އެއްފަހަރު… އަދި އެއްފަހަރު (1)
“ދަރިފުޅާ” އެނދުގައި އޮށޯވެގެން އޮތް ހީޒަލްގެ އަތުގައި ހިފާލަމުން ސީމާ ދަމާލައިފިއެވެ. ހީޒަލް އަދިވެސް އޮތީ ދެފައި ވަށްކޮއްލައިގެން ރާއިފްގެ މޭގައި ބޯއަޅާލައިގެންނެވެ. ހުދު ވެފައިވާ ރާއިފްގެ މޫނަށް ބަލާލުމުން ހީވަނީ އެންމެ ލޭކޮޅެއްވެސް ހަށިގަނޑުގައި ނެތް ހެންނެވެ. ދުރުގައި މަޑު ކޮއްލައިގެން ހުރި ދެ ޑޮކްޓަރުން ކުރެ އެކަކު އައިސް ރާއިފް ގަޔަށް ގުޅާފައިވާ އައިވީ ނައްޓާލަމުން ހީޒަލްގެ މޫނަށް ބަލާލައިފިއެވެ.
“ހީޒަލް..”
“ނޫން ރާއީ އެކަނި ކޮއްފަ ދާކަށް ނުކެރޭނެ..” ހީޒަލް ރާއިފް ގެ މޫނުގައި ފިރުފާލަމުން ބުނެލައިއެވެ.
“މިހާރުއެއީ ރާއީ އެއް ނޫނޭ ހީޒަލް.. ރާއި މަރުވިތާ 30 މިނެޓް ވެއްޖެ އެއްނު މިހާރު..” ޑރ. މަރުވެފައިވާ ރާއިފްގެ ހަށިގަނޑަށް އިޝާރާތް ކޮއްލަމުން ބުނެލިއެވެ.
ހީޒަލް އިސްއުފުލާލަމުން އެއްފަހަރު ރާއިފްގެ ހަށިގަނޑަށް އަނެއްފަހަރު ޑޮކްޓަރުގެ މޫނަށް ބަލާލިއެވެ. އެމޫނުން ފެންނަނީ ދިރުމެއްނެތް ކަމުގެ އިހުސާސެވެ. އެނދުން ތެދުވެ ކަރުގައި އަޅާފައިވާ ފައް ނަގަމުން އެގެނެސް ރާއިފްގެ އަތުގެ ތެރެއަށް ލަމުން އެއަތުގައި ހީޒަލް ހިފާލައިފިއެވެ. ސީމާ އެމަންޒަރު ފެނުމުން ބަލާލީ ދުރުގައި ރޮވިފައި ހުރި ރާއިފްގެ މަންމަގެ މޫނަށެވެ. ރަޒިއްޔާވެސް އެވަގުތު ލޯފުހެލަމުން އެނބުރިލީ އަނެއް ފަރާތަށެވެ.
“ރާއީ..” ހީޒަލް އަރު ބެދުމުން މަޑުމަޑުން އިސްޖަހާލައިފިއެވެ.
“ޕްލީޒް ނުދޭބަ… ޕްލީޒް… އެއްފަހަރު.. އަދި އެއްފަހަރު ތިއަޑު އަހާލަން ބޭނުން… އަދި އެއްފަހަރު ތިލޯ ހުޅުވާލަން ބޭނުން.. އަބަދުވެސް ރާއީ އާއެކު އުޅެން ބޭނުން..” ހީޒަލް ގުދުވެ ރާއިފްގެ ނިއްކުރީގައި ތުންފަތް ޖައްސާލަމުން ބުނެލައިފިއެވެ. ހުދު ހީޒަލްއަށްވެސް އެވަގުތު ރާއިފްގެ ހަށިގަނޑު ފިނިވެ ހަރު އަރާފައިވާ މިންވަރު އިހްސާސްވިއެވެ. ނަމަވެސް އޭނާ އެއަތުން ދޫކޮއްނުލައެވެ.
“ހީޒް..” ޑޮކްޓަރ އެއްޗެކޭ ބުނުމުގެ ކުރިން މިފަހަރު މަނާ ކޮއްލީ ރަޒިއްޔާއެވެ. ހީވަނީ ހީޒަލް ކުރަން އުޅޭ ކަމެއް އެނގިގެން ބުނި ހެންނެވެ.
“މިހާރު ދޫކޮއްލިއްޔާ ދެން ދުވަހަކުވެސް މިއަތުގަ ނުހިފޭނެ.. އެކަމް… ރާއީގެ އަޑު އަދި އެއްފަހަރު އަހާލަން ބޭނުން.. ދޫކޮއްލިއްޔާ ދެން ނުފެންނާނެ..” ކުޑަކުއްޖެއްހެން ދެފައި ޖަހާލަމުން ހީޒަލް ރޮމުން މައްޗަށް ބަލާލައިފިއެވެ. އޭރު ކަރުނަތައް ހޯސްލާފައި އޭނާގެ ކޯތާފަތްކަތިން ފައިބައެވެ. މަޑުމަޑުން އެއަތުން ދޫކޮއްލަމުން ހީޒަލް އިސްއުފުލާލިއެވެ. ވަގުތުން ޑޮކްޓަރ ރާއިފްގެ ހަށިގަނޑު އެތަނުން ނެރެން ބުނެލައިފިއެވެ.
އެނދު ދަމަމުން ދޮރާއި ހަމައަށް ގެންދިޔަ ތަނާހެން އަނެއްކާވެސް ހީޒަލް އެދިމާލަށް ބަލާލައިފިއެވެ. ހީވަނީ އެންމެ ފަހު ފަހަރު އެމޫނަށް ބަލާލި ހެންނެވެ. އަދިވެސް ހަމަ އެހާމެ ފުރިހަމައެވެ. އެހާވެސް ރީއްޗެވެ. މަރުވެފައޭވެސް މީހަކު ނުބުނާނެއެވެ. ހީވަނީ އަރާމު ނިންޖަކުން ނިދާލާފައި ވާހެންނެވެ. ތަފާތަކީ ހަމައެކަނި އެމޫނު ހުދުވެފައިވާ މިންވަރެވެ.
“ރާއީ..” ކުރިއަށް އެޅި ފިޔަވަޅާއެކު ހީޒަލްގެ މޫނު މައްޗަށް އަނދިރި ވެއްޖެއެވެ. ފުސްވަމުން ދިޔަ ލޯކުރިމަތިން އެންމެ ފަހުންވެސް އޭނާއަށް ފެނުނީ އޭނާގެ ފުރާނައެވެ. އޭނާގެ ރާއީގެ ދިރުމެއްނެތް މަސްގަނޑެވެ.
* * * * *
އަރައިގެން އައި އިރާއެކު މާލޭގެ މަގުތައް މަތިން މީހުން ފެންނަން ފަށައިފިއެވެ. ނަމަވެސް އެކި މީހުންގެ ތެރެއިން ހަމަ ގައިމުވެސް އާ މޫނެއް އެބަވެއެވެ. ކުރިމަތިން ހުރަސް ކުރަމުން ދިޔަ ޓެކްސީތަކަށް އިޝާރާތް ކޮއްގެން އޭނާ ހުރީ ސްވެޓް ޕޭންޓްސްއަކާއި ކަޅު ޓީޝާޓެއް ލައިގެންނެވެ. ފަހަތުން އިސްތަށިގަނޑު އެއްކޮށް ތުނިކޮއްލާފައި ހުރިއިރު ބޮޑަށް ވައްތަރީ ސިފައިގެންގެ މީހަކާއެވެ. ޓެކްސީއެއް ނުހުއްޓާނެކަން ޔަޤީން ވުމުން އޭނާ ތަންކޮޅެއް ބޮޑަށް މަގަށް ނިކުމެލާފައި އަތް އުފުލާލައިފިއެވެ. ހުދުކުލައިގެ ޓެކްސީ އައިސް ހުއްޓުމުން އަވަހަށް ފޮށިތައް ލުމަށްފަހު އޭނާވެސް އެއަށް އަރައިފިއެވެ. މަގުތަށް މަތި މިހާރު ބަދަލުވެފައިވާ ވަރު ފެނުމުން އޭނާ ނިއްއަރުވާލަމުން އަތުގައި އޮތް ފޯނަށް ނަޒަރު ހިންގާލައިފިއެވެ. ހީވަނީ މީހަކު ގުޅުމުން ހިންހަމަ ނުޖެހުނު ހެންނެވެ. ވަގުތުން ފޯނު ކަނޑާލައިފިއެވެ. ނަމަވެސް އަނެއްކާވެސް އެނަންބަރުން ގުޅާލައިފިއެވެ.
“ރައްޔު…” އެކޮޅުން ވާހަކަ ދެއްކީ މެދު އުމުރުގެ އަންހެނެކެވެ. ރައްޔާން އަނެއްކާވެސް ފޯނު ކަނޑާލައިފިއެވެ.
ނުނިމޭ
5 Comments!
Comments are closed.

Varah kuru bt hyvey rythi vaanehn
feshun v reethi … ekam kury.. 🙂
Kandaalaifieve.balaalaifieve.ehen kiyaatha? I guess kiyaany kandaali eve,balaali eve.right?, i may be wrong but its lil awkward to read like balaalaifi eve kandaalaifi eve.
V Kuru but nice
U r right naa