ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 64
“ތިބުނަނީ އެރޭ، މިތަންމަތީގައި ހިނގި ކަން ހަނދާންކުރާށޭތަ؟” އީމަން އެނދާ ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ސުވާލުކޮށްލިއެވެ. “އެކަމަކު ހަޤީޤަތަކީ އެރޭ އަހަރެންގެ ފަރާތުން ރީމްއަށް ލިބުނީ ދަރިއެއް ނޫންކަން. އެރޭ އަހަރެންނަށް ރީމްގެ ތި ރީތި ސޫރައިގެ ފަހަތުގައި ފޮރުވިފައިވާ މުޑުދާރު އަންހެނާ ފެނުނީ.” އީމަން ރީމްއާ ހަތަރުކަޅިހަމަކޮށް ބުނެލިއެވެ. ރީމްއަށް ސާފެއްނުވިއެވެ. އަދި ހަމަ އެހެންމެ އީމަން އެގޮތަށް ވާހަކަ ދައްކަމުން ދިޔުމުން ވަނީ ހައިރާންކަން ލިބިފައެވެ.
“ނޭނގޭ ދޯ މިދައްކަނީ ކޮންވާހަކައެއް ކަމެއް؟ ކިހިނެތް އެނގޭނީ؟ ރީމް ތިބުނާ ރޭގެ ފަހުދުވަހުވެސް އަހަރެން މިވާހަކަ ރީމްއާ ދެއްކިން. އެދުވަހުވެސް ރީމްއަށް ނޭނގުނު އަހަރެންދެއްކީ ކޮންވާހަކަ ތަކެއް ކަމެއް.” އީމަން އެދައްކަނީ ކޮންދުވަހެއްގެ ވާހަކަތަކެއްކަން ރީމް ހަނދާންވިއެވެ. އެދުވަހު އީމަން ރުޅި ގަދަވެފައި ވާހަކަދައްކަމުން ދިޔައީ ކީއްވެގެންކަން ރީމްއަށް ސާފުނުވިނަމަވެސް އެއީ އީމަންއަށް ރީމްއާ ގައިގޯޅީވެވުނީތީ އައި ރުޅިއެއްކަމުގައި ރީމް ނިންމީއެވެ. ނަމަވެސް ހަޤީޤަތަކީ އީމަން އެދުވަހު އެދެއްކީ ކޮންވާހަކަތަކެއްކަމެއް ރީމްއަށް ހަމަ އެއްގޮތަކަށްވެސް ނޭނގޭ ކަމެވެ.
“ހަނދާންވެއްޖެ ދޯ؟” ރީމްގެ މޫނަށް ބަލަންއިން އީމަން ބުނެލިއެވެ.
ރީމް ހީކޮށްގެން ހުރީ އެދުވަހު އީމަންއައި ރުޅިގަނޑު މިހާރު ހަނދާނުން ފޮހެވިގެން ހިނގައިދާނެކަމަށެވެ. ނަމަވެސް މިއަދު އަނެއްކާ އެވާހަކަ އެދައްކަނީ ހިތުގައި އެކަން ފޮރުވިފައި އޮތީމަނޫންހެއްޔެވެ؟ ރީމްއަކީވެސް ހަމަ ގައިމުވެސް އީމަންގެ އަންބެކެވެ. ރީމްގެ މައްޗަށް އީމަންގެ ހައްގުތަކެއް ވެއެވެ. ފިރިމީހާއަށް އޮޅުވާލައިގެން އޭނާއާއެކީ އެއްދާންކުރުމަކީ ކުށެއްކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އީމަންގެ ނަޒަރުގައި އީމަންއާ ރީމް އިނދެގެން އުޅުނަސް އޭނާއާއެކު ރޭކުރެވޭނީ ހަމައެކަނި ޔާނާއަށް ހެއްޔެވެ؟ ރީމްއައި ރުޅީގައި ދަތްކުނޑިވިކާލުމަށްފަހު ވާހަކަ ދައްކަންފެށިއެވެ. “އާނ ހަނދާންވެއްޖެ. އަހަރެންހީކުރީ އެދުވަހު މާން ރުޅިއައީ އަހަރެން ކަންތައް ކުރި ގޮތުންކަމަށް. އެކަމަކު މިހާރު ސާފުވެއްޖެ. ކިބުރުވެރިވެ ބޮޑާވިޔަސް ތިއީ ތަންފުކެއް ބޮޑުވަރު. އަހަރެން ޤަބޫލުކުރަން ޔާނާއަކީ ރީތި އަންހެނެއް ކަމަށް. އެކަމަކު އަހަރެންނަކީވެސް އީމަންގެ އަންބެކޭ. އަހަރެންނަށްވެސް އީމަންއާއެކީ ވަގުތު ހޭދަކުރުމުގެ ހައްގު ލިބިގެންވޭ. މާތްﷲ އެކި އިންސާނުން މިދުނިޔެއަށް ފޮނުވަނީ އެކި ސިފަސިފައިގަ. އެކަމަކު ޢީބަ ބުނުމަކީ ރަނަގޅުކަމެއް ނޫން. އެހެންނޫނަސް ތިމާގެ އަނބިމީހާގެ ގައިގައި އުނިސިފައެއް ހުރިނަމަ އެކަން ފޮރުވައި ސިއްރުކުރުމަކީ ފިރިމީހާގެ ޒިންމާއެއް. އެކަމަކު މާންގެ ކިބައިގަ އެސިފަވެސް ނެތް. ބަލަ ޔާނާ އެހާ ފުރިހަމައީތަ؟ އަހަރެންނާ ދިމާއަށް ހަޑި މުޑުދާރު މީހެއްކަމަށް ތިބުނަނީ އަހަރެން ޔާނާއަށްވުރެ ހަޑީތަ؟ ޔާނާގެ ކޮންތަނެއް މާ ރީތިވެގެން ތިއުޅެ..”
ރީމްގެ ޖުމުލަ ފުރިހަމަކޮށްލެވޭ ވަރެއްނުވިއެވެ. އީމަން ރުޅިއައިސްގެން ރީމްގެ ކޯތާފަތްމަތީގައި ޖަހަން މެޅިއަތް ފެނި އަނެއްފަރާތަށް މޫނު އަނބުރާލެވުނެވެ. އީމަން އަމިއްލަ ނަފްސުކޮންޓްރޯލްކުރިއެވެ. ހަށިގަނޑުގައި ރުޅިވެރިކަން އިންތިހާއަށް ފެތުރިގަތީ ރީމްގެ ވާހަކަތައް އަޑު އިވުމުންނެވެ.
ރީމް އީމަންއަށް ބަލައިލިއެވެ. އީމަން ދެފަރާތަށް ބޯހޫރާލިއެވެ.
“ރީމްއަށް ހަމަ ސާބަސް. އަހަރެން ހައިރާނެއް ނުވޭ. އެއީ ރީމްގެ ސިކުނޑިއަށް ތިއަށްވުރެ ހެޔޮ ވިސްނުމެއް ނާންނާނެކަން އެނގޭތީ.” އީމަން މަޑުމައިތިރިކަމާއެކު ވާހަކަ ދައްކަންފެށިއެވެ. “ބަލަ އަހަރެން މިދައްކަނީ ރީމްގެ ގައިގަ އައިބު ހުރިވާހަކައެއް ނޫން. ހުރި ނަމަވެސް ނެތްނަމަވެސް ތިއީ އަހަރެން ދުވަހަކުވެސް ދައްކާނެ ހުތުރު ވާހަކައެއް. އެކަމަކު ހިތާމައަކީ ރީމްއަށް މާތްﷲ ދެއްވާފައިވާ ރީތިކަމުގެ އަގު ރީމް ވަޒަން ނުކުރިކަން.” އީމަންގެ ވާހަކަތަކުން ރީމްއަށް އެއްވެސް އެއްޗެއް ނުވިސްނުނެވެ.
“މާން ތިދައްކާ ވަހަކައެއް އަހަރެންނަކަށް ނޭނގެ. އަހަރެންނަށް ނުކުރެވޭ ކޮންކަމެއް ޔާނާކޮށްދީގެންތަ ތިއުޅެނީ؟” ރީމް ރުޅިގަދަވެފައި އަނެއްކާ ސުވާލުކުރިއެވެ.
އީމަންއަށް ކެތްނުކުރެވިގެން އަޑުގެ ނެތްކޮޅަށް ވާހަކަ ދައްކަންފެށިއެވެ. “އަހަރެން އެންމެ ފަހަރަކުވެސް ބުނެފިންތަ ޔާނާ އަހަރެންނަށް ކަމެއް ކޮށްދީފިޔޭ، ނުވަތަ ރީމްއަށް ކަމެއް ކޮށްނުދެވިގެންނޭ މިއުޅެނީ؟ އެކަމަކު މިއަދު މިބުނަނީ. އަޑުއަހާ. ޔާނާ ހިނގާފައިވާ މަގަކާ ކައިރިންވެސް ރީމްއަކަށް ނުހިނގޭނެ. އެއީ ޔާނާ އޭނާގެ އިއްފަތްތެރިކަމާ އަބުރު އޭނާގެ ފިރިމީހާއަށްޓަކާވަނީ ރައްކާތެރިކަމާއެކު ބަލަހައްޓާފަ. އެކަމަކު ރީމް އަކީ އިއްފަތްތެރި އަންހެން ކުއްޖެއް ނޫންކަން އަހަރެންނަށް އެރޭ އެނގިގެން ދިޔަ. އަހަރެން ކުރިމަތީގައި މާ މާތް މީހަކަށްވެގެން އުޅެ ދީނީ ނަސޭހަތް ދޭ އިރު ތިމާއަށް އުޅެވިފަ ވާ ގޮތެއް ނޭނގޭ. އެނގިއްޖެތަ މިކިޔާ އެއްޗެއް؟” އީމަންގެ ހޮނުގުގުރިއެއްފަދަ ބަރުއަޑުން އިވިގެން ދިޔަ ހަޤީޤަތުން ރީމް ގަނޑުވިއެވެ. އިތުރަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ.
“ކީއްވެ އެއްޗެކޭ ނުބުނީ؟ އެކަމަކު ރީމް މިހުރިހާއިރު ވަންދެން ޝަކުވާ ކުރީ އަހަރެން ރީމްއާ ޔާނާ އަޅާކިޔާތީ. އެއީ ދުވަހަކުވެސް އަހަރެން ކުރާނެ ކަމެއް ނޫން. އެކަމަކު ރީމް ކައިރީ ބުނެލާނަން. ޔާނާއަކީ އަހަރެންނަށް ފެނުނު އެންމެ މާތް އަންހެނާ. އަހަރެންގެ ހިދުމަތުގައި ޔާނާ ރެއާ ދުވާލު އުޅުނީ އެއްވެސް ޝަކުވާއެއް ނުކޮށް. އަހަރެންގެ އެއްވެސް އެދުމަކަށް ފުރަގަހެއް ނުދީ. ކޮންމެ ކަމެއްގައި ލަދުވެތިކަން އިސްކުރި. އެކަމަކު ރީމްގެ އަމަލުތައް އެރޭވެސް ހުރީ…..” އީމަން ޖުމުލަ ފުރިހަމަ އެއް ނުކުރިއެވެ. އެވާހަކަތައް ދައްކަން އުނދަގޫވިމައެވެ.
“އަހަރެންނަށް އެރޭ ހަމަހޭގައި ނުހުރެވުނަސް ކަންތައްވީގޮތް ކޮންމެވެސް ވަރަކަށް ހަނދާނުގަ އެބަހުރި. ރީމް ތިއީ އިއްފަތްތެރި ކުއްޖެއް ނޫންކަން އެނގުނު ހިސާބުން އަހަރެން ރީމްއާ ދުރަށް ދިޔައިން. އެރޭގެ ކަންތައް އެހިސާބުން ނިމިއްޖެ. ބޮލަށްކޮށްފައި ހުރި ބާރެއްގެ ސަބަބުން އަހަރެންނަށް ނިދުނީ. ދެން އެހެންވެއްޖެ ނަމަ ރީމް ބުނެބަލަ، ރީމް އަހަރެންގެ ކުއްޖަކަށް ބަލިވެ އިންނާނީ ކިހިނެތް؟؟” އީމަން ނަފްސު ކޮންޓްރޯލްކުރަމުން ސުވާލުކުރިއެވެ. ރީމްއަށް ދޭނެ އެއްވެސް ޖަވާބެއް ނުވިސްނުނެވެ. ލޮލުން ކަރުނަތައް ނުހިފެހެއްޓެއެވެ.
“މާން!! އަހަރެންނަށް މަޢާފުކުރޭ. އެއީ އަހަރެންނަށް ކުރިން އުޅެވުނު ގޮތް. އެކަމާ އަހަރެން ދެރަވަން. މާން އަހަރެންގެ ހަޔާތަށް އައުމަށްފަހު އަހަރެން ގޯސް އެއްވެސް މަގަކުން ނުހިގަން.” ރީމް އީމަންއަށް ޔަޤީންކަން ދިނެވެ.
އީމަން ހިނިއައެވެ. “އެހެންތަ؟ އެހެންވީއިރު ރީމްގެ ބަނޑަށް 1މަހާ 1ހަފްތާ ވާންވީ ކިހިނެތް؟” އީމަންގެ ސުވާލުން ރީމްއަށްވެސް ހައިރާންކަން ލިބުނު ކަހަލައެވެ.
“އަހަރެން ވަރަށް ވިސްނައިފިން. މީގެ 1މަހާ 1ހަފްތާ ކުރިން އަހަރެން އިނީ ފުރޮޅުލީ ގޮނޑިއެއްގަ ނިކަމެއްޗެއް ފަދައިން.” އީމަންގެ ޖުމުލަތަކުން ރީމްއަށް އެހަނދާންތައް އާވިއެވެ. އެއީ ތެދެއްކަން ގަބޫލުކުރެވުނެވެ. “ފިރިމީހާ ނުކުޅެދޭހާލުގައި އިންދާ އަނބިމީހާ އުޅުނު ގޮތް ވަރަށް ރަނގަޅަށް އެނގި ހާމަވެގެން ހިނގައްޖެއެއްނު.”
ދެން ބުނަންވި އެއްޗެއް ރީމްއަކަށް ނުވިސްނުނެވެ. އޭނާގެ އަނގަ ބެދިއްޖެއެވެ. “މާން! އަހަރެންނަށް މަޢާފުކޮށްދީ. އާދޭސްކުރަން.” ރީމް ކުށްވެރިއެއްފަދައިން އީމަންގެ ފައިބުޑަށްވެއްޓި ދެފައިގައި ބައްދައިގަންނަމުން ރޮއެގަތެވެ.
އީމަން ރީމް ކޮޅަށް ތެދުކުރުވިއެވެ. ރީމްގެ ހިތުގެ އަޑިން އަދިވެސް ބުނަމުން ދިޔައީ އީމަން ފަހަރެއްގައި މަޢާފުކޮށްފާނެކަމަށެވެ.
“އަހަރެން ހިތަށް އަރާ ތިހާ މައުސޫމު ސިފައެއް ލިބިފައިވާ ކުއްޖެއްގެ ސިކުނޑިއާ ހިތް އެހާ މުޑުދާރީ ކީއްވެ ބާއޭ؟” ރީމްގެ ކަރުނަތިކިތައް އީމަން ފުހެލަދިނެވެ. އެއަށްފަހުގަ މިސްރާބު ޖެހީ ކޮޓަރިން ބޭރަށް ދިޔުމަށެވެ.
“މާން!” ރީމް ގޮވާލިއެވެ. “އަހަރެންނަށް އަދި އެއް ފުރުސަތު ދީ؟!”
އީމަން ދޮރާ އަރާ ހަމަވެފައި އެނބުރި ބަލައިލިއެވެ. “ސޮރީ ލޯބި. ރީމްއަށް ހައްޤުނޫން ފުރުސަތުތަކެއް މިހާރުވެސް އަހަރެން ދީގެން މިހުރީ. އަހަރެންގެ އަންބެއްގެ ހައްޤު. އަހަރެންގެ ހިޔާވަހިކަމުގެ ދަށުގައި ހުރުމުގެ ހައްޤު. އަދި ބަނޑުގައިތިވާ ދަރިފުޅުގެ ބައްޕަ ގެ ހައްގުވެސް މިވަނީ އަހަރެންގެ ބޮލުގަ. ސޯ؟؟!!” އީމަންގެ ރާގުން އޭނާގެ ނިންމުން ވަރުގަދަ ކަން އެނގުނެވެ.
އީމަން ކޮޓަރީގެ ދޮރު ލެއްޕުމަށްފަހު ބޭރަށް ހިނގައިގަތެވެ. ފުންނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުންނެވެ.
ޖާހަތުގެ ފަހަތުގައި އައިސް މަޑުކޮށްލި ޝާމް ޖާހަތުގެ ކޮނޑުގައި ކޮށްޓާލުމުން ސިހިފައި ބަލައިލެވުނެވެ.
“ފިލާ ހުރެ ކޯއްޗެއް ތިބަލަނީ؟” ޝާމް ސުވާލުކޮށްލިއެވެ.
“ކިހިނެތް ކަންތައް މިވަނީ؟ ޝާމް ބުނި ގޮތަކަށް ނޫން ކަންތައް ތިކުރަނީ؟” ޖާހަތު ސުވާލުކުރިއެވެ.
“އާނ، އެއީ ޕްލޭން ޗޭންޖް ކުރަން ޖެހުނީ. ހުމާމަށް އެނގިއްޖެ މިއީ ހުސް ޑްރާމާކަން. ވަރަށް ރުޅި އައިސްފަހުރީ. އަނެއްކޮޅުން ޖާހަތުގެ ކިބައިން ބަދަލުހިފަން ހުރީ ފޫގަޅާލާފަ.” ޝާމްގެ ވާހަކަތަކުން ޖާހަތު ކަންބޮޑުވިއެވެ.
“ކަންބޮޑުނުވޭ. އަހަރެން މިހުރީއެއްނު. އަހަރެން ވައުދުވީމެއްނު ޖާހަތުއަށް ރައްކާތެރިކަން ދޭން. އަހަރެން އެކަން ކުރާނަން. ހުމާމު އަހަރެންނަށް ބިރު ދެއްކި ބޭބެ އަށް ހުރިހާ ވާހަކަތަކެއްކިޔައިދޭނެކަމުގައި ބުނަމުން. އެކަމަކުވެސް އަހަރެންނަށް އެންމެ މުހިންމުވީ އަހަރެންވީ ވަޢުދު. ސޯ، ޓްރަސްޓް މީ.” ޝާމް ހެދީ ކަނޑައެޅިގެން ދޮގެކެވެ. ކަންތައްތައްވެފައިވަނީ އޭނާ ކިޔައިދިންގޮތަށްކަމަށްވިޔަސް އެކަމުގައި އޭނާގެ ހިތު ނިޔަތް ގޯހެވެ.
“ނޯ، އައީ ޑޯންޓް ޓްރަސްޓް ޔޫ. އެކަމަކު ޗޮއިސް އެއް ނެތީމަ މިރޭ ޝާމް ބުނާ ގޮތަށް ކަންތައް ކޮށްފާނަން. ބަޓް ދިސް އިޒް ދަ ލާސްޓް.” ޖާހަތު ހުޝިޔާރުކަމާއެކީގައި ބުނެލިއެވެ.
“ވާއޮ، އައި ލައިކް ޔޮއަރ އެޓިޓިޔުޑް.” ޝާމް ހިނިތުންވެލަމުން ބުނެލިއެވެ. ޖާހަތު ޝާމްއަށް ލޯ އަޅާލިއެވެ.
“އެކަމަކު އަހަރެން ބުނަންދެން ޖާހަތު އެބަޖެހޭ ފިލަން.” ޝާމް ބުނެލިއެވެ.
“ވަޓް؟؟؟” ޖާހަތު ހައިރާންކަމާއެކީ ބުނެލިއެވެ.
“އަހަރެން ބުނަންދެން އަހަރެން މިދައްކާ ތަނެއްގައި މަޑުކުރޭ.” ޝާމް ބުނެލިއެވެ. އަދި ޖާހަތުއަށް އައުމަށް އިޝާރާތްކުރަމުން ހިނގައިގަތެވެ. ޖާހަތު ދެކޮޅުހަދަން ވާހަކަ ދައްކަމުންވެސް ހިނގައިގަތެވެ.
“ފަހަރި؟؟؟” ފަހަތުން ހުމާމުގެ އަޑު އައެވެ. ތިންމީހުން ތިބީ އެތެރެގޭތެރެއަށް ވަދެގެންދެވޭ ހޯލު ކޮޅުގައެވެ. އެތަނުގައި އެއްވެސް ބަޔަކު ނެތެވެ. ދަމާފައިވާ ރަތްކުލައިގެ ބޮކިފަތިތައް ނިވިދިއްލެމުން ދިޔުމުން ވާ އަލިކަމުގެ އިތުރަށް އަލިކަން ގެނެސް ދެނީ ދެފަރާތުގައި ހުރި އުއްބައްތިތަކުންނެވެ.
ޖާހަތުގެ އިތުރުން ކުރީގައި ހުރެގެން ގޮސްގޮސް ހުރި ޝާމްއަށްވެސް ފަހަތަށް ބަލައިލެވުނެވެ.
“ހަނީމޫނަށްތަ؟” ހުމާމު ލާނެތްފާޑަކަށް ހީލަމުން ސުވާލުކޮށްލިއެވެ. އަދި އެދެމީހުނާ އަރާ ހަމަ ކުރިއެވެ.
“އޯކޭ ޖާހަތު، ފުރަތަމަ ތިދެމީހުންގެ ދެމެދުގައި އޮތް މައްސަލަ ހައްލުކުރޭ. އަހަރެން މިދަނީ.” ޝާމް އަނބުރާލާފައިގޮސް ޕާރޓީ ހޯލްތެރެއަށް ނިކުތެވެ. ޝާމްކަންތައް ކުރިގޮތުން ޖާހަތު ހައިރާންވިއެވެ. މިއީ ކޮންކަހަލަ ދެފުއްކެހެރިގަނޑެއްހެއްޔޭ ހިތްބުނެލިއެވެ.
“ވައި؟” ހުމާމު ކޮށްލީ އެންމެ ސުވާލެކެވެ. ޖާހަތު ކަންބޮޑުވިއެވެ.
“ހުމާމު، ސީދާ ޕޮއިންޓަށް ވާހަކަ ދައްކަމާ. ދޯ؟” ޖާހަތު އާ ހިތްވަރަކާއެކު ވާހަކަ ދައްކަންފެށިއެވެ. އޭނާ ބޭނުންވީ މިކަން ކޮޅެއްގައި ޖެއްސުމަށެވެ. “އަހަރެން ބޭނުމެއް ނޫން ހުމާމާ އިންނާކަށް. ޕްލީޒް. ރީތިގޮތުގަ އަހަރެން މިތަނުން ފޮނުވާލާ!” ޖާހަތު އެދުނެވެ.
“އަހަރެން ކަންތައް ކުރަން އުޅުނީ ވަރަށް ރީއްޗަށް. އެކަމަކު ޖާހަތު ތިހޭވިހަޑި ޔޯ؟ އެންމެ ރަނގަޅު އަހަރެން ޖާހަތު ދޫކޮށްލީޔޯ. ނުވަތަ ފޮނުވާލަން އެއްބަސްވީޔޯ؟ ދެން؟ ދެންމެ ޖާހަތު ބައްޕައަށް ތި ތަޢާރަފްވީ ޝާމްބެގެ ވާންއުޅޭ އަނބިމީހާގެ ހައިސިއްޔަތުން. އެ ސަކަރާތްގަނޑު ރަނގަޅުކުރާނީ ކިހިނެތް؟” ހުމާމު ސުވާލުކޮށްލިއެވެ.
“ޝާމް އެހެން ކަންތައް ކުރީ ހުމާމަށް ވިސްނަދޭން. ޝާމް އަހަރެންނަކާ ނީންނާނެ.” ޖާހަތު ހުމާމަށް ޔަޤީންކޮށްދިނެވެ.
ހުމާމު ފާޑަކަށް ހީގަތެވެ. “ކޮން ޔަޤީންކަމެއްތަ ޖާހަތުއަށް އޮތީ. ޖާހަތު އޭނަޔާ ގުޅުނުފަހުން ބަދުނާމުވުން ނޫންކަމެއް ނުވެއެއްނު. ތި ސިކުނޑީގައި އެވަރުވެސް ތެތްކަމެއް ނެތީތަ؟”
ޖާހަތު ވިސްނާލިއެވެ. “ތެދެއް ތިބުނީ. އެކަމަކު އޭނަ މިހުރިހާކަމެއް ކުރަނީ އަހަރެންނަށް ރަނގަޅަކަށް.”
“އެންމެ ރަނގަޅު. އެހެންވީމަ ކުރިއަށް ގެންދޭ. އެކަމަކު އަހަރެން ވާހަކައެއް ބުނަންތަ؟ ތިދެމީހުން އަހަރެންނާ ކުޅެން ރޭވިގޮތަށް އަހަރެން ތި ދެމީހުންގެ ދިރިއުޅުމާ ކުޅޭނަން. ދެން ޖާހަތު ޖެހޭނީ ހަމަ ޝާމްބެއާ އިންނަން. އަހަރެން މިކަން ކުރުވާނަން. އެއަށްފަހުގަ ޖާހަތަށް އެނގިގެންދާނެ ހިތްދަތި ދިރުއުޅުމަކީ ކޮބައިކަން.” ހުމާމު ރުޅިގަދަވެފައި އިންޒާރުދިނެވެ.
“އެކަމަކު ކިއްވެ؟ އަހަރެންގެ ދިރިއުޅުން ހަލާކުކޮށްލެވުނު ވަރު ދެރައީތަ؟” ޖާހަތު އަޑުހަރުކޮށް ސުވާލުކުރިއެވެ.
“އަހަރެންތަ ޖާހަތުގެ ދިރިއުޅުން ހަލާކުކުރީ. އަހަރެން ޖާހަތުގެ ދިރިއުޅުން އާބާދުކޮށްދޭން މިކުރާ މަސައްކަތް ނުފެނޭތަ؟ ރެއާ ދުވާލު ތަނަކު ބުރަކަށި ދަމާނުލާ މި ހުރިހާ މަސައްކަތެއް މިކުރަނީ ޖާހަތުއަށް ރަނގަޅު ދިރިއުޅުމުއް ހޯދަ ދޭކަށްނު؟ އެވަރު ނުވިސްނޭތަ؟ ނުވަތަ ވިސްނަން ބޭނުންނޫނީތަ؟” ހުމާމްގެ އަޑު ދިޔައީ ހަރުވަމުންނެވެ.
ހޯލުތެރެއަށް މިއަޑު ނީވުނަސް ހޯލަށް ވަންނަތާ ކައިރީގައި ވާހަކަ ދައްކަން ތިބި ޝިޔާމާއި ޒާންއަށް މީހެއްގެ ހަޅޭކުގެ އަޑު އިވޭހެން ހީވުމުން އެދިމާއަށް ސަމާލުކަން ދެވުނެވެ.
“އަހަރެން ވިސްނާކަށް ބޭނުމެއް ނޫން. ކީއްކުރަންތަ ވިސްނަންވީ. އަހަރެން މީހަކާ އިނދެގެން އުފަލުގަ ހުއްޓާ އަހަރުމެންގެ ދިރިއުޅުމުގެ ތެރެއަށް ވަދެ އެދިރިއުޅުން ހަލާކުކޮށްލުމަށްފަހު އަހަރެން ގޮވައިގެން މިތަނަށް އައީ އަހަރެންނަށް ދިރިއުޅުމެއް ހޯދަދޭށޭ ބުންޏަސް ކާކުތަ ޤަބޫލުކުރާނީ؟” ޖާހަތުވެސް ރުޅިވެރިކަމާއެކީ ބުނެލިއެވެ.
“ޤަބޫލުކުރަން ޖެހޭނީ. އެއީ އަހަރެން އެ އާއިޒަށް ވުރެ ބޮޑަށް ޖާހަތު ދެކެ ލޯބިވާތީ؟” ހުމާމު ގޮތްދޫކުރާކަށް ނޫޅުނެވެ.
“ނުކުރާނަން ޤަބޫލެއް. ދެން އަހަރެން އެންމެ މިނެޓަކަށްވެސް މަޑެއް ނުކުރާނަން. ހުރިހާ ހަޤީޤަތެއް އެންމެންނަށް ކިޔައިދޭނަން.” ޖާހަތު ރުޅިވެރިކަމާއެކީގައި ހިގައިގަތެވެ. ހުމާމު ޖާހަތުގެ އަތުގައި ހިފެހެއްޓިއެވެ. ނަމަވެސް ޖާހަތު ހުމާމުގެ އަތް ފޮޅާލިއެވެ. އަދި ކުރިއަށް ހިނގައިގަތެވެ.
ފުންމައިގެން އައި ސިންގާއެއް ފަދައިން ހުމާމު ފަހަތުން އައިސް ޖާހަތުގެ ކަރުގައި އަތް އަޅުވާލިއެވެ. އެއަށްފަހު ފަހަތަށް ދަމަންފެށިއެވެ. ހުމާމުގެ އަތްވަނީ ޖާހަތުގެ ކަރުގައި ޖެހި ފިތި ބާރުވެފައެވެ. ނޭވާލާން ދަތިވުމުން ސަލާމަތްވުމަށް ޖާހަތު މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ކައިރީގައި ހުރި ކޮޓަރި ތެރެއަށް ޖާހަތު ވެއްދިއެވެ.
ހުމާމުގެ ބޮލަށްވަނީ ރުޅި ސަވާރުވެފައެވެ. ޖާހަތު ބިންމައްޗަށް ކޮށްޕާލިއެވެ. އަނގަވަތަށް ވެއްޓުނު ޖާހަތުއަށް ނޭވާލެވުމާއެކު ކެއްސައިގަނެވުނެވެ. އަދި ހަމައަށް ނޭވާލުމަށްޓަކައި ދެއަތުން ކަރުގައި ފިރުމަންފެށުނެވެ. ހުމާމު ކޮޓަރިތެރެ ހޯދަން ފެށިއެވެ. ބޮކި ނުދިއްލާ އޮތުމުން ބޭރުން އެތެރެއަށް އެޅިފައިވާ އޮރެންޖާއި ރަތުގެ ނިވިދިއްލޭ އަލިފިޔަވައި އެހެން އައްޔެއް ކޮޓަރީގައެއް ނުވެއެވެ. ހުމާމަށް އެނދުކައިރީ ބިންމަތީގައި ހުރި ލަކުޑި ވާސް ފެނި އެއާ ދިމާއަށް ދިޔައެވެ. ޖާހަތަށް ފަހަތަށް ބަލައިލެވުނެވެ. ހުމާމު އެވާސް ނަގަމުން އަތަށް ހެޔޮވަރުކޮށްލަނީއެވެ.
2 Comments!
Comments are closed.
Nashaa mibaives varah reethi 🙂 haadha molhey nashaa ge vaahaka dhaagoi, hithahves naaraagotheh mioh vee :)alhey Humaam ge kibain Jaahathu salaamai vaanebaa? Heevanee Humaam ge bappa ah mimanzaru fenaanehen , ekamu dhen neyge heehehehhehehh, varah kiyaahihvaa vaahakaeh mee adhi story ravaalaagoi varah furihama, Niha bunaanee Masha Allah Nashaa ge liyuntherikan varah rangalhey, thigothugai dhemihunnashey, Insha Allah Nashaage faraathun molhu liyunthakeh fenumuge umeedhu varah bodu 😀 thigothugai kuriyah dhiyumah hivvaru dhen.
Wish you all the best
ނަޝާ މިބައިވެސް ވަރަށް ރީތި، ޖާހަތު ސަލާމަތް ކުރައްޗޭ، އާއިޒުއަށް އެތަނަށް އާދެވިިއްޖެޔާމް މިވާހަކަ ވަރަށް ފުރިހަމަ ވާނެހެންހވޭ
ވަރަސް ބޮޑަށް ޝުކުރިއްޔާ ނަޝާ