Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަ

އުއްމީދު

Sumey Level 1
November 24, 2017 5 Mins Read
14 Comments

ޢުމުރުގެ ބޮޑުބައި އަހަރެން ހޭދަކުރީ އެކަނިވެރިކަންމަތީގައެވެ. އަހަރެން ވަރަށް ކުޑައިރު މައިންބަފައިން ނިޔާވެއްޖެއެވެ. ދުރުތާތިމާގެ މީހުން ކޮންމެވެސް ވަރަށް ރަށުގައި އުޅެއެވެ. މާބޮޑު ގުޅުމެއް ނޯވެއެވެ. އަހަރެން ދުވަހަކުވެސް މީހަކާ ނީންނަމެވެ. އެކަމަކު އަހަރެން މީހަކު ދެކެ ވަރަށް ލޯބިވީމެވެ. ކައިވެންޏެއް ނުކުރަމެވެ. ނަމަވެސް އެލޯބީގެ ނިޝާނެއް ދިރިއެބަހުއްޓެވެ. އެއީ އަހަރެންގެ ދަރިފުޅު މޫނިސާއެވެ. މޫނިސާ އޭނާގެ ބައްޕައާއި ބެހޭގޮތުން ވަރަށް ސުވާލުކުރެއެވެ. އަހަންނަކަށް އެ ސުވާލަށް ޖަވާބެއް ނުދެވެއެވެ. އިޚްތިޔާރު ކުރެވެނީ ހަމަ ހިމޭން ކަމެވެ. މޫނިސާއާއި އެއް ޢުމުރުގެ ކުދިން މޫނީސާއާ ދިމާކުރެއެވެ. ބައްޕަ ނެތް ކުއްޖެކޭ ގޮވައެވެ. އެކަމާ ދެރަވެގެން މޫނިސާ ރޯތަން އަހަންނަށް ފެނެއެވެ. މޫނިސާ އަހަރެންދެކެ ނަފުރަތު ކުރާ ސަބަބަކީ އެއީއެވެ. ކުށްކުރީ އަހަންނެވެ. އަދަބު ލިބެނީ އަހަރެންގެ ދަރިފުޅަށެވެ. އެސަބަބާހުރެ މޫނިސާ އަހަރެންދެކެ ރުޅި އާދެވެ.

މޫނިސާ މާލެ ފޮނުވީ ވަޒީފާ އަދާކުރަމުން އިތުރަށް ކިޔަވާށެވެ. މޫނިސާއަކީ ކިޔެވުމަށް މޮޅު ކުއްޖެކެވެ. ނަތީޖާވެސް ވަރަށް ރަނގަޅެވެ. މޫނިސާއަށް ވަޒީފާ ލިބެންދެން ކޮންމެ މަހަކު ފަސްހާސް ރުފިޔާ ފޮނުވަމެވެ. އެ ރުފިޔާއަކީ ޢުމުރުން ދުވަސްވީމީހުންނަށްދޭ އެލަވަންސެވެ.  ހައެއްކަ މަސްފަހުން މޫނިސާއަށް ސަރުކާރު ކުންފުންޏަކުން ރަނގަޅު ވަޒީފާއެއް ލިބުނުވެ. އަހަރެން މޫނިސާއަށް ވަރަށް ގިނައިން ގުޅަމެވެ. މޫނިސާ ފޯނު ނަގަނީ މަދުފަހަރަކުއެވެ. ފޯނުނަގާފައި ދޭނީ އެންމެ ޖަވާބެކެވެ. ވަރަށް ބިޒީއެވެ. ފަހުން ގުޅާނަމެވެ.

އެއްދުވަހެއްގެ މެންދުރުގެ ވަގުތެއްގައި އަހަރެން މޫނިސާއަށް ގުޅީމެވެ.

” މޫނިސާ. ދަރިފުޅުގެ ހަބަރެއް ނުވާތީ މިގުޅާލީ. ދަރިފުޅު ކިހިނެއް.”

މޫނިސާގެ ޖަވާބު އެހެންފަހަރުތަކާ ތަފާތުވެފައި ދިގެވެ. ހަރުކައްޓެވެ.  ” ކީއްކުރަންތަ އިރު އިރުކޮޅާ ތިގުޅަނީ. ބުނީމެންނު ފަހުން ގުޅާނަމޭ. ބިޒީ ކޮށް އުޅޭއިރު އިރުއިރުކޮޅާ ގުޅަންޏާ އުނދަގޫވާނެކަމެއް ނޭގޭތަ؟

އަހަރެން އަވަސް އަވަހަށް ފޯނު ކަނޑާލީމެވެ. އަހަރެންގެ ހިތުގައި ވަރަށްބޮޑަށް ޖެހުނެވެ. އެދުވަހަށްފަހު މޫނިސާއަށް ގުޅުން މަދުކުރީމެވެ. އެހެނަސް  ހަފްތާއަކު އެއްދުވަހު ނޫނީ ދެދުވަހު ގުޅަމެވެ. މޫނިސާ މާލެ ބަދަލުވިފަހުން އެންމެ ފަހަރަކުވެސް އަހަރެންގެ ޙާލު ބަލާކަށް ނުގުޅައެވެ. ވަޒީފާ ލިބުމުގެ ކުރިން ކޮންމެ މަހެއް ނިމެން ކައިރިވީމާ ރުފިޔާ ފޮނުވާށޭ ބުނަން މޫނިސާ އަހަންނަށް ގުޅައެވެ. ވަޒީފާ ލިބުމުން އެކަންވެސް ހުއްޓުނީއެވެ.

ދުވަސްތައް މާޒީއާއެކުވަމުން ދެއެވެ. އަހަރެން ހިކި އަނަރޫފަވަމުން ދިޔައީ އާދަޔާޚީލާފަށެވެ. ގައިގައި ވަރެއް ނުހުރެއެވެ. ރޭގަނޑަށް ހުން އާދެއެވެ. ހީކަރުވާވަރުން ނުއެއް ނިދެއެވެ. ހުޅުތަކުގައި ރިއްސައެވެ. ބުނެދޭން ނޭނގޭކަހަލަ ގޮތްތަކެއް ވާންފެށިއެވެ.  ރަށުގެ ސިއްހީ މަރުކަޒަށް ޑޮކްޓަރަށް ދައްކަންދިޔައީމެވެ. ޑޮކްޓަރުން ބުނީ ވީ އެންމެ އަވަހަކަށް މާލެދިޔުމަށެވެ. މާލެ ދާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެންގެ ފަރާތުން މޫނިސާއަށް އުނދަގުލެއް ވެދާނެތީއެވެ. ދެވިސްނުމެއްގައި ހުރެ އަހަރެން މޫނިސާ އަށް ގުޅީމެވެ. ހައެއްކަފަހަރު ގުޅިފަހުން ފޯނު ނެގިއެވެ.  އަދި ޑޮކްޓަރަށް ދައްކަން މާލެ ދާންޖެހުނު ވާހަކަ ބުނީމެވެ.

މޫނިސާ އުޅޭ އެޕާޓުމަންޓުގައި އަހަރެން ހުންނަން މޫނިސާ އެއްބަސްވިއެވެ. ޝަރުޠުތަކާއި އެކުގައެވެ.  އަހަރެން ހުންނަ ކޮންމެ ދުވަހަކަށް ރުފިޔާދޭން ޖެހޭނެކަމަށް މޫނިސާ ބުންޏެވެ. ފެނާ ކަރަންޓާއި ކެއުމުގެ ޚަރަދު ވަރަށް ބޮޑުކަމަށް މޫނިސާ ބުންޏެވެ. އަހަރެން އެއްބަސްވީމެވެ.  އުމުރުން ދުވަސްވީ މީހުންނަށްދޭ އެލަވަންސް ލިބޭކަމައްޓަކައި ޝުކުރުކުރީމެވެ.

ހަފްތާއެއްފަހުން ޑޮކްޓަރަށް ދައްކަން އަހަރެން މާލެ ދިޔައިމެވެ. މޫނިސާ އަށް އައިސްފައިވާ ބަދަލުން އަހަރެން އަޖައިބުވިއެވެ. އުފާވެސް ވިއެވެ. އަހަރެންގެ ދަރިފުޅު ހާދަ ރީއްޗެވެ. ކުރިއަށްވުރެވެސް ދޮނެވެ. އިސްތަށިގަނޑު ފަންކޮށްލާފައި ކުލައެއްޖައްސާފައިވެއެވެ. ލަނީވެސް ވަރަށް ރީތި ހެދުމެވެ. ހީވަނީ ބޭރު ކުއްޖެއްހެނެވެ. މޫނިސާގެ އެޕާޓްމަންޓުވެސް ބޮޑެވެ. ވަރަށް ފުރިހަމައެވެ. ދެކޮޓަރި ހުރެއެވެ. އެތަނުގައި އުޅެނީ މޫނިސާ އެކަންޏެވެ.

ގެއަށް ވަނުމާއެކު މޫނިސާ ދިޔައީ ކޮޓަރިއަށެވެ. އަހަރެން ގެނައި ދަބަސް ސިޓިންގ ރޫމްގެ ސޯފާ ކައިރީގައި ބެހެއްޓީމެވެ. މޫނިސާގެ އިންތިޒާރުގައި އިނީމެވެ. އެތައް އިރެއްވީ އިރުވެސް މޫނިސާ ބޭރަކަށް ނުނިކުމެއެވެ. ކުއްލިއަކަށް ބެލް ޖެހިއެވެ. އަހަރެން ދޮރު ހުޅުވަން ދަނިކޮށް މޫނިސާ ނިކުމެ ދޮރު ހުޅުވިއެވެ. ދޮރުމަތީގައި ހުރީ މެދު އުމުރަށްވުރެ މައްޗަށްގޮސްފައިވާ ފިރިހެނެކެވެ. ބަލާބެލުމަށް މޫނިސާއަށްވުރެ ބާރަ ނޫނީ ފަނަރަވަރަކަށް އަހަރު ބޮޑުވާނެއެވެ.

އަހަރެން ފެނުމުން އަހަންނާބެހޭގޮތުން މޫނިސާއާއި ސުވާލުކުރަން ފެށިއެވެ.

“އެއީ ކާކު؟ ގެންގުޅޭ މީހެއް ގެނައީތަ؟” މޫނިސާ ލޮލުގެ ހިމަކޮޅުން އަހަންނާ ދިމާއަށް ބަލާލާފައި ބުމައިން ބަދިގެ ފަރާތަށް ދިޔުމަށް ޢިޝާރާތް ކުރިއެވެ. އަހަރެން ބަދިގޭގައި މަޑުކޮށްލީމެވެ. ސިޓިންގ ރޫމްގައި ތިބެ ދައްކާ ވާހަކަ ބަދިގެއަށް ރީތިކޮށް އަޑުއިވެއެވެ.

” އެއީ  ތިމާގެ މީހެއް. ދެތިން ދުވަހަށް ޑޮކްޓަރަށް ދައްކަން މާލެ އައީ، ހުންނާނެ ތަނެއް ނެތީމަ މިގޭގަ ހުންނާށޭ އަހަރެން ބުނީ. ވަރަށް އަވަހަށް ދާނެ.” މޫނިސާގެ ޖަވާބު އަޑުއިވިފައި އަހަރެންގެ ދެފައިން ވަރުދޫވިކަހަލައެވެ. އަހަރެންނަކީ މޫނިސާގެ މައިމީހާއެވެ. މޫނިސާ މިއަދު އެހުރި މަޤާމަށް އާދެވިފައި އެހުރީ އަހަރެންގެ އެކަނި މަސައްކަތުންނެވެ. މޫނިސާއަށް ބޭނުންވާ ހުރިހާ އެއްޗެއް އަހަރެން ހޯދައިދެމެވެ. އެކަމަކު މިއަދު އަހަރެން މީ މޫނިސާގެ މަންމަ އޭ ބުނަންވެސް މޫނިސާ ލަދުގަނެއެވެ. ކުރާނެކަމެއް ނެތެވެ. ކެއްކޮށްލައިގެން ހުރުން ނޫން ގޮތެއް އަހަންނަކަށް ނެތެވެ. އެ ފިރިހެންމީހާއާއިއެކު މޫނިސާ ވަނީ އޭނާގެ ކޮޓަރިއަށެވެ.

ޖެހިގެން އައިދުވަހު ޑޮކްޓަރަށް ދައްކަން އަހަރެން ދިޔައީމެވެ. ހޮސްޕިޓަލަށް ދާންވެގެން މޫނިސާއަށް ގޮވީމެވެ. ޚަބަރެއްނުވީމާ ދިޔައީ އެކަންޏެވެ.  ޓެސްޓްތަކެއް ހެދިއެވެ. ނަތީޖާ ލިބުނީ އަނެއްދުވަހުއެވެ. ނަތީޖާ ދައްކަންދިޔުމުން ޑޮކްޓަރު އަހަރެންގެ ދިރިއުޅުމާބެހޭގޮތުން ސުވާލުކުރިއެވެ.  އަހަރެން އުޅެނީ ކޮންތާކުތޯ  ޑޮކްޓަރު ސުވާލު ކުރިއެވެ. އަހަރެންގެ ފިރިމީހާ ކޮބައިތޯ ސުވާލުކުރިއެވެ. ދަރިއަކު ހުރޭތޯ ސުވާލުކުރިއެވެ. އަހަރެން ހިތައް އެރިއެވެ. އަޖައިބެކެވެ. އިއްޔެވެސް އަހަރެން ޑޮކްޓަރަށް ދެއްކީމެވެ. މިއިން އެއްވެސް ސުވާލެއް ނުކުރެއެވެ.  ޑޮކްޓަރުގެ ހުރިހާ ސުވާލަކަށް އަހަރެން ޖަވާބުދިނީމެވެ.

އަހަރެންނަށް ވެގެން އުޅޭގޮތް ޑޮކްޓަރު ވަރަށް ރަނގަޅަށް ކިޔައިދިނެވެ. އަދި ހިތްވަރު ކުރަން ބުންޏެވެ. އަހަރެންނަށްވަނީ ލޭގެ ކެންސަރު ޖެހިފައެވެ. ސްޓޭޖް ހަތަރެކެވެ. ލޭގެ ކެންސަރާބެހޭ ވަރަށް ގިނަ މަޢުލޫމާތު އަހަންނަށް ކިޔައިދިނެވެ. ބޭއިޚްތިޔާރުގައި ދެލޯ މަރާލެވުނެވެ. އިސާހިތަކު މަރުއައިސް އަހަރެންނާ ވަރަށް އަވަހަށް ބައްދަލުކޮށްފާނެކަމަށް ހިތް ބުނަންފެށިއެވެ. ކީމޯތެރަޕީ ދޭން ޑޮކްޓަރު ނިންމިއެވެ. ކީމޯތެރަޕީއަށްފަހު އަހަންނަށް ވަރަށް ބޮޑެތި ބަދަލުތައް އަންނާނެ ކަމަށް ޑޮކްޓަރު ބުންޏެވެ. ބޮލުގެ އިސްތަށިފޭބުމާ ހޮޑުލެވުމާއި، ކުޑަކަމުދާއިރު ލޭ އައުން ކަހަލަ ކަންތައްތައް ދިމާވާނެކަމަށް ޑޮކްޓަރު ބުންޏެވެ.

ކީމޯތެރަޕީ ދިނުމުގެ ކުރިން އަހަރެން މޫނިސާ އަށް ވަރަށް ގިނަ ފަހަރު ގުޅީމެވެ. މޫނިސާ ފޯނެއް ނުނަގައެވެ. ވީދެރައިން ގިސްލާފައި ރޮވުނެވެ. މޫނިސާ ކައިރީގައި ކަމަކު އެދެންޖެހޭތީ ދެރަވެއެވެ.  އެކަމަކު މިއަދު އަހަރެންނަށް މީހަކުގެ އެހީތެރިކަން ބޭނުންވެއެވެ. މޫނިސާގެ އެހީތެރިކަމެވެ. މި ދުނިޔޭގައި އަހަރެންގެ ހަމައެކަނި ހުރި މީހަކީ މޫނިސާއެވެ.

ފަރުވާ ދިނުމަށްފަހު އެއްދުވަސް ވަންދެން އަހަރެން ހޮސްޕިޓަލުގައި ބޭއްވިއެވެ. މޫނިސާ އަހަރެންނަށް އެއްފަހަރު ނަމަވެސް ގުޅާނެކަމަށް އަހަރެން އުންމީދު ކުރީމެވެ. ނަމަވެސް އެ އުއްމީދުގައި ކުލައެއް ނުޖެހުނެވެ. އަހަރެން ގެއަށް ދޫކޮށްލީ އަނެއްދުވަހު މެންދުރެއްހާއިރު އެވެ.

އަހަރެން ގެއަށް ދިޔައިރު މޫނިސާ ސޯފާގައި އިނެވެ. އަހަރެންނާ ދިމާލަށް މޫނިސާ އެންމެ ފަހަރަކުވެސް ބަލާ ނުލައެވެ. އަހަރެން ގެ އަތުގައި އޮތް ފައިލް ބަދިގޭގައި ބަހައްޓާފައިހުރި އަހަރެންގެ ދަބަހަށް ލީމެވެ. އަހަރެންގެ ކޮޓަރި އަކީ އެއީއެވެ. ނިދަނީ ބަދިގޭ ބިންމަތީގައި ފޮތިގަނޑެއް އަޅައިގެންނެވެ. ކަނީ އަމިއްލައަށް ކާއެއްޗެހި ގަނެގެންނެވެ.  މޫނިސާގެ ހިތުގައި އަހަރެންނާމެދު ރަހުމެއް ނުވެއެވެ. ޝަކުވާ ކުރަން ބޭނުންވި ނަމަވެސް އެއްވެސް ޝަކުވާއެއް ނުކުރަމެވެ.

އާދުވަހަކަށް އިރު އަރައިފިއެވެ. ކުރިއަށްވުރެވެސް އަހަރެން ވަރުބައްޔެވެ. ހެނދުނު ހޭލިއިރު އަހަރެންގެ ބޮލުގެ ގިނަ އިސްތަށިތައް ހުރީ ބާލިސްމަތީގައެވެ. އަވަސްއަވަހަށް އިސްތަށިގަނޑުގައި އަތް ހިންގައި ލެވުނެވެ. އެއްވެސް ހިފެހެއްޓުމެއްނެތި އިސްތަށިތައް އަހަރެންގެ އަތަށް އައެވެ. ދެއަތުގައިވާ އިސްތަށިތަކަށް ބަލަހައްޓައިގެން ފެންކަޅިވެފައި އަހަންނަށް އިނދެވުނެވެ.

އެދުވަހަށްފަހު އަހަރެން އުޅުނީ ބޮލުގައި ސްކާފެއް އަޅައިގެންނެވެ. އެކަން މޫނިސާއަށް ވެސް ފާހަގަކުރެވެއެވެ. އަހަރެންގެ ބޮލުގައި އަޅާފައިވާ ސްކާފަށް ސުވާލުގެ ނަޒަރަކުން  މޫނިސާ ބަލާކަން އަހަންނަށް ފާހަގަ ކުރެވެއެވެ.

“ކޮންދުވަހަކު ރަށަށްދަނީ؟” މޫނިސާ ސުވާކުރިއެވެ. ދޭނެ ޖަވާބެއް އަހަރެންގެ ސިކުޑިއަކަށް ނުލިބުނެވެ. “އަދިވެސް  ނުނިމޭތަ؟ އަހަރެންނަށް ޖަވާބެއް ނުދެވެނީސް މޫނިސާ އިތުރު ސުވާލެއް ކުރިއެވެ. އަހަރެން މަޑުމަޑުން ބޯޖަހާލީމެވެ. ދެލޯ ފެންކަޅިވިއެވެ. އަހަރެންގެ ފަރާތުން މޫނިސާއަށް އުނދަގޫވާތީއެވެ.  އަހަރެންގެ ބޮލުގައި އަޅާފައިވާ ސްކާފަށް ބަލަހައްޓަގައިގެންހުރެ މޫނިސާ ސުވާލެއް ކުރަން އަނގަހުޅުވާލިތަނާ މޫނިސާއަށް ފޯނެއް އައެވެ. ގުޅީ ސައިފެވެ. މޫނިސާ އިންނަންއުޅޭ މީހާއެވެ. މޫނިސާ ފޯނުން ވާހަކަ ދައްކަމުން ވަނީ ކޮޓަރިއަށެވެ.

މޫނިސާގެ ސުވާލަށް އަހަރެންދޭނީ ކޮން ޖަވާބެއް ހެއްޔެވެ. އަހަރެންނަށް ދެން ރަށަށް ނުދެވޭނެކަން ބުނާނީ ކިހިނެއްހެއްޔެވެ؟ އަހަރެންގެ ބަލީގެ ވާހަކަ މޫނިސާއަށް އެނގޭ ދުވަހަކުން ކަންތައްކުރާނީ ކިހިނެއްބާއޭ އަހަރެންގެ ހިތައް އެތައް ހާސްފަހަރަކު އަރައެވެ. އެހެންހިތައް އަރާ ކޮންމެ ފަހަރަކު ރޮވެއެވެ. ކެއްތެރިކަމާއެކު މާތް ﷲ ޙަޟްރަތުގައި އަހަރެން ދުޢާކުރަމެވެ. އަހަރެންނަށް ކުރެވުނު ކުށަށް ކޮންމެ ދުވަހަކުވެސް ތައުބާވަމެވެ. އަހަރެންގެ ދަރިފުޅަށް ހެޔޮވިސްނުން ދެއްވުމަށް އެދި ދުޢާކުރަމެވެ. އަހަރެންނަށް މިންވަރުކުރެއްވިގޮތް އަހަރެންގެ ލޯބިވާ ދަރިފުޅަށް މިންވަރު ނުކުރެއްވުމަށް އެދި ދުޢާކުރީމެވެ.

ދުވަހެއް ދުވަހަކަށް އަހަރެން ބަލިވަމުން ދެއެވެ. ބޭހަކުން އެއްވެސް އަސަރެއް ނުކުރެއެވެ.  ކާއެއްޗެއް ނުކެވެއެވެ. ވަރަށް ގިނައިން ހޮޑުލެވެއެވެ. ސޫރަ އެއްކޮށް ބަދަލުވެއްޖެއެވެ. ހިކިގެންގޮސް ދެލޯވަޅުވަދެއްޖެއެވެ. ބޮލުގައި ހުރީ އެންމެ ހައެއްކަ އިސްތައްޓެވެ.  މިއަދަކީ އެންމެ ފަހު ދުވަސް ކަމުގައި ވިސްނައިގެން އަބަދުވެސް  އަހަރެން ހުންނަމެވެ.

އެއްދުވަހަކު މޫނިސާ ގެއަށް އައިރު އަހަރެން އުޅުނީ ފާހާނާގައެވެ. ފާހަނައިގެ ދޮރު ހުރީ އެއްކޮށް ނުލެއްޕިއެވެ. އެއީ އެންމެ ގިނައިން އަހަރެންނަށް ހޮޑު ލެވުނު ދުވަހެވެ. ލޭވެސް ލެވެއެވެ. އަހަރެންގެ ބޮލުގައި އަޅައިގެން އުޅޭ ސްކާފް މުށިގަނޑު މައްޗަށް ވެޓިފައި އޮތެވެ. އަހަރެންނަށް އިނދެވުނީ ފާހާނާތަށި ކައިރީގައި އިށީނދެލައިގެންނެވެ. މޫނިސާ ފާހާނައިގެ ދޮރު ހުޅުވާލިއެވެ. މޫނިސާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަހަރެންގެ ފެންކަޅިވެފައިވާ  މުސްކުޅި ދެލޮލުން އާދޭހުގެ ނަޒަރަކުން މޫނިސާއާއި ދިމަލަށް ބަލާލީމެވެ. އެއްވެސް އިޚްތިޔާރަކާނުލައި އަހަރެންގެ ރޫޖެހިފައިވާ ތުރުތުރުއަޅާ އަތް މޫނިސާއާއި ދިމާލަށް  އެހީއަކަށް އެދި ދިއްކޮށްލެވުނެވެ. މޫނިސާ މަންމާ އޭ ކިޔައި ދުވެފައި އައިސް އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ. އަދި އަހަރެންގެ ގައިގާ ވަރަށް ބާރަށް ބައްދާލިއެވެ. އަހަރެންގެ ތަލަވެފައިވާ ބޮލުގައި އަތް އުނގުޅާލިއެވެ. އަހަރެންގެ މޫނަށް ބަލާލާފައި އަނެއްކާވެސް ބައްދާލިއެވެ. މޫނިސާ ރޯން ފެށިކަން އަހަންނަށް އެނގެއެވެ.  ދެންވީގޮތެއް ނޭގުނެވެ.

ވާނުވާ އެނގެންފެށި އިރު އަހަރެން އޮތީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައެވެ. އަހަރެންގެ އަތުގައި ހިފަހައްޓަލައިގެން މޫނިސާ އިނެވެ. އަހަރެން ބަލާލުމުން މޫނިސާ ބުންޏެވެ.

” މަންމާ އަހަރެންނަށް މާފުކުރޭ! މާފުކުރޭ….” މޫނިސާ އަށް ބުނެވުނީ އެސާބަށެވެ. މޫނިސާއަށް ގިސްލާފައި ރޯންފެށިއެވެ. އަހަރެން މޫނިސާގެ އަތުގައި ފިރުމާލީމެވެ. ހިތާހިތުން މާފުކުރީމެވެ. އެތައްޒަމާނަކަށް ފަހު އަހަރެންނަށް ހިނިތުންވެލެވުނެވެ.

އެދުވަހަށްފަހު މޫނިސާ ވަރަށް ބޮޑަށް ބަދަލުވެއްޖެއެވެ. އަހަރެންމީ ދުނިޔޭގައި ހުރި އެންމެ ނަސީބު ރަނގަޅު މަންމައޭ އަހަރެންގެ ހިތައް އެރިއެވެ. އަހަރެންގެ މާޒީ ހަނދާންނެތޭ ވަރަށް މޫނިސާގެ ފަރާތުން ލޯތްބާއި އަޅާލުން ލިބުނެވެ. ލަހުން ނަމަވެސް މޫނިސާއަށް ހެޔޮ ވިސްނުން ލިބުނީތީ އަހަރެން ވަރަށް އުފާކުރީމެވެ. ހެއްދެވިފަރާތަށް ޝުކުރު ކުރީމެވެ. އަހަރެންގެ ހުރިހާ އުއްމީދެއް ފުރިހަމަ ވެއްޖެއެވެ.  މިދުނިޔެއިން އަހަރެން ވަކިވެގެންދާނީ ހިތްހަމަޖެހިގެން އުފަލާއެކުއެވެ.

Share Article

Follow Me Written By

Sumey

Level 1

Other Articles

Previous

ނުމެދާށޭ ދޫނި މަގޭ (5)

Next

ކުޅަނދުންވަންތަކަން ( 5 ވަނަބައި)

Next
November 24, 2017

ކުޅަނދުންވަންތަކަން ( 5 ވަނަބައި)

Previews
November 24, 2017

ނުމެދާށޭ ދޫނި މަގޭ (5)

14 Comments!

  1. yaina says:
    November 24, 2017 at 11:49 pm

    Vvv iburaitheri ماشا لله

    1. Sumey says:
      November 25, 2017 at 10:40 am

      Shukuriyya ?

  2. Aish_@ says:
    November 25, 2017 at 1:22 am

    Alhe varah reethi masha allah…❤❤❤
    Ibraitheri?

    1. Sumey says:
      November 25, 2017 at 10:40 am

      Shukuriyya

  3. zuvan A Z U says:
    November 25, 2017 at 8:04 am

    copyeh…..dhw. anyway badhalu kollaafai othas vv salhi

  4. Lam says:
    November 25, 2017 at 8:35 am

    Vvv nice…

    1. Sumey says:
      November 25, 2017 at 10:42 am

      Thank you

  5. PRINCESS AFU says:
    November 25, 2017 at 8:59 am

    MASHA ALLAH vv iburaitheri vaahakaeh ???

    1. Sumey says:
      November 25, 2017 at 10:42 am

      Shukuriyya ?

  6. Mann says:
    November 25, 2017 at 1:45 pm

    Salhi

  7. SJK...KOREAN says:
    November 25, 2017 at 5:11 pm

    masha allah varah reethi. varah iburaiyy theri !! ????

    1. Sumey says:
      November 25, 2017 at 10:39 pm

      Noon. Mee amilla hiyaalah liyefa in vaahaka eh. Korean series eh dhuvahakuves nubalan. Hehe

  8. AAA says:
    November 25, 2017 at 6:48 pm

    Copy ehtha…..korean series ehga ves mi Kahala gothakah kokko akaa dhahtha akah dhimaaveythoa….. Ekam ves varah reethi…. Keep it up

  9. Limsha says:
    November 25, 2017 at 7:00 pm

    Hama rangalhah ves rovijje

Comments are closed.



All Right Reserved!