ދަންވަރުގެ ވަގުތެވެ. ގަޑިން 02 ޖެހީއެވެ. ނިކާލް އޮތީ އުއްޑުން އޮށޯވެލައިގެންނެވެ. ނިތްކުރިމަތީގައި އަތްބާއްވާލައިގެން އޮތުމުން ބޮޑު ފިކުރެއްކުރަނީހެން ހީވެއެވެ. ރޭގަނޑުގެ ނިދި ނަގައިލާފައި އޭނާ ވިސްނަމުން އެދަނީ ކޮންކަމަކާ ހެއްޔެވެ؟ އެއްވެސް ހިޔާލެއް ފިކުރެއްނެތި ދިރިއުޅެމުން އައި ނިކާލްއަށް ޔަޤީނުންވެސް ބޮޑުކަމެއް ވެއްޖެއެވެ. ވީކަމެއް ވީ އޭނާގެ ނުކިޔަމަންތެރި ހިތަށެވެ. ނިކާލް އެތަށް ފަހަރަކު އެހިތަށް އަމުރުކޮށްފިއެވެ. ހަމަޖެހިލައިގެން ނިދިޔަދޭށެވެ. ނަމަވެސް ފައިރޫޒްގެ ސައިކަލު ފަހަތަށް ނިހާ އެރި ހިސާބުން ފެށިގެން އެހިތުގެ ހަމަޖެހުން ވަނީ ގެއްލިފައެވެ. ހިތްވަނީ ނުތަނަވަސްވެފައެވެ. އަގު ބޮޑު ޖަވާހިރެއް އަތުން ބީވެގެންދާފަދަ އިޙްސާސެއް ކުރެވެންވަނީ ފަށައިފައެވެ. ނިކާލްއަށް ނިހާދެކެ ލޯބިވެވުނީ ހެއްޔެވެ؟ މިއީ މީހުން އެކިޔާ އިޝްޤީ ލޯބި ހެއްޔެވެ؟ ނުވަތަ މީ ގާތް ރައްޓެހިކަމުގެ ސަބަބުން އުފެދިފައިވާ ކުލުނު ހެއްޔެވެ؟ ފުރަތަމަ ފަހަރަށް އެ ސުވާލުތައް ނިކާލްގެ ހިތުގައި އުފެދުނެވެ. އެޔާއެކު ސުވާލުތަކުގެ ޖަވާބު ހޯދުމަށް ނިކާލްގެ ސިކުނޑި މަސައްކަތް ކުރިއެވެ.
ނިކާލްއަށް ނުނިދިގެން ކޮޓަރިން ނުކުތެވެ. ޖެހިގެން ހުރި ނިހާގެ ކޮޓަރިއާ ދިމާއަށް ބަލާލައިފައި ސިޑިން ފައިބެގެން ސިޓިންގ ރޫމްއަށް ދިޔައެވެ. ސިޓިންގ ރޫމްގައި ވަނީ ކަނު ފަދަ އަނދިރިކަމެވެ. ލައިޓް ޖެއްސުމަށް ކާބަޔަށް ދިޔައިރު ފަހަތުން މީހަކު އަންނަ ކަމުގެ އިޙްސާސެއް ނިކާލަށް ކުރެވުނެވެ. ނިކާލް ހުއްޓިފައި ފަހަތް ބަލާލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ނިކާލްގެ އަތުގެ އިނގިލިތަކުން ނިތްކުރީގައި ފިރުމަމުން ކެއުމަށް ހާއްސަކޮށްފައިވާ ހިސާބަށް ދެވުނުއިރު މޭޒުކައިރީ މީހަކު އިންހެންވެސް ހީވިއެވެ. އޭނާ ރަނގަޅަށް ބަލާލިއެވެ. އެއީ ހީއެއް ނޫނެވެ. ޔަޤީނުންވެސް މީހަކު އެބައިނެވެ. އެއީ ކާކު ހެއްޔެވެ؟ އަވަސް އަވަހަށް ނިކާލް ލައިޓު ޖައްސާލިއެވެ.
“..ނިހާ..” މޭޒު މަތީގައި ބޯ އަޅާލައިގެން އޮތް ނިހާ ފެނިފައި ނިކާލްއަށް ބުނެވުނެވެ. ނިހާ އިސްއުފުލާލިއެވެ. ހަމައެކަނި ކުރު ސޯޓެއް ލައިގެންހުރި ނިކާލްއަށް ބަލާލައިފާ ފަނޑުގޮތަކަށް އޭނާ ހިނިތުންވެލިއެވެ. ދެވަނަ ސިކުންތުގައި އޭނާ މޭޒުމަތީގައި ބޯ ޖަހައިލައިފިއެވެ. ނިހާގެ މޫނުމަތިން ނިކާލަށް ފެނުނީ ވަރުބަލިކަމެވެ. ނިކާލް އަވަހަށް ގޮނޑިޔެއް ދަމާލާފައި ގާތުގައި އިށީނެވެ.
“..ބަލީތަ..” ނުތަނަވަސްވެފައި ހުރި ނިކާލް ސުވާލުކޮށްލިއެވެ. “..ކީއްވެގެން މިތާގަ.. އަނދިރީގަ.. ބަލީތަ.. ބޮލުގަ ރިއްސަނީތަ..”
“..ބޮލަށް ތަދުވަނީ..” ބަލިބަލި އަޑަކުން ނިހާ ޖަވާބުދިނެވެ. ނިކާލް ނިހާގެ ބޮލުގައި ފިރުމާލިއެވެ. ކޮޅަށް ތެދުވެ ބޯ މޮޑެދޭންފެށީ ހުއްދަވެސް ހޯދުމެއް ނެތިއެވެ. ނިކާލްގެ ފިނި އިނގިލިތައް ޖެހުމާއެކު ނިހާއަށް ހީވީ ގަނޑުފެންތަކެއް ބޮލުގައި ޖެއްސިހެންނެވެ. ނިހާގެ ފަންއިސްތަށި ގަނޑު ތެރެއަށް އިނގިލިތައް މަހައިގެން އެކިގޮތް ގޮތަށް ނިކާލް މަސާޖުކުރިއެވެ. އެކަމުގެ ސަބަބުން ނިހާއަށް ވަރަށް އަރާމްވިއެވެ. އިސާހިތަކު ބޮލަށް އަރާފައިވާ ބާރު ގަނޑު ލުއިވާން ފެށިއެވެ. ނަމަވެސް އޭނާ ބޯ ހިއްލާލަން ބޭނުންނުވެފައި އޮތެވެ. އިރުކޮޅަކު އޮތުމަށްފަހު ނިހާ ބޯ ހިއްލައިލިއެވެ.
“..މިހާރު އޯކޭ..” ނިހާ ހިނިތުންވެލިއެވެ. “..ތޭންކްސް..”
ނިހާގެ ހިނިތުންވުން ފެނިފައި ނިކާލްވެސް އުފާވިއެވެ. އޭނާއަށް ލިބުނީ ބަޔާންކުރަންދަތި ހިތްހަމަޖެހުމެކެވެ. އޭނާ ގޮނޑީގައި އިށީނދެފައި ނިހާގެ ހަނދެއްފަދަ ރީތި ދޮން މޫނަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. ނިހާއަކީ ހުރިހާ ރީތިކަމެއް ލިބިފައިވާ ފަތްމިންޏެއް ފަދަ ކުއްޖެކެވެ. ލޫޅާފަތި ހަށިގަނޑެއްގެ ވެރިއެކެވެ. ނިހާއަށް ލިބިފައިވަނީ ހިތިފަތު ބުމައަކާއި ދިގު އެސްފިޔަތަކެކެވެ. ފިޔާތޮށި ފިނިފެންމަލުގެ ފިޔަތައްފަދަ ތުނި ދެ ތުންފަތެވެ. ރުއްކުރި ކޮޅެއްފަދަ ދޮންކަމެވެ. މޫނުގެ ކަނާތް ފަރާތު ތުންފަތް ކައިރީގައިވާ ކަޅުތިލައިން ނިހާގެ ރީތިކަން އެތަށް ގުނައަކަށް އިތުރުކޮށްދެއެވެ. ބަލާފޫހިނުވާފަދަ ރީތި ކަމެކެވެ. ކުރިން އެކަންތައް ނިކާލްއަށް ފާހަގަނުވީ ކީއްވެގެން ހެއްޔެވެ؟ ނިކާލް ބަލަން އިންގޮތުން ނިހާ ލަދުން އިސްޖަހާލިއެވެ. ނިކާލްއަށް ދައްކާނެ ވާހަކައެއް ނޭގުނެވެ. ކުއްލިއަކަށް ފައިރޫޒް މަތިން ހަނދާންވިއެވެ.
“..ކީއްވެ ނުބުނީ..” ޝަކުވާކުރާ ކަހަލަ ރާގެއްގައި ނިކާލް އެހިއެވެ. ނިހާ އިސް އުފުލާލައި ބަލާލީ ބުނި އެއްޗެއް ނޭގުނޭ ބުނާފަދަ ގޮތަކަށެވެ.
“..ފައިރޫޒްގެ ވާހަކަ..” ނިކާލް އޮޅުންފިލުވައި ދިނެވެ. “..މަންމަ ނިހާގެ ލޯބިވެރިޔަކީ ކާކުތޯ ސުވާލުކުރި އިރުވެސް ހިތަކަށް ނާރާ ނިހާގެ ލޯބިވެރިޔެއް ހުންނަކަމަކަށް.. ބައްޕަ މިއަދު ބުނި ވަރަށް އަވަހަށް ނިހާގެ ކައިވެނި ކުރެވޭނޭވެސް! ޤަބޫލެއްނުކުރަން ތެދެއްކަމަކަށް! އަދި އެމީހަކީ ފައިރުއަށް ވެދާނޭ އެއްގޮތަކަށްވެސް ހިތަކަށް ނާރާ! ހީކުރީ ނިހާ ކިޔާދޭނެކަމަށް އެވަރުގެ ބޮޑުކަމެއް ކުރާއިރު! ބުނާނެކަމަށް! މިއަދު އެކަން އެނގުނީ.. ކީއްވެ ކިޔާނުދިނީ! އެއްވެސް ވާހަކައެއް ކީއްވެ ނުބުނީ..”
އިލްހާމް އެވަނީ ނިކާލްއަށްވެސް ފައިރޫޒް ވާހަކަ ކިޔާދީފައި ހެއްޔެވެ؟ ފުރަތަމަވެސް ނިހާގެ ހިތަށްއެރީ އެސުވާލެވެ. ނިކާލް ގާތުގައި އެއީ ދޮގެކޭ ބުނަން ނިހާގެ ހިތް އެދި ގޮވިއެވެ. އޭނާ ލޯބިވާ މީހަކީ ނިކާލްއޭ ބުނުމަށްވެސް ހިތްއެދުނެވެ. ނަމަވެސް ނިހާ ޖަވާބު ދިނުމަށް އަނގަ ހުޅުވާލި ވަގުތު އިވުނީ އެހެން އަޑެކެވެ.
“..ނިހާއާއި ފައިރޫޒްގެ ކާވެނި ހަމަޖެއްސީ ބައްޕަ..” އެއީ އިލްހާމްގެ އަޑެވެ. “..ނިހާ ގާތު އަހާފަ ނިހާވެސް އެކައިވެންޏާ ޤަބޫލުވީމަ! އެކަން ފައިނަލްކޮށްފިން!..”
ނިހާ ލޮލުގެ ހިމަކޮޅުން އިލްހާމަށް ބަލާލިއެވެ. ފުންމައިގެން އަރާ އިލްހާމްގެ ކަރުގައި ހިފައި މަރާލަންވީއެވެ. މޫނުމަތީގައި އެތިފަހަރެއް ޖަހަންވީއެވެ. ނިކާލްގެ ކުރިމަތީގައި ބޭޒާރުކޮށްލަންވީއެވެ. ނަމަވެސް އެއިން އެއްވެސް ކަމެއްކުރާކަށް ނިހާއަކަށް ނުކެރުނެވެ. ނިހާ ރުޅި ކޮންޓްރޯލް ކުރަން މަސައްކަތްކުރަމުން އެތަނުން ދިޔައީއެވެ. އިލްހާމް ރީތި ގޮތުގައި ލަދު ގަންނުވާލަން ހިތުގައި އަޒުމް ކަނޑައަޅައިގެންނެވެ. ބުޅަލަކަށް ދުވަހެއް އައިއްޔާ މީދަލަކަށްވެސް ދުވަހެއް އަންނާނެއެވެ. ނިހާ އެއްވެސް ވާހަކައެއް ދޮގު ނުކުރީތީ ހުރިހާ ވާހަކަތަކަކީ ތެދުކަމަށް ނިކާލް ޤަބޫލުކުރިއެވެ.
އިލްހާމްގެ ތުންފަތްމަތީގައި ދުވެލީ ކާމިޔާބުގެ ހިނިތުންވުމެކެވެ. އޭނާއަށް ނިހާގެ ގޮތް ވަރަށް ރަނގަޅަށް އެނގެއެވެ. އިލްހާމް ހަދަނީ ދޮގެކޭ ބުނެ މީހުންގެ ކުރިމަތީގައި އިލްހާމްގެ އާއިލާ ބޭޒާރުކުރާކަށް ނިހާއަކަށް ނުކެރޭނެއެވެ. އިލްހާމްދެކެ ކިތަންމެ ނަފްރަތެއް ކުރިޔަސް ވެހެވެ. ލިބުނު ކާމިޔާބީއާ އެއްވަރަށް އިލްހާމްގެ ހިތުގައި ބިރުވެރިކަންވެސް އުފެދުނެވެ. ނިކާލްގެ އޮއްސިފައިވާ މޫނު ފެނުމުންވެ. އެދެމީހުން އެކަކު އަނެކަކުދެކެ ލޯބިވާކަން ޔަޤީނެވެ. އެ ލޯބި ހާމަކޮށްފިނަމަ ހުރިހާ ރޭވުމެއް ފެނަށް ވެގެންދާނެއެވެ. ނިހާއަށް ކުރަން ނުކެރޭ ކިތަންމެ ކަމެއް ނިކާލަށް ކުރަން ކެރޭނެކަން އިލްހާމްއަށް އެނގެއެވެ.
ނިހާ ކޮޓަރިއަށް ވަދެ ބާރަކަށް ދޮރުޖެހި ވަގުތު ފިނި ވައިރޯޅިއެއް ޖެހުނެވެ. މޫނަށް ފިނި ވެލިއެވެ. ހީވީ ނުފެންނަ މީހެއް ދޮރުދޭތެރެއިން އައިސް ފިރުމާލިހެންނެވެ. ކުއްލިއަކަށް ކެތްނުވާވަރަށް ބޮލުގައި ރިއްސައިގަތެވެ. އެއީ މީގެ އިރުކޮޅެއް ކުރިން ތިރިޔަށް ފެންބުއިމަށް ދިޔައިރުވެސް ވީ ގޮތެވެ. ނިހާއަށް މިވަނީ ކީއްހެއްޔެވެ؟ ދެއަތުން ބޮލުގައި ހިފަހައްޓައިގެން ހުރެ އެނދުމައްޗަށް ނިހާ ވެއްޓިގަތެވެ. އިސާހިތަކު އެސްފިޔަތަކަށް ބަރުވެ ދެލޮލަށް ނިދި ސަވާރުވިއެވެ. ދެލޯ މެރިގެން ދިޔައެވެ.
ނިހާއަށް ހޭލެވުނީ އިންޝާ ގޮވާ އަޑަށެވެ. މޯޅިއަކަށް ދެމިލަމުން ފޯނު ނަގައި ބަލާލުމާއެކު ދެލޯ ބޮޑު ވެއްޖެއެވެ. ގަޑިން 07:30 ހެވެ. ޑިއުޓީ ގަޑިޖެހެން ބައި ގަޑިއިރަށް ވީއެވެ. ދޮރުގައި ޓަކި ދެމުންދިޔަ އިންޝާއަށް ޖަވާބު ދިނުމަށްފަހު ނިހާ ވަނީ ފާހާނާއަށެވެ. އޮފް ދުވަސްކަން ނިހާ ހަނދާންވީ ފެންވަރައިގެން ނުކުމެ ރީތިވުމަށް ލޯގަނޑު ކައިރީ ހުއްޓައެވެ. ވީ ފޫހިން ގޮސް އެނދުގައި އިށީނެވެ. އެވަގުތު އިންޝާ ގޮވާލި އަޑުއިވުނެވެ.
“..ސާބަހޭ ހާދަވަރަކަށް ގޮވައިފީމޭ! ކީއްތަ ތިކުރަނީ؟..” ދޮރު ހުޅުވުމާއެކު އިންޝާ އެތެރެއަށް ވަނެވެ.
“..ފެންވަރާލީ..” ނިހާ ބުނެލިއެވެ.
“..ހޫމް ތިއެއް ނޫނޭ.. އާދެބަލަ!..” އިންޝާ ނިހާގެ އަތުގައި ހިފައިގެން ގޮސް އިށީނެވެ. “..ވަރަށް އުފާވެފަ މިހުންނަނީ! ނިހާ އަހަރެން ދެއްކި ވާހަކަތައް ޤަބޫލުކުރީމަ!..”
“..ކޮން ވާހަކައެއް..” އިންޝާ ބުނި އެއްޗެއް ނިހާއަކަށް ނޭގުނެވެ.
“..ފައިރުއާ އިންނަން އެއްބަސްވީމަ!..” އިންޝާ ދަތްކޮޅު ފެންނަ ވަރަށް ހީލިއެވެ.
“..އެހެންވެ ދޯ މާވަރަކަށް ހެވިފަ ތިހުރީ!..” ނިހާ ނުރުހުންވިއެވެ. “..މަށެށް އެކާވެންޏަކަށް އާ ބަހެއް ނުބުނަން!.. ނުވެސް ބުނާނަން! މަ ޖަވާބެއް ނުދީ ހުއްޓާ ފައިރު ކާރީވެސް އެވާހަކަ ދައްކައިގެން އެއުޅެނީ އިލްހާމް.. އޭނަ އެއުޅެނީ މަ ނިކާލްއާ އިނދެފާނެތީ ބިރުން..”
އިންޝާ ހުއްޓުން އަރާފައި އިނީއެވެ. އިލްހާމްއާ ނިހާއާ ދެމެދު ގުޅުން ރަނގަޅު ނޫންކަން އިންޝާއަށް އެނގެއެވެ. ދެމީހުން އެކަކު އަނެކަކު ދެކެ ނަފްރަތު ކުރާވަރުވެސް އެނގެއެވެ. ހަޤީޤަތް ނޭގުނަސް ކޮންމެވެސް ވަރަކަށް ސަބަބުވެސް އެނގެއެވެ. ރަށު ތެރޭގައި ނިހާގެ މަންމައޭ ކިޔައިގެން ދައްކާފައިވާ ވާހަކަތައް އިވިފައިވާތީއެވެ. އެކަމަކު އިލްހާމް އެފަދަ ދޮގެއް ހަދާނެ ކަމަކަށް އިންޝާއަށް ޤަބޫލެއް ނުކުރެވެއެވެ. ނިހާވެސް ދޮގު ހަދަންޖެހޭ ސަބަބެއް ނެތެވެ. އިންޝާ ނިހާގެ އަތުގައި ހިފައިގެން ނުކުތީ ބޭރަށެވެ. ރެއިލިންގ ކައިރިއަށް ގޮސް ސިޓިންގ ރޫމް ދައްކާލުމާއެކު ނިހާގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ.
ސިޓިންގ ރޫމްގައި ތިބީ ފައިރޫޒްއާ އޭނާގެ އާއިލާ މީހުންނެވެ. ފައިރޫޒްގެ މަންމައާއި ބައްޕައެވެ. ކާފަޔާ މާމައެވެ. ދައްތައާއި ބޭބެގެ އިތުރުން އެމީހުންގެ ދަރިންނެވެ. އިލްހާމްވެސް އިނެވެ. ބޮޑެތި މީހުންތައް ސޯފާގައި ތިބެގެން ހީހީފައި ވާހަކަ ދައްކާއިރު ކުޑަކުދިންތައް ދުވެނަގަނީއެވެ. ހީވަނީ ކުޑަވަރެއްގެ އީދެއް އައިސްގެން އުޅޭހެންނެވެ. މީ ކޮން ކަންތައް ގަނޑެއް ހެއްޔެވެ؟ ނިހާއަށް އިންޝާގެ މޫނަށް ބަލާލެވުނެވެ.
“..ތި ދެމީހުން ކައިވެނި ކުރާ ދުވަސް ކަނޑައަޅަން ވެގެން..” އިންޝާ މަޑުމަޑުން ބުނެލިއެވެ.
އިލްހާމްގެ ރޭވުންތަކަށް އަމަލީ ސިފަ ގެންނަމުން ދިޔައީ ނިހާ ހީކުރި ވަރަށް ވުރެ މާ ހަލުވިކޮށެވެ. ނިހާ އުންމީދު ކުރީ ނިކާލްގެ ލޯބި ހޯދޭނެހާ ވަގުތު ލިބޭނެ ކަމަށެވެ. ނަމަވެސް ފެންނަމުން މިދާ މަންޒަރުތަކުގެ ސަބަބުން ނިހާގެ ހިތުގައި ރަނގަޅަށްވެސް ބިރުވެރިކަން އުފެދިއްޖެއެވެ. ނިހާ ކުރިޔަށް އަޅާ ކޮންމެ ފިޔަވަޅަކަށް އިލްހާމް ކުރިޔަށް ދެ ފިޔަވަޅު އަޅައެވެ. އޭނާ ކުޅެމުންދާ ކުޅިގަނޑު ކުޅުނަދޭން ނިހާ ބަލަހައްޓައިގެން ހުންނަންވީ ހެއްޔެވެ؟ ނޫނެކެވެ. މިހާރުވެސް މާގިނަ ވަގުތު ބޭކާރު ކުރެވިއްޖެއެވެ. ފައިރޫޒް އާއިލާ ކުރިމަތީގައި ކައިވެންޏާ ދެކޮޅު ހަދަން ނުކެރޭނެކަމަށް އިލްހާމަށް ހީވާ ކަމުގައިވާނަމަ އެއީ ވަރަށް ބޮޑު ކުށް ހީއެކެވެ. ނިހާ ތިރިޔަށް ދިޔުމަށް ހިނގައި ގަތެވެ.
“..ޕްލީސް ޑޯންޓް ޑޫ ދެޓް..” އިންޝާ ނިހާގެ އަތުގައި ހިފެހެއްޓިއެވެ. “..އެންމެން ކިހާ ލަދެއް ގަންނާނެ! އެމީހުން ދަންދެން މަޑުކުރޭ!..”
“..އަހަރެން ހިފަހައްޓަން ނޫޅޭ އިންޝާ..” ނިހާ އިންޝާގެ އަތް ފޮޅުވައިލިއެވެ.
ނިހާ ލަސްފިޔަވަޅުތަކެއް އަޅަމުން ސިޑިން ފޭބިއެވެ. ސިޓިންގ ރޫމްގައި ތިބި އެންމެންގެ މޫނަށް ވަކިވަކިން ބަލަމުންނެވެ. އެންމެންގެ މޫނު މަތިންވެސް ފެންނަނީ އުފާވެރިކަމެވެ. ހިތްހަމަ ޖެހުމެވެ. އެންމެންގެ ކުރިމަތީގައި ކައިވެންޏަށް ދެކޮޅު ހަދާނެ ހިތްވަރު ނިހާއަށް ލިބިދާނެ ހެއްޔެވެ؟ ނިހާ ތިރިއަށް ފޭބުމާއެކު ފައިރޫޒްގެ މަންމަ ޒުބޭދާ ދުވެފައި އަޔެވެ.
“..މާޝާﷲ..” ނިހާ މޫނުގެ ދެފަރާތުން ހިފަހައްޓާލަމުން ޒުބޭދާ ބުންޏެވެ. “..ވަރަށް ފުރިހަމަ! ފައިރޫޒްއާ ވަރަށް ގުޅޭ..”
ޒުބޭދާ ނިހާގެ އަތުގައި ހިފައިލައިގެން ގޮސް ސޯފާގައި ބޭންދިއެވެ. ސައްތާރު ހިނިތުންވެލަމުން ނިހާގެ ބޮލުގައި ފިރުމާލިއެވެ. ފައިރޫޒް އާއިލާ އެންމެ ނިހާއަށް ސަލާންކޮށް މަރުހަބާކިޔެވެ. ކުދިވެރިން އައިސް ނިހާއަށް ދޮންބެ ދައްތަވެސް ކިޔެވެ. އެންމެންގެ އުފާވެރިކަން ފެނިފައި ނިހާ އިނީ ލަދުގަނެ ބަސް ހުއްޓިފައެވެ. ހަދާނެ ގޮތެއް ބުނާނެ އެއްޗެއްވެސް ނޭގިފައެވެ.
“..ކޮބާ ދެން ނިންމަމާ ތާރީޚެއް..” ސައްތާރު މޭޒުމަތިން ޖޫސްތައްޓެއް ނަގަމުން ބުނެލިއެވެ. “..ފައިރޫޒް ބޭނުމެއް ނުވޭ ރައްޓެހިވެގެން އުޅޭކަށް! ސީދާ ކައިވެނި ކުރަން ބޭނުންވަނީ! ނިހާ ބޭނުންވަނީ ކޮންގޮތެއް!..”
“..އަޅުގަނޑު .. އަޅުގަނޑު..” ނިހާއަށް ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. ޞަފިއްޔާ ދުރުގައި ހުރެފައި ދެއަތަށް ބޯ ހޫރުވާލިތަން ނިހާއަށް ފެނުނެވެ. ޝަހާދަތް އިނގިލި ތުންފަތުގައި ޖައްސާލަމުން އެއްވެސް އެއްޗެއް ނުބުނުމަށް ޞަފިއްޔާ އިޝާރާތްކުރިއެވެ. ޞަފިއްޔާ ގާތުގައި ހުރި އިންޝާވެސް ބޮލުގެ އިޝާރާތުން ނޫނެކޭ ބުނެލިއެވެ.
“..އަޅުގަނޑަށް ފައިރު ނިންމާ ކޮންމެ ގޮތެއްވެސް އޯކޭ..” ނިހާ އަވަހަށް ޖަވާބު ދީފައި އެތަނުން ދުރަށްދިޔައެވެ. އޭނާ ދިޔަގޮތަށް ދިޔައީ ކޮޓަރިއަށެވެ.
ކުއްލިއަކަށް ނިހާއަށް ކިހިނެއްވީތޯ ޒުބޭދާ ސުވާލުކުރިއެވެ. ނިހާ ދިޔައީ ލަދުންކަމަށް ބުނެ އިލްހާމް ޖަވާބު ދާރީވިއެވެ. ކަންތައްވެގެން ދިޔައީ އިލްހާމް އުންމީދު ކުރި ގޮތަށެވެ. ނިހާއަށް ކައިވެންޏާ ދެކޮޅު ހެދުމުގެ ކުޑަ ނަމަވެސް ފުރުޞަތެއް އިލްހާމް ދޭން ބޭނުންނުވީއެވެ. ފައިރޫޒް އާއިލާ އެންމެނަށް ދަޢުވަތުދީ އެގެޔަށް ގެނައުމުގެ ބޭނުމަކީވެސް އެއީއެވެ. ނިހާއާއި ފައިރޫޒްގެ ކާވެނި ކުރެވޭނެ ދުވަސްވެސް އެދުވަހު ކަނޑައެޅުނެވެ. އެންމެންނަށްވެސް އެއްބަސް ވެވުނީ 2018 ގެ ޖެނުއަރީ މަހުގެ ފުރަތަމަ ހަފްތާގައި ކައިވެނި ކުރުމަށެވެ. މާބޮޑު ޕާޓީއެއް ބޭއްވުމަށް ގަސްތުކޮށްފައި ނެތުމުން އެދުވަހަށް ތައްޔާރު ވެވިދާނެކަމަށް އެންމެންވެސް އިއްތިފާޤުވިއެވެ.
ނިހާ ކޮޓަރިއަށް ވަން ގޮތަށް ރީތިވާ މޭޒުމަތީގައި އޮތް ރަބަރު ޕެކެޓް ނެގިއެވެ. އެއީ އޭނާގެ އެންމެ ފަހުގެ އުންމީދެވެ. ތަވީދު މޭޒުމަތީގައި ނެތްކަން އެނގުމުން ނިހާގެ ހަރަކާތް އަވަސްވިއެވެ. ނިހާ މޭޒު މަތީގައި ހުރި ތަކެތި އެފުށް މިފުށަށް ޖެހިއެވެ. މޭޒު ދުރުކޮށް ފާރު ކައިރިވެސް ބެލިއެވެ. މުޅި ކޮޓަރީގައި އަތްފުނާ އެޅި އިރުވެސް ތަވީދު ނުފެނުމުން ނިހާގެ ކަރު އެލޭގޮތް ވިއެވެ.
ނިހާގެ ކައިވެނީގެ ހޫނު ހަބަރުތައް ތާޒާ ކަމާއެކު ނަޒީލް ގެނެސްދިނެވެ. އޭރު ނިކާލް އިނީ ހެނދުނުގެ ނާސްތާ ނަގާށެވެ. ދެހަފްތާގެ ތެރޭގައި ނިހާގެ ކައިވެނި ކުރުމަށް ނިންމިކަމަށް ނަޒީލް ބުންޏެވެ. ނިހާގެ ކައިވެނީގެ އެކި ވާހަކަތައް ދައްކަންފެށުމާއެކު ނިކާލްގެ މޫޑު ހަރާބުވިއެވެ. ކާ ހިތްވެސް ކެނޑުނެވެ. އެންމެފަހުން ކާންހުރި އެއްޗެހި ބަހައްޓާފައި އޭނާ ތެދުވީ އެވާހަކަތައް އަޑުއަހަން އުނދަގޫ ވެގެންނެވެ. ދުރުގައި މަންޒަރު ބަލަންހުރި ޞަފިއްޔާއަށް އެހުރިހާ މަންޒަރެއް ފެނުނެވެ. ނިހާ އާއި ނިކާލް އެކަކު އަނެކަކުދެކެ ލޯބިވާކަން ޞަފިއްޔާއަށް ޔަޤީނެވެ. އެހެންނަމަވެސް އިލްހާމްއާ ދެކޮޅު ހަދައިގެން ދެމަފިރިން އަރާރުންވާކަށް ޞަފިއްޔާ ބޭނުމެއް ނުވެއެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ނިކާލް ގާތުގައި ނިހާވެސް ލޯބިވާ ވާހަކަ ބުނަންވީ ހެއްޔެވެ؟ އޭރުން ދެބަފައިން އަރާރުން ވެދާނެތީވެސް ޞަފިއްޔާ ކަންބޮޑުވެއެވެ.
ނިކާލް ފުން ވިސްނުމަކަށް ގެއްލިފައި އިނެވެ. ނިކާލްގެ ހިތުގައި ނިހާގެ މައްޗަށް އޮތީ ބޭބެއަކު ކޮއްކޮދެކެވާފަދަ ލޯތްބެއް ނޫނެވެ. އެއީ އިޝްޤީ ލޯތްބެވެ. ނިހާގެ ކައިވެނީގެ ސަބަބުން އޭނާގެ ހިތަށް އުނދަގޫވަނީ އެހެންވެގެންނެވެ. ނިކާލްގެ ހިތަށް ހަމަޖެހުމެއް ނުލިބިގެން އުޅެނީ ނިހާ ނުލިބި އަތުން ބީވެގެންދާތީއެވެ. ނިހާގެ ސޫރަ ފެނުމުން ހިތަށް ހަމަޖެހުން ލިބިފައި އެސޫރަ ފެންނަ ހިސާބުގައި އުޅޭހިތްވަނީވެސް ލޯބިވާތީއެވެ. ފުންކޮށް ވިސްނާލުމުން ނިހާގެ ކިބައިންވެސް ލޯބިވާ ކަމުގެ އެތަކެއް ހެތްކެއް ފެނިފައިވާކަމަށް ނިކާލަށް ޤަބޫލުކުރެވުނެވެ. ލަދުގަތުމާއި އުފާވުންފަދަ އެތައްކަމެކެވެ. ނިކާލް ސަމާސާއަކަށް ހަދާފައި ނިހާއާ ކައިވެނި ކުރަން ބޭނުންވެޔޭ ބުނި ދުވަސްވެސް އޭނާ ހަނދާންކުރިއެވެ. އެދުވަހުވެސް ފުރަތަމަ ނިހާގެ މޫނުމަތިން ފެނުނީ އުފާވެރިކަމެވެ. ދެރަވީ އޭނާކުރީ ސަމާސާއެއްކަން އެނގުމުންނެވެ. ވީއިރު ނިހާ ފައިރޫޒްއާ ކާވެނިކުރަން ބޭނުންވީ ކީއްވެގެން ހެއްޔެވެ؟ ނިކާލްއަށް ގޮތެއް ނިންމަން އުނދަގޫވިއެވެ. މީހަކު ދޮރުގައި ޓަކި ދިން އަޑަށް ނިކާލް ސިހުނެވެ. ޞަފިއްޔާ ދޮރު ހުޅުވާލައިފައި އެތެރެއަށް ވަނެވެ.
“..ނިކާލް ނިހާދެކެ ލޯބިވޭތަ؟..” ޞަފިއްޔާ ފުރަތަމަވެސް ކޮށްލީ ސުވާލެކެވެ. ނިކާލްއަށް ހައިރާންވެފައި ޞަފިއްޔާގެ މޫނަށް ބަލަހައްޓައިގެން އިނދެވުނެވެ. (ނުނިމޭ)
ހަތްވަނަބައިގެ ތެރެއިން:-
ކުއްލިއަކަށް ނިހާގެ އަނގަމަތީގައި އަތްއަޅާ ބާރުކޮށްލިއެވެ. މެދުހަށީގައި ބައްދައިގަނެ ފަހަތަށް ގެންގޮސް ފާރާލައި ފިއްތާލިއެވެ. ނިހާގެ ބޮޑުވެފައިވާ ދެލޮލަށް އެތައް ހާސް ކަރުނަތިކިތަކެއް ޖަމާވެގަތެވެ. މީ ކޮންފަދަ ނުބައި ނުލަފާ ޝައިޠާނެއް ހެއްޔެވެ؟
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
25 Comments!
Comments are closed.





Waiting 4 next episode vara vara furihama ❤❤
thank you koko 🙂
Noon… niha ah dhera gotheh nahadhshche… plx daily koh upload kohdhiba…
hehe! liyamun dhaa vaahaka eh veema daily koh upkoh dhinumaki varah undhagu kameh! vaahaka kiyaa leethi shukuriyya 🙂
Nice ❤❤
thank you lulu 🙂
Waitting… waiting…..vrh reethi mibai ves
thanks lampii 🙂
vrh reethi
thank you unaal 🙂
V reethi??
shukuriyya mary 🙂
up kohdheyne date eh kada alhaafa e date akah up kohdheebala plx….varah reethi waiting for next part….avahah up kohdhehchey….waiting…waiting…waiting…….
vaki date eh kanda alhan beynun nuvani dhimaavaa gothakun bunaa date ah update koh nudhevidhaanethi! vaki date eh kanda elhifa nethas weekly 2 episode update koh dheveytho balaanan 🙂 shukuriyya vaahaka kiyaalima 🙂
V reethi
mi vaahaka kuriya gen dhaa goi
waiting.. …..
thank you im 🙂
Wow nice
thanks 🙂
V reethi story. When next part??? Waiting
Thank you ana!! Next week Sunday o Monday ga next episode ?
Just wow ?
Thank you ?
Varah reethi, genesdhey varuves hama rangalhu, maa ginain up vanya hurihaa time eh hus kuran jeheynee vaahaka kiyan, mivaru best??
Hehe!! Thank you so much eyra ?
Alhey Kobaatha story ?????
Wait…………….???