ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 53
ކާރުގެ ބަރުގޮނުގެ އަޑަށް އިޔާނާއަށް ސިހި ދެލޯހުޅުވާލެވުނެވެ. “އީމަން!” ނޭވާ ހާސްވެފައި ހުރެ ބުނެލެވުނެވެ.
ކުރިމަތީގައި މަޑުކޮށްފައި އޮތް ކާރުން އަނެއްކާވެސް ބަރުގޮނުއެޅި އަޑަށް ސިއްސައިގެން ދިޔައެވެ. ކާރުތެރޭގައި ހިނިތުންވެލައިގެން އިން އީމަން އިޔާނާއަށް ފެނުނު ހިނދު ބޮލަށް އިތުރަށް ބާރުކުރަންފެށިއެވެ. އޭނާއަށް އީމަން މިފެނުނީ ކީއްވެ ހެއްޔެވެ؟ އޭނާއާ އީމަންއާ ކުރިން ގުޅުމެއް އޮތީ ހެއްޔެވެ؟ އެކަމަކު ކިހިނެތް ހެއްޔެވެ؟ ވިސްނެމުންދިޔަވަރަކަށް އިޔާނާއަށް އިތުރަށް އުނދަގޫވަމުންދިޔައެވެ.
އީމަން އިޔާނާއަށް އައުމަށް އެދި ހަނާއެޅިޔަސް އިޔާނާގެ ތަބީޢަތް ރަނގަޅުނޫންކަން ފާހަގަކުރެވުނެވެ. އަވަސްއަވަހަށް ކާރުންފައިބައިގެން އިޔާނާކައިރިއަށް ގޮސް ހުއްޓުނެވެ.
“ކީއްވެ އެތެރޭގަ މަޑުނުކުރީ؟ މުޅިމީހާ ތުރުތުރު އަޅަނީނު ތިޔޮއްގެން.” ފިނިބޮޑުވެފައިވާ އިޔާނާއަށް އީމަން ބުނެލިއެވެ. އިޔާނާ ހުރީ ވާހަކަ ދައްކަން ދަތިވެފައެވެ. ހީކަރުވައިގަނެގެންގޮސް މީހާ ތުރުތުރު އަޅަނީއެވެ. އަނެއްކޮޅުން ބޯ ހީވަނީ ބުރާންތިވެފައިހުރީހެނެވެ. ހިތްސުވާލުކުރަމުން ދަނީއެވެ. އީމަން އެފެނުނީ ކިއްވެހެއްޔެވެ؟
އީމަން ޝޮޕް ތެރެއަށްވަނެވެ. އެތަނަށް ރުފިޔާ ދައްކަންޖެހޭ ވާހަކަ އޯރފަނޭޖްއިން ދިމާވި އަންހެންމީހާ އިމަން ކައިރީގައި ބުންޏެވެ.
އިޔާނާއަށް ކެތްކުރަން ދަތިވާވަރުވިއެވެ. އޭނާގެ ތަބީޢަތް ހައްތަހާ ދިޔައީ ގޯސްވަމުންނެވެ.
އީމަން އެތަނުން ނިކުތުމާއެކީ އިޔާނާގެ ހާލަތު ދެނެގަނެވުނެވެ. އަތުލަފިކޮށްގެން ގެންގޮސް އިޔާނާ ސީޓުގައި ބޭންދިއެވެ. ވެހެމުންދިޔަ ވާރޭގެ ތެރެއިން ދުވެފައި ގޮސް އަނެއްފަރާތު ސީޓުގައި އަރައި އިށީނނިއެވެ.
“އިޔާނާ! އިޔާނާ!” އީމަން އިޔާނާއަށް ގޮވާލިއެވެ. އިޔާނާ އިނީ އިސްޖެހިފައެވެ. އޭނާގެ ހާލަތުގޯސްކަން އީމަންއަށް ފާހަގަ ކުރެވެން ފެށުމާއެކު އެހިތް ބާރަށް ތެޅިގަތެވެ. ކާރު ދުއްވާލިއެވެ. ނަމަވެސް މޫސުން ހައްތާ ގޯސްވާގޮތްވުމުގެ ސަބަބުން ދުއްވަން ދިޔައީ ދަތިވަމުންނެވެ. އަނެއްކޮޅުން އިޔާނާއާ މެދު ކަންބޮޑުވަމުން ދިޔައެވެ.
އީމަން އޯރފަނޭޖް ހުރަސް ނުކުރެވިގެން އުޅެނިކޮށް އިޔާނާ ގައިން ވަރު ދޫވެގެންގޮސް ކާރުގެ ދޮރުފަތުގައި ޖެހުނެވެ. ކާރުން ފެބުމާއެކު ކަންބޮޑުވެފައި ހުރީ އީމަން އަވަސްއަވަހަށް އިޔާނާ ހުރި ފަރާތުގެ ދޮރު ހުޅުވާލިއެވެ.
އޯރފަނޭޖް ތެރޭގައި ހުރި އަންހެންމީހާއަށް ބޭރުގައި ހުރި އީމަން ފެނުނެވެ. އީމަންގެ އަމަލުތައް ހުރިގޮތުން އެކަމަށް ސަމާލުކަން ދެވުނެވެ. އެހެންކަމުން މަޑުމަޑުން ބޭރަށް ނަޒަރު ނިކުތެވެ.
ކުޑަތަންކޮޅަކަށް ނިކުމެވުނު ތަނާ ކާރުތެރޭގައި އިން އިޔާނާ ފެނުނެވެ.
“އެއީ ދެންމެ އަހަރެމެން އެހީވި ކުއްޖާ” އެއަންހެން މީހާއަށް ބުނެލެވުނެވެ.
ކުރިން ގެންގުޅުނު ސަތަރިގަނޑު ބޮލުގައި އަޅައިގެން އެދިމާއަށް ދުއްވައިގަތެވެ.
“ވަޓް ހެޕެންޑް؟ އިޒް ޝީ އޯކޭ؟” އެއަންހެންމީހާ ދުވަފައި އައިސް އަރާހަމަކުރަމުން ބުނެލިއެވެ.
ވާރޭގައި ތެމިފޯވަމުން ދިޔަ އީމަންގެ މޫނުމަތިން ހާސްވުމާއި ކަންބޮޑުވުން ފިޔަވައި އިތުރު އެއްވެސް ކަމެއް ނުފެނެއެވެ. ހުދުކުލައިގެ ގަމީސް ތެމި ގައިގައި ތައްތަލަވަމުން ދިޔައިރު އެ ކަސްރަތީ ހަށިގަނޑު ހާމަވަމުން ދިޔަފަދައެވެ. އީމަން ހުރީ ކަންބޮޑުވެފައެވެ. ދެން ހަދަންވީގޮތެއް ނުވިސްނުނެވެ.
އީމަންގެ ހާލަތު އެނގުމާއެކީ އެއަންހެން މީހާ ލަފާދިނެވެ.
“މިހާ މޫސުން ގޯސްއިރު އެއްވެސް ތަނަކަށް ނުދެވޭނެއެއްނު. އަދި މިހާލުގައި ކިހިނެތް މީނަ ގޮވައިގެން ދާނީ. އެހަށް މިތަނުގައި މަޑުކުރަންވީނު. މި އޯރފަނޭޖްގެ ހާއްސަ ޑޮކްޓަރު އެބައުޅޭ މިގަޑީގަ. އެތެރެއަށް ގެންދަނިކޮށް އޭނައަށް ދައްކާލެވިދާނެ.” އެއަންހެން މީހާ ދިންހިޔާލަށް އީމަން ޝުކުރު އަދާކުރަމުން އިޔާނާ އެދެއަތް މައްޗަށް އުފުލާލައިގެން އޯރފަނޭޖް އަށް ވަނެވެ.
“ގެސްޓް ރޫމް ހުސްކޮށްތަ ހުރީ؟” އެއަންހެން މީހާ އީމަންގެ ފަހަތުގައި ހުރެގެން ވަދެ ކައުންޓަރުގައި އިން ކުއްޖާއާ ސުވާލުކޮށްލިއެވެ.
“ގެސްޓް ރޫމް ހުހެއްނޫން. މިހާރު ތިބީ ހަމަ ނޯރމަލް ރޫމްތައް.” އެކުއްޖާ ޖަވާބުދިނެވެ.
“އެހެންވީއިރު މި ދެމީހުންނަށް ރޫމެއް ކުއްޔަށް ދީ!” އެއަންހެންމީހާ އެދުނެވެ.
“އެކަމަކު ފޯރމަލިޓީސްތައް!!!! ކައުންޓަރުގައި އިންކުއްޖާ ކަންބޮޑުވިއެވެ. ކޮންމެކޮންމެ ބަޔަކަށް އެތަނުން އެކަހަލަ ކަންތައްތައް ހަމަ ޖައްސައި ދިނުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އެތަނުގެ ބޮޑު މީހާ ހިތްހަމަ ނުޖެހޭތީއެވެ.
“އެއީ ދެމަފިރިން. އެއަންހެންމީހާގެ ހާލަތު ވަރަށް ގޯސް. އަހަރެންގެ ބަހަށް އިތުބާރު ކުރޭ. އެއަންހެން ކުއްޖާ ޚުދު އޭނާގެ ފިރިމީހާއަށް ގުޅައިގެން އެގެނައީވެސް.” އެއަންހެން މީހާ ޔަޤީންކަން ދިނެވެ. ކައުންޓަރުކައިރީގައި ހުރި ބެންޗުގައި އިޔާނާ ގޮވައިގެން އިށީނދެގެން އިން އީމަންއަށް މިއަޑު ތަކުން ހައިރާންކަން ގެނުވިއެވެ. މިއީ ޚުދު އިޔާނާ އެއަންހެން މީހާ ކައިރީ ބުނިގޮތް ބާއެވެ. ނޫނީ އެއަންހެން މީހާއަށް ކުށްހީއެއް ކުރެވުނީ ހެއްޔެވެ؟ އޮޅުވާލައިގެން ކަންތައް ކުރުމަކީ ރަނގަޅުގޮތެއް ނޫނެވެ. ހަޤީޤަތް ހާމަ ކުރަން ހިތް ބޭނުންވިނަމަވެސް އެކަން ކޮށްފިނަމަ ދެން ބޯހިޔަލެއް މިރޭ ނުލިބޭނެކަން އިހުސާސްވި ހިނދު އަނގަ ހިމޭނުން ލައިގެން ހުރީއެވެ.
އީމަން އިޔާނާ ގޮވައިގެން އެއަންހެން މީހާގެ ފަހަތުން ކޮޓަރިއަށް ވަނެވެ. އިޔާނާ މަޑުމަޑުން ކުކުރަމުން ދާކަން އީމަންއަށް ފާހަގަ ކުރެވުނެވެ.
“އަވަހަށް ޑޮކްޓަރު ގެނެސްދީ.!” އީމަން އެދުނެވެ.
އިޔާނާގެ ތުރުތުރު އަޅަމުންދާ ހަށިގަނޑު ފެނި އެއަންހެން މީހާ ބޭރަށް ދުއްވައިގަތެވެ. އީމަން އިޔާނާގެ އަތްތިލަ ނަގައިގެން އަތް ކާއްތަމުން ދިޔައެވެ. އިތުރަށް ފިނި ބޮޑުވިޔަ ނުދިނުމަށެވެ.
މާގިނައިރުތަކެއްނުވެ ޑޮކްޓަރު އައެވެ.
“މިއޮތީ މާ ބޮޑަށް ފިނިވެފަ. ވަގުތުން ފަރުވާ ފެށުން ވަރަށް މުހިންމު. އެހެންނޫންނަމަ ކޮންމެ ފަދަ ކަމެއްވެސް ވެދާނެ. ދަރިފުޅަށްވެސް މިކަމުން އަސަރުކޮށްފާނެ.” ކުޑަވަގުތުކޮޅެއްގެ ޗެކަޕަކަށް ފަހު ޑޮކްޓަރު ކަންބޮޑުވުމާއެކު ބުނެލިއެވެ،.
“އެކަމަކު މި ވިއްސާރައިގައި އަލިފާން ގެންނާނީ ކިހިނެތް؟!!!!!!! އިސްތިރިން ބެޑްޝީޓެއް ހޫނުކޮށްފަ ގައިމަތީގަ އަޅަމާ.” އެއަންހެން މީހާ ކަންބޮޑުވުމާއެކު ބުނެލިއެވެ.
“ކުއްލިއަކަށް މާ ހޫނު ވެއްޖެ ނަމަވެސް ގޯސްވެދާނެ. މިކަހަލަ ހާލަތްތަކުގައި އެންމެ ރަނގަޅީ ބޮޑީ ހީޓް ދިނުން.” ޑޮކްޓަރު ލަފާ ދިނެވެ.
“ބޮޑީ ހީޓް؟” އަންހެން މީހާ ސާފުކުރަން ބޭނުންވިއެވެ.
“އާން. ހިއުމަން ބޮޑީ ހީޓް. އިންސާނެއްގެ ހަށިގަނޑުގެ ހޫނުކަން.” ޑޮކްޓަރު ބުނެލިއެވެ.
“ތިކަން ތިއޮތީ ވެފަ. މިއީ މިއަންހެންކުއްޖާގެ ފިރިމީހާ.” އަންހެން މީހާ ހަމަޖެހިލަމުން ބުނެލިއެވެ.
ޑޮކްޓަރު އެދުނީ އީމަން އިޔާނާއަށް ބޮޑީ ހީޓް ދިނުމަށެވެ. އީމަންގެ މޭގަނޑު އަނގަޔަށް އައި ފަދައެވެ.
“ފަސްނުޖެހޭ. މިއަންހެން ކުއްޖާ މިއޮތީ ވަރަށް ނާޒުކު ހާލަތެއްގަ. އިރާދަ ކުރެއްވިއްޔާ ރަނގަޅުވާނެ. އެހެންވީމަ އެންމެ ފުރަތަމަ ސިސްޓަރ ތިބުނި ގޮތަށް ބެޑްޝީޓެއް އިސްތިރިން ހޫނުކޮށްފަ ގައިމަތީގަ އަޅާ. އެކަމަކު އެއީ އެންމެ ފަހަރަކު. ޕްރެގްނެންޓް އިރުގަ އެގޮތަށް މާގިނައިން ހޫނުކުރުން ރަނގަޅުނުވެދާނެ. އެހެންވީމަ އެއަށްފަހުގަ ބޮޑީ ހީޓް ދީ. ” ޑޮކްޓަރު އީމަންގެ މޫނުމަތިން ފެނުނު ކަންބޮޑުވުން ސިފަކުރީ އެހެން ގޮތަކަށެވެ. ޑޮކްޓަރު ގޮވައިގެން އެއަންހެން މީހާ ނިކުންނަން ހިނގައިގަތެވެ.
“ސިސްޓަރ! އެންމެ ފުރަތަމަ އެއަންހެން މީހާގެ ތެތް ހެދުން ބަދަލުކުރުވާ.” ޑޮކްޓަރު ބުނެލިއެވެ.
ޑޮކްޓަރު ދިޔުމުން އީމަން ހުރީ ގުޑިލަންވެސް ނޭނގިފައެވެ. ދޮރުގައި ޓަކި ދިން އަޑު އިވުމުން އިމަން ބަލައިލިއެވެ. އަންހެންމީހާ ފަށްޖަހާފައިވާ އެއްޗެހިތަކެއް ހިފައިގެން އައެވެ.
“މި ހެދުން ލައްވާ. މިތަނުގައި ހިޖާބު ލައިއުޅޭ މީހެއް ނޫޅޭތީ ތިކަހަލަ ހެދުމެއް ނުލިބުނު. އެހެންވެ މިގެނައީ ސްވެޓަރަކާ ހަރުވާޅެއް. މީގަ އޮންނާނެ ފިރިހެން ހެދުމެއްވެސް. ސޯޓު ބުރިއަކާ ޓީޝާޓެއް. ރަނގަޅުތަ؟ މިއަންނަނީ ބެޑްޝީޓް ހިފައިގެން.” އެއަންހެން މީހާ ބުނެލިއެވެ.
އީމަން އެއެއްޗެހި ހޯދިއެވެ. ދެފިކުރެއްގައި ހުރެގެންނެވެ. އަންހެންމީހާ އެނބުރި ދާން ހިނގައިގަތެވެ.
“ސިސްޓަރ!” އީމަން ގޮވާލިއެވެ.
“ސުޒޭން!” އަންހެން މީހާ އީމަންއަށް އޭނާގެ ނަން ހާމަ ކޮށްލިއެވެ. މުށިކުލައިގެ ފަން އިސްތަށިގަނޑެއް ލިބިފައިވާއިރު އިސްކޮޅުން ދިގުވެފައި ބިޔައެވެ. ލޮލުގެ ކަޅީގައިވާ ނޫކުލައިން އެދޮން މޫނަށް އިތުރަށް ފުރިހަމަކަން ގެނެސް ދެމުންދިޔައެވެ.
“ސުޒޭން! ވައިފް ޗޭންޖްކޮށްދޭން އެހީވެދީފާނަންތަ؟” އީމަން އެދުނެވެ.
“ވަޓް؟” ސުޒޭންއަށް ހައިރާންކަން ލިބުނު ނަމަވެސް ހިނި އަންނަ ގޮތްވިއެވެ.
“ޕްލީޒް. އަހަރެންނަށް…..” އީމަން ދައްކާނެ ބަހަނާއެއް ނުވިސްނުނެވެ.
ސުޒޭން ހިނިއައިސްފައި ހުރެ އެތެރެއަށް ވަނެވެ. އަދި އީމަންއަތުން ހެދުން ހޯދައިގެން އިޔާނާ އޮތް އެނދާ ދިމާއަށް ދިޔައެވެ.
“ލަދުރަކި ފިރިހެނުން ތިބޭ ވާހަކަ އަޑު އަހަން. އެކަމަކު ތިވަރު މިހެއް އަދި މިފެނުނީ އަލަށް.” ސުޒޭން އީމަންއާ މުޙާތަބު ކުރަމުން ދިޔައެވެ.
ސުޒޭން އިޔާނާގެ ބުރުގާ ނަގަން ފެށުމުން އީމަން އަނެއް ފަރާތަށް އެނބުރުނެވެ.
“އޯ ގޯޑް! ޑޯންޓް ޓެލް މީ ދެޓް ޔޫ ހޭވް ނެވަރ ސީން ހާރ ބޮޑީ” އީމަންގެ ހަރަކާތުން ސުޒޭންއަށް ހައިރާންކަން ލިބުނުވަރުން ޖެއްސުމަކަށް ބުނެލިއެވެ.
“އެހެނެއް ނޫން.” އީމަން މަޑުމަޑުން ބުނެލިއެވެ.
“ދެން ކިހިނެތް. ތި އުޅޭ ގޮތުން ހީވަނީ ތިއީ ހިލޭ ފިރިހެނެއް ހެން. ތިއީ މީނަގެ ފިރިމީހާއެއް ނޫންތަ އަޅެ.” ސުޒޭން ވާހަކަ ދައްކަމުން ދިޔައެވެ.
“ނޫން ނޫން. އަހަރެން މިއީ ޔާނާގެ ފިރިހެނުން. އެކަމަކު…..” އީމަންގެ ވާހަކަތައް މެދު ކެނޑުނެވެ.
ބެޑްޝީޓެއް ފަށްޖަހާލައިގެން އައިސް މީހަކު ސުޒޭންއަތަށް ދިނުމަށްފަހު ދިޔައެވެ. ސުޒޭން އަވަސްއަވަހަށް އިޔާނާގެ ހަށިގަނޑުގައި ބެޑްޝީޓް އަޅައި ނިވާކޮށްލިއެވެ.
“އެކަމަކު ކިހިނެތްވީ؟” އިޔާނާގެ ތެތް ހެދުންތައް ހިފައިގެން އައިސް އީމަންއާ އަރާ ހަމަ ކުރި ސުޒޭން ސުވާލުކުރިއެވެ.
“އެއީ ވަރަށް ދިގުވާހަކައެއް.” އީމަން ބުނެލިއެވެ. އެކަމަކު ސުޒޭން އެވާހަކަ އަޑު އަހަން ބޭނުންވިއެވެ. މިކުޑަކުޑަ ވަގުތުކޮޅުގެ ތެރޭގައި ސުޒޭންގެ ފަރާތުން ލިބެމުންދިޔަ އެހީތެރިކަމުގެ ސަބަބުން ވަރަށް ގާތް މީހެއްގެ ގޮތުގައި އީމަންއަށް ސުޒޭންވަނީ ބަލައިގަނެވިފައެވެ. އެހެންކަމުން ކުރުކުރުކޮށް އެނާއާއި ޔާނާގެ ވާހަކަ ކިޔައިދިނެވެ.
“އެހެންވީމަ ޔާނާގެ އެއްވެސް ހަނދާނެއް ނެތް ދޯ؟” ސުޒޭން އެވާހަކަތައް އަޑު އަހަން ހުރުމަށްފަހު ބުނެލިއެވެ.
“ޔާނާގެ ހަނދާންވެސް ނެތީ. އަހަރެންނަށް އެކަން ޘާބިތުކޮށްދެވެންވެސް ނެތީ. މިއީ ވަރަށް ބަދުނަސީބުކޮށް ދިމާވި ގޮތެއް.” އީމަން ދެރަވެފައި ބުނެލިއެވެ.
ސުޒޭން އިޔާނާ މިހާރު ދިރިއުޅޭ ގޮތް އޮޅުން ފިލުވިއެވެ. އީމަން ހުރިހާ ވާހަކަތަކެއް ކިޔައިދިނެވެ.
“ތި ދައްކަނީ މިސްޓަރ ޒާންގެ ވާހަކަތަ؟” ސުޒޭން އޮޅުންފިލުވަން ސުވާލުކޮށްލިއެވެ.
އީމަން އާނއެކޭ ބުނެލިއެވެ.
ސުޒޭން އިތުރު އެއްޗެކޭ ނުބުނެ ބޭރަށް ހިނގައިގަތެވެ.
“ދަނީތަ؟” ސުޒޭން ކުއްލިއަކަށް އެގޮތަށް ދިޔުމުން އީމަން ސުވާލުކޮށްލިއެވެ.
“އާން މިވަގުތަކަށް ދިޔައީ. ދެން ޔާނާ ކައިރީގަ އޮށޯވެލާ. ކަމެއް ގޯސްވަންޏާ އަންގާތި އިނގޭ.” ސުޒޭން ކޮޓަރީގެ ހުދު ބޮކި ނިއްވާލުމަށްފަހު އޮރެންޖް ކުލައިގެ ނިދާ ބޮކި ދިއްލާލިއެވެ. އަދި ދޮރު ޖެހުމަށްފަހު ނިކުތެވެ. ނިދާ ބޮއްކަކަށްވިޔަސް ކޮޓަރި ތެރެ ވަރަށް އަލިކޮށް ފެންނަމުން ދިޔައެވެ. އީމަން ހެދުން ބަދަލުކޮށްލުމަށްފަހު ގޮސް އެނދުކައިރީގައި ހުއްޓުނެވެ.
“ސުޒޭން.!!” ކައުންޓަރު އޭރިއާއަށް އައި ސުޒޭންއަށް ކައުންޓަރުގައި އިން ކުއްޖާ ގޮވާލިއެވެ.
ފުންވިސްނުމެއްގެ ތެރޭގައި ހުރެގެން އައި ސުޒޭން އެދިމާއަށް މިސްރާބު ޖެހިއެވެ.
“ޔަޤީންތަ އެއީ ދެމަފިރިންކަން؟ ރަސްމީ ލިޔެކިޔުމެއް ނެތި މިގޮތަށް ކޮޓަރިދޫކޮށްފައި ހުރިތަން ފެނިއްޖެއްޔާ ވާނެ ގޮތް އެނގެއެއްނު؟” ކައުންޓަރުގައި އިން އަންހެންކުއްޖާ ސުޒޭންއަށް ބުނެލިއެވެ.
“އެއީ ދެމަފިރިންނޭ. އެހެންނޫނަސް އެއީ ބޮޑު މީހާގެ ޤައުމުގެ ބަޔެކޭ.” ސުޒޭންބުނެލިއެވެ.
“ވަޓް؟ އެއީ ދިވެހިރާއްޖޭގެ ބައެއްތަ؟” އެކުއްޖާ ސުވާލުކޮށްލިއެވެ.
“އާން ޖޭން. އެއީ މޯލްޑިވިއަންސް. މިސްޓަރ ޒާންގެ ގައުމުގެ ބައެއް.” ސުޒޭން ބުނެލިއެވެ. އީމަންއާ ދެމެދު ދެކެވުނު ވާހަކަ ތަކުން ސުޒޭންއަށް ހުރެވުނީ ވަރަށް ބޮޑު ވިސްނުމެއްގެ ތެރޭގައެވެ. އެއީ މިސްޓަރ ޒާން އަކީ އެ އޯރފަނޭޖްގެ ބޮޑު މީހާއަށްވެފައި ސުޒޭން މެނަށް ޒާންގެ ހަޔާތާބެހޭ ވަރަށް ގިނަ ކަންތައްތައް އެނގޭތީއެވެ.
“ޖޭން! ދެކުނިންތަ މިސްޓަރ ޒާންގެ ވައިފް؟” ސުޒޭން ސުވާލުކޮށްލިއެވެ.
“ވަރަށް ކުރިން ދެކުނިން ފޮޓޯއަކުން. ކިހިނެތްވީ؟” ޖޭން ބުނެލިއެވެ. ސުޒޭން ކަމެއް ނުވެޔޭ ބުނެލިއެވެ.
“އޭނަގެ ހަބަރެއް ނުވެއެއްނު. އަހަރެން އަޑު އެހި ގޮތުން އޭނަ ފަހުން ފިލައިގެން ދިޔައީ އެމެރިކާއަށް. އެތަނުގަ ކަންނޭގެ މޮޑެލް ކުރުމާއިގެން ކުރިއަށް ދަނީ.” ޖޭން އޭނާއަށް އަޑު އިވިފައިވާ ގޮތަށް ބުނެލިއެވެ.
“އޭނާގެ އަންހެނުންނަށްވެސް ކިޔަނީ ހަމަ އިޔާނާ އޭ ދޯ؟” ސުޒޭން އަނެއްކާވެސް ސުވާލުކޮށްލިއެވެ. އޭނާއަށް އެނގިފައިވާ މަޢުލޫމާތުތައް ހިއްސާ ކުރަން ކިތަންމެ ބޭނުންވިނަމަވެސް އެއީ އޭނާގެ ބޮސްއާ ގުޅިފައިވާ ވާހަކައެއްކަމުން ޖެހިލުންވަނީއެވެ.
“އާން! އިޔާނާއޭ ކިޔަނީ! ކިހިނެތްވީ ކުއްލިއަކަށް ތި ވާހަކަ ތި ދައްކަނީ؟ ދެންމެ އައި އަންހެން މީހާއަށްވެސް އިޔާނާއޭ ކިޔާތީތަ؟” ޖޭން ސުވާލުކޮށްލިއެވެ. ސުޒޭން އާނއެކޭ ބުނެލިއެވެ.
“އެއީވެސް އިޔާނާއެއް ދޯ. އެކަމަކު އެއް ނަމެއްކިޔަސް އުޑާ ބިމާ ހުރި ތަފާތު އެބަހުއްޓެއްނު. މިސްޓަރ ޒާންގެ އިޔާނާއަކީ އެއްދުވަހެއްގައިވެސް އެގޮތަށް ހެދުން އަޅައިގެން އުޅުނު މީހެއް ނޫން. އޭނަ އުޅުނު ގޮތުގެ ވާހަކަތައް އަހަރެންނަށް އަޑުއިވުނުގޮތުން އަހަރެންގެ ކުރިމަތީގަ ނެތް އެއްވެސް އަގެއް.” ޖޭން ދިޔައީ އޭނާއަށް އެނގިހުރި ވާހަކަތައް ކިޔަމުންނެވެ. މަޝްހޫރު މީހުންގެ ވާހަކަ ތަކަކީ އެންމެން ދަންނަ ބޮޑު ސިއްރުކަމުގައި ވެފައި އޮންނަގޮތަށް ޖޭންއަށްވެސް އެ މަޢުލޫމާތު ލިބިފައިވަނީއެވެ. މިވާހަކަ ތަކުގައި ސުޒޭންވެސް ބައިވެރިވެ އޭނާއަށް އިވިފައިވާ މަޢުލޫމާތެއް ހިއްސާކުރިއެވެ.
“އާނ! އަހަރެންވެސް އަޑު އެހި ގޮތުން ވެއްޖެއްޔާ ދެމީހުން އުޅުނީ ވެސް ‘ލިވް އިން’ ރިލޭޝަންޝިޕްއެއްގަ. އެހެން އުޅެނިކޮށް އިޔާނާ ބަނޑުބޮޑުވީ. އެއީ އެއިރު މަޝްހޫރުވަމުން އައި މޮޑެލެއް. އޭނާގެ ކެރިއަރ އަށްޓަކައި ބޭނުންވީ ދަރިފުޅު އެބޯޓް ކޮށްލަން. އެކަމަކު ޒާން ވަރަށް އާދޭސްކުރި. އެއާދޭސް ތައް އޭނައަށް އިވުނީ ކުޑަ ދުވަސްކޮޅަކަށް. އޭނައަށް ވެގެން ވަންޏާ ބަނޑުބޮނޑުކަން އެނގުނު ދުވަހުގެ ފަހު ދުވަހު އެކަންތައް ނިންމާލައިފީސް. އެކަމަކު ޒާން އެދަރިފުޅު ބޭނުންވަރުން އެތައް މިލިއަން ރުފިޔާއެއް އޭނައަށް ދީގެން މަޑުކުރުވީ. ރުފިޔާގެ ދަޅައިގައި އޭނަ ހުރީ 7 މަސްވެލަންދެން. ބަނޑުގައި ސްޓްރެޗް މާކް ލައި ޝޭޕް ގެއްލެން ފެށިކަން އެނގެން ފެށުމާއެކު ފިލައިގެން ގޮސް ދަރިފުޅު ނައްތާލީ. ރުފިޔާތައްވެސް ގެންދިޔައީ. ދަރިފުޅުވެސް މަރާލީ. އެއީ ހަމަ ‘ބިޗް’ އެއް.” ސުޒޭން ބުނެލިއެވެ.
“މިސްޓަރ ޒާންއަށް އެކަން އެނގުނުއިރު ވަރަށް ލަސްވެއްޖެ. އެއިރު ޒާން އުޅުނީ ދަރިފުޅަށް މަރްހަބާ ކިޔުމުގެ ކަންތަކާގެން. އެކުއްޖާ މިދުނިޔެއަށް އަންނާނޭ ދުވަހެއްގެ އިންތިޒާރުގަ. އެކަމަކު އެހެން އެކަމެއް ނުވިތާ ދޯ!” ފުންނޭވާއެއް ލަމުން ޖޭން ބުނެލިއެވެ.
ޒާންއަށް އިޔާނާ ކަންތައް ކުރިގޮތް އެނގުނު ހިނދު މޮޔަނުވީ ކިރިޔާއެވެ. އޭނާ އޭނާގެ ދަރިފުޅުދެކެ އިންތިހާއަށް ލޯބިވެއެވެ. އެދަރިފުޅު ހެޔޮހާލުގައި ދުނިޔެއަށް އުފަންކުރުމަށްޓަކައި އިޔާނާގެ ކޫސަނި ހުރިހާ އެދުންތަކެއް ފުރިހަމަކޮށްދެމުން ދިޔައީ ދެލޯމަރާލައިގެން ހުރެއެވެ. އެދަރިފުޅު އުފަންވުމުގެ ކުރިން ނަމެއް ހޯދިއެވެ. ދަރިފުޅަށް ކިޔާނީ މިޝެލް ކަމުގައި ނިންމިއެވެ. ނަމަވެސް އިޔާނާ އެ ހުރިހާ ހުވަފެންތަކުން ޒާން ހޭލައްވާލީ ހިތްދަތިގޮތަކަށެވެ.
ޒާންއަށް ހިޔާލީ ދުނިޔެއިން ނިކުމެވުނީ ފޭދޫ ފަޅުން ލޯންޗު ވަދެ އިންޖީނު މަޑުކޮށްލުމުންނެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު ހަނދުގެ ރިހި ދޯދިތަކުން ވިދަމުން ދިޔަ ކަނޑުގެ ރާޅުތަކަށް ބަލައިލިއެވެ. މިހާރު އޭނާއަކީ ރަށުގެ ގަދަރު ލިބިގެންވާ ޤަދަރުވެރިއެކެވެ. ކުރީގައި އުޅުނު ގޯސް އުޅުން ދޫކޮށްލުމަށްފަހު އަމިއްލަ ފައި މައްޗަށް ތެދުވެ ހަރުދަނާ މީހަކަށް ވެގެން އައުމުން އޭނާގެ މަންމަގެ ހިތުގެ އެދުންވެސް ފުރިހަމަވީކަން ޔަޤީނެވެ.
ތޮށިގަނޑާ ލޯންޗުކައިރިކޮށްލުމުން ލޯންޗުން ފޭބިއެވެ. އަދި ޓެކްސީއަކަށް އެރުމަށްފަހު ހިތަދުއަށް ގެންގޮސް ދިނުމަށް އެދުނެވެ. ދަތުރުގެ ވަރުބަލިކަމާއެކީ ޒާން ސީޓުގައި ބޯއަޅަލިއެވެ. އެހިނދު ސިފަވެގެން ދިޔައީ މީގެ އެތަށް އަހަރެއްގެ ހަނދާންތަކެކެވެ. އޭނާ އާ އިޔާނާ އެންމެ ފުރަތަމަ ބައްދަލުވީވެސް މިކަހަލަ ރެއެއްގައެވެ. ނަމަވެސް މި ޤައުމަކުން ނޫނެވެ. މެލޭޝިޔާއިންނެވެ. މެލޭޝިޔާގެ އެންމެ ކަސްބީ އަންހެނުން ގޮސް އުޅުނު ނައިޓްކްލަބަކުންނެވެ. ދެމީހުންގެ ގުޅުން ފެށިގެން ދިޔައީ އެހިސާބުންނެވެ. ޒާންވެސް އޭނާގެ ހުރިހާ ވަގުތުތަކަކާއި އުފާތަކެއް ހިއްސާކުރަމުން ދިޔައީ އެއްވެސް ކަހަލަ ވިސްނުމެއް ފިކުރެއް ނެތިއެވެ. ޒަމާނީ ދަޅައަށް ހެއްލި، މެލޭޝިޔާއަށް ކިޔަވަން ފޮނުވި މަޤްސަދު ދޫކޮށްލިއެވެ. އަދި އަމިއްލަ ދުނިޔެއެއްގައި އުޅެން ފެށިއެވެ. އެއިރު ދެމީހުންވެސް ވަރަށް ޅައެވެ. ޒާންގެ މަންމަ މާލޭގެ ގޭގޭގައި ނޯކިރީ ކޮށްދީގެން ފޮނުވާ ފައިސާކޮޅުން ޒާން ‘އުދުހުނީއެވެ’. އިޔާނާއާއި ދެމީހުން އުފަލުގައެވެ.
ތަޤްދީރު ނިޔާކުރިގޮތުން ޒާންވީ ނަސީބު ރަނގަޅު ކުއްޖަކަށެވެ. އުމުރުން ދުވަސް ވަމުން ދިޔަ ވަރަކަށް ސިކުނޑިއަށް ހެޔޮ ވިސްނެމުން ދިޔައެވެ. އަދި ކާމިޔާބު މީހަކަށް ވުމުގެ އަޒުމުގައި ގަދައަޅައި މަސައްކަތް ކުރަން ފެށިއެވެ. އިޔާނާއަށް މިކަން ވަރަށް ކަމުދިޔައެވެ. އެއީ އޭނާގެ ހުރިހާ ހަރަދުތަކެއް ބަލަހައްޓަނީ ޒާންކަމަށްވެފައި ޒާންއަށް ލިބޭ ކޮންމެ ކާމިޔާބީއެއްގެ ފައިދާ އޭނާއަށް ކުރާނޭކަން އިނގޭތީއެވެ.
ޒާންގެ އުމުރުން 22އަށްދިޔައިރު އަމިއްލަ ވިޔަފާރިއެއް މެލޭޝިޔާގައި ފެށިއެވެ. ފުރަތަމަ ވަރަށް އާދައިގެ ގޮތަކަށެވެ. ނަމަވެސް ފުޅާކުރަމުން ފުޅާކުރަމުންގޮސް އެއް އަހަރަށްވުރެ އަނެއް އަހަރު ކާމިޔާބު ކުރަމުން ދިޔައެވެ.
މަންމައާމެދު ކަނތައްކުރެވުނީ ރަނގަޅަށް ނޫންކަން އިހުސާސްވެ، ކުރެވިފައިވާ ކުށަށް އިޢުތިރާފުވުމަށްޓަކައި ޒާން ރާއްޖެއައެވެ. އިޔާނާ ގޮވައިގެންނެވެ. ނަމަވެސް އިޔާނާގެ ދިރިއުޅުމުގެ ހުރި ދޯދިޔާކަމުން އެއީ ޒާންއަށް އެންމެ އެކަށީގެނަވާ މީހާ ނޫންކަން ޒާންގެ މަންމަ ވިސްނައިދިނެވެ. ބައެއްފަހަރު އިޔާނާ ކަންތައްކުރާގޮތުން ހިތްހަމަ ނުޖެހުނަސް އިޔާނާ ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން އެއްޗެކޭ ބުނަން ޒާން ބޭނުން ނުވަނީއެވެ. އެކަމުގެ ނަތީޖާ ނިކުތީ ވަރަށް ހިތި ގޮތަކަށެވެ. އިޔާނާ ޒާންއާއި އޭނާގެ މަންމަ ދުރުކުރުމަށް ‘ރާނާލި’ ފާރު ވަރަށް ވަރުގަދައެވެ. މަޖުބޫރުން އެދެމައިން ވަކިކުރުވުމަށްފަހު އިޔާނާގެ ނުފޫޒުން ޒާން ގޮވައިގެން މެލޭޝިޔާއަށް ދިޔައީއެވެ. ޅަ ދުވަހުއްސުރެ ބައްޕައެއްގެ އެހީއާ ނުލާ ބުރަ މަސައްކަތުން ބަލާބޮޑުކުރި އެމައިމީހާގެ ހިތުގައި ޖައްސާފައެވެ. ހަމަ އެންމެ ސަބަބަކަށްޓަކައެވެ. އިޔާނާގެ ބަނޑުގައި އަށަގެންފައިވާ ޒާންގެ ދަރިފުޅަށްޓަކައެވެ.
ކާރު މަޑުކޮށްލީ ހިތަދޫ ބޮޑުމަގުގައި ހަދައިފައި ހުރި އާދައިގެ ގެއެއްގެ ކުރިމައްޗަށެވެ. ޒާން ޓެކްސީއަށް ފައިސާ ދެއްކުމަށްފަހު ފޭބިއެވެ. ދޮރުހުޅުވާލައިފައި އެތެރެއަށް ވަނެވެ. ޒާން ހީކުރިގޮތަށް ޒާންގެ މަންމަ އިނީ ޒާންގެ އިންތިޒާރުގައެވެ.
“ދަރިފުޅާ! އައީ ދޯ! ހިނގާ ކާން.” ޒާންގެ މަންމަ މަރީނާ އޯގާތެރިކަމާއެކީ ބުނެލިއެވެ.
ޒާން މަރީނާގެ ގައިގައި އޮޅުލައިގަތެވެ. މަރީނާއަށް ލިބިގެން ދިޔައީ ހައިރާންކަމެކެވެ. ޒާން މަރީނާއަށްވުރެ ހާސްބައި ދިގުކަމުން އޮވެވުނީ ގުދުވެގެންނެވެ.
“މަންމާ! އަޅުގަނޑަށް މަޢާފުކުރޭ. މަންމައާ ދޭތެރޭ ކަންތައް ކުރެވުނީ ވަރަށް ގޯސްކޮށް.” ޒާން ރޮވިފައި ހުރެ ވާހަކަ ދެއްކިއެވެ.
މަރީނާ ޒާންގެ އަތުގައި ހިފައި ތެދު ކުރުވިއެވެ. “ދަރިފުޅާ! ތިއީ ދެން ކޮންވާހަކައެއް. ދަރިފުޅު އެކަމާ އަދިވެސް ވިސްނަންތަ؟ މަންމަ އެ ހަނދާނެއް މިހާރަކު ނުވެސް ނެތް.”
“ނޫން މަންމާ! މަންމަ އެހަނދާން ނެތެންވީ އެއްވެސް ސަބަބެއް ނެތް. މަންމަގެ ހުރި ހަމައެކަނި މީހަކީ އަހަރެން. އެދުވަހު މަންމަ އެކަނިކޮށްލާފަ ދިޔުމުން ކުރާނެ އަސަރާ ތިހިތުގައި އަޅާ ވޭން އަހަރެންނަށް މިހާރު އިހުސާސް ކުރެވޭ. ދަރިން ދެކެ މައިންބަފައިން ވަނީ ވަރަށް މަތިވެރި ލޯތްބެއް. އެމީހުންގެ މޫނުގައި ކޮޅުފައިންޖަހައިފައި ދަރިން ދިޔުމުން ވަރަށް އަސަރުކުރާނެ. ދަރިއަކު ބީވެ ދިޔުމުން ކުރާނެ އަސަރު އަހަރެންނަށް މިހާރު ވަޒަންކުރެވޭ. އަހަރެންނަށް މިއަދަބު މި ލިބުނީ މަންމައާ ދޭތެރޭ ކަންތައް ކުރެވުނު އިހާނެތިގޮތުންކަން ޔަޤީން.” ޒާން އޭނާގެ ކުށަށް އިޢުތިރާފްވަމުން ދިޔައެވެ.
“ދަރިފުޅާ! މަންމަގެ ހިތް އެއްދުވަހަކުވެސް ދަރިފުޅުގެ މައްޗަކަށް ބުރައެއް ނޫން. އެހެންނޫނަސް ދަރިފުޅު ތިކަހަލަ ވާހަކަ ނުދައްކަބަލަ. ފުރާނަ އެޅުއްވުމާ އެފުރާނަ ހިތްޕެވުމުގެ ބާރު ލިބި ވޮޑިގެންވަނީ ކުޅަދުންވަންތަ ﷲއަށް އެކަނި. އެކަމާ ކެތްކުރުން ނޫން އިތުރު އެއްވެސް ކަމެއް އަހަރުމެން ނިކަމެތި އިންސާނުންނަކަށް ނެތް. ދަރިފުޅުގެ އަތުން ބީވެ ފިޔަ ނިޢުމަތުގެ ބަދަލުގައި އަނެއްކާ ނިޢުމަތެއް އެކަލާންގެ އެދެއްވަނީއެއްނު. ކުރިޔަށްވުރެ މާ ފުރިހަމައަށް. ހަލާލްގޮތުގަ.” މަރީނާގެ ވާހަކަތައް އަޑު އަހަން އިން ޒާންއަށް އޭނާގެ މަންމަ މަޢާފުކޮށްފައިވާކަން އެނގުމުން އުފާވެރިކަން ލިބުނު ނަމަވެސް ބިރުވެރިކަންވެސް ދިޔައީ ވަންނަމުންނެވެ.
ދަންވަރުގެ ވަގުތެވެ. ވިއްސާރަ އިތުރަށް ގޯސްނުވެ އެއްވަރެއްގައި މަޑުޖަހައިލިފަދައެވެ. އީމަން އޮށޯންނަން ނުކެރި ހުރެފައި އެންމެ ފަހުން އިޔާނާގެ ހަށިގަނޑާއި ޖެހިފިތިގެންކަހަލަ ގޮތަކަށް އޮށޯތީ އިޔާނާ ތުރުތުރު އެޅުން ނުހުއްޓުމުންނެވެ. ދާދި ކައިރީގައި އޮށޯވެލައިގެން އޮތްއިރު އޭނާއަށް އިޔާނާގެ މޫނު ސާފުކޮށްފެންނަމުން ދިޔަފަދައެވެ. އެއީ އޭނާގެ ޔާނު ނޫނޭ ބުނާނީ ކިހިނެތް ހެއްޔެވެ؟ އެޖާދުވީ ރީތިކަމެވެ. މިހާ ކައިރިން އެމޫނު ފެނިފައިވަނީ ކިތަށް ރޭ ހެއްޔެވެ؟ ދެން އޮޅުވާލަންވީ ކާކަށް ހެއްޔެވެ؟ މިއީ ހަމަ ޔާނުއެވެ.
އިޔާނާގެ މޫނަށް ނަޒަރުހުއްޓާލައިގެން އޮތް އީމަންއަށް ނިދުނީ ކިހިނެތްކަމެއްވެސް ނޭނގެއެވެ. މަޑުމަޑުން ދެލޯ މެރުނީއެވެ.
ދަންވަރުގެ އެވަގުތުގައި އިޔާނާގެ ހަށިގަނޑުގެ ފިނި ބޮޑުވަމުންދިޔައެވެ. ޑަބަލް އެނދުގައި ދެމީހުން ތިބިއިރު އިޔާނާއަށް ނިދީ ތެރޭގައި އަނެއް ފަރާތަށް އެނބުރެވުމުގެ ސަބަބުން ގައިމަތީގައި އޮތް ބެޑްޝީޓްވެސް ކެހުނީއެވެ.
ނިދީތެރޭގައި އޮތް އީމަންއަށް ދެބަދޭތެރޭގައި ލޯ ހުޅުވާލެވުނީ އިޔާނާގެ ކުކުރުމުގެ އަޑަށެވެ. އިޔާނާއާ ކައިރިވެލިއެވެ. ފިނިވެފައި އޮތް އިޔާނާއަށް އީމަންގެ ހަށިގަނޑުގެ ހޫނުކަން އިހުސާސްވާން ފެށުމުން ބޭއިޚްތިޔާރުގައި އެދިމާއަށް އެނބުރެވުނެވެ. ނިދީތެރޭގައި އޮވެއެވެ. ބަންޑުން އޮތް އީމަންއާ އިޔާނާ ގާތްވަމުން ދިޔައެވެ. އީމަންއަށް މަޑުމަޑުން ހޭވެރިކަން ވަމުން ދިޔައެވެ. އިޔާނާ އީމަންގެ ބަނޑުދަށަށް ވަންނަން އުޅެކަހަލައެވެ. އީމަން އޭނާގެ އަތްނަގައި މަޑުމަޑުން އިޔާނާގެ ކޯތާފަތްމަތީގައި ބާއްވާލިއެވެ.
“އީމް” ފިނިވެފައިވާ އިޔާނާގެ ހަށިގަނޑަށް އީމަންގެ ހަށިގަނޑުގެ ހޫނުކަން އިހުސާސްވާންފެށުމާއެކު ލިބުނު އަރާމަކުން މަޑުމަޑުން އަނަގައިނިކުތް އާހް އަކާއިއެކީ އީމަންގެ ނަން އިވުނެވެ. އެއީ ޔާނާ އީމަންއާ މުހާތަބުކުރާގޮތަށެވެ. އީމްއެވެ.
ދެބަދޭތެރޭގައި އޮތް އީމަންއަށް މިއަޑު ވަރަށް ސާފުކޮށް އިވިގެން ދިޔައެވެ. ވަގުތުން ދެލޯ ހުޅުވާލެވުނެވެ.
8 Comments
Comments are closed.
v v v salhi mibaivex. . .aneh bai v kiyaalaa huthun mihury. . .avahah up kihdheythi plx
Nashaa mibaives haadha reechey, Eman ah Yaanu libeyne baaey hithah aranee? Mihaaru anehbai kiyaalaahithun meenee 🙂 avahah upload kohdehchey 🙂 pls
thanx fathun n Niha. Enjoyed ur comments.
Insha Allah will update soon. keep in touch
ވަރަށް ވަރަށް ރީތި ވާހަކަ ދެން އޮއް ބައި ކޮން ދުވަހަކުން ގެނެސް ދޭނީ
haadha reethi vaahaka ekeyyy..eeman ahh yaanu libeygoiy hadhaathi nashaa pls plxxx
v v v v v v reethi dhen vaane goiy kiyaa hithun indhaa nimuny avahah anehbai upload kuraane kamah unmeedhu kuran once again vvv reethi mi part
v v v v v reethi alhe plx upload
އަދި ކިރިޔާ މި ވާހަކަ މި ކިޔާލެވުނީ. ވަރަށް ރީތި . އެކަމަކު ބައެއް ޖުމުލަތަކުގައި އެންމެ އެކަށީގެން ނުވާ ބަސް ބޭނުންކޮށްފައި ހުރުކަން ފާހަގަ ކުރެވޭ! މިސާލަކަށް “ދައްކަން ބޭނުން ވަރަށް ގިނަ ވާހަކަ އެބަތިބި” އަޅުގަނޑު ދެކޭގޮތުގައި އެއީ އެތަނަށް އެންމެ އެކަށޭ ބަހެއްނޫން. އަދިވެސް ބުނަން ވ. ރީތި ވާހަކަ. އަނެއްބައިގެ އިންތިޒާރުގައި!