސް މަންމަ ދެނަމާދު ދޭތެރޭގައި ޤުރުޢާން ކިޔަވަން ހަނދާންކޮށްދެނީ ފޫހިކަމެއް ރުޅިވެރި ކަމެއް ނެތިއެވެ.

މަންމައާއި ބައްޕަގެ ހެޔޮލަފާ ރަނގަޅު ތަރުބިއްޔަތުގެ ތެރެއިން ބޮޑުވުމުގެ ސަބަބުން އަދިވެސް އަދި މިހާރު ވެސް ދޮންތަ އަކަށް ވެސް އަދި އަހަރެންނަކަށް ވެސް މަންމައާއި ބައްޕައަށް ވުރެ ބޮޑު ވާކަށް ނޭނގެއެވެ. އެމީހުންގެ ކައިރިން އަހާނުލާ އެމީހުންގެ ޚިޔާލާނުލާ އެއްވެސް ކަމެއް ނުކުރަމެވެ.

އަހަރެންނަށްވުރެ ތިންއަހަރު ބޮޑު ދޮންތަ މީހަކާއިނދެ ދެކުދިން ލިބުމާއި އެކުވެސް މިއަދުވެސް އަމިއްލަ ގޭގައި ހިނގާ އެންމެ ކުދި ކަންތައް ތަކުން ފެށިގެން އެންމެ ބޮޑެތި ކަންތައް ތަކަށް ދާންދެން ޚިޔާލު ހޯދަނީ މަންމައާއި މަޝްވަރާ ކޮށްގެންނެވެ. ދައްތަ މިގެއަށް ނާންނަ ދުވަހަކަށް އިރެއް ނާރާނެއެވެ.

ކޮންމެ ދުވަހަކުވެސް ކޮންމެވެސް ވަގުތުކޮޅެއް މަންމައާއި ކޮއްކޮމެނާއެކު ގޭގައި ހޭދަކޮށްލުމަކީ ދޮންތަ އާދަކޮށް ކުރާކަމެކެވެ. ބައްޕަ ވަޒީފާ އަދާ ކުރަނީ ރަށުން ބޭރުގައި ނަމަވެސް ރަށަށް އަތުވެއްޖެނަމަ އެދެން ދޮންތަ މިގެއަށް ބަދަލުވާން ވީއެވެ. ޚުދު އަހަރެންގެ ޚާލަކީވެސް މިއެވެ.

މީހަކާ އިނދެ ދަރިއަކު ލިބުމުންވެސް ކޮންމެ ރެއަކާއި ދުވާލަކުން ކޮންމެވެސް ވަގުތު ކޮޅެއް މަންމައާއިއެކު ހޭދަކޮށްނުލާ ހިތްހަމަޖެހުމެއް ނުލިބެއެވެ. ބައްޕަ ރަށަށް އަތުވެއްޖެނަމަ ގިނަ ވަގުތު ހޭދަ ކުރެވެނީ ބައްޕަގެ ސަކަލުގެ ފަހަތުގައެވެ.

“އައްސަލާމް ޢަލައިކުމް މަންމާ.”

މިއީވެސް ބަދަލު ނުވި އާދައެކެވެ. އަބަދުހެން ގެއަށް އަޔަސް ސަލާމް ގޮވާނުލާ ވަންނާކަށް ހަމަ ނުކުރެއެވެ. މަންމަ އައިނު ރަނގަޅުކޮށްލަމުން އަހަރެންނަށް ބަލައިލިއެވެ.

“އަހަ… ދަރިފުޅާ އަލާން… އާދޭ އިށީންނަން.” މަންމަ ކައިރީ ހުރި ގޮނޑި އެއް ދައްކާލަމުން މަންމަ އެދުނެއެވެ. އެވަގުތު އަހަރެން ގޮސް ގޮނޑީގައި އިށީނީމެވެ.

ކިތައްމެ ގިނައިން ފެނުނަސް ފެންނަ ކޮންމެ ފަހަރަކު ވެސް މަންމަގެ މޫނު މަތިން ފެންނަނީ އެއުފާވެރި ކަމާއި ހިތްހެޔޮކަމެވެ. އަހަރެންގެ އުމުރުން ފަންސަވީސް އަހަރު ވެގެން ދިޔައިރުވެސް މަންމައަކަށް އަހަރެން ބޮޑެއްނުވިއެވެ.

“ހާދަ ނުގަޑިއެއްގަ؟ މިރޭ މިސްކިތުގައި ކިޔަވަން ނީނދެ ތިއައީ އަނެއްކާ ކިހިނެއްވީ؟” އަހަރެންގެ ބުރަކަށީގައި ފިރުމާ ލަމުން މަންމަ ބުންޏެވެ.

މަންމައަށް އަހަރެންގެ މޫނު މަތިން ހާސްކަމުގެ ކުލަވަރު ފާހަގަ ވާކަށް މާގިނަ ވަގުތެއް ނުނެގިއެވެ. ދެނަމާދު ދޭތެރޭގައި ވަރަށް މުހިންމު ކަމެއް ދިމާވުމުން ނޫނީ އަހަރެން ގެއަށް ނާންނާނެކަން އަހަރެންގެ މަންމައަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެކަމަކު ކައިވެންޏަށް ފަސްއަހަރު ވެގެން ދިޔައިރު ވެސް އެކަން އަދިވެސް މިޝާ އަކަށް ނޭނގެއެވެ.

އަހަރެން ކޮންމެހެންވެސް މިގަޑީގައި މަންމައާ ބައްދަލު ކުރަން މިއައީ މަޖުބޫރު ވެގެންނެވެ. މިނޫން އިތުރު ގޮތެއް އަހަރެންނަށް ނެތީމައެވެ. އަޒާން އަށް ފަސްމަހަށް އޮއްވައި މިދިމާވި ކަމަކުން އަހަރެންގެ ހަމަޖެހުމާއި އުފާވެރިކަން ލޫޓު ވިއްޖެއެވެ. އެހެން ކަމުން މަންމަ ފިޔަވައި އެވާހަކަ ހިއްސާކޮށްލާނެ ރަނގަޅު އިތުރު އެހެން ދެވަނަ މީހަކު އަހަރެންނަށް ނުފެނުނީމައެވެ.

މިޝާ އަކީ ރަނގަޅު އުޅުމެއް ހުރި އަންހެނެއްނޫނެވެ. މިޝާ އާ އިނދެގެން އަހަރެންގެ ދިރިއުޅުން އުޖާލާ ނުވާނެހެން މަންމައަށް ވެސް ހީވީ ކަންނޭނގެއެވެ.

“އެންމެ ރަނގަޅު ދަރިފުޅު ތިހާ ބޭނުން ކަމަކަށް ވާނަމަ މަންމަ ތިކަމަކަށް ހުރަހެއް ނާޅާނަން”

އަޚަރެންގެ ޚަޔާތުގައި އަހަރެންނަށް މަންމަގެ ފަރާތުން އެހާ ބޮޑަށް ރުހުމެއް ނުލިބި މިކަހަލަ ގޮތަކަށް ކަމަކަށް އެއްބަސް ވެގެން އަހަރެން ކުރި ހަމައެކަނި ކަމަކީ މިޝާ އާ ކައިވެނި ކުރުމެވެ.

އެކަމުގެ ސަބަބުން އަހަރެންގެ ދިރިއުޅުން ވެސް މިދަނީ ދުވަހަކަށް ފަހު ދުވަހެއް ހަލާކު ވަމުންނެވެ. އަހަރެން ހީކުރީ އަހަރެން މިޝާ އާ އިނުމުން އޭނަގެ އެހުރިހާ ކަމެއް ބަދަލުވާނެ ކަމަށެވެ. އެކަމަކު އެހެނެއް ވެސް ނުވިއެވެ.

މިޝާ އަކީ ބަލައިލަން ރީތި އަންހެނެކެވެ. އެކަމަކު މާ އަވަހަށް ރުޅި އައުމާއި ބޮޑާކަމެއް ހުރެއެވެ. ކޮންމެވެސް ވަރަކަށް ގެވެހިކަން ހުއްޓަކަސް މާބޮޑު ފަރުވާލެއް އެއިން އެއްވެސް ކަމަކަށް ނުބަހައްޓައެވެ. އެކަންތައް ފާހަގަ ކުރެވުނީ ރައްޓެހިވެގެން އުޅުނު ދެމަސް ދުވަހުގެ ތެރޭގައެއް ނޫނެވެ.

ކައިވެންޏަށް ފަހު މވީ ފަސްއަހަރު ދުވަހުގެ ތެރޭގައެވެ. އެންމެ ފަހުން މިއަދު ހަވީރު އަހަރެންނާއި މިޝާ އާ ދެމެދު އެހެންޏާ ނުހިނގާ ފަދަ ވަރުގަދަ ކޯޅުމެއް ހިނގީއެވެ. ކޮންމެ މަހަކުވެސް މިކޯޅުމެއް ހިނގައެވެ. އެކަމަކު މިއަދު ވީގޮތަށް އެއްވެސް ދުވަހަކު ނުވެއެވެ.

މަހު މުސާރަ ނަގައިގެން ގެއަށް އަންނަ ކޮންމެ ދުވަހަކު މިޝާ ކޮންމެވެސް ޝަކުވާއެއް ލާރިއާއި ހެދި ކުރާނެއެވެ. އެކަމަކު މިއަދު އެކަންތައް ހައްދުފަހަނަ އަޅައި ދިޔައީއެވެ. ކޮންމެ މަހަކުވެސް އަހަރެން މިޝާ އާއި އަޒާންއަށް ކުރަން ޖެހޭ ޚަރަދު ތަކަށް ވަކިވަކިން ގުނާފައި ހާހެއްހާ ރުފިޔާ މިޝާގެ އަތަށް ދެމެވެ.

އެލާރިން އެއްވެސް އެހެން ކަމެއް ނުކޮށް ހަމައެކަނި އަޒާންގެ ކަންތަކާއި އަދި މިޝާގެ ކުދިކުދި ޚަރަދު ތަކަށް ހޭދަ ވާނެހެން އަހަރެން އެހެނިހެން ހުރިހާ ކަމެއް ބަލަހައްޓަމެވެ.

ގެއަށް ބޭނުންވާ ކާޑުގެ ބާވަތް ތަކުން ފެށިގެން ލައިގެން ކާނެ އެއްޗިއްސަށް ދާންދެން ހޯދައިދެނީ ޚަލައިލު ގޮތުގައި އަހަރެން މަސައްކަތް ކޮށްގެން ހޯދައި ލާރިންނެވެ. އެތައް ދަލެއް އޮހުރުވައިގެން އަހަރެންގެ އަމިއްލަ ޖީބުން ޚަރަދު ކޮށްގެންނެވެ.

އެކަމަކު މިޝާ އަކީ އަބަދުވެސް ދުނިޔޭގެ ޒީނަތާއި އަރާމަށް މާލޯބި ކުރާމީހެކެވެ. އަހަރެންގެ ގޭގައި އަހަރެންގެ މަންމަމެންނާއިއެކު ނޫޅެ އަމިއްލަ ގޭގައި ދިރިއުޅެން ނިންމީވެސް އެހެން ވެގެންނެވެ. އަހަރެންގެ މަންމަމެން ކައިރީ އުޅެގެން އޭނަ ބޭނުން ގޮތަކަށް ނޫޅެވިދާނެތީ ވެސް ކަންނޭނގެއެވެ.

މިޝާ އަކީ މިޝާ މަންމަގެ ދޮންކަނބުލޮއެވެ. އެހެން ދަރިޔަކު ނެތުމުން މައިދައިތަ މިޝާ ގެންގުޅެނީ ލޮލުގެ ކޮއި ފަދައިންނެވެ. ކިތައްމެ ގޯސްކަމެއް ކުރިޔަސް އަދި ކިތައްމެ ގޯސްކޮން އުޅުނަސް މައިދައިތަޔަށް އެއީ އެއްވެސް ކަމަކަށް ނުވެއެވެ.

ތިމާގެ ދަރި ތިމާޔަށް ދޮންފުތުވާނޭ ބުނާ އުސޫލުން މައިދައިތަޔަށް ވެސް އޭނަކުރާ ގޯސް އެއްވެސް ކަމެއް ނުފެނެއެވެ. ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެއޭ ބުނަނީ ވެސް މިހެންވެ ކަންނޭނގެއެވެ. އެގޮތުން މައިދައިތަގެ އެކަނު ލޯބީގެ ސަބަބުން މިޝާ އަށް އެއްވެސް ރީތި ސިފައެއް ދަސްވެފައެއް ވެސް ނުވެއެވެ

ކޮންމެ މަހަކުދޭ އެންހާސް ރުފިޔާގެ ބަދަލުގައި މިއަދު ދެހާސް ފައްސަތޭކަ ރުފިޔާ ދިނުމަށް ފުރަތަމަ މިޝާ ބުނީ މަޖާ ވެފައި ހުރެއެވެ. އަހަރެން އެއީ ކީއްކުރަންހޭ އެހުމުން މިޝާ ހިތްހަމަ ނުޖެހުނީއެވެ.

ދެން މަޑު މަޑުން މިޝާ ރުޅި ގަދަ ވަމުން ވަމުން ގޮސް ކޮންމެ މަހަކު އަހަރެން، އަހަރެންގެ ބޭންކު އެކައުންޓަށް ޖަމާ ކުރާ ތިންހާސް ރުފިޔާއަކީ ކާކަށް ކީއް ކޮށްދޭން ރައްކާކުރާ ލާރިއެއްހޭ ކިޔައި ޒުވާބު ކޮށްގަތެއެވެ.

އެއީ އަހަރެން މަންމަ ހައްޖަށް ފޮނުވަން ކަމަށް ބުނުމުން މިޝާ ބުއްރާސް ޕަރީ އެއްހެން ފުފިގަތީއެވެ. ކޮންމެ މަހަކު އެވަރަށް ބޭންކަށް ލައިގެން އަހަރު ތަކެއްގެ ޚަރަދުކޮށްގެން ކަލޭގެ މަންމަ ހައްޖައް ފޮނުވީމާ ކަލޭގެ ދަރީންގެ މުސްތަޤުބަލަށް ލާރި އެއްކުރާނީ ކަލޭ ތިބުނާ ކަލޭގެ މަންމަހޭ ބުނުމުން އެހިސާބުން ދެން އަހަރެންނަށް ހިމޭނަކުން ނުހުރެވުނެވެ. އަހަރެންނަށް އަތް އިސްކުރަން އެވަގުތު މަޖުބޫރު ވީއެވެ.

ޕަސްލާފައި ޖެހީ މިޝާގެ އަނގަމަތީގައެވެ. ވާނީވެސް އެހެންނެވެ. އެއްވެސް މީހަކު އަހަރެންގެ މައިންބަފައިންނާ ދިމާއަށް ޚާއްސަކޮން މަންމައާ ދިމާލަށް އެއްވެސް ކަހަލަ އަދި އެފަދަ ދަށު ދަރަޖައިގެ ބަހެއް ބުނާ އަޑު އަހާކަށް އަހަރެންނަކަށް ކުޅަދާނައެއް ނޫނެވެ.

އަމުދުން އަހަރެންގެ އަންބެއްގެ މަޤާމުގައި ހުރި މީހެއްގެ ދުލުން މަންމައަށް ކުޑަމީސް ބަހެއް ބުނުމަކީ އަހަރެންނަށް އެއްގޮތަކަށް ވެސް ކެތްވާނެ ކަމެއް ނޫނެވެ. މައިންބަފައިންނަކީ ކިހާ މާތް ބައެއްކަން މިޝާ އަށް ނޭނގުނަސް އެއީ ކިހާ މާތް ބައެއްކަން އަހަރެންނަށް އެނގެއެވެ.

އެވަގުތު މިޝާ ކަމަށްވުރެ އަޑުގަދަ ކޮށްލިއެވެ. ތިމާޔަށް ކިޔުނު އެއްޗަކާއި ތިމާޔަށް އުޅެވުނު ގޮތްވެސް ނޭނގެއެވެ. ބަފާބެއާއި މައިދައިތަ ދޮރުގައި ޓަކިޖަހަން ފެށީ މިޝާ ހަޅޭއްލަވައި ރޯ އަޑަށެވެ.

އަހަރެން ދޮރު ހުލުވާލުމާއިއެކު މިޝާ ގޮސް މައިދައިތަގެ ގައިގައި ހިފައިގަނެގެން ޅަވެގަތެވެ. އަދި ބާރަށް އަޑުވީއްލައި ރޯންފެށިއެވެ.

“އަހަރެންގެ ގައިގާ ތަޅާ އަނިޔާ ކުރަނީއޭ ދެނެއް އަލާންއާ އެކީ އުޅޭކަށް ބޭނުމެއް ނޫނޭ އަހަރެން ވަރިކޮށްފަ ދަރިފުޅު ގޮވައިގެން މިގެއިންދާށޭ” ކިޔައި ކުކުރައިގަތެވެ.

މިޝާ އެހުރިހާ އެއްޗެއް ކިޔައި އެމީހުންގެ ކުރިމަތީ އަހަރެންގެ އަގު އެހާ ދައްކޮށްލި އިރުވެސް އަހަރެން ހިމޭނުން ހުރީ އަހަރެންގެ ދިފާޢުގައި ބުނާނެއެއްޗެއް ނޭނގިގެނެއް ނޫނެވެ. ނަމަވެސް މަޑު މައިތިރިކަން އަހަރެން އެވަގުތު ޙިޔާރު ކުރީ އެމީހުންނަށް ކުރާ އިޚުތިރާމެއްގެ ބޮޑު ކަމުންނެވެ.

އެކަމަކު އެކަމުން ވެސް އަހަރެންނަކަށް ރީތި ނަމެއް ނުލިބުނެވެ. ކަންތައް ހިނގައި ދިޔަގޮތް ނޭނގުނު ނަމަވެސް މައިދައިތައާއި ބަފާބެ ވެސް ތިބީ މިޝާ ކޮޅަށް ހިފާފައެވެ. އަދި އެމީހުންނަށް ވެސް ގޯސްވީ އަހަރެންނެވެ.

އެވަގުތު އަހަރެން މިޝާދެކެ ކިތައްމެ ރުޅި އައި ނަމަވެސް އަހަރެންގެ ޒަމީރު އަހަރެންނަށް ވިސްނައި ދިނީ އެކޯޅުން ގަނޑުގެ ތެރެއިން ސަލާމަތް ވުމަށްޓަކައި އަވަހަށް ގެއިން ނުކުތުމަށެވެ.

އެއީ އެހެންނޫނީ އަހަރެންގެ އަތުން ފައިން ގޯހެއް ހެދިދާނެތީއެވެ. އެހެން ކަމުން އަހަރެން ރުޅި ކޮންޓުރޯލް ކުރަމުން އަވަސް އަވަހަށް ގެއިން ނުކުތީމެވެ. އޭރު މަޣުރިބު ނަމާދު ބަންގި ގޮވަނީއެވެ. ނަމާދުން ފޭބިގޮތަށް އަހަރެން މިއައީ އެކަމާ މަންމައާ މަޝްވަރާކޮށްލާށެވެ.

މަންމަ ނަސޭޚަތް ދިނީ މިޝާއަށް އަދިވެސް ވިސްނައި ދިނުމަށެވެ. ދަރިފުޅަށް ބޭނުންވާނީ ހަމައެކަނި މަންމައެއް ނޫނީ ހަމައެކަނި ބައްޕައެއް ނޫންކަމުގައެވެ.

މަންމަޔާ ވާހަކަ ދައްކަން އެހެން އިންދާ ގޭ ދޮރުގައި މީހަކު ޓަކި ޖަހައިލި އަޑަށް ދޮރާދިމާއަށް މަންމައަށާއި އަހަރެންނަށް އެއްފަހަރަކާ ބަލައިލެވުނެވެ.

އެވަގުތު ފެނުނީ އަޒާން އުރާލައިގެން ގޭތެރެޔަށް ވަދެގެން އައި މިޝާއެވެ.

“އަލާން ހީކުރީ އަހަރެންނަށް ހަދާނެ ގޮތެއް ނޭނގޭނެ ކަމަށްތަ؟ އަހަރެން މިއައީ އަޒާން ކަލެއާ ހަވާލު ކުރަން… އެންމެ ބާވީސް އަހަރުގައި އަހަރެން ޅަދަރިމައި ވާކަށް ބޭނުމެއްނޫން… މިއީ ކަލޭ ބޭނުން ވެގެން ހޯދި ދަރިއެއް… އަހަރެން ބޭނުން ވެގެން ހޯދި ދަރިއެއްނޫން… އަދި އަހަރެން ވަރި ކޮށްފަ ދާށޭބުނީމަ ވަރި ނުކޮށް ތިއައީ ކަލޭގެ ރަނގަޅުކަން ދަށްކަންތަ؟ ނޫނީ ކަލެޔަށް މާމޮޅު ތަކެއްވާނެ ކަމަށްތަ؟ އެހެން ހީނުކުރައްޗޭ. ބަލަން ހުންނާތި މާދަމާ ވަރި އަށް އެދި ކޯޓަށް ވެސް ހުށަހަޅާނަން.”

އެހެން ބުނެފައި ދަރިފުޅު ރޮއެރޮއެ އޮއްވައި އަހަރެންގެ އުނގަށް ދަރިފުޅު ޖަހާފަ ކުދި ކިޔަމުން މިޝާ ނިކުމެގެން ދިޔައެވެ. އަހަރެންނަށް އިނދެވުނީ މިޝާދިޔަ ދިމާއަށް ބަލަހައްޓައިގެން ހަދާނެ ގޮތެއް އަދި ބުނާނެ އެއްޗެއް ވެސް ނޭނގި ބަސްހުއްޓިފައެވެ.

ސިހުމެއް ލިބުނީ މަންމަ ގޮވައިލި އަޑަށެވެ. އަޒާން ރޯކަން ވެސް އެނގުނީދެނެވެ.

“އަޅާނުލާ… މިޝާ އަދި އަންނާނެ… އެއްވެސް މަޔަކަށް ދަރިއަކު ދޫކޮށްލައިފަ އަމުދުން ކިރުބޯ ޅަދަރިއަކު ދޫކޮށްލައިފަ ގޮސް ދުރުގައި ހުންނާކަށް ފަސޭހައެއް ނުވާނެ.” މަންމަގެ ތަޖުރިބައިގާ ބުންޏެވެ.

މަންމަ ހުރީ ހަމަޖެހިފައެވެ. އަދި އަހަރެންގެ އުނގުގައި އިން އަޒާން ނަގައި އުރާލައި ހުއްޓައިލެއްވުމަށްފަހު އަޒާން ގޮވައިގެން އެތެރެޔަށް ދަމުން މަންމަ އަހަރެންނަށް ހިތްވަރުދިނެވެ.

އެވަގުތު އިޝާ ނަމާދަށް ގޮވަން ފެށުމުން އަހަރެން ނަމާދަށް ދިއުމަށް ގެއިން ނުކުތީމެވެ. މިސްކިތަށް ދިޔަ މަގުމަތީގައި އަހަރެންގެ ހަނދާނަށް އަންނަމުން ދިޔައީ މާޒީގެ އެކި ދުވަސްތަކެވެ.

އަހަރެންގެ އުމުރުން އޭރު ފަނަރަ އަހަރެވެ. ބައްޕަ ރަށަށް އައިސް އުޅޭތީ އެދުވަހު ދިހަ އަހަރުގެ މާޒިންއާ އަށްއަހަރުގެ ރައިހާ ކުސްޖެހީ އެމީހުން ގޮވައިގެން މޫދަށް ދިއުމަށެވެ.

“ތިވަރު ނުވިޔަސް ގެންދާނަމޭ… ދަރިފުޅުމެން ނުގެންގޮސް ދެން ބައްޕަ ގެންދާނީ ވަކި ކޮންބައެއް؟” ބައްޕަ ހީލާފައ ބުންޏެވެ.

އޭރު މަންމަ އިނީ ކޮންމެވެސް އެއްޗެއް ފަހާށެވެ. އެއީ އަހަރެން ސުކޫލުގައި ޖެހުނު މައްސަލައެއްގައި ހިތުގައިޖެހި ރޮވިފައި ހުރެގެން ގެއަށް އައިސް ވަންވަގުތެވެ. ކުލާސް ކުއްޖަކު އަހަރެންގެ ބޫޓު ބާވެފައި ހުރުމުންނާއި ގެންގުޅޭ ފޮތްތައް އާނުވުމުން މަލާމަތްކޮށް ރޮއްވާލީއެވެ.

“ފޮތްތައް އާނުވިޔަސް ބޫޓު އާނުވިޔަސް ބައްޕަގެ އަލާން އަކީ ނުލާހިކު ބަސްއަހާ މޮޅު ކުއްޖެއް… އަޅާނުލައި… އެއީ އެއްވެސް ކަމެއް ނޫން.” އަހަރެންގެ ބުރަކަށީގައި ފިރުމާލަމުން ބައްޕަ ބުންޏެވެ.

“އަބަދުވެސް މަންމަ ބުނަމެއްނު މީހަކު މޮޅުވަނީ ލައިގެން ހުންނަ ހެދުމަކުން އަދި އަރައިގެން ހުންނަ ފައިވާނަކުން ވެސް ނޫނޭ… އެމީހާގެ އީމާންތެރިކަން ހަރުދަނާ ވީވަރަކަށް އެވާނީ މޮޅު މީހަކަށް… ކާމިޔާބު ވާނީވެސް ހިތުނިޔަތް ރަނގަޅު ވެގެން.” ބައްޕަގެ ވާހަކަޔާ ވިއްދާ އަހަރެންނަށް ހިތްވަރު ދެމުން އެވަގުތު މަންމަ ވެސް ބުނެލިއެވެ.

ތެދެކެވެ. ބާބޫޓަކަށް އަރައިގެން ބާޔުނީފޯމެއް ލައިގެން ދޮންތަ ކިޔަވާފަ ހުރި ފޮތްތައް ހިފައިގެން ކިޔަވަން ދިޔަނަމަވެސް އަހަރެން ސުކޫލް ނިންމައިލީ ފަޚުރުވެރި އެއްވަނަޔާއި އެކުގައެވެ. ވަޒީފާއެއް ލިބުނީ ކިޔެވި ކިޔެވުމާއި އެކަށީގެންވާ ގޮތުގެ މަތިންނެވެ.

އެގޮތުން މިހާރު އަހަރެންނަކީ މަހަކު ބާރަ ހާހަށްވުރެ މަތީ މުސާރައެއް ލިބޭ ރަށުގައި އެންމެ ކާމިޔާބު މީހުންގެ ތެރޭގައި ހިމެނޭ އެކަކެވެ. ކަންމިހެން އޮތްއިރުގައި މިއަދުވެސް އަހަރެން އެންމެ ލޯބިވާ މަންމަގެ ވަގުތުތައް ރެޔާދުވާލު ހޭބޯނާރާ އެހޭދަކޮށްލަނީ ކޮއްކޮމެންގެ މުސްތަޤުބަލަށްޓަކައެވެ.

ހަމައެހެންމެ ބައްޕަގެ އަގުހުރި ވަގުތުތައް ހޭދަކޮށްލަނީ ކޮއްކޮމެންނަށް އުޖާލާ ރަނގަޅު ކުރިމަގެއް ހޯދައިދިނުމަށްޓަކައި އެއްވެސް ވަރުބަލި ކަމެއްނެތި ފައިސާ ހޯދުމުގެ ބުރަމަސައްކަތުގައެވެ.

އަހަރަކު އެއްފަހަރު ނޫނީ ދެފަހަރު ނޫނީ މަންމައާއި ބައްޕަ ބައްދަލެއް ނުވެއެވެ. ބައްޕަ ވަޒީފާ އަދާކުރަނީ އުތުރުގެ ރިސޯޓެއްގައެވެ. އަހަރެމެން އުޅެނީ ޏ.އަތޮޅުގައެވެ. ކުރީގައި ފޯނެއް ނުހުރެއެވެ. ސިޓީއަކުން ނޫނީ ޚާލު އަޚުވާލު ވެސް އެނގޭކަށް ނޯވެއެވެ.

ނަމަވެސް ދާދިފަހުން ގޭގައި ފޯނުވެސް ލައިފިއެވެ. މިހާރު ބައްޕަ ކޮންމެ ދުވަހަކު މަދުވެގެން އެއްފަހަރު ކަހަލަ ގޮތަކަށް ގެއަށް ގުޅައެވެ. އެކަމަކު އަދިވެސް ބައްޕައަށް ރަށަށް އާދެވެނީ ކުރިއެކޭވެސް އެއްގޮތަށް އަހަރަކު އެއްފަހަރު ނޫނީ ދެފަހަރު ކަހަލަ ގޮތަކަށެވެ.

މަންމައާއި ބައްޕަގެ އުމުރުން ދުވަހަކަށް ފަހު ދުވަހެއް ފާއިތުވަމުން ގޮސް މިހާރު މަންމައާއި ބައްޕަގެ އުމުރުން ދުވަސްވެ ދެމީހުންގެ ގައިން ބާރުކެނޑި މުސްކުޅިވަނީއެވެ. ކަޅުކުލައިގެ އިސްތަށި ގަނޑުގައި ހުދުކުލަ ޖެހި ބޯ އެއްކޮން ހުދުވެއްޖެއެވެ.

އެހެންނަމަވެސް މިހާދުވަސް ވީއިރުވެސް އަދިވެސް މަންމަޔަށާއި ބައްޕައަށް ދީނާއި ދަރިންނަށްވުރެ މުހިންމު އެހެން އެއްވެސް އެއްޗެއް ނެތެވެ.

މަންމަގެ އެންމެ ބޮޑު ހުވަފެނަކީ ހައްޖައް ދިއުން ކަމުގައިވިޔަސް އޭގެ ކުރީގައި މާޒިންއަށާއި ރައިހާއަށް ރަނގަޅު ތަޢުލީމެއް ހޯދައި ދިނުމަކީ މަންމަގެވެސް އަދި ބައްޕަގެވެސް އެންމެ ބޮޑު އުއްމީދެވެ.

އަހަރެންނަށާއި ދޮންތައަށް ލިބުނުފަދަ ރަނގަޅު ވަޒީފާއެއް ލިބުމަށްޓަކައި އެކުދިންނަށްވެސް އެދެވޭ ތަޢުލީމެއް ހޯދައިދޭން މަންމަމެން މަސައްކަތް ކުރެއެވެ.

މަންމަމެންނާއިއެކު އަހަރެން އުޅެބޮޑުވި ގެއަކީ އަދިވެސް ވަރަށް އާދައިގެ ކުޑަކުޑަ ގެއެކެވެ. އިއްޔެއާއި ޖެހެންދެން މަންމަ ކައްކައި އުޅުނީ ގޭހަކުން ނޫނެއެވެ. ނަމަވެސް އެކަމުގައި ވެސް މަންމަ އުފުލި ތަކުލީފު ތަކަކީ އަހަރެމެންނަށްޓަކައި މަންމަވީ މަތިވެރި ޤުރުބާނީއެއް ކަމުގައި މިއަދު އަހަރެން ޤަބޫލު ކުރަމެވެ.

އެގޮތުން މިހާރު އަހަރެން މަސައްކަތް ކުރަމުން މިދަނީ މަންމައަށް ތަންކޮޅެއް އަރާމުގައި ދިރިއުޅެވޭނެ ގޮތަކަށް ގެއާއި ގޭގެ ކަން ތައްތައް ހަމަޖެއްސޭތޯއެވެ. އަދި ދޮންތައާއި އަހަރެން މަސައްކަތް މިކުރަނީ މަންމައާއި ބައްޕަ ހައްޖަށް ފޮނުވޭތޯއެވެ. މިކަމުގައި ޅިޔަންބެގެ އެހީތެރިކަންވެސް ވަރަށް ބޮޑަށް ލިބެއެވެ.

މިޝާ ވެސް އަހަރެންގެ މިހުވަފެން ސީދާކޮށްދިނުމަށް އެހީވާނެނަމަ ކޮންފަދަ ހެއްޔެއެވެ؟ މަންމައަކީ އަހަރެމެންނަށްޓަކައި ކިހާވަރެއްގެ މީހެއްކަން ހުދު އަހަރެން މިޝާއަށް ވިސްނައިދީދީ މިހާރު އަހަރެން ވަރުބަލި ވެއްޖެއެވެ. އެކަމަކު އެއީ ކިހާވަރެއްގެ މީހެއްކަން މިޝާއަށް އަދިވެސް ނުވިސްނެއެވެ.

ގައިމު މިޝާ އަކީވެސް މިހާރު މަންމައެކެވެ. ދަރިފުޅުގެ ހައްޤުގައިވެސް ރޭގަނޑު ހޭލާ އިންނަންޖެހޭ ވަގުތު ތަކުގައި ކުރެވޭ އިޚުސާސާއި ރޭގަނޑުގެ ވަރުބަލި ކަމާއިއެކުވެސް ދުވާލުގެ ވަގުތު ތަކުގައި ދަރިފުޅަށްޓަކައި ކުރަންޖެހޭ މަސައްކަތާއި އުފުލަންޖެހޭ ބުރަ މިޝާއަށް ހަމަ ނޭނގެނީބާއެވެ؟

ފުރަތަމަ ބަލިވެ އިންކަން އެނގުނު ދުވަހު މިޝާ އެކަމާ ވަރަށް ދެކޮޅު ހެދިއެވެ. ދަރިއަކު ހޯދަން އަދި އަހަރެން ބޭނުން ނޫން ކަމުގައި ބުނެ އެކި އެކި ބަހަނާ ދައްކައިގެން ދަރި ވައްޓާލަން ވެސް އުޅުނެއެވެ. ނަމަވެސް އަހަރެން އެކަމާ ދެކޮޅު ހެދުމުން އޭނައަށް އެކަމުގައި އިތުރު ގޮތެއް ނެތުނީއެވެ.

އޭގެ ނުވަމަހާ ނުވަދުވަސް ފަހުން ވިހަން ވުމުން މިޝާ ބާރަށްރުޔެއެވެ. އެހެނަސް އެތުއްތު ދަރިފުޅުގެ މޫނު ފެނުމުން ކުރިން ރުޅިއައި ނަމަވެސް މިޝާ އެއިން އެއްވެސް ކަމެއް ހަނދާނެއް ނެތެވެ.

ވީއިރު މަންމައަކީ ކިހާވަރެއްގެ ކިހާ މަތީ ދަރަޖައެއް ދޭންޖެހޭ މީހެއްކަން އަދި މަންމައަށް ދަރިއަކު ކުރަންޖެހޭ އިޚުތިރާމް މިޝާއަށް ނޭނގެންވީ ހަމަ އެއްވެސް ސަބަބެއް ނެތެވެ.

މިސްކިތަށް ވަންނަމުން އަހަރެން ގޮތެއް ނިންމީމެވެ. އެނބުރި ގެޔަށްދާއިރު މިޝާ ގޭގައި ނެތްނަމަ ދެން އިތުރަށް މިޝާއަށް ވިސްނައިދިނުމުގެ ބޭކާރު މަސައްކަތް އަހަރެން ނުކުރުމަށެވެ.

އެހިސާބުން އަހަރެން މިޝާއާއި މިޝާގެ މިނިވަން ދިރިއުޅުމަށް ފުރުސަތު ދީފައި އަޒާންގެ ދިރިއުޅުން އުޖާލާ ކުރުމަށްޓަކައި ހުދު އަހަރެން މަސައްކަތް ކުރުމަށެވެ. ކެތްކުރެވޭނީވެސް ވަކި ވަރަކަށެވެ.

އެނބުރި ގެއަށް އައި މަގުމަތީގަވެސް ތަފާތު އެކި ޚިޔާލުތައް އަހަރެންގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. މަންމަ އަހަރެންނާއި ދޮންތައާއި ކޮއްކޮމެނަށްޓަކައި އުފުލައި ބުރައާއި ވަމުންދާ ޤުރުބާނީ ތަސައްވަރު ކުރެވޭ ކޮންމެ ފަހަރަކު އަހަރެން ދެރަވެ ފިނިވެއެވެ.

ފަހަރެއްގައި މަންމަގެ ހިތުގައި ޖެއްސިފައި ނެތްބާއެވެ؟ ބައްޕައަށް ހިތަން ޖެހޭވަރަށް ކަމޭހިތޭބާއެވެ؟ އެދެމީހުންނަށް އަޅާލެވޭ ބާއެވެ. އެމީހުން ނިމިދަނީ އަހަރެމެންނަށްޓަކައެވެ. އަހަރެންގެ ފަރާތުން އެދެވޭ ބަދަލެއް އެދެމީހުންނަށް ދެވުނުބާއެވެ؟

އަހަރެންނަކީވެސް މީހަކާ އިނދެގެން އުޅޭ ފިރެހެނެކެވެ. މިހާރު ދަރިއެއްގެ ބައްޕަ އެއްވެސްމެއެވެ. އަނބިމީހައާއި ދުރުގައި އުޅެން ޖެހިއްޖެނަމަ ވާނެގޮތެއްވެސް ހަމަ އެއްގޮތަކަށް ވެސް އަހަރެންނަކަށް ނޭނގެއެވެ.

އެކަމަކު މަންމައާއި ބައްޕަގެ ޒަވާޖީ ޚަޔާތް ދެމިގެން އެދަނީ ތެދުވެރިކަމާއި ވަފާތެރިކަމުގައި އެމީހުންނާ ހަވާލު ކުރެވިފައިވާ އަމާނާތެއްގެ ގޮތުގައިބަލާ ބޮޑުކުރަމަށް ދެއްވާފައިތިބި ދަރިންގެ ޚިދުމަތުގައި ވަގުތުތައް ހޭދަކުރުމަށްޓަކައި އެކަކު އަނެއްކަކާއި އެތަކެއް މޭލު ދުރުގައި ދުނިޔެ އަށް ނަމޫނާ އެއްގެ ގޮތުގައި ތިބެއެވެ.

ޚަޤީޤަތުގައިވެސް އަހަރެން މަންމައާއި ބައްޕައަށްޓަކައި ވަރަށް ފަޚުރުވެރިވަމެވެ. އަދި އަހަރެން އަބަދުވެސް އެންމެ އިސްކަމެއް ދޭނީވެސް އެދެމީހުންނަށެވެ. މަންމައާއި ބައްޕައަށްޓަކައި ފަޚުރުވެރިވާ ގޮތައް އަހަރެން އަބަދުވެސް އެދެމީހުންނަށް ޝުކުރުވެރި ވެސް ވާނަމެވެ.

“މަންމަ މާޢާފް ކުރީތީ ވަރަށް އުފާވެއްޖެ! މަންމަ ތިދިން ނަސޭޚަތުގެ ބޭނުން ހިފައިގެން ކުރިޔަށް އޮތްތަނުގައި އިރާދަ ކުރެވިއްޔާ ރަނގަޅު އަތްބަކަށް އަދި ރަނގަޅު މަންމައަކަށް ވުމަށް މަސައްކަތް ކުރާނަން! ކީއްވެގެން ކަމެއް ނޭނގޭ! ބައެއް ފަހަރު ހަމަ ރުޅިގަދަވެވެނީ! އަސްލު އަލާންއާ ޒުވާބު ކުރާކަށް ވެސް ބޭނުމެއްނޫން! އެކަމަކު….”

އަހަރެންގެ ފިޔަވަޅުގެ އަޑު އިވުމުން ވެސް ކަންނޭނގެއެވެ. ނާޒު ދައްކަމުން ދިޔަ ވާހަކަ ހުއްޓައިލިއެވެ. މިޝާ އިނީ މަންމަ ކައިރީ އެނދުގައި އށީނދެގެންނެވެ. އޭރު މަންމަ މިޝާގެ ބުރަކަށީގައި އޯގާތެރި ކަމާއިއެކު ފިރުމަމުން ދިޔައިރު އެކުޑަކުޑަ އަޒާން އިނީ މިޝާގެ އުނގުތެރޭގައެވެ.

އަހަރެން ފެނުމުން އަޒާން މަންމަ އަތަށް ދީފަ މިޝާ އައިސް އަހަރެން ކައިރިއަށް ހުއްޓިލިއެވެ. އަދި އަހަރެނާ ދިމާލަށް ބަލައިލިއެވެ. އާދޭހުގެ ލޮލަކުންނެވެ. އަހަރެންނަށް މާފުކުރާށޭ ބުނާ ފަދައިންނެވެ.

އެވަގުތު އަހަރެންނަށް ބަލައިލެވުނީ އެނދުގައި އިށީނދެގެން އިން އަހަރެންގެ މަންމައާ ދިމާއަށެވެ. އެވަގުތު ހިނިތުން ވެލަމުން އާއެކޭ ބުނާފަދައިން މަންމަ ބޯޖަހައިލިއެވެ.

“އަހަރެން މިޝާއަށް މާފުކޮށްފިން.” މިޝާގެ މޫނުގައި ދެއަތުން ހިފަހައްޓައިލަމުން އަހަރެން ބުނީމެވެ. އަދި މިޝާއަށް ހެޔޮ ވިސްނުނީތީ އަހަރެން އުފާވިއެވެ.

“ތެންކުސް އަލާން… މިއޮށް ހުރިހާ ދުވަހަކު އަލާން ދެރަކޮށް ހިތުގައި ޖެއްސުނީތީ އަހަރެން ވަރަށް ދެރަވެއްޖެ… އެކަމަކު ދެން ދުވަހަކު ވެސް އަލާން ދެރަވާފަދަ ކަމެއް ނުކުރާނަން…. އަދި އަލާން ތި ދެކޭ ހުވަފެން ހަޤީޤީ ގަތަކަށް ހަދައިދޭން އަހަރެން އަލާންއަށް އެހީވާނަން…. އަދި މިރޭން ފެށިގެން އަހަރެން ދެންއުޅޭނީ އަބަދުގެ އަބަދަށް އަލާންއާ އެކީގަ މިގޭގަ.” އަހަރެންގެ އަތުގައި ހިފަހައްޓައިލަމުން ހިނިތުންވެފައި ހުރެ މިޝާ ބުނެލިއެވެ.

އެވަގުތު އަހަރެން މިޝާ އަހަރެންގެ ގަޔާލައި ބޮނޑި ކޮށްލީމެވެ. އަދި މިޝާ ވެސް އަހަރެންގެ ގައިގާ ދެއަތުން ބައްދާލީ ދެން ދުވަހަކުވެސް އަހަރެން ދޫކޮށްފަ ނުދާނަމޭ ބުނާ ފަދައިންނެވެ.

“ހޫ… ދެން ހިނގާ މަންމައާ އެކީ ދެކުދިންވެސް ބަތްކާންދާން. މަންމަ ހުންނާނެ ވަރަށް މީރުކޮން ކުޅިމަސް ހަދާފަ. ކޮއްކޮމެންވެސް އެބަތިބި ކާގެ ތެރޭގަބަތްކާން”

އެނދުން ތެދުވަމުން ކާގެޔާ ދިމާލަށް ހިނގައިގަންނަމުން މަންމަ ބުނެލިއެވެ. އެވަގުތު އަހަރެންނާއި މިޝާ މަންމަގެ ފަހަތުން ހިނގައިގަތީ ހިނިތުންވެ ތިބެއެވެ. ދެން ދުވަހަކުވެސް އެހިނިތުންވުން ކެނޑިގެން ނުދާނޭ ބުނާފަދަ އަކުންނެވެ.

ނިމުނީ

 

 

 

Share Article

Follow Me Written By

nizam

Level 110 Stories

Other Articles

Previous

ގެއްލިދިޔަ ހަޔާތް…. 22

Next

ގެއްލިދިޔަ ހަޔާތް….. 23

Next
December 24, 2017

ގެއްލިދިޔަ ހަޔާތް….. 23

Previews
December 23, 2017

ގެއްލިދިޔަ ހަޔާތް…. 22

24 Comments!

  1. nizam says:
    December 24, 2017 at 1:46 am

    assalaamu alaikum…. mi vaahaka akee kurin mi saitega dhethin partakah alhugandu genesdhin vaahaka ah. namaves kuda badhalakaai aku alun akkon mivaahaka genesdheyn anekkaa ves alhugandu nimmee e. mi badhalaai aku alhuandu ge vaahakathakah saport kuravaa hurihaa faraaih thakah ves mivaahaka kamudhaane kamah ummeedhukurame. gudnyt all my friends…

  2. sana says:
    December 24, 2017 at 2:02 am

    Waau very very very very nice ………
    Then when we see you are other story and pls don’t stop writing story……?

    1. nizam says:
      December 24, 2017 at 11:17 am

      thanks sana… iraadha kureviyyaa varah avaha nizamge aavaahaka ah genesdheynan….

  3. samahaa says:
    December 24, 2017 at 2:06 am

    I read this story in this site but some changes are in this story hama super mi story and ending ves varah varah varah reethi…..
    When next story?
    Wish you all the best ?

    1. nizam says:
      December 24, 2017 at 11:24 am

      thanks samahaa… iraadha kureviyyaa varah aa vaahaka ah genesdheynan…

  4. Ixoo says:
    December 24, 2017 at 3:27 am

    Nice

    1. nizam says:
      December 24, 2017 at 11:25 am

      thanks ixoo…

  5. Shann says:
    December 24, 2017 at 6:58 am

    V v v rythi

    1. nizam says:
      December 24, 2017 at 11:25 am

      thanks shann…

  6. Nashaa says:
    December 24, 2017 at 8:35 am

    V nice

    1. nizam says:
      December 24, 2017 at 11:26 am

      thanks nashaa…

  7. Angel says:
    December 24, 2017 at 2:25 pm

    Vvv rythi stry eh , kyp it up
    🙂

    1. nizam says:
      December 24, 2017 at 4:32 pm

      thanks angel…

  8. iru says:
    December 24, 2017 at 3:15 pm

    copy stry eh mee.. i swere

    1. nizam says:
      December 24, 2017 at 4:39 pm

      ahentha iru…. ahen viyyaa nizam beynun mi vaahaka migothah ahen myhaku liyefa iniyyaa kiyaalan… bunevidhaanetha kon siteggakan mivaahaka inee…..

    2. samahaa says:
      December 25, 2017 at 1:13 am

      Hama site ga ……….
      But not you other writer write …….
      I forget the name ?

    3. samahaa says:
      December 25, 2017 at 1:14 am

      *mi

  9. Eyrag says:
    December 24, 2017 at 9:52 pm

    Varah reethi??

    1. nizam says:
      December 25, 2017 at 11:17 am

      thanks eyrag….

  10. JUMA says:
    December 25, 2017 at 12:51 am

    Reethi ekamu kurin keen mi feshun in story eh… but hiyeh nuvey e story ehkoh nimendhn up kohdhin hen…. anyways mi story up kohdhehche nimen dhn???? waitingssss ❤❤❤

    1. JUMA says:
      December 25, 2017 at 12:52 am

      Sorry assu juma heekury nunimey kamah….?? mi story dhigu kohli nama dhw??

    2. nizam says:
      December 25, 2017 at 11:21 am

      ahentha? mivaahaka kurin nizam genes dhinin dhethin partege gothah. akamu mihaaru theenee kuda badhalakaa aku akkon up kohlaafa mifaharu… thee kuru vaahaka akaey jumaa ahen v ma thi hisaabun theenee vaahaka nimmaalaafa…..
      and thanks juma…

    3. JUMA says:
      December 25, 2017 at 1:52 pm

      Aan assu kury story ge e part keema eythi mind ga inyma ey dhn bunevuny??☺☺ anyways kn irakun story eh kiyaalan libeyny???????

  11. nizam says:
    December 25, 2017 at 5:33 pm

    iraadha kureviyyaa varah avahah juma….

Comments are closed.



All Right Reserved!