ސިއްރު – 1
މިވާހަކައަކީ ކުރިން އެހެން ސައިޓެއްގައި ގެނެސްދެވުނު ކުރެވުނު ވާހަކައެކެވެ. މިވާހަކަ އެސްފިޔައިގައި މިގެނެސްދެނީ ކިޔުންތެރިންގެ އެދުމުގެ މތިންނެވެ.
ޖެހެމުންދަނީ މަޑު މިއުޒިކެއްގެ ރާގު އިއްވަމުން ގެންދާ މަޑުމަޑު އަރާމު ވައިރޯޅިތަކެކެވެ. ގަސްތަކުގެ ފަތްތަށް އެ އަރާމުކަމުގައި އެއްފަތް އަނެއްފަތާއި ސަމާސާ ކުރަމުންގެންދެއެވެ. ހިތްގައިމު ރެއެކެވެ. ހަމަ ޔަގީނުންވެސް ހިތަށް ހަމަޖެހުންހޯދަން މަސައްކަތްކުރާ ކޮންމެ މީހަކަށްވެސް ހަމަޖެހުންލިބޭ ފަދަ މަޑުމައިތިރި ރެއެކެވެ. ކުޅަދުންވަންތަވެރި އިލާހުގެ ކުޅަދުންވަންތަވެރިކަން އެންމެ ރަނގަޅަށް ހާމަވާނެ އެއްކަމަކީ އުޑެވެ. އަދި މިފަދަ ރެއެއްގައި އެ އުޑުގެ ފުރިހަމަކަމުންނެވެ. މެދުއުޑުގައި ރަސްކަންކުރަމުން ގެންދާ ސާދަ ފަނަރައިގެ ހިތްގައިމު ހަނދުންނެވެ. އެހަނދު ވަށައިގެން އެއަށް ފުރިހަމަކަން ގެނެސްދޭ އެތަށް ސަތޭކަ ތަރިތަކުންނެވެ. ކާއިނާތުގެ އަޖައިބުތަކެވެ.
” ހިދާ، އަޅެ މިރޭ ވަރަށް ހިތްގައިމު ދޯ؟ އަދި މިކަހަލަ ރެއެއްގައި ހިދާ ކަހަލަ ރީތި ލޯބިވެރިޔަކު އަހަރެންގެ ގާތުގައި އިނީމަ އަހަރެން ހާދަ އުފަލެއް ވެޔޭ.” އަފްޒަލް ވާހަކަ ދެއްކީ އޭނަ އިންތިހާއަށް ލޯބިވާ ޒުވާން ބައިވެރިޔާއެވެ. ނަމަވެސް ހިދާ އެއްވެސް ކަހަލަ ޖަވާބެއް ނުދިނެވެ. އަނެއްކާވެސް އަފްޒަލް ވާހަކަ ދައްކަން ފެށިއެވެ.
“މިޔަދު ހިދާގެ އެންމެ ފަހުގެ އިމްތިހާނުވެސް އެ ނިމުނީ. އަހަރެން ހުރީ ވަރަށް ބިރުން ، ހިދާގެ އިމްތިހާނު ނުނިމެނީސް އަހަރުމެން ދެމީހުންގެ ގުޅުމުގެ ވާހަކަ އެއްވެސް މީހަކަށް އެނގިދާނެތީ. އެނގުނު ނަމަ ބުނާނެ މުދައްރިސް ދަރިވަރު ވަލުވެއްދިއްޔޭ.” އަފްޒަލް އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
“ހިދާ، އަޅެ ކިހިނެތްވެފަ ތަ ތި އިންނަނީ؟ ކަމެއް ގޯސްވީތަ؟ ތިހެން މަޑުމަޑުން އިނީމަ އަހަރެން ވަނީ ހިދާގެ އަތުގައި ހިފާލާ ހިތް. ވަރަށް ލޯބިން ބައްދާލާހިތް.” ވާހަކަ ބަދަލުކޮއްލަން އަފްޒަލް ބޭނުންވިއެވެ.
“އެހެންވީއިރު އަތުގައި ހިފަންވީ އެންނު؟ ބައްދާލަންވީ އެންނު؟ ތިކަހަލަ ވާހަކަ ދެއްކީމަ އަހަރެން ގާތަށް ރުޅި އަންނަނީ. އެންމެންނަށް ވަގަށް ރައްޓެހިވެގެން އުޅޭތާ މިހާރު ތިން މަސްވަނީ. އަފްޒަލް އަހަންނާ ބައްދަލު ކުރަނީއެއް ނޫން. އަހަރެން އެވަރަށް އާދޭސްކުރީމަ އަންނާނީ މިތާ އަތިރިމައްޗަށް. އަހަރެން ގޮވައިގެން ކޮޓަރިއަކަށް ދިޔައިއްޔާ ކީއްތަ؟ ލާރި ނެތިއްޔާ އަހަރެން ދީފާނަމޭ. ނުވިތާކަށް އަހަރެން އަތުގަވެސް ހިފަނީއެއް ނޫން.” ރުޅިއައިސް ރަތްވެފައި އިން ހިދާ ފަތިވަރަކަށް އަމުނާލިއެވެ.
“އެންމެ ރަނގަޅު. ހިދާއަށް އެނގޭތަ ހިދާގެ އުމުރު؟ އަދި އެންމެ ސޯޅަ އަހަރޭ. ތީ އަދި މީހެއްގެ ކުޑަ ކުޑަ ދަރިއެކޭ. އަހަރެން އަތުގަ ފައިސާ ނެތީއެއް ނޫނޭ. ނޫނީ ހިއްސު ކެނޑިފައި ހުރީއެއް ނޫނޭ. އަހަރެން ހިދާދެކެ ލޯބިވާތީ ކެތްތެރިވަނީ. އަތުގަވެސް ހިފިދާނެ. އެކަމަކު މާދަމާވެސް ކަމެއް ދިމާވެގެން ވަކިވާން ޖެހިއްޖިއްޔާ ހިދާއަށް މާ އަސަރުކުރާނެ ކަން އެނގޭތަ؟” އަފްޒަލް ހިދާއަށް ވިސްނަދެވޭތޯ އުޅުނެވެ. އެހެންނަމަވެސް އެހެން އެކަމެއް ނުވިއެވެ.
“ދޮގުތަކެއް ހަދާނެ ކަމެއްނެތް. އަހަރެން ކަޅުވީމައޭ ބުނަންވީނު!” އެހެން ބުނުމައްފަހު ހިދާ ތެދުވެގެން ހިނގައިގަތެވެ. އަފްޒަލް އެކަނި ކޮއްލާފައެވެ.
ހިދާއަކީ ކުޅުދުއްފުށީގެ އެންމެ ތަނަވަސް އެއް އާއިލާއަށް ނިސްބަތްވާ ކުއްޖެކެވެ. މަންމައާއި ބައްޕަ އެ މަންޖެ ބުނާ ހުރިހާ ކަމެއް ކޮށްދިނުމުގެ ނަތީޖާ މިއަދު ފެންނަނީ މިފަދަ ގޮތަކަށެވެ. ހިދާއަކީ ގޮތްދޫނުކުރާ އަމިއްލަ އެދުން ބޮޑު ކުއްޖެކެވެ. ބޭނުންވާ ގޮތަކަށް ހުރިހާ ކަމެއް ކޮށް ނިންމާލަނީ އަނެކާއަށް ވާނެގޮތެއް ނުބަލައެވެ. ހަމުގެ ކުލަ ކަޅެއްކަމަކު ހިދާއަކީ ވަރަށްވެސް ރީތި އަންހެން ކުއްޖެކެވެ. ލޯބީގެ ގޮތުން އާއިލާއަށް ސިއްރުން ގުޅިގެން އުޅެނީ ސްކޫލް މުދައްރިސްއާއެވެ. އަފްޒަލްއާއެވެ. ހިދާއާއި ހިލާފަށް އަފްޒަލްއަކީ ކަންތައްތަކާއި ވިސްނާ ހަރުދަނާ ޒުވާނެކެވެ. އިސްކޮޅުންދިގު ދޮން ރީތި ހަށިގަނޑެއްގެ ވެރިއެކެވެ. ހިދާދެކެ އިންތިހާއަށް ލޯބިވެއެވެ. އޭނަގެ މުސްތަގްބަލާއި ދޭތެރޭ ވިސްނައެވެ. އެހެން ނޫންނަމަ ހިދާ ކުރާ މަލާމާތަށް ކެތެއްނުކުރީސްކަން ގައިމެވެ.
ރުޅި އިސްކުރަން އާދަވެފައިވާ ހިދާގެ މިސްރާބު ހުރީ ގެއާއި ދިމާއަށެވެ. ފިނިފެންމާ ވާދީ އަކީ ތިނަދޫގައި އެންމެ ފެންވަރު ރަނގަޅަށް ހަދާފައިވާ ގެއޭ ބުނުމަކުން ގޯހެއްނުވާނެއެވެ. ތިންބުރިއަށް ނަގާފައިވާ އެގޭގައި އެންމެ ޒަމާނީ ހުރިހާ ވަސީލަތެއް ވަނީ ގާއިމް ކުރެވިފައެވެ. ގޯތިތެރޭގައި ފެންނަނީ ތަފާތުވައްތަރުގެ މާ ގަސްތަކެވެ. އެއާއި ޖެހިގެން ތަފާތު މޭވާ ގަސްތަކެވެ. ހަމަ ޔަގީނުންވެސް ދަނޑުވެރިކަން ކުރަން ދަންނަ ހީވާގި މަސައްކަތްތެރިއަކު އުޅޭ ގެއެއްކަން ޔަގީނެވެ.
ގޯތިތެރޭގައި އެލުވާފައި ހުރި އުނދޯލީގައި އިށީދެނގެން ތިބި ދަލޭކައާއި ހުސޭނުބެ އިންތިޒާރުކުރަމުން ދިޔައީ ހިދާ ގެއަށް އަންނާނެވަގުތަކަށެވެ. ދައްކަންވެފައިވާ ގިނަ ނުވަތަ މުހިއްމު ވާހަކަތަކެއް ވާފަދައިންނެވެ. އިންތިޒާރަށް ނިމުމެއް އަންނާކަށް މާ ގިނަ އިރެއް ނުވިއެވެ. ބޭރު ދޮރާށި ހުޅުވާލުމަށްފަހު ހިދާ ވަދެއްޖެއެވެ.
“ދަރިފުޅާ ހިދާ.. ގަޑި ބަލާބަލަ. އެއޮއް ބާރަ ޖަހަން އުޅެނީ.މިހާ ދަންވީމައި އަންހެން ދަރިން ގެއިން ބޭރުގައި އުޅެންޏާ މީހުން މަންމައާއި ބައްޕައާއި ދިމާއަށް ކިހާ އެއްޗެއްސެއް ކިޔާނެތަ؟ ދަރިފުޅު ކޮންތާކަށް ގޮއްސަ ތިއައީ؟” ހުސޭނުބޭ ހިދާ ދިޔަތަނެއް އެނގެން ބޭނުންވާތީ ސުވާލުކުރިއެވެ. އެހެންނަމަވެސް އެ ސުވާލުގެ ޖަވާބު ނުލިބޭނެކަންވެސް އެނގިހުރެއެވެ.
“ބައްޕާ، މިރޭ ކާކު ކީކޭ ކިޔައިގެން ތިއުޅެނީ؟ އަހަރެން ދިޔައީ މީޝަލް ކައިރިއަށޭ. ބައްޕަ އަހަންނަށް އިތުބާރު ނުކުރަނީތަ؟” ހިދާ ޝަކުވާ ކުރާ ރާގެއްގައި ވާހަކަ ދެއްކިއެވެ. އެޅިހާ ބަތަކަށް ރިހަ ވަރިހަމަކޮއްގެން ފެންނަ މަންޒަރު ނުފެންނަ މަންޒަރަކަށް ހަދައިގެން އިވޭ އަޑުތަކަށް ބީރު ކަންފަތެއް ދީގެން އެދެމަފިރިން ތިބެނީ ތަންދޮރު ވަކިނުވާތީއެއް ނޫނެވެ. އެ ދަރިފުޅު ހިތުގައި ޖެހިދާނެ ފަދަ ބަހެއް ބުނެވިދާނެތީއެވެ.
ހިދާ ގެއަށް ވަދެގެން ދިޔުމުން ދަލޭކަ ފުންނޭވާއެއް ދޫކޮއްލިއެވެ.
” ހުސޭނާ، ހީވޭތަ މާދަމާވެސް އަހަރުމެން ގައިބާރު ދެރަވެ ހިދާގެ އެހީއަށް ބޭނުން ވެއްޖިއްޔާ އެކަންވެދާނެހެން؟ ބައެއް ފަހަރު އަހަރެންގެ ހިތައް އަރާ އަހަންނަށް، އަހަރުމެންނަށް މާ ބޮޑަށް ހިދާ ދޫކޮއްލެވުނީއޭ.. ދުވަހަކަށް ވުރެ ދުވަހަކު ހިދާގެ އުޅުމަށް އަންނަނީ ބަދަލުތަކެއް. ބައެއް ފަހަރު އަހަރެން ވަރަށް ދެރަވޭ. މިއަދު އަހަރުމެން މިތިބީ މުސްކުޅި ދުވަސްތަށް ގުނަންޖެހިފައި. ކިތަންމެ ދުވަހަކު ބަލިވެގެން ތަންމަތިން ނުތެދުވިފަ އެބަ ތިބެންޖެހޭ. އެކަމަކުވެސް ހިދާ ހިތަކަށް ހަމަ ރަހުމުގެ ކަންފުޅެއްވެސް ނުވަދޭ.” ދަލޭކަގެ ލޯ ފެންކަޅިވިއެވެ.
“ދެރަ ނުވޭ ދަލޭކާ. އަދި އެ މަންޖެއަށް ނުވިސްނެނީ. އަދި އެއީ ކުޑަ ކުޑަ ކުއްޖެއްނު؟ ހަދާ އަކީ ވަރަށް ރަނގަޅު ކުއްޖެއް. މައްސަަލައަކީ ތަންކޮޅެއް ރުޅިގަދަ މައްސަލަ. އެކަންވެސް އުމުރުން ދުވަސްވާން ފެށީމައި ހައްލުވެދާނެ.” ހުސޭނުބެ ދަލޭކައަށް ހިތްވަރު ދިނުމުގައި ރެއާއި ދުވާލު ހޭދަކުރެއެވެ.
އިންސާނުންނަކީ އުފެދުމުގައި އެއްގޮތަކަށް ތިބިކަމުގައި ވީނަމަވެސް އެއްކަހަލަ ބައެއް ނޫނެވެ. ކޮންމެ މީހަކީ ވަކި ވިސްނުމެއް ގެންގުޅޭ ތަފާތު ބައެކެވެ. ދުނިޔޭގައި އެތަށް ހާސް މިޒާޖެއްގެ އެތަށް ހާސް ބަޔަކު ދިރިއުޅެއެވެ. “އެމީހަކާއި އެމީހަކު” މިއީ މިޔަދުގެ ހަގީގަތެވެ. އަމިއްލަ އެދުމުން ފުރިގެންވާ ދުނިޔޭގައި އެހެން އިންސާނުންނާއި ދޭތެރޭ ވިސްނާލަނީ މަދު އިންސާނެކެވެ. އަނެކާއަށް އުފަލެއް ނުވަތަ ކާމިޔާބެއް ހާސިލްވާ ވަގުތު ގިނަފަހަރު ހަސަދަވެރިވެެވެއެވެ. އެއީ އިންސާނީ ތޮބީއަތެވެ. އަނެކާގެ ހާލަތަށް ހަމްދަރުދީވަނީ މަދު އިންސާނެކެވެ. ގައިމުވެސް ހިދާއަކީ ހަމްދަރުދީވާން ދަސްވެފައިވާ ކުއްޖެއް ނޫނެވެ.
*****
މޫނިސާ އިށީދެގެން އިނީ ހިދާ ކޮޓަރީގެ ތަޅުންމަތީގައެވެ. ކުޑަ ކުއްޖެއްގެ ހެދުމެއް އަތަށް ލައިގެންނެވެ. އެއަށް ބަލާލުމައްފަހު ބައެއް ފަހަރު ހީލައެވެ. އަނެއްބައި ފަހަރު ވައްތަރު ޖައްސާލައެވެ. ހިދާއަށް ދޮރުހުޅުވާލެވުނީ މޫނިސާ ވައްތަރު ޖައްސަން އިންދައެވެ. ބަލާކަށް ނުހުރެ ހިދާ މޫނިސާގެ އަތުގައި ހިިފާ ދަމައިގަތެވެ. އަނގަވަތަށް މޫނިސާ ވެއްޓި އަނގަމަތި ޖެހިއްޖެއެވެ. އެހެންނަމަވެސް އިންތިހާއަށް ބޮލަށް ރުޅި ސަވާރުވެފައިވާ ހިދާ ބަލާލުމެއްނެތި އެއަތުގައި ހިފާ ދަމަމުން ކޮޓަރިން ބޭރަށް ނެރުނެވެ. އަދި ކުނިގަނޑެއް އެއްލާލާފަދައިން އެއްލާލިއެވެ.
ރޮމުން ރޮމުން ކުޑަކުއްޖެއް ފަދައިން މޫނިސާ ދުއްވައިގަތީ ހިދާގެ ކިބައިން ސަލާމަތްވުމަށެވެ. ދަލޭކައާއި ހުސޭނުބެގެ ގާތަށެވެ. ވަރަށް ބާރަށް ދަލޭކަ ގައިގައި އޮޅުލައިގަންނަމުން މޫނިސާ އިނގިލިި ދިއްކުރީ ހިނގާފައި އަންނަ ހިދާއާއި ދިމާއަށެވެ.
“މަންމާ.. މަންމަމެން ގާތު އަހަރެން ކިތައްފަހަރު ބުނެފިން މި މޮޔަމީހާ އަހަރެން ކޮޓަރިއަށް ވަނަ ނުދޭށޭ. އަހަރެން ބޭނުމެއް ނޫނޭ އެ މޮޔަމީހާ އަހަރެންގެ އެއްވެސް އެއްޗަކަށް އަތްލާކަށް. މަންމަމެންނަށް އޭނަ ނުބެލެންޏާ މިގެއިން ނެރެލާ. ނޫނީ ގުރައިދޫއަށް ފޮނުވާލާ. ނުކެރެންޏާ އަހަރެންގެ ގާތުގައި ބުނޭ. އަހަންނަށް ކެރޭނެ.” ހިތައް އައި އެއްޗެއް ގޮވާލުމައްފަހު ހިދާ އަނބުރާ ހިނގައިގަތެވެ.
މާޔޫސްވެފައިވާ ދަލޭކަ މޫނިސާ ގައިގާ ދެއަތުން ހިފަހައްޓާލިއެވެ. ހިތްވަރުދެމުން މޫނިސާއާއި އެކު އަނބުރާ ގެއަށް ވަނެވެ. ގޭގެ އެންމެ އެތެރެއަށް ހަދާފައިވާ ކޮޓަރިއަށް މޫނިސާ އަތުގައި ހިފައިގެން ދަލޭކަ ދިޔައެވެ. މޫނިސާއަށް ދަލޭކަ ހަމްދަރުދީވެއެވެ. ހިދާގެ ފަރާތުން މޫނިސާއަށް ވަމުންދާ އުނދަގޫތަކަށް މައާފަށް އެދެއެވެ. ވިސްނާނުލާ ކުރެވޭ ކަންތަކުން އެހެން އިންސާނުންގެ ހިތަށް އަސަރުތަކެއް ކުރާނެކަން ދެލޭކައަށް ވިސްނޭތީ ކަންނޭގެއެވެ.
ހުސޭނުބޭ މަސައްކަތް ކުރަމުން ދިޔައީ ހިދާއަށް ނަސޭހަތްދެވޭތޯއެެވެ. އުނދަގޫކަމަކަސް ބަފައަކަށް ވާޖިބުވާތީއެވެ.
” ދަރިފުޅާ، މިރޭ ވަރަށް މޫސުން ގޯސްތަ؟ ” ދުރުރުން ވާހަކަ ފަށަން ގަސްތުކޮއްގެން ހުސޭނުބޭ ފެށިއެެވެ.
“ބައްޕައަށްނު ރަނގަޅަށް އެނގޭނީ. ބައްޕާ އަޅެ ކީއްވެތަ މަންމަ އެ މޮޔަމީހާ ގަނޑަށް އެހާ ރަނގަޅީ؟ އަހަންނަށް ވުރެވެސް އޭނަތަ މުހިއްމީ؟ ބައެއްފަހަރު އަހަރެން މަންމަދެކެވެސް ވަރަށް ފޫހިވޭ. ބައެއްފަހަރު ހީވޭ މަންމަ އަހަރެން ދެކެ އެއްގޮތަކަށްވެސް ލޯތްބެއް ނުވެޔޭ.” ހިތްހަމަ ނުޖެހިފައި އިން ހިދާ ބައްޕަގާތު ޝަކުވާ ކުރަން ފެށިއެވެ. އެންމެ ކުޑައިރުއްސުރެވެސް ހިދާ މަންމައަށްވުރެ ގާތީ ބައްޕައާއެވެ. ބޮޑަށް ލޯބިވަނީވެސް ބައްޕަދެކެއެވެ.
“ހިތުތެރޭގައި އިތުރު އެއްވެސް އެއްޗެއް އެބައޮތްތަ؟ ހިތުތެރޭގަ ހުރި ހުރިހާ އެއްޗެއް ބޭރުކޮއްލާ ” ކެތްތެރިކަމާއި އެކު ހުސޭނުބޭ އެދުނެވެ. ކިތަންމެ ކެތްތެރިވިނަމަވެސް އިންސާނަކަށް ކެތްތެރިވެވޭނީ ވަކި ވަރަކަށެވެ. ކޮންމެވެސް ދުވަހަކުން އެ ކެތްތެރިކަން ކޮޅުންލައިގެން ދާނެއެވެ. ކޮޅުންލައިގެން ދާނެ ދުވަހަކީ ހިތުގެ ތެރޭގައި ފޮރުވިފައިވާ ހުރިހާ ވޭނީ އަޑެއް ބޭރުވާނެ ދުވަހެވެ.
” ބައްޕާ އަޅެ ބުނެބަލަ، މަންމަ އަހަރެން ދެކެ ލޯބިނުވަނީތަ؟ ” ހިދާ ކިތަންމެ ހާވެސް އެސުވާލުގެ ޖަވާބު ބޭނުމެެވެ.
” ނޫނޭ ދަރިފުޅާ، މަންމަ ދަރިފުޅު ދެކެ ވަރަށް ލޯބިވޭ. ދަރިފުޅުދެކެ ނުވާ ލޯތްބެއް އެހެން މީހެއް ދެކެ ވެދާނެހެން ހީވޭތަ. މޫނިސާއަކީ ދަރިފުޅުގެ ބޮޑުދައިތައެއް. މަންމަގެ ކޮއްކޮއެއް. މަންމަ މޫނިސާދެކެ ވަރަށް ލޯބިވާނެ. މޫނިސާއަކީ ކުރިން އަހަރުމެން ކަހަލަ ހަމަޖެހޭ އިންސާނެއް. ހަޔާތުގައި ކޮންމެ މީހަކަށްވެސް ކަމެއް ދިމާވެދާނެ. މޫނިސާއަށް ދިމާވީ ވަރަށް ހިތްދަތި ހާދިސާތަކަކާ. އެ ހުރިހާ ވޭނެއް އެކަނި އުފުއްލަން ޖެހުމުގެ ނަތީޖާ މިއަދު މި ފެންނަނީ. މިވަގުތުވެސް އޭނަގެ ސިކުނޑި ހަމަނުޖެހުނަސް އޭނަ ދަރިފުޅުދެކެވެސް ވަރަށް ލޯބިވޭ. އެކަން ދަރިފުޅަށް އެނގޭތަ؟ ކޮންމެވެސް ދުވަހަކުން ދަރިފުޅަށް ވިސްނޭނެ. އެކަމަކު މިއަދުވެސް މާދަމާވެސް ދަރިފުޅު ޖެހޭނެ މޫނިސާއަށް ވަރަށް ރަނގަޅަށް ބަލަން. އެއީ ދަރިފުޅުގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް. ” ހުސޭނުބޭ ހިދާއަށް ވިސްނާދިނުމަށްފަހު އެކޮޓަރިން ނުކުމެ ހިނގައިގަތީ ހަމަޖެހިލައިގެން ނިދާލެވޭތޯއެވެ. ބޮލުގެ ރިހުމަށް ލުޔެއް ލިބޭތޯއެވެ.
*****
ކުޑަދޮރު ކައިރީ ގޮނޑިއެއް އަޅައިގެން އިށީދެގެން އަފްޒަލް އިނީ ކޮންމެވެސް ކަމަކާ ވިސްނަންކަން ބަލާލި ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. މެންދަންވެ ބޮޑުވިނަމަވެސް ހަނދާ ތަރިތަކުގެ ޗާލުކަމަކަށް ބަދަލެއް ނާދެއެވެ. ގުދުރަތުގެ މަޑު ރާގުތައްވެސް އެއްވަރެއްގައި ކުޅެމުންދެއެވެ. އެހުރިހާކަމެއްގެ ތެރެއިންވެސް އަފްޒަލްގެ ހިތަށް ހަމަޖެހުމެއް ލިބޭގޮތެއް ނުވިއެވެ. ޖީބުގައި އޮތް ފޯނުނަގައި ހިދާއަށް މެސެޖެއް ކޮއްލީ އެހެންވެގެން ކަންނޭގެއެވެ.
“ހިދާ ނިދަނީތަ؟ މިރޭ ހިދާ ރުޅިއަރުވާ ލެވުނީމަ ވަރަށް ބޮޑަށް ސޮރީ ” އަފްޒަލްގެ ކުށެއް ނެތް އިރުގައިވެސް އަފްޒަލް މައާފަށް އެދުނެވެ. ކޯޅުން ގަނޑު އެންމެ އަވަހަށް ހުއްޓޭނީ އެހެންކަން އަފްޒަލް އަށް އެނގޭތީއެވެ. މާގިނަ އިރެއް ނުވެ ފޯނު ވައިބްރޭޓްވިއެވެ. ” ނިދޭވަރެއްތަ؟ ދެލޯ މެރެނިކޮށް ތި މެސެޖްކުރީ. މާދަން މެސެޖް ކުރާނަން. ” ހިދާގެ ޖަވާބު ކުރުވެފައި ހަރުކައްޓެވެ.
އަފްޒަލް ފުންނޭވާއެއް ލިއެވެ. ” އަހަންނަށް މިކުރެވެނީ އެންމެ ރަނގަޅު ކަމެއްބާ؟ ” އަފްޒަލް މަޑުމަޑުން ބުނެލިއެވެ. ކިތަންމެ ލޯތްބެއް ވިޔަސް މިއަދު އަފްޒަލްއަށް ވަނީ ހިދާއާއި ދޭތެރޭ ވިސްނަން ޖެހިފައެވެ. ހިދާގެ އުޅުން ހުންނަގޮތުންނެވެ. ވާހަކަދައްކާ ގޮތުންނެވެ. ބައެއްފަހަރު އަފްޒަލްއަކީ އޭނާއަށް އެއްވެސް މީހެއް ނޫންހެންވެސް ހީވެއެވެ. ހިދާ އަނެއްކާ އަފްޒަލްދެކެ ލޯބިވޭ ހެއްޔެވެ؟ ހިދާއަކީ އެހެން ކުދިންނާއި ތަފާތު ކުއްޖެއްކަން އަފްޒަލްއަށް އެނގެއެވެ. އެހެން ކުދިންނަށް ވުރެ ހަރުކައްޓެވެ. ހަރު ހިތެއްގެ ވެރިއެކެވެ. ނަތީޖާއަކަށް ވަނީ ޖެހިލުންކުޑަވުމެވެ. އަނެކާގެ އިހްސާސްތަކެއް ނުހުންނަ ކަމަށް ނިންމުމެވެ. ތިމާބޭނުން ކޮންމެ ކަމެއް އެހެން އެންމެން ކުރަން މަޖުބޫރުވުމެވެ. ހަމަ ޔަގީނުންވެސް އަފްޒަލްގެ ދިރިއުޅުން އެހެނެއް ނޫނެވެ. އޭނާގެ ހުރިހާވެސް މީހަކީ އޭނާގެ މަންމައެވެ. ބައްޕަ ނިޔާވިދުވަހުންފެށިގެން އެކަނި އަފްޒަލްއަށް ހެޔޮ ތަރުބިއްޔަތެއް ދިނުމުގައި އުމުރު ނަގައިލީ އެ މައިމީހާއެވެ. އެ މައިމީހާއަށްޓަކައި އޭނާ ކޮންމެ ފަދަ ގުރުބާނީއެއްވެސް ވެދާނެއެވެ. ހަމަ ޔަގީނުންވެސް ކުއްޖަކާއި ލޯބީގެ ގޮތިން ގުޅުނަސް ޒަވާޖީ ހަޔާތެއް ފަށާނީ އެ މަންމަގެ ރުހުން ލިބިގެންނެވެ.
*****
ފަތިހުގެ ފިނިވައިރޯޅިތަށް ހުޅުވިފައި ހުރި ކުޑަދޮރުން މޫނިސާ ކޮޓަރިއަށް ވަންނަމުން ދެއެވެ. ބޯ ހާވާލައިގެން މޫނިސާ އެނދުމަތީގައި އިށީދެގެން އިނީ ކޮންމެވެސް ކަމަކަށް ގެއްލިފައެވެ. ކުޑަދޮރުން ބޭރަށް ބަލަން އިން މޫނިސާގެ މޫނުމަތީގައިވަނީ ބުނެދޭން ނޭނގޭފަދަ ހިނިތުންވުމެކެވެ. ބައެއް ފަހަރު އަތް ހޫރުވާލައެވެ. އަނެއްބައި ފަހަރު އަމިއްލަ މޫނުމަތީގައި ފިރުމާލާއެވެ. ހިތައް އެރުމުން އަޑުން އަޑުނަގައި ހޭން ފަށައެވެ. ކުޑަ ކުއްޖެއް ފަދައިން ތުންދަމާ ރޯންވެސް މަސައްކަތްކުރެއެވެ.
މޫނިސާގެ ހަގީގަތަކީ ކޮބާ ހެއްޔެވެ؟ މޫނިސާއަކީ ކާކު ހެއްޔެވެ؟ ހަމަވިސްނުން ނެތް މީހަކަށް ދަލޭކައާއި ހުސޭނުބެ އެހާ ރަނގަޅީ ކީއްވެގެން ހެއްޔެވެ؟ ހައްތަހާވެސް ހިތަށް ގިނަވާ ސުވާލުތަކެވެ. ޖަވާުބު އެނގޭ ތިބީ މަދު ބައެކެވެ.
ހެނދުނުގެ ނާސްތާ ތައްޔާރުކުރުމުގައި އަވަދިނެތި ދަލޭކަ ހަރަކާތްތެރިވަމުން ދިޔައީ ބަދިގެ ތެރޭގައެވެ. އަތްމަތި އަވަސްކަމާއިއެކު ދަލޭކަ މަސައްކަތް ކުރަމުންދަނީ ހަމަ ޔަގީނުންވެސް އެހާ ހެނދުނާ ހިދާ ތެދުވެގެން ސައިބޯން އަންނާނެކަމަކަށް ނޫނެވެ. ހުސޭނުބެއާއި މޫނިސާއަށް ގަޑިއަށް ސައިދެވޭތޯ ދަލޭކަ ބަލައެވެ. ހިދާއަށް އިރުއަރާނީ މެންދުރުވާ ފަހުންނެވެ. އެ ގޮތްގަނޑު ބަދަލުކުރެވޭތޯ ދަލޭކަ ވަރަށްމަސައްކަތް ކުރިއެވެ. އެހެނަސް މިއަދާއިހަމައަށްވެސް ކުރިމަތިލާން ޖެހުނީ ނާކާމިޔާބާއެވެ.
ފަތިސްވެގެންއައި އިރު ދުނިޔެމަތި ކިތަންމެ ރީތިކޮށް އޮތްނަމަވެސް މިހާރު މަންޒަރު އަންނަނީ ބަދަލުވަމުންނެވެެ. އުޑުމަތި އަންނަނީ މަޑުމަޑުން ބަނަވަމުންނެވެ. މީގެ އިރުކޮޅެއް ކުރިން ޖެހެމުން އައި މަޑު ވައިރޯޅިތަށް މިހާރު ގަދަވާން ފަށައިފިއެވެ. ވާރޭ ވެހެންފެށުމުގެ ކުރިން ދަލޭކަ ގޯތިތެރެ ކުނިކަހަން ނިކުތެވެ. އުމުރުން ދުވަސްވަމުންދާ ދަލޭކަ ކިތަންމެ މުރާލިކޮށް،ހަލުވިކޮށް އުޅުނަސް ހަގީގަތަކީ ދަލޭކަ މިހާރު ހުރިހާ މަސައްކަތެއް ކުރަނީ ގައިގަ ހުރި ހިތްވަރަށްކަމެވެ.
” ދައްތާ. އަހަރެން އަތަށް ގެނޭ ކުނިކަހާލަ ދޭނަން. ދައްތަ ކައިރީ އަހަރެން ބުނީމެންނު އަހަންނަށް ގޮވާލާށޭ. ” ޖެހިގެން ހުރި ގޭގައި އުޅޭ ހިދާއާއި އެއް އުމުރެއްގެ ހުމާ ވާހަކަދެއްކިއެވެ.
” ނޫން ދަރިފުޅާ. އަދި ދައްތައަށްވާނޭ. ދައްތަ ބަލިވި ދުވަހަކުން މިހުރިހާ ކަމެއް ކޮއްދޭން ހުރޭ ” ދަލޭކަ އެއްވެސް މީހަކަށް އުނދަގުލެއް ކުރާކަށް ބޭނުމެއް ނޫނެވެ.
ހިނިތިންވަމުން ހުމާ ވަނީ ހިދާއަށް ގޮވާށެވެ. ހިދާ ނުތެދުވާކަން ޔަގީންވާތީއެވެ.
ކުނިކަހަން އޮތް ދަލޭކަގެ ލޮލުން ކަރުނަ ފާއްދާލިއެވެ. އަތުގެ ނުފުށުން އެ ކަރުނަ ފުހެލީ ހިތްވަރުކުރަން ޖެހޭތީއެވެ. ހުމާ ފެނުމުން ދަލޭކައަށް އެތަށް އަސަރެއްކުރެއެވެ. ވާނީވެސް އެހެންނެވެ. ހުމާއަކީ ހިދާއާއި އެއް އުމުރެއްގެ ކުއްޖެކެވެ. މީހުންނާއި ގުޅިގެން އުޅެން އެނގޭ މަޑުމައިތިރި ހިތް ހެޔޮ ކުއްޖެކެވެ. ހުރިހާ މަސައްކަތެއް ކުރަމުން،ގޭތެރޭގެ ކަންތައްތައް ޝަކުވާއެއް ނެތި ކުރެއެވެ. ކިޔެވުމަށް ފަރުވާ ބަހައްޓައެވެ. ކޮންމެ މަޔަކާއި ބަފަޔަކުވެސް އެފަދަ ދަރިއަކު ލިބުމަށް އެދޭނެއެވެ.
އިންސާނާ ހިތްވަރުގަދަ ވަނީ އޭނާއަށް އަމިއްލަ ނިކަމެތިކަން އެނގޭތީއެވެ. އިންސާނާ ރީތި ވަނީ އޭނާއަށް އަމިއްލަ އުނިކަން ދެނެގަންނަން އެނގުމުންނެވެ. ބިރުކުޑަ އިންސާނަކަށްވަނީ ހަގީގަތާއި ހިޔާލީ ކަންތައްތައް ވަކިކުރަން އެނގޭހިސާބުންނެވެ. ހަމައެގޮތަށް ހެޔޮ ވިސްނުން ހުންނަ ތޫނުފިލި މީހަކަށްވަނީ ކުރެވޭ ކުށްތައް ދެނެގަނެ އެއާއި ކުރިމަތިލާން އެނގުމުންނެވެ. ލޯބިވެރިއަކަށް ވާން ދަސްވަނީ އިންސާނާއަށް ނަފްރަތުގެ ރަހަ އެނގިފައި ވުމުންނެވެ. ހަމަ އެހެންމެ އިންސާނާއަށް ހިނިތުންވެ ދުނިޔެއަށް ކުރިމަތިލާން އެނގެނީ ހިތާމައިގެ ކަނޑުތަކުގައި ދަތުރު ކުރަންޖެހުމުންނެވެ. އެއްވެސް އިންސާނަކީ ފުރިހަމަ އިންސާނެއް ނޫނެވެ. ކޮންމެ އިންސާނަކީވެސް ކޮންމެވެސް އެއް ގޮތަކުން އުނިކަމެއް ހުންނާނެ އިންސާނެކެވެ. ކޮންމެ އިންސާނަކަށްވެސް ކުށްކުރެވޭނެއެވެ. ހަމައެހެންމެ ކޮންމެ މީހެއްގެ ހިތުގެ ތެރޭގައި އެތަކެއް ސިއްރުތަކެއް ފޮރުވިފައި ހުރެދާނެއެވެ. އެފަދަ ސިއްރުތަށް ފާޅުވުމުން ހުރިހާ އެންމެންނަށް ހިތާމަވެރިކަން ލިބުންވެސް އެކަށީގެންވެއެވެ.
8 Comments
Comments are closed.
V reethi❤❤
V reethi.. waiting for the next part.. ??
Adhi varah salhi koh dhany mi vaahaka… Kiyaalan varah faseykan faahaga kurevey… Ibaaraaiy kurun ves varah furihama… Kon irakun next part… Waiting ngey… Varah reethi vaanehen hyvaa story eh my… Love it..
Mi story kurin inny kon site ehga kan bunedhyba konmes kuhjje
Varah reethi.. waiting for next part ?
Vaahaka reethi ekam eh thankoluga kuludufushi jahaafa anehthaaga thinadhoo ey keeveyo
Yeah.. thee varah alhaigen thankolheh… ekamuves story varah reethivsanehen heevey..
V rythi…. all da best?
Wen next part???