އުމުރަށް (ދެވަނަ ބައި)
ވަރަށްވެސް ރީތި ހިތްގައިމު ރެއެކެވެ. އުޑުމަތީގައިވާ މަދު ކުދިކުދި ވިލާކޮޅުތައް އުޑުމަތީގެ އެކިސަރަހައްދުތަކަށް ބެހިލާފާވާއިރު އުޑުމައްޗަށް ސްޕްރޭ ކޮށްފައިވާ ހުދު ތިކިތަކެއްހެންވާ ތަރިތަކުގެ ސަބަބުން އެރޭގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވެއެވެ.
ދާދިކައިރިން ފެންނަން އޮތް ހުޅުލޭގެ އަލިކަންވަނީ އެމަންޒަރު ބަލާ މީހުންގެ ހިތްތަކަށް ހިތްހަމަ ޖެހުން ގެނެސްދޭ ފުރިހަމަ މަންޒަރަކަށެވެ. އެއާއިއެކު ހުޅުލޭގެ ރަންވޭއަށް އިރު އިރުކޮޅާ ޖައްސާ ނަގަމުންދިޔަ ފްލައިޓްތަކުގެ މަންޒަރަކީވެސް ހިތްތަކަށް އިތުރު ހިތްހަމަޖެހުމެއް ގެނެސްދެމުން ދިޔަކަމެކެވެ.
ފަހި ދުވެލީގައި ފެރީ ދަތުރު ކުރަމުން ދިޔައިރު ޖެހެމުން ދިޔަ މަޑު ފިނި ވައިރޯޅިތައް އައިސް މޫނުގައި ބީހެމުންދިޔައީ މަސްތުވާފަދަ ގޮތަކަށެވެ. ފެންނަމުންދިޔަ އެރީތި ރޭގެ މަންޒުގެ ތެރެއަށް ބަލަމުން ދިޔައިރު އަހަރެން ޚިޔާލުގެ ކަނޑަކަށް ގެނބެމުން ދިޔައެވެ.
މީގެ އަހަރުތަކެއްގެ ކުރީގެ ހަމައެފަދަ ރީތި މަޑު މަޑު ވައިރޯޅިތަކެއް ޖެހެމުންދިޔަ ރެއެއްގެ ހަނދާން ތަކެވެ. އަހަރެން އެކުގައި އެ ޚިޔާލުތަކުގެ ތެރެއަށް ގެނބިގެން ދިޔައެވެ. އެ މަންޒަރުތައް ސިފަވާން ފެށިއެވެ.
ދުވާލު ހަތަރުދަމު ގޭގައި ހޭދަ ކުރުމަށްފަހު ބޭރަށް ނިކުތީ ހިތަށްވެރިވެފައިވާ ނުތަނަވަސްކަމަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ހޯދާލުމަށެވެ.
ދާނެ ވަކިމަންޒިލެއް ނެތި ސައިކަލު ދުއްވަމުންދިޔައިރު އަހަރެންގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ދިރިއުޅުމުގައި ދިމާވެފައިވާ ހިތްދަތި ކަންތައްތަކެވެ. ސައިކަލުދުއްވަމުން އައިސް ހެދިގޮނޑުދޮށާއި ހަމައަށް އާދެވުމުން ސައިކަލް ޕާކްކޮށްލުމަށްފަހު މަޑުމަޑު ހިނގުމެއްގައި ގޮސް ހެދިގޮނޑުދޮށުގައިވާ ގޮނޑިތަކުގެ ތެރެއިން ގޮނޑިއެއްގައި އިށީންދެލީމެވެ.
ހިތްތަކަށް އުފާވެރިކަން ގެނެސްދޭފަދަ ރީތި ރެއެކެވެ. އެރީތި ރޭގެ އުފާތައް ހޯދުމަށްޓަކައި އެކި އުމުރުފުރައިގެ މީހުންތައް ހެދި ގޮނޑުދޮށުގެ އެކި ދިމަ ދިމާގައި މަޑުކޮށްލައިގެން ތިއްބެވެ. މޫދަށް އެރި މަޖާކުރަމުން ދިޔަމީހުންގެ ކުޅިވަރު ތަކުގެ ސަބަބުން ބައެއްމީހުންގެ ހިތްތަކަށް ހިތްހަމަ ޖެހުމާއި އުފާވެރިކަން ގެނެސްދެމުން ދިޔައިރު އަނެއްބަޔަކު މާޔޫސް ވެފައިވެއެވެ. މުދޫގައި މީހުން ސަކަރާތް ޖަހާ މަޖާ ކުރާ މަންޒަރަށް ބަލަހައްޓައިގެން އެތާންގައި ޚިޔާލުގެ ދުނިޔެއަކަށް ގެއްލިފައި އަހަރެންނަށް އިނދެވުނީ ކިހާ އިރެއް ވާންދެންކަންވެސް ނޭންގުނެވެ.
ހޭވެރިކަންވީ ޖީބުގައިވާ ފޯނު ރިންގުވާން ފެށުމުންނެވެ. ފޯނު ނެގުމަށްފަހު ފޯނަށް ބަލާލީމެވެ. އެއާއިއެކު އަހަރެންގެ ހިތުގެ ހިނގުން އަވަސްވެގެން ދިޔައެވެ. ނޭވާ ކުރުވެ އަވަސްވެގެން ދިޔައެވެ. އެއީ ޝިފާގެ ކޯލެއްކަން އެނގުމުންނެވެ.
“ހަލޯ” އަވަސް އަވަހަށް ފޯނު ނަގާ ކަންފަތުގައި ޖައްސާލުމަށްފަހު ގޮވާލީމެވެ.
“ނަދީމް… ނަދީމް” ޝިފާގެ އަޑުގައި ވަނީ ރުއިމެވެ.
“ޝިފާ… ކިހިނެއްވީ؟” އަހަރެންގެ ހިތް ބާރަށް ތެޅެން ފެށިއެވެ. ޝިފާގެ އަޑުގައިވާ ރުއިން އިހުސާސްކުރެވުމުން ހާސްވިއެވެ.
“ނަދީމް….” ޝިފާ ގިސްލާ ރޯންފެށިއެވެ.
“ބުނެބަލަ، ކިހިނެއްވީ؟” އަހަރެންގެ ހާސްކަން އިތުރުވިއެވެ.
“ނަދީމް… އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަންވެގެން މިގުޅީ” ޝިފާ ގިސްލަމުން ހުއްޓަމުން ހުއްޓެމުން ވާހަކަދައްކަމުން ދިޔައެވެ.
“ކޮންވާހަކައެއްތަ؟” އަހަރެން އެވާހަކަ އެހުމަށް ކެތްމަދުވިއެވެ. ބުނަން އުޅޭ ވާހަކައެއް ނޭންގޭތީ ހާސްވަމުން ދިޔައެވެ.
“އެކަމު މިހާރަކު ނޫން، މަންމަ އަހަރެންނަށް އެބަގޮވާ” ޝިފާ އެވާހަކަ ނުބުނަންވެގެން ބަހަނާއެއް ދެއްކިއެވެ.
“ނޫން…. ބުނޭ މިހާރު! އަހަރެން ބޭނުމީ މިހާރު ތިވާހަކަ ބުނަން!” އަހަރެންގެ ކެތްތެރިކަން ކޮޅުން ލިއެވެ. އެވާހަކަ އަޑުއެހުމަށްޓަކައި ހިތުގެ ހިނގުންވަނީ އަވަސް ވެފައެވެ.
“ނަދީމް….ނަދީމް…އަޅެ….އަހަރެންދެކެ ރުޅި ނާންނަށްޗޭ!” އެވާހަކަ ބުނުމުން އަހަރެން ކަންތައް ކޮށްފާނެ ގޮތަކާއިމެދު ޝިފާ ކަންބޮޑުވެ ޖެހިލުންވިއެވެ.
“އަހަރެން ދުވަހަކުވެސް ޝިފާދެކެ ރުޅިއެއް ނާންނާނަން، ދެން ބުނެބަލަ ޕްލީސް!” ޝިފާ އެވާހަކަ ބުނުން ލަސްކުރަމުން ދިޔަވަރަކަށް އަހަރެންގެ ހާސްކަން އިތުރުވެ ކެއްތެރިކަން ކުޑަވަމުން ދިޔައެވެ.
“ނަދީމް…ނަދީމް…އަހަރެން…އަހަރެން.. އެހެންމީހަކާ އިނުމަށް ބައްޕަ މަޖުބޫރުކޮށްފި” ޝިފާ އަޅަ އަޅައިގަންނަމުން ބުނި އެޖުމްލަ އިވުމާއިއެކު އަހަރެންނަށް ހީވީ އަހަރެންގެ ބޮލުގައި މީހަކު ބާރަށް އެއްޗަކުން ޖެހިހެންނެވެ.
ވަށައިގެންވާ މާހަލުގައިވާ ހުރިހާއެއްޗެއް އަހަރެންފަށައިގެން އެނބުރެންފެށިކަހަލައެވެ. އަހަރެންނަށް ބާރަށް މުށްކަވާލެވުނެވެ. ދެލޯބޮޑުވެ ހައިރާންކަން ލިބިފައި އިނދެމެ، އެއްވެސް އިޚްތިޔާރަކާއިނުލާ ލޮލުން ކަރުނައަންނަން ފެށިއެވެ. އިތުރަށް ވާހަކަދައްކާނެހާ ހިތްވަރެއް އަހަރެންނަކަށް ނުލިބުނެވެ.
އަހަރެންގެ ކަރުތެރެވަނީ ބެދިފައެވެ. އެއް އަތުން ކަންފަތުގައި ފޯނުޖައްސައިގެ އަނެއް އަތުން ނިތްކުރީގައި އަތްއަޅާގެން އިނދެ ރޮމުން ދިޔައިރު މިދުނިޔޭގައި އަހަރެން އެކަނިވެފައިވާވަރާއި ޝިފާގެ ލޯބިން އަހަރެންނަށް ލިބުނު ހިތްދަތިކަމާއިމެދު ވިސްނެމުން ދިޔައެވެ.
“ނަދީމް… ނަދީމް… ޕްލީސް ވާހަކަ ދައްކަބަލަ!” އަހަރެން ބަހެއް ނުބުނެ އިނުމުން ޝިފާ ރޮމުން ވާހަކަ އާދޭސްކުރަމުން ދިޔައެވެ.
“ދެން… ޝިފާ އަހަރެންނަށް ނުގުޅާ! އަހަރެންނަށް މިވަރުން ފުދިއްޖެ” އެތައްއިރަކު އިނުމަށްފަހު ކަރުނަތައް ފޮހެލުމަށްފަހު ގިސްލަމުން ވަރަށް ހިތްވަރު ކޮށްފައި އަހަރެން ބުނީމެވެ.
“ނޫން..ނޫން..ނަދީމް، ތިހެން ނުބުނޭ! އަހަރެން ނަދީމް ދެކެ ވަރަށް ލޯބިވޭ” ޝިފާ ގިސްލަމުން އާދޭސް ކުރަމުން ދިޔައެވެ.
އަހަރެންނަށް ވާހަކަ ދެއްކުމަށް އުނދަގޫވުމުން އެއްމެފަހުން ފޯނު ކަނޑާލީމެވެ. އަހަރެންނަށް ލިބެމުންދިޔަ ހިތާމަތައް ކޮންޓްރޯލް ކުރުމަށް އަހަރެންމަސައްކަތް ކުރިނަމަވެސް އެކަން އަހަރެންނަށް ކާމިޔާބު ނުވުމުން އެތަނުގައި އިސްދަށަށް ޖަހައިގެން އިނދެ އެތައް އިރަކު ރުއީމެވެ. ލިބިފައިވާ ހިތްދަތިކަމުން އެތަނުން ތެދުވެގެން ހިނގައިގަންނާނެހާ ހިތްވަރެއްވެސް އަހަރެންނަކަށް ނުލިބުނެވެ. އެތާންގައި ހޭދަވީ ކިހާ އިރެއްކަންވެސް އެނގުނީ އަހަރެން ލަސްވެގެން އިއްސެ އަހަރެންނަށް ގުޅުމުންނެވެ.
“ކޮންތާކު ތިއުޅެނީ؟ ހާދަވަރަކަށް ގުޅައިފީމޭ” އަހަރެން ފޯނުނެގުމާއިއެކު އަހަރެން ވާތަނެއްނޭންގިގެން އިއްސެ ޝަކުވާކުރިއެވެ.
“ބޭރުގަ” އަހަރެން އެހެންބުނެފައި ފޯނު ކަނޑާލުމަށްފަހު ހިތްވަރުކޮށްފައި ތެދުވެގެން ހިނގައިގަތީމެވެ.
ގެއަށް އާދެވުނުއިރު، އެގާރަ ޖަހާ ބޮޑުވެއްޖެއެވެ. ސައިކަލު ޕާކުކޮށްލުމަށްފަހު އިސްދަށަށް ޖަހައިގެން ހުރެ މަޑު ހިނގުމެއްގައި ގެއަށް ވަނީމެވެ. ކޮޓަރިއަށް ވަނުމާއިއެކު އަހަރެންގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ މޭޒުމަތީގައި ބަހައްޓާފައިވާ ޝިފާގެ ފޮޓޯ ލޯގަނޑެވެ. ވެފައިވާ ދެރައާއި ރުޅިން އެނަގާ ފާރުގައި އެއްލާ ޖެހީމެވެ. އަދި އެނދުގައި އޮށޯވެ ރޯންފެށިމެވެ.
“ތިޔައީ ބޭވަފާ ތެރިއެއް، ބޮޑު މަކަރު ވެރިއެއް…” އެކަނި އިނދެ ރޮމުން ޝިފާއަށް އެއްޗިހި ގޮވަން ފެށުނެވެ. ހިތާ ހިތުން އަހަރެންގެ ނަފުސާއި ޝަކުވާ ކުރަމުން ދިޔައިރު އަހަރެން ބޯއަޅައިގެން އޮތް ބާލިސް އަހަރެންގެ ލޮލުން ފައިބަމުން ދިޔަ ކަރުތަކުން ތެމެމުން ދިޔައެވެ. އެހިތާމަތަކުން ސަލާމަތްކޮށްދެއްވުމަށް އެދި ﷲ އަށް ހިތާ ހިތުން ދުޢާކުރަމުން ދިޔައީމެވެ. އެ އެކަނިވެރިކަމާއި ގިސްލުމާއި ހިތްދަތި ކަމުގައިވަނިކޮށް ނިދުނުއިރެއްވެސް ނޭންގުނެވެ.
ނުނިމޭ….
2 Comments!
Comments are closed.
???❤????????????❣????
???❤????????????