ދެވަނަ ފުރުޞަތު
ސައިރެންގެ އަޑާއިއެކު ބާރު ދުވެއްޔެއްގައި އައި އެމްބިއުލާންސް މަޑުކޮށްލީ އދ އަތޮޅު ހޮސްޕިޓަލްގެ ދޮރުމައްޗަށެވެ. ލަސްތަކެއްނުވެ އޭގެ ތެރެއިން ނިކުތީ ތިން ފުލުސް އޮފިސަރުންނެވެ. އެމީހުންނާއި އެކު އެނދުގައިއޮތް ބަލިމީހާ އެތެރެއަށް ވެއްދުމަށް ހޮސްޕިޓަލުގެ އިތުރު ދެ މުއައްޒަފަކުވެސް ހަރަކާތްތެރިވަމުން ދިޔައެވެ.
އެއްވެފައިވާ މީހުންގެ ތެރެއިން މުސްކުޅި ފިރިހެނަކު ދުވެފައި ކަހަލަ ގޮތަކަށް ހޮސްޕިޓަލުގެ ތެރެއަށް ދެމިގަތެވެ.
“އަހަރެންގެ ދަރިފުޅު! ޒޫކް! ކޮބާ އޭނަ؟” ފައިސަލް ފުލުސް އޮފިސަރަކާއި މުޚާތަބްކޮށް ބުންޏެވެ. އޭރު އޭނާއަށް މާނޭވާލެވެއެވެ.
“ބޭބޭ! އަޅުގަނޑުމެންނަށް އޭނާ މަރުނުވަނިސް ފެނުނުކަން ރަނގަޅު. އޭނާ ކަރުގައި ބެޑުޝީޓް އައްސާފައޮތީ ނޭވާވެސް ނުނިކުންނަހާ ބާރުކޮށް. އަޅުގަނޑުމެންނަށް ފެނުނުއިރުވެސް ޚަބަރު ހުސްވެފައޮތީ. މާތް اللَّه އިރާދަފުޅާއިއެކު މިހާރު ރަނގަޅުވަމުން އަންނަނީ. އެކަމަކު ބޭބެ ވާނެ ވަރަށް ހިތްވަރުކުރަން.” ފުލުސް އޮފިސަރު ވާހަކަދެއްކިއެވެ.
ޒޫކްގެ ޙާލަތު ހުރި ގޮތާއި ހޮސްޕިޓަލަށް ގެންނަން މެދުވެރިވީ ސަބަބު ފުލުސް އޮލިސަރު އޮޅުންފިލުވައިދިނުމުން ފައިސަލް އަރިއަޅާލައިގެން ވެއްޓެން ދިޔައެވެ. ފުލުސް އޮފިސަރު ފަރުވާތެރިކަމާއިއެކު ފައިސަލް ހިފަހައްޓާލަމުން ގެނެސް ގޮނޑިއެއްގައި ބައިންދައިގެން ނަޞޭޙަތްތެރިވަމުން ދިޔައީ ކެތްތެރިވުމަށެވެ. އޭރު ފައިސަލްގެ ލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުންދިޔައެވެ.
ޖެހިގެން އައި ދުވަހު ޒޫކް ގެއަށް ފޮނުވާލިއެވެ. ގެއަށް އައި ނަމަވެސް ޒޫކް ޙާލަތު ކުރިއެކޭ ތަފާތެއް ނެތެވެ. ދަންނަ ހަމަ އެކަކުވެސް ނެތެވެ. ވާހަކަދެއްކިއަސް ދައްކަނީ އަމިއްލަ ވާހަކައެވެ. އަބަދުވެސް އުޅެނީ އަމިއްލަ ދުނިޔެއެއްގައެވެ. ބައެއް ފަހަރު ބާރަށް ހޭނެއެވެ. އަނެއްބައިފަހަރު އަޑުން އަޑު ނަގާ ރޮއި ހިތާމަކުރެއެވެ. އަދި މަދުން ނަމަވެސް އެކަނިއޮވެ މަޑުމަޑުން ގިސްލާ އަޑު އިވެއެވެ. ކޮންމެވެސް އެއްޗެއް އޭނާގެ މުށުތެރޭގައި އަބަދުވެސްފޮރުވާފައި އޮވެއެވެ. އެއީ ޚިޔާލީ އެއްޗެކެވެ. އެ އެއްޗެއް ދައްކާކެށްވެސް އެމުށް ހުޅުވާކަށްވެސް ޒޫކް އެއްގޮތަކަށްވެސް ބޭނުމެއްނުވެއެވެ. މިމަންޒަރުތައް ނުހަނު ގާތުން ބަލަމުން ގެންދިޔަ ފައިސަލްގެ ހިތް ހިތާމައިން ކުދިކުދި ވާވަރުވެއެވެ. އެމަންޒަރު ފެންނަ ކޮންމެ ފަހަރަކު އޭނާގެ ސިކުނޑިއަށް އަންނަނީ ފުލުސް އޮފިސަރުގެ ވާހަކަތަކެވެ.
“ހީވާގޮތުން އޭނަގެ ހޭ ބުއްދި ފިލާ ގޮސްފައެވަނީ. ޒޫކް ވަނީ އޯވަޑޯޒްވެފަ. އެއްފަހަރާ މާގިނައިން މަސްތުވާތަކެތި ބޭނުންކޮށްފިނަމަ އެހެން ވެދާނެ” ފުލުސް އޮފިސަރު ދެއްކި ވާހަކައިގާ ޙަޤީޤަތެއްވާކަމަށް ފައިސަލްއަށް ޤަބޫލްކުރެވެއެވެ.
ފައިސަލް މަސައްކަތް ކުރަމުން އަންނަނީ ވީހާވެސް ގިނައިން ޒޫކް އަޅުކަންތަކުގައި ބައިވެރި ކުރެވޭތޯއެވެ. މިގޮތުން ހުރިހާ ވަގުތަކު ޒޫކް ގޮވައިގެން އޭނާ ނަމާދުކުރަނީ ގޭގައެވެ. އަދި ގިނަވަގުތު ބަހައްޓަނީ ކޮޓަރީގައި ޤުރުއާން ޖަހާފައެވެ. ޒޫކް އެއްގޮތަކަށްވެސް ބޭރަށް ނެރެން ފައިސަލް ބޭނުމެއްނޫނެވެ. ޒޫކް ގެއިން ނިކުމެދާނެތީ އަބަދު ފާރައަށް ހުންނަން ޖެހުމުން އޭނާއަށް ވަޒީފާއަށްވެސް ދެވޭގޮތެއް ނުވެއެވެ.
މިދުވަސްތަކުގައި އަނޫޝާ ގޭގައި ނެތްކަން އެއީ ފައިސަލްގެ ނަސީބު ކަމުގައި އޭނާ ދެކެއެވެ. އެހެން ނޫންނަމަ އަނޫޝާ ކުދި ނުކިޔާނެ ގޮތަކަށް ކުރެވޭ އެއްވެސް ކަމެއް ނޯންނާނެއެވެ. ޗުއްޓީ ވުމުން އީނާޝް ގޮވައިގެން މަންމަމެން ގާތަށް ދ. ކުޑަހުވަދޫއަށް އަނޫޝާ ދިޔަތާ އަދިވީ އެންމެ ޙަފްތާއެކެވެ.
ޒޫކް މިއަދު އެފަދަ ހާލެއްގައި އުޅެންޖެހިފައި އެވަނީ އަނޫޝާގެ ސަބަބުން ކަމަށް މިއަދު ފައިސަލްއަށް ޤަބޫލްކުރެވެއެވެ. އަދި މިކަމުގައި އޭނާ އަމިއްލަ ނަފްސުވެސް ކުއްވެރިކުރެއެވެ. އެހެން ވާނެ ނޫންހެއްޔެވެ؟ ޒޫކް އަކީ އެންމެ ތުއްތު އިރުއްސުރެ ދޮންމަންމަ އައުމާއި ހަމައަށްވެސް ބައްޕަގެ ބަސްއަހާ ރަންދޫންޏެވެ.
. . . . . . . . . . . . . . . . . .
ފައިސަލް އާއި އަމްރާގެ ކައިވެންޏަށް ދިހަ އަހަރު ފުރިހަމަވީއިރުވެސް އެކައިވެނީގެ ފޮނި މޭވާ ލިބުމުގެ ނަސީބު އެދެމަފިރިންނަށް ލިބިފައެއް ނުވެއެވެ. ޑޮކްޓަރީ ބޭސްކުރުމަށް ރާއްޖޭގައި ތިބި އެކަމަށް ޚާއްޞަ އެތަށް ޑޮކްޓަރުންނަކަށް ދައްކާ އެވަރުންވެސް އެކަން ކާމިޔާބު ނުވުމުން އިންޑިޔާއަށްވެސް ދެފަހަރުމަތިން ގޮސް ދަރިމައި ނުވާ މީހުންނަށް ޚާއްސަ މަޝްޙޫރު ދެތިން ޑޮކްޓަރަކަށް ދައްކައިފިއެވެ. ނަމަވެސް އޭގެ ފަހުން އަހަރުތަކެއް ފާއިތުވީއިރުވެސް އުފާވެރި ޚަބަރެއް ލިބޭގޮތް ނުވުމުން އެކަމަށް މަޝްހޫރު ޙަކީމީބޭސް ހަދާ މީހެއްގެ ކައިރިއަށް ގޮސްގެންވެސް އެދެވޭ ނަތީޖާއެއް ނުނިކުތެވެ.
އެންމެފަހުން މާތް اللَّه އަަަަށް ވަކީލު ކޮށްލައިގެން ދުޢާ ދެންނެވުމުގައި ދެމިތިއްބާ އެދެމަފިރިންނަށް އެދިއެދިތިބި އުފާވެރި ޚަބަރު ލިބުނީ ދެމީހުންގެ ކައިވެންޏަށް ވިހި އަހަރު ފުރިހަމަވާން ގާތްވެފައި ވަނިކޮށެވެ.
ފައިސަލްއާއި އަމްރާގެ ދިރިއުޅުމަށް ބަހާރު މޫސުން އައިއްސިއެވެ. އަމްރާގެ އުނގު ފަޅުފިލުވައިދޭނެ ލޯބި ލޯބި ފިރިހެން ކުއްޖެއް ލިބުނީއެވެ. އެތަކެއް ދުވަހަށްފެހު ލިބުން ނިޢުމަތައް އެދެމީހުން މާތް اللَّه އަށް ޙަމްދު ކުރިއެވެ.
އެކުއްޖާއަށް އެދެމަފިރިން ދިން ނަމަކީ ޒޫކް މުޙައްމަދު ފައިސަލް އެވެ. ‘ޒޫކް’ މިނަމަކީ އެންމެ ފުރަތަމަ ޑޮކްޓަރަށް ދައްކަން އަވަށްޓެރި އިންޑިޔާއަށް ދިޔަ ދަތުރުގައި އެންމެ ފުރަތަމަ ދެއްކި ޑޮކްޓަރުގެ ނަމެވެ. އެންމެ ފުރަތަމަ ލިބޭ ފިރިހެން ކުއްޖަކަށް އެ އުރުދޫ ނަން ކިޔަން ބޭނުންވާ ވާހަކަ އެދުވަހު ހޮސްޕިޓަލުން އައިސްވެސް އަމްރާ ބުންޏެވެ.
ދުވަސްތައް ފާއިތުވަމުން ދެއެވެ. ޒޫކްގެ އުމުރުން ހަ އަހަރު ފުރިހަމަވީއިރުވެސް އެދެމަފިރިން އެކުއްޖާ ގެންގުޅެނީ ވަރަށް ތުއްތު ކުދިން ގެންގުޅޭ ގޮތަށެވެ. ޒޫކް އަބަދުވެސް ކަނީ މަންމަ އަތުންނެވެ. ފެންވަރުވާ ރީތިކުރަނީވެސް މަންމައެވެ.
ބުނާ ހުރިހާ ކަމެއް ވީވަރަކުން ފުރިހަމަ ކޮށްދޭއިރު ތަނަކުން ވެއްޓި ކުޑަ ނަމަވެސް ޒަހަމެއް ލިބިއްޖެނަމަ ޒޫކްއަށްވުރެ ބޮޑަށް އެ ތަދު އިޙްސާސްވަނީ އަމްރާއަށްހެން ހީވެއެވެ. ރަށުގައި ހުންނަ ވަގުތުގަކުގައި ފައިސަލްވެސް އުޅެނީ އެކުއްޖާފުޅު ކެަނޑަށް ލައިގެންނެވެ. ވަޒީފާ އަދާކުރަނީ ކައިރީގައި އޮންނަ ރިޒޯޓްގައި ކަމުން މަދުވެގެން ހަފްތާއަކު އެއްފަހަރު އެދެމައިންގެ ގާތަށް ފައިސަލް އާދެއެވެ.
ދުވަސްވަރަކީ ޙައްޖު މޫސުމާއިއެކު ރޯގާތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދިޔަ ދުވަސްވެރެވެ. ރަށުގައި ރޯގާ ފެތުރެމުންދިއުމާއިއެކު އަމްރާއަށްވެސް ހުމުގެ އަސަރުކޮށް މާބޮޑަށް ބަލިވާންފެށިެއެވެ. ޙަފްތާއެއްގެ ތެރޭގައި މާބޮޑަށް ހާލުދެރަވެ މުޅިމީހާ ރީނދޫވިއެވެ. އަތޮޅު ހޮސްޕިޓަލުން ހެދި ޓެސްޓުތަކުން އަމްރާއަށް ޖެހިފައިވަނީ ރީނދޫހުންކަން ޔަޤީންވުމުން މާލެގެނެސް އަވަސްފަރުވާ ދެމުން ދަނިކޮށް މި ފަނާވަނިވި ދުނިޔެއާއި އަލްވަދާއުކިއުމުން ފައިސަލްގެ ހިތްވަރު އެލޭގޮތްވިއެވެ. އެހާ ލޯބިން ބަލަމުންގެންދިޔަ ދަރިފުޅުގެ މަންމަ ކުއްލިގޮތަކަށް ނިޔާވުމުން ދެން އެކުއްޖާފުޅާއިމެދު ވާނެގޮތަކާއި ދޭތެރޭ ވިސްނިއެވެ.
އަބަދުހެން ސަކަރާތް ޖަހަޖަހާފައި އުޅޭ ކުއްޖާ މުޅީން ނެގި މަޑުވެފައި އިންނަން ފެށިއެވެ. ޒޫކްގެ ސަކަ މިޒާޖު މުޅީން ބަދަލުވެ މަޑުމައިތިރި ކުއްޖަކަށްވިއެވެ. ޒޫކްގެ ކުރީގެ އުފާވެރިކަން އަލުން އަނބުރާ ހޯދައި ނުދެވުނު ކަމުގައިވިއަސް ފައިސަލްއަށް ވެވުނު ވަރަކުން ޒޫކްގެ ހިތްހަމަޖައްސައިދޭން މަސައްކަތް ކުރަމުންދިޔައެވެ. ދެވަނަ ކައިވެންޏެއް ކުރުމަށް ނިންމީވެސް އެ ސަބަބަށްޓަކައެވެ.
އުނޫޝާއަކީ ފައިސަލްގެ ގާތް ރައްޓެއްސެއްގެ އެހީތެރިކަމާއިއެކު ކައިވެނި ކުރެވުނު ކުއްޖެކެވެ. ފައިސަލްއަށްވުރެ ފަނަރަ އަހަރު ހަގު ކަމުގައިވިއަސް ބަލާބެލުމަށް ފައިސަލްއަކީވެސް އުނޫޝާއަށް ދޫނުކުރާވަރު ރީތިކަމެއް ލިބިފައިވާ ފިރިހެނެކެވެ.
ކައިވެނީގެ ފުރަތަމަކޮޅު އުނޫޝާގެ ފަރާތުން ޒޫކްއަށް ލޯތްބާއި އަޅާލުން ލިބުނުކަމުގައިވިއަސް އެ އޯގާތެރިކަން މަޑުމަޑުން ނެތި ދާކަށް މާގިނަ ދުވަހެއް ނުނެގިއެވެ. ކައިވެންޏަށް ހަމަސް ވީއިރު އުނޫޝާ ބަލިވެ އިންކަން އެނގުނު ދުވަހުން ފެށިގެން އުނޫޝާގެ މިޒާޖު ބަދަލުވާން ފެށިއެވެ.
އުނޫޝާ ޒޫކްއަށް އަޅާލުން ދިޔައީ ދުވަހެއް ދުވަހަކަށް ކުޑަވަމުންނެވެ. މިގޮތުގައި ދުވަސްތައް ފާއިތުވަމުންގޮސް އުނޫޝާގެ އުނގު ފަޅުފިލާނެ ލޯބި ލޯބި އަންހެން ކުއްޖަކު ލިބުނެވެ. މިކަމާ އޭނާ ހުރީ ވަރަށްވެސް އުފާވެފައެވެ. ފައިސަލްގެ މޫނުމަތީގައިވެސްވަނީ ނުފިލާ ހިނިތުންވުމެކެވެ. މިކަން ވެގެންދިޔައީ އުނޫޝާގެ ހިތް ބޮޑާކަމުން ފުރިގެންދިޔަ ކަމެއްގެ ގޮތުގައެވެ.
ދޮންބެ ކިޔާނެ ލޯބި ލޯބި އަންހެން ކޮއްކޮއެއް ލިބުމުން އެންމެ ބޮޑަށް އުފާކުރި އެކަކީ ޒޫކްއެވެ. ނަމަވެސް އެ އުފާވެރިކަން ދެމިގެން ދިޔައީ ކުޑަ ދުވަސްކޮޅަކަށެވެ.
އީނާޝްއާއި ކައިރި ނުވުމަށް އުނޫޝާގެ ފަރާތުން އެތަށް ފަހަރަކު ޒޫކްއަށް އެންގިއެވެ. ޒޫކްގެ ސަބަބުން ކޮއްކޮއަށް ގެއްލުމެއް ވެދާނެކަމަށެވެ. ފުރަތަމަކޮޅު ފައިސަލްއަށް ހީކުރެވުނީ އެއީ އީނާޝް އެހާ ތުއްތު ކުއްޖަކަށް ވެފައި ޒޫކްއަށް ނޭނގި ނަމަވެސް އެކުއްޖާފުޅަށް އަނިޔާއެއް ދެވިދާނެތީ އުނޫޝާ އުޅޭ ގޮތްކަމަށެވެ. ނަމަވެސް އީނާާޝް ބޮޑުވަމުން އައިއިރުވެސް ދެކުދިން ދުރުކުރަން އުނޫޝާ ކުރާ މަސައްކަތާއި ކިޔާ އެއްޗެތީގެ ސަބަބުން އުނޫޝާގެ ހިތުގައި ޒޫކްއާއިމެދު އެއްވެސް އޯގާތެރިކަމެއް ނެތް ތާނގައި އެދެބެންގެ ދޭތެރޭ ގާތްގުޅުމެއް އުފެދެންވެސް އޭނާ ބޭނުންނުވާކަން ފައިސަލްއަށް ވިސްނުނެވެ. ނަމަވެސް ފައިސަލްއަށް ކުރެވުނުހާވެސް ކަމަކީ އަތް އުރާލައިގެން މަންޒަރު ބަލަން ހުރުމެވެ.
ދޮންމަންމަގެ ޢަމަލުތައް ހުންނަ ގޮތުންނާއި ކޮއްކޮގެ ދުރުކަމުގެ ސަބަބުން ޒޫކްއަށް އަނެއްކާވެސް އެކަނިވެރިކަން އިޙްސާސްވާންފެށިއެވެ. ބައްޕަގެ ގާތުގައި ޝަކުވާ ކޮށްކޮށް ވަރުބަލިވީއިރުވެސް ބައްޕައަކަށް އެއްވެސް ކަމެއް ހައްލެއް ނުކުރެވުނެވެ. އެކި ގޮތްގޮތުން ދޮންމަންމަގެ ފަރާތުން ޒޫކްއަށް ލިބެމުންދިޔައީ ރަޙުމްކުޑަ އަނިޔާތަކެކެވެ. ނަމަވެސް ބައްޕަ މިއަދު އެވަނީ ބަސްނުވިކޭ އޮޑިއެއްގެ ދިރުނބާކޮޅުގައިކަން ބޮޑުވަމުން އަންނަ ޒޫކްގެ ސިކުނޑި ދެނެގަންފިއެވެ. އެހެންކަމުން ދެން ޒޫކް ޚިޔާރުކުރީ އެހެންގޮތެކެވެ.
ފައިސަލްގެ ލޯބިވާ ފިރިހެން ދަރިފުޅުގެ އުޅުން ބަދަލުވަމުން އަންނަކަން އޭނާއަށް އެނގެއެވެ. ގޭގައި ގިނަވަގުތު ހޭދަކުރަމުންއައި ކުއްޖާ އުމުރުން އެންމެ ބާރަ އަހަރު ވީއިރު ބޭރުތެރެއަށް ގިނަވެގެން އުޅެންފަށައިފިއެވެ. ބައެއް ދުވަސްދުވަހަށް ގެއަށް އަންނަނީ ހަމައެކަނި ފެންވަރަން ނުވަތަ ނިދާލާށެވެ. މިކަމާ އެއްޗެއް ބުނަން ހިތަށް އެރިއަސް އެހިތްވަރު ފައިސަލްއަކަށް ނުލިބުނެވެ. ކީއްވެ ހެއްޔެވެ؟ އެކުއްޖާ މިއޮއް ހުރިހާ ދުވަހު ރުއި ރުއިންތަކަށް ހިތާއި ދެކޮޅަށް ނަމަވެސް ބީރު ކަންފަތެއް ދޭން މަޖުބޫރުވީތީއެވެ.
އާއެކެވެ! އުނޫޝާގެ ފަރާތުން އެއިވޭ މަލާމާތުގެ ބަސްތަކާއި އެކުރާ އަނިޔާއަށްވުރެ އެކުއްޖާފުޅަށް އެގޮތްވެސް މާ ރަނގަޅެވެ. ޒޫކް ގެއަށް ނުވަދެ އުޅޭތީ އުނޫޝާ މާ ހިތްހަމަޖެހޭހެން ބަލާބެލުމަށް ހީވެއެވެ.
ދުވަސްތައް މަސްތަކަށް މަސްތައް އަހަރުތަކަށް ބަދަލުވަމުންގޮސް ޒޫކްގެ އުމުރުންވެސް ވިހި އަހަރު ވެއްޖެއެވެ. މިހާރު އޭނާއަކީވެސް ބައިމަތި ފުޅާ ދިގު އިސްކޮޅެއްގެ ވެރި ޒުވާން ފިރިހެން ކުއްޖެކެވެ. އެހެން ނަމަވެސް އެފުރާގެ އެހެން ފިރިހެން ކުދިންނާއި ޚިލާފަށް އަންހެން ކުދިންނަށް މާބޮޑު ސަމާލުކަމެއް އޭނާ ނުދެއެވެ. އޭނާގެ ތިބިހާވެސް ބަޔަކީ އޭނާގެ އެކުވެރިންނެވެ.
އާއެކެވެ! މިވީހާތަނަށް ދެގޮތެއް ނުވެ ތިބި ބަޔަކީ އެއީއެވެ. އޭނާ އެކަނިވެރިވީ ދުވަހު އަޅާލީ އެމީހުންނެވެ. ކާނެބޯނެ އެއްޗެތިދީ ނިދާނެ ތަންދެއްކީ އެ މިތުރުންނެވެ. ނަމަވެސް ޒޫކްއަށް ނުވިސްނުން ކަމަކީ އެ އެކުވެރިން އޭނާއަށް އެހީތެރިވީ ބޭނުމެއް އޮވެގެންކަމެވެ.
ޤްރޭޑް ހަތަކާއި ހަމައިން ކިޔެވުން މެދުކަނޑާލުމަށްފަހު އެ ޤްރޫޕާއިއެކު ހުރިހާ ވަގުތެއް ޒޫކް ހޭދަކުރަންފެށީ އެމީހުންގެ ފަރާތުން ލިބޭ އޯގާތެރިކަމެއްގެ ސަބަބުންނެވެ. އެމީހުން އޭނާއަށް ދޭ އެހީތެރިކަމުގެ ބަދަލުގައި އޭނާ ކޮށްދޭންޖެހޭ ހަމައެކަނި ކަމަކީ އެމީހުން ދޭ އެއްޗެއް އެމީހުން ބުނާ މީހަކާއި ހަވާލު ކުރުމެވެ. އެއީ ކީއްކުރާ ކޮން އެއްޗެއްތޯވެސް އޭނާ ނުބަލައެވެ.
ޒޫކްއަށް މި އެހީތެރިވެވެނީ ޑްރަގްގެ ވިޔަފާރީގައިކަން އޭނާއަށް އެނގުނީ މިގޮތުގައި އެތައް ދުވަހެއް ވޭތުވީފަހުންނެވެ. ނަމަވެސް އައަށްފަހުވެސް ޒޫކް އެކަން ހުއްޓާލަން ބޭނުމެއްނޫނެވެ. އެއީ އޭނާގެ އެކުވެރިންނަށްޓަކައެވެ.
އަތުގައި އުނގުޅެންޏާ ދަތުގަވެސް އުނގުޅޭނެޔޭ ބުނާފަދައިން ޒޫކްވެސް ބޭނުންވީ އެހެން އެކުވެރިން އެކަމުގެ މަޖާ ނަގާފަދައިން އޭނާވެސް އެކަން ތަޖުރިބާ ކޮށްލާށެވެ.
ތެދެކެވެ! އެއްފަހަރު އެކަން ތަޖުރިބާ ކޮށްފިނަމަ އެކަން ތަކުރާރުކުރަން ބޭނުންވާނެއެވެ. ޒޫކްއަށްވެސް ވީ އެހެންނެވެ. މިއަދު ޒޫކްއަކީ ހަމައެކަނި މަސްތުވާތަކެތީގެ ވިޔަފާރީގައި ޝާމިލްވާ މީހެއްނޫނެވެ. ޢަމަލީގޮތުން އެކަން ތަޖުރިބާކުރާ މީހެކެވެ. އެއަށް ދެވިހިފާފައިވާ މީހެކެވެ.
ފުރަތަމަކޮޅު ހިލޭ އެތިކޮޅު ލިބުމުން އެކަމުގެ ތެރެއަށް ޒޫކްއަށް ވަދެވުންލެއް ފަސޭހަވިއަސް މިހާރު އެކަން ވެފައިވަނީ ޒޫކްއަށް އޮތް ގޮންޖެހުމަކަށެވެ. އެއީ އަގު އިންތިހާއަށް ގޮސްފައިވާ އެއްޗަކަށްވެފައި ޒޫކްއަކީ ނިކަމެއްޗަކަށް ވުމުންނެވެ. ދެން ޒޫކްއަށް އިޚްތިޔާރު ކުރަން މަޖުބޫރުވީ ވަށްކަމެވެ. ވަށްކަން ކޮށްގެންވެސް އެތިކޮޅު ހޯދަންޖެހެއެވެ. އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުންވެސް އެކަމަށް ރުފިޔާ ބޭނުންވެއެވެ.
ދުވަސްވަރަކީ ރާއްޖެއަށް އާ ވައްތަރެއްގެ ޑްރަގްއެއް ތަޢާރަފް ކުރަމުންދިޔަ ދުވަސްވަރެވެ. ޒޫކްގެ އެކުވެރިންވެސް އޭގެ އިންތިޒާރުގައި ދުވަސްތައް ގުނަމުން ގެންދިޔައެވެ.
އާ ޑްރަގް އަތަށް ލިބުމުން އޭގެ އަޖުމަ ބެލުމުގެ ހަފްލާއެއް ބޭއްވިއެވެ. އެކުވެރިންގެ އެދުމުގެ މަތިން އެންމެ ފުރަތަމަ އޭގެ އަޖުމަބެލީ ޒޫކްއާއި އަދިވެސް އެހެން އެކުވެރިއެކެވެ. ޤްރޫޕްގެ އިސް މެންބަރުން ތިބީ އޭގެ ޙަޤީޤަތް ލޮލުންދެކެ އަތުން ހިފުމަށްފަހު ނޫނީ ބޭނުން ނުކުރަން ނިންމައިގެންނެވެ.
ޖެހިގެންއައި ދުވަހުގެ އަލިވިލުމާއިއެކު މުޅި ރަށުތެރޭގައި ދެކެވެމުން ދިޔައީ އެއް ވާހަކައެކެވެ. ބިލެއްގޭ އަލީ ވަހީދު އޯވަޑޯޒްވެގެން މަރުވެފައި އޮއްވާ ފެނުނު ވާހަކައާއި ފިނިވާގެ ޒޫކް މުޙައްމަދު ފައިސަލް މަސްތުވެފައިވާ ހާލު އަންހެން ކުއްޖަކާއި ގަދަކަމުން ބަދު އަޚްލާޤީ ޢަމަލު ހިންގަން މަސައްކަތްކުރަނިކޮށް ހައްޔަރުކުރި ވާހަކައެވެ.
ޒޫކް ހައްޔަރު ކުރެވިއްޖެއެވެ. ހެދި ޓެސްޓުތަކުން ދައްކާގޮތުގައި މަސްތުވާ ތަކެއްޗަށް ޕޮޒިޓިވް އެވެ. ނަމަވެސް ޒޫކްއަކަށް އެއިން އެއްވެސް ކަމެއް ރޭކާވެސް ނުލައެވެ. އެއަށްވުރެ ބޮޑަށް އޭނާވަނީ އަމިއްލަ ދުނިޔެއަކަށް ގެއްލިފައެވެ.
. . . . . . . . . . . . . . . . . . .
“ބައްޕާ! ކޮބާ މަގޭ އެތިކޮޅު”
ހުޅުވިފައިވާ އަތުގެ ތެރެއަށް ބަލަހައްޓައިގެންހުރެ ޒޫކް ސުވާލުކުރިއެވެ. އެއީ ބައެއްފަހަރު ޒޫކް ކޮށްއުޅޭ ސުވާލެކެވެ. އޭނާގެ މުށުގައިވާ އެތިކޮޅު ގެއްލުނީކަމަށް އޭނައަށް ހީވަނީއެވެ.
“ދަރިފުޅާ! ތިއަތުގައި އެއްވެސް އެއްޗެއް ނެތޭ ބައްޕަ މިހާރު ކިތައް ފަހަރު ބުނެފިން. އެއޮށް އަޞުރު ނަމާދަށް ގޮވަނީ. ހިނގާ އަވަހަށް ނަމާދުކުރަން. މިއަދު ވާނެ ޤުރުއާންވެސް ކިޔަވަން ދޯ؟” ފައިސަލް އޭނާގެ ލޮލުން ފޭބި ކަރުނަތައް އަތުގެ ނުފުށުން ފުހެލަމުން ވާހަކަދެއްކިއެވެ.
ދުވަސްތައް މާޒީއާއި އެކުވަމުންދެއެވެ. ޒޫކްގެ އުޅުންވެސް މަޑުމަޑުން ރަނގަޅު ވަމުން އާދެއެވެ. ކޮންމެ ނަމާދަކަށްފަހު ފައިސަލް ކުރަމުންގެންދާ ދުޢާގެ އަސަރު ޒޫކްގެ އުޅުމުން ފެންނަހެން ހީވެއެވެ.
ޗުއްޓީ ނިމުމުން އެނބުރި ރަށަށް އައި އުނޫޝާއަށް ގޭތެރެއިން ފެނުނު މަންޒަރުން ދެލޯ ބޮޑުވިއެވެ. ވަގުތުން އަނގަތަޅުވަންފެށިއެވެ. އެގޭގެ ހަތަރުފާރުން ބޭރަށް ޒޫކް ނެރެން އެނގިއެވެ. އެހެންނޫނީ އުނޫޝާގެ ދެމައިން އެގެން ނިކުމެގެން ދާނެ ވާހަކަވެސް ބުންޏެވެ.
ފައިސަލްއަށް ހީވީ މީހަކު އޭނާގެ ދުލުގައި ހިފައި ދަމައިގަތް ހެންނެވެ. ވޭތުވެދިޔަ ދުވަސްތަކުގައި އޭނާއަށް ބުނަން ބޭނުންވެ އެހެނަސް ނުބުނެވިފައިވާ އެތައް ވާހަކައެއް އެއްފަހަރާ އެދުލުން ބޭރުވިއެވެ. ޒޫކްއަކީވެސް އީނާޝްފަދައިން އޭނާގެ ދަރިއެއްކަމާއި މިއަދު ޒޫކްއަށް އޭނާގެ އަޅާލުމާއި ލޯބި އިންތިހާއަށް ބޭނުންވާކަން ހާމަކޮށްދިނެވެ. މިވީހާތަނަށްވެސް ކެތްކޮށްގެން އުޅުނީ އުނޫޝާގެ އުޅުން ކޮންމެވެސް ދުވަހަކުން ބަދަލުވާނެކަމަށް އުންމީދުކޮށްގެންކަމާއި އުނޫޝާ އުޅެން ބޭނުން ނޫންނަމަ ނިކުމެގެން ދިޔަޔަސް އެންމެ ރަނގަޅު ކަމަށް ބުންޏެވެ. ފައިސަލްގެ ހަރުކަށިކަން ފެނުނު މިއީ ފުރަތަމަ ފަހަރުކަމުން އުނޫޝާ ވަގުތުން މަޑު ފުށްކޮޅަކަށް ބަދަލުވެއްޖެއެވެ. އޭނާއަށް އުޅެވުނުގޮތް ހިތަށް އަރާ ދެރަވެ ލަދުގަތެވެ. އެފަދަ މާތް އަޚްލާޤެއްގެ މީހަކާއި ވަތްކަނޑާލަން ބޭނުން ނުވާކަމަށް ބުނެ މާފަށް އެދުނެވެ. އުނޫޝާގެ އުޅުން މުޅިން އިސްލާހުކޮށް އޭނާއާއި އީނާޝްއާއި ޒޫކްގެ ގުޅުން ރަނގަޅުކުރުމަށް މަސައްކަތް ފެށިއެވެ.
ކުރިން ނުލިބުނު ލޯތުބާއި އޯގާތެރިކަން ލިބެން ފެށުމުން ޒޫކްގެ ޙަޔާތަށް އާރޯކަން އަތުވެއްޖެއެވެ. މާ ގިނަ ދުވަސްތަކެއްނުވެ ހަމަ ވިސްނުން ލިބި އާ ދިރިއުޅުމެއްގެ ފެށުން ފެންނަން ފެށިއެވެ. ދީނީ ކަންތައްތައް ބައްޕަގެ ގާތުން އޮޅުންފިލުވާ ފުރިހަމަ ތަޢުބާއަކުން ތަޢުބާވެއްޖެއެވެ. ރަނގަޅު ދީންވެރި ޒުވާނަކަށް ވެއްޖެއެވެ. އަންހެން ކުއްޖާގެ މައްސަލައިގާ ޒޫކްމެން ޤްރޫޕް އެހެން ކުއްޖަކު ފަޟީހަތްވެ އޭނާގެ ކުށަށް އިޢުތިރާފްވިއެވެ. ޒޫކް ޖަލުން ސަލާމަތްވެ ދެވެނަ ފުރުޞަތުގެ ދަށުން ދޫކޮށްލެވުނެވެ.
ކުރީގެ ރަޙުމަތްތެރިން މިއަދުވެސް އޭނާއަށް ހަނާ އަޅައެވެ. ނަމަވެސް މިއަދު އޭނާ އެމީހުންގެ ގާތަކަށް ނުދާނެއެވެ. ޒޫކްއަށް މިއަދު ހެޔޮ ވިސްނުން ލިބިއްޖެއެވެ. އޭނާ އެދެނީ އެމީހުންވެސް އޭނާ ފަދައިން އިސްލާޙްވުމެވެ.
ޒޫކް މަސްތުވާތަކެއްޗާއި ދުރުވީފަހުން މިހާރު ފަސް އަހަރު ފުރިހަމަވީއެވެ. މިކަމުގައި އެންމެ ބޮޑު އެހީއެއް އޭނާއަށް ލިބުނީ ދީނީ ކަންކަމަށް އޭނާ ދިން އަހަންމިއްޔަތުކަމެވެ. ޒޫކް އޭނާއަށް ލިބުނު ދެވަނަ ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ރެއާއި ދުވާލު އަޅުކަމުގައި މަޝްޢޫލުވިއެވެ. އެދުވަހު ދަންޖެހި ކުފުރު މަރަކުން މަރުނުވީތީ އޭނާ މާތް اللَّه އަށް ޙަމްދުކުރިއެވެ. މިއަދު ޒޫކް ހުރީ އުފަލުންނެވެ.
ޒޫކް ފަދައިން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ އެންމެހާ ޒުވާނުންނަށް ހެޔޮވިސްނުން ދެއްވާށިއެވެ!މިފަދަ ކޮންމެ މީހަކަށް ދެވަނަ ފުރުޞަތެއް ނުލިބިދާނެއެވެ! އަވަހަށް ތަޢުބާވާށެވެ! މިިިިދުނިޔެއަކީ ވަގުތީ ތަނެއްކަން ގައިމެވެ.
-ނިމުނީ-
25 Comments!
Comments are closed.




nice story….
Thnkx shafu
Mee hageegy haadhisaathakehge mahchah binakoh liyefaiva psenhige amilla ufehdhumeh. Hykuran kamudhanekamah ibraitheri filavalhuthakeh libigendhanekamah enmeha kiyuntherinnahvs.
Nice story with a good message dear..?
Thnkx
Masha allah v rythi v ibraiytherivaahaka eh mikahala stries thakuge sababun magugellifaivaamyhunnah heyovisnun dhevvaashi aameen thanks 4 the luvly stry ???❤❤❤??????
Aameen. Thnkx khajja
Varah reethi nd iburaiytheri vaahakaeh.. thanks for the amazing story???
Thnkx Adha
wow…alheyy..haadha cute stwrie eh…psenhi ge kmme stwrie eh vs vrh rythi…hama vrh perfect…thnk uh for the luvly stwrie
Thank you Mazuw. V 🙂
Naic story
Thankx Aisha
Reeethi
Thankx Shaa
nice♡
Thankx Sam
Varah reethi.. 🙂
Thnkx Addu manje
Vv reethi vaahakae
Thnkx farysha
i loved this story !! good job psenhi ! Keep
moving strait with lots of new ideas ??
wow …………awsome
Thnkx jaxz
varah ibraiytheri …. mifadha vabaa thakun mi kudakuda dhivehi raajjeyge zuvaanun salaamaiy kuravvaashi .